ގާތްގަޑަކަށް ބައި ގަޑިއިރު ދަތުރު ކުރުމަށް ފަހު ދުއްވަމުން ދިއަ މަގު ބަދަލު ކޮށްލަން ޖެހޭކަން އެނގުނީ އެ މަގު ބަންދު ކޮށްފައި ވާތީ އެވެ. ދުރުން ސިފައިންގެ ބަހާއި އެންބިއުލޭންސް ގެ އިތުރުން އެއްވެފައިވާ މީހުން ފެނުމުން އެތަނަށް ފައިބަން މާހިން ބޭނުންވީ ކީއްވެ ކަމެއް ނޭގެ އެވެ. 

ދުރަށް ބަސް މަޑުކުރުވުމަށް ފަހު މާހިން ކާރުން ފޭބި އިރުވެސް ދާއިން ކާރުގައި މަޑުކޮށްލައިގެން އިނެވެ. އޭނާ އެތަނަށް ފައިބާ ހިތެއް ނެތެވެ. އޭނާގެ ހިތް އަވަސް ވެފައިވަނީ ޔޫހާ ހޯދުމަށެވެ. މިހާރު ވެސް އޭނާ އެއިނީ ލަސްވެފަ އެވެ. ކޮއްކޮ އާއި ހެދި އިތުރަށް ލަސްވަނީ އެވެ. ދާއިން އިނީ ހިސާބަކަށް ހިތްހަމަވެސް ނުޖެހިފަ އެވެ. އަދިވެސް ޔޫހާގެ މައްސަލަ އެހާ ސީރިއަސް ކޮށް ކޮއްކޮއަށް ނުނެގެނީހެން ހީވެ އެވެ. 

އެތަނުގައި ހުރި ޓްރެފިކް ޕޮލިހާ ހަމައަށް މާހިންއަށް ދެވުނީ އިރުކޮޅަކު ހިނގި ފަހުންނެވެ. މަގު ބަންދު ކޮށްފައި ވާތީ ވަކި ހިސާބަކަށް ވުރެ ގާތް ވެވޭ ގޮތެއް ނުވި އެވެ. މާހިންއަށް މައުލޫމާތު ލިބުނު ގޮތިގައި އެކްސިޑެންޓެއް ވީއެވެ. ކުށްވެރިޔާ ފަހާ ދުއްވަނިކޮށް ކުށްވެރިޔާ ދަތުރު ކުރަމުން ދިޔަ ބަސް ފުރޮޅާލީ އެވެ. ޕޮލިހުންގެ ބެލުމުގެ ދަށުން ކޯރުގެ ތެރެއަށް ފައިބައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތަން ފެނެ އެވެ. ބޮޑު ހައިވޭގެ ދަށުން އެއްކޮޅުން އަނެއް ކޮޅަށް ދެމިފައިވާ ފުން ކޯރުގެ ތެރެއިން ރޭގަނޑުގެ އެގަޑީގައި މީހަކު ހޯދުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. އިރުކޮޅަކު އެތަނުގައި ހުރެފައި މާހިން އެނބުރި ދާން ހިނގައިގަތެވެ. އިންޑިއާ ފަދަ ތަންތާނގައި އެފަދަ ހާދިސާ ތަކަކީ އާންމު ވެފައިވާ އެއްޗެކެވެ. އެއީ ގިނަފަހަރަށް އެގައުމުގެ މީހުން މާ ބޮޑު ސަމާލު ކަމެއް ދީވެސް ނަހަދާ ކަންކަމެވެ. މާހިން ހިނގައި ގަނެފައި ހުއްޓުނެވެ. އެތަނުގައި ތިބި މީހުންގެ އަޑު ތަންކޮޅެއް ގަދަވެގެން ނެވެ. ފަސް އެނބުރި ބަލައިލި އިރު ކޯރުގެ ތެރޭން ނެގި މީހަކު ސްޓރެޗަރ އަށް ލާން މަސައްކަތް ކުރަނީ އެވެ. އޭމީހާގެ ވަށައިގެން މީހުންގަނޑު އަވަސް ވެގަތް ގޮތުން އޭނާގެ ހާލު ސީރިއަސް ކަން އެނގުނެވެ. ދުރުން ފެނުނު އިރު އޭނާ ވައްތަރުވީ އަންހެނަކާ އެވެ. އެހިސާބުގައި ހުރެގެން މާ ބޮޑު އެއްޗެއް އޮޅުމެއް ނުފިލާނެ އެވެ. އެތަނުގައި މަޑު ކުރުމަކީ ބޭކާރު ކަމެކެވެ. މާހިން ބާރަށް ހިނގާފައި ގޮސް ބަހަށް އެރުމާއި އެކު ޖެހިގެން އޮތް މަގުން ކުރިއަށް ބަސް ދުއްވާލި އެވެ. 

ހޮޓެލް ޕާރކްއިން ދުރުން ފެނުމާއި އެކު ދާއިންގެ ހިތުގެ ވިންދު އަވަސް ވެގެން ދިއަ އެވެ. އެތަނުގައި ހުރި އިމާރާތް ތަކަށް ވިސްނުންތެރި ކަމާއި އެކު ދާއިން އާއި މާހިން ބަލަމުން ދިއަ އެވެ. ބެންގަލޯ ސްޓޭ 5 އާއި ޕާރކް އިން އާއި ދެމެދުގައި ހުރި އިމާރާތަށް ކިޔަނީ ހޮޓެލް ގްރޭންޑެވެ. 

ދާއިންމެންގެ ބަސް ހޮޓެލް ޕާރކްއިންގެ އެންޓެރެންސް އަށް ހުއްޓުމުން ދާއިން އާއި މާހިން ބަހުން ފޭބި އިރުވެސް އެދެމީހުންގެ ނަޒަރު ވަނީ ހޮޓެލް ގްރޭންޑްގެ ފަސް ވަނަ ބުރީން ހުޅުވާފައިވާ ކުޑަދޮރާއި ދިމާއަށް ހުއްޓިފަ އެވެ. އެދޮރު ގައި ބޭރަށް ފެންނަ ގޮތަށް އައްސާފައިވާ ފެހި ކުލައިގެ ސްކާރފް ފެނުމުން ދާއިންގެ ހަށިގަނޑުގެ ލޭހިނގުންވެސް އަވަސްވި އެވެ. އެއީ އޭނާ ދަންނަ ސްކާރފެކެވެ. ކުއްލިއަކަށް ފަހަތަށް ފިޔަވަޅެއް އަޅާލުމާއިއެކު އެކު ދާއިން އަނެއްކާވެސް ބަހަށް އަރައިފި އެވެ. ހަމަ އެވަގުތު މާހިންވެސް ބަހުގެ އަނެއް ފަރާތު ދޮރުން ބަހަށް އެރި އެވެ.

" ހޮޓެލް ގްރޭންޑް!"
ޑްރައިވަރަށް އިޝާރާތް ކުރީ މާހިން އެވެ. ބޭބެގެ ވިސްނުމާއި މާހިންގެ ވިސްނުން އެކައްޗަކަށް ވިއެވެ. އެމީހުން މިހާރު ތިބެން ބޭނުން ވަނީ ހޮޓެލް ގްރޭންޑް ގައެވެ. ހޮޓެލް ގްރޭންޑްގެ ޕޯޓިކޯ ތެރެއަށް ކާރު މަޑުކޮށްލުމުންވެސް މީހެއްގެ ޚަބަރެއް ނުވި އެވެ. އިރުކޮޅަކު މަޑުކޮށްލުމަށް ފަހު މާހިން އާއި ދާއިން އެމީހުންގެ ލަގެޖު ނަގައިގެން ރިސެޕްޝަނާއި ދިމާއަށް ހިނގައި ގަތެވެ. އެއީ ތަނަވަސް ބޮޑު ހޮޓެލެކެވެ. އިމާރާތަކީ ދުވަސްވީ އިމާރާތެކެވެ. ޒަމާނީ ކުލަވަރެއް ނެތެވެ. އާންމުކޮށް ދާއިންމެން ގޮސް ތިބޭ ހޮޓެލް ތަކާއި ފެންވަރުގެ ގޮތުންވެސް ހާސްބައި ތަފާތެވެ. 

ރިސެޕްޝަންގައި މީހަކު ވެސް ނެތެވެ. ހީވަނީ ފަޅު ތަނެއް ހެންނެވެ. ދެކޮޅަށް ބަލާ ހޯދާލުމުން ފެނުނީ އެތެރޭގައި ހުރި ބެންޗެއްގައި މީހަކު ނިދާފައި އޮތް ތަނެވެ. މާހިން ބޯހޫރާލި އެވެ. އެއާއިއެކު ކުއްލިއަކަށް މާހިން ކޮށި އަރައިފި އެވެ. ނިދާފައި އޮތް މީހާ ފުންމައިގެން ތެދުވެ ކޮޅަށް ޖެހުނީ އެއަޑަށެވެ. 

ދާއިން އެދުނީ ފަސް ވަނަ ބުރީގެ ކޮޓަރިއެއް ދިނުމަށެވެ. ފަސް ވަނަ ބުރިއަކީ ޑިލަކްސް ރޫމް ތަކެވެ. މުޅި އެ ބުރީގައިވެސް ހުރީ ފަސް ރޫމެވެ. އެމީހުނަނަށް ރޫމް ނަންބަރ 533 ހަމަ ޖެހުނެވެ. ކޮޓަރިއަށް ވަނުމަށްފަހު އެނދުގައި އިށީނުމުގެ ކުރީންވެސް ވިސްނާލަން ޖެހުނެވެ. ބޮޑު އެނދުގައި އަޅާފައިވާ ކުއިލްޓްވެސް އެހާ ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް އެތަނުގައި މަޑުކޮށްލަން މާހިންވެސް ބޭނުން ވީ ސަބަބެއް ނެތިއެއް ނޫނެވެ. 

މާހިން އެނދުގައި އިށީނުމަށް ފަހު ސައިޑް ޓޭބަލް މަތީގައި އޮތް އެހޮޓެލްގެ ޗާރޓް ނެގި އެވެ. ޗާރޓް ރަނގަޅަށް ހުޅުވާލާ އެނދު މަތީގައި ބާއްވާލުމުން ދާއިންވެސް އައިސް އެއާއި ދިމާއަށް ގުދުވި އެވެ. ދެމީހުން ބަހެއް ނުބުނެ ތިބެ ހޯދީ ޔޫހާ ހުރި ކޮޓަރި ކަމަށް ލަފާ ކުރެވުނު ކޮޓަރި އެވެ. ދާއިން ވިސްނުންތެރި ކަމާއި އެކު އޭނާގެ ޝަހާދަތް އިނގިލި ޗާރޓުގެ އެކި ދިމަދިމާ ގައި ޖައްސަމުން ގޮސް ވަކި ހިސާބަކަށް ހުއްޓާލި އެވެ. 

" ފައިވް ތްރީ ސިކްސް! ދިސް އިސް ދަ ރޫމް !"
ދާއިން ބުނެލި އެވެ. 
މާހިންއާއި ދާއިން ކޮޓަރީން ނުކުމެއްޖެ އެވެ. ބޭރުން އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. ބޮޑު ކޮރިޑޯގެ ތެރޭގައި ހިނގާފައި ގޮސް ރޫމް ނަންބަރ ފައިވް ތްރީ ސިކްސްގެ ދޮރު މައްޗަށް ހުއްޓުނު އިރު ދެމީހުންވެސް ތިބީ ފުދޭ ވަރަކަށް ހާސްވެފަ އެވެ. ފުން ނޭވާއެއް ލުމަށް ފަހު ދާއިން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ އެ ކުރެވެނީ ރަނގަޅު ކަމެއްބާއޭ ހިތަށް އަރާ ހާލު ގައެވެ. ދެފަހަރަކު ޖަހާލުމުން ވެސް ޚަބަރެއް ނުވި އެވެ. މާގިނައިން ތަޅާ ކަށް ވެސް ނުކެރުނެވެ. އެ ކޮޓަރީގައި މީހަކު ނެތަސް އެހެން ރޫމް ތަކުގައި ތިބި މީހުން ނުކުންނަން ފަށާފާނެ އެވެ. ދެން ދާއިންއާއި މާހިން އަނެއްކާވެސް ދިއައީ ރިސެޕްޝަން އަށެވެ. އެމީހުން ބޭނުންވީ އިތުރު ރޫމެއް ނަގާށެވެ. ރޫމް ނަންބަރު ފައިވް ތްރީ ސިކްސްއަށް ރިކުއެސްޓު ކުރުމުން އެމީހާ ބުނީ އެތަން ހުރީ ހަމަސް ދުވަހަށް ކުއްޔަށް ހިފާފައި ކަމަށެވެ. އެހާ ހިސާބުން ދާއިންމެންގެ ޝައްކު ޔަގީނަށް ބަދަލު ވެއްޖެ އެވެ. އެ ކޮޓަރިއަކީ ކޮންމެވެސް މީހަކު އަމިއްލަ ބޭނުން ތަކެއް ފުއްދަން ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައި ހުންނަ ތަނެކެވެ. ރަނގަޅަށް ވިއްޔާ އެއީ އެބުނާ އިންޑިއާ މީހާ އަންހެން ކުދީން ގެނެސް ބައިތިއްބާ ކޮޓަރި އެވެ. އެހެން ނަމަވެސް މިވަގުތު އެ ކޮޓަރީގައި މީހަކު އުޅޭހެނެއް ހިޔެއް ނުވެ އެވެ. ނޫނީ އެ ކޮޓަރީގައި އުޅޭ މީހަކު ވަނީ ދޮރު ހުޅުވާލެވޭ ފަދަ ހާލަތެއް ގައެއް ނޫނެވެ. އެހެން ހިތަށް އެރުމާއި އެކު ދާއިންގެ ހިތަށް އުނދަގޫތަކެއް އިޙުސާސް ވެގެން ދިޔަ އެވެ.

" ރޫމް ނަންބަރ ފައިވް ތްރީ ފައިވް!"
އޭނާ އަވަސް އަވަހަށް ބުންޏެވެ. އެއީ އެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި އެވެ. ފައިވް ތްރީ ފައިވް ގައި އުޅޭ މީހަކު ސަމާލުކަން ދީފި ނަމަ ޖެހިގެން ހުރި ކޮޓަރީގައި ހިނގާ ކަންތައް ރަނގަޅަށް އިނގޭނެ އެވެ. 

ކޮޓަރި ލިބުމުން ދާއިން އާއި އެކު މާހިންވެސް އެކޮޓަރިއަށް ބަދަލުވީ އެވެ. ދެ ކޮޓަރިއަށް ކުލި ދައްކާފައި ހުރި ނަމަވެސް އެމީހުން އުޅެނީ ކޮން ވަގުތަކު ކޮން ކޮޓަރިއެއްގައި ކަމެއް ތަނުގެ މީހުން ބަލާކަށް ނުޖެހެ އެވެ. 

ފައިވް ތްރީ ފައިވް އަށް ވަނުމަށް ފަހު މާހިން ވިސްނުންތެރި ކަމާއި އެކު ކޮޓަރި ތެރެއަށް ރަނގަޅަށް ބަލާލި އެވެ. ދެން އޭނާ ކޮޓަރީން ބެލްކަނީއަށް ނުކުމެވޭ ގޮތަށް ހުރި ދޮރު ހުޅުވާ ބަލާލި އެވެ. ކުޑަ ހިތްވަރެއް ކޮށްލައިފިއްޔާ އެ ކޮޓަރީގެ ބެލްކަނީއާއި ތިން ފޫޓު ދުރުގައި ހުރި އަނެއް ކޮޓަރީގެ ބެލްކަނީއަށް ދެވިދާނެ އެވެ. ފައިވް ތްރީ ސިކްސްގެ ބޭރަށް ހުރި ކުޑަދޮރުތައް ހުރީ ހުޅުވާފަ އެވެ. ބެލްކަނީއަށް އެރިއްޖެއްޔާ ކޮޓަރީގެ ތެރެއަށް ވަދެވިދާނެ އެވެ. އެހެން ނަމަވެސް އެއީ ފަސް ވަނަ ބުރި އެވެ.

" ނޯ، ދެޓްސް ޓޫ ޑޭންޖަރަސް!"
ދާއިން ބޯ ހޫރާލި އެވެ. 
ރޭގަނޑުގެ ތިންބައި ކުޅަ ދެބައި ހޭދަވަންދެން އެދެބޭން ބެލްކަނީގައި ތިބި އިރުވެސް ޖެހިގެން ހުރި ކޮޓަރީގެ ތެރޭން ހިލަމެއް ނުވެ އެވެ.

ޔޫހާއަށް އޮތީ ނިދިފައި ކަމެއް ނުވަތަ ހޭނެތި ފައި ކަމެއް ނޭގެ އެވެ. އޭނާއަށް ލޯ ހުޅުވާލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ލޯހުޅުވާ ބަލައިލުމާއި އެކު އޭނާ ތެދުވަން މަސައްކަތް ކުރި އެވެ. އޭނާއަށް ހިރިލެވޭ ގޮތެއް ނުވި އެވެ. ގައިގެ އެތަން މިތަނުގައި ރިއްސަނީ މާ ބޮޑަށެވެ. ހީވަނީ ހަށިގަނޑުގެ ހުރިހާ ކަށިތަކެއް މުގުރައިގެން ގޮސްފައި ވާހެނެވެ. ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ރޭގައި ޝަމްސް އޭނާއަށް އަނިޔާ ކޮށްލީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. އެވަރުގެ އަނިޔާއެއް ކުރަން ޖެހުނު ސަބަބެއް އަދިވެސް އޭނާ އަކަށް ނޭގެ އެވެ. ފިނި ތަޅުން ގަނޑުގެ މައްޗަށް ވެއްޓިފައި އެހެން ގިނައިރު ތަކަކު އޮތުމުގެ ސަބަބުން ގައިގެ ރިއްސުން ވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ. ހިތުގައި ރިހެމުން ދިއައީ އޮބި ނޯންނަ ވަރަށެވެ. މަންމަގެ ހާލު ދެކިލާ ހިތުން ކެތް ނުވެ އެވެ. ކޮއްކޮ އާއި ދޭތެރޭގައި ވިސްނާލެވޭ ކޮންމެ ފަހަރަކު މޭން ދިލަ ނަގައި ގަނެ އެވެ. ޝަރީފްބޭ ކޮއްކޮއަށް ހަދާނީ ކިހިނެތް ބާއޭ އެހާލުގައި އޮވެވެސް ހިތަށް އަރަ އެވެ. މީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތައް މަސަތްކަތް ހުއްޓާލިއަސް އަދިވެސް އޭނާގެ ހިތް ބަރާބަރަށް އެބަ މަސަތްކަތް ކުރެ އެވެ. އެހެނަސް ކިތަންމެ އަސަރު ކުރިއަސް މިހާރަކު ނުވެސް ރޮވެ އެވެ. ލޮލުން ކަރުނަ އޮހޮރާލަން ބޭނުންވި ނަމަވެސް އެކަމެއްވެސް ނުވި އެވެ. 

ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ހިތުގެ ބިރުވެރިކަން އިތުރު ވެގެން ދިޔަ ނަމަވެސް އެނބުރިލާހާ ހިތްވަރެއް ވެސް ނެތެވެ. ލޯ މަރައިގެން އޮތް ނަމަވެސް އެ ފިޔަވަޅު ތަކުގެ އަޑު މިހާރު ޔޫހާއަށް ވަނީ ދަސްވެފަ އެވެ. އެމީހާ ހިނގާފައި އައިސް ޔޫހާގެ ކައިރިއަށް ހުއްޓިފައި ބަހެއް ބުނުމުގެ ކުރީން ޔޫހާގެ ފޫކޮޅުގައި އޭނާގެ ބަރު ބޫޓުން ދެ ގުއްޓު އަޅުވާލި އެވެ. އެއީ ޝަމްސް މާ ކުރާހިތްވާ ކަމެކެވެ. ޔޫހާގެ އަނގައިން އަޑެއް ބޭރު ކޮށްލެވުނެވެ. މަސްގަނޑުގެ ބޮޑުބައި އައްސިވެފައި ވާ ނަމަވެސް އަދިވެސް ތަދު އިޙުސާސް ނުވާ ވަރެއް ނުވެ އެވެ. ޝަމްސް ޔޫހާގެ ކައިރިއަށް ގުދުވުމަށް ފަހު ޔޫހާގެ ލަފުގައި ހިފާ ޔޫހާގެ ވަރުދެރަވެފައިވާ ހަށިގަނޑު ފާރުގައި ލައްގާލީ ޅަބުޅާ ގަނޑެއް ފަދައިން ނެވެ. ދެން ޝަމްސް ޔޫހާގެ މޫނާ އޭނާގެ މޫނު ގާތް ކޮށްލި އެވެ. އޭރުވެސް ޔޫހާ އިނީ ލޯ މެރިފަ އެވެ. 

" މިތާ އިންޑިއާ މީހާ... ކާން ދޭން އަންނަ ގަޑީ ކަލޭ އޭނައާ ލޯބި ކުރީމަ އޭނަ ކަލޭ ބުނާ ހުރިހާ ކަމެއް ކޮށްދެނީދޯ!" 
ޝަމްސް އެ ބުނި އެއްޗަކާއި ދޭތެރޭގައި ޔޫހާއަށް ވިސްނާލެވުނެވެ. އެބުނީ އޭނާއަށް ކާންދޭން އައި މީހާގެ ވާހަކަ އެވެ. އެއީ ކޮންމެވެސް ވަރަކަށް އިންސާނިއްޔަތު ކަން ހުރި މީހެކެވެ. އެމީހާއޭ ކިޔައިގެން އެކިޔަނީ ކީކޭ ހެއްޔެވެ!

" އޭނަ ކަލޭ ލޯބި ކުރީދޯ! ކަލޭ ބުނީމަ އޭނަ ޕޮލިސް ފޯނު ކުރަނީ! އަހަރެން އިނގެނީ ހުރިހާ އެއްޗެއް.....! ޕޮލިސް ކަލޭ ނުގެން ދަނީ..... ކަލޭ ދެވެނީ ނެތީ... އަހަރެން އަވަސް ކަލޭ މަރާލަނީ!". 
އެހެން ބުނަމުން ޔޫހާގެ ދަތްދޮޅީގައި ތޫނު އެއްޗެއް ޖައްސާލުމުން ޔޫހާއަށް ލޯހުޅުވާލަން މަޖުބޫރު ވި އެވެ. 

އެވަގުތު ޔޫހާގެ ދަތްދޮޅީގައި ޖައްސާފައިވާ " ބެނެޓް " ފެނުމުން ޔޫހާގެ ވަރު ނެތިފައިވާ ހަށިގަނޑުގައި ކުއްލި އަކަށް ވަރު ޖެހިގެން ދިއަ ކަހަލަ އެވެ. ޔޫހާ އެ މިޔަ ތޫނު ވަޅީގައި ހިފެހެއްޓި އެވެ.

" ޕްލީސް.....!"
ޔޫހާއަށް ބާރަށް އެއްޗެއް ބުނަން ވެސް ނުކެރުނެވެ. ދަތްދޮޅި ތަޅުވާލައިފިއްޔާ އެ މިޔަ ތޫނު ވަޅި ޔޫހާގެ ދަތްދޮޅިއާ ދިމާއިން ކަރުގެ ތެރެއަށް ވަދެގެން ދާނެކަން ކަށަވަރެވެ.

ރަނގަޅަށް އިރު ނާރަނިސް މާހިން ތެދުވެ ފެންވަރާލި އެވެ. އޭނާއަށް ވެސް ރޭގައި އެންމެ ހިނދު ކޮޅަކު ވެސް ނުނިދެ އެވެ. ޔޫހާގެ ކުރީގެ ދިރިއުޅުމާއި ބެހޭ ގޮތުން ރޭގައި ބޭބެ އެކިޔާދިން ވާހަކަ އަކުން މާހިން މާބޮޑަށް ހިތްދަތި ވީއެވެ. ޔޫހާގެ ބައްޕައަށް ދިމާވި ގޮތަކީވެސް އެހާ ދެރަ ގޮތެކެވެ. މާހިންގެ ހިތް ޔޫހާއަށް ޓަކައި ހަމްދަރްދީއިން ފުރުނެވެ. ޔޫހާއާއި އޭނާގެ ކޮއްކޮއަށް ދިމާވެގެން މިހާރު އެއުޅޭ ނިކަމެތި ހާލުން އެކުދީން ސަލާމަތް ކޮށްނުދެވެނިސް މާހިން އަކަށް ވެސް ހަމަ ޖެހުމެއް ނުލިބޭނެ އެވެ. ދޮރު ދަށުން އެތެރެއަށް ކޮށްޕާލާފައިވާ ދުވަހުގެ ނޫސް ހިފައިގެން މާހިން ލަކުޑި ގޮނޑީގައި އިށީންދެލި އެވެ. ކިޔާލަން ހިތަށް އެރިއަސް އެއީ ކިޔޭ ކަހަލަ އެއްޗެއް ނޫނެވެ. އިގިރޭސި ބަހުން ލިޔެފަވާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ވީ ފޫއްސަކުން ކައިރީގައި ހުރި ތިރި މޭޒު މައްޗަށް ނޫސް އެއްލުމަށް ފަހު ނުކުތީ ބެލްކަނީ އަށެވެ. ބެލްކަނީގައި އިރުކޮޅެއް ވީތަނާ ޖެހިގެން ހުރި ކޮޓަރީގެ ތެރެއިން އޭނާއަށް އަޑެއް އިވޭހެން ހީވި އެވެ. ޝައުގުވެރި ކަމާއިއެކު އެ އަޑަށް ސަމާލުކަން ދީގެން މާހިން އިރުކޮޅަކު ހުއްޓެވެ. ހީވަނީ ކޮންމެވެސް މީހެއްގެ ކުކުރުމުގެ އަޑު އިވޭ ހެންނެވެ. އިރުކޮޅަކަށް ފަހު އެއަޑު މެދު ކެނޑިއްޖެ އެވެ. ދެން އިވުނީ މީހަކު ދުރަށް ހިނގާފައި ދާ އަޑެވެ. އެމީހާ އެދަނީ ކޮޓަރީން ނުކުންނަން ހެން ހީވެ އެވެ. މާހިން ދުވެފައި ގޮސް އޭނާގެ ކޮޓަރީގެ ދޮރުގައި ވާ ޕީޕް ހޯލުން ބޭރު ބަލައިލި އިރު އެމީހާ އެ ކޮޓަރީން ނުކުމެ ދޮރު ބޭރުން ތަޅުލަނީ އެވެ. 

ކޮޓަރީގެ ތެރޭގައި ކޮންމެވެސް މީހަކު އުޅޭކަން މާހިންއަށް ޔަގީން ވެއްޖެ އެވެ. މާހިން ބަލާކަށް ނުހުރެ އެދިޔަ ގޮތަށް ގޮސް އޭނާ ހުރި ކޮޓަރީގެ ހުރިހާ ދޮރުފޮތިތައް ނައްޓަން ފަށައިފި އެވެ. ކޮޓަރިތެރެ މާ ބޮޑަށް އަލިވުމުން ދާއިން އަށް ހޭލެވިއްޖެ އެވެ. އޭރު ކޮއްކޮ ދޮރުފޮތިތައް އެކަތި އަނެކައްޗާއި އެއްކޮށް ބާރަށް ގޮށް ޖަހަނީ އެވެ. 

" ކީއްކުރަން ތި އުޅެނީ!"
ދާއިން އަހާލި އެވެ.
" މިއުޅެނީ މިތާ ބެލްކަނީން އެ ކޮޓަރިއަށް ވަންނަން!"
މާހިން ނުގުޑާފަދަ އަޒުމަކާއި އެކު ބުނެލި އެވެ.
" އެތެރޭގަ އެބަ އުޅޭ މީހަކު، އަހަންނަށް އަޑުއިވުނީ ކޮންމެވެސް އެއްޗެއް ދަމާއަޑު، ކުކުރާ އަޑުވެސް އިވުނު.... އޭނަ އެތެރެއަށް ލާ ތަޅުލާފަ އެމީހާ ނުކުމެގެން އެ ދިއައީ....!"

" ޔޫހާ!"
ދާއިން އަށް ބުނެލެވުނެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއަށް ވަދެފައި އައިސް ކޮއްކޮއަށް އެހީވާން ފެށި އެވެ. ކޮއްކޮ އެ ކުރަން އުޅެނީ ނުރައްކާތެރި ކަމެކެވެ. އެހެން ނަމަވެސް ޔޫހާ އެތަނުން ސަލާމަތް ކުރަންވެސް ކޮންމެހެން ބޭނުމެވެ. އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާއި އެއްކޮށް ބާރަށް ގޮށްޖަހާ ނިމިގެން މާހިން އޭނާގެ އުނަގަނޑުގައި ފޮތިގަނޑުގެ ކޮޅު އޮޅާ ލުމުން ދާއިން ބާރަށް އައްސާލި އެވެ. މާހިންއާއި އެކު ބެލްކަނީއަށް ނުކުތް އިރު ދާއިން ބިރުން ރޫރު އަޅަ އެވެ. އެހެން ނަމަވެސް މާހިން ހުރީ ހަމަ ޖެހިފަ އެވެ. އޭނާ މިވަގުތު ބޭނުންވަނީ ކޮންމެ ފަދަ ހާލެއްގައި ވެސް އެކަން ކުރާށެވެ. އެއް ބެލްކަނީ އިން އަނެއް ބެލްކަނީއާއި ދޭތެރޭގައި ހުރީ ތިން ފޫޓުގެ ދުރު މިނެކެވެ. ގިރާ ކޮށްލެވޭ ވަރަށް ވުރެ ދުރެވެ. މާހިން އެމީހުން ތިބި ކޮޓަރީގެ ބެލްކަނީގެ ރެއިލިންގް އިން ބޭރަށް ގިރާ ކޮށްލުމަށް ފަހު އެރެއިލިންގް ގައި ހިފަހައްޓާލައިގެން ހިނދު ކޮޅަކު މަޑުކޮށްލި އެވެ. މިހާރު އޭނާގެ އަތް ދޫވިއަސް އޭނާ ވެއްޓޭނީ މަގުމައްޗަށެވެ. ދާއިން އަށް ކޮއްކޮގެ އަތުގެ މުލައްދަޑީގައި ހިފަހައްޓާލެވުނެވެ.

" އާ ޔޫ ޝުއަރ ޔޫ ވޯންޓް ޓު ޑޫ ދިސް؟ "
އެތަނުގައި ހުރެފައި އަނެއް ބެލްކަނީގެ ރެއިލިންގް ގައި ހިފަން ފުންމާލާ ވަގުތު ރެއިލިންގް ގައި ނުހިފެއްޓިއްޖެ ނަމަ ކޮއްކޮ އެހާ މަތީން ތިރިއަށް ވެއްޓުން ގާތެވެ. ދާއިން އަށް އެފޮތި ގަނޑު ވާންކޮށް ހިފެހެއްޓޭނެ ކަމުގެ ޔަގީން ކަމެއް ދާއިން އަކަށް ވެސް ނެތެވެ. އެހެން ނޫނަސް ކަމެއް ދިމާ ވެއްޖެ ނަމަ އެ ފޮތިގަނޑަކަށް ވެސް މާ ބޮޑު ކަމެއް ނުކުރެވޭނެ އެވެ. އޭގައި އެހާ ވަރު ހުރެދާނެ ކަމާއި މެދުވެސް ޝައްކެވެ. 

" ޝޫޝް!" 
މާހިން އަނގައިން އަޑެއް ލައްވާ ހިމޭން ވެލުމަށް ބޭބެއަށް އެންގި އެވެ. މިވަގުތު އެކަހަލަ ވާހަކަ ދައްކައިގެން އިތުރަށް ބިރުގެންނެވުމުގެ ބޭނުމެއް ނެތެވެ. 

މާހިން ފުން ނޭވާއެއް އެތެރެއަށް ދަމާލުމަށް ފަހު ހިތާހިތުން ބިސްމި ކިޔާލުމާއި އެކު ޖެހިގެން ހުރި ބެލްކަނީއާއި ދިމާއަށް ފުންމާލި އެވެ. ދާއިންއަށް ލޯ މަރާލެވުނީ ބަލަން ކުޅަދާނަ ނުވެގެން ނެވެ. ހަމަ އެ ސިކުންތުގައި ލޯހުޅުވާލި އިރު ކޮއްކޮ އެ ބެލްކަނީގެ ބޭރުން އެތެރެއަށް އަރަން މަސައްކަތް ކުރަނީ އެވެ. ހިތްވަރުގަދަ، ހުޝިޔާރު ކޮއްކޮ ފެނިފައި ދާއިންގެ ދެލޯ ކަރުނުން ބަރުވި އެވެ. ކޮއްކޮގެ ގައިގައި އައްސާފައިވާ ފޮތިގަނޑުގެ އަނެއް ކޮޅު މެއާލާ ބޮޑިކޮށްލައިގެން ކޮއްކޮއާއި ދިމާއަށް ބަލަން އޭނާ ހުރީ ތެޅިތެޅި އޮތް ހިތަކާއި އެކު އެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ކޮއްކޮ އެކަން ކާމިޔާބު ކޮށްފި އެވެ. މާހިން އެ ބެލްކަނީއަށް އެރުމަށް ފަހު އޭނާގެ އުނަގަނޑުގައި އައްސާފައިވާ ފޮތިގަނޑު ދޫކޮށްލުމަށް ބޭބެއަށް އިޝާރާތް ކުރި އެވެ. ދެން އޭނާ އެފޮތިގަނޑުގެ ބާކީބައި އޭނާގެ އުނަގަނޑުގައި އުނދަގޫ ނުވާ ގޮތަށް އޮޅާލި އެވެ. ފަހަރެއްގައިވެސް ފަހުން އެ ފޮތިގަނޑު ބޭނުން ވެދާނެ ކަމަށެވެ. 

މާހިން އެރޫމްގެ އެތެރެއަށް ވަނުމުގެ ކުރީން އެރޫމްގެ ކުޑަދޮރުން ބޭރަށް ވާ ގޮތަށް އައްސާފައިވާ ސްކާރފް ނެގި އެވެ. ބޭބެ ބަލަހައްޓައިގެން ހުރި ގޮތުން އޭނާ އެ ސްކާރފްގައި އަތް ޖައްސާލާ ހިތުން ހުރިކަން އެނގުނެވެ. މާހިން އެ ސްކާރފް ބޭބެއަށް ދިއްކޮށްލުމުން ދާއިން ގުދުވެ އޭގައި ހިފި އެވެ. އެއީ އެ ސްކާރފެވެ. އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ބައްޕަގެ އޮފީހުން ޔޫހާ ފުރަތަމަ ފެނުނު ދުވަހު އޭނާގެ ބޮލުގެ ހުޅީގައި އައްސާފައިވާ ސްކާރފެވެ. ދާއިން އެ ސްކާރފް އޭނާގެ ނޭފަތުގައި ޖައްސާލަމުން ލޯ މަރާލި އެވެ. އަދިވެސް އެ ސްކާރފްގައި ވަނީ ޔޫހާގެ ލުއިލުއި މީރު ވަހެވެ. އެވަގުތު އޭނާއަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އިރާދަފުޅުކުރެއްވިއްޔާ ދެން ހަމަ މަދު މިނެޓް ކޮޅެއްގެ ތެރޭގައި އޭނާއަށް ޔޫހާއާއި ބައްދަލު ވެދާނެ އެވެ. 

މާހިން ހުޅުވާފައިވާ ކުޑަ ދޮރުން އެތެރެއަށް އަތް ބޭނުމަށް ފަހު ބެލްކަނީއިން އެތެރެއަށް ވަދެވެން ހުރި ބޮޑު ދޮރުގެ ތަންޑު ނައްޓާލި އެވެ. ދެން އޭނާ އެތެރެއަށް ވަނުމުގެ ކުރީން ބޭބެއާއި ދިމާއަށް ބަލާލި އެވެ. ލޯތްބާއި އެކުގަ އެވެ. ކުޑަ ވަގުތު ކޮޅަކަށް ބޭބެއާއި ވަކިވާން ޖެހުނު ނަމަވެސް އޭނާގެ ހިތުގައި އާދަޔާއި ޚިލާފް ބިރުވެރި ކަމެއް ބޮޑުވެގެން ދިޔައީ ކީއްވެ ކަމެއް ނޭގެ އެވެ. ދާއިން އަށްވެސް ވީ އެފަދަ ގޮތެކެވެ. ބޮޑު ނުރައްކަލެއްގެ ތެރެއަށް ކޮއްކޮ ވައްޓާލެވެން އުޅޭ ފަދަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ. ކޮއްކޮ އެތެރެއަށް ވަދެ އެ ދޮރު ލައްޕާލި ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއަށް ދިލަ ހޫނެއް އަރައިގެން ދިއަ އެވެ. 

ބޮޑު ކޮޓަރީގެ އެއްވެސް ހިސާބަކުން މީހެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. މާހިން އެ ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލި އެވެ. އެއީ މާހިންމެން ތިބޭ ކޮޓަރިއަށް ވުރެވެސް ތިން ގުނަ ބޮޑު ކޮޓަރި އެކެވެ. މާސްޓަރ ބެޑްގެ ގޮދަޑިވެސް ހުރީ ކޮޅަށް ޖަހައި ފާރުގައި ލައްގާފަ އެވެ. ކޮޓަރީގެ އެއްފަރާތުގައި ޑައިނިންގް ޓޭބަލް އެއް ހުރިއިރު ބޮޑު ޑީޕް ފްރީޒަރ އެއް ވެސް ހުއްޓެވެ. ކޮޓަރި ތެރޭގައި ނޭފަތަށް އުނދަގޫވާ ޒާތުގެ ތޫނު ވަހެއް ހިފާލާފައި ވެއެވެ. ފާހަގަ ކޮށްލެވޭ އިތުރު އެއްވެސް ކަމެއް ނެތެވެ. ފާޚާނާ ވެސް މީން ދުވަހަކު މީހަކު ބޭނުން ކޮށްފައި ވާހެނެއް ހިއެއް ނުވެ އެވެ. މާހިން ކޮޓަރީގެ އެތަން މިތަން ރަނގަޅަށް ބަލަމުން ދިއަ އެވެ. އެއްކޮޅުން އަނެއް ކޮޅަށް ހުރި ބޮޑު ވަރޑްރޯބް ގައި ގިނަ އަދަދެއްގެ ތުވާއްޔާއި ކުއިލްޓްގެ އިތުރުން ބަރިބަރިއަށް ބާލީސް ބަހައްޓާފައި ހުއްޓެވެ. މާހިން އެތަންވެސް ރަނގަޅަށް ބަލަން ބޭނުން ވިއެވެ. އެ ކަބަޑުގެ ތެރޭގައިވެސް އިންސާނަކު ފޮރުވާލެވޭހާ ޖާގަ އެބައޮތެވެ. އަލަމާރީގައި ހުރި ބާލީސްތައް ނަގާ ބިންމައްޗަށް އަޅައި، މުޅި އަލަމާރި ވެސް ރަނގަޅަށް ބަލައި ފިއެވެ. އެއްވެސް އާދަޔާ ޚިލާފް ކަމެއް ނެތެވެ. އަލުން ހުރިހާއެއްޗެއް އަލަމާރިއަށް އަޅާލެވުނު އިރު ވަރުބަލި ވެއްޖެ އެވެ. އެނބުރި ބަލާލެވުނީ ފެންފޮދެއް ލިބޭތޯ އެވެ. 

ޑީޕް ފްރީޒަރ އާއި ދިމާއަށް ހިނގައި ގަނެވުނެވެ. ވަރަށް ފިނި ފެންފޮދެއް ބޯލެވިއްޖެ ނަމަ މިވަގުތު ސިކުނޑިއަށް ވަރަށް އަރާމް ވާނެ އެވެ. ފްރީޒާރގެ މަތި ހުޅުވާލިއިރު އޭގައި ވަނީ އެކި ވައްތަރުގެ މަހެވެ. ރަނގަޅަށް ހާވާލުމުން ގަނޑުވެފައިވާ ފެންފުޅިއެއް ފެނުނެވެ. ފެން ފުޅި ނަގާފައި ކަނޑާ ލުމަށްފަހު ބާރަށް ތަޅުވާލި އެވެ. ދެން އަނގައަށް ފެންފޮދެއް އަޅާލަން ހިފާލުމާއި އެކު މާހިން މަޑުޖެހިލި އެވެ. އޭނާގެ ސިކުނޑިއަށް ލިބުނު ސިގްނަލަކުންނެވެ. މަޑުމަޑުން ފެންފުޅި ތިރި ކޮށްލިއިރު އޭނާގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. ހިތަށް ވަން އެއްޗަކާއި ގުޅިގެން އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުން ނެވެ. އަވަސް އަވަހަށް އޭނާ ފްރީޒަރ އާއި ގާތަށް ޖެހިލުމަށް ފަހު ދެ އަތުން ހާވައި ގަތެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެފުޅި ތަކުގެ އަޑީގައި ކޮންމެވެސް އެއްޗެއް އަޅާ ބަނދެފައި އޮތް ކަޅު ކޮތަޅެއް އެބަ އޮތެވެ. އެ ކޮތަޅުގެ މައްޗަށް އެހުރިހާ ސާމާނު އަޅާފައި އެވަނީ އެކޮތަޅު ރަނގަޅަށް ފޮރުވުމަށް ޓަކަ އެވެ. ހިތުގައި އުފެދުނު ނުބައި ވަހުމެއް ސަބަބުން ހަށިގަނޑުގެ ބާރު ދޫވާން އުޅޭ ފަދަ އިޙުސާސެއް ކުރެވުނެވެ. އެހެން ނަމަވެސް މާހިން ހިތްވަރު ކޮށްލާފައި އޭގައި ހުރި ފުޅިތަކާއި ދަޅުތައް ދުރަށް ޖައްސާލަމުން ކަޅު ކޮތަޅުން އަތުޖެހުނު ތަންކޮޅުގައި ހިފެހެއްޓި އެވެ.

ދެން އޭނާ އެ ކޮތަޅު ފަޅާލަން މަސައްކަތް ކުރި އެވެ. އެއީ އާދައިގެ ރަބަރު ކޮތަޅެއް ނޫނެވެ. އެއަށް ވުރެ ބޯ ވަރުގަދަ ކޮތަޅެކެވެ. ކުރެވެމުންދިއަ އިޙުސާސެއްގެ ސަބަބުން އަތުގައިވެސް މާ ބާރެއް ނެތެވެ. އެހެން ނަމަވެސް އޭނާ ފަސް ޖެހޭކަށް ބޭނުމެއް ނޫނެވެ. ފްރީޒަރުގެ ތެރެއަށް ދެއަތް ކޮއްޕާލުމަށް ފަހު އެ ކޮތަޅުގައި ދެއަތުން ހިފާ ދެފަރާތަށް ބާރަށް ދަމާލުމުން ކޮތަޅު ފަޅައިގެން ދިއަ ވަގުތު ކޮތަޅުގެ ތެރެއިން ފުންމައިގެން، ބޭރުވެގެން ދިއައީ ހަރުވެ ދަނޑި އަރާފައިވާ އިންސާނެއްގެ އަތްތިލަ އެވެ. 

ކޮމެންޓް 0