ލޫނާ ހަމަ އަނގައިންވެސް ނުބުނެ ހިމޭނުން ހުއްޓެވެ. މިވަގުތު އޭނާ އެއްޗެއް ބުނަން ބޭނުން ވިއަސް ނުބުނެވޭނެއެވެ.
" ކަލޭ ވަރަށް ބާރު ގަދައޭ.... ކަލޭ ނިމިގެން ދާއިރު ވެސް ނާމިގެ ބޮލަށް އެރިލައިގެން އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ނަމަށް ބަދަލު ކޮށްލަން ވިއްޔަ ތި އެންގީ. "
ލޫނާ ޙައިރާންވެ ދެލޯ ބޮޑުވެފައި ހުއްޓެވެ. މޯނާ އެބުނީ އޭނާއަށް ނޭގޭ ވާހަކަ އެކެވެ.
" ޝައުކަތަކީ މޮޔައެއް.... ނާމީ ބުނި ކޮންމެ ކަމެއް އޭނަ ކުރާނެ.... އޭނައަކަށް ނުވިސްނޭނެ ނާމީއާއެކީ ކަލޭވެސް ދާން ޖެހޭނެ ކަމެއް!"
ލޫނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން އިސް ޖަހާލި އެވެ. ނާމީއާއި ދޭތެރޭގައި އެހާ ރަޙުމް ކުޑަ ވާހަކަ ތަކެއް އަޑު އިވުމުން އޭނާގެ ހިތަށް ވަރަށް ތަދުވި އެވެ. އެތަނުގައި ގިނައިރު ވާން ވެއްޖެ ނަމަ އޭނާ ފަޅައިގެން ހިނގައި ދާނެއެވެ. އެހެން ކަމުން އިތުރަށް މަޑުނުކޮށް އަވަސް ކޮށްލާފައި އޭނާ އެތަނުން ނުކުތެވެ.
އެޕާރޓްމަންޓަށް ވަދެފައި ލޫނާ ވިސްނަން ފެށިއެވެ. މޯނާ އެހާ ރުޅިއައިސްގެން އެއުޅޭ ސަބަބު ވިސްނިއްޖެ އެވެ. ނާމީ އެވަނީ އޭނާގެ ބައްޕައަށް އެވާހަކަ ކިޔައިދީފަ އެވެ. އަދި ނާމީ އެއުޅެނީ ނާމީގެ ހުރިހާ އެއްޗެއް ލޫނާއަށް ބަދަލު ކުރަން އަންގައިގެން ކަން ކަށަވަރެވެ. ނާމީ މިދުނިޔެ އާއި ވަކިވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމަނީ އެވެ. އެހެން ނަމަވެސް ނާމީ އެ ގޮތަށް އަމަލު ކުރާކަށް ލޫނާ ބޭނުމެއް ނޫނެވެ. ނާމީ ވެސް އަދި ލޫނާވެސް މިދުނިޔޭން ވަކިވެގެން ދާކަށް އަދި ނުޖެހޭނެ އެވެ. އެއީ ލޫނާ ޤަބޫލު ކުރި ގޮތެވެ. ލޫނާ ވިސްނި އެވެ. ނާމީއަށް ވިސްނަދޭނެ ގޮތެއް އޭނާ އަކަށް ނޭގެ އެވެ. ހުރިހާ ކަމެއް ނާމީ އެކުރަނީ ވަރަށް އަވަސް އަރުވާލާފަ އެވެ. ނާމީ އަކީ މަދު ދުވަސް ކޮޅެއްގެ މެހުމާނެއްކަމަށް ނާމީ އެދެކޭ ދެކުން ބަދަލު ކުރާނީ ކިހިނެއް ހެއްޔެވެ!
މިމީގެ ވާހަކަ އަޑުއަހަން އަމަން އިނެވެ. މިމީ ބޭނުން ވާ ގޮތަށް އެކަން ނިންމަން އަމަން ގަސްދު ކުރި އެވެ. މިމީ ބޭނުން ވަނީ އަވަހަށް ކައިވެނި ކުރާށެވެ. މިމީގެ ބައްޕައާއި އަމަންގެ އާއިލާ އެދޭ ގޮތަށެވެ. އެހެން ނަމަވެސް އެއީ ރަމްޒީ އެއްޗެކެވެ. ކައިވެނި ކުރިނަމަވެސް މިމީއަކީ އަމަންގެ މީހަކަށް ނުވާނެ އެވެ.
" ވިހާފަ އަނެއްކާ ކައިވެނި ކުރާނީ.... ބައްޕަމެންނަށް ނާންގާނީ...!"
މިމީ ބުންޏެވެ. ކައިވެނި ކުރަން މިމީ ބޭނުންވާ ސަބަބުވެސް އަމަންއަށް އިނގެ އެވެ. އެހެން ނަމަވެސް އެފުރުސަތު ނަގާލާކަށް އަމަން ބޭނުމެއް ނުވި އެވެ. ކައިވެނީގެ ބަހަނާގެ އެހީގައި ގިނަ ވަގުތު އެކީގައި އުޅެން ފެށުމުން މިމީގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދުމަކީ ވެދާނެ ކަމެކެވެ.
މިމީއާއި އަމަން ކައިވެނި ކުރަން އެއްބަސް ވުމުން އެކަމާ އެންމެ އުފާވީ ތައުފީޤެވެ. އެމީހުންގެ ދިރިއުޅުމުގެ އަނދިރި ދުވަސްތަކަށް ނިމުމެއް އަތުވެއްޖެހެން އޭނާއަށް ހީވި އެވެ. އަމަންގެ ބައްޕަ ބޭނުންވީ ވީހާވެސް ކުލަ ގަދަކޮށް ކައިވެނީގެ ކަންތައް ގެންދާށެވެ. އެހެން ނަމަވެސް އަމަން އާއި މިމީ ބޭނުންވީ ކުޑަ ގޮތެއް ހަދާފައި ނިންމާލާށެވެ. އެ ކައިވެނީގެ ވާހަކަ ގިނަ ބަޔަކަށް އިނގޭކަށް އެމީހުން ބޭނުމެއް ނުވި އެވެ.
މިމީ އެދުނު ފަދައިން ޖެހިގެން އައި ދުވަހު މިމީއާއި އަމަންގެ ކައިވެނި ކުރެވިއްޖެ އެވެ. ކައިވެންޏަށް ފަހު މިމީ ދިރިއުޅެމުން އަންނަ އެޕާރޓްމެންޓަށް އަމަން ބަދަލު ވިއެވެ. އަމަން އާއި މިމީ އެއްބަސް ވެފައި ވަނީ ދެމީހުން ދެ ކޮޓަރީގައި ދިރި އުޅުމަށެވެ.
" އަހަރުމެންނަކީ ހަމަ އެކަނި ދެ އެކުވެރީން ދޯ އަމަން!"
މިމީ އާދައިގެ ގޮތަކަށް އެހެން ބުންޏަސް އަމަންގެ ހިތުގައި ޖެހުނެވެ. އެގުޅުން ތާ އަބަދަށް އެހެން އޮވެދާނެތީ އޭނާ ކަންބޮޑު ވެއެވެ. އޭނާ މިމީއާއި ކައިވެނި ކުރީ އަލަށެވެ. ލޯބީގެ ގުޅުމަކަށް އޭނާވެސް އިންތިޒާރު ކުރެއެވެ.
މާހިން ގޮވައިގެން ދާއިން ދުބާއީއަށް އެރީ އެދަތުރުގެ އަސްލު މަޤްސަދު މާހިންއަށް ކިޔައި ނުދީ އެވެ. ކޮއްކޮއަށް ދެވޭ އުއްމީދަކީ ހަޤީޤަތަކަށް ނުވެދާނެތީ އެވެ. ދާއިންއަށް ހޯދުނު މައުލޫމާތުން އެނގެނީ ރޮކްސް ކިޔާ ކުންފުންޏެއްގައި ތައުފީޤް މަސައްކަތް ކުރާ ކަމެވެ. މިމީއާއި ބެހޭ މާ ބޮޑު މައުލޫމާތެއް ނުލިބުނު ނަމަވެސް ތައުފީޤް ހުރި ތަނެއްގައި މިމީ ހުންނާނެކަން އޭނާއަށް ޔަޤީން ވިއެވެ. ކޮއްކޮ ގޮވައިގެން ދުބާއީއަށް އައުމަށް ދާއިން ނިންމީ ދާއިންގެ ކުރިމަތީގައި މިމީ ހަޤީޤަތް ހާމަ ކުރަން އިންކާރު ކޮށްފާނެތީ އެވެ.
ފިނިފިނި ރޭގަނޑުގެ އަރާމު ނިދިން އެންމެން ނިދާފައި ވީ ނަމަވެސް މިމީ ގެ ލޮލަކަށް ނިންޖެއް ނާދެ އެވެ. އޭނާއަށް މިރޭ ބުނަން ނޭގޭ ކަހަލަ އިތުރު އުނދަގޫ ތަކެއް ވަނީ އެވެ. ކޮންމެވެސް ކަމަކާއި މާ ބޮޑަށް ފިކުރު ބޮޑުވަނީ އެވެ. ރޭގައި އަމަންއާއި ކައިވެނި ކުރި ފަހުން ވެގެން އުޅޭ ގޮތެކެވެ. އަމަންއާއި ކައިވެނި ކުރުމަކުން އޭނާއަކަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އޭނާއަށްޓަކައި އަމަން ވަމުންދާ ޤުރުބާނީއާއި ދޭތެރޭގައި ވިސްނެނީ އެވެ.
ކައިވެންޏަށް ފަހު މިވީ މަދު ގަޑިއިރު ތަކުގެ ތެރޭގައި އަމަންއާއި ދޭތެރޭގައި ވިސްނޭ ވަގުތު ވަނީ ގިނަވެފަ އެވެ. ކައިވެންޏަށް ފަހު އަމަންގެ ދެ ލޮލުން ހިތާމަ ފެންނަމުން ދާކަން ޔަޤީންނެވެ. އޭގެ ސަބަބުވެސް މިމީއަށް އިނގެއެވެ. މައިން ބަފައިންނަށް އޮޅުވާލައިގެން އޭނާ އެވާ ޤުރުބާނީ އަކީ އޭގެ ބަދަލު އޭނާއަށް ލިބޭނެ އެއްޗެއް ބާއޭ އޭނާގެ ހިތަށް އަރަނީ އެވެ. އެ ޤުރުބާނީގެ އަގު މިމީއަށް ދުވަހަކުވެސް އަދާ ކުރެވިދާނެބާއޭ މިމީ ވެސް ހިތަށް އަރަ އެވެ.
ހޮޓެލްގެ ރެސްޓޯރެންޓް ގައި ހެދުނުގެ ސަޔަށް އިންސާފް ކުރަމުން ދިއައިރު ދާއިން ކޮއްކޮގެ މޫނަށް ފަރުވާތެރި ކަމާއި އެކު ބަލަމުން ދިއައެވެ. ކުރީން އަބަދުވެސް އުފާވެރި ހިނިތުން ވުމަކާއި އެކުގައި ފެންނަމުންދާ ކޮއްކޮގެ މޫނުމަތީން އުޖާލާ ކަމެއް ނުފެންނަތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ!
" އަހަރެން ހިތަށް އަރަނީ އަހަރެންމީ ކޮންމެވެސް އެހެން މީހަކަށް ލިބުނު ދަރިއެއް ނަމައޭ....!"
މާހިން ދުރުބަލަން އިނދެ ބުނެލި އެވެ. މާހިންގެ ވާހަކަ ކުއްލިއަކަށް އެހާ ހިސާބުން ފެށުމުން މާހިންގެ ހިތުގައި ކަމެއް ބޮޑުވެފައިވާ މިންވަރު ހާމަވެ އެވެ.
" ހަމަ ޖެހިގެން ދިރިއުޅެވެންވެސް ނެތް. މާދަމާ ކަންނޭގެ މުޅި ދުނިޔޭގެ ކުރިމަތީގަ ބޭޒާރު ވާނީ!"
މާހިން އެބުނީ ބައްޕަގެ ވިޔަފާރީގެ ވާހަކަ އެވެ. ކުރީން ކޮއްކޮ ނުސީދާކޮށް ދައްކާ ވާހަކަތައް ދާއިން އަށް ނޭގުނަސް މިހާރު ކޮއްކޮ އެދައްކާ ވާހަކަ ދާއިން އަށް ވިސްނެއެވެ. ދާއިންގެ އުއްމީދަކީ އެމީހުންގެ ދިރިއުޅުން އެ މުޑުދާރު ކަމުން ސަލާމަތް ކޮށް ތޯހިރު ދިރި އުޅުމަކަށް ހެދުމެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ އޭނާ އެކަން ކުރާނެ އެވެ.
ހެދުނުގެ ނާސްތާއަށް ފަހު މާހިން ގޮވައިގެން ދާއިން މިސްރާބު ޖެހީ ރޮކްސް އާއި ދިމާއަށެވެ. ދާއިން ބުނީ އެތަނަށް އޭނާ އެދަނީ ރައްޓެއްސަކާ ބައްދަލު ކުރަން ކަމަށެވެ.
ރޮކްސް ކުންފުނީގެ އިމާރާތަކީ ބޮޑު އިމާރާތެކެވެ. އެތަނުގައި މުއައްޒަފުން ގިނައެވެ. ތިރީގައި މާހިން ބަހައްޓާފައި ދާއިން ދިއައީ މަތީ ކައުންޓަރަށެވެ. މައުލޫމާތު ލިބުނު ގޮތުގައި ތައުފީޤް ކިޔާ ދިވެހި މީހަކު އެތަނުގައި އުޅެއެވެ. ބައްދަލު ކޮށްލަން އެދުމުން މިއަދު އޮފީހަށް ނާންނަ ކަމަށް ބުންޏެވެ. އިތުރު މައުލޫމާތެއް ދެވެން ނެތް ވާހަކަ ބުނަމުން މާދަމާގެ ހެދުނު އަތުވެއްޖެނަމަ އެޕޮއިންޓްމެންޓެއް ދެވިދާނެ ކަމަށް އޮފީހުން ބުންޏެވެ. މިމީއާއި ބެހޭ ގޮތުން އިތުރަށް ސުވާލު ކުރާކަށް ދާއިންއަކަށް ނުކެރުނެވެ. އޭރުން ދެން ތައުފީޤާވެސް ބައްދަލު ނުވެދާނެހެން ހީވާތީ އެވެ.
ހޯދަން އައި މީހާ އާއި ބައްދަލު ނުވީ ކަމަށް ބުނެފައި މާހިން ގޮވައިގެން ދާއިން ނުކުތީ ބޭރަށެވެ. އެއްދުވަސް ބޭކާރު ވީއެވެ.
ތަނަވަސް ކާރު ޕާރކްގައި ހިނގަމުން ދިއައިރު މާހިން ތިރީ ރިސެޕްޝަނުން ހޯދި މައުލޫމާތު ތައް ދާއިން އަށް ކިޔައިދިނެވެ.
" މިތަނުގެ ވެރިޔަކީ ދިވެއްސެކޯ"
ދިވެހީންނާއި މެދު ފަޚުރުވެރި ވެފައިވާ ރާގެއްގައި މާހިން ބުންޏެވެ.
" ސަޅި ދޯ... ދިވެހީންވެސް ބޭރު ޤައުމުތަކުގަ މިހާ ގަދަކޮށްލައިގެން އުޅޭތީ...!"
އިމާރާތަށް ކަޅި ހިންގަމުން މާހިން ހިނގައިގެން ވަގުތު ޕާކިންގް ގައި އޮތް ކާރު ކުއްލިއަކަށް ފަހަތަށް ޖަހާލުމާއި އެކު އެރީ މާހިންގެ ފަޔަށެވެ.
" އޮހް!"
ހަޅޭއްލަވައި ގަތުމާއި އެކު މާހިން ތިރިވީ ވީ ތަދުންނެވެ.
"ކޮއްކޯ!"
އަވަސް އަވަހަށް ކޮއްކޮގެގެ ގައިގައި ދާއިން ހިފެހެއްޓި އެވެ. އެވަގުތު ކާރު ދުއްވަން އިން މީހާ ބާރަށް ނުކުމެގެން އައިސް އެތަނަށް ހުއްޓުނެވެ.
" ސޮރީ... އައި އޭމް އެކްސްޓްރީމްލީ ސޮރީ....! "
ދާއިންގެ އެހީގައި މާހިން ތެދުވެ ހިންދެމިލި އެވެ. އެހެން ނަމަވެސް އޭނާގެ ފައި ރަނގަޅަކަށް ނޭޅުނެވެ.
" ކޮން ސޮރީއެއް...! ޑެމްއިޓް!"
ތަދުވެފައި ވާވަރުން މާހިންއަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެމީހާގެ މޫނުމަތީން ފެނުނީ ހާސްކަމާއި އެކު ކުޑަ ހިނިތުން ވުމެކެވެ.
" ދިވެހީންތަ؟ "
އޭނާ އަހާލި އެވެ. މާހިންއާއި ދާއިން ވެސް ހިސާބަކަށް ރުޅިމަޑު ކޮށްލި އެވެ.
" ހިނގާ ހޮސްޕިޓަލަށް.... ވަރަށް ބާރަށް ދޯ އެރުނީ ... ވަރަށް ސޮރީ..... އަހަރެންވެސް ކުއްލިއަކަށް ހޮސްޕިޓަލަށް ދާން ޖެހިގެން ހާސްވެފަ ހުރިވަރުން ވިސްނާނުލެވުނީ..... ޕްލީސް ކަމް، ޑޮކްޓަރ އަށް ދައްކާލަން ވާނެ....!"
އޭނާގެ ވާހަކައަށް ތާއީދު ކުރީ ދާއިން އެވެ. އެމީހާގެ ކާރަށް އަރައިގެން ދާއިން ދާން ބޭނުންވި ސަބަބެއް މާހިން އަކަށް ނޭގުނެވެ.
ކާރުގައި ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖަހަމުން ދިއައިރު މާހިންއާއި ދޭތެރޭގައި ވިސްނުމަށް ވުރެ ބޮޑަށް ދާއިންގެ ސިކުނޑީގައި ވަނީ އެހެން ކަމެކެވެ. އެ ނުދަންނަ ދިވެހި މީހާ ވާނީ އިމާރާތުގައި މަސައްކަތް ކުރާ މީހަކަށެވެ. އެތަނުގައި ތައުފީޤް އުޅެންޏާ އެމީހާއަށް އިނގިދާނެ އެވެ.
" މީ ދިވެއްސެއްގެ ވިޔަފާރި އެކޭ ބުނާ އަޑު އިވޭ...!"
ދާއިން ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ.
" އަނ.... އަޅުގަނޑު ބައްޕަގެ....!"
އެއަޑު އިވިފައި މާހިންއާއި ދާއިން ވެސް ސަމާލުވެލި އެވެ. އެދިމާވީ ރަނގަޅު މީހަކާ އެވެ. ދާއިން ބޭނުން މައުލޫމާތު އެމީހާގެ ފަރާތުން ލިބޭނެ އެވެ.
" މިތަނުގަ ވަރަށް ދިވެހީން އުޅޭތަ؟"
ދުރުދުރުން ވާހަކަ ފަށަން ދާއިން ގަސްދު ކުރި އެވެ.
" އަނ ފުދޭވަރަކަށް....! މާ ގިނައެއް ނޫން....! "
އެހެން ބުނިތަނާ އޭނާގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އެއީ އޭނާގެ އަންހެނުންގެ ކޯލެކެވެ.
" ދެ މިނެޓް ޕްލީސް....! މިކައިރި ކުރަނީ އިނގޭ...!"
ވަރަށް ލޯބިން އެހެން ބުނަމުން އޭނާ ކާރު އިތުރަށް ބާރު ކޮށްލި އެވެ.
" އަންހެނުން ޑޮކްޓަރަށް ދައްކާ ނިމިގެން އެގުޅަނީ....! އިރުކޮޅެއް ވެއްޖެ ވެއިޓް ކުރާތާ....! ބަނޑުބޮޑު ކުދީން އެހާ ގިނައިރު އިންތިޒާރު ކުރުވާކަށް ނުވާނެދޯ!"
އޭނާ އެހެން ބުނީ އުފާވެރި ހިނިތުން ވުމަކާއި އެކުގަ އެވެ. އެހިނިތުން ވުމުގައިވާ އުފާވެރިކަން މާހިންއަށް ފެނުނީ ކުރިމަތީގައިވާ ލޯގަނޑުންނެވެ. މާހިން އަށް ދުރު ބަލާލެވުނެވެ. ހިތުގައި ރިހުމެއް އުފެދުމުންނެވެ. އެފަދަ އުފާވެރި ކަމަކަށް އޭނާވެސް އިންތިޒާރު ކުރިއެވެ. މިމީއާއި އެކުގައި އުފާވެރި ލޯބިވެތި ދިގު އުމުރަކަށް އޭނާ އުއްމީދު ކުރިއެވެ. ބައްޕަގެ ނުބައި ރޭވުމުގައި މާހިން ނުބެދުނު ނަމަ މިއަދު މާހިންއަކީވެސް ކުޑަކުޑަ ދަރިއަކަށް އިންތިޒާރު ކުރާނެ މީހަކަށް ވުމަކީ ގާތް ކަމެކެވެ. ކައިވެނި ކުރީއްސުރެ މިމީއާއި މާހިން މަސައްކަތް ކުރަމުން އައީ ދަރިއަކު ހޯދުމަށެވެ. އިންތިޒާރު ކުރަމުން އައީ ވަގުތު ޖެހުމުގެ ކުރީން ހުރިހާ އުއްމީދު ތަކެއް ފެނަށް ވެގެން ދިއައީ އެވެ.
ދާއިންއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ. ވަގުތުގެ ނުތަނަވަސް ކަން އެ ފުރުސަތެއް ނުދިނެވެ. އެހެން ނަމަވެސް އެމީހާއާއި ގުޅުން ބާއްވަން ދާއިން ބޭނުން ވިއެވެ. ކޮންމެވެސް އެހެން ދަނޑިވަޅެއްގައި ބައްދަލު ކޮށްލަން ވެސް ޖެހިދާނެ އެވެ. ދާއިން އޭނާގެ ކާޑް އެމީހާއަށް ދިނެވެ.
" ތެންކިއޫ"
ދާއިންގެ ކާޑަށް އޭނާ ރަނގަޅަށް ބަލާވެސް ނުލާ ގަމީހުގެ ޖީބަށް ވައްޓާލި އެވެ.
" އަހަންނަށް ކިޔަނީ އަމަން.... އަދި އިންޓްރޮޑިއުސް ވެސް ނުވެވޭދޯ...! "
ހޮސްޕިޓަލްގެ ޕާކިންގް ގައި ކާރު ޕާރކްކޮށްލަމުން މާ ބޮޑު ސަމާލު ކަމެއް ނުދީ އޭނާ ބުނެލި އެވެ.
" ޔޫ ނީޑް އެ ވީލް ޗެއަރ....؟"
ކާރުން ފައިބަން ހިފާލަމުން ފަހަތަށް ބަލާލަމުން އަމަން މާހިންއާއި ސުވާލު ކުރި އެވެ.
" ނޯޕް! ހިނގާލެވޭތޯ ބަލާނީ...!"
މިހާރު ހިސާބަކަށް ދުޅަވެފައިވާ މާހިންގެ ފައި ހިއްލާލަމުން ކާރުން ބޭރަށް ނުކުންނަން މާހިން މަސައްކަތް ކުރި އެވެ.
ދާއިންގެ އެހީއާއިއެކު މާހިން ކާރުން ފޭބިއެވެ. ހީކުރި ވަރަށް ވުރެ ބޮޑަށް އޭނާގެ ފަޔަށް ވަނީ އަނިޔާ ވެފައެވެ. ވާންވެފައި ވާ ވަރުން ފައި އަޅާލަން ވެސް ކެރޭ ވަރެއް ނުވިއެވެ. މި މަންޒަރު ފެނުމުން އެމީހުން ދޫކޮށްލާފައި ދާކަށް އަމަން އަކަށް ނުކެރުނެވެ. އޭނާ މާހިންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
" ވަރަށް ސޮރީ އިނގޭ.... ދުވަހަކުވެސް އަހަރެންގެ އަތުން މިކަހަލަ ކަމެއް ނުވޭ....! "
ބޭބެގެ އަތުގައި ހިފައިގެން ކޮރު ޖަހަމުން މާހިން ކުރިއަށް ހިނގައި ގަތީ އަމަން ދެއްކި މަގުންނެވެ. ޑޮކްޓަރ ރޫމް ތަކާއި ދިމާއަށް އަމަން ހިނގައިގަންނަމުން އަމަން ކޮންމެވެސް މީހަކަށް ގުޅާލި އެވެ.
" ގޭޓް ވަން އާ ދިމާއަށް އާދެވިދާނެތަ....! މިއުޅެނީ އަހަރެންގެ އަތުން ކުޑަ އެކްސިޑެންޓެއް ވެގެން....! "
އަމަން އޭނާގެ އަންހެނުން ގާތުގައި ބުންޏެވެ.