ބައްޕައާ ބެހޭ ގޮތުން އިތުރު އެއްޗެއް އަޑު އަހަން ވެސް ބިރުގަނެ އެވެ. ޔޫހާއަކީ ވެސް ކޮއްކޮ އެބުނާ އުމުރުގެ ކުއްޖެކެވެ. ކޮންމެ އުމުރެއްގެ ފިރިހެނަކުވެސް ހިތް ގޯސްވާފަދަ އަންހެންވަންތަ ކަމެކެވެ.

" ގިނަ ފައިސާ ވެރީންނަކީ އާޚިރަތް ވެސް ހަނދާން ނުވާ ބައެއް!"
ޔޫހާ ވާހަކަ ދެއްކީ ވަރަށް މަޑު މަޑުންނެވެ. އެހެން ނަމަވެސް އޭނާ އިނީ ހިތްހަމަ ނުޖެހުމުގެ އިތުރުން ދެރަވެސް ވެފަ އެވެ. ދާއިން އިތުރަށް ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރީން މޭޒުމަތީގައި އޮތް މެނޫ ޔޫހާއާ ގާތްކޮށްލި އެވެ. 
" ބޭނުމެއް ނޫން... ތޭންކްސް! "
މެނޫ ދުރަށް ޖައްސާލަމުން ޔޫހާ ދާއިން އަށް ކުޑަ ހިނިތުން ވުމެއް ހަދިޔާ ކޮށްލި އެވެ. 
" ނޫނޭ...އެއްޗެއް ބޯލަން ވާނެ..!"
ޔޫހާއަށް ހިނިތުން ވެލަމުން ދާއިން ދުރުގައި ތިބި މީހުންނަށް ކަޅިއެއް އެއްލި އެވެ. އެމީހުން ޔޫހާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ދާކަން ދާއިން އަށް އެނގެ އެވެ. 
" ފްރެޝް އޮރެންޖެއް!"
ޔޫހާ ދެކޮޅު ހަދާކަށް ނޫޅެ އެވެ. ދާއިން ވެސް ލަވާޒާ ބްލެކް އަކަށް އޯޑަރ ދިނެވެ. އެއަށް ފަހު ދާއިން، ޔޫހާ ފެށި ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ. 

" ދެންމެ ބުނި އެއްޗަކުން ހީވަނީ ކޮންމެސް ކަމަކާ ވަރަށް ހިތްހަމަ ނުޖެހިފަ އިންހެން "
ޔޫހާ ވެސް އިނީ އެވާހަކަ ދައްކަން ބޭނުން ވެފަ އެވެ. ހޮސްޕިޓަލްގެ ތެރޭގައި ގިނަ ދުވަސް ތަކެއް ވުމަށް ފަހު ބޭރަށް ނުކުމެލާނެ ރަނގަޅު ފުރުސަތެއް ލިބުމުން ކޮންމެވެސް ސިފައެއްގައި އުދާސްތައް ބޭރު ކުރަން ބޭނުން ވިއެވެ. އަލަށް ފެނުނު ނަމަވެސް ދާއިން އާ ވާހަކަ ދައްކަން ފަސޭހަ އެވެ. ދާއިންގެ ހުރި ކޮންމެވެސް އާދަޔާ ޚިލާފް ގޮތެއްގެ ސަބަބުން ކަންނޭގެ އެވެ. އަލަށް ބައްދަލު ވުމުންވެސް އެއްވެސް ބީރައްޓެހި ކަމެއް އިޙުސާސެއް ނުކުރެވެ އެވެ.

" ހިތްހަމަ ނުޖެހުމުގެ ހައްޤެއް ނެތް އަސްލު. އެހެން މީހުން ކަންތައް ކުރަންވާ ގޮތެއް އަހަރެން ނަކަށް ނޭގޭނެދޯ! އަސްލުގަ މީނީ ހަމަ ދެރަވެފަ!"
ޔުހާ ދުރު ބަލާލި އެވެ. މިވަގުތު ދާއިންއަށް މޫނު ދައްކާލަން އޭނާއަށް އުނދަގޫވި އެވެ. މާގިނަ ވާހަކަ ދައްކަން ފަށައިފިއްޔާ އޭނާއަށް ރޮވިދާނެ އެވެ. ދާއިން ޔޫހާއަށް ވާހަކަ ދައްކާނެ ފުރުސަތު ދީގެން އަނގައިން ނުބުނެ އިނެވެ. ޔޫހާގެ އެ ރީތި މޫނުމަތި ހިތާމައިގެ ކަޅު ވިލާގަނޑަކުން ނިވާވަމުން ދިޔަތަން ދާއިން އަށް ފެނުނެވެ. އެހެން ނަމަވެސް އެކަން ފޮރުވުމަށްޓަކައި ޔޫހާ ހިނިތުން ވެލަން މަސައްކަތް ކުރަމުން ވާހަކަ ބަދަލު ކޮށްލި އެވެ.
" އަހަރެންގެ އައިޑީ ކާޑް ކޮޕީ މީ އެހާ އަގު ބޮޑު އެއްޗެއްތަ އަޅެ!"
ޔޫހާ އިސްޖަހާ، އެގަޑަށް ބަލާލަމުން ހިނިގަނޑެއް ޖަހާލި އެވެ. އެ ރީތި ހިނިތުން ވުމުގެ އަސަރުގައި ދާއިންއަށް ހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. 
" ހުމް... ފޮމީ... ޔޭސް! "
ދާއިން އަށް އެހެން ބުނެވުނީ ބޭއިޚުތިއާރުގަ އެވެ. އެހާ އަވަހަށް އެފަދަ އެއްޗެއް ބުނާކަށް ޙަޤީޤަތުގައި އޭނާވެސް ބޭނުމެއް ނޫނެވެ. އެއަޑު އިވިފައި ޔޫހާ އިސް އުފުލާ ދާއިންގެ މޫނަށް ބަލާލި އެވެ. ޙައިރާންކަމާއި އެކުގަ އެވެ. ހިތުގައި އެތައް ސުވާލު ތަކެއް ގިނަވެގެން ދިޔަ އެވެ. މީ އޭނާ ދުވަހަކުވެސް ކުރީން ދުށް އިންސާނެއް ނޫނެވެ. އެއީ ޔަޤީން ކަމެކެވެ. އެންމެ ސުކުންތަކަށް ހަތަރު ކަޅި ހަމަވެފައިވި ނަމަވެސް ހަނދާނުން ފޮހެނުލެވޭ ވަރުގެ ސޫރަ އެކެވެ. ޔޫހާ އާ އޭނާއާ ދުވަހަކުވެސް ބައްދަލު ވެފައި ވެސް ނުވާ އިރު އެވަރުގެ އެއްޗެއް އޭނާއަށް ބުނެވެން ވީ ސަބަބެއް ނެތެވެ. ސުވާލުތައް ގިނަވި ނަމަވެސް އިތުރު ސުވާލެއް ކުރާކަށް ޔޫހާ ބޭނުމެއް ނުވި އެވެ. ދާއިން ބުނެލާ ކޮންމެ ބަހެއް ޔޫހާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔަ އެވެ. އޭނާގެ ކޮންމެ ހަރަކާތެއް ޔޫހާގެ ސިކުނޑީގައި ކުރެހެމުން ދިޔަ އެވެ. އެއީ އެއްގޮތަކަށް ވެސް ވެގެން ވާނެ ގޮތެއް ނޫނެވެ. އަނެއްކާވެސް ޔޫހާ ވާހަކަ ބަދަލު ކޮށްލި އެވެ. ކުރީން ދެއްކި ވާހަކައަށް ވުރެ މި ފެށުނު ވާހަކަ މާ ނުރައްކަލެވެ.

" އަހަރެން ނަކީ ވަރަށް ނަސީބު ދެރަ މީހެއް!"
ޔޫހާ ދާއިންއާ ދިމާއަށް ހިނިތުން ވެލި ނަމަވެސް އެ ހިނިތުން ވުމުގައިވާ ހިތި އަސަރުތައް ދާއިންއަށް ކިތަންމެ ރީތިކޮށްވެސް އިޙުސާސް ކުރެވުނެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ވާހަކަ ދައްކަން ފެށުމުގެ ކުރީން ޔޫހާ އަނެއްކާވެސް އިސް ޖަހާލި އެވެ.
" ކުރީން އަހަރުމެންގެ އާއިލާ އުޅުނީ ވަރަށް އުފާވެރި ދިރި އުޅުމެއް.... އެކަމު ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ... ތިން އަހަރު ކުރީން ކަނޑުމަތީގެ ހާދިސާއެއްގަ.... ބައްޕަ ނިޔާވީ.... ގެއްލުނީ އަސްލު! "
އިސް ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ ޔޫހާގެ މޫނުކޮޅު ރަތް ވަމުން ދިޔަތަން ދާއިންއަށް ފެނުނެވެ. 
" ވަރަށް ރަނގަޅު މީހެއް ބައްޕަ އަކީ... އަހަރުމެން ދެބޭން ދެކެ އެހާ ލޯބިވޭ...! ބައްޕައަށް އަދި ސާޅީސް ފަހެއް....!"
ޔޫހާ އޭނާގެ އަނގަމަތީގައި އަތް ޖައްސާލައިގެން އިންއިރު އެ ހިމަ ހިމަ ރީތި އިނގިލިތައް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަތަން ދާއިން އަށް ފެނެ އެވެ. އޭނާ ދާއިންގެ ކުރިމަތީގައި ނުރޯން މަސައްކަތް ކުރަމުން ދިޔަކަން ދާއިންއަށް އިނގެއެވެ. 

" ބައްޕަ ވަކި ވުމަށް ފަހު އަހަރުމެން ތިންމައިން ވަރަށް އެކަނިވި. ދެފަރާތު އާއިލާގަވެސް އިތުރު މީހަކަށް ހުރީ މަންމަ ފަރާތު ބޮޑުބޭބެއެއް އެކަނި. އެކަމު އެއީ ހަމަ ނެތް މީހެއް. ޑްރަގް އެޑިކްޓެއް!"
ހިނދު ކޮޅަކަށް ވުރެ ހިނދު ކޮޅަކަށް ޔޫހާގެ އަޑު ނިކަމެތި ވަމުން ދިޔަ އެވެ. 
ދާދި ފަހުން މަންމަގެ ބޮލުގަ ވަރަށް ގަދައަށް ރިއްސައިގަނެގެން ޑޮކްޓަރަށް ދެއްކީމަ ބުނީ....!"
އެހާ ހިސާބަށް ބުނެފައި ޔޫހާ ހުއްޓާލި އެވެ. އިތުރަށް ކުރިއަށް ނުގެން ދެވިގެންނެވެ. ޔޫހާ އަނގަމަތީގައި އަޅައިގެން އިން އަތުން ދެލޯ ނިވާ ކޮށްލި ވަގުތު އޭނާގެ ލޮލުން އޮހޮރިގެން ދިޔަ ކަރުނަ ތިކިތައް އިނގިލި ތަކުގެ ދަށުން ދެމިގަތެވެ. އެރީތި ކޯތާފަތާ ނޭފަތު ކުރި ވަނީ ރަތްވެފަ އެވެ. ރެސްޓޯރެންޓުގައި ހުރި އެހެން މޭޒު ތަކަށް ޔޫހާ ފުރަގަސް ދީގެން އިން ކަން ނަސީބެވެ. އެހެން ނޫންނަމަ ޔޫހާވެސް ވަރަށް ލަދު ގަންނާނެ އެވެ. ޔޫހާގެ އެ ހާލަތު ފެނިފައި ދާއިންގެ ހިތުގައި ރިހެމުން ދިޔަ ނަމަވެސް ޔޫހާއަށް ނަޒަރު ހުއްޓާލައިގެން ދާއިން ހިމޭނުން އިނީ އެވެ. ދާއިންގެ އެއްވެސް ހަރަކާތަކުން އެހެން މީހަކަށް އެއްޗެއް ވިސްނޭކަށް ދާއިން ވެސް ބޭނުމެއް ނޫނެވެ. ދާއިންއާ ޔޫހާ ގެ ފުތަރަމަ ބައްދަލުވުން މިހާ އަސަރު ގަދަވާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ދާއިން އިނީ ޔޫހާގެ ވާހަކަ އެކީ އަޑު އަހާލަން ބޭނުން ވެފަ އެވެ. ސުވާލު ނުކުރިއަސް ހިތްވަރު ލިބުނު ވަރަކަށް ޔޫހާ އެވާހަކަ ކިޔާދޭނެ ކަން މިހާރު ދާއިން އަށް އެނގެ އެވެ. އިރުކޮޅަކަށް ފަހު ޔޫހާ ލޯ ފޮހެލަމުން ދާއިން އަށް ބަލާލި އެވެ. އޭނާ ހިނިތުން ވެލަން މަސައްކަތް ކުރިއިރު އެ ރީތި ތުންފަތުގައި ވަނީ މަޑު ތުރުތުރު އެޅުމެކެވެ. އެ ނިކަމެތި އަންހެން ކުއްޖާ ކެތްތެރި ވާން އެކުރާ ހިތްވަރު ފެނިފައި ދާއިންގެ ހިތުގައި ޔޫހާގެ މައްޗަށް އުފެދިފައިވާ ޖަޒުބާތުތައް އުތުރި އަރައިގެން ދިޔަ އެވެ. މިވަގުތު ޔޫހާގެ ގައިގައި ހިފަހައްޓާލަން ދާއިން ކިތަންމެ ބޭނުން ވި ނަމަވެސް އޭނާވެސް ކެތްތެރި ވުން ނޫން ގޮތެއް ނެތެވެ. 

" ޑޮކްޓަރ ބުނީ... މަންމަގެ ސިކުނޑިން ލޭ ހޮޅިއެއް ފަޅައިގެން ގޮސް ލީކު ވަނީ ކަމަށް....! "
އެވާހަކަ ބުނެލިއިރު ޔޫހާގެ އެރީތި މޫނު ކޮޅުން އެފެނުނު އަސަރުން ދާއިންގެ ހިތް ހަމަ ރަނގަޅަށް ވެސް ރޮއްވާލައިފި އެވެ. 
" ބުނީ...އަވަހަށް ބޭރަށް ނުގެން ގޮއްސިއްޔާ... އިތުރަށް ހާލަތު ގޯސްވެ... ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް! މިހާރު ގިނަފަހަރު ހޭވެސް ނުހުރޭ....!"
އެހެން ބުނަމުން ޔޫހާ އިސް ޖަހާލަމުން ގިސްލާ ރޯލި އެވެ. އެ މަންޒަރުބަލަން ދާއިން އަކަށް ކުޅަދާނައެއް ނުވި އެވެ. ދާއިން ކުރިއަށް ޖެހިލާ ޔޫހާގެ އަތްތިލައިގައި އަތް ޖައްސާލި އެވެ. ޔޫހާ އިސް އުފުލާ ދާއިންގެ މޫނަށް ބަލާލި އެވެ. ދާއިންގެ ރަތްވެފައިވާ ދެލޮލުން ޔޫހާއަށް ފެނުނީ ކަރުނައިގެ އަސަރެވެ. ޔޫހާއަށް ޓަކައި ހަމްދަރްދީ ވާނެ އިންސާނަކު މި ދުނިޔޭގައި ހުރީތީ ޔޫހާގެ ހިތަށް ހިސާބެއްގެ ލުޔެއް ލިބުނެވެ. ވޭތުވެ ދިޔަ ހަފްތާއެއް ހާ ދުވަހު އެތައް އެތައް މީހަކަށް ޔޫހާ އެވާހަކަ ކިއައިދީފި އެވެ. ރޮމުން، ގިސްލަމުން، އާދޭސް ކުރަމުން ނެވެ. ރަޙުމް ކުރި އިންސާނަކު މަދެވެ. ޔޫހާގެ ހިތާމައިގައި ބައިވެރިވާނެ މީހަކު ލިބުމުން ޔޫހާއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނާ މޫނު ފޮހެލަމުން ދެންމެގައި ގެނެސް ބެހެއްޓި ޖޫސް ތަށީން އެތިފޮދެއް ދަމާލި އެވެ. 

" އެންމެ ފަހުން އެހީއަކަށް އެދި އަހަރެން ބައްދަލު ކުރީ އެ ޖައުފަރާ!"
ބައްޕަގެ ނަން ބުނި އަޑު އިވުމުން ދާއިންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ.
" ފުރަތަމަ އޭނަ ބަލާލި ގޮތުންވެސް އަހަރެން ބިރުގެން! ހަމަ ފެންނަ އިރަށް ބުނި، ކޮންކަމެއްހޭ ބޭނުމީ... ތިކަހަލަ ރީތި އަންހެން ކުދީންނަށް އެހީ ވުމަކީ ވަރަށް ބޮޑު ފަޚުރެކޭ...!"
އެއަޑު އަހަން ލަދުން އިސްޖެހިފައި ދާއިން އިނެވެ.
" ނުސީދާކޮށް އޭނަ ދެއްކި ވާހަކަ ތަކަށް އަހަރެންގެ ޝައުގުވެރި ކަމެއް ނެތްކަން އެނގުނީމަ އޭނަ ހިތްހަމަ ނުޖެހުނު. އިނގޭތަ އެންމެ ފަހުން ބުނި އެއްޗެއް. ބުނީ ތިކަހަލަ ބޭކާރު ޚަރަދު ކުރެވޭކަށް ނެތޯ... ކަލޭމެނަށް ދޭންޖެހޭ ފައިސާ އޮންނާނީ ސަރުކާރާ ހަވާލު ކޮށް ނިމިފައޯ...މުދަލުގެ ޒަކާތުގެ ގޮތުގަ!"
ދާއިން އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ބައްޕައޭ ކިޔައިގެން ތުންތުން މަތީން ކޮންމެވެސް ވަރަކަށް ނޭދެވޭ ވާހަކަތައް އިވިފައި ވީ ނަމަވެސް ބައްޕަގެ މިފަދަ ޙަޤީޤަތެއް އޭނާއަށް އެ އެނގުނީ އަދި ކިރިޔާ އެވެ. ޖައުފަރުގެ ދަރިއަކަށް ވީތީވެސް މިއަދު އޭނާ ލަދުގަނެއްޖެ އެވެ. އިރުކޮޅެއް ވީތަނާ ޔޫހާއަށް އޭނާގެ ބޮޑުބޭބެ ގުޅައިގެން ހޮސްޕިޓަލަށް ދާން ޖެހުނެވެ. ދާއިން ބޭނުންވީ ދާއިންގެ ކާރުގައި ޔޫހާ ގެންގޮސް ދޭށެވެ. އެހެން ނަމަވެސް އޭނާއަކީ ކާކުކަން އެނގިދާނެތީ މިހާރު އަދި މާ ބޮޑަށް ބިރު ގަނެއެވެ. ތިރިއަށް ގޮސް ޔޫހާއަށް ޓެކްސީއެއް ނަގާ ދީފައި ޓެކްސީ ގޮސް ގެއްލެންދެން ދާއިން މަޑުކޮށްލައިގެން ހުއްޓެވެ. ދެން އޭނާ އޭނާގެ ކާރަށް އެރުމަށް ފަހު ސީޓު ފަހަތަށް ވައްޓާލައިގެން އޮށޯވެލި އެވެ. ސިނކުޑި ހާސްވެފައި ވަނީ އެތައް ސަބަބު ތަކަކަށްޓަކައެވެ. 

ޔޫހާ ހޮސްޕިޓަލަށް ދިޔައިރު ލޫނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އާދައިގެ މަތީން ކޮއްކޮއަށް ހުރީ ރޮވިފަ އެވެ. ބޮޑުބޭބެ އަންނަ ގަޑީގައި ދޮންތީ ނެތިއްޔާ މުޅި ވޯޑްތެރޭ އަޑުގަދަކޮށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ލޫނާއާ ދިމާއަށް ހަޅޭއްލަވާނެ އެވެ. މިއަދުވެސް އެއުޅެނީ ކަންތަކާ ލައިގަނެގެންނެވެ. 

ޔޫހާ ފެންނަ އިރަށް ޝަރީފް އައިސް ޔޫހާގެ އަތުގެ މުލައްދަޑީގައި ހިފާ ދަމާފައި ގޮސް މަންމަގެ އެނދު ކައިރިއަށް ހުއްޓުނެވެ. އަތުގައި ހިފިލެއް ބާރު ކަމުން އިޙުސާސް ކުރެވުނު ތަދަށް ވުރެ ބޮޑަށް އެތާތިބި އެންމެން ބަލަން ތިބީތީ ޔޫހާ ލަދުގަތެވެ. މަންމަ ގެ އެނދުގެ ވަށައިގެން ސްކްރީން ދަމާފައި ހުރިކަން ނަސީބެވެ. އެހެން ނޫންނަމަ އެނދު ކައިރީގައި ހުރެގެން ޝަރީފްބޭ ކުރާ ކަންތައްވެސް އެންމެނަށް ފެންނާނެ އެވެ. 
" ކަލެއަށް އެބަފެނޭތަ...!"
ހޭނެތިފައިވާ މަންމައާ ދިމާއަށް އަނިޔާވެރި ގޮތަކަށް ޔޫހާ ގުދު ކޮށްލަމުން ޝަރީފްބޭ ބުންޏެވެ.
" އެހެން އޮވެފަ ދެން އޭނަ މަރުވާނީ!"
ރަޙުމްކުޑަ ބޮޑު ބޭބެގެ އަޑު އިވިފައި ޔޫހާގެ އިތުރުން އެ މަންޒަރު ބަލަން ދުރުގައި ހުރި ލޫނާއަށް ވެސް ރޮއެ ގަނެވުނެވެ. 

" އެހެންވީމަ މިބުނަނީ އަވަހަށް އެއްބަސް ވާށޭ... ކަލޭ ކިތަންމެ ވަރަކަށް ލާރި ހޯދަން އެތަން މިތަނުން ދުވިއަސް އެހާ ގިނަ ފައިސާ ދޭނެ މީހަކު މިހާރަކު ނުވާނެ...!" 
ޝަރީފްބޭ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ވަރަށް މަސައްކަތް ކުރެވިއްޖެ އެވެ. އަލި މަގެއް ނުފެނުނެވެ. އާސަންދައިން ވެސް ވަނީ ވަކި ވަރެކެވެ. ބާކީ ބައި ހަމަ ޖެހޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އޮތީ އެންމެ ގޮތެކެވެ. ގޮތެއް ނުނިންމާ ލަސްކުރަން ހަދައިގެން.... 
" އޭނަ މަރުވެދާނެ! "
ޔޫހާގެ ކަންފަތް ދޮށަށް ގުދުވަމުން ޔޫހާގެ ހިތުގައިވާ ޖުމުލަ ޝަރީފް ފުރިހަމަ ކޮށްލި އެވެ.
" މާދަމާ ރެއަށް ތައްޔާރުވޭ... އެނޫން ގޮތެއް ދެން ނޯންނާނެ!"
އެހެން ބުނަމުން ޝަރީފް އަތް ފޮޅުވާލާފައި ދާން ހިނގައިގަތެވެ. ގޮތް ހުސްވެފައިވާ ޔޫހާ ލޯބިވާ މަންމަގެ މޫނުގައި ބޮސް ދެމުން ގިސްލާ ރުޔެވެ. އެއްވެސް ހާލެއްގައި އެ މަންމައާ ވަކިވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދާއިން ކާރު ޕާރކް ކުރީ ގޭގެ ހުޅަގު ފަރާތު ގަރާޖު ގައެވެ. އޭނާ ބޭނުންވީ ބަގީޗާގައި އެކަހެރި ވަގުތު ކޮޅެއް ހޭދަ ކޮށްލާށެވެ. ވިސްނާ ވިސްނާ ވެސް އޭނާ އެއުޅެނީ އަދިހަމަ ރަނގަޅު ވިސްނުމެއް ނައިސް ގެންނެވެ. ހިޔާ އަރާފައިވާ ސަން ޑެކް ގެ މަތީގައި ހުރި އަރާމު ގޮޑީގައި ލެނގިލަމުން އޭނާ ލޯ މަރާލި އެވެ. ހަމައެއާއި އެކު ލޯ ހުޅުވާލައިފި އެވެ. އަދިވެސް ހަމަ ލޯ މަރާލާ އިރަށް ފެންނަނީ ޔޫހާގެ ހިތާމަ ވެރި މޫނެވެ. އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ތަނެވެ. އެ ހަނދާންތައް ދާއިންގެ ހިތުގައި ޒަހުމަކަށް ފަހު ޒަހުމެއް ލައްވަމުން ދިޔަ އެވެ. އެންމެ ފަހުން ދާއިން ފޯނު ނެގުމަށް ފަހު ފުއާދަށް ގުޅާލި އެވެ. ދާއިން ބޭނުން ވީ ހަމަ އެ ވަގުތު ފުއާދާ ބައްދަލު ކުރާށެވެ. އެހެން ނަމަވެސް ނަސީބު އެހާ ރަނގަޅެއް ނުވި އެވެ. ފުއާދު ހުރީ ލަންކާގަ އެވެ. އޭނާ މާލެ އަންނަނީ ދެދުވަސް ފަހުންނެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތަކީ އާންމުކޮށް އެންމެން އެކުގައި ހިއްސާކުރާ ވަގުތެކެވެ. އެހެނަސް މިރޭ ދާއިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެގަޑީގައި ދިޔައީ ބޭރަށެވެ. މިވަގުތު ބައްޕައާ ކުރިމަތި ލުމަކީ އޭނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. މީގެ ކުރީން ބައްޕައޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާ އަޑު އިވުނަސް ދާއިން ޤަބޫލެއް ނުކުރެ އެވެ. އަދި އޭނާ އެކަމާ ދޭތެރޭގައި އެހާ ފުންކޮށް ވިސްނާފައި ވެސް ނުވާތީ ދުވަހަކުވެސް ދާއިންގެ ހިތް ބައްޕަގެ މައްޗަށް ކިލަނބު ނުވެ އެވެ. އެހެން ނަމަވެސް މިފަހަރު ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. ފައިސާ އަތުގަ ހުއްޓަސް މީހާގެ އެއްވެސް އަގެއް ނެތެވެ. ދާއިންގެ ކުރިމަތީގައި ބައްޕަގެ އަގު ވެއްޓިއްޖެ އެވެ. ކޮއްކޮ ބައްޕަ ދެކެ ރުޅިގަދަވާ ސަބަބު ދާއިންއަށް މިހާރު ވިސްނެ އެވެ. 

އަނެއް ދުވަހަކީ ދާއިންއަށް ވަރަށް ދިގު ދުވަހެކެވެ. ކެތްކުރަން މަސައްކަތް ކޮށްކޮށް ކާމިޔާބު ނުވެގެން އެންމެ ފަހުން ދާއިން ޔޫހާއަށް ގުޅާލި އެވެ. ޔޫހާ ޖަވާބެއް ނުދެ އެވެ. ދެން އަދި އަމުދުން މާ ބޮޑަށް ހާސްވި އެވެ. ކަމެއް ދިމާވީ ބާއޭވެސް ހިތަށް އެރި އެވެ. ރުޅި އައީބާއޭ ވެސް ހިތަށް އެރި އެވެ. ދެފަހަރަކު ގުޅާލުމުން ވެސް ޔޫހާ ޖަވާބެއް ނުދެ އެވެ. ދާއިންގެ މުޅި ދުވަސް ހޭދަވެގެން ދިޔައީ ހާސްކަމުގެ ތެރޭގަ އެވެ. އެކަން އެންމެ ކުރީން ފާހަގަ ކުރެވުނީ މާހިން އަށެވެ. އިއްޔެގައި ދާއިން ބޭރަށް ދިޔައީއްސުރެ މާހިން އެ ހުންނަނީ ސުވާލު ކުރާނެ ފުރުސަތަކަށް ބަލަބަލަ އެވެ. އެންމެ ފަހުން، ދާއިން ކޮޓަރިއަށް ވަތްތަނާ މާހިން އެތެރޭ ދޮރުން ވަދެގެން އައިސް ދާއިން އަތުލައިގެންފި އެވެ.

" ކޮންކަމަކާ އެހާ ކަންބޮޑު ވެގެން ތިއުޅެނީ...! ތެދަށް ބުނައްޗޭ!"
ކޮއްކޮ އަމުރު ކޮށްލި ގޮތުން އޮޅުވާލުމުގެ ފުރުސަތުވެސް ގެއްލިއްޖެ އެވެ. ދާއިން ސޯފާއަށް ވެއްޓި ގަންނަމުން ނިއްކުރީގައި ހިފަހައްޓާލި އެވެ. އޭނާ ވެސް މިވަގުތު ބޭނުން ވަނީ އެވާހަކަ ކޮންމެވެސް މީހަކާ ހިއްސާ ކޮށްލާށެވެ. ފަހަރެއްގައި ކޮއްކޮގެ ރަނގަޅު ޚިޔާލެއްވެސް އޮވެދާނެ އެވެ. ދާއިން ޔޫހާގެ ވާހަކަ ފެށުނީއްސުރެ ނިމެންދެން މާހިންއަށް ކިޔައިދިނެވެ. އެހެން ނަމަވެސް ބައްޕައާ ބެހޭ ގޮތުން ޔޫހާ ބުނި ބައެއް ވާހަކަ ކޮއްކޮ ގާތުގައި ނުބުނީ ކޮއްކޮގެ ހިތް ބައްޕަގެ މައްޗަށް އިތުރަށް ކިލަނބު ކުރަން ބޭނުން ނުވާތީ އެވެ. ބޭބެގެ ވާހަކަ އަޑު އަހާފައި މާހިން ރަނގަޅު ޚިޔާލެއް ދިނެވެ. ދާއިން ވެސް އެ ޚިޔާލަށް ތާއީދު ކުރިއެވެ. މާދަމާ ޔޫހާއާ ބައްދަލު ކުރަން ދާނީ މާހިން އެވެ. 

ރޭގަނޑުގެ ކެއުމުގައި އާއިލާއާ އެކު ދާއިންއަށް ބައިވެރި ވާން ޖެހުނެވެ. ބައްޕަ އެކުދީންނާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުން ކަމަށް މަންމަ ބުނެފައި ވާތީ މިރޭ އެގަޑީގައި ފިލާކަށް ދާއިންއަކަށް ނުކެރުނެވެ. މިރޭ މާހިންވެސް ހުރީ ބައްޕައާ އެކު ކާން އަރާ ހިތަކުންނޫނެވެ. އެހެން ނަމަވެސް ބައްޕަ ގޭގައި ހުންނަ ރެއެއްގައި ބައްޕައާ އެކު ކުދީން ކެއުމުގައި ބައިވެރި ވުމަކީ ދުވަސްވީ އާދަ އެކެވެ. 

ކާމޭޒު ދޮށަށް ވެރިވެފައިވާ ހަމަހިމޭންކަން ޖައުފަރަށް ފާހަގަ ކުރެވުނެވެ. ދާއިން މާލެ އައިއިރު ހުރި އުފާވެރި ގޮތެއް މިހާރަކު އޭނާގެ މޫނު މައްޗަކުން ނުފެނެ އެވެ. ވާނީވެސް އެހެން ނެވެ. ބޭރުގެ ހަލަބޮލި ކަމުގެ ތެރޭގައި ދުވަސްތަކަކު އުޅެފައި އައިސް ގޭގައި ކަމެއް ނެތި އިންނަން ވީމައި ވާގޮތެވެ.

" ބައްޕަ ބުނަން މިއުޅޭ ވާހަކައަކީ...ދެބޭންވެސް ދެން އަވަހަށް ރަނގަޅު ކުއްޖަކު ހޯދައިގެން އިންނަން އުޅޭށޭ!"
ކުއްލިއަކަށް ބައްޕަ އެފެށި ވާހަކައަކުން ދާއިންއާ މާހިންގެ އިތުރުން މަންމައަށް ވެސް އުނދަގޫވި އެވެ. އެހާ ސީރިއަސްކޮށް އެކަހަލަ ވާހަކައެއް ކުރީން ދުވަހަކުވެސް ބައްޕަ ނުދައްކަ އެވެ. 
" އެކަމަކު މިގެއަށް ގެންނަން ވާނީ މިގެއާ އެކަށީގެންވާ ވަރުގެ ކުއްޖެއް! އަހަރުމެންގެ އާއިލާގެ ރީތިނަން ދެމެހެއްޓޭ ވަރުގެ އާއިލާއެއްގެ ކުއްޖެއް! "
ބޮޑުތާ ޖެހުނީ އެވެ. އަބަދުވެސް އަމިއްލަ ނަފްސަށް ފަޚުރުވެރި ވުން އެއީ ބައްޕަގެ ކަށީގައި ހިފާފައިވާ ސިފަ އެކެވެ. ކާން އިން މާހިން ބޭބެއަށް ކަޅިއެއް އެއްލި އެވެ. 

" އެހެންވިއްޔާ ތި ފެންވަރުގެ ކުއްޖަކާ ދިމާއަށް ނޫނީ ބަލާލަން ނުކެރިފަ ހުއްޓާ އަހަރުމެންގެ އުމުރު ހުސްވެގެން ދާނީ، ދޯ ކޮއްކޯ!"
ދާއިން ސަމާސައަކަށް ހަދާފައި ބުންޏެވެ. 
" ގިނަ އަންހެން ކުދީންނާ ރައްޓެހި ވުމަކީ ގޯހެއް ނޫން... ކައިވެނީގެ ކުރީން ގިނަ ތަޖުރިބާ ތަކެއް ކުރުމަކީ މިޒަމާނުގަ މުހިއްމު ކަމެއް... ބައްޕަ މިބުނީ އެކީގަ ދިރިއުޅޭނެ ކުއްޖާގެ ހުންނަންވީ ޝަރުތު... އެންޖޯއީ ކުރާކަށް ޝަރުތެއްނެތް!"
ޖައުފަރު އަނގައަށް މަޝްރޫމެއް ލަމުން ހިނިގަނޑެއް ޖަހާލި އެވެ. ދާއިންއަށާ މާހިންއަށް ވެސް ބަލާލެވުނީ މަންމައާ ދިމާއަށެވެ. މަންމަ އިސްޖަހާލައިގެން އިނީ ލަދުންނެވެ. ބައްޕަގެ "ކޫލް" ކަން މިހާރު އެވަނީ އިންތިހާއަށް އަރާފަ އެވެ. އެއީ މައިން ބަފައިން ދަރީންނަށް ދޭންވާނެ ނަސޭހަތެއް ހެއްޔެވެ! މަންމަ އެކުދީންނަށް ބުނެދެމުން އައި އެއްޗަކާ ބައްޕަގެ ވާހަކަ ތަފާތެވެ. މަންމަ އަބަދުވެސް ބުނަނީ ތަފާތު އެކި މީހުންނާ ގުޅުން ނުބާއްވާ ކައިވެނި ކުރަން ކަމުދާ ފަދަ ދީނީ ކުއްޖަކު ހޯދައިގެން ނޫނީ ރައްޓެހި ނުވުމަށެވެ. މަންމަ ބުނެދިނީ، ލޯތްބަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށެވެ. އަމިއްލަ ނަފްސާ ހަށިގަޑަކީ އަގުބޮޑު އެއްޗަކަށް ހެދުމަށެވެ.

"ފިރިހެނެއްވިއްޔާ ގިނަ ރިލޭޝަންޝިޕް ތަކެއް އޮތުން އެއީ މައްސަލައެއް ނޫން، އެކަމަކު އިންނަން ވާނީ ބައްޕައަށް ކަމުދާ ކުއްޖަކާ!" 
ބައްޕަ ތެދުވެގެން ދިއުމުގެ ކުރީން ހިނިތުން ވެލަމުން ބުނެލި އެވެ. ބައްޕަގެ ފަހަތުން މަންމަވެސް ނުކުތެވެ. އެމީހުން ނުކުންނަ އިރަށް މާހިން ބޭބެއަށް ޖެއްސުން ކޮށްލި އެވެ.
" އެހެންވީމަ މާދަމާގެ މިޝަން ކެންސަލް! ބައްޕައަކަށް ޔޫ..ޔޫ... ކަމަކު ނުދާނެ!"
" ޝަޓްއަޕް! "
ދާއިން ކޮއްކޮގެ ބުރަކަށީގައި ޖަހާލި އެވެ. އޭނާ ހުރީ ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ބައެއްފަހަރު ކޮއްކޮ ކަންތައްތަކާ ދޭތެރޭގައި ސީރިއަސް ނުވިއަސް ބައްޕަގެ އެވާހަކައާ ދޭތެރޭގައި ދާއިން ވަރަށް ކަންބޮޑުވި އެވެ.

އަނެއް ދުވަހުގެ ހެދުނުގެ ނާސްތާ އަށް ފަހު ދާއިން ޔޫހާއަށް ގުޅީ މާހިންގެ ފޯނުންނެވެ. ހަމަ ގުޅާލާ އިރަށް ޔޫހާ ފޯނު ނަގައިފި އެވެ. މާހިންގެ ފޯނު ޔޫހާ ނެގުމުން ދާއިން ވަރަށް ޙައިރާން ވިއެވެ. އޭނާ އަވަސް އަވަހަށް މާހިންގެ އަތަށް ފޯނު ދިނެވެ.
" ހަލޯ!"
މާހިން ބުނެލި އެވެ. ޔޫހާވެސް ޖަވާބު ދިނެވެ. މާހިން އެދުނީ ވަރަށް ބޮޑުކަމެއް އޮވެގެން ބައްދަލު ކޮށްލުމަށެވެ. އެންމެ ފުރަތަމަ ޔޫހާ ދެކޮޅު ހެދި އެވެ. އެހެން ނަމަވެސް ޔޫހާއަށް ރައްދު ކުރުމަށް ހަވާލު ވެފައިވާ އެއްޗެއް އޮތް ކަމަށް ބުނުމުން ހޮސްޕިޓަލްގެ މެޑިކަލް ވޯޑްގެ ރިސެޕްޝަން ކައިރިން ބައްދަލު ކުރަން ޔޫހާ އެއްބަސްވި އެވެ. ޔޫހާ ދާއިންގެ ނަންބަރުން ގުޅީމައި ޖަވާބު ނުދީ މާހިންގެ ފޯނަށް ޖަވާބު ދިނީތީ ދާއިން ވަރަށް ދެރަވި އެވެ. އެހެން ވިއަސް ޔޫހާ އެހާލުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ދާއިން ކުރާނެ އެވެ.

ހޮސްޕިޓަލްގެ މެޑިކަލް ވޯޑް ގެ ރިސެޕްޝަން ކައިރިއަށް ގޮސް މާހިން ޔޫހާއަށް ގުޅާލި އެވެ. ފޯނުގައި ހުރެގެން ނުކުމެ ޔޫހާ ބަލާލި ވަގުތު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރިސެޕްޝަން ކައިރީގައި ހުރި ޒުވާނާ އެވެ. ތެދު، ރީތި ހަށިގަނޑެކެވެ. ތުނިކޮށް ސްޓައިލް ކޮށްލާފައިވާ ތުބުޅީގެ ސަބަބުން އޭނާގެ ފިރިހެން ވަންތަ ރީތި މޫނަށް އިތުރު އުޖާލާ ކަމެއް ގެނެސްދީފައި ވެއެވެ. ކޮންމެވެސް ދަންނަ މީހަކާ ވައްތަރު ގޮތެއް އެބަހުއްޓެވެ. ކޮންމެވެސް މީހަކު ހަނދާނަށް އަންނަހެން ހީވާ ފަދަ އުނދަގޫ ގޮތެއް ވެފައި ޔޫހާއަށް މާހިންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. މާހިން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދެކޮޅު ބަލާލި ވަގުތު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޔޫހާއާ ހަތަރު ކަޅި ހަމަވެގެން ދިއަ އެވެ. އެވަގުތު އެ ޒުވާނާގެ ތޫނު ވިދުވަރެއްފަދަ ދެލޯ ވިދާލި ގޮތުން ފުރަތަމަ ނަޒަރުންވެސް ޔޫހާއަށް އެޒުވާނާ ހާއްސަވެއްޖެ އެވެ. ޔޫހާ ފެނިފައި މާހިންއަށް ވެސް ހުއްޓުން އެރި އެވެ. ބޭބެ އެބުނާ ކުއްޖަކީ އެއީ އެވެ. އެހެނަސް އެ ފޮޓޯގައިވާ އަންހެން ކުއްޖާ އަށް ވުރެ ހަމަ ލޮލަށް ފެންނަ އިރު ޔޫހާ ހާދަހާ ތަފާތެވެ. އޭނާގެ ރީތިކަން އެތައް އެތައް ހާސް ގުނައެއް އިތުރެވެ. އެންމެ ބަލާލުމަކުންވެސް ހިތް ކަތިލާ ފަދަ ފުރިހަމަ ކަމެކެވެ. 

ކޮމެންޓް 0