" ލޫނާ...! "
ނާމީ ލޫނާ ދުރަށް ޖައްސާލަމުން ކުރިއަށް ހިނގައި ގަތެވެ.
" އަހަރެންނަކަށް ލޫނާ ހައްޤެއް ނޫން....! އަހަންނަށް މިއަދު އެކަން ޔަޤީން ވެއްޖެ....! ތަޤުދީރުގައި ލޫނާގެ ނަން ލިއެވިފަ ވަނީ އަހަންނާ އެކީއެއް ނޫން....! މާހިންއާ އެކީ!"
ލޫނާގެ ދެލޯ ބޮޑުވެ ހަރަކާތް ހުއްޓިގެން ދިއައެވެ. އިވުނު އަޑަކީ ހަޤީޤަތެއް ކަމަށް ޤަބޫލު ނުކުރެވިފައި ހުރެވުނެވެ. އެއީ ނާމީ ގެ ދުލުން ބުނެފާނެ ކަމަށް ޤަބޫލު ވެސް ނުކުރެވޭ ބަސްތަކެކެވެ. ލޫނާ ބާރަށް ގޮސް ނާމީގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާ ނާމީގެ މޫނަށް ބަލާލަން މަސައްކަތް ކުރިއެވެ. ނާމީ ލޫނާއާއި ދުރަށް ހިނގައި ގަތީއެވެ. އޭނާ މިއަދު ލޫނާއާއި ހަތަރު ކަޅި ހަމަ ނުކުރަން މަސައްކަތް ކުރާކަން ލޫނާއަށް އެނގުނެވެ. ލޫނާ ވިސްނާލި އެވެ. ނާމީ އެ އުޅެނީ ކޮންމެސް ކަމަކާއި ހިތްހަމަ ނުޖެހިގެން ކަން ޔަޤީނެވެ. ލޫނާ އެއޮށް ބޮޑު ކަންތަކާއި ކުރިމަތިލީ އިރުވެސް މިފަހަރު ނާމީގެ އެހީއެއް ނުލިބުނެވެ. މަންމަ ގެ ގެއަށް ދާން ތައްޔާރު ވެގެން ހުރެހުރެވެސް ނާމީގެ ޚަބަރެއް ވެސް ނުވި އެވެ. އަދި ލޫނާ އެގެއަށް ގޮސް އެހާ ގިނައިރު ވުމުން ވެސް މިއަދު ނާމީ ގުޅާވެސް ނުލި އެވެ. ބައްޕަގެ ޚަބަރަކީ ކޮބައިތޯ ވެސް ބަލާނުލި އެވެ. އަނެއްކާ ޖިނާނުއާއި ދޮންމަންމަ ވާހަކަ އެއް ދެއްކީ ބާއެވެ! ދެންމެގައި މާހިންގެ ވާހަކަ ނާމީ ބުނުމުން ލޫނާގެ ހިތުގައި އެކަމަށް ޝައްކު އުފެދުނެވެ. ނާމީއަށް ލޫނާއާއި ދޭތެރޭގައި ޝައްކެއް އުފެދޭކަށް ލޫނާ ބޭނުމެއް ނޫނެވެ. ނާމީ ހިތުގައި ޖެހޭ ފަދަ ކަމެއް ލޫނާ އެއް ނުކުރާނެ އެވެ. ލޫނާ ބޭނުން ވަނީ އެވާހަކަ އޮޅުން ފިލުވާށެވެ.
" ކިހިނެއްވީ ނާމީ!"
ލޫނާ ނާމީގެ އަތުގައި ހިފަހައްޓަމުން ނާމީ ކުރިމައްޗަށް ހުއްޓުނެވެ.
" ކީއްވެ ތިހެން ތިބުނީ....! އަހަރެން ނޫޅެން އެހެން މީހެއްގެ ކައިރިއަށް ދާ ހިތަކުން!"
ލޫނާ ވެސް ހިތުގައި ޖެހުނެވެ. ހަޤީޤަތުގައި ވެސް ނާމީ ދޫކޮށްލާފައި ދާކަށް އޭނާ މިހާރު ބޭނުމެއް ނޫނެވެ. ލޫނާގެ ހިތުގައި މާހިން ރަސްކަން ކުރުން އެއީ މުޅީން އެހެން ކަމެކެވެ. އެއީ އޭނާގެ ހިތުގައި ފޮރުވިފައިވާ ސިއްރެކެވެ. އެކަމުގެ އިޙުސާސްވެސް ނާމީއަށް ކުރެވިގެން ނުވާނެ އެވެ.
" އަހަރެން ނާމީއާ އިނީ ނާމީ އާއެކީ ދިރިއުޅެން ނާމީ....! "
ނާމީގެ މޫނުގައި ހިފާ އަނބުރާލަމުން ލޫނާ ނާމީއާއި ހަތަރު ކަޅި ހަމަކުރި އެވެ. އެވަގުތު ލޫނާގެ ލޮލުގެ ތެރެއިން ލޯބީގެ ނިޝާނެއް ފެނުނުހެން ނާމީއަށް ހީވި އެވެ. ނާމީގެ ހިތް ރޮއިގަތެވެ. އެފަދަ އަސަރަކަށް ނާމީ ކިހާ ދުވަހަކު އިންތިޒާރު ކޮށްފި ހެއްޔެވެ!
" އަހަރެން ބޭނުމެއް ނޫން ނާމީ އާ ދުރަށް ދާކަށް....!"
ނާމީގެ ދެލޮލުން ފާޅުވަމުން ދިއައީ މީގެ ކުރީން ދުވަހަކު ވެސް ފެނިފައި ނުވާފަދަ ހިތާމަ ވެރި އަސަރު ތަކެކެވެ. ލޫނާގެ މޫނަށް ބަލަން ހުރިއިރު ނާމީގެ މޫނަށް އަރާ ފައިބަމުން ދިއަ ކުލަވަރު ލޫނާ ކަރުނުން ތެންމާ ލައިފި އެވެ. ލޫނާއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. ނާމީއަކީ ކެތްތެރި އެކެވެ. ލޫނާއަށް ޓަކައި ޝަކުވާއެއް ނެތި އޭނާ ކެތް ކޮށްފި އެވެ. އޭނާ މިހާތަނަށް ދުވަހަކުވެސް ހިތްހަމަ ނުޖެހުމެއް ފާޅު ކޮށްފައެއް ނުވެއެވެ. ލޫނާ އެދުނު ކޮންމެ ކަމަކަށް އޭނާ ވަނީ ހެޔޮހިތުން އިޖާބަ ދީފަ އެވެ. އެހެނަސް މިހާރު ނާމީ އެވަނީ މުޅީން މާޔޫސް ވެފަ އެވެ. ދުވަހަކުވެސް ލޫނާގެ ލޯބި ނުލިބޭނެ ކަމަށް ނާމީ ނިންމީ ހެއްޔެވެ! އެހެން ކަމަށް ވާނަމަ އެއީ ކުށް ހީއެކެވެ. ނާމީގެ މާތް، ރީތި އަހުލާގުގެ ސަބަބުން މިހާރު ލޫނާގެ ހިތުން ވެސް ނާމީއަށް ވަނީ ހާއްސަ މަޤާމެއް ދެވިފަ އެވެ. އެއީ ލޯބި ކަމުގައި އަދި ނުވިއަސް މަޑުމަޑުން ލޫނާގެ ހިތް ބަދަލު ވުމަކީ މިހާރު ފަސޭހަ ކަމެކެވެ.
" ނާމީ ކީއްކުރަން އަހަރެން ފޮނުވާލަން ތިއުޅެނީ....! "
ލޫނާއަށް ރޮވިއްޖެ އެވެ. ނިކަމެތިވެ، ކުޑަވެފައި ލޫނާ އާއި ދިމާއަށް ބަލަން ނާމީ ހުރީ އެވެ. ލޫނާގެ ކަރުނަތިއްކެއް ފޮހެލާދޭހާ ހިތްވަރެއްވެސް އޭނާގެ ކިބައިގައި މިއަދަކު ނެތެވެ. ލޫނާއަކަށް ވެގެން އުޅޭ ގޮތެއް ނޭގެ އެވެ. އެހެން ނަމަވެސް މިއަދު ނާމީ އެފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ނާމީގެ މަޢުޞޫމް ކަމުގެ މައްޗަށް ލޫނާ ގެ ހިތް ލެބިލައިފި އެވެ. ނާމީއަށްޓަކައި ފުރަތަމަ ފަހަރަށް ލޫނާގެ ހިތުގައި ވިންދެއް ޖަހާލައިފި އެވެ. ގެއްލި ދާނެ ކަމުގެ ބިރު ހީވުމުން ހިތުގައި ފޮރުވިފައި ވާ ބައެއް އިޙުސާސްތައް ހޭލައިގެންފި ހެން ހީވެއެވެ. ލޫނާ ނާމީގެ މޫނުގައި ދެއަތުން ފިރުމާލީ މަޑުމަޑުންނެވެ. ލޫނާގެ ދެލޮލުން ފެނިގެން ދިއަ ދަހިވެތިކަން ނާމިގެ ހިތުގައި ބިރުވެރި ކަމެއް އުފައްދައިފި އެވެ. ލޫނާ ނާމީއާއި ގާތްވެލަމުން ނާމީގެ ހަށިގަނޑުގައި ބާރަށް ބައްދާލި އެވެ. އެވަގުތު ނާމީއަށް އިޙުސާސް ކުރެވުނު ލޯބީގެ އަސަރު ތައް ނާމީގެ ހިތުން ލޭ އޮހޮރުވާލައިފި އެވެ. ލޯތްބާއި ގާތްކަމަކީ ކޮންމެ ހާލަތެއްގައި ވެސް އިންސާނާ ބޭނުން ވާނެ އެއްޗެކެވެ. އެހެން ނަމަވެސް ނާމީ މިއަދު ކެތްތެރިވާން މަޖުބޫރެވެ. ނާމީ ލޫނާ ދުރުކޮށްލަމުން ދުރަށް ހިނގައި ގަތެވެ. އެވަގުތު ލޫނާ ބާރަށް ގޮސް އަނެއްކާވެސް ނާމީގެ ފުރަގަހުން ބެއްދި އެވެ. މިއަދު ނާމީއާއި ދުރަށް ޖެހިލާކަށް ލޫނާ ބޭނުމެއް ނުވި އެވެ. ލޫނާގެ އަވަސް ވެފައިވާ ނޭވާތައް ނާމީގެ ހިތުގައި ވެސް ތޫފާނެއް އުފައްދަމުން ދިއައެވެ. އެހެން ނަމަވެސް އެއީ އަލިފާނުގެ ތޫފާނެކެވެ. ލޫނާގެ އެއެދުން ނާމީއަށް ކިތަންމެ ރަނގަޅަކަށް ވެސް އެބަ އިޙުސާސް ކުރެވެ އެވެ. ފުރިހަމައަށް އިޖާބަ ދޭން ވެސް ނާމީ ބޭނުމެވެ. އެހެން ނަމަވެސް އެކަން ވާކަށް ނެތެވެ. މިފަހަރު ނާމީއަށް ލޫނާއާއި ދުރަށް ޖެހިލެވުނީ އުނދަގުލުންނެވެ. އެގޮތަށް ލޫނާ ދަށް ކޮށްލަން ނާމީވެސް ދެރަވި އެވެ.
ނާމީ ހެދި ގޮތުން ލޫނާ ލަދުވެސް ގަތެވެ. އެއީ ލޫނާގެ ހަޔާތުގައި ވެސް އެފަދަ ކަމަކަށް ލޫނާ އިސްނެގި ފުރަތަމަ ފަހަރެވެ.
" ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ....!"
ސޯފާގައި ލެނގިލާ ނިއްކުރީގައި ހިފަހައްޓަމުން ނާމީ އެހެން ބުނި ނަމަވެސް އެއީ އަދި ހަޤީޤަތް ނޫންކަން ލޫނާއަށް ޔަޤީން ވިއެވެ.
މުޅީން އާ މައުހައުލެއްގައި ހަމަ ޖެހިލަން މިމީ ހަފްތާއެއް ވަރު ނެގިއެވެ. އަމަންއާއި އެކުގައި ދުބާއީއަށް ބަދަލު ވުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހުނެވެ. އެއޮފީހުގައި މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތް ފެށިފަހުން ބޭކާރު ޚިޔާލު ތަކާއި ދުރުވާ ގޮތްވި އެވެ. ބައްޕައަށް ވެސް ވަޒީފާއެއް ހަމަ ޖެހުމުން އިތުރު ހިތްހަމަ ޖެހުމެއް ލިބުނެވެ. އަމަންއާއި އޭނާގެ މައިންބަފައިން ދިރިއުޅޭ އެޕާރޓްމެންޓާއި ދުރު ނޫން ހިސާބަކުން އެޕާރޓްމެންޓެއްގައި މިމީމެން ތިބޭ ގޮތަށް އަމަން ހަމަޖެއްސީ ދެ ބައި މީހުންނަށްވެސް ފަސޭހަ އަކަށެވެ. މިމީގެ ގިނަ ވަގުތު ހޭދަ ކުރެވެނީ އަމަން އާއި އެކުގަ އެވެ. އަމަން މިމީއާއި ބަހައްޓާ ގާތް ކަމަށްޓަކައި މިމީ އުފާވި ނަމަވެސް ބިރުގަތެވެ. އަމަންގެ ހިތުގައި މިމީއަށްޓަކައި ވަނީ ހަމަ އެކަނި އެކުވެރި ކަން ބާއެވެ! އެއީ ތަކުރާރުކޮށް މިމީގެ ހިތުގައި އެފެދެމުން އައި ސުވާލެކެވެ!
އަމަންވެސް އޭނާގެ އަމިއްލަ ނަފްސާއި އެސުވާލު އެތައް ފަހަރަކު ކޮށްފި އެވެ. ދޭނެ ޖަވާބެއް އޭނާއަކަށް ވެސް ނޭގެ އެވެ. އޭނާއަށް އިނގޭ އެއްޗަކީ މިމީއާއި ދިމާވި ފަހުން އޭނާގެ ދިރިއުޅުން އުފާވެރި ވެއްޖެ ކަމެވެ. އޭނާގެ ކޮންމެ ވަގުތެއް އުއްމީދުން ފުރިއްޖެ ކަމެވެ. މިމީ ނުފެންނަ ކޮންމެ ވަގުތަކީ ދިގު ވަގުތު ތަކަކަށް ވެއްޖެ ކަމެވެ. އެކަން އެންމެ ކުރީން ދެނެގަތީ މިމީގެ ބައްޕަ ތައުފީގެވެ. އަމަން މިމީއާއި ހެދި އެއުޅޭ ވަރަށް މާހިންވެސް މިމީއާއި ހެދި އުޅެފައި ވާހެން ހިއެއް ނުވެއެވެ. އެފުރުސަތުގެ ބޭނުން ހިފުމަށް ތައުފީޤް ނިންމި އެވެ.
ދުބާއީއަށް ދިއައީއްސުރެ ތައުފީޤްގެ ރޭގަނޑު ގެ ކެއުން އޮންނަނީ ޝުކޫރުގެ ދެމަފިރީންނާއި އެކުގަ އެވެ. އެމީހުންގެ ދަރިފުޅު އަމަން ވެސް ބައެއްރޭރޭ އެމީހުންނާއި އެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވެ އެވެ. މިރެއަކީ އަމަން ގޭގައި ނެތް ރެއެކެވެ. ވާހަކަ ދައްކާލަން ރަނގަޅު ރެއެކެވެ.
" ކޮބާ މިރޭ އަމަން....؟"
ތައުފީޤް އަޒްމާއާއި ސުވާލު ކުރިއެވެ.
" ތިގެއަށް ދިއައީ!"
އަމަންގެ މަންމަ އަޒްމާ ހީލި ގޮތުން ތައުފީޤަށް އިތުރު ހިތްވަރެއް ލިބުނެވެ.
" އަނ.... އެކުދީން ވަރަށް ގުޅޭދޯ!"
މަޖަލަކަށް ހަދާފައި ތައުފީޤް ބުނެލި އެވެ.
" އަހަރެން ވެސް ތިހެން ބުނަން މިއުޅެނީ....!"
ޝުކޫރު ސީރިއަސް ކޮށް ބުންޏެވެ.
" އަހަރުމެންނަށް ވަރަށް ކަމުދާ ކަމެއް ތީ..... އަމަން ވެސް ވަރަށް ގަޔާ ވާހެން ހީވަނީ....! ތައުފީޤަށް ފެންނަ ކަމެއްތަ؟"
" ރަނގަޅު ކަމެއް، ދެކުދީން ޤަބޫލިއްޔާ...!"
ޝުކޫރުގެ ވާހަކަ ނުނިމެނީސް ތައުފީޤް ބުނެލި އެވެ.
މިމީގެ ހިތުން ދުވަހަކުވެސް މާހިންގެ ހަނދާން ތައް ފިލާނެ ގޮތެއް ނެތެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑުގެ ތެރޭގައި ބޮޑުވަމުން އެދަނީ މާހިންއާއި އޭނާގެ ލޯބީގެ ދިރިހުރި ނިޝާނެކެވެ. މިހާތަނާއި ޖެހެން ދެން މުޅި ދުނިޔެއަށް ސިއްރު ކޮށްފައިވާ އެ ހަޤީޤަތް ދެން ސިއްރެއްގެ ގޮތުގައި މާގިނަ ދުވަހަކު ނުބޭއްވޭނެ އެވެ.
އަމަން އާއި އެކު ރޭގަނޑުގެ ކެއުމަށް ބޭރަށް ނުކުތް އިރުވެސް މިމީ ހުރީ މޭނުބައި ކޮށްފަ އެވެ. އާފްޓަރ ޝޭވް ވަސް ޖެހުނަސް އޭނާ ހޮޑުލަވަނީ އެވެ. އެހެން ނަމަވެސް އަމަން ގާތުގައި އެހެން ބުނާކަށް ނުކެރުނެވެ. އިތުރު ސުވާލު ތަކަކާއި ކުރިމަތިވެ ބައްޕައާއި ހިސާބަށް އެވާހަކަ ގެންދާކަށް އަދި މިމީ ތައްޔާރެއް ނޫނެވެ.
މިމީ އިނީ ކާރުގެ ދަތުރު ދިގުވެފައެވެ. އޭސީގެ ތެރޭގައި ފިނިވެފައި އިންއިރު އަމަންގެ ގައިން ދުވަމުން ދިއަ ފިރިހެންވަންތަ މީރުވަހުން ކާރު ވަނީ އެއްވަސް ކޮށްލާފަ އެވެ. އެހެނަސް އެއީ މިމީއަށް މިވަގުތު އެހާ ކަމުދާ ވަހަކަށް ނުވި އެވެ. ކާރު ގޮސް މަޑުކޮށްލި ހިސާބު ފެނުމުން މިމީގެ މޭނުބައި ކުރުންވެސް ފިލައިގެން ދިއައެވެ. އެއީ ރީތި ބޮޑު ޕާކެކެވެ. އެކި ކުލަކުލައިގެ ފެންއަރުވާ ވަޑައިންތަކާއި ކުލަ ބޮކި ތަކުން ޖަރީ ކޮށްފައިވާ މާ ބަގީޗާތަށް ފެނުމުން ދެލޯ ތަރަތަރަ ޖަހައިގެން ދިއަ އެވެ. ކާރު ޕާރކް ކުރުމަށް ފަހު މިމީ ގޮވައިގެން އަމަން ހިނގައިގަތީ ގާޑަންގައި ވާ ރެސްޓޯރެންޓް އާއި ދިމާއަށެވެ. މުޅިމައުހައުލުންވެސް ދައްކައިދެނީ އެއީ ލޯބިވެރީންނަށް ހާއްސަ ކުރެވިފައިވާ ތަނެއް ކަމެވެ. ދުރުދުރުން ޖޯޑު ޖޯޑަށް ޒުވާނުން އުފާކުރަމުން ދާ މަންޒަރު ފެންނަމުން ދިއައެވެ. އަމަންއާއި އެކުގައި އެތަނުގައި ހިނގަން މިމީއަށް އުނދަގޫވެސް ވިއެވެ.
އަމަން މިމީ ގޮވައިގެން ގޮސް އިށީނީ ރެސްޓޯރެންޓްގެ ޕްރައިވެޓް އޭރިޔާ ގައެވެ. މިރޭ އަމަން އެ އުޅޭ ގޮތުން މިމީގެ ހިތުގައި ހާސްކަމެއް އުފެދުނެވެ. އޭނާ ހީވަނީ މިމީގެ ލޯބިވެރިޔާ ހެންނެވެ. ކާއެއްޗަކަށް އޯޑަރު ކުރުމަށް ފަހު އަމަން މިމީއަށް ބަލައިލި އެވެ. އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީ އެވެ.
" ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ވެގެން މިއުޅެނީ....!"
އަމަންގެ ދެލޮލުން ފާޅުވި އަލި ވިދުވަރު މިމީއަށް ނުރައްކާތެރި ސިގްނަލެއް ދިނެވެ.
" މިމީ.... ވިލް ޔޫ މެރީ މީ!"
މިމީއަށް ތެޅިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް އިނދެވުނީ އެވެ.
" ޕްލީސް!"
މޭޒުމަތީގައި ބާއްވައިގެން އިން މިމީގެ އަތްތިލައިގައި އަމަން ހިފާލި އެވެ. އެއަތްތިލައިގެ ފިނިކަން އަމަން މާނަ ކުރީ ކޮން ގޮތަކަށް ކަމެއް ނޭގެ އެވެ. ހަމަ ގައިމުވެސް އެއީ އަމަން ގެ މައްޗަށް ހިތުގައިވާ ލޯތްބަކުން މިމީގެ ހަށިގަނޑަށް އައި ބަދަލެއް ގެ އަސަރެއް ނޫނެވެ. މިމީ ދާހިއްލަން ފަށައިފި އެވެ. އޭނާ ހާސްވި އެވެ. ދޭނީ ކޮން ޖަވާބެއް ހެއްޔެވެ! އޭނާ ބަނޑުބޮޑު ވާހަކަ އަމަން ގާތުގައި ކުރީން ނުބުނެ ހުރީތީ އަމަން ހިތްހަމަ ނުޖެހޭނެ އެވެ. އެކަމަކު ވެސް ވަރިހަމަ އެވެ.
" އަމަން.....! އައި ކާންޓް! އައި އޭމް ...ޕްރެގްނެންޓް!"
އަމަންއަށް އައީ ބަދަލު އަމަންގެ މޫނަށް ބަލަން އިން މިމީއަށް ފެނުނެވެ. އޭނާ ޙައިރާން ކާމާއި އެކު މިމީއަށް ބަލަން އިރުކޮޅަކު އިނެވެ. އަމަންގެ ހިތުގައި އެތައް ސުވާލު ތަކެއް އުފެދުނެވެ. އެއީ ވާނެ ގޮތްކަން މިމީއަށް އެނގެއެވެ. އަމަން އެއްޗެއް އެހުމުގެ ކުރީން އެ ސުވާލު ތަކުގެ ޖަވާބު މިމީ ދޭން ފެށި އެވެ.
" އެއްވެސް މީހެއްގެ ކައިރީ އަހަރެން މިވާހަކައެއް ނުބުނަން... ބައްޕައަށް ވެސް އަދި ނޭގޭނެ....! ބައްޕައަށް އެނގިއްޖެއްޔާ ދެރަވާނެ ވަރު އިނގޭ....! ބައްޕަ މާހިންއަށް އަންގަފާނެ... އެއީ އަހަރެން ބޭނުން ގޮތެއް ނޫން....! މާހިންއަށް އެނގިއްޖެއްޔާ މާހިން އަހަރެން ހޯދާނެ.... އަހަރެން ކައިރިއަށް އަންނާނެ....! އޭރުން މާހިންއަށް ހުރިހާ ގެއްލުމެއް ވާނީ....! އަދިވެސް އަހަރެން ބޭނުމެއް ނޫން އަހަރެންގެ ބައްޕައަށް މިކަން އަންގާކަށް....!"
މިމީ އަށް ރޮވިއްޖެ އެވެ. މާހިންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނާ އިޚުތިއާރުން ބޭރުވެ އެވެ. އަމަން ގެ ހިތަށް ވެސް އަސަރު ކުރި އެވެ. މިމީ މާހިންދެކެ ލޯބިވާވަރު ފެނުމުން އޭނާގެ ހިތަށް ތަދުވި އެވެ. މާހިން އަށްޓަކައި މިމީ އެވަނީ ކޮން ފަދަ މަތިވެރި ޤުރުބާނީއެއް ހެއްޔެވެ!
އަމަންގެ ހިތުގައި މިމީއަށް ދެވުނު ޤަދަރު އުފުލުނެވެ. އޭނާވެސް ބޭނުން ވަނީ އެކަހަލަ އަންބެކެވެ. މިމީ ލިބޭނީ ނަސީބުވެރި އަކަށެވެ. އޭނާއަށް މިމީ ލިބޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ! މިމީގެ އެ ރިވެތި ސިފަތައް އޭނާއަށް ވަރަށް ކަމުގޮސްފި އެވެ. ދެން އެހެން މީހަކަށް ދުވަހަކުވެސް އޭނާގެ ހިތް ނުކިޔާނެ ފަދަ މިންވަރަކަށެވެ. މިމީ މީހަކާ އިނދެ ވަރިކޮށްފައި ހުއްޓަސް ހެޔޮއެވެ! ބަލިވެ އިނަސް ހެޔޮއެވެ! ދަރިއަކު އޮތަސް ހެޔޮއެވެ! އޭނާ ބޭނުންވަނީ ހަމަ މިމީ އެވެ! މިމީގެ ހިތުން އޭނާއަށް ޖާގައެއް ލިބޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނީ އެވެ.
" އަދި އިހަށް މި ވާހަކަ ނުދައްކާތި އިނގޭ އެކަކު ކައިރީގަވެސް......! ބައްޕައަށް އެނގިދާނެތީ ބިރު ގަނޭ....! "
މިމީ އަމަންގެ އަތް ތިލައަށް ފިތާލި އެވެ.
" ނުދައްކާނަން.... އެކަމަކު ވަރަށް އަވަހަށް އިނގޭނެ ދޯ!"
އަމަން މަޑުމަޑުން ބުނެލި އެވެ.
ނާމީއާއި ދިމާއަށް ބަލަހައްޓައިގެން ލޫނާ އޮތެވެ. ލޯ މަރައިގެން އޮތް ނަމަވެސް ނާމީ އޮތީ ނިދާފައި ނޫންކަން ލޫނާ އަށް އިނގެ އެވެ. މިހާރަކަށް އައިސް ނާމީ އެއުޅޭ ގޮތުން ލޫނާ ވަރަށް ކަން ބޮޑުވެ އެވެ. ކޮންމެވެސް ކަމަކާއި މާ ބޮޑަށް ކަންބޮޑުވަނީ ކަން އެނގެ އެވެ. އެއީ މާހިންގެ މައްސަލައިގައި ކަމަށް ހީވުމުން މާހިންއަށް ވުރެ ނާމީ ލޫނާއަށް މުހިއްމު ކަން ސާބިތު ކޮށްދޭން އުޅެއުޅެ ލޫނާ ވަރުބަލި ވެއްޖެ އެވެ. ރޭގައި ލޫނާ ނާމީ ގެ މަގަތުން އޮވެ ނާމީގެ ގައިގައި އެވަރަށް ފިރުމި އިރުވެސް ނާމީ އިނގޭ ކަމަށް ވެސް ނަހަދާ ފުރަގަހަށް އެނބުރި އޮތީ އެވެ. އެއީ ހަމަ ޙައިރާން ވާން ޖެހޭ ބަދަލެކެވެ. ނާމީއަކީ ލޫނާގެ އިނގިލި ތަކުގެ ކޮޅު ޖެހުނަސް ހިމޭނުން އޮންނަން ބޭނުން ވާނެ މީހެއް ނޫނެވެ.
ސައިޑް ޓޭބަލް މަތީގައި އޮތް ނާމީގެ ފޯނު ދިއްލުނުތަން ފެނުނެވެ. އަނެއްކާވެސް އެފޯނަށް މެސެޖެއް އައީ އެވެ. ލޫނާ ދެފަހަރަކު ނާމީގެ ބުރަކަށީގައި ޖަހާލި އެވެ. ޚަބަރެއް ނުވި އެވެ. ކުޑަކޮށް ތެދުވެލާ ނާމީގެ މޫނަށް ބަލާލުމުން ނާމީއަށް މިހާރު އޮތީ ނިދިފައި ހެން ހީވި އެވެ. ލޫނާ އެނބުރި ފޯނަށް ބަލާލި އެވެ. އެ ފޯނަށް އެއަންނަ މެސެޖު ތައް ބަލާލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވެގެން ދިއަ އެވެ. މަޑުމަޑުން ފޯނު ނަގައިގެން ލޫނާ ނުކުތީ ބޭރަށެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިއައެވެ. އެކުރެވެނީ ކުރަންވާނެ ކަމެއް ނޫންކަން އޭނާއަށް އިނގެ އެވެ. ނާމީއަށް ފާރަލާކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ފޯނު ބަލާލައިފިއްޔާ ނާމީއަށް އައިސް ގެން އުޅޭ ބަދަލުގެ ހަޤީޤަތް އިނގިދާނެހެން ހީވި އެވެ!
ފޯނު ހިފައިގެން ބޭރަށް ނުކުތްތަނާ ރިންގް ވާން ފަށައިފި އެވެ. އެއީ ޑޮކްޓަރ މީޒާންގެ ފޯނެކެވެ. އެވަގުތު ލޫނާގެ ހިތް އެދުނީ އެފޯނު ނެގުމަށެވެ. ފޯނު ނެގުމާއި އެކު ޑޮކްޓަރ މީޒާންގެ އަޑު ކަންފަތުގައި ޖެހުނެވެ.
" ވަޓް ނާމީ!.... ދެންމެގަ ފޯނު އޮންކޮށްލީމަ ނާމީގެ މެސްޖު މި ލިބުނީ....! އައި އޭމް ސްޓަންޑް....!"
އަނެއްކޮޅުން ދޭނެ ޖަވާބަކަށް ވެސް މަޑުކޮށްނުލާ ޑޮކްޓަރ މީޒާނު އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ. އޭނާގެ އަޑުގައި ވާ ހާސްކަން ލޫނާގެ ހިތުގެ ވިންދު އަވަސް ކުރުވަމުން ދިއަ އެވެ.
" އަލުން ރި ކޮންފަރމް ކުރޭ.....ނާމީ! އައި ޑޯންޓް ބިލީވް ދިސް.....! އެޗް އައި ވީ ޕޮސިޓިވް އޭ.....!"