ނާމީގެ ވާހަކަތައް ގިސްލަމުން އަޑުއަހަން އިން މޯނާ އިސްއުފުލާލީ ދޮރުމަތީން މީހެއްގެ ހިޔަނި ވީހެން ހީވުމުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އެވާހަކަތައް އަޑުއަހަން ދޮރުމަތީގައި ހުރި މީހަކު ފެނުމުންނެވެ. 

އެތެރެއަށް ވަންނަން އައި ދާއިން ހުރި ފިޔަވަޅުގެ މަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. އޭނާއަށް އެއިވުނު އަޑަކީ ހަމަ ހަޤީޤަތެވެ. ނާމީ ކުރީން ދެއްކި ވާހަކައެއް ނޭގުނު ނަމަވެސް ދާއިން ދޮރުމައްޗަށް ހުއްޓުނު ވަގުތު ނާމީ އެބުނި އެއްޗެއް ދާއިންއަށް އަށް އަޑު އިވުނެވެ. މިހުރިހާ ދުވަހު ހިތުގައި އުފެދިފައިވާ ޝައްކު މިއަދު ޔަޤީން ވެއްޖެ އެވެ. މާހިން އެދައްކާ ވާހަކައިގެ ހަޤީޤަތް އެނގި ސާފް ވެއްޖެ އެވެ. އެބުނާ " ގަސްކާނާ " އާއި "ކާޖާ " ގެ ހަޤީޤަތް އެނގިއްޖެ އެވެ. ގަސްދުގައި ރާވައިގެން މިމީއާއި މާހިން ދުރުކުރުވި ކަން ސާބިތު ވެއްޖެ އެވެ. އަދި އެރޭވުމުގެ އެންމެ އަޑީގައި ހުންނާނީ ކާކުކަން ވެސް މިހާރު ވިސްނިއްޖެ އެވެ. އެ ބުނާ ޑްރަގް ވިޔަފާރީގައި އެމީހުންގެ ބައްޕަވެސް ބައިވެރި ވާކަން ކަށަވަރެވެ. ނާމީގެ އެންމެ ޖުމުލައަކުން އެހުރިހާ ކަމެއް އެނގުނު އިރުވެސް ނުވިސްނުނު އެއްޗެއް އެބަ އޮތެވެ. މިވަގުތު އެތަނުގައި އެހިނގާ ހާދިސާއެވެ. އެމަންޒަރު އެހާ ހިތާމަވެރި މަންޒަރަކަށް ވީ ސަބަބެވެ. އެންމެން އެތަނުގައި ތިބެ ގިސްލާ ރޯން ޖެހުނު ސަބަބެވެ. ނާމީ މިއަދު އެހާ ނިކަމެތި ވެގެން އެއުޅެނީ ކޮންކަމެއް ކުރިމަތި ވެގެން ބާއެވެ! 

މޯނާ އަނގައިން ވެސް ނުބުނެ ދާއިންއަށް ބަލަން އިނެވެ. ދާއިން އަށް އަޑުއިވޭވަރަށް ނާމީ އިތުރު އެއްޗެއް ބުނެފާނެތީ އޭނާ އިނީ ބިރުންނެވެ. މިހާރުވެސް ދާއިންއަށް އިވުނީ ކިހާ ވަރެއް ކަމެއް ނޭގެއެވެ. ހަމަ ގައިމުވެސް އެންމެ ފަހުން ނާމީ އެބުނި އެއްޗެއް ދާއިންއަށް އިވޭނެ އެވެ. އޭގެ އިތުރުން ނާމީގެ ބަލީގެ ވާހަކަ އެއާއިލާގެ ތެރެއިން ބޭރު ވެދާނެތީ މޯނާ ބިރުގަތެވެ. އެފަދަ ވާހަކަ އަކީ އެއްވެސް އިތުރު މީހަކަށް އިވިއްޖެއްޔާ ސިއްރު ނުވާނެ ވާހަކަ އެކެވެ. 

ނާމީގެ ގައިގައި ބާރަށް ހިފަހައްޓާ ލައިގެން އިން ޝައުކަތަކަށް ދާއިން އެއް ނުފެނެއެވެ. އޭނާ އިނީ އެއަށް ވުރެ ހާލުގަ އެވެ. ދަރިފުޅުގެ ހަށިގަނޑު އޭނާގެ އަތުގެ ތެރޭގައި ގިރެމުން ދާފަދަ އިޙުސާސެއް އޭނާއަށް ކުރެވެމުން ދިއައެވެ. 

" ދަރިފުޅާ.... ދެން ތިވާހަކަ ނުދައްކާ.... މިވެސް ފިލާވަޅެއް....! ދެން އަހަރުމެން އެއްވެސް އެކަހަލަ ނުބައި ކަމެއް ނުކުރާނަން! "
ޝައުކަތު ނޭފަތް ދަމާލަމުން ބުންޏެވެ. ޝައުކަތުގެ އަޑުގައިވާ ކަރުނައިގެ އަސަރު ދާއިންގެ ހިތް މަޑުކޮށްލައިފި އެވެ. 
" މިއަދު ބައްޕަ ޖައުފަރަށް ގުޅާފަ ބުނާނަން.... ބައްޕަ އެކަމުން ދުރުވި ވާހަކަ....!"
އެއަޑު އިވިފައި ދާއިންއަށް ލޯ މަރާލެވުނެވެ. އޭނާގެ ޝައްކު ޔަޤީންވާނީ ދެން އެހާކަންހާ ވަރަށެވެ. އެކަމުގެ އެންމެ ބޮޑު މީހަކަށް ހުރީ އޭނާގެ ބައްޕަ އެވެ. 

މޯނާ އިނީ ދާއިންގެ މޫނަށް ބަލާށެވެ. ދާއިންއަށް ނޭގޭ ވާހަކަ ތަކެއް އިނގެމުން ދާތީ އޭނާ އިނީ އިންތިހާ އަށް ހާސްވެފަ އެވެ. މޯނާ ބަލަން އިންގޮތުން ދާއިންއަށް ވެސް އުނދަގޫވި އެވެ. އެތަނުގައި ކަން ހިނގަމުންދާ ގޮތެއް ބެލުމުގެ ޝައުގު ހުރި ނަމަވެސް ބައްޕަގެ އެފަދަ މުޑުދާރު ވާހަކައެއް އަޑުއަހަން އެތަނުގައި ހުންނަން ދާއިން އަށް ދަތިވި އެވެ. މޯނާއަށް އޭނާ ފެނުނު ނަމަވެސް ޝައުކަތަށާއި ނާމީއަށް އޭނާ ފެނުމުގެ ކުރީން އެތަނުން ދާން އޭނާ ހިނގައިގަތެވެ. 

ނާމީ އޭނާގެ ބައްޕަގެ މޫނަށް ބަލާލަމުން އެއްޗެއް ބުނަން މަސައްކަތް ކުރި އެވެ. 
" ބައްޕާ....! މާހިންއަށް އެލިބުނު ދެރައިގެ ބަދަލު އަހަރެން ދޭން ބޭނުން.....! ލޫނާ މާހިންގެ މީހަކަށް ވާތަން ދެކެން އަހަރެން ބޭނުން!"
އެ ވާހަކައިން މޯނާއާއި ޝައުކަތަށް ވެސް ލިބުނީ ސިހުމެކެވެ. ލޫނާ މާހިންއަށް ދިނުމުން މާހިންއަށް ލިބޭނީ އުފަލެއް ހެއްޔެވެ! މާހިންގެ ދިރިއުޅުން ވާނީ ހަލާކު ނޫން ހެއްޔެވެ! ނާމީ އެހެރަ ހާލަތަށް މާހިން އައުން ނޫން ކަމެއް ނުވާނެ ނޫން ހެއްޔެވެ! ކިތަންމެ ގިނަ ސުވާލު ހިތުގައި އުފެދުނު ނަމަވެސް އެއްވެސް ސުވާލެއް ކުރާކަށް ޝައުކަތުވެސް ބޭނުމެއް ނުވި އެވެ.

ކާރަށް އެރިގޮތަށް އިރުގަނޑެއް ވަންދެން ދާއިންއަށް އިނދެވުނެވެ. ދެންމެގައި އޭނާއަށް އެއިވުނު އެއްޗެއްގެ ސަބަބުން އޭނާގެ ސިކުޑިވަނީ ހާސްވެފަ އެވެ. އޭނާ ފޯނު ނަގާފައި ގުޅާލީ ކޮއްކޮއަށެވެ. ކޮއްކޮއާއި އެވާހަކަ ދެއްކުން މުހިންމެވެ. 

މާހިންގެ އެޕާރޓްމަންޓަށް ދާއިން ވަންއިރު އޭނާގެ މޫނަމަތީން ފެނުނު ހާސްކަން މާހިންއަށް ފާހަގަ ކުރެވުނެވެ. ބޮޑު ކޮޓަރީގެ އަރިމަތީގައި ހުރި ސޯފާގައި އިށީންނަމުން ދާއިން ކޮއްކޮގެ މޫނަށް ބަލާލި އެވެ. ކޮއްކޮއާއި ދޭތެރޭގައި އޭނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. އެވަގުތު އޭނާގެ ހިތް ބައްޕަގެ މައްޗަށް ނަފްރަތުން ފުރިގެން ދިއަ އެވެ. 

ދާއިން އޭނާއަށް އަޑުއިވުނު ވާހަކަ ތައް މާހިންއަށް ކިޔައިދިނެވެ. އެ ދެ ވާހަކަ އަކީވެސް މާހިންއަށް އާ ވާހަކަ އަކަށް ނުވި އެވެ. ހަމައެކަނި އެވާހަކަތައް ކަށަވަރު ވީ ކަމެވެ. 

" އަހަރެން ދެރަވީ ބައްޕަގެ އެ ރޭވުމުގަ މިމީ ޖެހުނީތީ.... އޭނަ ވީތަނެއް ހޯދަން މަސައްކަތް ކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެ....! "
މާހިން މާޔޫސް ވެފައި ބުންޏެވެ. 
" އަހަރެން މިމީ ހޯދާނަން.... އަދި ބައްޕަމެން އެ ކުރާ ނުބައި ކަންތައް ހުއްޓުމަކަށް ވެސް ގެންނާނަން!"
ޔަޤީން ކަމާއި އެކު ދާއިން ބުންޏެވެ. 

މޯނާ ފޯނު އަތަށް ލައިގެން ދެކޮޅަށް ހިނގާތާ އިރުކޮޅެއް ވެއްޖެ އެވެ. ގާތްގަޑަކަށް ހަތަރު ގަޑިއިރު ކުރީން ނާމީ އެވާހަކަ ދެއްކި އިރު އޭނާ އިނީ ވަރަށް ހިތުގައި ޖެހިފަ އެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ސިކުޑި ރަނގަޅަށް މަސައްކަތް ކުރަން ފަށައިފި އެވެ. ނާމީއަށް ދިމާވެފައި އެވަނީ ކޮޅެއް ނެތްހާ ހިތާމަވެރި ހާދިސާ އެކެވެ. އެކަމާ އޭނާވެސް ދެރަވެއެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުންވެސް އެމީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކޮށްގެން ނުވާނެ އެވެ. ނާމީ މާ ރަނގަޅު މީހަކަށް ބަދަލުވެ، އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލު ކުރަން އުޅޭ އުޅުން އޭނާއަކަށް ކަމަކު ނުދެއެވެ. އޭގެ ކުރީން އެހުރިހާ ވާހަކައެއް ޖިނާނަށް އެނގުން މުހިންމެވެ.

ޝައުކަތުގެ ވިޔަފާރި ތަކަކީ ޖިނާނުގެ ބެލުމުގެ ދަށުން ހިނގާ ވިޔަފާރި އެވެ. މޯނާ ދެކޭ ގޮތުގައި އެވިޔަފާރީގެ ސަބަބުން އެތައް ފައިސާއެއް ވަންނަ ވިޔަފާރިއެއް ހުއްޓާލުމަކީ ކޮސް ކަމެކެވެ. ނާމީގެ ހުރިހާ އެއްޗެއް ލޫނާއަށް ހިބަކޮށްފިނަމަ އެމީހުންގެ މިލްކިއްޔާތުގެ އަށްޑިހަ ޕަސެންޓު އެމީހުންގެ އަތުން ގެއްލޭނެ އެވެ. އަދި އެ ދަނޑިވަޅުގައި އެންމެ ކާމިޔާބު ވިޔަފާރި ހުއްޓާލައިފިނަމަ އެންމެ ބޮޑު ގެއްލުމެއް ވާނީ މޯނާއަށާއި ޖިނާން އަށެވެ. ޝައުކަތަކަށް ދެން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ. ނާމީ ދުނިޔެއަޅާ ދިއުމަށް ފަހު ޝައުކަތު ބޭނުން ވާނެ އެއްވެސް އެއްޗެއް ނޯންނާނެ އެވެ. 

ގާތްގަނޑަކަށް ދިހަ ވަރަކަށް ފަހަރު ގުޅިފަހުން ޖިނާނު ފޯނު ނަގައިފި އެވެ. މޯނާ ޖިނާނު ގާތުގައި ބުނީ ނާމީ ބުނެގެން ޑޭޑް އެވިޔަފާރިއާއި ދުރަށް ދާން އުޅޭ ވާހަކަ އެވެ. ސަބަބެއް ނުބުނެ އެވެ. ނާމީގެ ބަލީގެ ވާހަކަ ޖިނާނު ގާތުގައި މިދަނޑިވަޅުގައި ބުނެގެން ޖިނާނުގެ ސަމާލުކަން އެހެން ދިމާއަކަށް ދިއުން އެއީ އޭނާ މިވަގުތު ބޭނުންވާ ކަމެއް ނޫނެވެ.

" ވިޔަފާރިއާއި ދުރަށް ދާން ބޭނުން މީހަކު ދާންވީ....! އެހާ އުނދަގުލުން އެސްޓަބްލިޝް ކުރި ވިޔަފާރިއެއް ހުއްޓައެއް ނުލެވޭނެ.... ޑޭޑް ދުރަށް ދަންޏާ ދޭ.... އަހަރުމެންނަށް ހުރަސް އަޅަން އުޅެގެން ނުވާނެ އެކަކުވެސް....!"
ޖިނާނު ހުރީ ހަމަ ޖެހިފަ އެވެ. ޝައުކަތު އެވިޔަފާރިއާއި ވަކިވެއްޖެއްޔާއި ޝައުކަތުގެ ހިއްސާއެއީ އޭނާއަށް ލިބޭނެ އެއްޗެކެވެ. އެކަމުން އޭނާއަށް ވާނީ ފައިދާ އެކެވެ. 
މޯނާއަށް ވެސް ވިސްނިފައި އޮތީ އެގޮތަށެވެ. އެހެން ނަމަވެސް އެއީ އެ ވިޔަފާރި ކުރިއަށް ގެންދެވިގެން ނޫން ހެއްޔެވެ! މިހާރު އެވަނީ ނުރައްކަލާ ހިސާބަށް ގޮސްފަ އެވެ.
" މި ވިޔަފާރީގެ ވާހަކަ ދާއިންއަށް އެނގިއްޖެ....! ވިސްނާތި!"
މޯނާ ބުންޏެވެ. ޖިނާން ވެސް ވިސްނާލަން ޖެހުނެވެ. ދާއިންގެ އަޑު އިވުމުން ލޭ ހޫނު ވިއެވެ. އެމީހުން ދެކެ އޭނާ ނަފްރަތު ކުރަނީ އިންތިހާ އަށެވެ. އޭނާގެ މޫނުމަތީގައި މާހިން ޖެހި އެތިފަހަރުގެ ހޫނުކަން އަދިވެސް އޭނާއަށް އެބަ އިޙުސާސް ކުރެވެއެވެ. 
" ޑޯންޓް ވޮރީ މަންމް....! އައި ނޯ ހައު ޓު ހެންޑްލް ހިމް....! "
ޖިނާނު މާ ބޮޑަށް ކަންބޮޑުވެ ޖެހިލުން ވާކަމެއް މިދުނިޔެ މައްޗަކު ނޯންނާނެ އެވެ. އެކަން އޭނާގެ މަންމައަށް ވެސް އިނގެން ވާނެ އެވެ. އެވަރުގެ ބޮޑު ނެޓްވަރކްއެއް ހިންގާ މީހެއްގެ ސިކުނޑި ރަނގަޅު ވާނެކަން މޯނާއަށް ވެސް އިނގެ އެވެ. 

އެވަގުތުން ފެށިގެން ދާއިން މަސައްކަތް ފަށައިފި އެވެ. ދާއިންގެ ފުރަތަމަ މަސައްކަތަކީ މިމީ ހޯދުމެވެ. ކޮއްކޮއަށް ގެއްލިފައިވާ ދިރިއުޅުން ހޯދައިދީފައި ނޫނީ ދެން އޭނާ ހަމަ ނޭވާވެސް ނުލާނެ އެވެ. އެގޮތް މިގޮތަށް ކުރި މަސައްކަތުން ތައުފީޤް މިވަގުތު ދިރިއުޅެމުން ދަނީ ދުބާއީގައި ކަން އެނގުނެވެ. ތައުފީޤާއި އެކު މިމީވެސް ވާނީ ދުބާއީގައި ކަން ޔަޤީން ކުރެވުނެވެ. ހުރިހާ ކަމެއް ކަށަވަރު ނުވަނީސް އެއްވެސް މައުލޫމާތެއް ކޮއްކޮއަށް ނުދިނުމަށް ދާއިން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ދާއިން ބޭނުންވީ ތައުފީޤް ހުރި ތަނެއް ހޯދައިގެން އެތަނަކަށް ދާށެވެ.

ދާއިން ދުބާއީއަށް ދާވާހަކަ އިވުމުން ޖައުފަރުގެ ސިކުނޑީގައި ރިއްސާލި އެވެ. ތައުފީޤްމެން މިވަގުތު ތިބި ތަނެއްވެސް ޖައުފަރަށް އިނގެ އެވެ. ޖައުފަރުގެ ކާފަ ދަރިއަކަށް މިމީ ބަލިވެ އިންކަން އެނގުނީއްސުރެ ޖައުފަރު އެއަންނަނީ އެމީހުންނަށް ފާރަލަމުންނެވެ. މިމީދެކެ ކިތަންމެ ނަފްރަތު ކުރިއަސް އޭނާގެ ބަނޑުގައިވާ ދަރިފުޅު އޭނާ ބޭނުމެވެ. އެކުއްޖާ އަތުލައިގަންނާނެ މޮޅު ގޮތެއް މިހާރުއްސުރެ ޖައުފަރު ވަނީ ރާވާ ނިންމާފަ އެވެ. އެކަމަކު އެއްވެސް ހާލެއްގައި މިމީ، މާހިންގެ ދިރއުޅުމަށް އައުން އެއީ އޭނާ ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. 

ދާއިން ފުރުމުގެ ކުރީން ކޮންމެވެސް ރޭވުމެއް ރާވަން އެބަޖެހެއެވެ. މިމީ އެނބުރި މާހިންގެ ދިރިއުޅުމަށް އަންނާނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ އެވެ.

މިމީ މިއަދު އޮފީހަށް ނުނިކުމެ ސަލާމްގައި އޮތީ ބޯ އަނބުރާ ވަރުންނެވެ. ބަލިވެ އިނީއްސުރެ ޒާތްޒާތުގެ އުނދަގޫތައް ކުރިމަތި ވިއަސް އަދިވެސް އޭނާގެ ބަނޑުން އިނގޭ ވަރެއް ނުވެއެވެ. ބަނޑުބޮޑު ހެދުން ލާހިތުން ހުވަފެނުންވެސް އެދުވަސް ފެނެއެވެ. އެހެން ނަމަވެސް ބަނޑުން އިނގޭ ދުވަހެއް އަތުވެދާނެތީ އެހާ ބިރުވެސް ގަނެއެވެ. ބައްޕައަށް އިނގިދާނެތީ އެވެ. މާހިންއާއި ހިސާބަށް އެވާހަކަ ހިނގައިދާނެ ތީއެވެ. 

ފޯނު ރިންގް ވާން ފެށީމައި ބަލާލިއިރު އެއީ ރާއްޖޭން އަންނަ ކޯލެކެވެ. ރީތި ނަންބަރު ފެނުމުން ހިތުގައި ބިރުވެރި ކަމެއް އުފެދުނެވެ. މާހިންގެ އާއިލާގެ މީހަކަށް ވެދާނެއޭ ހިތަށް އެރިއެވެ. ނުނަގަން ވެސް ހިތަށް އެރި އެވެ. އެހެން ނަމަވެސް ނުނަގާ ކެތެއް ނުވި އެވެ. ފޯނު ނެގުމަށް ފަހު މިމީ އަނގައިން ނުބުނެ މަޑުކޮށްލި އެވެ. މާހިންއަށް ވެދާނެތީ ހިތް ބިރު ގަތެވެ. 

" ހަލޯ!"
އެ ވަރުގަދަ ނުލަފާ އަޑު ޖެހުމާއި އެކު އެއީ ކާކުކަން މިމީއަށް އެނގުނެވެ.
" އަނގައިން ބުނެބަލަ!"
ފުރަތަމަ ވެސް އިވުނީ އޭނާގެ އަނިޔާވެރި ކަމެވެ. އެއީ މާހިންގެ ބައްޕަ ޖައުފަރެވެ. އޭނާއަށް މިމީގެ ނަންބަރު ލިބުނީ ކިހިނެއް ބާއޭ މިމީގެ ހިތަށް އެރިއެވެ.
" ހަލޯ!"
މިމީއަށް ބިރުންވެސް އަނގައިން ނުބުނެ ނުހުރެވުނެވެ.
" ބުނަން ވާހަކައެއް.... މިކޮޅުގަ ތިބި މީހުންނަށް މެސެޖް ފޮނުވައިގެން އެމީހުން ތިކޮޅަށް ގެންގޮސްގެން ކަމެއް ކުރަން އުޅެފިއްޔާ... މާހިންއަށް ވާނެ ގޮތް ވިސްނާލާތި!"
ޖައުފަރުގެ އަޑު އިވިފައި މިމީ ޙައިރާން ވިއެވެ. ބިރުވެސް ގަތެވެ. އެބުނީ މާހިންއަށް މިމީ ހުރިތަނެއް އެނގުނު ވާހަކަ ހެއްޔެވެ!
" ދާއިން އެދަނީ ކަލޭ ހޯދަންކަން އަހަންނަށް އިނގޭ... ހަދާންކުރާތި އޮޅިގެންވެސް މާހިން އާ ބައްދަލު ކުރަން ނަހަދާތި! މާހިން އަށް ފެންނަ ހިސާބަށް ކަލޭ ދިއައަސް އެއީ މާހިންގެ ފަހު ދުވަސް ކަމަށް ހީކޮށްލާ! " 
އެހެން ބުނެފައި ޖައުފަރު ފޯނު ބޭއްވީ އެވެ. ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި މިމީއަށް ހުރެވުނެވެ. އޭނާ ހޯދަން ދާއިން ދުބާއީއަށް އަންނަން އުޅޭކަމެއް އޭނާއަކަށް ނޭގެ އެވެ. 

ޖައުފަރުގެ ނުލަފާ ބަސްތައް ސިކުނޑީގައި ތަކުރާރް ވެގެން ދިއަ ވަގުތު މިމީގެ ގައިން ހީބި ނަގައިގެން ދިއައެވެ. އަމިއްލަ ދަރިއެއްގެ ވާހަކަ އެގޮތަށް ބުނަން ކެރުނު އިރު އޭނާ ދަރިއަކަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ އެވެ. މިމީގެ ނިކަމެތި ވެފައިވާ ހަށިގަނޑުގައި ހަލަބޮލި ކަމެއް އުފެދުނު ހިނދު ހަށިގަނޑުގައި ތުރުތުރު ލުމެއް އުފެދުނެވެ. އޭނާ އެނދުގައި އިށީނެވެ. ޖައުފަރު އެބުނި އެއްޗަކާއި ދޭތެރޭގައި ވިސްނަން މަޖުބޫރު ވިއެވެ. ދާއިން އެތަނަށް އައިސް މިމީއާއި ބައްދަލު ކޮށްފި ނަމަ މިމީގެ ހާލަތު ދާއިންއަށް އެނގިދާނެ އެވެ. ބައްޕައަށް އެވާހަކަ ދެއްކި ދާނެ އެވެ. ހަދާނެ އެއްޗެއް ނުވިސްނިގެން ތެޅި ތެޅި އިންދާ އިވުނީ އަމަން ގެ އަޑެވެ.

" މިމީ...! ހާދަ ހާސްވެފަ! "
ހިނިތުންވެފައި ހުރި އަމަން ފެނުމުން މިމީއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. މިހާރު މިމީގެ ސިކުނޑިއަށް ލުއިވާފަދަ އެއްވެސް ކަމެއް ކޮށްދެވޭނެ މީހަކީ އަމަންއެވެ. އަމަން އައިސް މިމީގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. 
" ވަރަށް މަޖާ ކަމެއްވެއްޖެ މިއަދު !"
އަމަން އައީ ބޮޑު ވާހަކައަކާއި ގެންނެވެ.
" މިއަދު މެންދުރު ކާން އިނދެފަ ބައްޕަ ބުނަނީ.... އަހަރެންނާ މިމީއާ ވަރަށް ގުޅެޔޯ.....! މިމީގެ ބައްޕަވެސް ބޭނުންވަނީ އަހަރުމެން ދެމީހުން ގުޅޭށޯ! އެމީހުންނަށް އަހަރެންގެ ހިތް އެނގުނީ ކަންނޭގެ ދޯ!"
އަމަން މަޖާ ރާގެއްގައި ވާހަކަ ދެއްކި ނަމަވެސް އޭނާ އިނީ އުފާވެފައި ނޫންކަން މިމީއަށް އެނގެ އެވެ. މިމީ އަމަން އަށް ބަލަން އިނެވެ. އަމަން ދެކެ އޭނާ ލޯތްބެއް ނުވެއެވެ. ނުވެސް ވާނެ އެވެ. އެހެން ނަމަވެސް އަމަން އޭނާ ދެކެ އިންތިހާއަށް ވާ ލޯބި އޭނާއަށް ކެނޑިނޭޅި ފެންނަމުން ދެއެވެ. ބަނޑުބޮޑު ވާހަކަ ބުނީއްސުރެ އަމަން އަބަދުވެސް އެހުންނަނީ އޭނާގެ ހިދުމަތު ގައެވެ. ހީވަނީ އަމަންގެ ދަރިއަކަށް ބަލިވެ އިނދެގެން އުޅޭ ހެންނެވެ.

" އަދި އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ....! މިމީ ވިހައިގެން ގަދަވާއިރު ހުންނާނީ އަހަރެންގެ މައްޗަށް ހިތްޖެހިފަ. އަހަރެން ވަރަށް ދުޢާ ކުރަން!"
ޓީވީ އޮން ކޮށްލަމުން މިމީއަށް ނުބަލާ އިނދެ ސަމާސާ ގޮތް ދައްކަމުން އެހެން ބުންޏަސް އެއީ ވެސް އަމަން ހިތުގެ އަޑީން ބުނި އެއްޗެއްކަން މިމީއަށް އެނގުނެވެ. 
" މިމީ ބޭނުމިއްޔާ އަހަރެން މިވަގުތު ވެސް މިމީއާ އިންނަން ތައްޔާރު.....! ކައިވެނި ކައިވެންޏަކަށް ނުވިއަސް.... އޭރުން ފަހުންވެސް މިމީ އަހަންނަށް ލިބުމުގެ ފުރުސަތު ބޮޑުވާނެ އެއްނުން....! ފަހުން އަނެއްކާ މެރީ ކުރާނީ.....! އެއީ ވެސް ކިހާ ސަޅި ގޮތެއް...؟ "
ހިނިގަނޑެއް ޖަހާލަމުން އަމަން ސޯފާގައި ލެނގިލި އެވެ. އޭރުވެސް މިމީ އިނީ އަމަންއަށް ބަލާށެވެ. އަމަންގެ އެ ހަރަކާތްތަކާއި ވާހަކަ ތަކުން މިމީގެ ހިތުގައި ކަންތައް ތަކެއް ރޭވެމުން ދާކަމެއް އަމަން އަކަށް ނޭގޭނެ އެވެ.
" އޭރުން އަހަންނަށް ދަރިއަކުވެސް ލިބުނީ....! ބޯނަސް....! މީހުންނަށް ހީވާނެ އަހަރެންގެ ދަރިއެކޭދޯ....! އެހާ ލޯބިންނޭ އަހަރެން އުޅޭނީވެސް.....!"
އަމަން ޓީވީއަށް ބަލަން އިނދެ ކުރަމުން ދިއަ ސަމާސާގެ އަސަރު މިމީއަށް ކޮށްފައި ވަނީ ކިހާ ވަރަކަށް ކަމެއް އަމަން އަށް އިނގޭނީ ކިހިނެއް ހެއްޔެވެ! މިދަނޑިވަޅުގައި އެވާހަކަ ހިފައިގެން އަމަންއަށް އެ އާދެވުނީ އިއްތިފާޤަ ކުން ހެއްޔެވެ! މިމީގެ ހުރިހާ ހާސްކަމެއްގެ ހައްލު އަމަން އަށް ކިޔައި ދެވިއްޖެ އެވެ.

" ހިނގާ އިންނަން!"
މިމީގެ އަނގައިން އެނުކުތް ޖުމްލައާއި އެކު އަމަންގެ ހަރަކާތް ހުއްޓުނެވެ. 

ކޮމެންޓް 0