" ޔޫހާ!"
ހައިފާ ދެކަންފަތުގައި އަތް އަޅަމުން ބާރަށް ހަޅޭއްލަވައި ގަތެވެ. އެއަޑަށް ޔޫހާއާއި ދާއިންވެސް ދިއައީ ސިއްސައިގެންނެވެ. މަންމަ ބޮލުގައި އަތް އަޅައިގެން އަވަސް ނޭވާތަކެއް ލާތަން ފެނުމުން ޔޫހާއާއި ދާއިންވެސް ބިރުގަތެވެ. ދުވެފައިގޮސް ޔޫހާ އޭނާގެ މަންމަގެ ގައިގައި ހިފެހެއްޓި އެވެ.
" މަންމާ...!"
މަންމައަށް ވާގޮތް ފެނުމުން ޔޫހާއަށް ހަޅޭއްލަވައިގަނެވުނެވެ. ނޭވާ ނުލެވިގެން ހައިފާ ތެޅި ފޮޅި ގަތެވެ. ޔޫހާއަށް ހެދޭ ނެހެދޭ ވެސް ނޭގުނެވެ. އެއްފަހަރާ ގިނަ އެއްޗެހި ތަކެއް ސިކުނޑިއަށް ވެރިވެގެން ދިއައެވެ. މަންމައަކީ ބޮޑު ބައްޔެއްގައި ގިނަދުވަސް ތަކަކު އުޅެފައިވާ މީހެއްކަން ހަނދާނަށް އައެވެ. ޔޫހާ އާއި ދާއިންގެ ވަރަށް މަސައްކަތުން ގާތްގަޑަކަށް ފަނަރަ ވަރަކަށް މިނެޓް ފަހުން މަންމަ ހަމައަކަށް އެޅުނެވެ. މަންމައަށް ވީ ގޮތުން ޔޫހާ މެން ކަންބޮޑުވި އެވެ. ބައްޕަގެ ޚަބަރު މަންމައަށް ދިނުމުން ވާނީ ކިހިނެއް ބާއެވެ!. ހާސްވެ ކަންބޮޑު ވާ ކަހަލަ އެއްވެސް ކަމަކާއި ކުރިމަތި ލާހާ ހިތްވަރެއް މަންމަގެ ނެތެވެ. ބައްޕަ އެނބުރި އަންނަ ޚަބަރު މަންމައަށް ދިނުމަކުން އެފަދަ ގޮތެއް ނުވާނެ ކަމަށް ދާއިން ޔޫހާއަށް ވިސްނަދެމުން ދިއައެވެ. އުފާވެރި އިޙުސާސެއްގައި އެފަދަ ހާސްކަމެއް ނާންނާނެ ކަމަށް ދާއިން ބުނަމުން ދިއަ ނަމަވެސް މަންމައަށް ޝޮކެއް ލިބޭ ފަދަ ކަމެއް ވެދާނެތީ ޔޫހާ ބިރުގަތެވެ. 

ގެއަށް ދިއުމާއި އެކު ދާއިން ދިއައީ ކޮއްކޮ ހޯދާށެވެ. ސަންޑެކް މަތީގައި ހުރި ދިގު ސަރަންފީ ގޮނޑީގައި ދިގުދެމިލައިގެން މާހިން އޮތީ ފޮތެއް ކިޔާށެވެ. މައުލޫމާތު މުއްސަދި ކުރުމަށްޓަކައި ބައެއް ކަންކަން ކުރުމަކީ މިހާރު މުހިއްމު ކަމެކެވެ.
" ސްމަގްލިންގް!"
ފޮތުގެ ކަވަރުގައި ވާ ނަން ފެނުމުން ދާއިން ކުޑަކޮށް މަޑުޖެހިލި އެވެ. މި ދަނޑިވަޅުގައި ކޮއްކޮ އެފަދަ އެއްޗެއް ކިޔައިގެން މައުލޫމާތު ހޯދަން އެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދާއިން އައިސް ކުރިމަތީގައި އިށީނުމުން މާހިން ފޮތް ތިރިކޮށްލި އެވެ.
" މިއަދު ކޮން އެއްޗެއް ކިޔާލާ ދުވަހެއް!"
ދާއިން އެހި އެވެ.
" މިހާރު މިކަހަލަ ކަންތައް ކުރާ ގޮތާ ކުރާ ސަބަބުވެސް އިނގެން އެބަޖެހޭނުން...! ނޭގި ހުއްޓާ އަނެއްކާ އަނެއް ފަހަރުވެސް ބެދިދާނެ... ފަހުން ގަސްކާނާ އަށް ވިއަސް...!"
އަނެއްކާވެސް އެއްކަލަ ގަސް ކާނާ ގެ ވާހަކަ ކޮއްކޮ ބުނެލި އެވެ. ކޮއްކޮއަށް ދިމާވި ކަންތައްގަނޑަށް ފަހު ކޮއްކޮގެ ހިތުގައި ނަފްރަތުގެ އަސަރުތައް ދެމިގެން ދާކަން ދާއިން އަށް އެނގެ އެވެ. އެހެން ނަމަވެސް އެއީ ކާކު ދެކެ ކޮންކަމަކާއި އަންނަ ރުޅިއެއް ކަމެއް އަދިވެސް ނޭގެ އެވެ. މިހާރު ދާއިން ވެސް އެކަން އޮޅުން ފިލުވަން ބޭނުމެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުމުގެ އިތުރުން ޝައްކާއި ބިރުވެރިކަން ވަނީ އުފެދިފަ އެވެ. 

" މިއައީ ކޮއްކޮއަށް އެއްޗެއް ދައްކާލަން!"
ދާއިން އޭނާގެ ފޯނުން އެއްޗެއް ހޯދަމުން ބުންޏެވެ. ދެން އޭނާ ލޫނާ ފޮނުވި ފޮޓޯ ހޯދާފައި މާހިންއަށް ފޯނު ދިއްކޮށްލި އެވެ.
" ތީ މަލިކުން އަތުލައިގެން ޑްރަގްސް ހުރި ކޮންޓޭނަރ ތައް..!"
މާހިން އެފޮޓޯ އަށް ބަލާލުމަށް ފަހު ނިއްކުރިއަށް ރޫއަރުވާލި އެވެ. ދެން އިރުކޮޅަކު އެ ފޮޓޯ އަށް ބަލަން އިނދެފައި ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރި ކުރުވި އެވެ. 
" ކާޖާ!"
އޭނާ ބުނެލީ މަލާމާތުގެ ރާގެއްގަ އެވެ.
" ތީ އެ ޑަބިޔާ ތައް ހެން ހީވޭތަ....؟"
ދާއިން އަހާލި އެވެ.
" ޔަގީން"
ފޯނު ދުރަށް ޖައްސާލަމުން މާހިން ބޭބެގެ މޫނަށް ބަލާލި އެވެ.
" އެހެން ވީމަ މިކަމުގެ ހަޤީޤަތް ނާމީއަށް އިނގޭނެ!"
މާހިން އެބުނި އެއްޗަކުން ދާއިން ކަންބޮޑުވި އެވެ. އެފަދަ ކަމެއްގެ ތެރޭގައި ނާމީ އުޅޭކަމަށް ވަންޏާ ލޫނާއަށް ކިހާ ދެރަ ހެއްޔެވެ! އެކަން އެނގިއްޖެއްޔާ ޔޫހާއާއި އޭނާގެ މަންމަ ވެސް ހާދަ ދެރަވާނެއެވެ.

" މިހާރު އަހަންނަށް އިނގޭ ނާމީއަށް ކީއްވެގެން ކަން ޑްރަގްސް ގެ ތެރެއަށް ވަދެވުނީ.... އަތުގަ ހޭކެންޏާ ދަތުގަ ހޭކޭނޭ ބުނޭނުން!"
ކޮއްކޮގެ މޫނުމަތީން ފެންނަމުން ދިއައީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ދާއިން އިނީ ކޮއްކޮ އެދައްކާ ވާހަކަ އަޑުއަހާށެވެ. ކުރީން ކޮއްކޮ ދައްކަން އުޒުރުވެރިވި ވާހަކަ ތައް މިއަދު އެ ބޭރުވަނީ އެވެ.
" ޝައުކަތު އަންކަލްމެން އެތިބަ ބޮޑެތި ވިޔަފާރި ވެރީން ކުޑަކުޑަ ގަސް ފިހާރައެއް ހިންގަން ބޭނުންވަނީ ރީސަން އެއް ނެތިއެއް ނޫން....! ކޮންމެ މަހަކު ދެފަހަރު އެ ގެންނަ ހުރިހާ ގަސް މުށިތައް މި ގާޑުން ތެރޭގަ ތިން ހަތަރު ދުވަހު ބަހައްޓާފަ ފިހާރައަށް ގެންދާ ސަބަބެއް ވެސް އޮންނާނެ....!"
ޝައުގުވެރި ކަމާއި އެކު ކޮއްކޮގެ ވާހަކަ އަޑުއަހަމުން ދިއައިރު ދާއިން އިނީ ދާހިއްލާ ފޯވެފަ އެވެ.
" އެދުވަހު އަހަރެން އަތުން ފެނުނީ ގަސްކާނާއެއް ނޫން.... އެއީ ހަމަ ޑްރަގްސް!"
ބޭބެއާއި ހަތަރުކަޅި ހަމަކުރަމުން މާހިން އެހެން ބުނިއިރު އޭނާގެ ދެލޮލުގައި ވަނީ ރަތްކަމެވެ. ދާއިންގެ މޫނުމަތީން ފެންނަމުން ދިއައީ ޙައިރާން ކަމާއި އެކުވެފައިވާ ހާސްކަމެވެ.
" އަހަރެން އަނގައިން ނުބުނެ ހުރީ އަމިއްލަ މީހުންގެ ހައްޤުގަ.... އެކަމަކު އެމީހުން ގަސްތުގަ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ....! 
މާހިންގެ ލޮލުގެ ތެރެ ތެމިގެން ދިއަތަން ދާއިން އަށް ފެނުނެވެ. 

"މިމީގެ ބައްޕަޔާ އަހަރެންގެ ބައްޕަޔާ ދޭތެރޭގަ އޮތް ހަނަގުރާމައެއްގެ ވިކްޓިމް އަކަށް އަހަރެންވީ...! ދެރައީ އެ ހަނގުރާމައިގަ މިމީ ބައިވެރިވި ކަމެއް ނޫން ކަމެއް އަދިވެސް އަހަންނަށް ޔަޤީން ނުވާތީ...!"
ކޮއްކޮގެ ރުޅިވެރި އަސަރުތައް ހިތާމައަށް ބަދަލު ވެގެން ދިއަތަން ފެނުނު ހިނދު ދާއިންގެ ހިތުގައި ވަރުގަދަ އަލިފާން ގަނޑެއް އަނދަން ފަށައިފި އެވެ. ބައެއްގެ ނުބައިކަން ކޮއްކޮއަށް ހާމަވި ހިނދު އެކަމުގައި ކޮއްކޮ ހަލާކުވާން ޖެހުނީ ކީއްވެ ހެއްޔެވެ! 
" ކާކު ތިވިޔަފާރީގެ އަޑީގަ ހުރީ!"
ދާއިން ޔަޤީން ކުރަން ބޭނުން ވިއެވެ.
" ތިން މީހުން.... ޔާނާގެ ބައްޕަ..... ނާމީގެ ބައްޕަ.... އަހަރުމެންގެ ބައްޕަ...!"
މާހިން އެހެން ބުނީ ދާއިންގެ މޫނަށް ބަލަން އިނދެ އެވެ. ބޭބެއަށް ވީގޮތް އޭނާއަށް ފެނުނެވެ. ދާއިން އިސް ޖަހައިގެން އިރުކޮޅަކު އިނީ އަނގައިން ބުނަން ނޭގިފަ އެވެ. ބައްޕަމެންގެ އަތުގައި ކުއްލިއަކަށް އެހާ ފައިސާ ގިނަވި ސަބަބު މިހާރު އޭނާއަށް ވިސްނިއްޖެ އެވެ. އެންމެ ކަންބޮޑުވަނީ ޔޫހާމެންނަށް އެ ޚަބަރު ލިބިދާނެތީ އެވެ. 
އިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު އަނެއްކާވެސް މާހިން ވާހަކަ ދެއްކި އެވެ.

" މަށަށް ހީވަނީ މީގަ އިތުރު އެތައް ބަޔަކު އެބައުޅޭހެން.....! ވިސްނާލާ...މިގޭގަ ތައްޔާރު ކުރެވުނު އެއްޗެއް ކޮޗިން މަގުން މަލިކާ ހިސާބަށް އެދިއައީ.... ސަޅިއެއްނުން....! "
ދާއިން އިސް އުފުލާ މާހިންއަށް ބަލާލި އެވެ. 
" ތިކަން ހުއްޓުވަން އެބަޖެހޭ....! އަހަރުމެންނަށް ލިބޭ ދަރީންގެ މުސްތަގުބަލަށްޓަކާވެސް ތިކަމަށް ނިމުމެއް ގެންނަން އެބަޖެހޭ...!"
ދާއިން ވަރުގަދަ އަޒުމަކާއި އެކު ބުންޏެވެ.
" ތިކަމާ އުޅޭ މީހަކު ހަލާކުވާން ޖެހޭނީ...!"
ނަފްރަތުން ފުރިފައިވާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން މާހިން ބުނެލި އެވެ.
" ހަލާކު ވިއަސް ކުރާނެ ކަމެއް ނެތް....!"
ދާއިން ހިތުގެ އަޑީން ބުންޏެވެ.

ޖުނައިހު މާލެ ގެންދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިމިއްޖެ އެވެ. މާދަމާއަކީ އެމީހުން މާލެ ދާން ފުރާ ދުވަހެވެ. މުހައްމަދު އޭނާގެ މަންމަ ގާތުގައި ބުނީ ބައްޕަ އެދަނީ އިންޑިއާއަށް ބޭސް ކުރަން ކަމަށެވެ. ސަންފަ ހުރީ އެކަމާއި ވަރަށް އުފަލުންނެވެ. 

ލޫނާ އޭނާގެ ބައްޕަ މާލެ ގެންދެވޭތީ އުފަލުން ކޮޅެއް ނެތެވެ. މިހާރު އޭނާ ބޭނުން ވަނީ އޭނާވެސް ބައްޕައާއި އެކުގައި ދިރިއުޅެވޭނެ ގޮތެއް ނާމީ ހަދައިދޭށެވެ. މަންމައާއި ބައްޕައަށް އެކުދީންގެ އެހީތެރިކަން މިއަދު ވަނީ ބޭނުން ވެފަ އެވެ. ނާމީވެސް އެކަމާއި އެއްބަސް ވިއެވެ. ލޫނާ ހިތްހަމަ ޖެހޭ ފަދަ ގޮތަކަށް އެކަންވެސް އޭނާ ކޮށްދޭނެ އެވެ. އެހެން ނަމަވެސް އަދިވެސް ނާމީއަކީ ލޫނާ އެންމެ ހިތްހަމަ ޖެހޭ މީހާ ކަމުގެ ޔަޤީން ކަމެއް ނާމީއަކަށް ނެތެވެ. އެކަން ލޫނާ ސާބިތު ކޮށްދޭނެ ވަގުތަކަށް ނާމީ އަބަދުވެސް އިންތިޒާރު ކުރެއެވެ.

ޔޫހާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ބައްޕައާއި ބައްދަލު ވާ ވަގުތު ޖެހެން ބައިގަޑި އެއްހާއިރަށް ވީއެވެ. ކޮއްކޮ ބުނި ގޮތުން ބައްޕައަށް ވަނީ ބޮޑު ބަދަލެއް އައިސް ފައެވެ. އެހެން ނަމަވެސް ބައްޕަ ހުންނާނެ ގޮތް އަދިވެސް ޔޫހާއަށް އިނގެ އެވެ. ބައްޕަގެ ލޯބި މޫނު ކޮޅުގައި ބޮޑުތުބުޅިއެއް ހުންނައިރު ބައްޕަގެ ސިފަ ހުންނާނެ ގޮތް ވެސް އޭނާ ސިކުނޑީގައި ކުރަހާލި އެވެ. ކޮއްކޮ ކައިރީ ބުނެބުނެވެސް ބައްޕަގެ ފޮޓޮއެއްވެސް ވައިބަރ ނުކުރި އެވެ. ލޫނާ ބޭނުން ވީ ފުރަތަމަވެސް ޔޫހާ ހަމަ ލޮލުން ބައްޕަ ދެކިލާށެވެ.

މާލޭ އާދެވުނު އިރު ގަޑިން ފަސްގަޑި ބައިވަނީ އެވެ. ބައްޕަގެ އިންތިޒާރުގައި އެއަރޕޯޓްގައި ޔޫހާ އާއި ދާއިން ތިއްބެވެ. ދާއިންގެ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު ޔޫހާގެ ފިނިފިނފި އަތްތިލަ ދާހިއްލަމުން ދިއަ އެވެ. ޔޫހާ ނުތަނަވަސް ވެފައި ވާވަރު ދާއިންއަށް އިޙުސާސް ކުރެވެމުން ދިއައެވެ.

" ބައްޕަ ގެންދާނީ އަހަރުމެން ގެއަށް އިނގޭ....! ރަނގަޅަށް ހަމަޖެހެންދެން އަހަރުން ގޭގަ ބަހައްޓާނީ....!"
ދާއިން އެހެން ބުނުމުން ޔޫހާ އިތުރަށް އުފާވި އެވެ. ބައްޕަ މިރޭ ބަހައްޓާނެ ތަނަކާއި ދޭތެރޭ އޭނާވެސް އެދަނީ ވިސްނަމުންނެވެ. މަންމަ އެކަނި އުޅޭ ގެއަކަށް ބައްޕަ ގެންގޮސް ލުމަކީ އަދި ކުރެވޭނެ ކަމެއް ނޫނެވެ.

ބޯޓުގައި އިނދެގެން ލޫނާއާއި ނާމީ ބައްޕައާއި ވަރަށް ވާހަކަ ދެއްކި އެވެ. ޖުނައިހު އެ ވާހަކަތައް އަޑުއަހަން އިން ނަމަވެސް ދުލުން އެންމެ ބަހެއް ވެސް ބޭރު ކޮށްނުލައެވެ. އެހެން ނަމަވެސް ބައެއް ފަހަރު ލޫނާ ބުނާ އެއްޗަކަށް ހަރަކާތް ކޮށްލާ ގޮތުން އެބުނާ އެއްޗެއް ދޭހަވާކަން ޔަޤީން ވެއެވެ. ލޫނާ އޭނާގެ ބައްޕައަށް ގިނަ ވާހަކަ ތަކެއް ކިޔައިދިނެވެ. ދައްތީގެ ވާހަކައާއި މަންމަގެ ވާހަކަ އަޑުއަހަން ބައްޕަ އިންނަނީ ޙައިރާން ކަމާއި އެކުއެވެ. ވާނީ ވެސް އެހެންނެވެ. ޤަބޫލު ކުރަންވީ އެއްޗެއް މިހާރު ޖުނައިހުއަށް ވަނީ އޮޅިފަ އެވެ. ކުޑަ ދުވަސް ކޮޅެއްގެ ކުރީން ސަންފަވެސް ދެއްކީ ހަމަ އެކަހަލަ ވާހަކަ ތަކެކެވެ.

ލޫނާއާއި ނާމީ ބައްޕަގެ އަތުގައި ހިފައިގެން ބޯޓުން ފައިބަމުން ދިއައެވެ. ބައްޕަގެ އެއް ފައިގައި ވަރުނެތުމުގެ ސަބަބުން ސިޑިތަކުން ފޭބުނީ ވަރަށް އުނދަގުލުން، ލަސްލަހުން، މަޑުމަޑުންނެވެ.
ޖުނައިހުގެ އަތުގައި ހިފައިގެން ލޫނާ ބޭރަށް ނުކުތްއިރު އެއްވެފައިވާ މީހުންގެ އެންމެ ކުރީގައި ޔޫހާ ހުއްޓެވެ. ޔޫހާއަށް ބައްޕަ ފެނުނު ވަގުތު ދާއިންގެ އަތްތިލައަށް ފިތާލެވުނެވެ. 
" ބައްޕާ!"
ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއައީ އެއީ ބައްޕަ ކަން ޔާޤީން ވުމުންނެވެ. ޔޫހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބައްޕަގެ ކުރިމައްޗަށް ހުއްޓުނެވެ. ހިތް އަވަސްވެފައިވާ ޔޫހާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަތައް އޮހިގެން އިރުވެސް ޖުނައިހު ހަމަ އެހުރި ގޮތަށް ޔޫހާއަށް ބަލަން ހުރީ އެވެ.

" ބައްޕާ.... މީ ޔޫހާ....!"
ޔޫހާއަށް ބައްޕަގެ ގައިގައި ބައްދައި ގަނެވުނެވެ. ބައްޕައަށް އޭނާ ނޭގުނަސް އެއީ ހަމަ އޭނާގެ ބައްޕަ އެވެ. މާޒީގެ އެއްވެސް އެއްޗެއް ހަނދާން ނެތަސް އެކުދީންގެ އެ އިޙުސާސް ތަކުން ޖުނައިހުއަށް އަސަރު ކުރަމުން ދިއަ އެވެ. ދުވަސްތަކެއް ވަންދެން އެއްވެސް ކަމަކާއި ފިކުރު ކުރަންވެސް ނޭގި ގަބުވެފައި ވީނަމަވެސް ލޫނާ އޭނާގެ ގައިގައި ބައްޕާއޭ ކިޔާފައި އޮޅުލައިގެން ދުވަހުން ފެށިގެން މަޑުމަޑުން އޭނާގެ ހިއްސުތަކަށް އެނގުން ވާން ފަށައިފި އެވެ. 

ލޯންޗުގައި މާލެ އައިއިރު ބައްޕަގެ ދެއަތުގައި ދެކުދީން ހިފަހައްޓާލައިގެން ތިއްބެވެ. ބަހެއް ނުބުނެ އިންނަމަވެސް ޖުނައިހުގެ އެކަނިވެރި ހިތަށް ފިނިކަމެއް އިޙުސާސް ކުރެވެމުން ދިއައެވެ. މާލެ އައުމަށް ފަހު އެންމެން ދިއައީ ދާއިންމެންގެ ގެއަށެވެ. ދާއިންމެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި ބައްޕަ ބަހައްޓަން ދާއިން ވަނީ މާކުރީން ވެސް ނިންމާފަ އެވެ. ބައްޕަ ގެ ކަންތައް ހަމަޖެއްސުމަށް ފަހު ބައްޕަ ކޮޓަރީގައި ބާއްވާފައި ޔޫހާއާއި ލޫނާ ބޭނުންވީ މަންމަ ގެ ކައިރިއަށް ދާށެވެ. މަންމަ ގާތުގައި ކޮންމެވެސް ވަރަކަށް ބައްޕަގެ ވާހަކަ ދައްކާލާށެވެ. ޔޫހާ މެންނާއި ލޫނާ ހަވާލު ކުރުމަށް ފަހު ނާމީ ދިއައީ ގެއަށެވެ. ނާމީގެ ބައްޕަ ވަރަށް އަވަހަށް ބައްދަލު ކޮށްލަން ބޭނުން ވެގެންނެވެ. 

މަންމައާއި ވާހަކަ ދައްކާލާނެ ފުރުސަތު ޔޫހާއާއި ލޫނާއަށް ދީފައި ދާއިންވެސް ނުކުތީ ބޭރަށެވެ. ހައިފާ ފެނުމުން ލޫނާ ހައިފާގެ ގައިގައި ބައްދައިގަތެވެ. މަންމައަށްޓަކައި އޭނާ މިއަދު ހާދަހާ އުފާ ވެއެވެ. ކައިވެންޏަށް ފަހު ކުދީންނަށް އައިސްފައިވާ އުފާވެރި ކަމާއި ދޭތެރޭގައި ހައިފާވެސް ވަރަށް ޝުކުރުކުރި އެވެ. 

" މިހާރު އަހަރުމެންގެ ލައިފްގަ އެންމެ އެއްޗެއް މަދީ.... ދޯ މަންމާ...!"
ލޫނާ އެވާހަކަ ފައްޓާނެ ގޮތެއް ހޯދި އެވެ.
" ބައްޕަދޯ...!"
ހައިފާ ބޯޖަހާލި އެވެ. 
" އަދި އިރާދުކުރެއްވިއްޔާ އަންނާނެ...!"
އެހެން ބުނީ ހައިފާ އެވެ. މަންމަ އަދިވެސް އުއްމީދު ކަނޑާލާފައި ނުވާ ކަމީ ނަސީބޭ މިހާރު ލޫނާމެންގެ ހިތަށް އަރައެވެ.
" އަނ ޔަޤީން...!"
ޔޫހާ ދައްކަން އުޅޭ ވާހަކައަށް މަގުފަހި ކޮށްލި އެވެ.
" އިއްޔެ ޚަބަރުގަ އޮތް މާލޭން ގެއްލުނު މީހަކު ތިން އަހަރު ފަހުން އިންޑިއާގެ އަވަށް ގަނޑެއްގަ އުޅެނިކޮށް ފެނުނު ވާހަކަ....!"
" އެއީ ކާކު؟"
ޔޫހާގެ ވާހަކަ ނުނިމެނީސް ހައިފާ ސުވާލު ކުރި އެވެ. މަންމަގެ ދެލޮލުން ފެނުނު އުއްމީދުގެ އަލިކަން ޔޫހާގެ ހިތަށް ފިނިކަމެއް ގެނެސް ދިނެވެ.

" އަދި ނޭގެ..... އަހަރުމެން މި އުއްމީދު ކުރަނީ.....ﷲ ގެ ރަޙުމަތް ފުޅުން އެއީ ބައްޕައަށް ވުމަށް...މަންމަ ކައިރީ އެވާހަކަ ބުންނަ މިއައީ ވެސް.... ދުޢާ ކުރައްޗޭ....!"
ހައިފާ ތެޅިގަތެވެ. އޭނާ އަކަށް ދުރުގައިވެސް ނީދެވުނެވެ. އޭނާ އަވަސްއަވަހަށް އައިސް ޔޫހާގެ ކައިރިއަށް ހުއްޓުނެވެ.
" ކޮބާ އޭނަ މިހާރު....! އެވާނީ ބައްޕައަށް ހަމަ ޔަޤީން.... ޖައްސަ ޖައްސައިގެން ތިން ދުވަސް ވެއްޖެ ބައްޕަ އައިސްގެން އުޅެނިކޮށް ހުވަފެނުން ފެންނަތާ..... ދާއިން ކައިރީ ބުނެބަލަ ބަލާބަލާށޭ އެއީ ކާކުތޯ..! "
މަންމަގެ ހިތް އަވަސްވަމުން ދިއަ ވަރު އެކުދީންނަށް ފާހަގަ ކުރެވުނެވެ.
" މަންމާ... އެމީހާ އަކަށް އެއްވެސް އެއްޗެއް ނޭގެއޯ....! އަމިއްލައަށް އެއީ ކާކު ކަމެއް ބުނެދޭން ވެސް ނޭގުނޯ..... ހުރިހާ ކަމެއް ހަނދާން ނެތިފައޯ ހުރީ....!"
ލޫނާ މަންމަގެ ދެލޮލަށް ބަލަން އިނދެ ބުންޏެވެ. މަންމަ ހިމޭން ވެލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. 

"ކޮން އިރަކުން އެއީ ކާކުކަން އިނގޭނީ...؟ އޭނަ މާލެ ގެންނާނީ ކޮން އިރަކުން؟""
މަންމަގެ އުއްމީދަށް ބަދަލެއް ނައީތީ ލޫނާއާއި ޔޫހާވެސް އުފާވި އެވެ.
" މާދަމާ ހެދުނު އޭނަ މާލެ ގެންނާނެ..... އަހަރުމެން ވެސް މިތިބެނީ އެކަމަށް ތައްޔާރު ވެގެން....!"
މަންމައާއި އެކުގައި ވަގުތު ކޮޅެއް ހޭދަ ކުރުމަށް ފަހު ދާއިން އާއި ޔޫހާ ލޫނާ ގޮވައިގެން ދިއައީ ނާމީގެ ގެއަށެވެ. ލޫނާ ގޭ ދޮރުމައްޗަށް ބޭލުމަށް ފަހު ދާއިންގެ ކާރު ނައްޓާލީ އެވެ.

ލޫނާ ގޭގެ ގޯތިތެރެއަށް ވަންއިރު ދުރުން ބަލަން ހުރި މީހަކު ލޫނާގެ ލޮލުގައި އަޅައިގަތެވެ. އިސްކޮޅުން ދިގު، ދޮން ޒުވާނެކެވެ. އެއީ އޭނާއަށް ކުރީން އެގޭތެރެއިން ފެނިފައިވާ މީހެއް ނޫނެވެ. އެމީހަކު ލޫނާއަށް ބަލަން ހުރި ގޮތުން ކުރިއަށް ހިނގަންވެސް ލޫނާއަށް އުނދަގޫވި އެވެ. ފައި އޮޅޭގޮތްވި އެވެ. ނޭގޭ ކަމަށް ހަދައިގެން ލޫނާ ކުރިއަށް ހިނގައިގެން ނަމަވެސް އެމީހާއާއި ދިމާއަށް ބަލާނުލާ ކެތްވާގޮތެއް ނުވި އެވެ. ލޫނާ އިސް ޖަހައިގެން ހުރެ އެސްފިޔަތައް ހިއްލާލާ އެޒުވާނާއަށް ބަލާލި ވަގުތު އޭނާއާއި ހަތަރުކަޅި ހަމަވެގެން ދިއައެވެ. ދެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެފެނުނު ފިރިހެންވަންތަކަމާއި ތުންފަތް މައްޗަށް ވެރިކުރުވާފައިވާ ލާނަތް ހިނިތުންވުމާއި އެ ދެލޮލުގެ ތޫނު ވިދުވަރު ބަލި ހިތެއް ޒަހަމް ކޮށްލާހާ ވެއެވެ. 

ކޮމެންޓް 0