އަނެއްކާވެސް ލޫނާ އަހާލި އެވެ. މަޑުމައިތިރި ކަމާއި އެކު ސީދާ ނާމީގެ ދެލޮލަށް ބަލަން ހުރެ އެވެ.
ދެން އައީ ހިމޭން ވަގުތު ކޮޅެކެވެ. އެއްޗެއް ބުނަން ދެމީހުންނަށް ވެސް ދަތިވި އެވެ.
" ބިކޯޒް..... އައި ލަވް ޔޫ!" 

ނާމީގެ މޫނުމަތި ރަތް ވެގެން ދިއައެވެ. އެއްޗެއް ބުނަން ނޭނގިފައި ލޫނާ އާއި ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ހިސާބަކަށް ލަދުވެސްގެންފަ އެވެ. އޭނާ ލޯބިވަނީ ލޫނާ ދެކެއެއް ނޫނެވެ. ލޫނާގެ ދައްތަ ދެކެއެވެ. ލޫނާއަށް ވެސް އެކަން އިނގޭނެ އެވެ. އެހެން ނަމަވެސް ލޫނާއަކީ ސަމާސަ ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. ލޫނާގެ މޫނުމަތީންވެސް ފެންނަމުން ދަނީ ހަމަ ސީރިއަސް ކަމެވެ. ނާމީ އަވަސް އަވަހަށް ލޫނާގެ މޫނުން ނަޒަރު ވަކިކޮށްލި އެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ! އޭނާ ލޫނާ އާއި ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. 

ލޫނާވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. ދައްކާނެ ވާހަކަ އަކާއި ދޭތެރޭގައި އޭނާ ވިސްނަނީ އެވެ. ނާމީއަށް ވީގޮތް އޭނާއަށް ފެނުނެވެ. ޙައިރާން ވާނެކަންވެސް އެނގެއެވެ. އެހެން ނަމަވެސް ކުށްވެރިއަކީ ހަމަ ނާމީ އެވެ.

" ނާމީ ކީއްކުރަން ކުރީ ދުވަހު އަހަރެންގެ ކޮޓަރިއަށް އައި، ނާމީ ކީއްކުރަން އަހަރެންނާ އެހާ ގިނަ ވާހަކަ ތައް ޝެއަރ ކުރީ.... އަހަރެން ބޭނުން ވަނީ ނާމީއަށް ވަރަށް ހެޕީ ލައިފެއް ދޭން!"
ކޮއްކޮއެއް ފަދައިން ދުށް ލޫނާގެ އަނގައިން އެފަދަ ހަރު ބަސް ތަކެއް ނާމީއަށް ކަމުވެސް ނުދެ އެވެ. ލޫނާ އާއި ނުވެސް ގުޅެއެވެ. 

" ދޮންތީ ކައިރީ އަހަރެން ބުނިން އަހަރެން ބޭނުން ވާ ގޮތް.... ދޮންތީ ހުރީ ވަރަށް އުފަލުން!" ލޫނާ ހިނިތުން ވެލިއެވެ.
" ޝިޓް!"
ނާމީއަށް ހިތާހިތުން ކިޔާލެވުނެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ! އޭނާ ލޫނާއެއް ބޭނުމެއް ނޫނެވެ. ނާމީ ޔޫހާ އާއި ކައިވެނި ކުރަން އުޅުނީ އިންނާނެ މީހަކު ނުވެގެނެއް ނޫނެވެ. އެހެން ބުނަންވެސް ނާމީ ހިތަށް އެރި އެވެ.

" އަހަރެން ނަކަށް ނޭގެ ހަދާނެ ގޮތެއް.... ލޫނާއަށް އިނގޭނުން.... އަހަރެން ބޭނުން ވަނީ .....!"
ނާމީ ބޭނުންވީ އަދިވެސް ލޫނާއަށް ވިސްނައިދޭށެވެ. 
" ދޮންތީއާ މެރީ ކޮށްގެން ނާމީވެސް، ދޮންތީ ވެސް ނުހުންނާނެ އުފަލުގައެއް!"
ލޫނާ ޔަޤީން ކަމާއި އެކު ބުންޏެވެ.
" މަޖުބޫރުވެގެން ދޮންތީ ނާމީއާ ކައިވެނި ކޮށްފާނެ، އެކަމަކު ދޮންތީއަށް އަބަދުވެސް އިނގޭނެ އޭރުން އަހަރެން ހުންނާނީ އުފަލުގައެއް ނޫންކަން! އަހަރެން ލޯބިވާ މީހަކު ދެކެ ދޮންތީ އަކަށް ލޯތްބެއް ނުވެވޭނެ ދުވަހަކުވެސް!"
ޖެހިލުމެއް ނެތި ލޫނާ ވާހަކަ ދެއްކި އެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނާމީއަކަށް ނޭގުނެވެ. އިރުކޮޅަކު އެތަނުގައި ހުރެފައި އޭނާ ދާން ހިނގައިގަތެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނި ވެލާށެވެ.

ނާމީ ދިއުމުން ލޫނާ އެނބުރި ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓާލީ ބާރަށެވެ. ހިތުގައި ވާ ހުރިހާ ރިހުންތަކެއް އެ ދަގަޑަށް ބަލާލަމުން އޭނާ މަތި ބަލާލި އެވެ. ސާފު އުޑުގައިވާ ރީތި ހަނދުވެސް މިއަދު އޭނާއަށްޓަކައި ކަރުނަ އޮހޮރަމުން ދާ ކަހަލަ އެވެ. 

ދަތްދޮޅި ދަށުގައި އަތް ވިއްދާލައިގެން ސޯލްޓް ރެސްޓޯރެންޓްގެ ހިތްގައިމު ޓެރަސްގައި މާހިން އިނީ މަތި ބަލާށެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލި ކަމަކީ އެރީތި ހަނދުގެ އެހީގައި ގެނުވާފައިވާ ރީތި ކަމެކެވެ. އެފަދަ ހަނދުވަރެއްގައި މިމީގެ އަތުގައި ހިފާލެވިއްޖެ ނަމަ އޭނާގެ ހިތަށް ހާދަ ހަމަ ޖެހުމެއް ލިބޭނެ އެވެ. މިމީ އަށް އިންތިޒާރު ކުރަމުން ދިއައިރު މިމީ ގާތުގައި ދައްކާނެ ވާހަކަ އަށް ދަންދެން އޭނާ ވަނީ ވިސްނާފަ އެވެ. އެތަށް ޒަމާނަކަށް ފަހު އޭނާއަށް ވެސް ލޯބިވާނެ ކުއްޖަކު ލިބުނީ އެވެ. އެފަދަ ޚިޔާލު ތަކެއްގައި އިންދާ ކުއްލިއަކަށް ހަނދާނަށް އައީ އެހެން ސޫރަ އެކެވެ. އެއީ ސާދާ ހިނިތުން ވުމެކެވެ. މަޢުޞޫމް މޫނެކެވެ. އެއީ ލޫނާގެ ސޫރައެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ލޫނާއާއި ދޭތެރޭގައި ވިސްނާލަން މަޖުބޫރު ވިއެވެ. ލޫނާއާއި އަށްޓަކައި އޭނާގެ ހިތުން ޤަދަރެއް ދެވުނެވެ. އެހެނަސް އެއީ ލޯތްބެއް ނޫނެވެ. ލޫނާއަކީ ފެންނަ ފެނުމަށް މަޢުޞޫމް ކަމެއް ހުރި ނަމަވެސް އަޑި ނޭގޭ ކުއްޖެކެވެ. ބައްޕައާއި ލޫނާގެ ހަޤީޤަތަކީ އަދިވެސް މާހިންގެ ހިތުގައި އުފެދިފައި ވާ އެންމެ ބޮޑު އެއް ސުވާލެވެ. އެހެނަސް އެކަމާވެސް ދެން ވިސްނާކަށް މާހިން ބޭނުމެއް ނުވި އެވެ. ލޫނާއާއި ޔޫހާގެ ވާހަކަ އަކީ އޭނާ ދެކޭ ގޮތުގައި މިހާރު ނިމިފައިވާ ބާބެކެވެ.

މިމީ ހިނގާލާފައި އަންނަތަން ފެނުމުން ޚިޔާލުގައި ހުރި ހުރިހާ އެއްޗެއް ފޮހެވިގެން ހިނގައްޖެ އެވެ. ރީތި ފަރި ހިނގުމެކެވެ. ކޮންމެ ފިރިހެނެއްގެވެސް ހިތް ގުޑުވާލާފަދަ ޒުވާން ކަމެކެވެ. މިމީ ފެންނަ ކޮންމެ ފަހަރަކު މާހިންގެ ހިތް އަވަސްވެ ގަންނަނީ މާހިންއަށް ވެސް އުނދަގޫވާ ވަރަށެވެ. ލޯތްބަކީ ހާދަ ބާރުގަދަ އެއްޗެކެވެ.

މިމީ އައިސް ކުރިމަތީގައި އިށީން އިރުވެސް މާހިން އިނީ މިމީއަށް ބަލާށެވެ. އޭނާގެ ތުންފަތް މައްޗަށް ފަނޑު ހިނިތުން ވުމެއް ވެރިކުރެވިފައި ވަނީ ބޭއިހުތިއާރުގަ އެވެ. މިރޭ މިމީ މާހިން އާއި ހަތަރުކަޅި ހަމަ ނުކުރަން އުޅޭހެން މާހިންއަށް ހީވި ހީވުން އެއީ ގޯހަކަށް ނުވި އެވެ. އިރުކޮޅެއްގެ ފަހުން އިސްއުފުލާ މިމީ މާހިންއަށް ބަލާލިއިރު މިމީގެ ދެލޯ ވަނީ ކަރުނުން ބަރުވެފަ އެވެ. މާހިން ހީކުރީ އެއީ ޔާނާ ގެ ހަނދާން ތަކުގެ އަސަރު ކަމުގަ އެވެ. މާހިން މިމީއާއި ސުވާލު ކުރުމުން މިމީ މާހިންއަށް އޭނާގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދިނެވެ. އެއީ މާހިންއަށް މިމީގެ ދިރިއުޅުމުގެ ހަޤީޤަތް އެނގުނު ދުވަހެވެ. މިމީއަކީ ތައުފީޤުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދާދި ކުޑައިރު މަންމަ ނިޔާވުމާއި ގުޅިގެން މިމީ އުޅެމުން ދަނީ މާމަގެ ކައިރީގަ އެވެ. މިމީގެ ހިތާމައަކީ އޭނާގެ މާމަގެ ބަލި ހާލެވެ. ދުވަސްވެ މުސްކުޅިވެފައިވާ މާމަ އޭނާއާއި ވަކިވުން ގާތް ވެއްޖެ އެވެ. އެހެން ވެއްޖެނަމަ ބައްޕަ ތައުފީޤުއާއި މިމީ މުޅީން އެކަނި ވާނެ އެވެ. މިމީގެ މަންމަ އާއި ބައްޕަގެ އުފާވެރި ދިރިއުޅުން ހަލާކު ވެގެން ދިއައީ ބައްޕަ އެކުވެރިއަކަށް ކުރި އިތުބާރުގެ ސަބަބުންނެވެ. މަންމަ ނިޔާވީ އެކަމުގެ ހިތާމައިގަ އެވެ. އެހުރިހާ ކަމަކަށްޓަކައި މިމީ ވަނީ ހިތްބަލި ކުއްޖަކަށް ވެފަ އެވެ. މަންމަގެ ލޯބި އެންމެ ބޭނުންވި ދުވަހު އޭނާ ވަނީ އެލޯބިން މަހުރޫމް ވެފައެވެ. މިހާރު ތައުފީޤު ބޭނުން ވަނީ މިމީގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރުވުމެވެ. މާމަ ދުނިޔޭގައި އެކަން ކުރަން މާމަވެސް ބޭނުމެވެ.

މިމީ އެދެއްކި ވާހަކައިގެ ސަބަބުން މާހިން އެކަމާ ދެރަވުމުގެ ބަދަލުގައި ވީ އުފަލެވެ. އޭނާވެސް މިހާރު ބޭނުން ވަނީ މިމީއާއި ކައިވެނި ކުރާށެވެ. މިމީއާއި ކައިވެނި ކުރެވިއްޖެ ނަމަ އޭނާ ވާނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ އަށެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. މިމީ އަކީ ބައްޕަ އުއްމީދު ކުރިފަދަ މުއްސަނދި ވިޔަފާރި ވެރިއެއްގެ ދަރިއެއް ނޫނެވެ. ގެދޮރާ މުދާވެރިއެއް ނޫނެވެ. އެވާނީ ބައްޕައަށް ވަރަށް ބޮޑު މައްސަލައަކަށެވެ. 

ނާމީގެ ކޮޓަރީން ޔޫހާ އާއި ބައްދަލު ކުރަން ބޭނުން ކަމަށް ބުނުމުން ޔޫހާއަށް ބިރުގަތެވެ. ނާމީ އަކީ ގޮތް ނޭގޭ މީހެކެވެ. ފަހަކަށް އައިސް އެ މަންޒަރު ނުފެނުނަސް ނާމީ ހަމަހޭގައި ނުހުންނަ ވަގުތުވެސް ޔޫހާއަށް ވަނީ ފެނިފަ އެވެ. އެހެން ނޫނަސް ކައިވެނީގެ ވާހަކަ އަޑު އަހާކަށް ޔޫހާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ވިއަސް ނާމީ ބުނި ތާކުން ބައްދަލު ވުން ނޫން ގޮތެއް ޔޫހާއަކަށް ނުވެސް އޮންނާނެ އެވެ. އެހެން ނަމަވެސް މާ ލަސް ނުވަނިސް ސީދާ ތެދުތެދަށް އޭނާ ބުނަން ބޭނުމެވެ. ނާމީ ދެކެ ލޯބި ނުވެވޭނެ ކަމަށާއި ނާމީއާއި ކައިވެނި ކުރަން ބޭނުން ނޫން ވާހަކަ ބުނަން ކިތަންމެ އުނދަގުލަސް އެވާހަކަ އޭނާ މިއަދު ބުނާނެ އެވެ.

ކޮޓަރީގެ ސޯފާގައި ނާމީ އިނެވެ. ޔޫހާ ވަނުމުން އޭނާ ބަލައިވެސް ނުލާ އެއިން ގޮތަށް އިނީ އެވެ. ކަމަކާ ހިތްހަމަ ނުޖެހިފައި އިންކަން އެނގުނެވެ. 

" ކީއްވެ އަހަރެން ކައިރީ ނުބުނީ؟"
ނާމީ ސުވާލު ކުރި އެވެ. ޔޫހާ ހީކުރީ ދާއިންގެ ވާހަކަ ކަމެވެ. އެއްޗެއް ނުބުނެ މަޑުކުރީ ސުވާލު ރަނގަޅަށް ނޭގޭތީއެވެ.
" އަހަރެން ލޫނާ ދެކެ ލޯތްބެއް ނުވޭ!"
ނާމީ އެއިން ގޮތަށް ދުރު ބަލަން އިނދެ ބުނެލި އެވެ. ޔޫހާގެ ނިއްކުރި މައްޗަށް ރޫ އަރައިގެން ދިއަ އެވެ. ކޮއްކޮގެ ވާހަކަ ނާމީ ބުނަން ޖެހޭ ސަބަބެއް ނެތެވެ. ކޮއްކޮއާއި ދޭތެރޭގައި އެފަދަ ގޮތަކަށް ނާމީ ވިސްނީތީވެސް ޔޫހާ ހިތްހަމަ ނުޖެހުނެވެ. 

" ކޮއްކޮ އަށް ވިސްނަދީ، ލޫނާ ކައިރީ ބުނޭ އަހަރެން ލޯބިނުވާ މީހަކާ އެކި އަހަންނަކަށް ނޫޅެވޭނޭ!"
ޔޫހާ ހުރީ ޙައިރާންވެ އަންތަރީސް ވެފަ އެވެ. އެ ވާހަކައަކީ ކޮއްކޮ ބުނެގެން އުޅޭ ވާހަކަ އެއްކަން މިހާރު އެނގިއްޖެ އެވެ. އެފަދަ ވާހަކައެއް ކޮއްކޮއަށް ދައްކަން ކެރޭނެ ކަމަކަށް ޔޫހާ ހީވެސް ނުކުރެ އެވެ. އަދި އިތުރަށް ޙައިރާން ވާން ޖެހުނު ސަބަބަކީ ކޮއްކޮގެ ހިތުގައި އޮތް އެއްޗެއް ޔޫހާ ގާތުގައި ނުބުނެ ނާމީ ގާތުގައި ބުނަން ކެރުނީތީ އެވެ. ލޫނާއަށް ހަމަ ހަޤީޤަތުގައިވެސް ނާމީ ދެކެ ލޯބި ވެވުނީ ބާއެވެ! އިރުކޮޅަކު ވިސްނާލުމަށް ފަހު ޔޫހާ އެތަނުން ދާން ހިނގައި ގަތެވެ. އޭނާ މިވަގުތު ބޭނުން ވަނީ ލޫނާއާއި ވާހަކަ ދައްކާށެވެ.

ލޫނާ އިނީ ދޮންތީ ނާމީގެ ކޮޓަރީން ނުކުންނާނެ ގަޑިއަކަށް އިންތިޒާރު ކުރާށެވެ. ނާމީ ދޮންތީއާއި އެބައްދަލު ކުރީ ކީއްވެކަން ލޫނާއަށް އިނގެ އެވެ. ލޮބީ އޭރިޔާގައި ހުރި ސިޓިންގް ރޫމްއާއި ދިމާއަށް ބާރަށް ހިނގާފައި ދޮންތީ އަންނަތަން ފެނުނެވެ. ލޫނާގެ ހިތް އަވަސް ވަމުން ދިއަ ނަމަވެސް އެކަން އަންގާކަށް ލޫނާ ބޭނުމެއް ނުވި އެވެ. 
" ނާމީ ބުނީ ކޮއްކޮ ބުންޏޯ.....!"
ޔޫހާ އެހާ ހިސާބަށް ހުއްޓާލި އެވެ. އެވާހަކަ ދައްކާކަށް އޭނާއަކަށް އެހާ ފަސޭހައެއް ނޫނެވެ. 
" ދައްތައަށް އެންމެ ރަނގަޅުތަ؟"
ހިސާބަކަށް ލަދުގެންފައިވާ ގޮތަކަށް ލޫނާ އަހާލި އެވެ. ޔޫހާގެ މޫނުމަތިން އުޖާލާކަން ފެނިގެން ދިއަ އެވެ. ހަޤީޤަތުގައިވެސް ކޮއްކޮއަށް ނާމީ ދެކެ ލޯބިވެވުނީ ކަން އެނގުނެވެ. ޔޫހާ ކުރިއަށް ޖެހިލާ ކޮއްކޮގެ ގައިގައި ބައްދާލީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. ޔޫހާއަށް ނާމީ ކަމުނުދިއައަސް ނާމީއަކީ ކޮއްކޮއަށް ރަނގަޅު ފިރިއަކަށް ވާނެކަން ކަށަވަރެވެ. އެހެން ނޫނަސް އޭރުން ޔޫހާގެ ހުރިހާ ފިކުރުތަކެއްގެ ހައްލު ލިބުނީ އެވެ. ދާއިން އަށްޓަކައި ޔޫހާ މިނިވަންވީ އެވެ. 

ދޮންތީގެ ގައިގައި ބައްދާލަމުން ލޫނާ ލޯމަރާލި އެވެ. އޭނާގެ ދުޢާ އަކީ އަބަދުވެސް ދޮންތީ އުފަލުގައި ލެހެއްޓެވުމެވެ.
ޔޫހާ ލޫނާގެ މޫނުގައި ފިރުމާލި އެވެ.
" ވަރަށް އުފާވެއްޖެ! ކޮއްކޮއާ ނާމީ ވަރަށް ގުޅޭ! ކޮއްކޮއާ ޖެހުނީމަ ނާމީ އެކީ ބަދަލުވާނެ. ދޮންތީ ނާމީއާ ވާހަކަ ދައްކާނަން އިނގޭ!"
ވީ އުފަލެއްގެ ބޮޑުކަމުން ޔޫހާ އެއް ނޭވާގެ މަތީން ހުރިހާ އެއްޗެއް ކިޔާލި އެވެ. 

ދާއިން އަށް ހަމަޖެހުމެއް ލިބުނީ ޒުހުރީ ހޮސްޕިޓަލް އިން ދޫކޮށްލުމުންނެވެ. މާލެ އައިއްސުރެ ދާއިން އުޅުނީ ޒުހުރީ ފެންނަ ހިސާބުގަ އެވެ. އެ ހުރިހާ އިރު ޒުހުރީ ގާތުގައި އުޅުނު އިރުވެސް ޒުހުރީ ހަމަ އެއްވެސް ބަހެއްވެސް ދާއިން އާއި ނުބުނެ އެވެ. އެއްވެސް މީހަކު ދާއިންއާއި އެއްވެސް ސުވާލެއްވެސް ނުކުރާކަން އެއީ ދާއިންގެ ނަސީބެވެ. ހީވާ ގޮތުން އެމީހުންނަށް ޔާނާގެ މަރުގެ ސަބަބު ނޭގެނީ އެވެ. ދާއިން އައިސް ގެއަށް ވަން އިރު އުނދޯލި ގޭގައި ބައްޕަ އިނެވެ. ދާއިން ފެނުމާއި އެކު ބަލާލި ގޮތުން ދާއިންގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. ދާއިން ފެނުމުން އެތަނަށް އައުމަށް ބައްޕަ އިޝާރާތް ކުރީ ރުޅިވެރި ކަމާއި އެކުގަ އެވެ. 

" ޔޫ ހޭވް އެނީ އެކްސްޕަލެނޭޝަން؟ "
ފުރަތަމަވެސް ބައްޕަ އެހީ އެހެނެވެ. ދޭންވީ ޖަވާބެއް ދާއިން އަކަށް ނޭނގުނެވެ. ދޮގެއް ހަދާކަށް ނުކެރުނެވެ. ތެދަށް ބުނާކަށް ނުކެރުނެވެ.
އިރުކޮޅެއް ވަންދެން ބައްޕަ ދާއިންގެ މޫނަށް ބަލަން އިނެވެ. ހީވަނީ އެއްޗެއް އެނގިގެން ބަލަން އިންހެނެވެ. އަނެއްކާ ކޮއްކޮ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައި ދިނީ ބާއެވެ! ސުވާލު އުފެދިފައި ހުއްޓާ ބައްޕަ ދިއްކޮށްލީ ގަނޑެކެވެ. ބިރުންހުރެ ދާއިންއޭގައި ހިފިއެވެ. އެއީ ސިޓީ އެކެވެ. އެއީ ޔާނާ ވަކިވެގެން ދިއުމުގެ ކުރީން ލިއެފައިވާ ސިޓީ އެކެވެ. ސިޓީ އެޑްރެސް ކޮށްފައި ވަނީ ދާއިން އަށެވެ. ސިޓީ ކިޔާލައިފި ކޮންމެ މީހަކަށް ޔާނާގެ ވަކިވެ ދިއުމުގެ ހަޤީޤަތް އިނގޭނެ އެވެ. އަދި އެކަމާ ދާއިން ކުށްވެރިވެސް ކުރެވޭނެ އެވެ.

" ދާއިންގެ ފަރާތުން މިވަރުގެ ކަމެއް އަހަރެން އުއްމީދެއް ނުކުރަން! އަހަރެން ކައިރީ ރީތިކޮށް ބުނެލި ނަމަ އެކަން ހަމަޖައްސާ ދެވުނީސް، އެކަމަކު ދެން ދާއިން އިންނަން ޖެހޭނީ އަހަރެން ހޯދާ މީހަކާ. އެހެން ނޫނީ ކައިވެންޏެއް ނުކޮށް ހުރޭ!"
އެހެން ބުނެފައި ޖައުފަރު ތެދުވެގެން ހިނގައިގެން ވަގުތު ކައިރީގައި ހުރި ޝީޝާ ވެސް ދިއައީ ބުރައިގެންނެވެ.

ކޮމެންޓް 0