ބޭބެގެ އަތުގައި ހިފައިގެން ކޮރު ޖަހަމުން މާހިން ކުރިއަށް ހިނގައި ގަތީ އަމަން ދެއްކި މަގުންނެވެ. ޑޮކްޓަރ ރޫމް ތަކާއި ދިމާއަށް ހިނގައިގަންނަމުން އަމަން ކޮންމެވެސް މީހަކަށް ގުޅާލި އެވެ. 
" ގޭޓް ވަން އާ ދިމާއަށް އާދެވިދާނެތަ....! މިއުޅެނީ އަހަރެންގެ އަތުން ކުޑަ އެކްސިޑެންޓެއް ވެގެން....! "
އަމަން އޭނާގެ އަންހެނުން ގާތުގައި ބުންޏެވެ.

މާހިން ގޮވައިގެން ދާއިން މަޑުކުރީ ޑޮކްޓަރ ރޫމްގެ ދޮރުމަތީގަ އެވެ. ކުޑަތަންކޮޅެއް ދުރުގައި ހުރި ކައުންޓަރަށް އަމަން ދިއައީ ރެޖިސްޓްރޭޝަންގެ ކަންތައް ނިންމާލާށެވެ. އަމަންގެ އަތުން އެވަރުގެ ކަމެއް ވީތީ އަމަން ހުރީ ވަރަށް ދެރަވެފަ އެވެ. 
މަޑުމަޑުން ހިނގާފައި ގޭޓް ވަންއާއި ދިމާއަށް މިސްރާބު ޖެހިއިރު މިމީގެ ހިތް ވަނީ ނުތަނަވަސް ވެފަ އެވެ. އަމަންގެ އަތުން ވި ކިހާ ވަރެއްގެ އެކްސިޑެންޓެއް ބާއޭ ހިތަށް އަރަމުން ދިއައެވެ. މީހަކަށް ކަމެއް ވެގެން ނޫނީ ހޮސްޕިޓަލަކަށް ނުގެންނާނެއެވެ. އޭގެ އިތުރުން ދެންމެގައި ޑޮކްޓަރ ބުނި އެއްޗަކުން އޭނާ ވަނީ ކަންބޮޑު ވެފަ އެވެ. މިމީގެ ބަޑަށް ހަތަރު މަސް ވެގެން ދިއައިރުވެސް އަދިވެސް ބޭބީ ނުތޮޅެއެވެ. ބޭބީގެ ބަރުދަންވެސް މާ ދަށެވެ. ރަހިމުގައި ހުންނަން ވާ ވަރަށް ވުރެ ފެން މަދެވެ. އަނެއްކާވެސް ދެ ހަފްތާގެ ބެޑްރެސްޓެއް ދިނީ އެވެ. ބޭބީ ކުޑަވެފައި ބޭބީގެ ހެދި ބޮޑުވުން ދަށް ކަމަށް ބުނުމުން މިމީ ވަރަށް ދެރަވި އެވެ. ރަނގަޅު ސިއްހަތެއްގައި އެދަރިފުޅު ދުނިޔެއަށް އުފަން ވުމަކީ އޭނާގެ ދިރިހުރުމުގެ ހަމަ އެކަނި އުއްމީދެވެ. އޭނާ އެ އިންތިޒާރު ކުރަނީ އެ ދަރިފުޅު ތޮޅި ލާނެ ވަގުތަކަށެވެ. އެއީ ކޮންފަދަ އިޙުސާސަކަށް ވާނެބާ އެވެ. 

ގޭޓް ވަންގެ ޑޮކްޓަރ ރޫމް ތަކާއި ހިސާބަށް އާދެވުނު އިރު އަމަން ފެންނަން ނެތުމުން މިމީ އަމަން އަށް ގުޅާލިއެވެ.
" ތިތާ މަޑުކޮށްލާ އެބަދަން އިނގޭ.... ރޫމް ސިކްސް ކައިރީ ތިބޭނެ ދިވެހި ދެ ފިރިހެން ކުދީން... އެމީހުން ކައިރީ މަޑުކޮށްލާ....!"
އަމަން އެހެން ބުނެފައި ފޯނު ބޭއްވުމުން މިމީ ރޫމް ސިކްސް އާއި ދިމާއަށް ހިނގައި ގަތެވެ. ގޮނޑިތަކުގައި އެތުރިގެން ތިބި މީހުންގެ ތެރެއިން ދިވެހީން ވަކި ކުރަން އޭނާއަށް އިނގޭނެ ބާއެވެ. 

ގޮނޑީގައި ލެނގިލައިގެން ހަށަން ބަނދެލައިގެން މާހިން ދުރުބަލަން އިނީ ހިޔާލަކަށް ގެއްލި ފައެވެ. އޭނާގެ ދިރިއުޅުމަކީ ފޫހި ދިރިއުޅުމެކެވެ. އެކުގައި އުޅުނު އެންމެން ރަނގަޅު ދިރި އުޅުމެއް ފަށައި ނިމުނީއެވެ. މިހާރު އޭނާ ވަނީ ބާކީ ވެފައެވެ. ބޭނުން ގަޑިއެއްގައި ވާހަކަ ދައްކާ ސަކަރާތް ޖަހާ ހަދާލާނެ މީހަކުވެސް ނެތެވެ. ގިނަ ވަގުތު ތަކުގައި ކޮންމެވެސް ތަނެއްގައި އޮށޯވެ ލައިގެން އޮންނަނީ އެވެ. މިމީއާއި ދޭތެރޭގައި ނުވިސްނަން ހިޔާލު ކުރި ނަމަވެސް އެހެން ގިނަވެފައި އޮންނަން ޖެހުމުން އެ ފިކުރު ދަނީ ބޮޑު ވަމުންނެވެ. ރާއްޖޭން ބޭރަށް ދަތުރެއް ދިއައަސް ދުރުން އެތަނަކުން މިމީ ފެނޭތޯ ހޯދެނީ އެވެ. ދުރުން ފެންނަ ކޮންމެ އަންހެނަކު ހީވަނީ މިމީ ހެންނެވެ. 

ހިޔާލަކަށް ގެއްލިފައި އިނދެ އިސް އުފުލާ ބަލާލެވުނު ވަގުތު އޭނާއަށް އަނެއްކާވެސް ލިބުނީ ސިހުމެކެވެ. އެ ދިމާއަށް ދުރުން ހިނގާފައި އަންނަ އަންހެން ކުއްޖާ ފެނުމުންނެވެ. އެތަނުގައި އިށީން ފަހުން ވެސް އެގޮތަށް އޭނާ ސިހުނު އެއީ ތިން ވަނަ ފަހަރެވެ. ހަމަ އެ ފުރާގެ ކޮންމެ ކުއްޖަކު ފެންނަ އިރަށް އެއީ މިމީ ހެން ހީވެއެވެ. 

މާހިން މޫނު އަނބުރާލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. އެހާލުގައި އޭނާ އުޅޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ!

މިމީ މަޑުމަޑުން އައިސް ގޭޓް ވަންގެ ޑޮކްޓަރުން ބަލާ ކޮޓަރިތަކާއި ހިސާބަށް ހުއްޓުނެވެ. އެތަނުގައި ގިނަ ބަޔަކު ތިބުމުން އެތަނުން ދިވެހީން ފެނޭތޯ ބަލާކަށް ނުކެރުނެވެ. ތަބެއްގައި ލެނގިލައިގެން އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ގޮޑިބަރިއާއި ދިމާއަށް ހިނގައިގަތީ އިށީންދެ ލާނަމޭ ހިތައެވެ. އެހެން ނަމަވެސް ހިނގައި ގަތުމާއި އެކު އެހުރި ފިޔަވަޅުގެ މަތީގައި އޭނާގެ ދެފައި ހަރުލައިފި އެވެ. ދެފައިތުރުތުރު އަޅައިގަތުމާއި އެކު މޫނު މައްޗަށް އަނދިރި ވާ ގޮތް ވީ ކުރެވުނު އިޙުސާސަކަށް ކެތްކުރެވޭހާ ވަރު ހަށިގަނޑުގައި ނެތުމުންނެވެ. ކުރިމަތީގައި އިސް ޖަހާލައިގެން އޭނީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ ދެދުނިޔޭގެ ލޯބިވެރިޔާ އެވެ. ޤަބޫލު ކުރަން ދަތިވި ނަމަވެސް އެއީ ހަމަ އެ ސޫރައެވެ. އެ މަޢުޞޫމް ސާފް މޫނެވެ. އެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއް ދެކެ އިންތިހާއަށް މިމީ ލޯބިވާ އެހަށިގަޑެވެ. މާހިންއަށް ފެނުމުގެ ކުރީން އެތަނުން ދުވެ ފިލަން މިމީ ހިތަށް އެރި ނަމަވެސް ހިރިލާހާ ވެސް ހިތްވަރެއް ނުލިބުނެވެ. ކޮންމެ ރެއަކު ތަކުރާރު ކޮށް އެތައް ފަހަރަކު ހުވަފެނުން ފެންނަ އެ މޫނަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން މިމީއަށް ހުރެވުނީ އެވެ. 

ދުރުބަލަން އިނދެފައި ކުރިމައްޗަށް ބަލާލި ވަގުތު ކުރިމަތީގައި ހުއްޓިފައި ހުރި މިމީ ފެނުމުން ދާއިންވެސް ދިއައީ ތެޅިގަނެގެންނެވެ. ޙައިރާން ކަމާއެކު މިމީއަށް ބަލަން އިން ދާއިން މަޑުމަޑުން އޭނާގެ އޮޅޮބޮށިން މާހިންގެ އަތުގައި ޖަހާލި އެވެ. ބޭބެގެ އިޝާރާތަށް މާހިން ބޭބެއަށް ބަލާލުމާއި އެކު ބޭބެގެ ދެލޯ އަމާޒު ވެފައި ވާ ދިމާއަށް އެނބުރި ލިއެވެ. އެވަގުތު އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. މާ ދުރު ނޫން ހިސާބެއްގައި އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން އެހެރީ އެތައް ދުވަހެއްވަންދެން އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ އޭނާގެ މިމީއެވެ. ދެލޯ އަމާޒު ވެގެން ދިއަ ވަގުތު މިމީގެ ހަށިގަނޑަށް ކުރުވި ވަރުގަދަ އަސަރުގައި ހަށިގަނޑުގެ ބާރު ދޫވާ ގޮތްވިއެވެ. ކައިރީގައި ހުރި ތަނބުގައި އޭނާއަށް ހިފަހައްޓާލެވުނު އިރު ދެލޮލުން އޮހޮރުނު ކަރުނަތައް ކޯތާފަތާއި ހިސާބަށް ފައިބައި ފިއެވެ. މިމަންޒަރު ގާތުން ބަލަން އިން ދާއިންއަށް ރަނގަޅު އިވެލުއޭޝަން އެއް ހަދާލެވުނެވެ. މިމީ އަދިވެސް މާހިން ދެކެ ލޯބިވެއެވެ. އިންތިހާއަށެވެ. މާހިން ތެދުވަން މަސައްކަތް ކުރިއެވެ. ހިސާބެއްގެ ދަތިކަމެއް އިހުސާސް ކުރެވުނީ ރިހެމުންދާ ފައިގެ ސަބަބަކުން ނޫނެވެ. އެ ވަރުގަދަ ހަށިގަނޑުގައިވެސް މިއަދު ވަނީ ތުރުތުރެއް އުފެދިފައެވެ. މާހިން އުނދަގުލުން ތެދުވިއެވެ. އެއްޗެއް ބުނާހާ ހިތްވަރެއް ނެތެވެ. ހިތް އެދެނީ މިމީ އޭނާގެ އަތުގެ ތެރެއަށް ގެނެސް ގަތުމަށެވެ. ރިހެމުންދާ މޭގެ ރޯ ފާރުތަކަށް އަވަސް ޝިފާއެއް ހޯދާ ދިނުމަށެވެ. މަޑުމަޑުން ކުރިއަށް ޖެހިލެވުނީ އެ މަޤްސަދުގައެވެ. އެހެނަސް ހުއްޓެން މަޖުބޫރު ވެއްޖެއެވެ. މިމީގެ ފުރަގަހަށް އައިސް މަޑުކޮށްލި އަމަން ފެނުމުންނެވެ. 

" މިމީ....! "
އެއަޑު އިވުމާއި އެކު މިމީ އަށް ވެސް ތެޅިގަނެވުނެވެ. ހަމަ ބިމަށް އާދެވުނެވެ. އަވަސް އަވަހަށް ދެލޯ ފޮހެލީ ނޭގޭ ކަމަށް ހަދަމުންނެވެ. 
"މިމީ މީ ދިވެހި ދެކުދީން....!"
މާހިން މެންނަށް އިޝާރާތް ކުރަމުން އަމަން އެހެން ބުނުމުން ދާއިން ތެދުވެލި އެވެ. ދާއިންގެ މޭގެ ތެރޭގައި އުފެދެމުން ދިއަ ކޮޅިގަނޑު ނުރައްކަލުގެ އިންޒާރުތައް ފޮނުވަމުން ދިއަ އެވެ. 
" މީ އަހަރެންގެ އަންހެނުން... މިމީ!"
އެއަޑު މާހިންގެ ކަންފަތުގައި ޖެހިގެން ދިއައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެވަގުތު އޭނާގެ ދުނިޔެ އެނބުރިގަތީ ބުރު ނޭގޭ ވަރަށެވެ. މިމީއާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރި ނަމަވެސް އޭނާގެ ދެލޮލަށް މިހާރު އެއްވެސް އެއްޗެއް ނުފެނެއެވެ. ބޮލަށް އެރި އެނބުރުމަށް ކެތް ކުރަން މަސައްކަތް ކުރަނިކޮށް ބޭބެގެ އެހީތެރި ކަމެއް ލިބުނު ކަން ނަސީބެވެ. ދާއިން މާހިންގެ އަތުގައި ހިފާ ދަމާލީ ގޮނޑީގައި އިށީންނަން އިޝާރާތް ކުރަމުންނެވެ. މާހިންއަށް ގޮނޑިއަށް ޖެހިގަނެވުނު އިރުވެސް ނޭގުނެވެ. މޫނުމައްޗަށް އަނދިރި ވެ ކުޑަ ވަގުތު ކޮޅަކަށް އޭނާގެ ސިކުނޑި ހުއްޓުނު ކަހަލަ އެވެ. ގޮނޑީގައި ލެނގިލަމުން ލޯމަރާލި ވަގުތު އޭނާގެ އަނގައިން ވޭނީ "އާހް!" އެއްގެ އަޑު ބޭރުވެގެން ދިއައެވެ. 

މިމީގެ މޫނަށް ބަލަން ދާއިން އިނީ ޙައިރާންވެފަ އެވެ. ޤަބޫލު ކުރަން ދަތިވެފަ އެވެ. މާހިން ދެކެ އެވަރަށް ލޯބިވި މިމީއަށް އެވީ ކިހިނެއް ހެއްޔެވެ! ހަޤީޤަތުގައިވެސް އޭނާ މާހިން ދެކެ ލޯބި ނުވަނީ އެވެ. މިއަދު އެކަން ޤަބޫލު ކުރަން މަޖުބޫރު ވެއްޖެ އެވެ. މާހިންގެ އިއްދައިން ހަމަ ބޭރު ވުމާއި އެކު އޭނާ އެހެން މީހަކާއި ކައިވެނި ކޮށް މިހާ އަވަހަށް ބަލިވެ އިނީ އެވެ. މާހިންއާއި ދޭތެރޭގައި ކުޑަވެސް ލޯތްބެއް އެއްއިރަކުވެސް އޮތް ނަމަ އެހެނެއް ނުވީހެވެ. 

" އެބަ އަންނަން....!"
އިސް ޖަހައިގެން ހުރި މިމީގެ ކޮނޑުގައި ހިފައިގެން ހިގައި ގަންނަމުން އަމަން ބުންޏެވެ. މިމީ ހިނގާފައި ދާތަން ބަލަން އިނީ ދާއިން އެވެ. އެ މަންޒަރު ބަލާކަށް މާހިން އަކަށް ކެތެއް ނުވާނެ އެވެ. އޭނާ ނިއްކުރީގައި ހިފަހައްޓައިގެން ލޯމަރައިގެން އިނީ އެވެ. 

ބުނާނެ އެއްޗެއް ނޭގިފައި ދާއިން އަށް އިނދެވުނެވެ. މިވަގުތު ކޮއްކޮއަށް ކުރާނެ އިޙުސާސް އޭނާއަށް އިނގެ އެވެ. ރަނގަޅަށް އޮޅުން ނުފިލުވާ ކޮއްކޮ ގޮވައިގެން އެ ޤައުމަށް އާދެވުނު މޮޔަ ހީވި އެވެ. ދާއިން ހީކޮށްގެން ހުރީ ބައްޕަގެ ރޭވުމަކުން މިމީއަށް ރާއްޖޭން ބޭރަށް ދާން މަޖުބޫރު ކުރުވީ ކަމަށެވެ. މިމީއަކީ އެވަރުގެ ބޮޑު ބޭވަފާތެރިއެއް ކަމެއް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ! 

އިރުކޮޅަކުން އެތަނަށް އަމަން އަތުވެއްޖެ އެވެ. އޭނާއައީ އެކަންޏެވެ. އަމަންއާއި ދިމާއަށް ބަލަން މާހިންއަށް އިނދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއަށް ވުރެ މިމީއަށް އަމަންގެ ކަމުދިއައީ ކޮން ސިފައެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އަމަން އާއި އެކު މިމީ އުޅޭނެ ލޯބިވެތި ގޮތްތައް އޭނާގެ ސިކުނޑީގައި ކުރެހެމުން ދިއަ ވަރަކަށް އޭނާގެ ހިތުގައި އަމަންގެ މައްޗަށް ނަފްރަތު ބޮޑުވަމުން ދިއައެވެ. ލަހެއް ނުވެ ޑޮކްޓަރ ނަމްބަރ ޖެހުނުކަން ރަނގަޅެވެ. ޑޮކްޓަރ ރޫމަށް ވަނީ ދާއިންއާއި މާހިންއެވެ. އަމަން މެމޯ ހައްދާފައި ވަނީ އަމަންގެ ނަމުގަ އެވެ. މިހާއިރު ވީއިރުވެސް އޭނާ މާހިންމެންގެ ނަންވެސް އަހާލަން ހަނދާން ނެތެވެ. ނަން އަހާލި ނަމަވެސް ކޮންމެވެސް އެއްޗެއް ވިސްނުނީސް ކަންނޭގެ އެވެ.

ދޮރުމަތީގައި އަމަން މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ އަތުން އެވަރުގެ ކަމެއް ވީތީ ދެރަ އެވެ. ދެންމެގައި ދިމާވި ދިވެހި ދެކުދީންނަކީ ތަންކޮޅެއް ރަނގަޅު އާއިލާއެއްގެ ކުދީންހެން ހީވެ އެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ. އެހެންނަމަވެސް ތަންކޮޅެއް ގިނައިރު ވެގެން މޫޑީ ވެފައި ތިބިހެން ހީވެއެވެ. 

ޑޮކްޓަރ ރޫމްއިން ނުކުމެގެން މާހިން ހިނގައި ގަތީ ބޭރާއި ދިމާއަށެވެ. އޭނާ އަމަންއާއި އިތުރަށް ކުރިމަތި ލާކަށް ބޭނުމެއް ނުވި އެވެ. ދާއިން ނުކުމެ އަމަން ގާތަށް ހުއްޓުނެވެ. 
" ތެންކިއޫ...! ދަނީ.... ބައީ....!"
" ބައީ"
އަމަން ދާއިން އާއި ސަލާމް ކޮށްލި އެވެ. އޭރު ދުރުގައި މަޑުކޮށްލައިގެން މާހިން ހުރީ އަމަން އާއި ދިމާއަށް ބަލާވެސް ނުލަ އެވެ. އަމަންގެ އަތުން ލިބުނު އަނިޔާގެ ސަބަބުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިހެން އަމަންއަށް ހީވިއެވެ. ސަލާމް ކޮށްލުމަށް ފަހު ދާއިން އެނބުރި ދާން ހިނަގައި ގަތް ވަގުތު އަމަން އެއްޗެއް ހަނދާންވެއްޖެ އެވެ.

" އެކްސްކިއުސް...!"
އެއަޑު އިވިފައި ދާއިން ބާލާލި އެވެ. އަމަން އައިސް ގާތަށް ހުއްޓުނެވެ.
" ކަންބޮޑުވެފަ ހުރި ވަރުން.... ނަންވެސް އަހާނުލެވޭނު....!"
އަމަން ހިނިތުން ވުމަކާއި އެކު އަހާލި އެވެ. ދާއިން އެއްޗެއް ބުނުމުގެ ކުރީން ހިނދުކޮޅެއް ނެގިއެވެ. ވިސްނާލާށެވެ.
" މީ ދާއިން.... އެއީ ކޮއްކޮ.... މާހިން ޖައުފަރު!"
އެހެން ބުނުމާއި އެކު ދާއިން ހިނގައިގަތީ އަމަންގެ މޫނަށް ވީ ގޮތް ބަލާވެސް ނުލައެވެ. ލިބުނު ސިހުމުގައި ހުރިތަނަށް ގަނޑުވެފައި އަމަން އަށް ހުރެވުނެވެ. ތަންކޮޅެއް ކުރީގައި ހިނގައިދިއަ ކަންތައް ސިކުނޑީގައި ކުޅެވެން ފެށިއެވެ. އޭނާއަށް ފެނުނުއިރު މިމީ އާއި މާހިން ހުރީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. މިމީ އަކީ އޭނާގެ އަންހެނުން ކަން ބުނެދިން ވަގުތު މާހިންގެ މޫނަށް ވީގޮތް އޭނާއަށް ފެނުނެވެ. އޭރު އެވަރަށް ނުވިސްނުނަށް މިޙާރު ވިސްނިއްޖެއެވެ. އަދި އޭގެ ފަހުން މާހިންއާއި ދާއިން އަށް އައި ބަދަލުވެސް ވިސްނުނެވެ. އެއީ ގިނައިރު ވެގެން އައި ބަދަލެއް ނޫން ކަން އެނގިއްޖެއެވެ. މިމީ ގޮވައިގެން ލޮބީ އޭރިޔާއަށް ދިއައިރު މިމީ ރުއި ސަބަބު ވިސްނިއްޖެ އެވެ. އަގައިން ނުބުނެ މިމީ ލޯފޮހެމުން ދިޔައީމައި އަމަން ހީކުރީ މިމީ އެރޮނީ ބޭބީ އާއި ބެހޭ ގޮތުން ޑޮކްޓަރ ބުނި އެއްޗެއްގެ ސަބަބުން ކަމަށެވެ. މިހާރު ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. މާހިން ފަދަ ފިރިހެނަކު ދޫކޮށްލުމަކީ މިމީއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

އަމަން ގޮސް މިމީ އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ކާރު ދުއްވާފައި ގޭދޮށަށް މިސްރާބު ޖަހާހައި ހިތްވަރެއް އަދި އޭނާގެ ނެތެވެ. އިރުކޮޅެއް ވަންދެން މިމީގެ ހަރަކާތް ތަކަށް ބަލަން އަމަން އިނެވެ. މިމީ އަށް ގިސްލެވެނީ އެވެ.

" ޔޫ ޑިޑްންޓް ޓެލް މީ.....!"
އަމަން އަށް ވެސް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.
" ދެންމެ މި އެނގުނީ... އެއީ މާހިން ކަން....!"
އަމަން ދުރުބަލަން އިނދެ ވާހަކަ ދެއްކިއެވެ. ދެލޯބިވެރީންގެ ދެމެދަށް ވަދެވިފައި ވާކަން އިޙުސާސް ވުމުން އުނދަގޫވުމުގެ އިތުރުން ހިތްދަތި ކަން އިޙުސާސް ކުރެވުނެވެ. 
" އެ ނިމުނީއޭ.... އަޅާ ނުލާ....!"
ހިތްވަރު ކޮށްލާފައި ދެލޯ ފޮހެލަމުން މިމީ ބުންޏޭވެ. އެއީ އޭނާ ބޭނުން ވި ގޮތެވެ. މާ ބޮޑު ޑްރާމާ ތަކެއް ނެތި ވަރަށް ފަސޭހައިން އެކަންވެ ނިމިއްޖެއެވެ. 
" ދެން އޭނައެއް ނާންނާނެ އަހަރެން ހޯދާކަށް ....!"
ހިނިތުން ވެލަން މަސައްކަތް ކުރި ނަމަވެސް މިމީގެ ދެލޮލުން އޮހޮރެމުން ދިއަ ކަރުނަތައް ކޮންޓްރޯލެއް ނުވިއެވެ. އަމަން މިމީ އޭނާގެ ގައިގައި ޖައްސާލި އެވެ. އެ ނިކަމެތި ހަށިގަނޑުގައި ރިހެމުން ދާނެ ވަރު މިއަދު އޭނާއަށް އެބަ އިޙުސާސް ކުރެވެއެވެ.

ކޮމެންޓް 0