ޔޫހާ ގޮވައިގެން ހޮޓެލްގެ ރޫމާއި ހަމައަށް ދިއައިރު ދާއިން ވެސް ހުރީ ފިނިވެފަ އެވެ. ޔޫހާއަށް ވާނެ ގޮތް ހިތަށް އަރާފަ އެވެ. ކޮޓަރީގައި ޓަކި ޖަހާލުމަށް ފަހު ދާއިން ފަހަތަށް ޖެހިލި އެވެ. ކޮޓަރީގެ ދޮރުމަތީން ޔޫހާއަށް ތަން ދައްކަމުންނެވެ.
ދެފަހަރަކު ޓަކި ޖަހާލުމާއި އެކު ކޮޓަރީގެ ދޮރު ހުޅުވާލައިފި އެވެ. ކޮއްކޮ އާއި ދޮންތީގެ ނަޒަރު ދިމާވެގެން ދިއަ ވަގުތު ރިހުމުން ފުރިފައިވާ މަޑު ހަޅޭކެއްގެ އަޑު އިވިގެން ދިއަ އެވެ. ދެބޭން އެކަކު އަނެކަކުގެ ގައިގައި ހިފައިގެން ގޮތުން ބަލަން ތިބި އެންމެންގެ ހަށިގަނޑުން ހީބިހި ހިލިގެން ދިއަ އެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަން ލޫނާއަށް އިޙުސާސް ކުރެވުނީ އިރުގަނޑެއްގެ ފަހުންނެވެ.
ކޮޓަރީގެ ތެރެއަށް ވަނުމަށް ފަހު ކުރިމަތި ލާން ޖެހުނު ކަންތައްތައް އެއްކުއްޖަކު އަނެއް ކުއްޖަކަށް ކިޔާދޭ އަޑުއަހަން ދާއިން މެން ތިބީ ޝައުޤުވެރި ކަމާއި އެކުގަ އެވެ. ދުވަސް ގަނޑަކަށް ފަހު އެ ދެކުދީންގެ ހަޔާތަށް ހިސާބެއްގެ ހަމަ ޖެހުމެއް އަތުވެއްޖެ އެވެ.
އެ ބައްދަލު ވުމަށް ފަހު ހިތްދަތި ކަމެއް އިޙުސާސް ކުރަން ޖެހުނީ ނާމީ އަށެވެ. ނާމީ އާއި އެކުގައި އެނބުރި ދާކަށް ޔޫހާ ގަސްދެއް ނުކުރި އެވެ. ދެން އެންމެ ހިނދު ކޮޅަކަށް ވެސް ކޮއްކޮ އާއި ދުރަށް ދާން އޭނާ ބޭނުމެއް ނުވި އެވެ. ދާއިން އިނީ ޔޫހާ ނިންމާނެ ގޮތަކާއި ދޭތެރޭގައި ސަމާލު ވެގެންނެވެ. ނާމީ އާއި ދުރުގައި ހުރުމަށް ޔޫހާ ނިންމުމަކީ ދާއިންގެ ހިތުގެ އެދުމެވެ.
ނާމީ ހީކޮށްގެން ހުރީ ޔޫހާ އާއި އެކު އެކަހެރި ވަގުތު ތަކެއް ހޭދަ ކޮށް ދެމީހުން ރަނގަޅަށް ދަސްކުރުމުގެ ފުރުސަތެއް ލިބިފައި ވާކަމަށެވެ. އަދި އުއްމީދު ކޮށްގެން ހުރީ ނާމީ ފަދައިން ޔޫހާވެސް ވަރަށް އަވަހަށް ނާމީގެ ލޯބީގައި ބަނދެވިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް ޔޫހާގެ ނިންމުމަށް ނާމީ އިޙުތިރާމް ކުރި އެވެ. ދާއިން މެންނާއި އެކު އެ ހޮޓަލަށް ޔޫހާ ގޮވައިގެން އައުމަށް ފަހު ނާމީ އެނބުރި ދިއައީ އެކަންޏެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެކަނިވެރި ކަން އިޙުސާސް ކުރަން ޖެހުނު ވަގުތު ކޮޅެކެވެ. ޓެކްސީގައި އެނބުރި ހޮޓަލަށް ދިއަ ދަތުރުވެސް އެހާ ދިގެވެ. ޔޫހާ އާއި ނުލާ ބާކީ ދުވަސްތައް ހޭދަ ކުރާނީ ކިހިނަކުން ބާއެވެ!
ކޮއްކޮމެންނާއި އެކު ޔޫހާ ދިއައީ ހޮސްޕިޓަލަށެވެ. މަންމަގެ މޫނު ދެކިލާ ހިތުން ކެތް ވަނީއެއް ނޫނެވެ. ﷲ ގެ ރަޙުމަތުން މަންމަގެ މޫނު ފެނިލުމުގެ ނަސީބު ދެއްވީތީ ޝުކުރު ކުރަމުން މަންމަގެ މޫނުގެ އެތަން މިތަނުގައި ޔޫހާ ބޮސް ދިނެވެ. އޭނާގެ އުއްމީދަކީ ދިރިއުޅުމާއި ދޭތެރޭ މުޅީން މާޔޫސް ވެފައި ވަނިކޮށް އޭނާ މަންމަ އާއި ހިސާބަށް އަލުން ގެނެސް ދެއްވި އޯގާވަންތަ މާތް ﷲ މަންމައަށް ހެޔޮ ރަޙުމަތް ލައްވާ އެ އާއިލާގެ އުފާވެރި ކަން އަލުން މިންވަރު ކުރެއް ވުމެވެ.
ރޭގަނޑުގެ ވަގުތެވެ. ޔޫހާ ފެންވަރާލައިގެން ނުކުތީ ކޮއްކޮގެ ޓީޝަރޓް އަކާއި ޖީންސެއް ލައިގެންނެވެ. ތައްޔާރު ވެލުމާއި އެކު ހިތް އެދެން ފެށީ ކޮޓަރީން ބޭރަށް ނުކުތުމަށެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނަމަވެސް ދާއިން އާއި ބައްދަލު ކޮށްލުމުގެ ފުރުސަތެއް ހޯދުމަށެވެ. ދުވަސް ތަކަކަށް ފަހު ބޮލުގެ ރިހުން ފިލައިގެން ގޮސް ހިތަށް ލުއިވި ވަރުން ކުރީން އެހިތުން ޖާގަ ނުދެވިފައިވާ އިޙުސާސްތަކަށް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ. ޔޫހާ ކޮޓަރީން ނުކުތް އިރު ކޮރިޑޯގެ ތެރޭގައި ހުރި ސޯފާގައި ނޫހެއް ހިފައުގެން ދާއިން އިނެވެ. އޭނާ ފެނުމުން ޔޫހާގެ ހިތަށް ފިނިވެގެން ދިއަ އެވެ. އެގަޑީގައި ދާއިން އެތަނުގައި އެއިނީ ޔޫހާގެ އިންތާޒާރުގައި ހެން ޔޫހާއަށް ހީވި އެވެ. ލުއިލުއި މީރުވަހެއް ނޭފަތުގައި ޖެހުމާއި އެކު ދާއިން އެ ވަސް ދެނެގެން ފިއެވެ. އެއީ ޔޫހާގެ ހަށިގަނޑުގެ މީރު ވަހެވެ. ދާއިން އިސް އުފުލާ ބަލައިލިއިރު ޔޫހާ އައިސް ކުރިމަތީގައި ހުރި ސޯފާގައި އިށީންނަނީ އެވެ. ދާއިން ގެ ހިތުގެ ވިންދު އަވަސްވާން ފެށި އެވެ. ޔޫހާ ފެންނަ ކޮންމެ ވަގުތަކު އޭނާއަށް އާދަޔާ ޚިލާފް ގޮތްތަކެއް ވެއެވެ. ފަހަކަށް އައިސް އެ އިޙުސާސް ވަނީ ބޮޑުވެފަ އެވެ.
ގައިގެ ހަމާއި އެއްކުލަ އަކަށް ދާ މަޑު ފިޔާތިށި ކުލައިގެ ޓީޝަރޓްގައި ފެންނައިރު ޔޫހާގެ އަންހެން ވަންތަކަން ފެންނަ ކޮންމެ ފިރިހެނެއްގެ ހަށިގަނޑުގައި ހުޅު ފަޅައިގެން ދާހާ ވެއެވެ. ޔޫހާ ސޯފާގައި އިށީނުމުން ދާއިން ނޫސް ދުރަށް ޖައްސާލަމުން އޭނާއަށް ސަމާލު ވެލި އެވެ.
" ތި ޓީޝަރޓް ޔޫހާއާ ވަރަށް ގުޅޭ! ވަރަށް ރީތި! "
އަންހެން ކުދީންނަށް ތައުރީފް ކުރުމަކީ ދާއިން ކޮށް އުޅޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިރޭ ހަމަ އެއްޗެއް ނުބުނެ ނީދެވުނެވެ. ދާއިންގެ އެ ތައުރީފްގެ ބަސްކޮޅު އިވުނު ވަގުތު، ލައިގެން ހުރީ ޓީޝަރޓާއި އެއްކުލައެއް ޔޫހާގެ ކޯމަތީން ފާޅު ވެގެން ދިއަ އެވެ. އޭނާ ލަދުން އިސް ޖަހާލި އެވެ. އެފުރުސަތުގެ ބޭނުން ދާއިން ރަނގަޅަށް ހިފާލި އެވެ. ޔޫހާގެ ރީތި ހަށިގަނޑަށް އޭނާ ފުން ކޮށް ބަލާލި އެވެ. އެރީތި އަންހެން ކުއްޖާ އޭނާއަށް ލިބޭ ދުވަހަކުން އޭނާ ވާނީ މޮޔަ އެވެ. ޚިޔާލީ ދުނިޔެއެއްގެ ތެރެއަށް ގެބިގެން ނުދަނިސް ދާއިންއަށް ހޭލެވިއްޖެ އެވެ. ނާމީ އާއި ޔޫހާގެ ގާތްކަން ހަނދާން ވުމުންނެވެ. ކުރީ ދުވަހުގެ އެ މަންޒަރު ސިކުނޑީގައި ސިފަ ވުމުންނެވެ. އެ މަންޒަރު ހަނދާނުން ފޮހެލަން މަސައްކަތް ކުރިއަސް އެކަން ވާ ގޮތެއް ނުވި އެވެ. ދާއިން މަޑުމަޑުން މޫނު އަނބުރާލި އެވެ. ޔޫހާއާއި ނާމީއާއި ދޭތެރޭގައި ވަރަށް ވަރުގަދަ ގުޅުމެއް އޮވެގެން ނޫނީ އެހާ ހިސާބަކަށް ނުދާނެ އެވެ. ދާއިން އަށް ޔޫހާ ފެނުނީ ނާމީގެ އެނދު މަތީން ނެވެ. ނާމީގެ އަތުގެ ތެރޭން ނެވެ. އެހެން ހިތަށް އެރުމާއި އެކު ދާއިން ގެ ހިތުގައި ހޫނު ކަމެއް އުފެދިގެން ދިއަ އެވެ. ޔޫހާ އަށްޓަކައި އެހިތުގައި ދެންމެގައި އުފެދުނު އިޙުސާސްތައް މަޑުމަޑުން މައިތިރި ވެއްޖެ އެވެ. ދާއިން ބޭނުން ވަނީ އިއްފަތްތެރި އަންހެން ކުއްޖެކެވެ. އޭނާ އުއްމީދު ކުރީ ޔޫހާ އެފަދަ ކުއްޖަކަށް ވާނެ ކަމަށެވެ. ނާމީ އާއި ޔޫހާއާއި ދޭތެރޭގައި އޮތް ގުޅުމާއި މެދު ސުވާލު ކޮށްލަން ދާއިން ކިތަންމެ ބޭނުން ވިއަސް ދާއިންގެ ހިތް އެކަމަކާއި ނުރުހުނެވެ. ސުވާލު ކުރުމުގެ ބޭނުމެއްވެސް ނެތެވެ. މަންޒަރު ފެނުނީ ދާއިންގެ ލޮލަށެވެ. ކޮންމެ ގޮތެއް ވިއަސް ނާމީ އާއި ޔޫހާ އާއި ދޭތެރޭގައި ވަނީ ގުޅުމެއް ހިނގާފަ އެވެ. އެއީ ދާއިން އަށް ޔަޤީން ކަމެކެވެ. ނާމީ ގާތުގައި އެއްވެސް އަންހެން ކުއްޖަކަށް ސަލާމަތަކުން ނުހުރެވޭނެ އެވެ. އެއީ ދާއިން ވެސް ޤަބޫލު ކުރާ ހަޤީޤަތެކެވެ.
ދާއިންގެ އިޝާރާތަކަށް އިންތިޒާރު ކުރަން ޔޫހާ އިނެވެ. މިފުރުސަތުގައި ދާއިން ގާތުގައި ޔޫހާ ދައްކަން ބޭނުން ކިތަންމެ ވާހަކަ އެއް އެބަ އޮތެވެ. އެހެން ނަމަވެސް ވާހަކަ ފަށާކަށް ނުކެރުނެވެ.
" އަހަރެން ހީކުރީ ނާމީ އާ އެއްކޮށް ޔޫހާ ދާނެކަމަށް!"
އިރުކޮޅަކު އިނދެފައި ދާއިން އެބުނި އެއްޗަކުން ޔޫހާގެ މޫނު މަތީގެ ކުލަ ބަދަލު ވެގެން ދިއަ އެވެ. ދާއިންގެ އަޑުގައިވާ އަސަރާ މޫނު މަތީން ފެނުނު ނިޝާނުން ޔޫހާގެ ހިތުގައި ޝައްކު އުފެދުނެވެ. ދާއިން އަށް ނުބައި އެއްޗެއް ވިސްނިގެން އުޅޭހެން ޔޫހާއަށް ހީވެއްޖެ އެވެ.
" ކީއްކުރަން ނާމީއާ އެއްކޮށް ދާންވީ؟ އެންމެން ތިބީ މިތާނގައެއްނުން."
ޔޫހާގެ މާނަފުން އެ ޖުމުލަ ދާއިން އަށް ވިސްނުނު ނަމަވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެ އެވެ. އޭނާ އިތުރު ސުވާލެއް ނުކޮށް އިނެވެ. ވާހަކަ ދެއްކީ ޔޫހާ އެވެ.
" ނާމީ އަހަރެން ސަލާމަތް ނުކުރި ނަމަ އަހަރެން މިއަދު އިންނާނީ އެތައް ބައެއްގެ މީހަކަށް ވެފަ. ނާމީ އަހަރެންނަށް ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލު އަހަރެން އުމުރު ދުވަހު އުޅުނަސް ނުދެވޭނެ!"
ދާއިންގެ ހިތުގައި ހަސަދައިގެ އޮއި ވަރެއް ދަތުރު ކޮށްލި އެވެ. ދާއިންވެސް ވަނީ ޔޫހާއަށްޓަކައި އެތައް ޤުރުބާނީއެއް ވެފަ އެވެ. އެހެން ނަމަވެސް ޔޫހާއަށް ފެންނަނީ ނާމީގެ މަސައްކަތް އެކަންޏެވެ. ޔޫހާ އެބުނާ ގޮތުން ވިއްޔާ އެދުވަހު ދާއިންއަށް އެފެނުނު މަންޒަރަކީ ޔޫހާ ދާއިންއަށް އަގު އަދާ ކުރަން އުޅުނު މަންޒަރެވެ. ފުރަތަމަ ފަހަރަށް ޔޫހާގެ މައްޗަށް ދާއިންގެ ހިތް ނުރުހިއްޖެ އެވެ.
" އަހަންނާ ނާމީއާ ދިމާވީ " ގޯ ބޭބީ ގޯ " ކިޔާ ބްރޯތަލް އަކުން. ނާމީ އަކީ އަހަރެންގެ ކޮޓަރިއަށް އައި ފުރަތަމަ މެހުމާނު!"
ދާއިންގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިއަ އެވެ. ޔޫހާގެ އަނގައިން އެއްބަސް ވި އަޑު އިވުމުން އޭނާގެ ހިތް އެއްފަހަރުން ޔޫހާގެ މައްޗަށް ކިލަނބު ވެއްޖެ އެވެ. އެބުނާ ރެއެއް، އެބުނާ ތަނަކު ހޭދަ ކުރުމަށް ފަހު ނާމި އެވަނީ ޔޫހާ އޭނާގެ ކޮޓަރިއަށް ގެނެސްފަ އެވެ. ދާއިމީ ގުޅުމެއް ޔޫހާއާއި އެކު ބޭއްވުމަށްޓަކައެވެ. ދާއިން ވަރަށް ދެރަވެއްޖެ އެވެ. އޭނާ ޔޫހާއަށް އިތުބާރު ކުރީ ދުވަހަކުވެސް އެހެން އިންސާނަކަށް ނުކުރާ ވަރަށެވެ. އޭނާގެ ހިތް ބުނަމުން އައީ ޔޫހާ ކޮންމެ ހާލެއްގައި އުޅެފައި ވެސް އިއްފަތްތެރި ކަމާއި އެކު އޭނާ އާއި ހަމައަށް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އަމިއްލަ ހިތްވެސް މިއަދު އޭނާއަށް ކެހި ދީފި އެވެ. ދާއިން އަނގައިން ނުބުނެ ދުރު ބަލަން އިނެވެ.
" ނާމީ އަހަންނާ ދިމާވީ އިއްތިފާގަކުން! އޭނަ އެރޭ އަހަރެން ސަލާމަތް ނުކުރި ނަމަ ދެން ދުވަހަކުވެސް އެއްވެސް އިންސާނަކަށް މޫނު ދައްކާލަންވެސް އަހަންނަށް ނުކެރުނީސް!"
ޔޫހާ ފުން ނޭވާ އެއް ބޭރަށް ދޫކޮށްލި އެވެ. ޔޫހާ އެބުނި އެއްޗަކާއި ދޭތެރޭގައި ދާއިންއަށް ވިސްނާލެވުނެވެ. އެބުނީ އަދިވެސް ޔޫހާ ސާފް ތޯހިރު އަންހެނެއްގެ ގޮތުގައި ހުރިކަން ދޭހަކޮށްދޭ ފަދަ އެއްޗެކެވެ. ހިތުގައި ސުވާލު ތަކެއް ގިނަ ވެގެން ދިއަ ނަމަވެސް އަހާލާކަށް ނުކެރުނެވެ. އެހެން ނަމަވެސް ދާއިން ވެސް އެއްޗެއް ބުނެލަން ބޭނުން ވި އެވެ.
" ކޮންމެ ގޮތެއް ވިއަސް އަހަންނަކަށް ތި ކަމެއް ނުވީސް. އަހަރެން ތި ކަހަލަ ތަންތަނަށް ގޮހެއް ނޫޅެން!"
ދުރު ބަލަން އިނދެ ދާއިން ބުނެލި އެވެ. ޔޫހާ ދާއިންގެ މޫނަށް ބަލަން އިނދެ ހިނިތުން ވެލީ ލޯތްބާއި އެކުގަ އެވެ. ދާއިން އަކީ ނާމީ ފަދަ މީހެއް ނޫންކަން ދާއިން ނުބުންޏަސް ޔޫހާއަށް އިނގެ އެވެ.
" އިނގޭ!"
ޔޫހާ މަޑުމަޑުން ބުނެލި އެވެ. ދާއިން އަށް ޔޫހާއާއި ހަތަރު ކަޅި ހަމަ ކޮށްލެވުނެވެ. އެވަގުތު ޔޫހާގެ ދެލޮލުން ފެނުނީ ލޯބީގެ ފުން އަސަރު ތަކެވެ. ދާއިން އަވަސް އަވަހަށް މޫނު އަނބުރާލި އެވެ. ހަޤީޤަތް ނޭގެނިސް އެލޯބީގައި އޭނާ ބެހިގެން ދާކަށް ބޭނުމެއް ނޫނެވެ. ދާއިން ތެދުވި އެވެ. އޭނާ ބޭނުން ވީ ކޮޓަރިއަށް ދާށެވެ. އެނދުގައި އޮށޯވެ ލޯ މަރާލާށެވެ. އޭނާ އަދި ކެތް ކޮށްލާނީ އެވެ. ކުޑަ ދުވަސް ކޮޅެއްގެ ފަހުން ދާއިން އަށް ވެސް ޔޫހާ ގާތުގައި ބޭނުން ސުވާލެއް އަހަން ކެރިދާނެ އެވެ. ނާމީ ޔޫހާ އާއި ދުރުގައި ހުރެއްޖެ ކަމުގައި ވާނަމަ އެ ދެމީހުން ދެމެދުގައި ކަމެއް ނެތް ކަމަށް ޤަބޫލު ކުރެވިދާނެ އެވެ.
ޔޫހާ ވާހަކަ ދައްކަން ބޭނުން ވެފައި ވަނިކޮށް ދާއިން ތެދުވެގެން ދިއުމުން ޔޫހާއަށް ވަރަށް ދަށް ގޮތެއް އިޙުސާސް ކުރެވުނެވެ. ޔޫހާ މަޑުމަޑުން އައިސް ކޮޓަރިއަށް ވަން އިރު ކޮއްކޮ ނިއްކުރި މަތީގައި އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތެވެ. ޔޫހާ އައިސް ކޮއްކޮގެ މަގަތުން އޮށޯވެލި އެވެ.
" ކޯޗެއް ތި ވިސްނަނީ؟"
އެނދުގައި އޮށޯވެ ސީލިންގް އަށް ބަލަން އޮވެ ޔޫހާ އެހި އެވެ.
" މާހިން ވަރަށް ރީތި ދޯ!"
ކުއްލިއަކަށް ކޮއްކޮ އެހެން ބުނުމުން ޔޫހާއަށް ބޯ ހިއްލާލެވުނެވެ. ކޮއްކޮގެ މޫނަށް އޭނާ ބަލާލީ ހިނިތުން ވުމަކާއި އެކުގަ އެވެ. ލޫނާ ދައްތަގެ މޫނަށް ބަލާލި އެވެ.
" ދޯ!"
ސީރިއަސް ކަމާއި އެކު ލޫނާ ބުނެލި އެވެ. ޔޫހާ ތެދުވެ ދެފައި ވައްކޮށްގެން އެނދުގައި އިށީ ނެވެ. އެވާހަކައާ އޭނާ ވަރަށް ގަޔާވި އެވެ.
" ކިހިނެއްވީ؟"
ޔޫހާ އެހި އެވެ.
" އޭނާ މާ ރީތީ!"
ކޮއްކޮގެ މޫނަށް ބަލަން އިން ޔޫހާގެ ދެލޮލުން އުފާވެރި ކަމުގެ މުތީތައް ވިދަން ފަށައިފި އެވެ. ކޮއްކޮގެ ދުލުން ފިރިހެނަކަށް ތައުރީފް ކުރާ އަޑު އޭނާއަށް އެ އިވުނީ އަދި ކިރިޔާ އެވެ.
" ސަޅި މީހެކޭ....!"
ދައްތައާއި ހަތަރު ކަޅި ހަމަކޮށްލަމުން ލޫނާ ހިނިތުން ވެލި އެވެ. ދެން އަނެއްކާވެސް އޭނާ ވާހަކަ ދެއްކި އެވެ.
" ވަރަށް ސަޅި ވާނެ އެހެން ވެއްޖެއްޔާ!"
ލޫނާގެ ހިތުގައި އޮތް އެއްޗެއް އަދި ނުބުނެ ވެއެވެ.
" ދައްތައަށް ދާއިން، މަށަށް މާހިން!"
ލޫނާ އެހެން ބުނުމުން ދޮންތީ އުފާވެރި ހަޅޭކަކާއި އެކު ލޫނާގެ ގައި މައްޗަށް ވެއްޓި ގަތެވެ. އެ ދެކުދީން އެގޮތަށް ސަކަރާތް ޖަހާ ނުލާތާ މިހާރު ހާދަހާ ދުވަހެއް ވެއްޖެ އެވެ.
އިރުކޮޅެއް ވީއިރު ދެކުދީން ވެސް ތިބީ އެނދުގައި އުއްޑުން އޮށޮވެ، ހިމޭން ވެފަ އެވެ. އެއް ކުއްޖެއްގެ އަތް އަނެއް ކުއްޖެއްގެ އަތުގެ ތެރޭގައި ވީ ހިނދު ދެކުދީންގެ ހިތްވެސް ދައްކަމުން ދިއައީ އެއް ވާހަކަ އެކެވެ.
މިއަދު މަންމަ އާއި ބައްޕަ ހެޔޮ ހާލު ގައި ދުނިޔޭގައި ތިބިނަމަ ކޮން ފަދަ ހެއްޔެވެ! އެކުދީންނަށް މަޝްވަރާއެއް ދޭނެ މީހަކު ވެސް މިއަދަކު ނެތެވެ. އިޝްގީ ލޯތްބަކީ އެކުދީންނަށް މުޅިން އާ އެއްޗެކެވެ. އެއީ ކޮންފަދަ އެއްޗެއް ކަމެއްވެސް ނޭގެ އެވެ. އެ ލޯތްބަކީ އުފަލެއް ކަމެއް އަދި ވޭނެއް ކަމެއް ވެސް ނޭގެ އެވެ.
ކުއްލި އަކަށް ކޮޓަރީގެ ދޮރުގައި މީހަކު ތަޅާލި އަޑަށް ޔޫހާ އާއި ލޫނާ ވެސް ސިހުނެވެ. ޖެހިގެން ހުރި ކޮޓަރިއަށް ވެސް އެ އަޑު އިވުނެވެ. ޔޫހާގެ ކޮޓަރީގެ ދޮރުގައި އެގަޑީގައި އެގޮތަށް އެތަޅަނީ ކާކުތޯ ބަލަން ދާއިން ވެސް އަވަސްވެ ގަތެވެ. ދާއިން ބާރަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޔޫހާގެ ކޮޓަރީގެ ދޮރު މަތީގައި ހުރި ނާމީ ފެނުނެވެ. އެވަގުތު ޔޫހާ ވެސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލައިފި އެވެ. އެއާއި އެކު ބަލާކަށް ނުހުރެ ނާމީ ޔޫހާގެ ހަށިގަނޑު އޭނާގެ ބާރުގަދަ ދެއަތުގެ ތެރެއަށް ގެނެސް ގަތެވެ.
" އައި ކާންޓް ލިވް ވިތްއައުޓް ޔޫ! ޔޫހާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ!"
އިވުނު އަޑާއި ފެނުނު މަންޒަރުގެ ސަބަބުން ދާއިންގެ ހިތުގެ ހިނގުން ވެސް ހުއްޓުނު ކަހަލަ އެވެ.