ޔޫހާ ބިރުން ތުރުތުރު އަޅައިގަތެވެ. އެ އިންޑިޔާގައި އޭނާއަށް ދިމާވި ގޮތް އޭނާ އަދި ހަނދާން ނުނެތެ އެވެ. އެވަގުތު ނާމީގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އެއީ އިންޑިއާ ނަންބަރެކެވެ. ނާމީގެ ހިތްވެސް ތެޅިގަތެވެ. ނާމީ ފޯނު ކަންފަތުގައި ޖެހި އިރު ލޫނާގެ ހަޅޭކުގެ އަޑު ޔޫހާއަށް ވެސް އިވިގެން ދިއަ އެވެ!

" ހަލޯ!"
ނާމީ ފޯނު ހިފައިގެން ކޮޓަރީން ބޭރަށް ބާރަށް ހިނގައި ގަތީ ހާސްވި ވަރުންނެވެ. ނާމީގެ ފަހަތުން ޔޫހާވެސް ހިނގައިގަތެވެ.
" ލޫނާ!"
ނާމީއަށް ވެސް ވާހަކަ ދެއްކުނީ ބާރަށެވެ.
" ނާމީ....! ނާމީ....!"
ލޫނާގެ ހަޅޭކުގެ އަޑު ގަދައެވެ.
" ލޫނާ ކޮންތާކު؟ ލޫނާ!"
ނާމީ ހުއްޓި ނުހުރެ ދެކޮޅަށް ހިނގަމުން ދިއައިރު ޔޫހާވެސް ތެޅި ފޮޅެނީ އެވެ. ކުއްލިއަކަށް ލޫނާގެ ހަޅޭކުގެ އަޑު މެދު ކެނޑުނު ގޮތުން އަނގަމަތީގައި މީހާކު ހިފެހެއްޓިހެން ހީވެއެވެ. ދެން އެކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. އެއަޑު ދެނެގަންނާކަށް މާ ގިނަ އިރެއް ނުނެގި އެވެ.

" ކަލޭ ކޮން ނާމީ؟ "
އެމީހާގެ އަޑު ނާމީއަށް އިވުމާއި އެކު އެއީ ކާކުކަން އެނގުނެވެ. 
"ޝަމްސު!"
ދެލޯ ބޮޑުކޮށްލަމުން ނާމީ ޔޫހާއަށް ބަލާލި އެވެ. ޔޫހާގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. ބިރުން ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ.
" ކިތައް ރުފިޔާ ކަލޭ ދޭނީ؟ ކަލޭ ބުނަން ބޭނުން!"
ޝަމްސުގެ ބަރު އަޑު ކަންފަތުގައި ޖެހުނު އިރު ފަހަތުން ލޫނާގެ ކުކުރުމުގެ އަޑު އިވެމުން ދިއައެވެ.
" ކިހާ ވަރެއް ބޭނުމީ....! ބާސްޓަޑް! އޭނަ ދޫކޮށްލާ!"
ނާމީ ފާރުގައި ޖަހާލިލެއް ބާރު ކަމުން ދޮރުތަކުން ވެސް އަޑު ކިއައިގެން ދިއައެވެ. ނާމީގެ އަޑު އިވިފައި އެކޮޅުން ބާރު ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. ނާމީގެ ރުޅިގަނޑު ދިއައީ އިތުރު ވެގެންނެވެ.
" ކަލޭ ހަޑިއެއްޗެހި ކިއަން ބޭނުންތަ؟ އަހަރެން ހަޑި ކަންތައް ކުރެވެނީ މިގަޑީ!"
ލަދާ ހަޔާތުގެ ކަންފުޅެއްވެސް ނެތް ޝަމްސުގެ އަޑު އިވުމުން ނާމީ ވެސް ބިރު ގަތެވެ. ލޫނާ އަށްޓަކައި ނާމީ އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން މަސައްކަތް ކުރި އެވެ.

" ލާރި ހިފައިގެން ކޮންތާކަށް ދާންވީ؟ ކިހާ ވަރެއް ބޭނުމީ؟"
ނާމީ އަވަސް އަވަހަށް އެހި އެވެ. ސަމްސު އެދޭ ވަރަކަށް ފައިސާ މިވަގުތު އަތުގައި ނެތް ނަމަވެސް ކޮންމެސް ގޮތެއް ހެދޭތޯ ބަލަން ނާމީ ބޭނުން ވިއެވެ. 
" އަނ، ކަލޭ މިހާރު ބަރާބަރު ވާހަކަ ދައްކަނީ! މިރޭ އަހަރެން ރެސްޓު ކުރަނީ....! މާދަމާ ގުޅާނީ!"
އެހެން ބުނުމާއި އެކު އެކޮޅުން ފޯނު ކަނޑާލައިފި އެވެ. 
" ޝިޓް!" 
ނާމީ އަކަށް ކުރެވޭނެ ކަމެއް ނެތެވެ.

އަނގަމަތީގައި އަތް އެޅި ގޮތަށް ދެލޯ ރަތްވެފައި ޔޫހާ ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ. އަނެއްކާވެސް ނާމީ އެ ނަންބަރަށް ގުޅޭތޯ އުޅުނެވެ. ފޯނެއް ނުނަގަ އެވެ. ބޮލުގައި ހިފަހައްޓައިގެން ނާމީ ކޮފީ ޓޭބަލުގެ މަތީގައި އިށީނެވެ. ކަންބޮޑުވީ އިންތިހާ އަށެވެ. ކުށްވެރި އަކީ އޭނާ އެވެ. ލޫނާ ކައިރީ ކިއައި ގަނެގެން ލޫނާ ބޭރަށް ގެންގޮސް، ނުދަންނަ ހިސާބަކަށް ދޫކޮށްލާފައި އައުމަކީ ކިހާ ބޮޑު ޖަރީމާއެއް ހެއްޔެވެ! ޔޫހާ ދުވަހަކު ވެސް އޭނާއަކަށް މަޢާފެއް ނުކުރާނެ އެވެ.

" އަދިވެސް ގުޅާބަލަ!"
ޔޫހާ ރޮއިގަންނަމުން ނާމީގެ ފައި ކައިރީގައި ދެކަކޫ ޖަހާ އިށީނީ އާދޭސް ކުރަމުންނެވެ.
އަނެއްކާވެސް ނާމީ މަސައްކަތް ކުރި އެވެ. ނުގުޅޭނެ ކަން އެނގި ހުރެ އެވެ.
" ދެން ޕޮލިހަށް ގުޅާ! ޝަމްސުގެ ވާހަކަ އަންގާ....! އަވަސް ކޮށްބަލަ!"
ނާމީގެ ޓީޝަރޓްގައި ހިފާ ދަމަމުން ޔޫހާ ތަޅުވައި ގަތެވެ. އެންމެ ވަގުތު ކޮޅެއްވެސް ކޮއްކޮ އެތަނުގައި ހުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އިނގޭނީ ޔޫހާ އަށެވެ. ޕޮލިހަށް އެންގުމަކުން ވާނެ މާބޮޑު ފައިދާއެއް ނޯންނާނެކަން ނާމީއަށް އިނގެ އެވެ. އެހެން ނަމަވެސް ނާމީ ޕޮލިހަށް ގުޅާ ރިޕޯޓް ކުރި އެވެ. ޝަމްސް ޖަލުން ދޫކޮށްލި ކަމަށް ވަނީ ހަފްތާއެއްގެ ކުރީން ނެވެ. 

" އެމީހުން ކޮއްކޮ އަށް ކޮންމެ ގޮތެއްވެސް ހަދާފާނެ!"
ޔޫހާ ބާރަށް ރޮމުން ބުންޏެވެ.
" ނޫން.... ނަހަދާނެ...!"
ޔާޤީން ކަމާއި އެކު ނާމީ ބުންޏެވެ.
" އެމީހުން އެއުޅެނީ ބިރު ދައްކައިގެން އަގު ބޮޑު ކުރަން....! ކޮއްކޮ އަކަށް ގޮތެއް ނަހަދާނެ!"
ނާމީ އެހެން ބުންޏަސް ޔޫހާ ޤަބޫލެއް ނުކުރެ އެވެ. ޝަމްސު އަކީ ގިނަ ވަގުތު ހަމަހެއިން ބޭރު ވެފައި ހުންނަ މީހެކެވެ. އޭނާ ކޮއްކޮއަށް ކޮންމެ ގޮތެއް ވެސް ހަދާފާނެ އެވެ. އަދި ބޭނުން ހިފާލުމަށް ފަހުގައި ވެސް އޭނާއަށް ކޮއްކޮ ވިއްކާ ލެވޭނެ އެވެ. އޭނާއަށް ނެގުނު ކޮންމެ ފައިދާއެއް މިފަހަރު އޭނާ ނަގާނެ އެވެ.

" ކަލޭ ބުނީ އަހަރެން ޗީޑިދޯ!" 
ލޫނާގެ ބޮލުގެ އިސްތަށިގަނޑު އަތަށް އޮޅާލާ ލޫނާގެ މޫނު ޝަމްސުގެ މޫނާ ގާތް ކޮށްލަމުން ޝަމްސް އޭނާގެ ކޮބަޑި ދަތްތައް ދައްކާލީ ފަޚުރުވެރި ކަމާއި އެކުގަ އެވެ. ބިރުން އަނގައިން ބަހެއް ބޭރު ނުވެފައި ލޫނާއަށް އިދިފުށަށް އޮންނަން ޖެހުނުއިރު ހީވަނީ އޭނާގެ ބޮލުގެ ހުރިހާ އިސްތަށިތަކެއް އުފުރިގެން އަތުވެދާނެ ހެންނެވެ. 
" އަހަރެން ޗީޑި؟"
ސަމްސްގެ ނޭވާ އެޅޭހާ ގާތަށް ލޫނާގެ މޫނު ދަމާލަމުން ޝަމްސް އޭނާގެ ރަތް، ދިގު ދޫ ނެރެލި އެވެ. ދުވައިގެން ވަސް ގަނޑުން ބޮލަށް އެނބުރުން އެރި ނަމަވެސް ގަދަ ހެދޭކަށް ނެތެވެ.
" އަހަރެން ކަލޭ ވަރަށް ލޯބި ކުރަން ބޭނުން! "
އެއްއަތުން ލޫނާގެ ބޮލުގެ އިސްތަށިގަނޑާއި އެކު ބޮލުގެ ފުއްކިބައިގައި ހިފަހައްޓައިގެން ހުރެ އަނެއް އަތުން ލޫނާގެ ދެކޮލަށް ފިތާލުމުން ލޫނާ އޭނާގެ މޫނު ޝަމްސްއާ ދުރަށް ޖައްސާލަން ކުރި މަސައްކަތް ވީ ބޭކާރެވެ. 

ޔޫހާ ހުރީ ކޮޓަރިއަށް ވަންނަން ނުކެރިފަ އެވެ. މަންމަ ގާތުގައި ބުނާނެ އެއްޗެއް އޭނާ އަކަށް ނޭގުނެވެ. މަންމަ އަދި މުޅީން ރަނގަޅު ނުވެ އުޅެނިކޮށް އެވަރުގެ ޚަބަރެއް މަންމައަށް ދޭކަށް ނުވާނެ އެވެ. މަންމަވެސް އެއިނީ ލޫނާގެ ޚަބަރެއް ނުވެގެން ކަންބޮޑުވެފަ އެވެ. މިވަގުތު މަންމަ ގާތުގައި ބުނާނެ އެއްޗެއްވެސް ނޭގެ އެވެ. ޔޫހާ ދޮގު ހަދަން އުޅުނަސް ޔޫހާ ފެންނަ އިރަށް މަންމައަށް އިނގޭނެ އެވެ. އެހެން ނަމަވެސް މަންމައަށް އެއްވެސް ޚަބަރެއް ނުވެއްޖެއްޔާވެސް މަންމަގެ ހާސްކަން އިތުރުވާނެ އެވެ. އެހެން ކަމުން މަންމަގެ ކޮޓަރިއަށް ދިއައީ ނާމީ އެވެ. އެނދުގައި އިށީނދެ ކަންބޮޑުވެފައި އިން ހައިފާއަށް ނާމީ ފެނުމުން ހިތްހަމަ ޖެހުމެއް ލިބުނެވެ. ލޫނާވެސް ހޮޓަލަށް އަތުވެއްޖެ ކަން ޔަޤީންވި އެވެ.

" ހާދަ ލަސް ވަންދެން ބޭރުގަ ތިއުޅުނީ....ހާދަ ކަންބޮޑު ވެއްޖޭ!"
ހައިފާގެ އަޑުގައި ވެސް ވަނީ ހާސްކަމެވެ.
" ބޭރަކު ނޫނޭ.... ހޮޓަލުގަ މިއުޅެނީ!"
ނާމީ އާދައިގެ ގޮތެއް ދައްކަން މަސައްކަތް ކުރި އެވެ.
" ތިރީގަ ކުޑަ ހަފްލާއެއް އޮވެގެން ޔޫހާވެސް އެކަމުގަ ބައިވެރިވާން އެ ދިއައީ....! ދެން ނިދާލާ!"
މަންމަ އެނދުގައި ބާއްވަން މަސައްކަތް ކުރަމުން ނާމީ ބުންޏެވެ. ލޫނާގެ ވާހަކަ ނުދައްކާ ސަލާމަތް ވެއްޖެއްޔާ އިތުރު ދޮގެއް ނަހަދާ ސަލާމަތް ވީއެވެ. ހެނދުނު އިރު އަރާއިރަށް ލޫނާ ގެނެވޭނެ ކަމުގެ ޔަޤީންކަން ނާމީއަށް އެބަ އޮތެވެ. އެހެން ވީމައި މަންމައަށް އަންގާނުލާ އެކަން ކޮށްލެވިދާނެހެން ނާމީއަށް ހީވެ އެވެ.

ވެފައިވާ ވަރުބަލި ކަމާއިއެކު ނާމީގެ ބަސް ޤަބޫލު ކޮށްގެން ވަރަށް ފަސޭހައިން ހައިފާ އޮށޯވެލި އެވެ. ހައިފާގެ ގައިގައި ކުއިލްޓް އަޅާދިނުމަށް ފަހު ނާމީ އަވަސް އަވަހަށް ބޭރަށް ދާން ހިނގައި ގަތެވެ. 
" ލޫނާ ކޮބާ؟"
ދޮރުން ނުކުތުމުގެ ކުރީން ނާމީއަށް އެއަޑު އިވުނެވެ. އެހެން ނަމަވެސް އިވޭ ކަމަކަށް ނަހަދަ އެވެ. ހައިފާވެސް އެއީ މާ ބޮޑު ކަމަކަށް ނަހަދަ އެވެ. ކަމެއް ގޯސް ވާނަމަ ޔޫހާ އަންގާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ.

ބޭރު ސޯފާގައި އިނދެ ރޮއި ރޮއި ގޮސް ޔޫހާގެ ހަށިގަނޑުގެ ވަރު ދެރަވާ ހިސާބަށް ހިނގައްޖެ އެވެ. ޝަމްސްގެ އަނިޔާވެރި ކަމާއި ނުބައިކަން އޭނާއަށް ވުރެ ބޮޑަށް އިނގޭނީ ކާކަށް ހެއްޔެވެ! އެހާ ދުވަސް ފަހުންވެސް ޝަމްސު އެމީހުންނަށް ފާރަލައިގެން ކޮއްކޮ އެ އަތުލައި ގަތީ ސަބަބެއް ނެތިއެއް ނޫނެވެ. ޔޫހާއަށް ދިމާވި ނުރައްކާތެރި ވަގުތު ތައް ޔޫހާގެ ލޮލުގެ ކުރިމަތީގައި ސިފަވަމުން ދާން ފަށައިފި އެވެ. އޭނާ ހަނދާނުން ފޮހެލަން މަސައްކަތް ކުރަމުން ދިއަ އެ ބިރުވެރި ދުވަސްތައް އަލުން އިއާދަ ވެއްޖެ ފަދަ އިޙުސާސެއް ކުރެވެން ފަށައިފި އެވެ. ކޮއްކޮއަކީ އޭނާ ހާ ހިތްވަރު ގަދަ ކުއްޖެއް ނޫނެވެ. މަންމައާއި ބައްޕަ ކޮއްކޮ ގެންގުޅެފައި ވަނީ އުމުރަށް ވުރެވެސް ހަގު ކޮށެވެ. މިވަގުތު ކޮއްކޮ ގަންނާނެ ބިރާ ރޯނެވަރު އޭނާއަށް ރަނގަޅަށް އިނގެ އެވެ. 

" ޔޫހާ އަހަރެންގެ ރޫމްގަ ޖައްސާލަން ވީނުން....! އެހެން ނޫނީ ޔޫހާ މާ ބޮޑަށް ބަލިވެދާނެ.... އޭރުން މަންމަ އަށް ވަރަށް ދެރަވާނެ!"
ނާމީ ޔޫހާގެ ކޮނޑުގައި ހިފަހައްޓާލާ ގޮނޑީން ނަގަން މަސައްކަތް ކުރި އެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. މަންމައަށް ޓަކައިވެސް ޔޫހާ ހިތްވަރު ކުރަން މަޖުބޫރެވެ.
" ﷲ އިރާދަފުޅު ކުރެއްވިއްޔާ މާދަމާ ހެދުނު އަހަރުމެންނަށް ލޫނާ ސަލާމަތް ކުރެވޭނެ!"
ނާމީ ޔޫހާއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ. ޔޫހާ ހާސްވަނީ މާދަމާ ހެދުނު ވަންދެން ވެސް ކޮއްކޮގެ ހާލެއް ނޭގޭތީ އެވެ. ސަލާމަތުން ހުންނާނެ ކަމުގެ ޔަޤީން ކަމެއް ވެސް ނެތީތީ އެވެ. ނާމީގެ އެހީ އާއި އެކު ޔޫހާ ނާމީގެ ކޮޓަރިއަށް ދިއަ އެވެ. އޭނާ އެނދުގައި ބޭއްވުމަށް ފަހު މަގަތުން އިށީންދެ ނާމީ އިނެވެ. އިރުއަރަން ގާތްވެފައި ވަނިކޮށް ޔޫހާއަށް ލޯމެރުނު އިރުވެސް ނާމީ ހަމަ އެއިން ގޮތަށް އިނެވެ. އޭނާ އިނީ އިންތިހާއަށް ދެރަވެފަ އެވެ. ލޫނާ ފަދަ މަޢުޞޫމް ތޯހިރު ކުއްޖަކަށް ވެދާނެ ގޮތަކާއި ދޭތެރޭގައި އޭނާގެ ހިތް ވަނީ ބިރުގެންފަ އެވެ. ލޫނާއާއި އެންމެ ފަހުން ދެކެވުނު ވާހަކަތައް އޭނާގެ ހަނދާނަށް އަންނަމުން ދިއަ އެވެ. ލޫނާ އޭނާ ގާތުގައި އެބުނާ ވާހަކަ އަކީ ހަމަ ތެދު ކަމުގައި ވެދާނެ ބާއެވެ! ހަޤީޤަތުގައިވެސް ލޫނާއަށް ނާމީ ދެކެ ލޯބިވެވުނީ ބާއެވެ! އެހެން ކަމަށް ވާނަމަ އެ ލޯބީގެ އަގު ނާމީއެ އަދާ ކުރީ ކިހިނެތް ހެއްޔެވެ! ނާމީ އޭނާގެ ދެއަތުން މޫނު ނިވާ ކޮށްލި އެވެ. އެވަގުތު އޭނާގެ ލޮލުގެ ކުރިމަތީގައި ލޫނާގެ ހިނިތުންވެފައިވާ ޅަ މޫނު އެނބުރި ގަތެވެ. ލޫނާގެ އެ ދެލޮލުން އޭނާއަށް ފެނުނީ މަޢުޞޫމް ކަމެވެ. ތެދުވެރި ކަމެވެ. އަލަތު ލޯބީގެ ނިޝާން ތަކެވެ. ފުރަތަމަ ފަހަރަށް ނާމީގެ ހިތުގައި ލޫނާއަށް ޓަކައި ވިންދު ޖަހާލައިފި އެވެ.

ކިތަންމެ ހިތްދަތި ވިއަސް، ތަދުވިއަސް ރޮއި ހަޅޭއްލަވަން ވެސް އަނގަ ހުޅުވާލަން ނުކެރި ދެތުންފަތުގައި ބާރަށް ދަތް އަޅައިގެން ނޯށުން ހަޅޭއްލަވަން މަސައްކަތް ކޮށްކޮށް ލޫނާ ގެ ކަރު ތެރެވެސް ފާރު ވެއްޖެ އެވެ. ޝަމްސުގެ ކުނި އަނގަ ގަނޑު ލޫނާގެ މުޅި މޫނުގައި ހާކަމުން ދިއައީ ހަމަ އެކަނި ޖެއްސުމަކަށް ނޫނެވެ. އޭނާގެ ދަހިވެތި ބީހުންތަކުން ލޫނާއަށް ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ޝަމްސުގެ ހަށިގަނޑުގައި އަނދަމުން ދިއަ އަލިފާންގަނޑު ހިނދުކޮޅަކަށް ވުރެ ހިނދު ކޮޅަކަށް ގަދަވަމުން ގޮސް ކޮންމެ ވަގުތެއްގައިވެސް ހުޅު ފަޅައިގެން ހިނގައި ދާނެހެން ހީވެ އެވެ. 

ކޮމެންޓް 0