" އަހަރެން ކިހާ އާދޭހެއް ކުރީން... ކިހާ ވަރަކަށް ރުއީން... އެކަމަކު މާހިންގެ ފުރާނައިގެ އަގެއްގެ ގޮތުގަ އަހަރެން އަތުން ދަމައިގަތީ ކޯންޗެއް....! އަހަރެން ޖެހުނީ މާހިން ދޫކޮށްލަން.... ޤައުމުވެސް ދޫކޮށްލަން.... މިދަރިފުޅަކީ ޔަތީމު ކުއްޖަކަށް ހަދަން....!"
މިމީ ބަނޑުގައި އަތް ޖައްސަމުން ރޮމުން، ބާރަށް އެބުނި އެއްޗެއްގެ އަޑާއި އެކު ޝޮކް ލިބުނީ ހަމައެކަނި ދާއިން އަކަށް ނޫނެވެ. އެބުނި އެއްޗެއް ތައުފީޤަށް ވެސް އިވިއްޖެ އެވެ. 

" މާހިން ޖަލުން ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރީމަ ބައްޕަ އެކަން ކޮށްދިނީ އަހަރެން މާހިންގެ ދިރިއުޅުމުން އުމުރަށް ވަކިވާން އަންގާފަ..... އަހަރެން މާހިންގެ ދަރިއަކަށް ބަލިވެ އިން ވާހަކަ ބުނީމަ.... ކީކޭ ބުނީ... މާހިންގެ ފުރާނަ ބޭނުމިއްޔާ..... ބަނޑުބޮޑު ކަންވެސް މާހިންއަށް އަންގައިގެން ނުވާނޭ....!"
އިވެމުން ދިއަ ވާހަކަ ތަކުގެ ސަބަބުން ހުއްޓުން އަރާފައި އެންމެނަށްމެ ތިބެވުނީ އެވެ. ވާހަކަ އަކަށް ފަހު ވާހަކަ އަކުން ދާއިންގެ ޙައިރާންކަން އިތުރު ކުރުވަމުން ދިއަ އެވެ. މާހިންގެ ދަރިއަކަށް މިމީ ބަނޑު ބޮޑުކަން އެނގި އެނގި ހުރެ އެވަރުގެ ކަމެއް ބައްޕައަށް ކުރަން ކެރުނީތީ އޭނާ ހަމަ އެކަނި ޙައިރާން ވީއެއް ނޫނެވެ. އޭނާގެ ހިތް ބައްޕަގެ މައްޗަށް ނަފްރަތުން ފުރިގެން ދިއައެވެ. 

" މާހިންއަށްޓަކާ އަހަރެން ނުވަނީ ކޮން ޤުރުބާނީއެއް.... މިހާތަނަށް އަހަރެންގެ އަމިއްލަ ބައްޕައަށް ވެސް ނޭގޭނެ އަހަރެން ބަލިވެ އިންކަމެއް..... "
މިމީ ރޮމުން ޖައުފަރާއި ދިމާއަށް ހިނގައިގެން އިރު އޭނާ ހީވަނީ ދެންމެ ދެންމެ އަރިއަޅާލަ ފާނެ ހެންނެވެ. 
" ކޮންމެ ފަދަ ހާލެއްގަވެސް އަހަރެން ބޭނުންވީ ހަމަ އެންމެ އެއްޗެއް.... މާހިންގެ ފުރާނަ.... ހަމަ އެކަނި މާހިންގެ ފުރާނަ....!"
މިމީ ޖައުފަރުގެ ގަމީހުގައި ދެއަތުން ހިފެހެއްޓި އެވެ.

" ބުނީ މެއްނުން.... އަހަރެން މާހިންގެ ދިރިއުޅުމުން ދުރަށް ހިނގައްޖެއްޔާ މާހިން ހުންނާނީ ސަލާމަތުންނޭ....! މާހިން ސަލާމަތް ކޮށްދީ....! މާހިން ސަލާމަތް ކޮށްދީ.....! "
ރޮމުން ރޮމުން ގޮސް މިމީ ޖައުފަރުގެ ފައި ބުޑަށް ތިރިވެއްޖެ އެވެ. އޭނާއަށް ބިމުގައި ދެކަކޫ ޖެހުނު އިރުވެސް ޖައުފަރު ގާތުގައި އާދޭސް ކުރުމެއް ނުހުއްޓެ އެވެ. އިސް ޖެހިފައި ހުރި ޖައުފަރު އިސް އުފުލާ މޫނު އަނބުރާލަން ޖެހުނީ ކެތް ނުވެގެންނެވެ. އޭނާއަށް މިމީއާއި ދިމާއަށް ބަލާކަށް ކުޅަދާނައެއް ނުވި އެވެ. 

އަމިއްލަ ދަރިފުޅަށް މަރުގެ އިންޒާރު ދީފައި އެދުވަހު މިމީ މާހިންއާއި ދުރަށް ފޮނުވާލި އިރު އެހިތުގައި ރަޙުމެއް ނެތް ނަމަވެސް މިއަދު އެހިތުގައި ރިހެމުން ދަނީ ކެތް ނުވާ ވަރަށެވެ. އެދުވަހުގެ ވާހަކަތައް މިމީ މިއަދު އެންމެންގެ ކުރިމަތީގައި ހާމަ ކުރުމުން ޖައުފަރު ގަތީ ލަދެއް ނޫނެވެ. އޭނާ ވީ ދެރަ އެވެ. އެވަރުގެ ކުށެއް އޭނާއަށް ކުރެވުނީތީ އެވެ. އަމިއްލަ ބަފައަށް ވުރެން މާހިންދެކެ ލޯބިވާ ވަފާތެރި އަނބިމީހާ މާހިންއާއި ދުރު ކޮށްލެވުނީތީ އެވެ. އަދި އޭގެ ނަތީޖާ އެހާ ހިތި ވީތީ އެވެ. 

ޖައުފަރަށް ތެޅިގަނެވުނީ އޭނާ އަރައިގެން ހުރި އަގުބޮޑު ފައިވާނުގެ މަތީގައި މިމީގެ އަތް ބާއްވާލި ވަގުތު މިމީގެ ފިނިފިނި އިނގިލިތައް ޖައުފަރުގެ ފައިގެ ހަންގަނޑުގައި ބީހުމުންނެވެ.

" ހެޔޮނުވާނެ.... ﷲއަށްޓަކާ.... މާހިންއަށް އެހީވެދީ....! ހެޔޮނުވާނެ! އަހަރެން އަދިވެސް ހުވާ ކޮށްފަ މިބުނަނީ... ދެންވެސް އަހަރެން މާހިން ފެންނަ ހިސާބަކަށް ނުދާނަން... މި ދަރިފުޅަށް ވެސް ބައްޕައަކީ ކާކު ކަމެއް ނާންގާނަން.... މާހިން ސަލާމަތް ކޮށްދީ....!" 
ޖައުފަރަށް މިމީއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު މިމީގެ އެ ރަތްވެފައި ވާ މޫނާއި ލޭކުލަ އަރާފައިވާ ދެލޯ ފެނުމުން ޖައުފަރަކަށް ކެތެއް ނުވި އެވެ. އޭނާ ކުއްލިއަކަށް ގުދުވެ މިމީގެ ކޮނޑުގައި ހިފެހެއްޓި އެވެ. 
" ޕްލީސް....!"
އެވަގުތު ވެސް މިމީ އާދޭސް ކުރި އެވެ.
ނިކަމެތި އެއަންހެން ކުއްޖާގެ ހާލު ފެނިފައި ޖައުފަރުގެ ލޮލުން ކަރުނަ އޮހިގަތީ އިޒުނައަކާއި ނުލަ އެވެ. ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. އޭނާ އަވަސް އަވަހަށް މިމީ ނަގާ އޭނާގެ މޭގައި ޖައްސާލި އެވެ.
" އައި އޭމް ސޮރީ....! އައި އޭމް ސޮރީ....! ބައްޕައަށް މަފް ކުރޭ....!"
މިމީގެ ބުރަކަށީގައި އަވަސް އަވަހަށް އަތް ކާއްތާލި ގޮތުންވެސް ޖައުފަރަށް އަސަރު ކޮށްފައިވާ މިންވަރު ހާމަ ވެގެން ދިއަ އެވެ. ތައުފީޤް އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އެ ވަގުތު ކޮޅަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އަސަރު ގަދަ ވަގުތު ކޮޅެވެ. ޖައުފަރު ފަދަ ހިލަ ހިތެއްގެ ވެރިއަކު އެފެންވަރަށް ކުޑަވާން ޖެހޭ ދުވަހެއް އަތުވެދާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. 

ބައްޕައަށް ކުރެވުނު ކުށް އިޙުސާސް ކުރެވިއްޖެ އެވެ. އެކަން ވެއްޖެ އެވެ. އެހެން ނަމަވެސް ދާއިންގެ ހިތް އަދިވެސް ބައްޕަގެ މައްޗަކަށް ސާފެއް ނުވެއެވެ. މާހިންއަށް ކަމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ބޮލުގައި އަޅަން ޖެހޭނެ މީހަކީ ބައްޕަ އެވެ. މާހިންއަށް ކަމެއް ވެއްޖެއްޔާ ދާއިން ވެސް އޭނާގެ ބައްޕައަށް ގެއްލޭނެ އެވެ. އެއީ ދާއިން ނިންމާފައިވާ ގޮތެވެ. 

ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އަންނަތަން ފެނުނީ ނާމީއާއި ލޫނާ އެވެ. އެމީހުންވެސް ދުބާއީއަށް އައީ ހަމަ ޖައުފަރު މެންނާއި އެއް ފުލައިޓަކުންނެވެ. ޔޫހާއާއި ލޫނާ އެވާހަކަ ހިއްސާކޮށްފައި ވީ ނަމަވެސް ހާސްކަން ބޮޑުވެފައި ވީ ވަރުން އެހެން މީހެއްގެ ގާތުގައި އެވާހަކަ ބުނެލާނެ ވަގުތެއް ވެސް ނުވި އެވެ. 

ވަކި ހިސާބަކަށް އައިސްފައި ނާމީ އާއި ލޫނާ ވެސް ހުއްޓުނެވެ. ތަނުގެ މައުހައުލު ފެނުމުން ބިރުވެރި ކަން ހިތުތެރޭގައި ބޮޑުވި އެވެ. އެތަނުގައި ތިބި އެންމެން ރޮނީ އެވެ. މިމީގެ ގައިގައި ހިފަހައްޓައިގެން ހުރެ މާހިންގެ ބައްޕަވެސް ރޮނީ އެވެ. މިއީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ! ލޫނާގެ މޭގެ ތެރެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލެވުނު ހެންނެވެ. ބިރުން ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި މީހަކު ޚަބަރެއް ދެންދެން މަޑުކޮށްލެވުނީ އެވެ. 

" އެކްސްކިއުޒްމީ....!"
ދުރުން އައި ނަރުސް ކުއްޖާ ދާއިންގެ ފުރަގަހަށް ހުއްޓުމުން ދާއިން އެނބުރި އޭނާއަށް ބަލާލި އެވެ.
ދެން އޭނާ ދާއިން ގާތުގައި ބުނިއެއްޗެއް ނޭގުނެވެ. ދާއިން ގޮވައިގެން އައިސީޔޫއާއި ދިމާއަށް ބާރަށް ހިނގައިގަތީ އެވެ. އެވަގުތު އެންމެނަށްވެސް ވީ ލޫނާއަށާއި ނާމީއަށް ވެފައި ވާފަދަ ގޮތެކެވެ. ހާސްވެ ހިތުގެ ތެޅުން އަވަސްވެފައި ތިބެވުނެވެ.

ދާއިން ގޮވައިގެން އެކުއްޖާ އައިސީޔޫއަށް ވަނުމުން ނާމީ އައިސް ޖައުފަރުގެ ކައިރިއަށް ހުއްޓުނެވެ. އެތަނުގައި ތިބި އެއްވެސް މީހަކަށް ނާމީމެން ކުރީން ފެނުނުހެނެއް ހިއެއް ނުވެއެވެ. 

" އަންކަލް...!"
ނާމީ ބިރުންހުރެ ބުނެލި އެވެ. އެވަގުތު ޖައުފަރު މިމީ ގެ ގައިން ދޫކޮށްލާފައި އައިސް ނާމީގެ ގައިގައި ބާރަށް ބައްދައި ގަތެވެ. އަމަން މިމީ ހިފަހައްޓާލި އެވެ. މިމީއަށް ދިމާވެދާނެ ހާލަތަކަށް ހުޝިޔާރުވެ އޭނާ ހުއްޓެވެ. އެދެކުދީންނާއި ދޭތެރޭގައި ތައުފީޤްގެ ހިތުގައި ސުވާލު ތަކެއް އުފެދިފައި ވީނަމަވެސް މިހާރު އޭނާއަށް ވެސް ވިސްނިއްޖެ އެވެ. މިމީގެ އެ ވާހަކަ ތަކަކީ އަމަންއަށް އާ ވާހަކަ ތަކެއް ނޫން ކަން އަމަންގެ މޫނުމަތީން އެނގުނެވެ. އެހެން ވީމައި އަމަން މިމީއާއި "ކައިވެނި" ކޮށްފައި އެވަނީ މިމީގެ ހަޤީޤަތް އެނގިހުރެ އެ ހަޤީޤަތް އިތުރު މީހަކަށް އެނިގިދާނެތީ ސިއްރު ކުރަން އެހީވުމުގެ ގޮތުންނެވެ. 

އަދިވެސް ވާނުވާ ނޭގިފައި ހުރި ނާމީގެ ހަތަރެސް ފައިވެސް ފިނިވެއްޖެ އެވެ. ޖައުފަރު އަންކަލް ގެ އެހަރަކާތަކީ އާދައިގެ ކަމެއް ނޫނެވެ.
" އަންކަލް...!"
ނާމީ ހުރީ ބިރުން ހަލާކުވާން ގާތްވެފަ އެވެ.
" ނާމީ....! މާހިންއަށް ދުޢާ ކޮށްދީ....! ހެޔޮ ދުޢާ ކޮށްދީ.... ސަލާމަތް ވޭތޯ!"
ޖައުފަރުގެ އަޑު އިވުމުން ނާމީ ފިނި ނޭވާއެއް ބޭރުކޮށްލަމުން ޖައުފަރުގެ ގައިގައި ބާރަށް ހިފަހައްޓާލި އެވެ. ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނު ނަމަވެސް އަދި ހިތްހަމަ ޖައްސާލެވެން ގާތެއްގައިވެސް ނެތްކަން އެނގުނެވެ. 

ޖައުފަރު އަންކަލް އަކީ އެއްވެސް ކަމަކާއި ކަންބޮޑުވާން ދަންނަ މީހެއް ނޫނެވެ. އޭނާއަކީ ކަންބޮޑުވާން ޖެހޭ ދަނޑިވަޅު ތަކުގައިވެސް ރުޅި ގަދަ ކުރާ މީހެކެވެ. އާއިލާގެ މީހަކަށް ދެރައެއް ކުރިމަތި ވެގެން އުޅުނަސް ދުވަހަކުވެސް އޭނާގެ މޫނުމަތީން ހާސްކަމެއް ނުފެނެ އެވެ. އޭނާ މީގެ ކުރީން މާތް ރަސްކަލާނގެ ހަނދާން ވާ ކަމެއްވެސް އެނގޭނީ ނަމާދެއް ކުރިކަމެއްވެސް ދަންނަ މީހަކު ހުރިނަމަ ތާއެވެ. އެވަރުގެ މީހަކު މިއަދު އެ ފެންވަރަށް ތިރިވެފައި އެވަނީ ވަރަށް އުއްމީދު ކުޑަވީމައިކަން ކަށަވަރެވެ. 

" ނާމީ.... ނާމީއާ ނާމީގެ ބައްޕަގެ ބަސް އަހަރެން ޤަބޫލު ކޮށްފިން....!"
ނާމީގެ ގައިގައި ބައްދައިގެން ހުރި ގޮތަށް ހުރެ ނޭފަތް ދަމާލަމުން މަޑުމަޑުން އޭނާ ބުންޏެވެ.
" މާހިން އެނބުރި ސިއްހަތު ސަލާމަތުން އަތުވެއްޖެއްޔާ.... ދެން ދުވަހަކުވެސް އަހަރެން އެ ވިޔަފާރިއެއް ނުކުރާނަން....! އެކަހަލަ އެއްވެސް ނުބައި ކަމެއް ނުކުރާނަން!"
ޖައުފަރު ހީވީ ނަދުރެއް ބުނިހެންނެވެ. އޭނާ އެ ޖުމުލަ އެ ބުނި ގޮތް ނާމީއަކަށް ކަމަކު ނުދިއަ އެވެ. އެހެން ނަމަވެސް މިވަގުތު ނާމީ އެއްޗެއް ނުބުނެ އެވެ.
އައިސީޔޫގެ ތެރެއިން ދާއިން ނުކުތީ އިތުރު ހާސް ކަމަކާއި އެކުގަ އެވެ. ދާއިން ގާތަށް އެންމެން އެއްފަހަރާ ޖެހިލި އެވެ. 
" ޑޮކްޓަރ ބުނީ އޮޕަރޭޝަން ކުރުން ލަސް ވެއްޖެއްޔާ.....!"
ދާއިން ތުންފަތުގައި ދަތް އަޅާލި އެވެ. އޭނާއަކަށް ކުރިއަކަށް ނުގެންދެވުނެވެ.

" ކީއްވެ ލަސްވަނީ....؟ ކީއްވެ ނުކުރެވެންވީ....؟ ކިހާވަރެއް ބޭނުމީ....؟ ކޮންކަމެއް ނުވަނީ....!"
ޖައުފަރު އެންމެ ގިނައިން ބޭނުން ކުރާ ބަސްތައް ބޭނުން ކުރަން މިފަހަރުވެސް މަޖުބޫރު ވިއެވެ.
" ބޭނުން ވަނީ ލޭ.... އޭ ނެގަޓިވް....ތިން ޕައިންޓު އަޅާފައޯ އޮޕަރޭޝަނަކަށް ދެވޭނީވެސް!"
ދާއިން އެތަނުގައި ތިބި އެންމެނަށް ކަޅި ހިންގާލަމުން ބުންޏެވެ.
" މިތަނުގަ ނެތްތަ....! ކޮބާ ބްލަޑް ބޭންކް....! ދޭނެ މީހަކުވެސް ނެތްތަ....! ކޮންމެ އަގެއްގަވެސް ދޭނެ މީހަކު ނުލިބުނީތަ...؟"
ޖައުފަރު ހާސްވެގެން ތެޅި ފޮޅެނީ އެވެ.
" ލިބުނީ އެންމެ ޕައިންޓެއް.... ބޭންކުގަ ހުރި އެއްވެސް ލެއެއް..... ކޮއްކޮއަކާ ނުގުޅުނޯ... އިތުރު ދެ މީހެއްގެ ލޭވެސް ޗެކް ކުރެވިއްޖެއޯ.... އަވަހަށް އިތުރު ދެ ޕައިންޓް ލޭ ބޭނުން.....!"
އަވަސް އަވަހަށް އެންމެން އެކި ކޮޅުކޮޅަށް ގުޅަން ފަށައިފި އެވެ. ކޮންމެ މީހަކުވެސް އެމީހަކާ ގުޅުން ހުރި މީހެއްގެ ގައިގައި އޭ ނެގަޓިވް ލޭ ހުރިތޯ ބަލަނީ އެވެ. އަމަން ގެ އެހީގައި ހަ މީހަކު ހޯދައިފި އެވެ. ފަހަރަކު މީހަކު ޗެކް ކުރެވިއްޖެ އެވެ. އެއްވެސް މީހެއްގެ ލޭ މާހިންއާ ގުޅޭ ކަމަކަށް ނުވި އެވެ. ހުއްޓާނުލާ އެންމެން މަސައްކަތް ކުރަމުން ދިއައިރު ހަމަހިމޭން ކަންމަތީގައި ނާމީ އިނެވެ. އޭނާގެ ހާސްކަން ވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ.
ލޫނާއަށް އެކަން ފާހަގަ ކުރެވުނެވެ. ލޫނާ އައިސް ނާމީ ގާތުގައި އިށީނެވެ.

"ނާމީގެ ރައްޓެއްސަކު ނެތްތަ ދުބާއީގަ..... ކިއަވަން ހުންނަ ކުއްޖެއް ނަމަވެސް.....!"
ލޫނާ މަޑުމަޑުން އަހާލި އެވެ. އެންމެން އެކަމާއިގެން އުޅޭ އިރުވެސް ނާމީ މަސައްކަތެއް ނުކޮށް އިންކަން އެހެން މީހަކަށް ފާހަގަ ކުރެވުމުގެ ކުރީން ނާމީ ލައްވާ ކޮންމެވެސް މީހަކަށް ގުޅޭތޯ ލޫނާ ބެއްޔެވެ. ނާމީ އެއްޗެއް ނުބުނެ އިނެވެ. މިވަގުތު ނާމީގެ އެ ހަމަހިމޭން ކަން ފެނުމުން ލޫނާއަށް އުނދަގޫވި އެވެ. މީ އެހެން ކަންތަކާ ކަންބޮޑުވެ ފިކުރު ބޮޑުވާންވީ ވަގުތެއް ނޫނެވެ. މިވަގުތު ބަލަން ޖެހޭނީ ކޮންމެވެސް މީހެއް ކައިރީ ބުނެގެންވެސް މާހިންއަށް އެހީއެއް ފޯރު ކޮށްދެވޭތޯ އެވެ. ނާމީ އަކީ ދުނިޔޭގެ ހުރިހާ ދިމާއެއްގައި ރައްޓެހީން ގިނަ މީހެކެވެ. އޭނާ އުޅެފިއްޔާ އެކަން ވާނެ އެވެ. އެހެން ނަމަވެސް ނާމީ ހަމަ އެއްޗެއް ނުބުނެ މަޑުމަޑުން އެބަ އިނދެ އެވެ. އެހެން އިންއިރު އޭނާގެ މޫނުމަތީން ފެންނަމުން ދިއަ އިތުރު ހާސްކަން ލޫނާގެ ހިތުގައި ސުވާލު ތަކެއް އުފައްދަމުން ދިއަ އެވެ. ކުއްލިއަކަށް ލޫނާއަށް އެއްޗެއް ހަނދާން ވެއްޖެ އެވެ. 

" ކޮން ގުރޫޕެކޭ ބުނީ.... އޭ ނެގެޓިވް އޭތަ ބުނީ...!"
ލޫނާ ނާމީގެ ކޮނޑުގައި ހިފާ އަނބުރާލަމުން އެހި އެވެ. ދެންވެސް ނާމީ އެއްޗެއް ނުބުނެ އެވެ. މިހާރު ލޫނާއަށް ވިސްނިއްޖެ އެވެ. 
" ނާމީ އޭ ނެގެޓިވް އެއްނުން....!"
ޖުމުލަ ރަނގަޅަށް ފުރިހަމަ ނުވަނީސް ނާމީ ލޫނާގެ އަތަށް ފިތާލި އެވެ.
" ޝޫ....! ނުބުނާތި.... އެއްވެސް މީހެއް ކައިރީ ނުބުނާތި....!"
ނާމީ ސިއްރުން ބުނާފަދަ ގޮތަކަށް އަވަސް އަވަހަށް ބުންޏެވެ.
" ދާއިންއަކަށް ނޭގޭތަ؟"
ލޫނާ ދެލޯ ބޮޑުކޮށްގެން އިނދެ މަޑުމަޑުން އެހި އެވެ.
" ނޭގޭނެ...މާހީއަށް އެކަނި އިނގޭނީ.... ނުކިޔާތި....!"
މީހަކަށް އިވިދާނެތީ އަވަސް އަވަހަށް ކަޅި ހިންގާލަމުން ނާމީ ބުންޏެވެ.
" އެކަމު...."
ލޫނާ އެއްޗެއް ބުނެފާނެތީ ނާމީ ބިރުގަތެވެ. އޭނާ ލޫނާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ހިނގައިގަތެވެ. 

" އެކަމު... ފަހުންވެސް މާހިންއަށް އެނގިއްޖެއްޔާ ކިހާ ދެރަވާނެ.... މާހިން އަށް ލޭ ނުލިބިގެން ކަމެއް ވެއްޖެއްޔާ ނާމީ ފަހުން ރިގްރެޓް ކުރާނެ....."
ލޫނާއަށް ރޮވިއްޖެ އެވެ. ނާމީ އެހެން އެހަދާ ސަބަބު އޭނާއަށް އަދިވެސް ނުވިސްނެނީ ކަންނޭގެ އެވެ. ހާސްވެފައި ހުރި ވަރުން ހަނދާން ނެތުނީ ކަންނޭގެ އެވެ.
" އެއީ އެހާ ބޮޑު ކަމެއް ނޫނޭ.... ތަދެއްވެސް ނުވާނޭ.....!"
ލޫނާ ގޮވައިގެން ނާމީ ހިނގާފައި ދިއައިރު މަޑުމަޑުން ލޫނާ ވާހަކަ ދައްކަމުން ނާމީއަށް ވިސްނާދޭން މަސައްކަތް ކުރަމުން ދިއަ އެވެ.
" ތިހިން ނުކިޔަބަލަ.... އަހަރެންގެ ގަޔަކުން މީހެއްގެ ގަޔަކަށް ލެއެއް ނޭޅޭނެ ލޫނާ....!"
އެހާ ހިސާބަށް ބުނި ތަނާ ފެނުނީ އައިސީޔޫއިން ޑޮކްޓަރ ނުކުތް ތަނެވެ. އެވަގުތު ނާމީއަށް ވެސް މަޑުޖެހިލެވުނެވެ. ޑޮކްޓަރ ދާއިން ގާތުގައި ވާހަކަތަކެއް ދައްކާފައި އެތެރެއަށް ވަންނަން ހިނގައިގެން ވަގުތު ދާއިން ބޮލުގައި އަތްއަޅަމުން ފާރުގައި ޖެހިގެންތަން ފެނުނެވެ. ގޮތް ހުސްވެގެން ނެވެ. އެވަގުތު ލޫނާއަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ.

" ދާއިން....! ނާމީ ގައިގަ ހުރީ އޭ ނެގެޓިވް އޯ.... ނާމީ ލޭ ދޭނެ.... ދެޕައިންޓް ވެސް ދެވޭނެ!"
ލޫނާ ރޮއިގަންނަމުން ބާރަށް ގޮވާލި އެވެ. 

ކޮމެންޓް 0