" ނާމީ!"
ޔޫހާއަށް ނާމީ އާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އެދިޔަ ގޮތަށް ގޮސް ނާމީގެ ހަށިގަނޑުގައި އޭނާއަށް ބައްދައި ގަނެވުނީ ދުވަހަކުވެސް ވަކިކޮށް ނުލެވޭހާ ބާރަށެވެ. ނާމީ އަށް ވެސް ޔޫހާގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ އަސަރާއި އެކުގަ އެވެ. އޭނާގެ މޭގެ ރިހުންތައް އެއްފަހަރުން ފިލައިގެން ދިޔައިރު ދެލޮލުން ކަރުނައިގެ އަސަރު ފާއްދާލީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. 

ނާމީގެ ގައިގައި ހިފަހައްޓާލައިގެން ހުރެ ގިސްލަމުން ދިއަ ޔޫހާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިއައެވެ. އޭނާ މުޅީން މާޔޫސް ވެފައި ވަނިކޮށް އެ ލެއްވި ރަޙުމަތަކީ އޭނާ އުއްމީދުވެސް ނުކުރާފަދަ ހެޔޮ ރަޙުމަތެކެވެ. 

ޔޫހާ ނާމީގެ މޫނަށް ބަލާލި އެވެ. ނާމީއާ ހަތަރު ކަޅި ހަމަވެގެން ދިއަ ވަގުތު ޔޫހާގެ ހިތް އެއިންސާނާއަށް ޓަކައި ލޯބިން ފުރިގެން ދިއަ އެވެ. އެއީ އޭނާއަށްޓަކައި ބީރައްޓެއްސެކެވެ. އެހެން ނަމަވެސް އޭނާ ޔޫހާއަށް ޓަކައި ވެފައި އެވަނީ ކޮންފަދަ ބޮޑު ޤުރުބާނީއެއް ހެއްޔެވެ! ޔޫހާ ވަނީ މުޅި އުމުރަށްޓަކައި އޭނާއަށް ދަރަނިވެރި ވެފަ އެވެ. ޔޫހާ އާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރިއިރު ނާމީގެ ހިތުގައި ބުނަން ނޭގޭ ފަދަ އިޙުސާސެއް އުފެދެމުން ދިއައެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް އޭނާއަށް ކުރެވިފައި ނުވާފަދަ އިޙުސާސެކެވެ. ޔޫހާގެ ތޫނު ދެލޮލާއި އެ ހަން އޮމާން މޫނު އެހާ ގާތުން ފެނުމުން އޭނާ ހުރީ ކަޅި ޖަހާލަން ވެސް ނޭގިފަ އެވެ. ދުނިޔޭގެ އެކި ހިސާބު ތަކުން ތަފާތު އަންހެން ކުދީން އޭނާއަށް ވަނީ ފެނި، ތަޖުރިބާ ކުރެވިފަ އެވެ. އެހެން ނަމަވެސް މިވަރުގެ ފުރިހަމަ ކަމެއް އޭނާ ދުވަހަކުވެސް ނުދެކެ އެވެ. ޔޫހާ އެހެން ފިރިހެނެއްގެ ޝިކާރައަކަށް ނުވެ އޭނާގެ އަތުޖެހުނުކަން އެއީ ހާދަ ބޮޑު ނަސީބެކެވެ. 

" އަހަރެން މިތަނުން ސަލާމަތް ކޮށްދީ.... ޕްލީސް!"
ޔޫހާ އާދޭހާއި އެކު ބުނެލި އެވެ. ނާމީ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. އެވަގުތު އޭނާއަށް އެއްޗެއް ހަނދާންވި އެވެ. 
" ޔޫ އަރ މެރިޑް؟"
ނާމީ ޔަޤީން ނުވެފައި އަހާލި އެވެ. ޔޫހާ ބޯޖަހާލި އެވެ. 
" އެކަމަކު އެއީ އަހަރެން ޤަބޫލު ކުރާ ކައިވެންޏެއް ނޫން...! "
ޔޫހާ ކުޑަކުއްޖަކު ފަދައިން ތުންފިއްތާލި އެވެ. އެ ހަނދާންތައް އޭނާއަށް ނާމާން ހުވަފެނެއް ފަދަ އެވެ.
" އެއީ ކާކު؟ އެމީހާ ކޮބާ މިހާރު؟"
ނާމީ އޮޅުން ފިލުވަން ބޭނުން ވިއެވެ.
" އެއީ ޝަމްސުއްދީން ކިޔާ އިންޑިއާ މީހެއް.... އޭނަ އަހަންނާ ކައިވެނި ކޮށްފަ ދުވަސް ގަނޑަކަށް އަހަރެން މިތަނަށް ވިއްކާލީ...!"
ޔޫހާ އެބުނި އެއްޗަކާއި ދޭތެރޭގައި ނާމީ ވިސްނާލި އެވެ. ނާމީއަށް ޔޫހާ އެތަނުން ސަލާމަތް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އަދި އަމުދުން ޔޫހާ އެތަނަށް ވިއްކާފައި އެވަނީ ވަކި މުއްދަތަކަށް ކަމަށް ވަންޏާ އެކަން ކުރަން ދަތި ވާނެއެވެ. 

" އަހަރެން، އަހަރެންގެ މަންމަ ކައިރިއަށް ދާން ބޭނުން.... މަންމަގެ ހާލެއްވެސް ނޭގެ! ކޮއްކޮ އަށްވެސް ވީ ގޮތެއް ނޭގެ!"
އެހެން ބުނުމާއެކު އަނެއްކާވެސް ޔޫހާއަށް ރޮއިގަނެވުނެވެ. ނާމީ ޔޫހާ އޭނާގެ މޭގައި ޖައްސާލި އެވެ. އެ ލޯބި ލޯބި އަންހެން ކުއްޖާގެ ހިތުގައި ރިހޭނެ ވަރު އޭނާއަށް އިޙުސާސް ކުރެވެ އެވެ. އިރުކޮޅަކު ވިސްނާލާފައި ނާމީ ޔޫހާ ދުރަށް ޖައްސާލި އެވެ. އޭނާ ބޭނުން ވަނީ ޔޫހާ އެ އެދުނު ކަންތައް އަވަހަށް ކޮށްދޭށެވެ. ނާމީ ޔޫހާ ބަހައްޓާފައި ނުކުތީ ބޭރަށެވެ. އޭނާ ގޮސް ތިރީ ކައުންޓަރަށް މަޑުކޮށްލި އިރު އޭނާގެ ފަހަތުން ހޮޓަލްގެ ގިނަ މުއްޒަފުން ތަކެއް އައިސް ތިއްބެވެ. މިއަދުގެ ހާއްސަ މެހުމާނު އޭނާގެ އެންމެ އަރާމު ވަގުތު ކޮޅު ނަގާލައިފައި ކޮޓަރީން ބޭރަށް އަންނަން ޖެހުނު ސަބަބެއް އޮޅުން ފިލުވަން އެންމެންވެސް ބޭނުން ވިއެވެ. ނާމީ ރިސެޕްޝަންގައި އިން ކުއްޖާއާއި ދެއްކި ވާހަކަ ތަކަކުން އެ ކުއްޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ހާސްކަން ފާޅުވެގެން ދިއަ އެވެ. ނާމީ އެދުނީ ހޮޓެލްގެ މެނޭޖަރ އާއި ވަގުތުން ބައްދަލު ކުރުމަށެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެކަން ހަމަ ޖެހިއްޖެ އެވެ. 

މެނޭޖަރު ކިޝޯރު ކައިރިން ނާމީ އެދޭ ކަމެއް ނެތެވެ. އޭނާ މެނޭޖަރަށް ދިނީ އިންޒާރެކެވެ. އެކި ގައުމު ތަކުން އަންހެން ކުދީން ވަގަށް ނަގައިގެން ވިއްކަމުން ދާކަން ރިޕޯޓްކޮށް ތަން ބަންދު ކުރުމުގެ އިތުރުން އެ އެންމެނަށް ހައްޤު އަދަބު ދޭނެ ކަމުގައި ނާމީ ބުންޏެވެ. އަދި ނާމީ އަކީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރުން ގުޅިގެން ޔޫހާ ހޯދުމަށް ހިންގާ މިޝަންގައި ބައިވެރިވާ ރާއްޖޭގެ ސީއައިޑީ ޕޮލިހެއް ކަމަށް ބުނުމުން އެމީހުން ވަކީން ބިރުގަތެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެކަމާ ވާހަކަ ދައްކަން ބޮޑު ޓީމެއްގެ ބައްދަލު ވުމެއް ބޭއްވުނެވެ. އޭގެ ތެރޭގައި އެތަނުގެ ހުރިހާ ވެރީންވެސް ބައިވެރި ވިއެވެ. ނާމީ އެމީހުން ގާތުން އެދުނީ ޝަމްސު އެތަނަށް ހާޒިރު ކުރުމަށެވެ. އެކަންވެސް އެމީހުން ކޮށްދޭން އެއްބަސް ވިއެވެ. 

ދެ ގަޑިއިރު ފަހުން ޝަމްސް އާއި ނާމީ ބައްދަލު ވިއެވެ. އޭނާ ފެނުމުން ނާމީ ގެ ރުޅި ކޮންޓުރޯލެއް ނުކުރެވުނެވެ. ޔޫހާއަށް އެމީހާ އަނިޔާ ކުރި ވަރު އެންމެ ރަނގަޅަށް އިނގޭނީ ނާމީ އަށެވެ. ނާމީ އަކީ ދިވެއްސެއް ކަން ޝަމްސުއަށް އެނގުނު އިރު ޝަމްސުގެ މޫނު މައްޗަށް ދެތިން އެތި ފަހަރު އަރައިފި އެވެ. 

" ކަލޭ ހިތުން މާ ގުންޑާ ހެދިގެން އުޅޭނެ ކަމެއް ނެތް....! "
ނާމީ އައިސްފައިވާ ގަދަ ރުޅީން ކިޔޭ ނުކިޔޭވެސް ނޭގެ އެވެ. އެތަނުގައި ތިބި ގިނަ ބަޔަކު މި މަންޒަރު ބަލަން ތިބި ނަމަވެސް އެއިން އެކަކުވެސް އެކަން ހުއްޓުވާކަށް ނޫޅެ އެވެ. ނާމީ ގެ ކައިރީގައި ޝަމްސުގެ އެ ބޮޑު ހަށިގަނޑުވެސް މިއަދު ވޮލީ ބޯޅައެއް ފަދަ އެވެ. ނާމީގެ ކައިރިން ސަލާމަތް ނުވެގެން އުޅެނިކޮށް ފެނުނީ ޕޮލިހުންގެ ބަޔަކު ވަދެގެން އަންނަ ތަނެވެ. ނާމީ ހުރީ އެވަރަށް ރާވާ ތައްޔާރު ވެގެންނެވެ. އޭނާގެ އަތް ދަށުގައި ސަމްސު ގިނައިރު ވެއްޖެނަމަ މަރުގެ ޒިންމާ އުފުލަން ޖެހިދާނެ ކަމާމެދު ޝައްކެއްނެތެވެ. 

ޕޮލިހުން އައިސް ނާމީ ދުރުކުރަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އަދި ނާމީގެ މަސައްކަތް ނުނިމެ އެވެ. އޭނާގެ އުނަގަނޑުގައި ބާރަށް ބައްދައިގެން ތިބި ދެ ޕޮލިހުން ފޮޅުވާލަމުން ޝަމްސުގެ ކަރުގައި ނާމީ ހިފީ ނޭވާލާން ދަތިވާ ވަރަށެވެ.

" ބުނޭ...ޔޫހާއަކީ ކަލޭގެ އަތްބެއް ނޫނޭ....!"
ޝަމްސުއަށް އަނގައިން ނުބުނެވިގެން ތެޅިގަތުމުން ނާމީ އޭނާގެ ކަރުން އަތް ދޫކޮށްލި އެވެ. 
ޝަމްސު ކޮށިއެރި ވަގުތު ނާމީ އަނެއްކާވެސް ޝަމްސްގެ ގަމީހުގެ ގިރުވާނުގައި ހިފާ ލަތްކެއް ޖެހި އެވެ. 
" ބުނާށޭ ޔޫހާ ވަރިކޮށްފީމޭ!"
" އަހަރެން ޔޫހާ ވަރިކުރީ...ވަރިކުރީ....!"
ދެއަތް މައްޗަށް ނަގަމުން ޝަމްސު ސަލާމަތަށް އެދުނެވެ. ނާމީ ޝަމްސުގެ މޭގައި އަޅާ ކޮށްޕާލުމުން އޭނާ އެނބުރެމުން ގޮސް ފާރު ބުޑަށް ޖެހުނެވެ. އެވަގުތު ޕޮލިހުންގެ އޭނާއަށް ހިމާޔަތް ދިނެވެ.

ޔޫހާ ގެ އަތްތިލައިގެ ތެރެއަށް އަތް މަހާލައިގެން ޔޫހާ ގޮވައިގެން ނާމީ އެ ހޮޓަލުން ނުކުތް އިރު ޔޫހާ އަށް ދުނިޔެ ފެނިގެން ދިޔައީ މުޅީން އާ ތަނެއްގެ ގޮތުގަ އެވެ. އޭނާއަށް ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ. ހުވަފެނުން ހޭލެވުނު އިރު އޭނާގެ ބައިވެރިއެއްގެ ގޮތުގައި ހުރީ ނުދަންނަ ބީރައްޓެއްސެކެވެ. އެމީހަކާއި އެކު ދިރި އުޅުމުގެ އެންމެ ސުކުންތެއްވެސް ހޭދަކުރުމުގެ އުއްމީދެއް ކޮށްފައި ނުވާ މީހެކެވެ. 

ޔޫހާ އާއި އެކު ނާމީ މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާ އަށެވެ. މަންމައާއި ކޮއްކޮ ދުށުމަށް އެދި ޔޫހާގެ ހިތްވަނީ އަވަސް ވެފަ އެވެ. އެހިތުގައި ނުތަނަވަސް ކަމެއް އުފެދެމުން ދިއައީ މަންމައަށް ވީ ގޮތެއް ނޭގޭތީ އެވެ. ކޮއްކޮގެ ހާލު ނޭގޭތީ އެވެ. ހޮސްޕިޓަލްގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމާއި އެކު ޔޫހާ އެތެރެއަށް ދުއްވައި ގަތީ ހިތާހިތުން ދުޢާ ކުރަމުން ނެވެ. އެހެން ނަމަވެސް އައިސީޔޫގެ ކައުންޓަރުން ދިން މައުލޫމާތަކުން ޔޫހާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މެދު ކެނޑިގެން ދިއަ އެވެ. މަންމައާއި ކޮއްކޮ މިހާރު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލު ވެފައި ކަމަށް ބުނި އިރު ބަދަލުވީ ކޮންތާކަށް ކަމެއް ބުނެދޭކަށް އެމީހުންނަކަށް ނޭގުނެވެ. ޔޫހާ ގެ ދެލޯ ކަރުނުން ފުރިގެން ދިއަ ވަގުތު އޭނާއަށް އަނެއްކާވެސް އެހީތެރި ކަމެއް ފޯރު ކޮށްދިނީ ނާމީ އެވެ. ނާމީ ޔޫހާގެ ހިތްހަމަ ޖައްސާދޭން މަސައްކަތް ކުރި އެވެ. އަދި ޔޫހާ ގޮވައިގެން ބެންގަލޫރުގެ ހުރިހާ ހޮސްޕިޓަލެއްގައި އަތް ފުނާ އަޅާނެ ކަމުގެ ޔަޤީންކަން އޭނާ ޔޫހާއަށް ދިނެވެ. 

މެންދުރުގެ ވަގުތެކެވެ. އައިސީޔޫގެ ބޭރުގައި ހުރި ގޮނޑިބަރީގައި ލޫނާ އިށީންދެލައިގެން އިނެވެ. ހޮސްޕިޓަލްގެ އައިސީޔޫ އަށް ވަދެވޭ ގަޑިއަކީ ހަވީރު ހަތަރަކާއި ހަޔަކާއި ދޭތެރެ އެވެ. އެހެން ނަމަވެސް ލޫނާ ގިނަ ވަގުތު ހޭދަ ކުރަނީ ހޮސްޕިޓަލްގަ އެވެ. ކޮންމެ ވަގުތެއްގައި ވެސް މަންމަ ލޯ ހުޅުވާލަފާނެ ކަމުގެ އުއްމީދު ގައެވެ. ދުރުން ހިނގާފައި އައި ޒުވާނާ ފެނުމުން ލޫނާ ގެ ދެލޯ އޭނާއަށް އަމާޒު ކޮށްލެވުނެވެ. އެއީ ކިތަންމެ ދުރުން ވެސް ފާހަގަ ކޮށްލެވޭ ފަދަ ފިރިހެން ވަންތަ ކަމެކެވެ. ދުރުންވެސް އަންހެން ކުދީންގެ ލޯތައް އަޅައި ގަންނަ ފަދަ ހިނގުމެކެވެ. މާހިން މަޑު ހިނގުމެއްގައި ލޫނާ އާއި ދިމާއަށް ހިނގަމުން ދިއަ އެވެ. ލޫނާ އެދިމާއަށް ކަޅި ޖަހާނުލާ ބަލަން އިންތަން ފެނުމުން މާހިންއަށްވެސް ހިސާބަކަށް އުނދަގޫވި އެވެ. އެ ރީތި ރީތި ޅައަންހެން ކުއްޖާގެ ކިބައިގައި އެވާ ފުރިހަމަ ކަމަކީ ފުރަތަމަ ދުވަހުއްސުރެ މާހިންއަށް އުނދަގޫ ކުރަމުން އަންނަ ކަމެކެވެ. ލޫނާގެ ތަސްވީރެއް ފުއާދު ގެ އަތުން ފެނުނު ދުވަހުވެސް އެރީތި ދެލޮލުގެ ތޫނުކަން މާހިންއަށް ފާހަގަ ކުރެވުނެވެ. އަދި ބައްޕައާއި ދޭތެރޭގައި ހިތުގައި ހަސަދަ ވެރި ކަމެއް އުފެދިގެން ދިއަ އެވެ. އެދުވަހުއްސުރެ ލޫނާގެ މައްޗަށް މާހިންގެ ހިތް ވަނީ ކަޅު ވެފަ އެވެ. އެވަރުގެ ފުރިހަމަ ކަމެއް ލިބިފައިވާ ޒުވާން އަންހެން ކުއްޖަކު ބައްޕަ ފަދަ ދުވަސްވީ މީހަކާއި ކައިވެނި ކުރަން އުޅޭނީ ފައިސާއަށްޓަކައި ކަން އެނގެ އެވެ. އެހެން ނަމަވެސް މިހާރު ލޫނާއާއި ބައްދަލުވެ މަދުން ނަމަވެސް ވާހަކަ ދައްކާ އުޅެން ފެށުމުން ލޫނާގެ ކިބައިން އެފެންނަ މަޢުޞޫމް ކަމުގެ ސަބަބުން މާހިންގެ ހިތް މަޑުމަޑުން ސާފު ވަމުން ދިއަ އެވެ. 

ލޫނާ އެ ކައިވެނިކުރަން ބޭނުންވި ސަބަބު މިހާރު މާހިންއަށް ކިތަންމެ ރީތިކޮށްވެސް އެނގެ އެވެ. ލޫނާގެ މަޖުބޫރީ ހާލަތު މާހިންއަށް އެބަ ފެނެ އެވެ. ބޭބެ ގާތުގައި ލޫނާގެ ހަޤީޤަތް ބުނެ ދޭން ކިތަންމެ ފަހަރަކުވެސް ހިތަށް އެރި އެވެ. އެހެން ނަމަވެސް މާހިން އެންމެ ކުރީން އެވާހަކަ ދައްކާނީ ލޫނާ އާއެވެ. ބައްޕައާއި ކައިވެނި ކުރުމަކީ ލޫނާ ބޭނުން ވެގެން ކުރާ ކަމެއްތޯ އަހާލަން މާހިން ބޭނުން ވެއެވެ. އެ ކުޑަކުޑަ ރީތި އަންހެން ކުއްޖާ މާހިންގެ ދޮންމަންމަ އަކަށް ހަދާކަށް ހަމަގައިމުވެސް މާހިންގެ ހިތެއް ނުރުހެ އެވެ. މާހިން ލޫނާއާއި އަރާ ހަމަވުމުން ލޫނާ ހިނިތުންވެލި ގޮތުން މާހިންއަށް އޭނާގެ ނަޒަރު ލޫނާއާއި ވަކިކޮށްލަން މަޖުބޫރު ވިއެވެ. އެ ރީތި ހިނިތުން ވުމުގައި ހުރި ވަރުގަދަ އަސަރެއްގެ ސަބަބުން ނެވެ. ލޫނާގެ ސަބަބުން ހިތުގެ ތެޅުމަށް ބަދަލެއް އަންނަ ކޮންމެ ފަހަރަކު މާހިން އޭނާގެ ހިތް ކޮންޓްރޯލް ކޮށްލަ އެވެ. ލޫނާއަކީ ބައްޕަގެ "ޗޮއިސް" އެއްކަން އޭނާގެ ހިތަށް ހަނދާން ކޮށްދެ އެވެ. 

މާހިން އައިސް ލޫނާ އިން ގޮނޑިއާއި އެއްގޮނޑި ދޫކޮށްފައި އިށީނެވެ. "ވަން މިލިއަން" ގެ މީރު ވަސް މުޅި ތަނަށް ހިފާލާފައި ވާއިރު ގާތުގައި އިން މާހިންގެ އިޙުސާސުން ލޫނާގެ ހަށިގަނޑުގައި ހަލަ ބޮލި ކަމެއް އުފެދެމުން ދިއަ އެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ މީހާ ދާހިއްލަން ފެށިއިރު އަތް ފައި ފިނި ވަމުން ދިއަ އެވެ. މިއީ ގޮތް ނޭގޭ އިޙުސާސެކެވެ. ދުވަހަކުވެސް ކުރީން ނުވާ ގޮތެކެވެ. މާހިންއާއި ދިމާއަށް ބަލާލަން ވެސް ނުކެރިފައި ލޫނާ އިނީ އެވެ. މާހިން އެތަނަށް އެއައީ ކީއްކުރަންތޯ ވެސް އަހާލަން ބޭނުމެވެ. އެހެން ނަމަވެސް އިސްވެ އެއްޗެއް ބުނާހާ ހިތްވަރެއް ނެތެވެ. މާހިން އަނގައިން ނުބުނެ ދުރުބަލަން އިނީ އެވެ. އެދެމެދަށް ވެރިވެފައިވާ ހަމަ ހިމޭންކަން ލޫނާއަށް އުނދަގޫ ކުރަން ފަށައިފި އެވެ. ކޮންމެވެސް ވާހަކައެއް ފަށާނެ ނަމައޭ ލޫނާގެ ހިތަށް އަރަމުން ދިއަ އެވެ.

މާހިންއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ކިތަންމެ ގިނަ ވާހަކަ ތަކެއް ދައްކަން ބޭނުން ވި ނަމަވެސް ފަށާނެ ގޮތެއް ނޭގުނެވެ. އަހަން ބޭނުންވާ ވާހަކަ އަކީ ބޮޑު ވާހަކަ އެކެވެ. އެހެނަސް އެވާހަކަ އާއި ހިސާބަށް ދާނެ މަގު ކޮށާލަން ވެސް ނޭގުނެވެ. 

" ވާހަކައެއް އަހާލަން؟"
މާހިންއަށް ވުރެ ލޫނާ ހިތްވަރު ގަދަ ވެއްޖެ އެވެ.
" ހުމް!"
މާހިން ލޫނާއާއި ދިމާއަށް ބަލާލި އެވެ.
" މާހިންމެން ދައްތަ ދަންނަނީ ކިހިނެތް؟"
ލޫނާގެ ސުވާލުގެ އަޑު އިވުމުން މާހިން ވިސްނާލި އެވެ. އޭނާ ބޭނުން ވާހަކައާއި ދިމާއަށް މިސްރާބު ޖަހާނެ ފުރުސަތެކެވެ.
" ބޭބެއާ ޔޫހާ ބައްދަލުވީ ބައްޕަގެ އޮފީހުން.... ޕަރލް ކޮމްޕެނީއިން...!"
ލޫނާގެ މޫނު މައްޗަށް އިތުރު ކުލައެއް އަރާތޯ ބަލަން އިން މާހިންއަށް އެ މޫނުމަތީން ތަފާތެއް ފެނުނު ހެނެއް ހިއެއް ނުވެ އެވެ.
" އަހަރުމެން ދެބޭން ނަކީ ޖައުފަރުގެ ކުދީން!"
އަނެއްކާވެސް މާހިން އިތުރު ކޮށްލި އެވެ. ލޫނާ އެވާހަކައަށް މާބޮޑު ސަމާލު ކަމެއް ދިން ހެނެއް ހިއެއް ނުވެ އެވެ.
" ބޭބެއަކީ ދައްތަގެ ރައްޓެއްސެއްތަ؟ ދައްތަ ނުވެސް ބުނޭ....!"
ފަނޑު ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިވެގެން ދިއަ ނަމަވެސް ލޫނާގެ ދެލޮލުން ފެނިގެން ދިއައީ ހިތާމައިގެ އަސަރެވެ. ދައްތަގެ ނަން އިވުމުން ލޫނާގެ ހިތްދަތިވީ އެވެ. މިވަގުތު ދައްތަ އެތަނުގައި ހުރި ނަމަ ކިހާ ރަނގަޅު ހެއްޔޭ ހިތަށް އެރި އެވެ. 

" އިނގޭ މާހިންމެން ދައްތައަށް ވަރަށް ބޮޑަށް އެހީތެރި ވި ކަން....އެކަމު...އެ ފައިސާވެސް ބޭނުން ކުރީ ބޮޑުބޭބެ...! އެ ހުރިހާ ކަމެއް ކޮށްފަވެސް ބޮޑުބޭބެ ދައްތަ އެމީހާއަށް ވިއްކާލީ....!"
ލޫނާ އޭނާގެ ޝަހާދަތް އިނގިލި ލޮލުގެ އެއް އަރިމަތީގައި ޖައްސާލާ އެދިމާއިން ބޭރު ވަމުން ދިއަ ކަރުނަތައް ފޮހެލި އެވެ.
" އެ ޝަމްސް ހޯދަދީ ފާނަންތަ؟"
މާހިންއާއި ދިމާއަށް އެނބުރެމުން ލޫނާ އާދޭސް ކުރާ ރާގެއްގައި ބުންޏެވެ. ލޫނާގެ އެ ހަރަކާތް މާހިންގެ ހިތަށް ތަދުކޮށްލައިފި އެވެ. މާހިން ލޫނާއާއި ކައިރިއަށް ޖެހިލާ ލޫނާ އޭނާގެ މޭގައި ޖައްސާލީ ޖެހިލުމެއް ނެތި އެވެ.

ދާއިން ވިސްނާ ވިސްނާ ބޯ ހަލާކު ވެއްޖެ އެވެ. ޔޫހާ ހޯދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް އެހެން މަޑުން ހުރެވޭކަށް ނެތެވެ. އޭނާގެ ހިތް ބުނަނީ ތިން މީހުން އެކުގައި ނުކުމެ ވަރުގަދައަށް މަސައްކަތް ކޮށްލަނިކޮށް އެކަން ވެދާނެ ކަމަށެވެ. ނާމީ އަކީ ހިތްވަރު ގަދަ ޖެހިލުން ކުޑަ ޒުވާނެކެވެ. ނާމީއާއި އެކު ޕޮލިހަށް ގޮސް އަނެއްކާވެސް މައްސަލަ ޖައްސައިގަންނަން ވީއެވެ. މަޑުން ތިބެގެން ވާނެ އެއް ކަމެއް ވެސް ނޯންނާނެ އެވެ. އެ ޝަމްސް ހޯދިއްޖެއްޔާ ޔޫހާ ހޯދޭނެ އެވެ. ދާއިން ނާމީގެ ފޯނަށް ގުޅާލި އެވެ.

ފޯނު ސިޓިންގް ރޫމް ސޯފާގައި އޮވެގެން ކިތަންމެ ވަރަކަށް ރިންގް ވިއަސް ނާމީ އަކަށް ނޭގޭނެ އެވެ. ނާމީ އުޅެނީ ކޮޓަރީގަ އެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް ފިކުރުވެސް ބޮޑުވެފަ އެވެ. ޔޫހާ މާ ގަދައަށް ހުން އައީ އެވެ. ބޭހަކަށް ވެސް ނުގުޑި އެވެ. ހޮސްޕިޓަލަށް ދާހާ ހިތްވަރެއްވެސް އަދި ނެތެވެ. ވޭތުވެ ދިއަ ދުވަސްތަކުގައި ހަށިގަނޑަށް އިޙުސާސް ކުރަންޖެހުނު ވޭނާއި ސިކުނޑިއަށް ލިބުނު ބުރައިގެ އަސަރު އޭނާއަށް އެ ފެންނަނީ އަދި ކިރިޔާ އެވެ. ހީކަރުވާ ވަރުން މީހާ ހީވަނީ ރޫޅިދާނެ ހެންނެވެ. ޔޫހާގެ ގައިގައި ތިން ހަތަރު ރަޖާ އެޅުމުން ވެސް ހީ ފިލާ ގޮތެއް ނުވި އެވެ. އެނދާއި އެކު ތުރުތުރު އަޅަނީ އެވެ. ނާމީ އެނދުގައި އޮށޯވެ ލުމަށް ފަހު ޔޫހާގެ ގައިގައި ބާރަށް ބައްދާލި އެވެ. ނާމީގެ ހަށިގަނޑުގެ ހޫނުކަން ޔޫހާއަށް މިވަގުތު ބޭނުމެވެ. ޔޫހާ ނާމީގެ އަތުގެ ތެރެއަށް ވަދެގަތެވެ. އެދެއަތުގެ ހިމާޔަތް މިވަގުތު އޭނާއަށް ބޭނުން ވަނީ އިންތިހާއަށެވެ. ޔޫހާގެ ގައިގައި ބާރަށް ބައްދާލައިގެން އޮންނަތާ އިރުކޮޅެއް ވީއިރު ޔޫހާގެ ހަށިގަނޑަށް ލުއި ވާހެން ހީވި އެވެ. ނާމީގެ މޭގައި މޫނު ޖައްސާލައިގެން ލޯމަރާލައިގެން އޮވެ ޔޫހާއަށް ނިދުނީ އެވެ. ޔޫހާއަށް ނިދުނު ނަމަވެސް ނާމީ އޮތީ ހޭލަ އެވެ. އޭނާގެ ހިތުގެ ތެޅުން ޔޫހާއަށް އިޙުސާސް ނުކުރެވުނު ނަމަވެސް އަވަސް ވެފައިވާ އޭނާގެ ހިތް ޔޫހާ ގާތުގައި އެތައް ވާހަކަ ތަކެއް ދައްކަމުން ދިއަ އެވެ. އެވަގުތަކީ ނިމުމެއް ނެތް ވަގުތު ތަކަކަށް ވާން އެހިތް އެދެމުން ދަނީ އެވެ. 

ކޮޓަރީގެ ދޮރު މައްޗަށް ހުއްޓުމާއި އެކު ދާއިންއަށް ފަހަތަށް ޖެހިލެވުނެވެ. މިގަޑީގައިވެސް ރޫމް ތެރޭގައި ނާމީ އަންހެން ކުއްޖަކު ގެންގުޅޭނެ ކަން އެނގުނު ނަމަ އޭނާ އެތަނަކަށް ނައީހެވެ.

ކޮމެންޓް 0