ތައުފީޤްގެ ދެލޯ ކަރުނުން ބަރުވެގެން ދިއައީ މިމީގެ އެ ހާލަތު ފެނިފައި އެކަންޏެއް ނޫނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން ނެވެ. އޭނާ ޖައުފަރުގެ ވަގު ވިޔަފާރި ބޭޒާރު ކޮށް ޖައުފަރުގެ ކިބައިން ބަދަލު ހިފަން ކުރި މަސައްކަތުގައި ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލެވުނީ އެވެ. ޖައުފަރަކީ އޭނާއަށް ދިމާ ކުރެވޭ ވަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުޅަދާނަ މީހެކެވެ. މިއަދު އޭނާ އަށް އެކަން ޤަބޫލު ކުރެވިއްޖެ އެވެ.
ނިއްކުރި މަތީގައި އަތް ބާއްވާލައިގެން މާހިން އޮތެވެ. އޭނާ މަސައްކަތް ކުރަމުން ދިއައީ ދެން އިތުރަށް ނުވިސްނުމަށެވެ. ވިސްނި ވަރަކަށް ބޮލުގެ ރިހުން އިތުރު ވަނީ އެވެ. ނޭވާ ހާސް ވަނީ އެވެ. އޭނާ އަކީ މިހާތަނަށް ދުވަހަކުވެސް ހިތާމައެއް ކޮށްފައިވާ މީހަކަށް ނުވާއިރު ކަމަކާ އެވަރަށް ކަންބޮޑުވުން އެއީ އޭނާއަށް އާ އިޙުސާސެކެވެ. މިއަދު އެ ހުރިހާ ހިތްދަތި އިޙުސާސް ތަކެއް އެއްފަހަރާ ކުރިމަތި ވުމުން އޭނާއަށް ވަނީ ކެތް ނުވާވަރު ވެފަ އެވެ. ބައްޕަގެ ނުޤަބޫލުގައި، ހުރިހާ އެއްޗެއް ދޫކޮށްފައި ގޮސް އޭނާ މިމީއާއި ކައިވެނި ކުރީ ހާދަ އުއްމީދަކާއި އެކުގަ އެވެ. ހުރިހާ އެއްޗެއް ގެއްލިގެން ގޮސް ބިކަވި ވަގުތު އެހީތެރި ވެދޭނެ ހަމަ އެކަކުވެސް ނެތެވެ. ދުވަހަކުވެސް އެހާ ނިކަމެތި ހާލަތަކަށް އޭނާ ނާދެ އެވެ. ހަށިގަނދުގެ އެތެރެއާއި ބޭރުގައި ނުރިއްސާ އެންމެ ތަން ކޮޅެއްވެސް ނެތެވެ.
" މާހިން ޖައުފަރު! "
އެ އިވުނީ ޖަލު ގާރޑްގެ އަޑެވެ. ލޯހުޅުވާލަން ވެސް ކަންނެތް ވެފައިވާ މާހިން އެދިމާއަށް ބަލާލި އެވެ.
" ކޯޓަށް ދާން ތައްޔާރުވޭ.....!"
މާހިންގެ ގައިން ހީބިހި ހިލިގެން ދިއަ އެވެ. ހަޤީޤަތުގައި ވެސް އެކަން ނިމެނީ އެވެ. މިމީ އޭނާ ދޫކޮށްލަނީ އެވެ. ހުރިހާ އުއްމީދު ތަކެއް ނެތިގެން ދިއައީ އެވެ. ބޮޑު އަދަބެއް ލިބޭނެ ކަން ވެސް ކަށަވަރު ވީ އެވެ. މިމީ މާހިން އެ ދޫކޮށްލަނީ އެކަން ޔަޤީން ވެގެން ނެވެ. މިމީގެ ބައްޕަ ވެސް ބޭނުން ވާނީ އެގޮތެވެ. މިމީގެ ބައްޕަ މިހާރު ޤަބޫލުވެސް ކުރާނީ މާހިން އަކީ ޑްރަޤް ވިޔފާރީގައި ބައިވެރިވާ މީހެއްގެ ގޮތުގައި ކަން ޔަޤީނެވެ.
އެހާ އަވަހަށް މައްސަލަ ކޯޓަށްލާ، އެ މައްސަލަ ކުރިއަށް ދިއައީ ތީވެސް ޙައިރާން ވާން ޖެހުނެވެ. ގިނަ މައްސަލަ ތަކަކަށް އެތައް ޒަމާނެއް ވަމުން ދާ އިރު މާހިންގެ މައްސަލަ އެހާ އަވަސް ވީތީ ވެސް އަޖައިބެވެ. މާހިން ތެދުވެ ގަމީސް ކޮނޑުން ވައްޓާލި އެވެ. އޭނާ މާބޮޑު ތައްޔާރީއެއް ވާކަށް ނުޖެހެ އެވެ.
މާހިން ކުށްވެރިއެއްގެ ގޮތުގައި ޕޮލިސް ބަހުގައި ގެންގޮސް ކޯޓުގެ ދޮރު މައްޗަށް ހުއްޓި އިރު މިމީވެސް ކާރުން ނުކުންނަނީ އެވެ. މިމީއާއި އެކުގައި ހުރި މިމީގެ ބައްޕަ ތައުފީޤަށް މާހިން ފެނުމުން ބަލާލި ގޮތުން މާހިންގެ ހިތަށް ތަދުވި އެވެ. ތައުފީޤްގެ މޫނުމަތީގައި ވަނީ މާޔޫސީގެ އަސަރެވެ. އޭނާ ހުރީ ހިތްހަމަ ޖެހިފައެއް ނޫނެވެ. އެކަމަކީ ތައުފީޤް ބޭނުން ވެގެން މިމީ ކުރާ ކަމެއް ނޫންކަން އެވަގުތު ވެސް މާހިންއަށް ޔަޤީން ވިއެވެ. މިމީ އިސް އުފުލާވެސް ނުލާ އެތެރެއަށް ވަދެގެން ދިއައީ އެވެ. މަގުމަތީން މީހަކަށް މާހިން ފެނިދާނެތީ އޭނާ ލަދުގަތީ ކަމަށް ވެސް ވެދާނެ އެވެ. މާހިން ވެސް އިސް ޖަހައިގެން އެތެރެއަށް ހިނގައިގަތެވެ.
އެދިޔަ ގޮތަށް ގޮސް އޭނާ ވަންނަން ޖެހުނީ ކޯޓު ރޫމް އަށެވެ. އޭރު މިމީ އެތެރޭގައި އިނެވެ. މާހިންގެ ނަޒަރު މިމީއަށް ހުއްޓިފައި ވީ ނަމަވެސް މިމީ އިސް އުފުލާ މާހިންއަށް ބަލާވެސް ނުލަ އެވެ. މާހިންގެ ސޫރަ ދެކެވެސް އޭނާ ނަފްރަތް ކުރާ ކަހަލަ އެވެ.
ކައިވެނި ރޫޅާލަން ބޭނުން ވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރުމުންވެސް މިމީގެ ޖަވާބެއް ނުލިބުނެވެ. އޭގެ ޖަވާބު ދޭން މިމީއަށް ދަތި ވެއްޖެހެން ހީވި ހިނދު މާހިން މިމީއަށް އެހީތެރިވެދިނެވެ.
" އެއީ.... "
މާހިން ކަރުކެހިލި އެވެ. ރަނގަޅަށް އަޑު ބޭރު ނުވެގެންނެވެ.
"އެއީ އަޅުގަނޑަކީ..... ކުށްވެރި އަކަށް ވާތީ.... އަޅުގަނޑަށް ބޮޑު ހުކުމެއް ވެސް އަންނާނެކަން ކަށަވަރު ވާތީ..... އަޅުގަނޑުގެ އިންތިޒާރުގަ މިމީ ހުންނަން ޖެހުން އެއީ އިންސާފްވެރި ގޮތަކަށް ނުވާތީ އަޅުގަނޑުމެން އެ ގޮތަށް ނިންމީ.....!"
އުނދަގުލުން އެހެން ބުނުމާއި އެކު މާހިން އިސް ޖަހާލީ އިތުރު އެއްޗެއް ނުބުނެވިގެންނެވެ. މިމީއަށް އިސް އުފުލާ މާހިންގެ މޫނަށް ބަލައިލެވުނީ ބޭއިޚުތިއާރްގަ އެވެ. މާހިންއާއި ދޭތެރޭގައި މިމީ އެހާ ނުބައި ކޮށް ކަން ކުރުމުންވެސް މާހިން މިމީ ސަލާމަތް ކުރަން މަސައްކަތް ކޮށްފި އެވެ. އެ ހާލުގައި އިނދެވެސް މާހިން މިމީއަށް އެހީތެރި ވެއްޖެ އެވެ. މިމީއަށް ދޫކޮށްލަން މިޖެހެނީ އެވަރުގެ މާތް ފިރިއެކެވެ!
ކޯޓުތެރެ އަށް ހަމަހިމޭން ކަން ވެރިވެގެން ދިއަ ވަގުތު ކޮޅެކެވެ. މާހިންގެ ރަތްވެފައިވާ ދޮން މޫނަށް ބަލަން މިމީ އިންއިރު މިމީއަށް ކުރަމުން ދިއަ އަސަރު އެތަނުގައި ތިބި ކޯޓުގެ މުއައްޒަފުންނަށް ފެންނާނެ ކަން ޔަޤީނެވެ. މާހިންގެ އެރީތި މޫނުމަތީގައި މިވަގުތު އެވާ އަސަރު ތަކަކީ މިމީ ގެ ހަނދާނުގައި ތާ އަބަދަށް ބިންވަޅު ނެގޭނެ އެއްޗެކެވެ. އިސް ޖަހައިގެން އިން ނަމަވެސް އެ މޫނުމަތީން ފެންނަމުން ދިއަ ހިތްދަތި ކަމުން ފުރިފައި ވާ އަސަރުތައް އެތަނުގައި ތިބި އެކަކަށް ވެސް ސިއްރެއް ނުވެ އެވެ. އެ ހިތަށް އަރާ ފައިބަމުން ދިއަ ކޮންމެ އަސަރެއްގެ ކުލަވަރު އެ މޫނުމަތީން ސާފްކޮށް ފެންނަމުން ދިއަ އެވެ. މާހިން އަވަސް އަވަހަށް އެސްފިޔަ ޖަހާލި އެވެ. އެވަގުތު އެ ދޮން ކޯތާފަތް މައްޗަށް ވެއްޓުނު މުތީއެއް ފަދަ ކަރުނަ ތިކި، ހިސާބަކަށް ދިގުވެފައި ވާ މާހިންގެ ތުބުޅި ތެންމާލިތަން މިމީއަށް ފެނުނެވެ. ކުއްލިއަކަށް މިމީ އޭނާގެ އަނގަމަތީގައި އަތް އެޅި އެވެ. ކުރި އަސަރެއްގެ ބޮޑު ކަމުން އަނގައިން ބޭރުވާން އުޅުނު އަޑު، މިމީ ކޮންޓްރޯލް ކުރި ނަމަވެސް ނޯށުން އަޑު ބޭރުވި އެވެ. މާހިން އަވަސް އަވަހަށް އޭނާގެ އަތުން މޫނުމަތި ސާފް ކޮށްލަމުން ނޭފަތް ދަމާލި އެވެ. ކަރުނައަޅާ ރުއިމަކީ އަންހެން ވަންތަ ސިފައެއް ކަމަށް ބުނާ ސިފަ އެކެވެ. ކުރާނެ ކަމެއް ނެތެވެ. މިއަދު އޭނާއަކީ ގޮތް ހުސްވެފައިވާ އަންހެނަކަށް ވުރެވެސް ނިކަމެއްޗެކެވެ. މިއަދު އެނާގެ އަމިއްލަ ހަށިގަނޑުވެސް ވަނީ އޭނާގެ ކޮންޓުރޯލުން ބޭރުވެފަ އެވެ.
ކޮންމެއަކަސް އެވަގުތު ކޮޅުވެސް މާޒީއާއި އެކުވެގެން ހިނގައްޖެ އެވެ. ދެމީހުންނަކީ ހިލޭ ދެމީހުންނަށް ވެ ނިމިއްޖެ އެވެ. މާހިން ތެދުވުމަށް ފަހު މިމީއަށް ބަލާލި އެވެ. އެވަގުތު މިމީއާއި ހަތަރު ކަޅި ހަމަކޮށްލުމުގެ ފުރުސަތު ލިބުނެވެ. ހިތްވަރުގަދަ މާހިން މިމީއަށް ލޯބިވެތި ހިނިތުން ވުމެއް ހަދިޔާ ކޮށްލި އެވެ. އެވަގުތު އެފިރިހެން ވަންތަ ރީތި މޫނުގެ އެތަން މިތަނުގައި ބޮސްދިނުމަށް މިމީ ގެ ހިތް އެދުނެވެ. އެހެންނަމަވެސް އެއީ ދެން ދުވަހެއްގައި ވެސް ލިބޭނެ ފުރުސަތެއް ނޫނެވެ. މާހިން ކުރިއަށް ޖެހިލާ މިމީއާއި ދިމާއަށް އަތް ދިއްކޮށްލި އެވެ. ސަލާމް ކޮށްލުމުގެ ގޮތުންނެވެ. ތުރުތުރު އަޅަމުން ދިއަ މިމީގެ ފިނިވެފައިވާ އަތް މާހިންގެ އަތުގައި ޖެހުނު ހިނދު މާހިން އެއަތްތިލައަށް ބާރަށް ފިތާލި އެވެ. ހާދަހާ ލޯބިވެއޭ ބުނާ ފަދަ ގޮތަކަށެވެ. މިމީ އަށް އިސް އޮބާލެވުނެވެ. ލޮލުގައި ގިނަވަމުން ދިއަ ބަސްނާހާ ކަރުނަ ތިކިތައް ބޭރުވާން މަސައްކަތް ކުރާ ވަރުންނެވެ. އެވަގުތު މިމީގެ ބަލިކަށިކަން ހާމަ ކުރާކަށް މިމީ ބޭނުމެއް ނޫނެވެ. އިތުރަށް މާހިންގެ ހިތުގައި ޖައްސާކަށް އޭނާ ނޭދެ އެވެ. މާހިން މިމީއާއި ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި މިމީ އިސް އުފުލާ ނުލުމުން މިމީގެ އަތުން ދޫކޮށްލި އެވެ.
" ގުޑް ބައި!"
އޭނާ ބުނާނެ އިތުރު އެއްޗެއް ނެތެވެ. މިމީ އިތުރު އެއްޗެއް އަޑު އަހަން ބޭނުން ވާހެނެއް ހިއެއް ނުވެ އެވެ. މާހިން ހިނގައި ގަތުމުން މިމީ އިސް އުފުލާ މާހިން އަށް ބަލާލި އެވެ. ދުވަސް ތަކެއް ވަންދެން ބޮޑު ހިތާމައެއް އުފުލާފައި ވާއިރު ވެސް މާހިންގެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. އެ ހިނގާލުމުގައި ވާ އަސަރުންވެސް ކިތަންމެ ހިތެއް ޒަހަމް ވާހާ ވެއެވެ. މިމީ މާހިން ގެ ފަހަތުން ބޭރަށް ނުކުމެ ދޮރު މަތީގައި މަޑުކޮށްގެން ހުއްޓެވެ. ދެން ދުވަހަކުވެސް މާހިން އޭނާއަށް ފެންނާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. ބަނޑުގައި އަތް ޖައްސާލައިގެން ހުރި މިމީގެ އެތެރެހަށި ކުދި ކުދި ވަމުން ދިއަ އެވެ. މާހިންގެ ކުރިމަތީގައި އޭނާ އަކީ އަނިޔާވެރި އަކަށް ވެއްޖެ އެވެ. ދުނިޔޭގެ ކުރިމަތީގައި އޭނާ އަކީ ރަޙުމް ކުޑަ މީހަކަށް ވެއްޖެ އެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑު އެ އުފުލަމުން ދާ ބުރައަށް ހެކިވާނޭ ފަރާތެއް މިހާރު ހުއްޓެވެ. އޭނާގެ ހަށިގަނޑުގެތެރޭގައި ވިންދު ޖަހަމުން ދާ އެ ކުޑަކުޑަ ފުރާނައަކީ މިއަދު އޭނާގެ އެރިހުން ތަކުގެ ބައިވެރި ޔާއެވެ.
މާހިން ގޮސް ޕޮލިސް ބަހަށް އެރުމުގެ ކުރީން އެނބުރި މިމީއަށް ބަލާލި އެވެ. މިމީ އޭނާއާއި ދިމާއަށް ބަލަން ހުންނާނެ ކަން އޭނާއަށް ޔަޤީން ވެފައި ވާ ކަހަލަ އެވެ. ކުޑަ ހިނދު ކޮޅަކަށް ހުއްޓި ލުމަށް ފަހު މާހިން ބަހަށް އަރައިފި އެވެ. އެއާއި އެކު ބަސް ނައްޓާލީ އެވެ. އެހާ ހިސާބުން މިމީގެ ދިރިއުޅުމުގެ އަނދިރި ބާބު ފެށުނީ އެވެ. އުފާވެރި އާ ދިރި އުޅުމަކަށް މާހިން އަށް މަރުހަބާ އެވެ!
ދާއިން އަކަށް ވާނުވާ އެއް ނޭގުނެވެ. އިރު އެރި ފަހުން އެތައް ފަހަރަކު ނާމީ ވެސް ގުޅައިފި އެވެ. ބައްޕަގެ އޮފީހުން ފުއާދުވެސް 10 ވަރަކަށް ކޯލް ކޮށްފި އެވެ. ކޮންމެ މީހަކު ގުޅާފައި އެދައްކަނީ ކައިވެނި ޕާޓިގެ ވާހަކަ އެވެ. ޕާޓީ ބާއްވަނީ ދަރުބާރު ގޭގަ ޔޯލަ އެވެ! ކުލަ އަކީ ފެހި ކުލަ ޔޯލަ އެވެ! ޕާޓީ ޕްލޭނަރ އަކީ " ދަ ގަރޑްންސް " ކިޔާ ކުންފުންޏެކޯ އެވެ! ވެޑިންޑްރެސް ގެ މިން ނަގަން މިރޭ ދާން ޖެހެޔޯ އެވެ! އަޖައިބެކެވެ! މީހަކާ އިންނަން އުޅެނީ ކާކު ހެއްޔެވެ! އަމުދުން ޕާޓީއެއްގެ ވާހަކަ ދެއްކީ ކާކު ހެއްޔެވެ! ނާމީ ވެސް މިހާރު ކުއްލިއަކަށް ވެޑިންގް ބާއްވާ ޚިޔާލު ކުރީ ހެއްޔެވެ! ލޫނާ އަށް އެކަން އިނގޭ ހެއްޔެވެ! ބޮލުގަ ރިހުމެކެވެ! މި ދަނޑިވަޅުގަ މީހަކާ ނީންނާނަމޭ ކިތައް ފަހަރު ބުނެވިއްޖެ ހެއްޔެވެ!
ދާއިން އަދިވެސް އޮތީ އެނދުގަ އެވެ. މޮޅު އެއްޗެއް ބައްޕަ ހަދަން އުޅޭހެން ރޭގައި ވެސް އޭނައަށް ހީވި އެވެ. ނާމީގެ ބޮލަށް އެރިގެން އެއުޅެނީ ބައްޕަކަން ދާއިން އަށް އިނގެ އެވެ. ދާއިންގެ ރުޅިގަނޑު އިތުރަށް ގަދަވި އެވެ. ކުރާނެ ކަމެއް ނޭގިގެން ގިނަވެގެން އުޅޭ އިރުވެސް ބައްޕަ އަކަށް ކޮއްކޮއާއި ދޭތެރޭގައި ވިސްނާނެ ފުރުސަތެއް ނުލިބެ އެވެ. އަނެއްކާވެސް ފޯނު ރިންގް ވާން ފަށައިފި އެވެ. މިފަހަރު އެއީ ޝައުކަތު އަންކަލް އެވެ! އޭނާ ވެސް އެގުޅަނީ ކައިވެނީގެ ކަންތައް ރާވާށެވެ! ނާމީ އާއި އެކީގައި އެއްދުވަހެއްގައި ކައިވެނި ކުރާ ވާހަކަ ދެއްކިފަ އޮތީތީ ބޮޑު ކަމަކަށް ވެއްޖެ އެވެ. ދާއިން ފޯނު ނެގުމުގެ ބަދަލުގައި ބާލީސް ދަށަށް ފޯނުލާފައި އޭގެ މަތީގައި އަދި އިތުރު ދެބާލީސް ބާއްވައިގެން އޮށޯތެވެ. އެއިން އެއްވެސް ބޭކާރު ކޯލަކަށް ޖަވާބު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ!
އެމީހުން އެ ދައްކާ ވާހަކަ ޔޫހާއާއި ހިއްސާ ކުރާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. ކައިވެންޏަށް ޓަކައި ޔޫހާ ތައްޔާރު ވާން ޖެހުނީމައި އިނގޭނީ ނާމީ އަކަށް، ޝައުކަތަކަށް ނޫނީ އޭނާގެ ބައްޕަ އަކަށް ނޫނެވެ.
ދާއިން ގަދަކަމުން ނިދޭތޯ ލޯމަރާލި އެވެ. އިރުގަނޑަކު ފުރޮޅިފައި އޭނާއަށް ނިދުނެވެ. ހޭލެވުނީ 4 ގަޑި އިރު ފަހުންނެވެ. އޮވެވުނު ގޮތުން ކަނދުރާއަށް ނާރެއްވެސް އަރައިފި އެވެ. އުސް ބާލީސް ތަކުން ބޯ ނެގުމަށްފަހު އޭނާ ތެދުވެ އިށީންނަމުން ދެފަރާތަށް ކަރު އަނބުރާލާ ނާރު ތަކަށް ވާން ކޮށްލި އެވެ. އެވަގުތު އަނެއްކާވެސް ފޯނު ވައިބްރޭޓް ވާހެން ހީވި އެވެ. ބާލީސް ތަކުގެ ދަށުން ފޯނު ނަގާ ބަލާލިއިރު ސާޅީސް ކޯލް މިސް ވެފައި އިނެވެ. ބާރަ މެސެޖް އައިސް ފައި ވެއެވެ. ޔޫހާގެ 4 މިސް ކޯލާއި މެސެޖެއް އިނެވެ. އަވަސް އަވަހަށް މެސެޖް ކިޔާލެވުނެވެ.
" ސޯ ހެޕީ! އަލްހަމްދް ލިއްﷲ!"
" ހެޕީ" ފޭސް އަކާއި އެކީ ލިއެލާފައި ވަނީ އެހެނެވެ. ވީ އެއްޗެއް ނޭގުނެވެ. ޔޫހާއަށް ގުޅާލަން ތައްޔާރު ވި ތަނާ ފޯނެއް އަތުވެއްޖެ އެވެ. ބައްޕަގެ ކޯލެކެވެ. ނުނަގަން ހުރެފަވެސް ނަގަން ބޭނުން ވި އެވެ.
" ބޯއީ، އަދިވެސް ނިދަނީތަ....؟ އާދެބަލަ ތިރިއަށް. އަހަރުމެން ސެލެބްރޭޓް ކުރަނީއޭ!"
ބައްޕަގެ އަޑުގައި ވާ ކޫލް ކަމާއި މަޖާ ކަން ފެނިފައި އިތުރަށް ޙައިރާން ވެއްޖެ އެވެ. ސެލެބްރޭޓް ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ! އެޔެއް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން ބޮޑުވެގެން ދިއަ އެވެ. ދާއިން އިތުރު މީހަކަށް ގުޅާކަށް ނަހަދަ އެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އަވަހަށް ތިރިއަށް ދާން ހިނގައި ގަތެވެ. ލިފްޓުން ފޭބިއިރު ގޭތެރޭގައި ބަޔަކު އުޅޭކަން އެނގުނެވެ. ހަޤީޤަތުގައިވެސް ކަންތައް ގަނޑެއް އެބަ ހިނގައެވެ.
ދާއިން ގޮސް ސިޓިންގް ރޫމްގެ ދޮރުމައްޗަށް ހުއްޓުމާއި އެކު އޭނާގެ ލޯ އަމާޒު ވެގެން ދިއައީ ސޯފާގައި އިން ކޮއްކޮއަށެވެ! އެވަގުތު ދާއިންގެ ހިތް ފުރިގެން އައެވެ. ދުވެފައި ގޮސް އޭނާއަށް ކޮއްކޮގެ ކައިރީ ކާޕެޓް މަތީގައި ދެކަކޫ ޖަހާލެވުނެވެ! ހަޤީޤަތުގައި ވެސް "ސެލެބްރޭޓް" ކުރަން ޖެހޭ ވަގުތެކެވެ! ކޮއްކޮގެ ދެއަތުގައި ހިފަހައްޓާލެވުނީ ކުޑަކުއްޖެއްގެ އަތްތިލައިގައި ހިފާލާފަދަ ގޮތަކަށެވެ. ހޭވެރިކަން ވުމުގެ ކުރީން އެދެ އަތް ތިލައަށް އެތައް ފަހަރަކު ދާއިންއަށް ބޮސް ދެވުނެވެ. މި މަންޒަރު ފެނިފައި ޒިޔާދާގެ ދެލޯ އިތުރަށް ތެމިގެން ދިއައެވެ. ހަނދާނަށް އައީ އަހަރު ތަކެއްގެ ކުރި އެވެ. އެންމެ ފުރަތަމަ އެންމެ ބޮޑު ކާމިޔާބީއެއް މާހިން ހޯދި ދުވަހެވެ! އިންޓަރނޭޝަންލް އާރޓް އެގްޒިބިޝަން އަކުން އެއްވަނަ ލިބުނު ދުވަހެވެ. އެއީ މާހިންގެ އުމުރުން އެންމެ ހަ އަހަރުގަ އެވެ. އެ ދުވަހުވެސް އެންމެ އުފާވީ ދާއިން އެވެ. ކޮއްކޮއަށް ލިބޭ ކޮންމެ އުފަލެއް އެތައް ގުނައެއް އިތުރަށް އިޙުސާސް ކުރާ މީހަކީ ދާއިން އެވެ! ވީ އިރު ކޮއްކޮގެ ހިތާމަތައް އޭނާ ހިއްސާކުރާނެ މިންވަރު އެކަކަށް ވެސް އޮޅިފައެއް ނުވާނެ އެވެ.
ކޮއްކޮ މޫނަށް ރަނގަޅަށް ބަލައި ލެވުނީ އިރު ކޮޅެއްގެ ފަހުންނެވެ. އެހާ ބޮޑު ކަމަކުން ސަލާމަތް ވުމުންވެސް ކޮއްކޮގެ މޫނުމަތީން އުޖާލާ ކަމެއް ނުފެނުނީ ކީއްވެ ހެއްޔެވެ! ކޮއްކޮ އެކީގައި ސަލާމަތް ވީ ކީ ނޫން ހެއްޔެވެ! އެވަރުގެ ބޮޑު ކަމަކުން އެހާ ފަސޭހައިން ސަލާމަތެއް ނުވާނެ އެވެ. ދާއިންއަށް އޮޅުނީ ކަމަށް ވެދާނެ އެވެ! ދާއިން އެނބުރި ބައްޕައަށް ބަލާލި އެވެ. ޝައުކަތާއި ޒުހުރީ ވެސް އެތަނުގައި ތިއްބެވެ. އެމީހުން ތިބީވެސް އޮލަ ވާހަކައެއްގަ އެވެ. ހިތްހަމަ ޖެހިފަ އެވެ.
" ކޮއްކޮ އެކީ ސަލާމަތް ވީތަ؟"
އެ ސުވާލު ދާއިން ކޮށްލީ ޒުހުރީ އާ އެވެ. ޒުހުރީ ހިނިތުން ވެލި އެވެ.
" އަނ.... އެކަން ނިމުނީ....! އޭނަ ކޮންކަމަކާ ބެދެންވީ؟! "
އެހެން ބުނުމާއި އެކު ޝައުކަތާއި ބައްޕަ ވެސް ހިނިގަނޑެއް ޖަހާލި އެވެ. ހަޤީޤަތުގައި މާހިން އަށް ވެގެން އުޅޭ ގޮތެއް މާހިން އަށް ވެސް ނޭގުނެވެ. އެހާ ގިނަ އަދަދެއްގެ ޑްރަގްސް އާއި އެކު އަތުލައިގަނެފައި ވާއިރު ތަހުޤީޤް ނިމުނީ ކަމަށް ބުނެ ކުއްލިއަކަށް ދޫކޮށްލީ މާހިން އަކީ އެއްވެސް ކުށެއްނެތް ތޯހިރު މީހަކަށް ވެގެންނެވެ. އޭނާ ގެ ހިތުގައި ވެސް ސުވާލު ތަކެއް ވަނީ އުފެދިފަ އެވެ. އޭނާގެ އަތުން އަތުލައިގެން ސާމާނު ކޮބައި ހެއްޔެވެ! ކުއްލިއަކަށް އެ މައްސަލަ ނިމުނީ ކިހިނެއް ހެއްޔެވެ!
" ކޮންކަމަކާ އޭނަ ހައްޔަރު ކުރީ؟"
ޒުހުރީގެ އެ ސުވާލަށް ދާއިން ވެސް ކުރީ ސުވާލެކެވެ. ތާށި ވާވަރުގެ ކަމެއް ނެތިއްޔާ އެހާ ދުވަހު ކޮއްކޮ ބަންދުގައި ބެހެއްޓީ ކީއްވެ ހެއްޔެވެ! އެވަރަށް އޭނާގެ ކޮއްކޮ ބަދުނާމް ކުރީ ކީއްވެ ހެއްޔެވެ!
" ތަހުޤީޤަށް ބަންދު ކުރާނެދޯ އަތުލައިގަތީމަ....!"
ޝައުކަތުވެސް ހިނިގަނޑެއް ޖަހާލި އެވެ. ވަރަށް މަޖާ ވެފަ އެވެ. މާހިން އަކަށް ވެސް އެކިޔާ އެއްޗެއް އަދި ސާފެއް ނުވެ އެވެ. ޝައުކަތާއި ޒުހުރީގެ ކަންތައް ހުރި ގޮތުން މާހިން ހިތްހަމަ އެއް ނުޖެހުނެވެ. އެމީހުންގެ ކަމެއް އަމިއްލައަށް މަތި ޖަހާލިހެން މާހިންއަށް ހީވި އެވެ.
" ޔަ.... ޑްރަޤްސް އާއެކީ އަތުލައި ގަތީމަ!"
މާހިން ޖެހިލުމެއް ނެތި ބުނެލި އެވެ. ޑްރަގްސް އާއެކީ އަތުލައިގެން ވާހަކަ ބުނާކަށް، އަދި ބޮޑު އަދަބެއް ލިބިދާނެ ކަމަކަށް މިހާރު އޭނާގެ އެއްވެސް ކަންބޮޑު ވުމެއް ނެތެވެ. އޭނާ ޖަލުން ސަލާމަތް ވާން ބޭނުން ވި ދުވަސް މިހާރު ފާއިތު ވެއްޖެ އެވެ. ދެން އޭނާ ދުނިޔެއަށް ނޭވާލުމުގެ މާ ބޮޑު ބޭނުމެއް ވެސް ނެތެވެ.
މާހިންގެ އަޑު އިވުމުން ތަނަށް ފެން އެއްޗެއް އޮއްސާލިހެން ހީވި އެވެ. މުޅި ތަން ހިމޭން ވެގެން ދިއައެވެ. މާހިން ސަލާމަތް ވުމުން މާހިން ވީ އުފަލުގެ ބަދަލުގައި ފާޅުވެގެން ދިއައީ ނަފްރަތެވެ.
" ކާކު ބުނީ މާހިން އަތުލައި ގަތީ ޑްރަގްސްއާ އެކީ އޭ؟"
މާހިން ގެ އިތުރުން ދާއިން އަށް ވެސް ލިބުނީ ޙައިރާން ކަމެކެވެ. ބައްޕަ ދެލޯ ވައްކޮށްލި ގޮތުން މާހިން ވެސް ބިރު ގަންނަ ގޮތް ވިއެވެ.
" މާދަމާ ތަހުޤީޤް ރިޕޯޓް ލިބޭނެ...! ޑްރަގާ އެކީ އަތުލައިގެންނަމަ ސަލާމަތް ވާނެތަ؟"
ހިސާބެއްގެ ހިނިތުން ވުމަކާއި އެކު ޒުހުރީ އެހެން ބުނިއިރު އެ ހިނިތުން ވުމުގައި ވަނީ މަލާމާތުގެ އަސަރެކެވެ.
" ދެން ކޯޗެއް އަޅުގަނޑުގެ އަތުގަ ހުރީ....؟މަދު އެތި ކޮޅެއް ނޫން!"
މާހިން ސަލާމަތް ވާން ބޭނުން ވެގެން އުޅޭ ހެނެއް ހިއެއް ނުވެއެވެ. އޭނާ ބޭނުން ވީ އެކަން ރަނގަޅަށް އޮޅުން ފިލުވާށެވެ! ޖައުފަރު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެން މީހުންގެ ކުރި މަތީގައި އޭނާގެ ދަރީން އެހާ ގަދަ ވެގެން އުޅެގަތީމައި އޭނާ ވަރަށް ލަދު ގަތެވެ.
" ތިއޭ މައްސަލަ އަކީ.... ކޯޗެއް ކަމެއް ނޭގުނަސް މީހުން ގެންގުޅޭ ތަކެއްޗަށް އަތް ބާނާތި!....."
ޖައުފަރު ހަމަ ރަނގަޅަށް ވެސް ރުޅި އަތުވެއްޖެ އެވެ.
" އެއީ ކުދި ޕަކެޓްގަ ބަންދު ކޮށްފަ ހުރި ގަސް ކާނާ!"