ހައިފާ ދަރިފުޅާއި ދިމާއަށް ހިނިތުން ވެލީ ލޯތްބާއި އެކުގަ އެވެ. ދެން އޭނާ އިސް އުފުލާ ބޭރު ދޮރާއި ދިމާއަށް ބަލާލި އެވެ. އެވަގުތު މަންމަގެ މޫނު މައްޗަށް ވެރިވެގެން ދިއަ އުޖާލާކަން ޔޫހާއަށް ފެނިގެން ދިއަ އެވެ.
" ދާއިން!"

މަންމަގެ ދެލޮލުން ފެނިގެން ދިއަ ވިދުވަރާއެކު ޔޫހާގެ ހިތް ގަނޑުކޮށްލައިފި އެވެ. ކުއްލި އަކަށް ޔޫހާ އެނބުރި ފުރަގަހަށް ބަލާލި އެވެ. މަންމަގެ ނަޒަރު ހުއްޓިފައިވާ ދިމާއަށެވެ. އެވަގުތު އޭނާގެ ދެލޮލަށް ފެނިގެން ދިއަ މަންޒަރު ގަބޫލު ކުރަން ދަތިވި އެވެ. ދޮރު މަތީގައި ހުއްޓި ހުރީ އޭނާގެ ދެދުނިޔޭގެ ރަސްގެފާނެވެ. ދާއިންއެވެ. ޔޫހާއަށް ގަނޑުވެފައި ހުރެވުނީ އެވެ. އެއީ އޭނާއަށް ފެންނަ ހުވަފެނެއް ބާއެވެ! ދާއިން ހަމަ އެނބުރި އައީ ބާއެވެ! 

ހައިފާ އާއި ދިމާއަށް ބަލަން ހުރި ދާއިންވެސް ހުރީ ޙައިރާން ވެފަ އެވެ. ޔޫހާގެ މަންމައަށް ދާއިން އިނގެން ޖެހޭ ސަބަބެއް ނެތެވެ. ދާއިން ޔޫހާއަށް ބަލާލި އެވެ.

ޔޫހާއާ ހަތަރު ކަޅި ހަމަވެގެން ދިއަ ވަގުތު ދާއިންއަށް ފުން އިޙުސާސް ތަކެއް ކުރެވިގެން ދިއަ އެވެ. ދިމާވި ހާދިސާއަށް ފަހު އޭނާގެ ހިތް ވަނީ ބަލިވެފަ އެވެ. ހަށިގަނޑަށް ވަނީ ވަރުބަލި ކަން އިޙުސާސް ކުރަން ޖެހިފަ އެވެ. ދާއިން އަވަސް އަވަހަށް ޔޫހާގެ މޫނުން ނަޒަރު ވަކިކޮށްލާ މަންމައަށް ބަލާލި އެވެ. ދާއިން އެ ހަދާލި ގޮތް ޔޫހާގެ ހިތަށް ތަދުކޮށްލައިފި އެވެ. ހިތުގައި ޝައްކު އުފައްދައިފި އެވެ. ދާއިން އެއައީ ޔޫހާއަށް ޓަކައެއް ނޫނެވެ. ހީވާ ގޮތުން ދާއިންގެ ކައިވެނިވެސް މިހާރު ވާނީ ކުރެވިފަ އެވެ. ޔޫހާ އަވަސް އަވަހަސް އިސް ޖަހާލި އެވެ. އަދިވެސް އޭނާއަށް އުއްމީދު ކުރެވެނީ މާ ބޮޑަށެވެ. 

ހައިފާގެ މޫނު މަތީން ފެންނަމުން ދިއައީ އުޖާލާ ކަމެވެ. ހީވީ އެތައް ދުވަހެއް ވަންދެން ގެއްލިފައިވާ ދަރިއަކު ފެނުނު ހެންނެވެ. ދާއިން ގެ ކިބައިން ހައިފާއަށް ފެނިގެން ދިއައީ އޭނާ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވެ ފިރިހެން ދަރިއަކަށް އެދެވުނު ހިނދު އޭނާއަށް އެދަރިފުޅުގެ ކިބައިގައި ހުރުމަށް އުއްމީދު ކުރެވުނު ސިފަ ތަކެވެ. ބަލާލަން ހިތްފަސޭހަ ތޯހިރު ކަމެވެ. މަޑުމައިތިރި ކަމާއި މާތް ގޮތެވެ. ދާއިން މަޑުމަޑުން ހިނގާފައި އައިސް ހައިފާގެ ކައިރިއަށް ހުއްޓުނެވެ. ޔޫހާގެ މަންމަގެ މޫނުމަތީން ފެންނަމުން ދިއަ އުފާވެރި ކަމާއި އެދެލޮލުގެ އުޖާލާ ވިދުވަރުގެ ސަބަބުން ފުރަތަމަ ބައްދަލު ވުމުންވެސް ދާއިންއަށް ބީރައްޓެހި ކަމެއް އިޙުސާސެއް ނުކުރެވުނެވެ. ދާއިން ހައިފާއާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލި އެވެ. ލޯތްބާއި އެކު ހައިފާ ދާއިންގެ އަތުގައި ހިފާލި އެވެ. ފުރަތަމަ ފަހަރަށް ފިރިހެން ދަރިއެއްގެ އިޙުސާސް އޭނާއަށް ކުރެވުނެވެ. ޔޫހާ ހުރީ އެ މަންޒަރު ބަލާށެވެ. މަންމަ އަށް ދާއިން ވަރަށް ކަމުގޮއްސިކަން ޔޫހާއަށް އެނގުނެވެ. އެހެން ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މަންމަގެ ދަރިއަކަށް ދާއިން ވުމަކީ މިހާރު ނެތް ގޮތެކެވެ. 

މައިވަންތަ ކަމުގެ ލޯބި ފެނިގެން ދިއަ ހިނދު ދާއިންގެ ނިކަމެތި ވެފައިވާ ހިތް އިތުރަށް ބަލި ކޮށްލައިފި އެވެ. އޭނާ މަޑުމަޑުން ހައިފާގެ ފައި ކައިރީގައި އިށީންދެލީ ޓައިލްސް މަތީގައި ދެކަކޫ ޖަހަމުންނެވެ. އޭނާގެ ހިތް ދުވަހަކުވެސް އެވަރަށް ބަލިކަށި ނުވެ އެވެ. ދާއިންގެ އެންމެ ގާތް އެކުވެރިޔާ ވަނީ ކުއްލިކަށް ވަކިވެފަ އެވެ. އަދި ޔާނާގެ މަރުގެ ޒިންމާ އުފުލަން ޖެހިފައި އެވަނީ ވެސް ދާއިން އަށެވެ. އޭނާއަށް ވަނީ ޔޫހާވެސް ގެއްލިފަ އެވެ. ޔޫހާއާ ނާމީގެ ކައިވެނި ވަނީ ތައްޔާރު ވެފަ އެވެ. ޔޫހާގެ ލޯބި އޭނާއަށް ދުވަހަކުވެސް ލިބުމެއް ނެތެވެ. 

" މަންމް!"
ދާއިންގެ ފަނޑު އަޑު ހައިފާގެ ކަންފަތުގައި ޖެހުނެވެ. އެތައް ފަހަރަކު ނާމީގެ އަޑު ޖެހުމުންވެސް ނުކުރާ ފަދަ އަސަރެއް ދާއިންގެ އެ އަޑު އިވުމުން ހައިފާއަށް ކުރެވުނެވެ. ހައިފާގެ އިތުރުން ޔޫހާ އަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ. ދާއިން އެހެން ގޮވާލަ ފާނެ ކަމަށް ހީވެސް ނުކުރެވެ އެވެ.

" ހާލު ރަނގަޅުތަ؟" 
އުނދަގުލުން އަހާލާ ފަދަ ގޮތަކަށް މަޑުމަޑުން ދާއިން އަހާލި އެވެ. ހައިފާ ބޯ ޖަހާލި އެވެ. އެ ދަރިފުޅުގެ ހާލު އަހާލަން ހައިފާ ބޭނުން ވިއެވެ. އެހެން ނަމަވެސް ނުކެރުނެވެ. 

އެވަގުތު ކޮޓަރިއަށް އައިސް ވަން ލޫނާއަށް ދާއިން ފެނުމުން ހުއްޓެވުނެވެ. ދައްތައަށް ޓަކައި އޭނާގެ ހިތް އުފަލުން ތެޅިގަތެވެ. އެހެން ނަމަވެސް ކޮންޓުރޯލް ކޮށްލަން މަޖުބޫރު ވިއެވެ. ދާއިން އެއައީ ހަނީމޫނު ދަތުރެއްގައި ނޫން ކަމެއްވެސް ނޭގެ އެވެ. ދައްތަގެ ފަރާތުން ލޫނާއަށް ވަނީ ދާއިން ކައިވެނި ކުރަން އުޅޭ ޚަބަރު ލިބިފަ އެވެ. ލޫނާ ދުރުގައި ހިނދު ކޮޅަކު މަޑުކޮށްލައިގެން ހުރީ ކޮންމެސް މީހަކު އެއްޗެއް ބުނާ އަޑު އަހާލާށެވެ. އިރުކޮޅެއް ވީއިރުވެސް އެކަކުވެސް އެއްޗެއް ނުބުނެ އެވެ. މިވަގުތު އެތަނަށް ވެރިވެފައި ވާ ހަމަ ހިމޭން ކަން ފޫދުއްވާލަން ލޫނާ ބޭނުން ވިއެވެ. އޭނާ ބޭނުން ވަނީ ނިކަން ކެރިގެން ދާއިންއާއި ސުވާލު ކުރާށެވެ. ހަޤީޤަތް ދައްތައަށް ސާފްކޮށް އެނގެން ވާނެއެވެ. އެހެން ނޫނީ ދުވަހަކު ވެސް ދޮންތީ ދާއިންއަށް އެކުރާ އިންތިޒާރުގެ ނިމުމެއް ނާންނާނެ އެވެ. 

ލޫނާ އައިސް މަންމަގެ ކައިރިއަށް ހުއްޓުމުން ދާއިން ލޫނާއަށް ހިނިތުން ވެލި އެވެ. އެއީ އަނގައިން ބުނެލަން ލޫނާއަށް ލިބުނު އިތުރު ހިތްވަރެކެވެ.

" ވައިފް ގޮވައިގެންތަ އައީ؟" 
ލޫނާ އަހާލި އެވެ. އެވަގުތު މަންމަގެ މޫނު މައްޗަށް ވެގެން ދިއަ ގޮތް ޔޫހާއަށް ރީތިކޮށް ފެނުނެވެ. ޔޫހާ އެވާހަކަ އަދި މަންމަ ގާތުގައި ނުބުނެ އުޅެނިކޮށް ކޮއްކޮ އެވާހަކަ އެ ބުނެލީ ކޮންކަހަލަ ދަނޑިވަޅެއްގައި ހެއްޔެވެ! ދާއިންއަށް އިސް ޖެހުނީ ލަދުންހެން ހީވެއެވެ. އިރުކޮޅަކު އިސް ޖަހައިގެން އިނދެފައި ދާއިން އިސް އުފުލާލުމެއް ނެތި ޖަވާބު ދިނެވެ.

" އައި ލޮސްޓް ހޭ!"
ޔޫހާގެ އިތުރުން އެތަނުގައި ތިބި އެންމެންގެ ހިތުގައި ސުވާލު އުފެދިގެން ދިއަ އެވެ. މިއަދު ދާއިންގެ މޫނުމަތީން އެފެންނަ ހިތާމަވެރި އަސަރަކީ އޭނާއަށް އެއަންހެން ކުއްޖާ ގެއްލިގެން ކުރެވޭ ހިތާމައިގެ އަސަރުކަން ޔަޤީން ވިއެވެ. ދާއިން އެނބުރި ޔޫހާ ފެންނަ ހިސާބަށް އެއައީ އެކުއްޖާ ދާއިން ދޫކޮށްލީމައި ހެއްޔެވެ! އެހެން ހިތަށް އެރުމުން ޔޫހާގެ ހިތް ކުޑަވި އެވެ. އޭނާ ލަދުވެސް ގަތެވެ. އޭނާ ދާއިންއަށް އެދުނު ވަރު މަންމައަށް ވެސް އިނގޭނެ އެވެ.

" އޭނަ.... ނިޔާވެއްޖެ!"
ދާއިން ހަމަ އެއިން ގޮތަށް އިސްޖަހައިގެން އިނދެ ބުންޏެވެ. އަނގައިން ބުނަން ނޭގިފައި އެންމެނަށް ތިބެވުނީ އެވެ. ހިތުގައި ހަމްދަރްދީ އުފެދުނު އިރު ސުވާލުތައް ވަނީ ގިނަވެފަ އެވެ. ކައިވެންޏަށް ތައްޔާރު ވެފައި ވަނިކޮށް ކުއްލިއަކަށް ދިމާވީ ކޮން ހާދިސާއެއްތޯ އޮޅުން ފިލުވަން ބޭނުން ވިއެވެ. 

" ސުއިސައިޑެއް! ބޭސް ތަކެއް ކާލީ!"
މަންމަގެ ކުރިމަތީގައި އިސް ޖަހައިގެން އިނދެ ދާއިން ވާހަކަ ދެއްކީ އިސް ނަގަން ނުކެރިފައި އިނދެ އެވެ. އެންމެން ތިބީ އިތުރަށް ދާއިންގެ ވާހަކަ އަޑުއެހުމުގެ ޝައުޤުވެރިކަން ބޮޑުވެފަ އެވެ. 

" އަހަންނާ ހެދި ވީގޮތެއް!"
އަނެއްކާވެސް ދާއިން ބުނެލި އެވެ. އޭނާގެ އަޑުވަނީ ފަނޑުވެފަ އެވެ.
" އެއީ ބައްޕަމެން ބޭނުން ވެގެން ރޭވުނު ކައިވެންޏެއް. އަހަރެން އިންކާރު ކުރީ! އައި ވޯސް އޮނަސްޓް! އަހަރެން ބުނީ.... އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެއޭ!"
އެހެން ބުނަމުން ދާއިން އިސް އުފުލާ ޔޫހާގެ ދެލޮލަށް ބަލާލި ގޮތުން ލޫނާގެ ގައިންވެސް ހީބިހި ނަގައިގެން ދިއައެވެ. މަންމަގެ ކުރިމަތީގައި އެގޮތަށް އިއުތިރާފު ވާން ދާއިންއަށް ކެރޭނެ ކަމަކަށް ޔޫހާ ހިއެއްވެސް ނުކުރެ އެވެ. ދާއިންގެ ފެންކަޅި ވެފައިވާ ދެލޮލަށް ބަލަން ޔޫހާއަށް ހުރެވުނީ ހިތްދަތިކަން ދައްކުވައިދޭ އުފާވެރި ހިނިތުން ވުމަކާއި އެކުގަ އެވެ. ހަށިގަނޑަށް ކުރަމުން ދިއަ އިޙުސާސްތައް ބުނެދެން ވެސް ނޭގެ އެވެ. ހައިފާވެސް އިނީ ދާއިންގެ މޫނަށް ބަލާށެވެ. މަންމަގެ ބަލި ހިތަށް ކުރި އަސަރުން ކަރުނަ އޮހޮރިގެންތަން ފެނުނެވެ. ލޯތްބަކީ ޒުވާން މަންމައަށް އާ އެއްޗެއް ނޫނެވެ. ބައްޕައާއި މަންމަގެ ލޯތްބަކީ ދަރީންނަށް ފެނުނު އެންމެ ޒުވާން ލޯތްބެވެ. 

ދާއިން އިރުކޮޅަކު އިނދެފައި އަނެއްކާވެސް އިސް ޖަހާލި އެވެ. ޔޫހާގެ މަންމަގެ ކުރިމަތީގައި އިނދެވުނު ކަން އޭނާއަށް ހަނދާންވީ އަދި ކިރިޔާ އެވެ. ދާއިންގެ މޫނުމަތީން ފެނުނު ލަދުވެތިކަން ފިލައިގެން ދިއައީ ހައިފާގެ އިނގިލިތައް ދާއިންގެ ދަތް ދޮޅީގައި ޖެހުމުންނެވެ. ދާއިން މަންމަގެ މޫނަށް ބަލާލި އެވެ. 

" ހިތްވަރު ކުރައްޗޭ!"
މަންމަ އެހެން އެބުނީ ކޮން މާނައެއްގައި ކަމެއް ނޭގެ އެވެ. އެއްޗެއް އަހާލުމުގެ ކުރީން ރޫމްގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ކޮޓަރީގެ ތެރެއިން ދާއިން ފެނުމުން ނާމީގެ މޫނު މަތީން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވެގެން ދިއަ އެވެ. ދާއިން މަޑުމަޑުން ތެދުވެލި އިރު ނާމީގެ ހިތުގައި ވާއެއްޗެއް އޭނާއަށް އިނގޭ ކަހަލަ އެވެ. ނާމީ އެތެރެއަށް ވަންނާކަށް ނަހަދަ އެވެ. އިރުކޮޅަކު ހުރެފައި އޭނާ ހިނގައިގަތީ ބޭރަށެވެ. އޭނާ ހުރީ ވަރަށް ރުޅިގަދަވެފައި ކަން އެތަނުގައި ތިބި އެންމެނަށް ވެސް އެނގުނެވެ. އޭގެ ސަބަބުވެސް ދާއިން އަށް އިނގެއެވެ. 

ދާއިން ބޭރަށް ނުކުތީ ނާމީގެ އަޑު އަހަން ބޭނުން ވެގެން ނެވެ. މިވަގުތު ނާމީއާއި ވާހަކަ ދައްކާލުން މުހިންމެވެ.
ދާއިން ބެލްކަނީއަށް ނުކުތްއިރު ނާމީ ރޭއިލިންގްގައި ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ ނޭވާ އަވަސްވެފައި ވާތަން ފެނުމުން ރުޅިގަދަވެފައިވާ ވަރު ހާމަ ވިއެވެ.

" ޔޫ ކިލްޑް ހޭ!"
ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވުމާއި އެކު ނާމީ ބުންޏެވެ. ޔާނާގެ މަރުގެ ޚަބަރު ކިތަންމެ ގޮތަކަށް ނާމީއާއި ހިސާބަށް ވާނީ ފޯރާފައިކަން ދާއިންއަށް އެނގުނެވެ.
"ޒުހުރީ އަންކަލްއަށް ކަމެއް ވިއަސް، ޔޫ ހޭވް ޓްބީ ރެސްޕޮންސިބަލް! ހީ ހަޑް އަ ހާރޓް އެޓެކް ލާސްޓް ނައިޓް!"
ދާއިންގެ މޫނުމަތި ރަތް ވެގެން ދިއަ އެވެ. އެއީ އޭނާއަށް އަދި ނޭގޭ ވާހަކަ އެކެވެ. ކޮއްކޮވެސް އެވާހަކައެއް ނުބުނެ އެވެ. ދާއިންއަށް އެއްޗެއް ބުނަންވެސް ނުކެރުނެވެ. ސުވާލެއް ކޮށްލަން ވެސް ނުކެރުނެވެ. ހަޤީޤަތުގައިވެސް އޭނާދެކެ އެވަރަށް ރުޅިއަންނަން ހައްޤެވެ.

" ހުރިހާ ކަމެއް ކޮށްފަ އެކަމުން ފިލަން ވެގެން މިތަނަށް އަޔަސް ނުރެކެވޭނެ. އުމުރު ދުވަހަށްވެސް އެ ބްލޭމް ނަގަން ޖެހޭނީ!"
ދާއިން އިސް ޖަހާލައިގެން ހުއްޓެވެ. މިވަގުތު މާލެ ދޫކޮށް އެތަނަށް އައުން އެއީ އޭނާއަށް ގޯހުން ކުރެވުނު ކަމެއްކަން އޭނާއަށް އިޙުސާސް ކުރެވުނެވެ. އިރުކޮޅަކު ހުރެފައި ދާއިން އެތަނުން ދާން ހިނގައި ގަތެވެ. އޭނާގެ ބޯހާސް ވެއްޖެ އެވެ. ޒުހުރީ އަންކަލްގެ ހާލު ބަލަން އޭނާ ބޭނުން ވިއެވެ. ލިފްޓަށް އެރުމާއި އެކު ދާއިން މާހިންއަށް ގުޅާލި އެވެ. މާހިން ފޯނުނެގީ ދެފަހަރަކު ގުޅި ފަހުންނެވެ. ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ބުނީ އައިސީޔޫ ދޮރުމަތީގައި ހުރި ވާހަކަ އެވެ. ޒުހުރީގެ ހާލު ސީރިއަސް ވާހަކަ އެވެ. އެހެން ބުނެފައި އިތުރު ވާހަކައެއް ނުދައްކާ ކޮއްކޮ ފޯނު ބޭއްވީ އެވެ. ކޮއްކޮވެސް ހުރީ ހިތްހަމަ ނުޖެހިފައިހެން ދާއިންއަށް ހީވި އެވެ. އެދަނޑިވަޅުގައި ބުނެވެސް ނުލާ ފުރައިގެން އިންޑިއާއަށް ދިއައީމަ ރުޅި އަންނަން ބޭނުން ނޫނަސް ރުޅި އާދެވޭނެ އެވެ. 

ދާއިންވެސް އަވަސްވެ ގަތީ މާލެ ދާށެވެ. މީ އޭނާ މާލެ ދޫކޮށް އެހެން ޤައުމަކަށް ދާންވީ ދަނޑިވަޅެއް ނޫނެވެ. ނަސީބަކުން ޓިކެޓެއް ވެސް ލިބުނެވެ. އެއަރޕޯޓަށް ދާން ޖެހުނީ ތެޅިގަނެގެންނެވެ. ހަމަ ނެވާ ލެވޭ އިރަށް އޭނާ ޔޫހާއަށް ގުޅާލި އެވެ. ޔޫހާ ހުންނާނީ އިންތިޒާރުގައި ކަން އިނގޭތީ އެވެ.

" މިވަގުތު މި ފުރަނީ އިނގޭ.... އެންމެނަށް ސަލާމް ބުނާތި! އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން! ޕްލީސް ވެއިޓް ފޯމީ!"
ކުރު އެހެނަސް މާނަ ފުން ބަސްކޮޅެއް ބުނެލާފައި ދާއިން ފޯނު ނިވާލީ އެވެ.

ނާމީ ހުރީ އެވަރަށް ތައްޔާރު ވެގެންނެވެ. ދާއިން އެ ހަދަން އުޅޭ އެއްޗެއް މިހާރު އޭނާއަށް ވިސްނިއްޖެ އެވެ. ދާއިން ޔޫހާ ކައިރިއަށް އައިލެއް އަވަހެއް ނޫން ހެއްޔެވެ! ހީވަނީ ޔާނާ ކައިރިން ސަލާމަތް ނުވެވިގެން ހުރި ހެންނެވެ. ނާމީ ބޭނުން ވަނީ އެވާހަކަ ޔާނާގެ ބައްޕައަށާއި ދާއިންގެ އާއިލާއަށް ކިޔައި ދޭށެވެ. މިއަދު އެންމެންގެ ނަފްރަތުވެސް ދާއިން އަށް ހައްޤެވެ. ޒުހުރީ އަންކަލް ސަލާމަތް ވިހާ އަވަހަކަށް ނާމީ އެވާހަކަ އެންމެނަށް ކިޔައި ދޭނެ އެވެ. މި ދަނޑިވަޅުގެ ތެރޭގައި ނާމީ ކުރަން ޖެހޭ ކަންކަން އަވަސް ކޮށްލަން ނާމީ ޤަސްދު ކުރި އެވެ. 

ގޮނޑީގައި އިނދެ އިޝާ ނަމާދު ކޮށް ނިމިގެން ހައިފާ ބަލާލިއިރު ކޮޓަރީގެ ސޯފާގައި ނާމީ އިނީ ހައިފާގެ އިންތިޒާރުގަ އެވެ. ނާމީ ފެނުމުން ހައިފާއަށް މިއަދު އުނދަގޫވި އެވެ. ނާމީ އަކީ އޭނާގެ ދަރިއެއް ފަދަ ކުއްޖެކެވެ. އޭނާއަށް އެހާ އޯގާތެރި، ހެޔޮ މީހެކެވެ. ނާމީއާއި ދެކޮޅަށް އެއްޗެއް ބުނަން އޭނާއަކަށް ނުކެރޭނެ އެވެ.

" ޔޫހާ ކައިރީ ބުނޭ، އަންނަ ބުރާސްފަތި ދުވަހު ކައިވެނި ކުރަން ރެޑީވާން!"
އެއީ ނާމީ ކުރި ރިކުއެސްޓެއް ނޫނެވެ. އެއީ އަމުރެކެވެ. އެއަޑު އިވިފައި ފާޚާނާއިން ނުކުތް ލޫނާއަށްވެސް ތެޅި ގަނެވުނެވެ. ނާމީއާއި ދެކޮޅު ހަދާކަށް ދޮންތީ އަކަށް ވެސް މަންމައަކަށް ވެސް ނުކެރޭނެ އެވެ. އެއީ ކަށަވަރު ކަމެކެވެ. ހަޤީޤަތުގައި ދެކޮޅު ހަދަން ނުވެސް ވާނެ އެވެ. އެހެން ނަމަވެސް އެތައް ބައެއްގެ ދިރިއުޅުން ހަލާކު ވާއިރު ބަލަން ތިބުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

މަންމައަށް އެއްޗެއް ބުނަން ނޭގިފައި އިންތަން ލޫނާއަށް ފެނުނެވެ. މަންމައަށް އެއްޗެއް ބުނަން ނޭގުނަސް ލޫނާ ބުނަން ބޭނުން ކިތަންމެ އެއްޗެއް އެބަ ހުއްޓެވެ!

" އަހަރެން ނާމީއާ ވާހަކަ ދައްކާލަން ބޭނުން!"
އެހެން ބުނެފައި ލޫނާ ބޭރާއި ދިމާއަށް ހިނގައި ގަތުމުން ނާމީވެސް އޭނާގެ ފަހަތުން ހިނގައި ގަތެވެ. 

ތަނަވަސް ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލަމުން، ކަނު އަނދިރި ރޭގަނޑަށް ފުރިހަމަ އަލިކަމެއް ގެނެސް ދެމުން އެދާ ހަނދަށް ލޫނާ ބަލާލި އެވެ. މިއަދު އޭނާ އެދައްކާ ކޮންމެ ވާހަކައަކަށް އެ ހަނދު ހެކިވާނެ ކަން ކަށަވަރެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލޫނާ ލޯ މަރާލި އެވެ. އެވާހަކަ އަކީ ދުވަހަކުވެސް އޭނާގެ ދުލުން ބޭރު ކުރަން ބޭނުން ނުވާ ވާހަކަ އެކެވެ.

" ދޮންތީ ނާމީއާ އިންނާކަށް ޤަބޫލެއް ނުވާނެ!"
ނާމީގެ މޫނުމަތި ދިއައީ ރަތްވެގެން ނެވެ. އެކަން ނާމީއަށް އިޙުސާސް ކުރެވޭތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ލޫނާއަށް އެހެން ބުނަން ކެރުނީތީ ނާމީ ޙައިރާންވި އެވެ. ނާމީއަށް އެއްޗެއް ނުބުނެވުނީ ރުޅިގަދަވި ވަރުން ނެވެ. 

" ކީއްވެކަން އިނގޭތަ؟"
ސުވާލު ކޮށްލަމުން ލޫނާ ފުރަގަހަށް އެނބުރި ނާމީއާއި ހަތަރު ކަޅި ހަމަކޮށްލި އެވެ. 
" އަހަރެން ނަކަށް ޤަބޫލެއް ނުވެވޭނެ!"
ނާމީގެ ނިއްކުރިއަށް އިތުރު ރޫ ތަކެއް އަރައިގެން ދިއަ އެވެ.
" އެއީ ކީއްވެކަން އިނގޭތަ؟"
އަނެއްކާވެސް ލޫނާ އަހާލި އެވެ. މަޑުމައިތިރިކަމާއި އެކު ސީދާ ނާމީގެ ދެލޮލަށް ބަލަން ހުރެ އެވެ.
ދެން އައީ ހިމޭން ވަގުތު ކޮޅެކެވެ. އެއްޗެއް ބުނަން ދެމީހުންނަށް ވެސް ދަތިވި އެވެ.
" ބިކޯޒް..... އައި ލަވް ޔޫ!" 

ކޮމެންޓް 0