އަނގައަށް ވައްތަރު ޖައްސަމުން މޯނާ ބުންޏެވެ. އޭނާއަށް ހަމަ ކޮންޓްރޯލް ނުވީއެވެ.
" އަނ ދެން އޯކޭ.... އިންނަ މީހެއްގެ ފެންވަރުން ދާނެ ތަންތަން ކަނޑަ އަޅާނީ....!"
މޯނާގެ އެ އަމަލުން ޝައުކަތަށް ވެސް ވަރަށް އުނދަގޫވި އެވެ. ނާމީ އެއްޗެއް ބުނެފާނެތީވެސް ޝައުކަތު އިނީ ކަންބޮޑު ވެފަ އެވެ. ޝައުކަތުގެ ކުރިމަތީގައި ތަކުރާރުކޮށް އެތައް ފަހަރަކު މޯނާ ލޫނާގެ އަގުވައްޓަން މަސައްކަތް ކޮށްފި އެވެ. ނާމީއަށް ވެސް ކެތް ކުރެވޭނީ ވަކި ވަރެއް ވަންދެނެވެ.
" އަހަރެންގެ ފެންވަރުން އަހަރެންގެ އަންހެނުން އުޅޭނީ....! އަހަރެންގެ ފެންވަރު އަހަންނަށް ވެސް މިހާރު އޮޅެން ފަށައިފި !"
ނާމީ އިނީ ގަދައަށް ރުޅި އައިސްފަ އެވެ. ކުރީގައި ލޫނާއާއި ދިމާއަށް އެއްޗެއް ބުނީމައި އަނގައިން ނުބުނެ އިނަސް ދެން އެހެނެއްވެސް ނުވާނެ އެވެ. ލޫނާއަކީ މިހާރު އޭނާގެ އަންހެނުންނެވެ. އެގޭން މޯނާއަށް ދެވޭ ޤަދަރު ލޫނާއަށް ލިބެންޖެހޭނެ އެވެ.
" ބައްޕަ އެބަޖެހޭ އަހަންނަށް އަހަރެންގެ ފެންވަރު ސާބިތު ކޮށްދެން....!"
ނާމީ ބައްޕައާއި ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކީ އާދައިގެ ރާގެއްގަ އެވެ. އޭނާ ރުޅި ކޮންޓުރޯލް ކުރަން ކުރަމުންދާ މަސައްކަތް ޝައުކަތަށް އެބަ ފެނެއެވެ. ނާމީ ރުޅި އައުން ހައްޤެވެ.
" ދެން މިހާރު އަހަރެން ބޭނުންވަނީ ބައްޕަ އަހަންނަށް ދޭން ޖެހޭ އެއްޗެއް އަހަންނަށް ދޭން..... އަހަރެންގެ ނަމަށް ބަދަލު ކުރަން....!"
މޯނާގެ ދެލޯ ބޮޑުވެގެން ދިއަ އެވެ. އެހާ އަވަހަށް ނާމީ އެހާ ހިސާބަށް ހިނގައިދާނެ ކަމަކަށް މޯނާ ހީވެސް ނުކުރެ އެވެ. އެއީ މޯނާ ކުރީންވެސް އެންމެ ބިރުން އުޅުނު ކަންތަކެވެ. އެކަމާ ކުރިމަތި ލާން އެޖެހުނީ މާ އަވަހަށެވެ.
" އެހެން ނޫނީ މިގޭތެރޭގަ އަހަންނަށާ އަހަރެންގެ އަންހެނުންނަށް އަބަދު ފެންވަރު ބުނެދޭ އަޑު އިވޭނީ... އެކަން ބައްޕައަށް ވެސް އިނގޭނެ މިހާރު!"
އިސް ޖަހައިގެން އިން ލޫނާ އަކަށް ހިމޭނުންނެއް ނީދެވުނެވެ. އޭނާ ބައިންދައިގެން އެފަދަ ހަނގުރާމަ ގަނޑެއް ހިނގަން ފެށުމުން އޭނާއިނީ ލަދުން ހަދާނެ ގޮތެއް ނޭގިފަ އެވެ. އެންމެ ކަންބޮޑުވީ ބައްޕަ އެއްޗެއް ހީކޮށް ފާނެތީ އެވެ. ލޫނާ މޭޒު ދަށުން ނާމީގެ އަތްތިލައިގައި ހިފާ ބާރު ކޮށްލި އެވެ. އޭނާ ބޭނުން ވަނީ ދެން އެވާހަކަ ހުއްޓާލާށެވެ. ލޫނާގެ ފިނިފިނި އަތްތިލަ ނާމީގެ އަތްތިލައިގައި ޖެހުމުން ލޫނާ ހާސްވެފައި ވާވަރު ނާމީއަށް އެނގުނެވެ. އެހެން ނަމަވެސް ނާމީ އަދި އިތުރު އެއްޗެއް ބުނެލަން ބޭނުމެވެ. މޯނާއާއި ދިމާއަށެވެ.
" ލޫނާ އަކީ އަހަރެންގެ އަންހެނުން....! އަހަންނަށް ކުރާ ރެސްޕެކްޓެއް އޭނައަށް ކުރެވެންވާނެ....!"
އެހެން ބުނެފައި ލޫނާގެ އަތުގައި ހިފައިގެން ނާމީ ތެދުވި އެވެ. އިސް ޖެހި ގޮތަށް އިސް އުފުލާލަން ވެސް ނުކެރިފައި ހުރެ ލޫނާ ނާމީއާއި އެކު ހިނގައި ގަތެވެ. މޯނާ އިނީ އަނގަހުޅުވިފަ އެވެ. ކުއްލިއަކަށް ނާމީއަށް އެވަރުގެ ހިތްވަރެއް ލިބުނީތި އޭނާ ހަމަ ޙައިރާން ވެއްޖެ އެވެ. ނާމީ އާއި ލޫނާ ނުކުމެގެން ދިއައީ އަނގައަށް އެންމެ ކާ އެތިކޮޅެއް ވެސް ނުލަ އެވެ. އެކަމާވެސް މޯނާ ހިތްހަމަ ނުޖެހުނެވެ. ލޫނާއަށް ފޮނި ދައްކާލުމަށް ޓަކައި އަގުބޮޑުކޮށް ހެއްދި މޮޅު ކެއުންވެސް ވީ ބޭކާރެވެ. ނާމީއާއި ލޫނާ ދިއުމުން ޝައުކަތު މޯނާއަށް ބަލާލި އެވެ. ޝައުކަތު އިނީ ނާމީ ދެކެ ހިތްހަމަ ނުޖެހިފައެއް ނޫނެވެ. އޭނާ ހިތާހިތުން ނާމީއަށް ތައުރީފް ކުރި އެވެ. މޯނާގެ މައްޗަށް ނާމީ އެއްޗެއް ބުނާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރި އެވެ. ނާމީ ވެސް ބޮޑުވެއްޖެ ކަން މިއަދު އޭނާއަށް އިޙުސާސް ކުރެވިއްޖެ އެވެ.
" ދެން ކިހިނެއް ހަދަނީ..... އަވަހެއްނުން މުދާ ބަހަން ޖެހުނުލެއް!"
ޝައުކަތުގެ ކުރިމަތީގައި ނާމީއާއި ލޫނާގެ ޝަކުވާ ކުރަން މޯނާ ފެށި އެވެ.
" އަހަންނަށް އިނގޭ އެކުއްޖާ ނާމީއާ އިންނާނީވެސް އެކަމަށް ޝަރުތު ކޮށްފަކަން!"
މޯނާ ބޮޑަށް ރުޅި އައީ ލޫނާ ދެކެއެވެ.
" މުދާ ބެހުމަކުން ނުބެހުމަކުން ތަފާތެއް ނާންނާނެ. އަހަރެންގެ ހުރިހާ އެއްޗަކީ ހަމަ ނާމީގެ އެއްޗެހި."
އެހެން ބުނެފައި ޝައުކަތު ތެދުވެގެން ދިއައީ އެވެ. އޭނާވެސް މިއަދު އެއްޗެއް ކާކަށް ބޭނުމެއް ނޫނެވެ. މޯނާއަށް ރަނގަޅު ފިލާވަޅެއް ދޭނެ ފުރުސަތެއް ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފާލުން ބުއްދިވެރި ކަމުގައި އޭނާ ދުއްޓެވެ. މޯނާ އިނީ ޝޮކް ޖެހިފަ އެވެ. ޝައުކަތު އެބުނި އެއްޗަކުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. ޝައުކަތުގެ ހުރިހާ މިލްކިއްޔާތަކީ ހަމަ އެކަނި ނާމީގެ ހެއްޤެއް ހެއްޔެވެ!
ލޫނާ ގޮވައިގެން ނާމީ ދިއައީ ޓްރޭޑަރސް ހޮޓެލަށެވެ. ރޭގަނޑުގެ ކެއުމަށެވެ. ނާމީ ހުރީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް ލޫނާ އަދިވެސް އިނީ ކަންބޮޑު ވެފައެވެ.
" އަހަރެން ވަރަށް ދެރަވެއްޖެ އަހަރެން ބައިންދައިގެން ބައްޕަމެންނާ އެގޮތަށް ވާހަކަ ދެއްކީމަ....! ބައްޕަ ހީކުރާނީ ކީކޭ؟"
ލޫނާ ބުންޏެވެ. ނާމީ އައީ ހިންޏެވެ.
" ލޫނާއަށް އަހަރެންގެ ބައްޕަ ނޭގެނީއޭ....! ބައްޕަ މިހާރު އިންނާނީ އުފަލުން....! "
ވެއިޓަރ ގެނެސް ބެހެއްޓި ސްމޫތީ ތަށީން އެތި ފޮދެއް ބޯލަމުން ނާމީ ބުންޏެވެ.
" ދޮންމަންމަ ހަމަ ބިމަށް ތިރިކޮށްލަން ބައްޕަވެސް ބޭނުން ވެފަ ހުންނަތާ ކިތަންމެ ދުވަހެއް....! އަހަރެން ބައްޕަގެ ބިހާފްގަ އެކަން ކޮށްދިނީ ބައްޕަ ފިނޑި ކަމުން!"
ނާމީ ހިނިގަނޑެއް ޖަހާލަމުން އޭނާގެ ޖޫސްތަށި ލޫނާއަށް ދިއްކޮށްލި އެވެ.
" ވަރަށް މީރު ރަހަބަލާލަ ބަލަ!"
ނާމީގެ އަތުން އެތަށި ލޫނާގެ ތުންފަތުގައި ޖައްސާލި އެވެ. ލޫނާ އެތި ފޮދެއް ބޯލިއިރު ނާމީ ބަލަހައްޓައިގެން އިން ގޮތުން އޭނާއަށް އުނދަގޫވި އެވެ. ނާމީ އޭނާއަށް ބޭނުންވެފައި ވާވަރު ނާމީގެ ދެލޮލުން ކެނޑި ނޭޅި އަންގަމުން ދެއެވެ. އެއިން އެއްވެސް އަސަރެއް ލޫނާ ނުފެންނަ ކަމަށް ހެދި ނަމަވެސް އެކަން އޭނާއަށް ނޭގޭނީއެއް ނޫނެވެ.
ދާއިންއާއި ޔޫހާވެސް ގެއަށް އަތުވެއްޖެ އެވެ. އެމީހުން މާލެ އެއައީ ރިސޯޓްގައި އިތުރު ދެދުވަހު މަޑުކޮށްފަ އެވެ. މިހާރުވެސް އެއައީ އަންނަ ހިތަކުން ނޫނެވެ. ދެމީހުން އެކުގައި އެކަނި މައިކަނި އެ ހޭދަވި ވަގުތު ތަކަކީ އެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުތަކެވެ. އެމީހުން ބޭނުން ވީ އެ ވަގުތުތައް ދެމިގެން ދާށެވެ. މާލެ ނައިސް އެތަނުގައި އިތުރަށް މަޑު ކުރާށެވެ. އެހެން ނަމަވެސް ދާއިން މާލެ އަންނަން ޖެހުނީ އެވެ. ކޮއްކޮ ގެ އެދުމަކަށެވެ. ކޮއްކޮ އެދުނީ ޖޫން 28 ވަނަ ދުވަހުގެ ކުރީން މާލެ އައުމަށެވެ. ސަބަބެއް ނުބުނެ އެވެ.
ދާއިންއާއި ޔޫހާ ގެއަށް އައީ ޓެކްސީއެއްގައި ކަމުން ގޭތެރެއަށް ވަނީ ހިނގާލާފަ އެވެ. އެތެރެއަށް ވަން އިރު އުނދޯލި ގޭގައި ބަޔަކު ތިބިތަން ފެނުނެވެ. އުނދޯލި ހެއްލޭތަން ފެނުމުން ބައްޕަ އިންކަން އެނގުނެވެ. ޔޫހާ ގޮވައިގެން އެތަނަށް ނުގޮސް އަނެއް ފަރާތު ދޮރުން ގޭތެރެއަށް ވަންނަން ނިންމީ ސީރިއަސް ވާހަކައެއްގައި ބައްޕަމެން ތިބިހެން ހީވުމުންނެވެ. ލިފްޓުން މައްޗަށް އެރިއިރު ދޮރުމަތީގައި ކޮއްކޮ ހުއްޓެވެ.
" ވެލްކަމް!"
ޔޫހާއާއި ސަލާމް ކޮށްލުމަށްފަހު ދާއިންގެ ކޮނޑުގައި މާހިން ޖަހާލީ ހިނިތުން ވުމަކާއި އެކުގަ އެވެ. އެހެން ނަމަވެސް ކޮއްކޮގެ މޫނުމަތީން ފާޅުވެގެން ދިއަ ނުތަނަވަސް ކަން ދާއިން އަށް ފާހަގަ ކުރެވުނެވެ. ޔޫހާ އެތެރެއަށް ވަނުމުން ދާއިން ނުކުތީ ބޭރަށެވެ. އޭރު ބޭރުގައި މާހިން މަޑުކޮށްގެން ހުއްޓެވެ. މާހިން ހުރީ ބެލްކަނީއިން ތިރިބަލާށެވެ. އޭނާ ބައްޕައާއި އެކުވެރީން ކުރާ ކަމެއް ބަލަނީ އެވެ.
" ވަޓްސް އަޕް؟"
މާހިންގެ ފަހަތަށް ހުއްޓެމުން ދާއިންވެސް ތިރިބަލާލި އެވެ.
" އެއީ ކޮން ބައެއް؟"
ދާއިން އަކަށް އެތަނުގައި ތިބި އެންމެނެއް ނޭގެ އެވެ.
" އެއީ ބައްޕަގެ ގޭންގު!"
މާހިން އެހެން ބުނުމާއި އެކު ދާއިންގެ ހިނިގަނޑު ފަޅައިގެން ދިއަ އެވެ. އެވާހަކަ ބޭބެއަށް މަޖާ ވިއަސް މާހިން އަކަށް މަޖަލެއް ނޫނެވެ. އެއީ މާހިން ކުރި ސަމާމާއެއްވެސް ނޫނެވެ. ހަޤީޤަތުގައިވެސް އެއީ ބައްޕަގެ ގޭންގެވެ. އެމީހުން އެރާވާ ކަންތައް މާހިން އަށް އިނގެ އެވެ.
" ދެން "ގޭންގް" މީހުން ކީއް އެކުރަނީ....؟ "
ދާއިން އެދިމާއަށް ފަރުވާތެރި ކަމާއި އެކު ބަލާލަމުން ސަމާސާ ރާގެއްގައި އެހި އެވެ.
" އެއީ ކޯންޗެއް؟"
ޝައުކަތު ޑަބިޔަލެއް ހިފައިގެން ހުރި ތަން ފެނިގެން ދާއިން އެހިއެވެ.
" ނޭގެ! ބޭބެ ދޭބަލަ އެތަނަށް ގޮސް ކުޑަކޮށް ޖާސޫސް ކޮށްލަން!"
އެދިމާއަށް ބަލަން ހުރެ މާހިން ވާހަކަ ދެއްކިއިރު މާހިންގެ މޫނު މަތީގައި ވާ ސީރިއަސްކަން ދާއިންއަށް ފެންނަ ގޮތެއް ނުވި އެވެ.
މިއަދު ކޮއްކޮ އެ ބޭނުން ކުރާ ބަހުރުވަ ދާއިން އަށް ވަރަށް މަޖާވި އެވެ.
" އެކަމަށް މޮޅުވާނީ ކޮއްކޮއެއް ނުން....! ތީ އަބަދުވެސް މީހުން ކުރާ ކަންތައް އޮޅުން ފިލުވާ ހިތުން އުޅޭ މީހެއް ނުން...!"
އެދިމާއަށް ބަލަން ހުރެ ދާއިން ވާހަކަ ދެއްކި އެވެ.
" އަހަރެން ގޮސްގެން އޮޅުމެއް ނުފިލާނެ....! ކުރީން ވީހެން އެންމެ ފަހުން ގަސްކާނާއަށް ބަދަލު ވެދާނެ!"
މާހިން އެބުނި އެއްޗެއްގެ އަޑު އިވުމުން ދާއިންގެ ސިކުނޑީގައި އެއްޗަކުން ޖެހިހެން ހީވި އެވެ. ކޮއްކޮގެ އެވާހަކައިގައި ސީރިއަސް ކަމެއް ވާކަން ޔަޤީނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އެ މަންޒަރު ބަލަން މާހިންއާއި ދާއިން ތިއްބެވެ. ޝައުކަތާއި ބައްޕަގެ އިތުރުން ތިން މީހަކު އެ ޑަބިޔާ ތަކުގެ ތެރެއަށް އެއްޗެއް އަޅަނީ އެވެ. ބައެއް ފަހަރު އެ ޑަބިޔާ ތަކުން ކޮންމެސް އެއްޗެއް ނަގާ ދެން ހުރި ޑަބިޔާ ތަކަށް ވެސް އެބަ އަޅައެވެ. އެކުރާ ކަމެއް ބަލާލުމުގެ ޝައުގުވެރިކަން ދާއިންގެ ހިތުގައިވެސް ބޮޑުވެއްޖެ އެވެ. ދާއިން ތިރިއަށް ދާން ހިނަގައިގެން ތަން ބަލަން ހުރެފައި މާހިން އެއްޗެއް ބުނެލި އެވެ.
" ޑޯންޓް މެންޝަން މައި ނޭމް....! ފަނިވާނެ...! އޭރުން ހީވާނީ އަހަރެން ފޮނުވައިގެނޭ....! "
އެވަގުތު ދާއިން ކޮއްކޮއާއި އިތުރު ސުވާލެއް ކުރާކަށް ނަހަދަ އެވެ. ކޮއްކޮ އޭނާއަށް މާ ބޮޑަށް އެވާހަކަ ކިޔައި ނުދޭން އުޅޭކަން އޭނާއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
ޖައުފަރުމެން ފޯރިގަދަ މަސައްކަތެއްގައި ތިއްބާ އެތަނުން ދާއިން ފެނުމުން އެންމެން ވެސް ސިހުނެވެ. ޖައުފަރަށް ހާސްކަމެއް ލިބުނު ކަން ދާއިން އަށް ފާހަގަ ކުރެވުނެވެ.
" ދާއިން! ކޮންއިރަކު އައީ؟"
ބައްޕަ ހިނިތުން ވެލަމުން އަހާލި އެވެ.
" ދެންމެ... މީ... ކޮންކަމެއް....؟ "
އެތަނުގައި އަތުރާފައި ހުރި ގިނަ އަދަދެއްގެ ޑަބިޔާ ތަކަށް ބަލާލަމުން ދާއިން ސުވާލު ކުރި އެވެ. އެވަގުތު ޝައުކަތު އެތަނުން ޑަބިޔަލެއްގެ މަތި ނަގާފައި އޭގެތެރޭން ކާޖާ ކޮޅެއް ދާއިންއަށް ދިއްކޮށްލި އެވެ.
" ކާލަބަލަ... ވަރަށް ފައްކާވާނެ!"
ޝައުކަތު ބުންޏެވެ. ދާއިން އޭގައި ހިފި އެވެ. ބައްޕަމެން ކާޖާ ޑަބިޔާ ތަކެއް އެއްކޮށްގެން އެކުރާ ކަމެއް އޭނަ އަކަށް ނުވިސްނުނެވެ. ދާއިން ކާޖާ ކޮޅެއް ކާލި އެވެ. ހަޤީޤަތުގައިވެސް އެއީ ހަމަ ކާޖާ އެވެ!
" މި ހުރިހާ ޑަބިޔަލެއްގަ ކާޖާ؟"
ދާއިން އެތަނުން ދާކަށް ގަސްދެއް ނުކުރެ އެވެ. އޭނާ ސޯފާއެއްގައި އިށީނެވެ.
" އަނ... އެކި ވައްތަރުގެ ކާޖާ...! ދާއިންއަށް ދީބަލަ ފޮނިއެއްޗެއް...!"
ޝައުކަތު އެހެން ބުނުމުން އެތަނުގައި ހުރި މީހަކު އެހެން ޑަބިޔަލެއްގެ މަތި ނަގާފައި ފޮނި ކާޖާ ކޮޅެއް ދާއިންއަށް ދީފި އެވެ.
" ކީއްކުރާ ކާޖާއެއް...؟ ކިހިނެއް ހަދަން ތިއުޅެނީ؟.... މިހުރިހާ ކާޖާ ކާކު ކަނީ؟ "
ދާއިންއަށް އެއްފަހަރާ މާގިނަ ސުވާލު ކުރެވިއްޖެ އެވެ. ބައްޕަ އެކަމާއި ހިތްހަމަ ނުޖެހުނު ހެން ހީވެ އެވެ.
" ތީ ރާއްޖެ ތެރެއަށް ފޮނުވަން....! ތިވެސް ޝައުކަތު ކޮށް އުޅޭ މަސައްކަތެއް... އަހަރެން ރަހަބަލަން ބޭނުން ވެގެން މިގެއަށް ގެނައީ...!"
ބައްޕަ އެބުނި އެއްޗެއް މުޅިއަކުން ހަމައެއް ނުޖެހެ އެވެ. ރަހަ ބަލަން ބޭނުން ނަމަ ވައްތަރަކުން އެތި ކޮޅެއް ގެނައީމަ ވީނޫން ހެއްޔެވެ! އެހުރިހާ ޑަބިޔާ ތަކެއް އެގެއަށް ގެންނާކަށް ފަސޭހައެއް ވެސް ނުވާނެ އެވެ.
" އަނ... މިއުޅެނީ...މި ދޭތެރޭން ވީ ގެއްލުމެއް ފޫ ބައްދަން ވެގެން....!"
ޝައުކަތު ހިނިގަނޑެއް ޖަހާލި އެވެ. އެވަގުތު ޖައުފަރު ލޯ ވައްކޮށްލިތަން ދާއިންއަށް ފެނުނެވެ. ދާއިންގެ ހިތުގައި ޝައްކެއް އުފެދިގެން ދިއަ އެވެ.
" އެކޮއި.... މީހަކާ އިނދެގެން ގެއަށް ގެނެއްސަ އެހާ އަވަހަށް އެ މަންޖެ އެކަނި ދޫކޮށްލާކަށް ނުވާނެ.... އަހަރެން ނާމީ ކައިރީވެސް ބުނިން ގެއަށް ރަނގަޅަށް ނުހޭނެނިސް އަންހެނުންގެ އަތުން ދޫކޮށް ނުލައްޗޭ....!"
ދާއިން ހިނިތުން ވެލި އެވެ. ޝައުކަތު އަންކަލް ރީތި ގޮތަކަށް އެބުނީ ދެން އެތަނުން ދާށޭ އެވެ. ދާއިން ތެދުވެގެން ހިނގައިގަތީ ކައިރީގައި ހުރި ޑަބިޔަލަށް އަތްބާނާފައި ފޮނި ކާޖާ ކޮޅެއް ނަގައިގެންނެވެ.
ދާއިން މައްޗަށް އެރިއިރު ކުރީންވެސް ހުރި ތާނގައި މާހިން ހުއްޓެވެ. ދާއިން ގެންގޮސް މާހިންއަށް ފޮނި ކާޖާ ކޮޅު ދިނެވެ.
" މީ އެ ޑަބިޔާ ތަކުގަ ހުރި އެއްޗަކީ! "
ދާއިން ހިނގަނޑެއް ޖަހާލަމުން ބުނެލި އެވެ. މާހިން އޭގެން އެތިކޮޅެއް ކާލި އެވެ.
" މިފަހަރު ގަސްކާނާއެއް ނޫންދޯ!"
އަނެއްކާވެސް ގޮތް ނޭގޭ ޖުމުލައެއް ބޭރު ކޮށްލުމަށް ފަހު އިތުރު އެއްޗެއް ނުބުނެ މާހިން އެތަނުން ދާން ހިނގައި ގަތެވެ. ދާއިން އަކަށް ނުވިސްނުނެވެ. މިހާރަކަށް އައިސް ކޮއްކޮ ހުންނަނީ ފާޑަކަށް ގޮވާފަ އެވެ. ވާނީވެސް އެހެން ނެވެ. ނުލާހިކު އުފާވެރި ދިރިއުޅުމެއް އުޅެނިކޮށް ކުއްލިއަކަށް އެދިރިއުޅުން ހަލާކުވެ މުޅީން އެކަނި ވީއެވެ.
ނާމީއާއި ލޫނާ ކޮޗިންއަށް ދާން ފުރައިފި އެވެ. ކަނޑުމަގުން މަލިކަށް ދެވެން އޮންނަ ނަމަވެސް އެ މަގުން މަލިކަށް އެރުމުގެ ހުއްދައެއް ނޯވެ އެވެ. ހއ ތުރާކުނުން ގާތްގަޑަކަށް ދެ ގަޑި އެއްހާއިރު ތެރޭގައި ދެވެން އޮތް ތާކަށް ދާން މި ޖެހެނީ ދިގު ދަތުރެކެވެ. މަލިކަށް ދެވެނީ ކޮޗިން އަށް ގޮސްފައި އެތަނުން ކަނޑު ބޯޓެއްގައި 12 ގަޑިއިރު ދަތުރު ކޮށްގެންނެވެ. ނާމީ އާއި ލޫނާ ބޭނުންވީ ހަމަ އެހެން މީހުންވެސް އެދާ ގޮތަށް އެ ބޯޓުގައި ދަތުރު ކުރާށެވެ. މަލިކަށް ފޭބިއިރު މަލިކުގެ ގިނަ އަދަދެއްގެ މީހުން ނާމީ މެންނަށް މަރުހަބާ ކިޔަން އައިސް ތިއްބެވެ. ނާމީގެ ބައްޕަގެ އެކުވެރީން މަލިކުގައި ވެސް ތިބެ އެވެ.
އެރަށުގެ މީހުންނާއި ބައްދަލު ވުމުން އާދަޔާ ޚިލާފް ހިތްހަމަ ޖެހުމެއް ލިބުނެވެ. ވަރަށް ހިތްހެޔޮ ގާތް ބައެކެވެ. އެމީހުންގެ ދިރިއުޅުން ދިވެހީންނާއި ވައްތަރީ އެތައް ގޮތަކުންނެވެ. ވާހަކަ ދައްކާ ބަހަކީ ހަމަ އެއް ބަހެކެވެ. އެންމެ ކުރީގެ ދިވެހި ބަހެވެ. ހީވަނީ ރާއްޖޭގެ ރަށެއް ހެންނެވެ.
އެ މައުހައުލު އެންމެ ކަމު ދިއައީ ލޫނާ އަށެވެ. ރަށުގެ ޒުވާން ފުރައިގެ އަންހެން ކުދީންނާއި ލޫނާއާއި ފަސޭހަ ކަމާއި އެކު ގާތް ކަން އުފެދިގެން ދިއައެވެ.
ކޮންމެ ދުވަހެއްގެ ހަވީރު ގަޑީގައި މަލިކު އާމިރާއި އެކު ނާމީ ނުކުންނަނީ އަތިރި މައްޗަށެވެ. އެތަނުގައި ފިރިހެން ވެރީންގެ މަޖާ ވާހަކަ ތައް އަޑު އަހަން އިންނައިރު ތަންކޮޅެއް ދުރުން، އަތިރިމަތީ ދޮންވެލި ގަނޑުގެ މަތީގައި އެކަނި މައިކަނި އިށީދެ އިންނަ މެދު އުމުރުގެ ފިރިހެނަކު ނާމީއަށް ފާހަގަ ކުރެވެ އެވެ. ހަމަ ކޮންމެ ދުވަހަކުވެސް ރަތްވިލާ އޮއްސެމުން ދާއިރު ދުރުން ފެންނަމުން ދާ ވިލާތަކަށް ކަޅި ހުއްޓާލައިގެން ހަރަކާތް ހުއްޓިފައި އެއިންނަ އިންސާނާ ކުރަމުންދާ ބޮޑު ހިތާމައަކީ ކޮބައި ބާއެވެ! އޭނާއަކީ ފަހެ ކާކު ބާއެވެ!