ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއިން އެއްވެސް ކަމަކާއި ދެކޮޅު ހަދާކަށް ލޫނާ ބޭނުމެއް ނޫނެވެ. މިހާރު އޭނާވެސް ޤަބޫލު ކުރާ ގޮތުގައި އޭނާ އަކީ ފުރިހަމަ އަންހެނެއް ނޫނެވެ. ގަދަ ހަދަން ހަދައިގެން އޭނާއާއި އިންނާނެ މީހަކު ނުވުމަކީވެސް ދުރުކަމެއް ނޫނެވެ. 

ފަންސަވީސް ފޫޓް ވިހި ފޫޓުގެ ގޮޅީގެ ތެރޭގައި، ލިބިފައިވާ ކުޑަ ސަރަހައްދުގައި ކުނާ އަޅާލައިގެން އޮށޯވެ އޮތް މާހިންގެ ނިއްކުރި މައްޗަށް ރޫ ގިނަވެފައި ވަނީ ހިތަށް އަރާ ފައިބަމުން ދިއަ އަސަރު ތަކެއްގެ ސަބަބުންނެވެ. ދުވަހަކުވެސް އެފަދަ ހޫނެއްގައި އުޅެން ޖެހިފައި ނުވާ މާހިންގެ ގައިގެ އެތައް މިތަނުގައި ދާ ބިހިތައް ގިނަވެ ހިރުވަމުން ދިއަ އެވެ. ޖަލުން ދިން މުންޑެއް ކުނާ މަތީގައި އަޅާލައިގެން އޮތްއިރު މުންޑު ފޮތި ގަނޑުވެސް ވަނީ ފޯވެފަ އެވެ. ބޯއަޅާ ލާނެ ބާލީހެއް ލިބުނު އިރު އެތެރޭގެ ކަފަތައް ހަރުވެ، ގުޅަވެފައި ވުމުގެ ސަބަބުން ހަރު ދަގަނޑު ގަނޑެއް ފަދަ އެވެ. ގާތް ގަނޑަކަށް ފަނަރަ ވަރަކަށް ބައިވެރީންނާއި އެކު ހިއްސާކުރާ އެ ގޮޅީގައި އަޑު ގަދަ އެވެ. ލޯ މަރާލިއަސް ސިކުނޑިއަށް ހަމަޖެހުމެއް ލިބޭ ވަރެއް ނޫނެވެ. އެތަނުގައި ދުވަސް ކޮޅެއް ވާއިރަށް މާހިން މޮޔަވެދާނެ ހެން ހީވެ އެވެ. މާހިންއަށް ލޯ ހުޅުވާ ލެވުނީ ވަރަށް ގާތުން މީހެއްގެ ހިޔަނި ވީހެން ހީވެގެންނެވެ. ލޯ ހުޅުވާލި ވަގުތު މޫނުގައި މޫނު ޖެހޭހާ ގާތްވެގެން ގުދަށް އޮތް މީހަކު ފެނުމުން ސިހިފައި މާހިން އަށް ތެދުވެވުނެވެ. އެވަގުތު އެ ޒުވާނާ ބާރު ހިނިގަނޑެއް ޖަހާލި އެވެ. އެއާއިއެކު ދުރުގައި ތިބި ބަޔަކުވެސް ހޭން ފެށި އެވެ. ހީވީ ރާވައިގެން ކުރި ކަމެއް ހެންނެވެ. 

" އަހަރެންނަށް ކިޔަނީ މޯއްޑޭ!"
އެޒުވާނާ ސަލާމް ކޮށްލަން އަތް ދިއްކޮށްލި އެވެ. މާހިން މޯއްޑޭއާއި ސަލާމް ކޮށްލުމުން ދުރުގައި ތިބި ކުދީންވެސް އައިސް މާހިންގެ ކުރިމަތީގައި ދެފައި ވައްކޮށްގެން އިށީނެވެ. 
" ކޮންކަމެއްގަ ބަސްޓުވީ!"
މޯއްޑޭ ހީވަނީ ޖަލަށް ވަދެވުނީތީ ފަޚުރުވެރި ވެފައިވާ ހެންނެވެ. 
" ކަލޭ ބަލާލާފަ ހީވަނީ ވަރަށް ގަދަ މީހެއް ހެން.....! "
އެތަނުގައި އިން އެންމެ އިސްތަށިގަނޑު ދިގު ސޮރު މާހިންގެ ގަޑީގައި އަތް ޖައްސާލި އެވެ.
" މޮންޓް ބްލާންކް.... މީ އޮރިޖިނަލް ދޯ.....! ތީ ކާކު؟"
އޭނާ ވަރަށް ބޭނުން ސާމާނު ތަކެއް މާހިންގެ އަތުގައި ހުރުމުން އެއަށް ދަހި ވެފައިވާ ގޮތަކަށް ބުންޏެވެ. 
" މާހިން ކިޔަނީ"
ކުޑަ ހިނިތުން ވުމަކާއި އެކު މާހިން ބުނެލި އެވެ. އެކަހަލަ މީހުންނާ ކުރީން ވާހަކަ ދައްކާ ނޫޅުނަސް މިވަގުތުގެ ރަޙުމަތްތެރީންނަކީ އެއީ އެވެ.

" ކީއްކޮށްގެން މިތަނަށް ގެނައީ؟"
އެތަނުން ކުއްޖަކު ސުވާލު ކުރި އެވެ.
ޖަވާބު ދޭން މާހިންއަށް އުނދަގޫ ވިއެވެ.
" ޑްރަގް ވިޔަފާރީގެ ތުހުމަތުގަ....! "
މާހިން އެހެން ބުނާ އިރަށް ގާތުގައި ތިބި ކުދީން އެކަކު އަނެކަކާ އަތް ޖަހާލި އެވެ.
" އަހަރުމެންވެސް.....! ސޯ ޔޫ އާރ އިން އަވަރ ގޭންގް!"
މާހިން އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އެކުދީން ގޭންގްގެ މިހަކަށް މާހިން ވުމަކީ މި ދުނިޔޭގައި މާހިން އެދޭ އެންމެ ފަހުގެ ކަންތަކެވެ.
" އަހަރުމެންވެސް ސާބިތު ކުރަން ބޭނުން ވަނީ ތުހުމަތެއް ކަމަށް..... އެކަމަކު ހަޤީޤަތުގަ އެއީ އަހަރުމެން ހަމަ ގަދައަށް ކުރާ ވިޔަފާރިއެއް....!"
އެއްކަލަ އިސްތަށިގަނޑު ދިގު ސޮރު މާ މޮޅު ކަމަކަށް ވެގެން ބުންޏެވެ.

" އަނ އެހެންޏަ.....! އަހަރުމެން އޯލެވެލް ނިމިގެން އެތައް އަހަރެއް ވީ އިރުވެސް ވަޒީފާ ގަނޑެއް ދޭނެ މީހަކު ނުވި.... މިހުންނާ ނީދެވިފަ ތިބީ އަތުގަ ފައިސާ ފޮއްޗެއްވެސް ނެތިގެން..... ދެން ލާރި ލިބެން އޮތް ގޮތަކުން ހޯދައިގެންވެސް ދިރިއުޅެން އެބަޖެހޭ ވިއްޔަ.... ކީކޭ ޓޮޕޭ؟ " 
" އަހަރެން ތާއީދު.....! މީ އަހަރުމެން އެކަނި ކުރާ ވިޔަފާރިއެއް ނޫން....މާ މުއްސަނދިން ވެސް ކުރަނީ މި ވިޔަފާރި... އެމީހުން ބޮޑެތި މީހުންނާ ލިންކު އެޅިފަ އޮންނާތީ ބަސްޓު ނުވަނީ....!"
ޓޮޕޭ އެބުނި ވާހަކައިގައި ހަޤީޤަތެއް ވާކަން މާހިންއަށް ވަނީ ސާބިތު ވެފަ އެވެ.
" މީ މިތަނަށް އަހަރެން ގެނައި ތިން ވަނަ ފަހަރު..... ކުށެއް ނެތް ކަމަށް ސާބިތު ވެގެން ނުކުންނަނީ.... ޓިސް ޓިސް ހުރިއްޔާ އެއީ މިހާރު އުނދަގޫ ކަމެއް ނޫން!"
ފައިސާ ހުރިއްޔާއޭ ބުނާ ފަދަ ގޮތަކަށް އިޝާރާތް ކުރަމުން މޯއްޑޭ އެހެން ބުނަމުން ޖީބުން ސިގިރޭޓެއް ނަގާ ރޯކޮށްލި އެވެ. މާހިން އިނީ ޙައިރާން ވެފަ އެވެ. އެއީ ޖަލުގެ ތެރޭގައި ވެސް ކުރެވޭ ކަމެއް ހެއްޔެވެ! 

" ހާދަ ޙައިރާން ވެފަ ތިބަލަނީ....! މީ ތެޔޮ ....ޕުލެއް ބޭނުން!"
މާހިން އިނީ ބިރުން ނެވެ. އެތަނުގައި އެފަދަ އެއްޗެއް ގެންގުޅެނިކޮށް ފަޅާއަރައިފިއްޔާ މާހިންވެސް ބެދޭނެ އެވެ.
" އަހަރެން 19 އަހަރުގަ ފުރަތަމަ މިތަނަށް ގެނައީ އަމުރަށް ނުކިޔަމަންތެރި ވެގެނޭ ކިޔާފަ.... ވީ އެއްޗަކީ ގޮލަޔަކު މަގޭ ބިޓާ ދިމާއަށް ހަޑި އެއްޗެއް ބުނީމަ މަ ރުޅިގަދަވެގެން އޭނަގެ ބޮލަށް ސައިކު ތަޅުދަޑި ހަރާލީ.... އެތަނަށް އައި ޕޮލިސް މީހާ އެގޮލާގެ ސައިޑަށް ވާހަކަ ދެއްކީމަ ނައްޓައިގެން މަށަށް އެއްޗެއް ބުނެވުނީ..... ހަ މަހަށް ޖަލަށްލީ.... އަސްލުގަ މަގޭ އެއްވެސް ކުށެއްނެތި.... އޭރު އަހަރެންނަކީ ހަމަ ކްލީން މީހެއް.... އެކަމަކު ޖަލުގަ އޮއްވާ ބިޓު ކަޓާ، ވަޒީފާ ގަނޑު ގެއްލިގެން ދިއައީ..... އެވަގުތު އެހީތެރީންނަށް ތިބި ޖަލުގެ އެކުވެރީން ދިން އެއްޗެއް ބޭނުން ކޮށްލައިގެން ހިތްހަމަ ޖައްސާލީ.....! އެއީ ފެށުނު ގޮތް! މިފަހަރު މިތަނަށް މި ގެނެވުނީ ވިޔަފާރި ކޮށްގެން....! އަހަރެން ކަހަލަ ކުށެއް ނެތް މީހުން ކުށްވެރީންނަށް ހަދަނީ މި ސިސްޓަމުން.....! ކުށެއް ނުކޮށް ޖަލަށް ވަދެގެން ނުކުންނަނީ ބޮޑެތި ކުށްވެރީންގެ ގޮތުގަ.... މީނދަ ބްރިޓޯ އަށް ވެސް ވީ އެކަހަލަ ގޮތެއް ދޯ!"
އެތަނުގައި އިން ކުޑަ ސޮރާ ދިމާއަށް އިޝާރާތް ކުރަމުން މޯއްޑޭ ބުންޏެވެ. 

" ދެން މީ ހިސްޓްރީ ކިޔާދެން ޖެހޭ ފޯރަމެއް ނޫން އިނގޭ.... މާހިން އަށް ކިހިނެއްވީ؟ ކާކު ބަސްޓު ކޮށްލީ؟"
އެމީހުންގެ ވާހަކައާއި ބައިވެރި ވާކަށް މާހިން ބޭނުމެއް ނޫނެވެ. އެމީހުން އެބުނި ފަދައިން ކުށްވެރި އަކަށް މާހިން ބަދަލު ވެދާނެ ކަމަށް އެމީހުން އުއްމީދު ކުރަނީ ކަންނޭގެ އެވެ. ނަސީބަކުން އެވަގުތު ގޮޅީގެ ތޭރި ދޮރު ހުޅުވާލި އަޑު އިވުނެވެ. 

" މާހިން ޖައުފަރު!"
" އާއިލާ މީހަކާ ބައްދަލު ކުރަން ބޭރަށް ނުކުންނަން ތައްޔާރުވޭ....!"
އެ އަޑު އިވުމުން މާހިން އުފާވި އެވެ. މިހާރު އަބަދުވެސް އިންތިޒާރު ކުރެވޭ އަޑަކީ އެއީ އެވެ. މިމީގެ ރީތި މޫނު ގާތުން ދުށުމަށް އެދި އޭނާގެ ހިތް އާދޭސް ކުރަމުން ދާތާ ކިތަންމެ އިރެކެވެ.
ބައްދަލު ކުރާ ކޮޓަރިއަށް މާހިން ވަންއިރު އެތަނުން އޭނާއަށް ފެނުނީ އިންތިޒާރު ކުރި ސޫރައެއް ނޫނެވެ. އެއީ އޭނާގެ އާއިލާގެ މީހެއްވެސް ނޫނެވެ. އެހެން ނަމަވެސް އެހެން އެއްވެސް މީހެއްގެ މޫނުމަތީން ނުފެންނަ ފަދަ ހިތްދަތި ކަމެއް އެ މޫނުމަތީން ފާޅުވަމުން ދިއަ އެވެ. 

ލޫނާގެ ކަރުނުން ބަރުވެފައިވާ ދެލޯ ފެނުމުން މާހިންގެ ހިތަށް ވެސް ކެތްނުވާފަދަ އަސަރެއް ކުރި އެވެ. ކުރިމަތީގައި ހުރި ގޮޑީގައި މާހިން އިށީނީ އިސް ޖަހަމުންނެވެ. މިވަގުތު ލޫނާ އޭނާއާއި ބައްދަލު ކުރަން އައީތީ މާހިން އުފަލެއް ނުވެ އެވެ. ލޫނާގެ ހިތުގައި އޭނާއަށް ދެވިފައި ވާ ޤަދަރާއި މަތިވެރި ލޯބި އިތުރަށް ހާމަ ވާން، މީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ވާހަކަ ފެށީ ލޫނާ އެވެ.
" އަހަންނަށް އިނގޭ މާހިންގެ އެއްވެސް ކުށެއް ނޯންނާނެ ކަން!"
ހިތްވަރާއި އެކު ވާހަކަ ދެއްކި ނަމަވެސް ލޫނާގެ އަޑުގައި ވަނީ ބަލިކަށި ކަމެވެ.
" ދާއިންގެ ވަރަށް ބޮޑު އެހީތެރި ކަމަކާއި އެކީ އަހަރެންނަށް މިތަނަށް މިއާދެވުނީ..... ވަރަށް ބޮޑަށް މާހިން ދެކިލާ ހިތުން.....!"
އެހެން ބުނަމުން ލޫނާ އިސް އުފުލާ މާހިންއާއި ހަތަރު ކަޅި ހަމަކޮށްލި އެވެ. އަނެއްކާވެސް ހިމޭން ވަގުތު ކޮޅެކެވެ. ހިމޭން ކޮންމެ ވަގުތު ކޮޅަކީ ލޫނާގެ ހިތުގައި އުފެދެމުންދިއަ ވޭނީ އަސަރުތައް މާހިންއާއި ހިސާބަށް ވާސިލް ވަމުން ދިއަ ވަގުތު ތަކެކެވެ. 
" މާހިން....!"
ލޫނާ މާހިންއާއި ދުރަށް ބަލާލި އެވެ.
" ތިން ދުވަސް ފަހުން.... ނާމީއާ އަހަރެންގެ ކައިވެނި ކުރެވޭނެ!"
މާހިން އިނީ ޙައިރާން ވެފައެވެ. އޭނާ އެހާލުގައި ވަނިކޮށްވެސް އެމީހުން އުފާފާޅު ކުރަނީ ހެއްޔެވެ!
" ދައްތަމެންގެ ކައިވެނި ލަސްކޮށްލީ.... ނާމީ ބޭނުމެއް ނުވި ލަސް ކުރާކަށް...!"
ލޫނާ ބުންޏެވެ. މާހިން އެއްޗެއް ނުބުނެ އެވެ. މާހިންއާއި ދޭތެރޭގައި ނާމީއާއި ޝައުކަތު އަންކަލްގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން ނާމީއަށް ސާބިތު ވެއްޖެ އެވެ. އަދި އެމީހުން މާހިންއަށް އެހީތެރި ވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެކަން ޔަޤީން ވެއްޖެ އެވެ. 
" އަހަރެންނަށް ކަމެއް ކޮށްދީބަލަ މާހިން...!"
ލޫނާ ކުރިއަށް ޖެހިލާ މާހިންގެ އަތްތިލައިގައި އަތް ޖައްސާލި އެވެ. ފިނިފިނި އެ އިނގިލި ތަކުގެ އަސަރު މާހިންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ކުރި އެވެ. އެ ހިނދު އެ އަސަރުތައް އަމިއްލަ ނަފްސަށް ވެސް ސިއްރު ކުރަން މާހިން މަސައްކަތް ކުރި އެވެ. 

" ތިކަމުން ސަލާމަތް ވާން މާހިން މަސައްކަތް ކުރޭ....! އަހަންނަށްޓަކާ....!"
އެ ދަޑިވަޅުގައި ލޫނާ މާހިން ދެކިލަން އައީތީވެސް ލޫނާ އެދުނު ކޮންމެ ކަމެއް ކޮށްދޭން މާހިން ބޭނުން ވި އެވެ. އެހެން ނަމަވެސް ....... މާހިން އިސް ޖަހާލި އެވެ. 
" ޕްލީސް!"
އެއަޑުގައިވާ އަސަރު މާހިންއަށް އިޙުސާސް ކުރެވުނެވެ. މާހިން ލޫނާއާއި ހަތަރު ކަޅި ހަމަކޮށްލި އެވެ. އެދެލޮލުން އޭނާއަށް ފެނިގެން ދިއައީ ހަމައެކަނި ހިތާމައިގެ އަސަރެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ލޯބީގެ އަސަރެވެ. 
" ޕްލީސް!"
މާހިން ޖަވާބު ނުދީ އުޅެނިކޮށް ގަޑި ހަމަ ވެއްޖެ އެވެ. ނަސީބެކެވެ! 
ލޫނާ މާހިންއާއި ވަކިވެގެން އެ ދިއައީ ހަނދާން ތަކެއް ދޫކޮށްފަ އެވެ. މަޖުބޫރުވެގެން އެހެން މީހަކާއި ކައިވެނި ކުރި ނަމަވެސް މާހިންދެކެ އިންތިހާއަށް ލޯބިވާކަން ސާބިތުވެސް ކޮށްދީފަ އެވެ. 

ގޮޅީގައިވާ އޭނާގެ ޖާގައިގައި އޮށޯންނަމުން މާހިން ލޯ މަރާލި އެވެ. މިހާރު މިމީ ދެކިލާހިތް މާ ބޮޑު ވެއްޖެ އެވެ. ލޫނާއަށް މާހިން ދެކިލަން އާދެވުނު އިރު މިމީއަށް އަދިވެސް ނާދެވެ އެވެ. އަނެއްކާ މިމީގެ ބައްޕަ އެކަމަށް ހުރަސް އަޅަނީ ބާ އެވެ!

ރޮއިރޮއި ގޮސް ދެލޯ ފާރުވާން ގާތް ވެއްޖެ އެވެ. ސިކުނޑީގައި ތަކުރާރު ވަމުން ދަނީ މާހިންގެ ބައްޕަގެ ރަޙުމް ކުޑަ ބަސް ތަކެވެ. މާހިންގެ ބައްޕަ އެހީ ނުވެއްޖެ ނަމަ މާހިން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަން މިމީއަށް އިނގެ އެވެ. އަދި އަމުދުން ދެން މާހިންގެ ބައްޕަ އެބުނި ގޮތަށް މިމީ ކަންތައް ނުކޮށްފިނަމަ ދެން މާހިން އަށް ލިބޭ ކޮންމެ ދެރައެއްގައި ޒިންމާވާން ޖެހޭ މީހަކީ މިމީ އެވެ.

ގޭގެ ބެލް ޖަހާލި އަޑަށް މިމީ ސިހުނެވެ. ދޮރާ ދިމާއަށް ދުއްވައި ގަނެވުނީ ބޭއިޚުތިއާރު ގައެވެ. މާހިން ދުށުމަށް އެދި އެވެ. ދޮރުމަތީ ގައި ހުރި ނުދަންނަ މީހާ ދިއްކޮށްލީ ސިޓީ އުރަ އެކެވެ. ދޮރު ލައްޕާލުމަށް ފަހު އަވަސް އަވަހަށް ސިޓީ އުރަ ކަނޑާލި އެވެ. އޭގައި އޮތީ ފޯމެކެވެ. އެއީ ވަރިވާން އެދި ކޯޓަށް ހުށަހަޅާ ފޯމެވެ! އެއީ މާހިންގެ ބައްޕަ ފޮނުވި އެއްޗެކެވެ. މިމީގެ ހަށިގަނޑުގައި ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާހައި ވަރު ނެތުމުގެ ސަބަބުން މިމީ ހުރި ދިމާލުގައި އިށީނެވެ. ދޮރުގައި ލެނގިލައި ލޯމަރާލުމާއި އެކު އެސްފިޔަތަކުގެ ދަށުން ކަރުނަތައް ދެމި ގަތެވެ. އޭނާ ވަނީ ގޮތް ހުސްވެފަ އެވެ. މާހިން އަށްޓަކައި އެނޫން ގޮތެއް އޭނާ އަކަށް ނެތެވެ. އެހެން ނަމަވެސް މާހިންއަށްޓަކައި ވެސް އަދިވެސް އޭނާ ވިސްނާލަން ޖެހޭ އިތުރު ކަމެއް މިހާރު އެބަ އޮތެވެ. މަޑުމަޑުން ބަނޑުގައި އަތް ޖައްސާލެވުނެވެ. ދުނިޔެއަށް އުފަން ވުމުގެ ކުރީން އެދަރިފުޅު ބިކަ ކޮށްލަން ހެޔޮ ނުވާނެ އެވެ. ހިތަށް އެރި އެއްޗެއްގެ ސަބަބުން މިމީގެ މޫނުމަތިން ހިސާބެއްގެ އުޖާލާ ކަމެއް ފެނިގެން ދިއަ އެވެ. މާހިންގެ ބައްޕައަށް އެކަން އެނގިއްޖެނަމަ ފަހަރުގައި ޚިޔާލު ބަދަލު ވެދާނެ އެވެ.

އޮފީހުން މިމީ ފެނުމުން ފުއާދަށް އެނގުނެވެ. މާހިން ވަނީ އޭނާގެ އަންހެނުންގެ ފޮޓޮއެއް ފުއާދަށް ދައްކާފަ އެވެ. ޖައުފަރާ ބައްދަލު ކުރަން މިމީ އައިސް އިން ވާހަކަ ބުނުމުން ޖައުފަރު ހިތްހަމަ ނުޖެހުނެވެ. އޭނާގެ ބިޒީ ޝެޑިއުލްގެ ތެރެއިން ބޭކާރު ކުރާނެ ވަގުތެއް އޭނާއަކަށް ނެތެވެ. އެހެން ނަމަވެސް އަދިވެސް މިމީ ގާތުގައި ބުނަން ޖެހޭ އެއްޗެއް އެބަ އޮތެވެ.

މާހިންގެ ބައްޕަގެ ހިތުގައި ރަޙުމް އުފެދޭތޯ ދުޢާ ކުރަމުން މިމީ އެ ކޮޓަރީގެ ތެރެއަށް ވަނެވެ. އޭރު ޖައުފަރު ހުރީ ދޮރަށް ފުރަގަސް ދީގެން ނެވެ. މިމީގެ ސޫރަ ދެކެން ވެސް އޭނާ ނުރުހޭ ކަން އަންގާ ދިނުމުގެ ގޮތުންނެވެ.

" ފޯމު ލާތާ ދެދުވަހުގެ ތެރޭގަ އެކަން ނިމޭނެ.... ހުރިހާ ކަމެއް އަހަރެން ހަމަ ޖައްސާނަން!"
މިމީގެ އެއްވެސް އަޑެއް އަހާކަށް ޖައުފަރު ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް އަދިވެސް އިތުރު ގޮތެއް އޮތްތޯ ބަލަން މިމީ މަސައްކަތް ކުރި އެވެ.
" އަޅުގަނޑު މިއައީ އަދި އެއް ވާހަކަ ނަންގަންނަން....! އަޅުގަނޑު...... މާހިންގެ ދަރިއަކަށް ބަނޑު ބޮޑު!"
ޖައުފަރު މިމީއާއި ދިމާއަށް އެނބުރުނީ ޙައިރާން ކަމާއި އެކުގަ އެވެ. އެމޫނުމަތީން ކުލުނުގެ އަސަރު ފެނުނުހެން މިމީއަށް ހީވި އެވެ.

ކޮމެންޓް 0