އިރުކޮޅެއްގެ ފަހުން ނަރުސް ކުދީން ނުކުމެ ސްކްރީން ކަހާލި އެވެ. އެވަގުތު އެނދުގައި އޮތް އަންހެން ކުއްޖާ ނިކަން ރީތިކޮށް އެ ދެބޭންނަށް ފެނުނެވެ. މާހިން ދެލޯ ބޮޑުކޮށްގެން އެ ކުއްޖާއާއި ދިމާއަށް ފަރުވާތެރި ކަމާއެކު ބަލާލި އެވެ. ޤަބޫލު ނުކުރެވިފަ އެވެ.
" މަރީ!"
އެއީ ކާކުކަން ޔަޤީންވި ހިނދު މާހިންގެ މޫނު ރަތްވެގެން ދިއަ އެވެ. މާހިން ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ. ދާއިން އެނދާ ދިމާއަށް ހިނގާފައި ގޮސް ލޯ މަރާލައިގެން އޮތް ޒުވާން އަންހެން ކުއްޖާގެ ގާތަށް ހުއްޓުނެވެ. އެއީ ރާއްޖޭ ކުއްޖެއްކަން ޔަގީނެވެ. އެހެން ނަމަވެސް އެއީ އެމީހުން ހޯދާ ކުއްޖާ ކަމެއް ނޭގެއެވެ. ދާއިންގެ ހިޔަނި އެޅިގެން އެކުއްޖާ ލޯ ހުޅުވާލި އެވެ. ގާތުން މީހަކު ފެނުމުން އޭނާ ބަލަހައްޓައިގެން އޮތީ ޙައިރާން ކަމާއި އެކުގަ އެވެ. އޭނާގެ މޫނު މަތީގައި ވަނީ ބަލީގެ އަސަރެވެ. ލޯ ކައިރިން މޫނުމަތިން ބައެއް ނޫފައި ގެންފައި ހުއްޓެވެ.
" ލޫނާ!"
ދާއިން މަޑުމަޑުން ކިޔާލި އެވެ. އެއަޑު އިވިފައި ވެސް އެ ކުއްޖާ އަށް ބަދަލެއް ނާދެ އެވެ. ހަމަ އެއޮތް ގޮތަށް ކަޅި ޖަހާނުލާ ދާއިން އަށް ބަލަން އޮތީ އެވެ. ދާއިންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެއީ ލޫނާއެއް ނޫން ބާއެވެ.
" ތީ ދިވެއްސެއްތަ؟"
ދާއިން ދިވެހިން ބަހެއް ބުނެލި އަޑު އިވުނު ހިނދު އެ ކުއްޖާގެ މޫނު މަތި އުޖާލާ ވެގެން ދިއަތަން ދާއިންއާއި މާހިން އަށް ވެސް ފެނުނެވެ.
" ތީ ލޫނާތަ؟"
އަނެއްކާވެސް ދާއިން އަހާލި އެވެ.
ލޫނާ އަވަސް އަވަހަށް ބޯ ޖަހާލި އެވެ. ނަސީބުގެ ހުޅުކޮޅެއް ދިއްލިއްޖެހެން ހީވެ އެވެ.
ދުރުގައި ބަލަން ހުރި މާހިންގެ ނިއްކުރި މައްޗަށް ރޫ ގިނަވެގެން ދިއަ އެވެ. އެއީ ލޫނާ ހެއްޔެވެ! އެއީ މަރީ އެވެ. މާހިންއަށް ޔަޤީނެވެ. މާހިން އެތައް ފަހަރަކު އޭނާގެ ތަސްވީރު ވަނީ ދެކިފަ އެވެ. އެއީ މާހިންގެ ހިތުގައި އިންތިހާއަށް ނަފްރަތު އުފެދިގެން ދިޔަ ސޫރަ އެކެވެ. އެއީ ވިޔާނުދާ ކުއްޖެއް ކަމަށް މާހިން ޤަބޫލު ކުރި ކުއްޖެކެވެ. އެއީ ފައިސާގެ ދަހިވެތި ކަމުގައި ޒުވާންކަން ވިއްކާލަން އުޅޭ ކަމަށް މާހިން ޤަބޫލު ކުރި އަންހެނެކެވެ. އެއީ ފައިސާއަށް ޓަކައި މުސްކުޅިއަކާއި އިންނަން ނިންމި މީހެކެވެ. އެއީ މާހިންގެ ބައްޕަ ކައިވެނި ކުރަން ރާވަމުންދާ މަރީ އެވެ!
ދާއިން އާއި ދިމާއަށް ބަލަން އޮތް ލޫނާގެ ލޮލުން ކަރުނަ އޮހޮރި ގަތެވެ. އޭނާއަށް ކޮންޓްރޯލް ނުވީ އެވެ. ދާއިން ކައިރީގައި ހުރި ގޮނޑި ދަމާލާފައި ލޫނާގެ އެނދާ ގާތް ކޮށްލަމުން އިށީނެވެ. މާހިން ވެސް މަޑުމަޑުން އައިސް ދާއިންގެ ފަހަތުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ހިތް ލޫނާއަށް ކިލަނބު ވެފައި ވީ ނަމަވެސް މިވަގުތު މީ އެކަން ހާމަ ކުރަން ރަނގަޅު ވަގުތެއް ނޫނެވެ.
ދާއިން ލޫނާ އާއި އެތައް ސުވާލެއް ކުރަން ބޭނުން ވިއެވެ. ޔޫހާ އާއި ބެހޭ ގޮތުން އަހާ ހިތުން އޭނާގެ ހިތް ވަނީ ނުތަނަވަސް ވެފަ އެވެ.
" އެކްސިޑެންޓެއް ވީތަ؟"
ދާއިން ދުރުދުރުން އެހި އެވެ. ލޫނާ އޭނާގެ އަތްތިލައިގެ ނުފުށުން ދެލޯ ފޮހެލީ ކަރުނަތައް ކޮންޓުރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.
" ޕޮލިހަށް ފިލަން ދުއްވަނިކޮށް ބަސް ކޯރަށް ވެއްޓުނީ!"
ލޫނާ އޮތީ ގިނަ ވާހަކަ ތަކެއް ދައްކަން ބޭނުން ވެފަ އެވެ.
"އަޅުގަނޑުގެ މަންމަ އޮތީ ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ، ބޮލުގެ އޮޕަރޭޝަން އަކަށް ފަހު ކޯމާ އަކަށް ގޮއްސަ، އަޅުގަނޑުގެ ދައްތަ...."
އެހާ ހިސާބަށް ބުނެފައި ލޫނާއަށް ހުއްޓާލެވުނެވެ. އޭނާ އަށް ރޮވުނީ އެވެ. ދައްތައަށް ވީގޮތެއް އޭނާއަކަށް ވެސް ނޭގެއެވެ. ދާއިންއާއި މާހިން ވެސް ތިބީ ޔޫހާގެ ވާހަކަ އަޑުއަހަން ކެތް މަދުވެފަ އެވެ.
" ބޮޑުބޭބެ އުޅުނީ އަހަރެންވެސް ކޮންމެސް ބަޔަކަށް ވިއްކާލަން... ދައްތައަށްވެސް ހެދީ އެހެން....!"
ލޫނާއަށް ގިސްލެވެން ފަށައިފި އެވެ.
" އަހަރެން ގެއަށް ދިޔައިރު ދައްތައެއް ނެތް.... ނޭގެ ވީ ގޮތެއްވެސް. އޭގެ ފަހުން ޚަބަރެއްވެސް ނުވޭ...! ކިހިނެއް ހަދާނީ!"
ލޫނާ ހިތުގައި ޖެހިފައިވާވަރު ފެނުމުން މާހިންގެ ހިތުގައި ވެސް ރިހެން ފަށައިފި އެވެ. ދާއިން ކެތްކޮށްލައިގެން އެވާހަކަތައް އަޑުއަހަން އިނެވެ.
" މަންމައަށް ޚަރަދު ކުރާނެ ފައިސާ ނެތިގެން ބޮޑުބޭބެ ފައިސާ ނެގީ މިތާ މީހެއްގެ އަތުން. ޝަމްޝުއްދީން އަތުން. އެމީހާ އެ ފައިސާ ދިނީ ދައްތަ އޭނަޔާ ކައިވެނި ކުރާ މަތީން. މާލޭން މިކޮޅަށް އައުމުގެ ކުރީން ދައްތަ އެމީހާއާ ކައިވެނި ކުރަން ރަންކީ....!"
ދާއިން ގަދަކަމުން ހިންދިރުވާލިތަން ފެނުނެވެ. އެއީ މާހިންއަށް އެނގިފައިވާ ވާހަކައެއް ނޫނެވެ. ހީވާ ގޮތުން ބޭބެއަށް ވެސް އެކަން އެ އެނގުނީ އަދި ކިރިޔާ އެވެ.
" އެކަމު އޭގެ ފަހުން އެހެން މީހަކު އަހަރުމެންނަށް ވަރަށް ގިނަ ފައިސާދިން.... ދެން އަހަރުން އުޅުނީ މަންމަ ރަނގަޅުވީމަ ބާކީވާ ފައިސާއިން ޝަމްސްގެ ފައިސާވެސް އަދާ ކޮށްފަ ދައްތަ އެކަމުން ސަލާމަތް ވާން.... އެކަމު...!"
ލޫނާ މެދުކަނޑަމުން ވާހަކަ ކުރިއަށް ގެންދިއަ އެވެ.
" އެކަމު، މަންމަ ގެ ހާލު ރަނގަޅު ވާގޮތެއް ނުވި. ހޮސްޕިޓަލްވެސް ރަނގަޅެއް ނޫން....! ޝަރީފްބޭ ވަރަށް ގޯސް. ދައްތަ ގެއްލުނު ފަހުން ބޮޑުބޭބެ އައިސް ބުނީ ދައްތަ މިހާރު އެމީހާއާ އިނދެގެން އުފަލުގަ އުޅެން އެދިޔައީއޯ. ޝަރީފްބޭ ދައްތައަށް މަޖުބޫރު ކުރީ....! އެއީ ވަރަށް ހުތުރު މީހެއް. ބިރުވެރި. ދައްތަ ކިހާ ދެރަވާނެ! "
ލޫނާ ތުން ފިއްތާލި ގޮތުން މާހިންއަށްވެސް އަސަރު ކުރިއެވެ. ލޫނާގެ މައްޗަށް މާހިންގެ ކިލަނބު ވެފައިވާ ހިތް މަޑުމަޑުން ގޮސް ރަޙުމުން ފުރާލައިފި އެވެ.
އުޑުމަތީގައި ގިނަވަމުން ދިޔަ ކަޅު ވިލާތަކަށް ނަޒަރު ހުއްޓާލައިގެން، ކުޑަ ދޮރުގެ ކައިރީގައި ޔޫހާ ހުއްޓެވެ. އޭނާގެ ދިރި އުޅުމަކީވެސް ހަމަ އެފަދަ އެއްޗެކެވެ. ބަނަވެ އަނދިރި ވެފައިވާ އޭނާގެ ދިރި އުޅުމުގައި އަލިކަމެއް ފެންނާނެ މަގެއް ދެން ނެތެވެ. މިހާރު އޭނާ އުއްމީދުވެސް ކަނޑާލައިފި އެވެ. ސާރާއަށް އާދޭސް ކޮށްގެން ނާމީއަށް ގުޅާލެވޭނެ ގޮތެއް ވޭތޯ ބަލަން ވެސް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ސާރާ އޭނާއަށް ކިތަންމެ ހެޔޮ ނަމަވެސް އެކަން ކޮށްދޭން މަސައްކަތް ކުރަންވެސް ސާރާ އަކަށް ނުކެރުނެވެ. ސާރާގެ ނަސޭހަތަކީ ޔޫހާ ދެން އެކަމާ ނޫޅުމެވެ. އަދި މިތަނުގައި ކެތްކޮށްލުމެވެ. ޔޫހާ އަށް ދެން އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ސާރާ ތަކުރާރުކޮށް ބުނަމުން ދިއަ އެވެ. މާދަމާ އަކީ އޭނާ ޖެހިގެން އެހެރަ "ބްރޯތަލް" އަށް އިއްޒަތުގައި އެތެރެ ކުރެވޭ ދުވަހެވެ. މިހާރުވެސް ވަނީ އޭނާގެ ތަސްވީރަށް ގިނަ ހުށަހެޅުން ތަކެއް އައިސްފަ އެވެ. އަދިވެސް އިއްފަތްތެރި އެ އަންހެން ކުއްޖާގެ ފުރަތަމަ ރޭގެ ނީލަން ކުރިއަށް ދަނީ އެވެ. ކުރީން ޝަމްސްގެ ކައިރިން ގަދަ ހެދި ނަމަވެސް މިފަހަރު އެތަނުގައި އޭނާއަކަށް ގަދައެއް ނެހެދޭނެ އެވެ. އެތަނަކީ އާދައިގެ ތަނެއް ނޫނެވެ. ހައި ކްލާސް ބްރޯތަލް އެކެވެ. މާދަމާގެ ވަގުތެއްގައި އޭނާ ކޮންމެވެސް މުއްސަދި މަހުޖަނެއްގެ ޝިކާރައަކަށް ވެ ނިމިދާނެ އެވެ.
ލޫނާ ހޮސްޕިޓަލް އިން ދޫކޮށްލި އިރު އިރު އޮއްސިއްޖެ އެވެ. ލޫނާ ގޮވައިގެން ދާއިންއާއި މާހިން ދިއައީ ލޫނާގެ މަންމަ އޮތް ހޮސްޕިޓަލް އަށެވެ. ޑޮކްޓަރ މައުލޫމާތު ދިން ގޮތުގައި ލޫނާ ނެތިސް މަންމަ ހޭ އެރި އެވެ. އަދި އެތަނުން އެހީތެރި އަކަށް އެދި އަންގާ އަންގާ ވެސް ޚަބަރެއް ނުވިކަން ހިތާމައާއި އެކު އެމީހުން ފާހަގަ ކުރި އެވެ. އަދި ގަޑިއެއް ހާއިރު ފަހުން އަނެއްކާވެސް ހައިފާގެ ހާލު ބޮޑުވެ ކޯމާއަކަށް ދިއައީ އެވެ. ޑޮކްޓަރ ބުނި ގޮތުން މިހާރު ހައިފާގެ ހާލު ކުރިއަށް ވުރެވެސް މާ ދެރަ އެވެ. ދެން ހޭ އަރާފާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. ކޮންމެ ވަގުތެއްގައިވެސް ވެންޓިލޭޓަރ ވެސް ހައިފާގެ ހަށިގަނޑު ރިޖެކްޓް ކޮށްފާނެ އެވެ. އެހެން ވެއްޖެނަމަ ދެން ހައިފާ މި ދުނިޔެއާއި ވަކިވާ ވަގުތު އައިސް ޖެހުނީ އެވެ. ލޫނާ ވީ ދެރައިން ބާރަށް ރޯން ފެށި އެވެ. އެ ފުރުސަތުގައި މަންމައާއި ހަތަރު ކަޅި ހަމަ ކޮށްލެވުނު ނަމަވެސް ކިހާ ހެޔޮ ހެއްޔެވެ! މަންމަ ހޭއެރި ވަގުތު އެއްވެސް މީހަކު ނެތީމައި މަންމައަށް ކުރެވޭނެ އިޙުސާސް ހިތަށް އަރާފައި އިންތިހާއަށް ލޫނާ ހިތްދަތި ވި އެވެ. އޭނާ ރޮމުން ރޮމުން ގޮސް ކައިރީގައި ހުރި މާހިންގެ މޭގައި ލެނގިލެވުނު އިރުވެސް ނޭގުނެވެ.
" މަންމަ ހީކުރާނީ.... އަހަރުމެން މަންމަ ދޫކޮށްލާފަ ދިއައީއޭ....! ކިހާ ދެރަވާނެ....! ކިހާ ބޮޑަކަށް މަންމަ އަހަރުމެން ދެކިލާ ހިތްވާނެ!"
ލޫނާގެ ގައިގައި މާހިންއަށް ހިފަހައްޓާ ލެވުނެވެ. ގޮތް ހުސްވެފައިވާ އެ ކުޑަ އަންހެން ކުއްޖާގެ ބުރަކަށީގައި އޭނާއަށް ފިރުމާލެވުނީ ބޭއިޚުތިއާރުގަ އެވެ.
ދާއިންވެސް ޤަބޫލު ކުރި ގޮތުގައި އެ ހޮސްޕިޓަލަކީ އެވަރުގެ އޮޕަރޭޝަނެއް ކުރަން ކަމުދާ ތަނެއް ނޫނެވެ. އަދި އެތަނުގެ އައިސީޔޫއިން ރަނގަޅު ފަރުވާއެއް ވެސް ނުދެވޭނެ އެވެ. ދެން އެމީހުން މަސައްކަތް ފެށީ ހައިފާ އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ. އެ ހާލަތުގައި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީވެސް ނުރައްކާތެރި ކަމެކެވެ. އެހެން ނަމަވެސް އެއީ ހަމަ އެންމެ ރަނގަޅު ގޮތް ކަމުގައި ލޫނާ ވެސް ޤަބޫލު ކުރި އެވެ. އެ ހޮސްޕިޓަލް އިން އެހެން ތާކަށް ހައިފާ ޝިފްޓް ކުރުމުގެ ހުއްދަ ލިބުނީވެސް ވަރަށް އުނދަގުލުންނެވެ. ބޮޑެތި އެއްބަސް ވުމުގައި ސޮއި ކުރަން ޖެހުނެވެ. ކުރިމަތިވެދާނެ ނުރައްކަލެއްގެ ޒިންމާ ބޮލުގައި އަޅަން ޖެހުނެވެ. އެހެން ނަމަވެސް އެނޫން ގޮތެއް ލޫނާ އަކަށް ވެސް ނެތެވެ. ދުޢާ އަކީ މާތް ﷲ ގެ ހެޔޮ ރަޙުމަތް ލެއްވުމެވެ.
ހައިފާ އެ ހޮސްޕިޓަލުން މަނީޕަރލް ހޮސްޕިޓަލަށް ބަދަލު ކުރެވެންދެން އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. މަނީޕަރލް ހޮސްޕިޓަލްގެ ކްރިޓިކަލް ކެއަރ ޔުނިޓަށް މަންމަ ބަދަލު ކުރުމަށް ފަހު އެތަނުގެ މޮޅެތި ޑޮކްޓަރުން މަންމައާއި ހަވާލު ވުމުން ލޫނާގެ ހިތުގައި އުއްމީދުގެ ވޮށެއް ދިއްލިގެން ދިއަ އެވެ. ﷲގެ ރަޙުމަތާއި އެކު މަންމަ ހެޔޮ ހާލުގައި އެނބުރި އަތުވެއްޖެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ! އެހެން ނަމަވެސް.... ދައްތައާއި ބެހޭ ގޮތުން މަންމަ ސުވާލު ކޮށްފިނަމަ އެދުވަހަކުން ލޫނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ!
މަޑު ތަންމަތީގައި ދެއަތަށް ފުރޯޅިލަ ފުރޮޅިލަ އޮއްވާ ޔޫހާގެ މުޅި ރޭގަނޑު ހޭދަ ވެގެން ހިނގައްޖެ އެވެ. މުޅީން އާ ދިރި އުޅުމަކަށް އިރު އަރަނީ އެވެ. ދިރި އުޅުމަށްޓަކައި އޭނާ ދުށް ރީތި ހުވަފެންތައް ކޮބައި ހެއްޔެވެ! އޭނާ ބޭނުން ވީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާށެވެ. ލޯބިވެރިޔަކާއި ދޭތެރޭގައި ވިސްނާލަން ވެސް އޭނާ ކަނޑައަޅާފައި ވަނީ އޭގެ ފަހުގަ އެވެ. ލޯބިވެރިއެއްގެ ނަން ހިތަށް ވަނުމާއި އެކު ވިސްނާލެވުނެވެ. ދުވަހަކުވެސް އޭނާގެ ހިތް އެއްވެސް މީހަކަށް އެދުނު ބާ އެވެ! އެވަގުތު އޭނާގެ ހިތުގައި ހީލި ކެރުވުމެއް އުފެދިގެން ދިއަ އެވެ. ކުރީން އޭނާ އެފަދަ ނަޒަރަކުން އެއްވެސް އިންސާނަކާއި ދިމާއަށް ބަލާލާފައި ނުވި ނަމަވެސް އެންމެ ހާސް ކަމުން ހިތް ފުރިގެން ދިއަ ދަނޑިވަޅުގައި އޭނާގެ ހިތުގައި ވަނީ ތަސްވީރެއް ކުރެހިފަ އެވެ. އެކަމާ ރަނގަޅަށް ވިސްނާލާނެ ދަޑިވަޅެއް ނުލިބުނު ނަމަވެސް އެ ތަސްވީރު އަދިވެސް ވަނީ އޭނާގެ ހިތުގެ އެންމެ އަޑީގައި ބިންވަޅު ނެގިފަ އެވެ. އޭނާއަށް ނޭގިނަމަވެސް އޭނާގެ ހިތް ވަނީ އެ އިންސާނާއަށް ލެނބި ނިމިފަ އެވެ. އެ ތަސްވީރު ވަނީ އެހިތުގައި ލޯބީގެ އިޙުސާސް އުފައްދާފަ އެވެ. އެއީ މަޢުޞޫމް ރީތި އަލި މޫނެކެވެ. އޯގާތެރި އަޑެކެވެ. ފިރިހެން ވަންތަ ހަށިގަނޑެކެވެ. ތޫނު ފިލި ދެލޮލެވެ. ޔޫހާއަށް ދުވަހަކު އެކަން ކާމިޔާބު ނުވިއަސް، އަދި ދުވަހަކު އޭނާއާއި ދިމާ ނުވިއަސް އޭނާ ވާނީ އަބދުވެސް ޔޫހާގެ ހިތުގެ ރަސްގެފާނަށެވެ. އެއީ ދާއިން އެވެ.
ދާއިންއާއި އެކުގައި ހޭދަވި މަދު ވަގުތުތަކުގެ ކޮންމެ ސުކުންތެއް ވަކިވަކީން ޔޫހާގެ ހަނދާނަށް ގެންނަމުން ދިއަ އެވެ. މިއަދަށް ފަހުގައި ދާއިންއާއި ދޭތެރޭގައި ވިސްނާލުމަކީވެސް ޔޫހާއަށް ވާނީ ހުތުރު ކަމަކަށެވެ. އެހެނަސް ދާއިންގެ ޚިޔާލު ތަކާއި އޭނާއަށް ދުވަހަކުވެސް ވަކި ވެވިދާނެ ބާއެވެ! ދާއިންއަކީ އޭނާގެ ފުރަތަމަ ލޯބީގެ އިޙުސާސެވެ. އޭނާ ދިރި ހުރިހާއި ދުވަހަކު ދާއިން އޭނާއާއި އެކުގައި ވާނެ އެވެ. ފޮނި އިޙުސާސެއްގެ ގޮތުގަ އެވެ.
ނާމީ ހޮޓަލްގެ ރޫމުން ނުނިކުމެ އޮންނަތާ ދެދުވަސް ވީ އެވެ. ދުވަހަކުވެސް ބޮޑު ފިކުރެއް ކޮށްފައި ނުވާ ނާމީގެ ބޯ ހާސްވި ވަރުން އޭނާއަށް ކެތް ނުވީ އެވެ. ކޮޓަރީގައި އޮވެގެން އަގުބޮޑު ބުއިން ތަކުގެ އެހީގައި ސިކުނޑި ހަމަ ޖައްސަން އުޅެ އުޅެވެސް މިފަހަރު ކާމިޔާބެއް ނުވި އެވެ. ދެން ހަދަން ވީ ގޮތް ވިސްނިއްޖެ އެވެ. އާންމުކޮށް އޭނާ ހިތްހަމަ ޖައްސާލަން ގެންގުޅޭ އުސޫލު ކޮބައި ހެއްޔެވެ!
ދޮރުދަށުން ކޮޓަރީގެ ތެރެއަށް ކޮއްޕާލާފައި އެވާ ނޫހުގައި ވާ އިސްތިހާރަށް އޭނާ ބަލާލި އެވެ. " ގޯ ބޭބީ ގޯ" ގައި އޭނާއަށް ޓަކައި އަގުބޮޑު ހަދިޔާއެއް ތައްޔާރު ކުރެވިފައި އެބަ ވެއެވެ. އެ "ހައި ކްލާސް ބްރޯތަލް" ތަންކޮޅެއް ދުރު ނަމަވެސް އެއީ ބެންގަލޫރުގެ އެންމެ އެންމެ ނަން މަޝްހޫރު އެއްތަނެވެ. އެތަނުގެ ރަހަގަނޑުވެސް ތަފާތު ވާނެ އެވެ. ހާއްސަކޮށް ތަސްވީރުން އެފެންނަ ހޫރުޕަރީއެއް ފަދަ އަންހެން ކުއްޖާއަކީ އޭނާގެ ހުރިހާ ބޮލުގަ ރިހުމެއް އެއްފަހަރުން ފިލުވާލާނެ ކުއްޖެކެވެ. އަގު ކިތަންމެ ބޮޑަސް ވަރިހަމަ އެވެ. މިވަގުތު ބޭނުމީ އެކަހަލަ "ފްރެޝް" ތާޒާ އަންހެނެކެވެ.
ނާމީ އެ ނަންބަރާ ގުޅާލި އެވެ. ގަޑި ހަމަވުމުގެ ކުރީން ބުކިންގް ހަދަން ބަލާލިއިރު އެ ޒުވާނާގެ އަގު ވަރަށް ބޮޑެވެ. ދުވަހަކުވެސް އެވަރުގެ އަގެއްގައި އޭނާ ސްލޮޓެއް ގަނެފައެއް ނުވެ އެވެ. އެހާ ބޮޑު އަގެއްގައި ދާ ނީލަމެއް ކާމިޔާބު ކުރުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވެގެން ދިއަ އެވެ. މިހާރުގެ އަގަށް ދެގުނަ އިތުރު ކޮށްލަމުން ނާމީ އެ ނީލަން ކާމިޔާބު ކޮށްފި އެވެ. ދެން އޮތީ އެ އަގުބޮޑު ޖާފަތުން ރަހަބަލާލުމުވެ. މިހާރުވެސް ނާމީގެ ސިކުނޑި ތާޒާ ވެއްޖެ ހެން ހީވެ އެވެ.