ޝައުކަތު ފޯނުން ބުނި ބަސްތައް މާހިން ސިކުނޑީގައި ރިޕީޓް ކޮށްލި އެވެ. "ވަކިން އިން އެތި!" ތަންކޮޅެއް އެތެރޭގައި ކަނެއްގައި އިން މުށިގަނޑު މާހިންގެ ލޮލުގައި އަޅައިގަތެވެ. މާހިން އެމުށިގަނޑުގެ ވެލިގަނޑު ހާވައި ގަތެވެ. ހަމަ ވަގުތުން ކޮތަޅުގައި އަތް ޖެހިއްޖެ އެވެ. ކޮތަޅުނަގާ ހިއްލާލީ ބިރުން ހުރެ އެވެ. ހީކުރެވުނީ ރަނގަޅަށެވެ. އެއީ ކުދި ޕެކެޓްގައި ބަންދު ކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗެވެ! 

އެވަގުތު ޕޮލިސް ބަހުގެ އަޑު އިވިގެން ދިއައީ ގާތުން ނެވެ. މާހިންއަށް ތެޅިގަނެވުނެވެ. ހަދާނެ ގޮތެއް ކުއްލި އަކަށް ވިސްނައިވެސް ނުގަނެވުނެވެ. "ސައިރަން"ގެ އަޑު އިވެނީ ކޮން ދިމާއަކުން ކަމެއް ވެސް ނޭގުނެވެ. ހާސްވީ ހަމަ އެކަނި އޭނާ ކުށްވެރި ވެދާނެ ތީއެއް ނޫނެވެ. މުޅި އާއިލާ ބަދުނާމް ވެދާނެތީ އެވެ. މާހިން ބަލާކަށް ނުހުރެ ގޭތެރެއާއި ދިމާއަށް ދުއްވައި ގަތެވެ. ގޭތެރެއިން އެ ބަގީޗާ އަށް ވަދެވެން ހުރި ގޭޓުން ނުކުތުމަށް ވުރެ ބުއްދިވެރި ގޮތެއް މިވަގުތަކު ނޯންނާނެ އެވެ. ހުޅަގު ފަރާތު ދޮރުން ނުކުމެއްޖެއްޔާ ނުކުމެވޭނީ އެމީހުންގެ ކުރިމައްޗަށް ހެން ހީވި އެވެ. އަތުގައި އޮތް ކޮތަޅު އެތަނަށް ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. ގޭތެރެއިން ޕޮލިހުންނަށް އެ ފެނިއްޖެއްޔާ މާ ގޯހެވެ. ބާރަށް ދުވެފައި ގޮސް އެ ދޮރުން ނުކުތުމަށް ފަހު އޭނާ ބޭރުން އެދޮރު ތަޅުލީ އެއިން މީހަކު ފަސޭހައިން ގޭތެރެއަށް ވަނަ ނުދިނުމަށްޓަކަ އެވެ. ގޭތެރޭގައި އެންމެ ހިނދު ކޮޅަކުވެސް މަޑުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. 

ދޮރު ތަޅުލުމަށް ފަހު ގޯތިތެރޭން ލާފައި މަގުމައްޗަށް ނުކުތުމަށް އޭނާ އަވަސްވެ ގަތެވެ. އޭރު އޭނާގެ ހިތް ތެޅެމުން ދިއައީ އޮބި ނޯންނަހާ ބާރަށެވެ. ގޭތެރޭން މީހަކަށް އޭނާ ފެނިދާނެތީވެސް ބިރުގަތެވެ. އެގޮތަށް ދުވަނިކޮށް ގާޑުންގެ މީހަކަށް ފެނުނަސް ފުރަތަމަ ލަވަން ފަށާނީ ހަޅޭކެވެ. އެހާ ހިސާބުން އެއްފަހަރުން ބަސްޓު ވާނެ އެވެ. ބާރަށް، އެހެނަސް ލުއި ފިޔަވަޅު ތަކެއް އަޅަން މަސައްކަތް ކުރަމުން ގޮސް ގޭގެ ގޭޓާ އަރާ ހަމަވި އިރު ނަސީބު ގަދަކަމުން ދެ ގާޑުންވެސް ތިބީ ގަދަ ގުގުރީގަ އެވެ. އޭނާ އަވަސް އަވަހަށް ގޭޓުގެ ލޮކުގައި ބޮޑުވާ އިނގިލި ޖައްސާލި އެވެ. ފިންގަރ ޕްރިންޓް މަސައްކަތް ކޮށްފިއްޔާ ރަނގަޅެވެ. ބައްޕަ ހަދާފަ ވާނެ ގޮތެއްވެސް މިހާރަކު ނޭގެ އެވެ. ނަސީބަކުން އިނގިލީގެ ނިޝާން ޖަހައިގެން ހުޅުވާ ތިން ތަޅުވެސް ހުޅުވިއްޖެ އެވެ. ދުވެފައި ބޭރަށް ނުކުތުމާއި އެކު ދޮރު ތަޅުލެވިއްޖެ އެވެ. ދުނިޔެ މަތީގެ ސުވަރުގެ ކަމަށް އޭނާ ޤަބޫލު ކުރާ އޭނާގެ އާއިލާގެ އެ ގެ އެވަރުގެ ކަމަކުން ސަލާމަތް ކުރެވުނީތީ ޝުކުރުކުރަމުން އަމިއްލަ ނަފްސު ސަލާމަތް ކުރުމަށްޓަކައި ކުރިއަށް ދުއްވައި ގަތެވެ. އެހެން ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. އައި، ނައި ތަނެއް ނޭގި ޕޮލިހުންގެ ސައިކަލްތައް އައިސް އޭނާ ވަށައިލައިފި އެވެ. އަތުގައި އޮތް ކޮތަޅުގެ ބަރުކަން އިޙުސާސް ކުރެވުނީ ދެނެވެ.

ރޭގަނޑު ގަޑިން ދޭއް ޖެހިއިރުވެސް މާހިން ގެއަކަށް ނާދެ އެވެ. މިމީ އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ގުޅާލި އިރު ފޯނުވެސް އޮތީ ނިއްވާލާފަ އެވެ. މިމީގެ ހިތުގައި ތަފާތު ފިކުރުތައް ބޮޑުވާން ފަށައިފި އެވެ. މާހިން ގޭން ނުކުތުމަށް ފަހު އޭނާގެ ގެއަށް ދިއަ މިއީ ފުރަތަމަ ފަހަރެވެ. މިމީއާއި އެކީ ވަކިން އުޅެން ފެށީޢްސުރެވެސް މާހިންގެ މޫނުމަތީން ހިތްހަމަ ޖެހުމެއް ނުފެންނަނީ އޭނާގެ ލޯބިވާ މަންމައާއި އާއިލާއާއި ވަކިވާން ޖެހިފައި ވާތީ އެވެ. އަނެއްކާ އެގެއަށް ދިއުމަށް ފަހު މާހިން މީމީ ދޫކޮށްލަން ނިންމީ ބާއެވެ. އެމީހުން މާހިން ހިފެހެއްޓީ ބާއެވެ! ދާއިންވެސް އެގޮތަށް ރުހުނީ ބާއެވެ! ނޫނެކެވެ، ދާއިން މިމީއަށް ވަރަށް ރަނގަޅެވެ. އެފަދަ ކަމެއް ބޭބެއެއް ނުކުރާނެ އެވެ. ދާއިން އަށް ގުޅާލަން ހިތަށް އެރި އެވެ. އެހެން ނަމަވެސް މިހާރު މާ ދަން ވެއްޖެ އެވެ.

3 ޖަހަން ދެން ބެލްކަނީ ގައި ހުރުމަށް ފަހު ދެން ކެތް ނުވާވަރު ވުމުން މިމީ ދާއިން އަށް ގުޅާލި އެވެ. ދަންވަރުގެ އެގަޑީގައި ނުދަންނަ ނަންބަރަކުން ގުޅީމައި ދާއިން ފޯނު ނަގާ ހިތެއް ނުވި އެވެ. އޭނާ ފޯނު ސައިލެންޓަށް ލާފައި އަނެއްކާވެސް ލޯ މަރާލީ އެވެ. ފޯނު ނުނެގުމުން ދެން ގުޅާކަށް މިމީއަކަށް ވެސް ނުކެރުނެވެ. އޭނާ ހަދާނެ ގޮތް ހުސްވެގެން އެންމެ ފަހުން ބައްޕައަށް ގުޅާލި އެވެ. ބައްޕަ ހީވީ އޭނާގެ ފޯނުގެ އިންތިޒާރުގައި އޮތް ހެނެވެ. ފޯނު ރިންގް ވުމާއި އެކު ނަގައިފި އެވެ. 

" ބައްޕާ.... މިއުޅެނީ އަދިވެސް މާހިން ގެއަށް ނައިސްގެން!"
މިމީއަށް ރޮއި ގަނެވުނެވެ. އޭނާ މާހިން ދެކެ ލޯބިވާވަރު ބައްޕައަށް އޮޅިފައެއް ނުވާނެ އެވެ.
" ކޮންތާކަށް، ކޮން އިރަކު ދިއައި؟"
ތައުފީޤް ޔަޤީން ކޮށްލަން ބޭނުން ވިއެވެ.
" ބައްޕަ ބުނީމެއްނުން މާހިން މަންމަ ދެކިލަން ދާންވާނޭ..... އެހެން ބުނީމަ ދިއައީ...10:30 އެހާ ކަންހާއިރު!"
މިމީ ގެ އަޑު އިވުމުން ތައުފީޤަށް ޔަޤީން ވެއްޖެ އެވެ. 
" އެބަ ގުޅަން!"
އޭނާ އަވަސް އަވަހަށް ލެޕްޓޮޕާއި ދިމާއަށް ހިނގައި ގަންނަމުން ފޯނު ކަނޑާލި އެވެ. ރާއްޖޭގައި ހިނގާ ބޮޑެތި ކަންކަމާއި ބެހޭ ގޮތުން ވަގުތުން މައުލޫމާތު ހޯދުމަކީ މިހާރަކު މާ ދަތި ކަމެއް ނޫނެވެ. ސަން އޮންލައިން ގެ މައި ސުރުހީ ގައި އެވަނީ އެވާހަކަ އެވެ.

" ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު ޒުވާނަކު ހައްޔަރު ކޮށްފި"
އެ ޒުވާނާގެ ނަން ހާމަކޮށްފައި ނެތް ނަމަވެސް ތައުފީޤަށް އެއީ ކާކުކަން އެނގުނެވެ. ތައުފީޤް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ލެނގިލީ މޭޒުމައްޗަށް ދެފައި ނަގަމުންނެވެ. އޭނާގެ ހިތަށް އެވަރުގެ ފިނި ކަމެއް އެލިބުނީ އަހަރު ތަކަކަށް ފަހުގަ އެވެ. ޖައުފަރުގެ ބާރު ކިތަންމެ ގަދައަސް ދެން މިފަހަރު ބޭޒާރު ނުވާނެ ގޮތެއް ނޯންނާނެ އެވެ. 

މާހިން އަތުގައި ބިޑި އަޅުވާފައި ފުލުސް އޮފީހުގެ ގޮނޑިބަރީގައި ބައިންދާފައި އިންނަތާ ކޮން އިރެއް ހެއްޔެވެ! ހީވަނީ އެތަނަށް ވަންނަ އެންމެނަށް ދައްކަން ޑިސްޕްލޭގައި ބައިންދާފައި އިން ހެންނެވެ. ކިތަންމެ ލަދުގަތަސް ދެން ކުރާނެ ކަމެއް ނެތެވެ. ވަރަށް އަވަހަށް އޭނާގެ ފޮޓޯ ހުރިހާ އެންމެންގެ ލޯތަކަށް އާންމު ވާނެ އެވެ. އޭނާ އެ ތަނުގައި އިންކަން ތަންކޮޅެއް އަވަހަށް ބޭބެއަށް އެނގޭނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ! ޒުހުރީ އަންކަލް ކޮބައި ހެއްޔެވެ! އެމީހުން އެ ހިންގި ޖަރީމާގައި މާހިން އެހެރީ ރަނގަޅަށް ބެދިފަ އެވެ. ބައްޕައަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ! ސަލާމަތް ކޮށްދޭނެ ބާއެވެ! ހަމަގައިމުވެސް ރުޅި އަންނާނެ އެވެ. މާހިން އެމީހުންގެ އެ ކަންތަކަށް ފާރަލާ، ފަޅާ އަރުވާލަން މަސައްކަތް ކުރީ ކަމަށް ބުނާނެ އެވެ. އެންމެ ދެރަވީ މިމީގެ ބައްޕަ އާއި ދޭތެރޭގައި އުފެދުނު ޝައްކަކުންނެވެ. މިމީގެ ބައްޕަ އެއުޅުނީ މާހިން އޭގެތެރެއަށް ފައްތާލަން ބާއެވެ! ބައްޕަގެ ކިބައިން ބަދަލު ހިފުމަށްޓަކައި އޭނާ މާހިން ބޭނުން ކޮށްފާނެ ބާއެވެ! ހިތުގައި ސުވާލު އުފެދުނެވެ. މިމީއާއި މާހިންގެ ކައިވެންޏާކީވެސް ރޭވުމެއް ބާއެވެ! މިމީއަށް މިކަން އެނގޭބާ އެވެ! މިކަމުގައި މިމީގެ ހިއްސާއެއް ވޭބާ އެވެ! ނޫނެކެވެ. ޤަބޫލެއް ނުކުރެވޭނެ އެވެ. މީމީ އޭނާ ދެކެ ލޯބިވާވަރު އިނގޭނީ އޭނާ އަށެވެ.

ކޮންމެ ގޮތެއްވިއަސް މާހިން ވަނީ ގޮތެއް ނިންމާފަ އެވެ. އެކަމުގައި އޭނާ ކިތަންމެ ދިގު މުއްދަތަކަށް ބެދުނަސް، ކިތަންމެ ބޮޑު އަދަބެއް ލިބުނަސް، ދިރިއުޅުން ހަލާކު ވިއަސް، އެހެން މީހަކު އޭނާ ސަލާމަތް ކޮށްދޭން މަސައްކަތް ނުކުރިއަސް، އޭނާ އޭނާގެ އާއިލާ ބަދުނާމު ވިޔަކަ ނުދޭނެ އެވެ. ހަޤިޤަތް އޭނާއަށް އެނގުނަސް އެކަން އެހެން މީހަކަށް އަންގައިގެން ބޭބެއާއި މަންމަ އަދި ބައްޕަގެ ދިރިއުޅުން ހަލާކު ކުރުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އެއީ މިމީގެ ބައްޕަގެ މަޤްސަދު ކަމުގައި ވާނަމަ އޭނާއަށް އެވަނީ ވަރަށް ބޮޑަށް އޮޅިފަ އެވެ.

ތައުފީޤް ފޯނު ނެގުމަށް ފަހު މިމީއަށް ގުޅާލި އެވެ.
" ދަރިފުޅާ....! ސަން އޮންލައިން ބަލާލިންތަ؟"
އެގަޑީގައި ބައްޕަ އެސުވާލު ކުރަން ޖެހޭ ސަބަބެއް މިމީ އަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް ހިތުގައި ބިރުވެރި ކަން އުފެދުނެވެ.
" ކިހިނެއްވީ!"
" ބައްޕައަށް ހީވަނީ، ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މީހަކު އަތުލައިގެން ކަމަށް އެބުނާ މީހަކީ މާހިން ހެން!" 
ބައްޕަގެ އަޑު އިވިފައި މިމީއަށް ވީގޮތެއް ވެސް ނޭގުނެވެ. ހިނދު ކޮޅެއްގެ ހިމޭން ކަމެއް އޭނާގެ ހަށިގަނޑަށް އައި ނަމަވެސް ބައްޕަ އަށް އެހެން ހީވީތީ ވެސް އޭނާ ރުޅި އައެވެ. 

" ކާކު ބުނި އެއްޗެއްތީ! މާހިން އެކަހަލަ ކަމެއް ނުކުރާނެކަން ބައްޕައަށް ވެސް އިނގޭނެ!"
ބައްޕަ ނުބައި މައުލޫމާތެއް ދިނީތީ މިމީ ހިތްހަމަ ނުޖެހުނެވެ.
" މާހިން އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ. ޔަޤީން ކޮށްފަ ދަރިފުޅަށް މި ގުޅީ!"
މިމީ އިނީ ހިމޭން ވެފަ އެވެ. ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ!
" މާހިން އެކަން ނުކުރިއަސް މާހިންގެ އާއިލާ އަކީ އެ ވިޔަފާރި ކޮށްގެން މުއްސަނދި ވެފަ ތިބި ބައެއް! ދަރިފުޅަށް އެމީހުންގެ ހަޤީޤަތް އަދި ނޭގެނީ! "
މިމީގެ ހިތް ބިރުން ތެޅިގަތެވެ. ބައްޕަ އެދައްކާ ވާހަކައިގައި ހަޤީޤަތެއް ވެދާނެހެން މިހާރު ހީވެއްޖެ އެވެ. އިރާކޮޅު ބައްޕަ ބުނި އެއްޗެއްވެސް ހަނދާން ވެއްޖެ އެވެ. މިރޭ ޝިޕްމަންޓް އަންނަ ރެއޭވެސް ބުންޏެވެ. މިމީއަށް ނޭގުނަސް އެމީހުންނާއި ބެހޭ ހުރިހާ މައުލޫމާތެއް ބައްޕައަށް ރަނގަޅަށް އިނގޭނެ އެވެ. އެކަމަކު މާހިން އަކަށް އެއިން އެއްވެސް ކަމެއް ކުރިއަކުން ނޭގެ އެވެ. މިމީއަށް ހަމަ ޔަޤީނެވެ. އިނގޭނަމަ މިމީއަށް އޮންނާނީ ކިޔައިދީފަ އެވެ. އަދި މާހިން އަކީ ގޯސް މީހެއްނަމަ މާހިންއާއި މިމީގެ ކައިވެނި ކުރާކަށް ބައްޕައެއް އެއްބަހެއް ނުވާނެ އެވެ. އެމީހުން ދެކެ ކިތަންމެ ނަފްރަތު ކުރިއަސް މިމީގެ ދިރިއުޅުން ހަލާކު ޥާކަށް ބައްޕައެއް ނޭދޭނެ އެވެ.

" އެކަމު... ކީއްވެ މާހިން ހައްޔަރު ވާންވީ!"
ފޯނުން ވާހަކަ ދައްކަމުން ދިއައިރު މިމީގެ އަޑު ތުރުތުރު އަޅަމުން ދިއަ އެވެ.
" ބައްޕައަށް ހީވަނީ މާހިންގެ ބައްޕަގެ ރޭވުމެއްހެން! ވަރަށް ވައްތަރު!"
ބައްޕަ އެބުނި އެއްޗެއް މިމީ އަކަށް ޤަބޫލެއް ނުކުރެވެއެވެ. މާހިންގެ ބައްޕަ މާހިން އަކަށް އެވަރުގެ ލަނޑެއް ނުދޭނެ އެވެ.
" ބައްޕައަށް ހީވަނީ އެއީ ތި ކައިވެންޏާ ނުޤަބޫލު ވެގެން މާހިންއަށް ހެދި ގޮތެއްހެން!"
މިމީގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ނުވެއްޓުނީ ކިރިޔާ އެވެ. މިމީ އެކަނި ހުއްޓާ ފޯނުން އެފަދަ ވާހަކަ ތަކެއް ދައްކަން ބައްޕަ ޖެހިލުންވެސް ނުވޭ ހެއްޔެވެ! 

ހުރިދިމާ ކާޕެޓް މަތީގައި އިށީންދެ އިނދެ މިމީއަށް ގިސްލާ ރޮވެން ފަށައިފި އެވެ. މާހިންއަކީ އެފަދަ ނުބައި ކުށެއް ކުރާނެ މީހެއް ނޫނެވެ. މުޅި ދުނިޔެ އެކަމަށް ހެކި ދިނަސް މިމީ އެކަން ޤަބޫލެއް ނުކުރާނެ އެވެ. ކޮންމެވެސް ބަޔަކު މާހިން އަށް ލަޑެއް ދިނީ އެވެ. މާހިން އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ! މިވަގުތު މާހިންގެ ހާލަކީ ކޮބައި ބާއެވެ! އަޅެ އެންމެ ފަހަރަކު މާހިންއާއި ވާހަކަ ދައްކާލެވޭނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ!

މިމީ ހަނދާންވީ ބޭބެ މަތީން ނެވެ. މާހިން އެންމެ އިތުބާރު ކުރާ އެންމެ ލޯބިވާ ބޭބެއަށް މިކަން އެނގޭ ބާއެވެ! މިވަގުތަކީ ޖެހިލުން ވާންވީ ވަގުތެއް ނޫނެވެ. މިމީ އަނެއްކާވެސް ދާއިންއަށް ގުޅާލި އެވެ. ދާއިންއަށް އޮތީ ހޭލެވިފަ އެވެ. ތަންކޮޅެއް ކުރީން ނުދަންނަ ނަންބަރަކުން ގުޅައިގެން ހޭލެވުނު ފަހުން އޭނައަށް ރަނގަޅަކަށް ނުނިދުނެވެ. އަނެއްކާވެސް އެނަންބަރުން ގުޅާތަން ފެނުމުން ދާއިން ފޯނުނެގި އެވެ.

"ބޭބޭ!"
މިމީގެ އަޑު ޖެހިފައި ދާއިން އަށް ފުންމައިގެން ތެދުވެ އިށީނދެވުނެވެ.
" ކިހިނެއްވީ...މިމީ؟"
ދަންވަރުގެ އެގަޑީގައި މިމީ ރޮމުން ގުޅީމައި ދާއިންގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. އަނެއްކާ ކޮއްކޮއަށް ކަމެއް ވީ ބާއެވެ!

" މާހިން އަދިވެސް ގެއަކަށް ނާދެ.....! ބައްޕަ ބުނީ މާހިން އިނީ ފުލުހުންގެ ބެލުމުގެ ދަށުގައޯ!"
" ވަޓް!"
ދާއިން އަށް ލިބުނީ ސިހުމެކެވެ. 
" ކޮން ކަމެއް ވެގެން؟"
މާހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ. ޤާނޫނާ ޚިލާފް ވެގެން ޓްރެފިކް މައްސަލައެއް ގައި ބެދިދާނެތީ ވެސް ކޮއްކޮ އެހާ ވިސްނާނެ އެވެ. އެކުދީން ދުއްވާ އެއްޗެހީގެ ލިޔެކިއުން ތަކަކީ ފުއާދު ނުލާހިކު ރަނގަޅަށް ބަލަހައްޓާ ކަންކަމެވެ. 

" އަތުލައިގަތީ ގިނަ އަދަދެއްގެ ޑްރަގްސްއާ އެކީ އޯ!"
މިމީއަށް އެހެން ބުނަން އުނދަގޫވީ އެވެ.
" ވަޓް ދަ.....! ޝިޓް!"
ލިބުނު ޝޮކްގައި ނުބައި އެއްޗެއް ނުބުނެވުނީ ކިރިޔާ އެވެ! 
" އައި ޑޯންޓް ބިލީވް ދިސް!..... ކޮއްކޮއަކީ އެކަހަލަ ބަޔަކާ ގުޅުންވެސް އޮންނަ މީހެއް ނޫން.... އެބަގުޅަން! އެބަގުޅަން!"
އެހެން ބުނުމާއި އެކު ދާއިން ފޯނު ކަނޑާލި އެވެ. ބޭބެ ހާސްވި ވަރު މިމީއަށް ވިސްނުނެވެ. މިމީއަށް ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނެވެ. ދާއިން ގުޅީ ޒުހުރީ އަށެވެ. ޒުހުރީ ވެސް އެގަޑީގައި ހޭލާ އުޅެއެވެ. ކޮންމެވެސް ކަމެއް ހިނގާކަން ދާއިންއަށް ވެސް ޔަޤީން ވިއެވެ.

" ކިހިނެއް ވެގެން މިއުޅެނީ....؟ ޔޫ ހަރޑް ދަ ނިއުސް؟"
ދާއިން އަވަސް އަވަހަށް އެހި އެވެ.
" އާނ...!"
ޒުހުރީ ގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސް ކަމެވެ. ކަމުގެ ބޮޑުކަން ޒުހުރީގެ އަޑު ޖެހުމާއި އެކުވެސް ދާއިންއަށް ތަސައްވުރު ވެގެން ދިއައެވެ.

"އައި އޭމް އޮން އިޓް!"
އެހެން ބުނުމާއި އެކު ޒުހުރީ ފޯނު ބޭއްވީ އެވެ. އިތުރު މައުލޫމާތެއްވެސް ނުލިބުނެވެ. ދާއިންގެ ހާސްކަން އިތުރު ވެގެން ދިއަ އެވެ. ދެން ހާދާނެ ގޮތެއް ނޭގިގެން އޭނާ އެނބުރެން ފަށައިފި އެވެ. ބައްޕައަށް ގުޅަން ވީއެވެ. ބައްޕަ ވީ ސިންގަޕޫރު ގަ އެވެ. ކޮއްކޮ ދެކެ ކިތަންމެ ރުޅިއައިސްފައި ހުއްޓަސް ބައްޕައަށް އަންގަން ވާނެ އެވެ. ދާއިން ބައްޕައަށް ގުޅާލި އެވެ. ބައްޕަގެ ފޯނު ހުރީ ބިޒީ ވެފަ އެވެ. ހީވަނީ ބައްޕައަށް މައުލޫމާތު ލިބިއްޖެ ހެންނެވެ. އިރުކޮޅެއްގެ ފަހުން ދާއިންއަށް ބައްޕަ ގުޅި އެވެ.

" މާދަމާ ހެދުނު މާލެ ދާނަން! ނުކިޔަމަންތެރި ދަރިއަކަށް ވާނެ ހުރިހާ އެއްޗެއް ވެފަ އޭނައަށް އެހެރީ!"
އެހެން ބުނެފައި ބައްޕަވެސް ފޯނު ކަނޑާލީ އެވެ. ފަހަރަކަށް ވުރެ ފަހަރަކަށް ދާއިންގެ ހާސްކަން ވީ އިތުރެވެ. މިހާރު ދާއިންގެ ފައިވެސް ބިމުގައި ހަރު ނުލަ އެވެ. އޭނާ ދެން ގުޅަން ވީ ކާކަށް ހެއްޔެވެ! އެނާއަށް ދެން އެހީއެއް ވެދޭނީ ކާކު ހެއްޔެވެ! ކޮއްކޮ އެވަރުގެ ކަމެއް ނުކުރާނެކަން ޔަޤީން ވި ނަމަވެސް ކޮއްކޮ އެވަނީ އެކުށުގައި ބެދިފައިކަން މިހާރު ދާއިންއަށް ވެސް ޔަގީން ވެއްޖެ އެވެ. އެހެން ކަމަށް ވާނަމަ އެއީ ބޮޑު ކަމެކެވެ. ބައްޕައާއި ޒުހުރީ ވަރަށް އަވަހަށް، ވަރަށް މަސައްކަތް ކޮށްގެން ނޫނީ އެކަމުން ކޮއްކޮ ސަލާމަތެއް ނުވާނެ އެވެ. ދާއިން އަކަށް ގޭގައި މައިތިރި ވެގެން ހުރެވޭ ގޮތެއް ނުވި އެވެ. ކޮއްކޮއާއި ބައްދަލު ނުވިއަސް ފުލުސް އޮފީސް ދޮށަށް ދާން އޭނާ ބޭނުން ވިއެވެ. 

ކުޑަ ކޮޓަރި އަކަށް މާހިން ބަދަލު ކުރީ ކޮންމެވެސް މީހެއްގެ އެންގުމަށް ހެން ހީވެ އެވެ. އެހެން މީހުނަށް ނުފެންނަ އެކަހެރި ތާކަށް އޭނާ ބަދަލު ކުރުމުގެ މަޤްސަދެއް ވެސް އޮންނާނެ އެވެ. މިހާ އިރު ވީއިރުވެސް އޭނާއާއި އެއްވެސް މީހަކު ސުވާލެއްވެސް ނުކުރެ އެވެ. ދެން ވާން އުޅޭ ގޮތެއްވެސް ނޭގެ އެވެ. އެތަނުގައި އިންނަތާ އިރުކޮޅެއް ފަހުން އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު ވަން އަޑު އިވުނެވެ. 

ކޮމެންޓް 0