ފްރީޒަރުގެ ތެރެއަށް ދެއަތް ކޮއްޕާލުމަށް ފަހު އެ ކޮތަޅުގައި ދެއަތުން ހިފާ ދެފަރާތަށް ބާރަށް ދަމާލުމުން ކޮތަޅު ފަޅައިގެން ދިއަ ވަގުތު ކޮތަޅުގެ ތެރެއިން ފުންމައިގެން، ބޭރުވެގެން ދިއައީ ހަރުވެ ދަނޑި އަރާފައިވާ އިންސާނެއްގެ އަތްތިލަ އެވެ. މާހިން ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނު ގޮތަށް ދެފައި ކޮޅުން ވަރުދޫވެގެން ތަޅުން މައްޗަށް ތިރިވެއްޖެ އެވެ. މާހިންއަށް ވާނުވާ އެނގުނީ ވެސް އިރު ކޮޅެއްގެ ފަހުން ނެވެ. އޭނާ އެންމެ ބޮޑަށް ބިރުގަތީ އެ ކޮތަޅުގައި މަރާލާފައި ވާ އިންސާނެއްގެ މަސްގަނޑު އޮތުމަކުން ނޫނެވެ. އެއީ ޔޫހާއަށް ވެދާނެތީ އެވެ. އެފެނުނު އަތުގެ ބައި ފެނުމަކުން އެއީ އަދި ޔޫހާ ކަމެއް ޔަޤީނެއް ނޫނެވެ. އެހެން ނަމަވެސް އެ ކޮޓަރީގައި ހުރީ ޔޫހާ ކަން ޔަޤީން ވަނީ އެވެ.
ކޮއްކޮގެ ޚަބަރެއް ނުވެ އިރު ކޮޅެއްވުމުން ދާއިންގެ ހިތް ބިރުގަންނަން ފަށައި ފިއެވެ. ޔޫހާގެ ޚަބަރެއް ވޭތޯ އިންތިޒާރު ކުރަމުން ދިޔަ ދާއިންގެ ހިތުގައި އިތުރު ބިރުވެރި ކަމެއް އުފެދިގެން ދިއަ އެވެ. ކޮއްކޮގެ ޚަބަރެއް ނުވެ އެހާ ލަސްވަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ކޮއްކޮއަށް ކަމެއްވީ ބާއެވެ! ބެލްކަނީ އާއި ދިމާލުގައި އިރު ކޮޅަކު މަޑުކޮށްފައި ދާއިންއަށް އަނެއްކާވެސް ބާރަށް ހިނގައި ގަނެވެނީ ބޮޑު ދޮރާއި ދިމާއަށެވެ. ބޮޑު ދޮރުން ބޭރު ބަލާލުމަށް ފަހު އަނެއްކާވެސް ދުވެފައި އައިސް ބެލްކަނީއާއި ދިމާއަށް ނިކުތެވެ. އިރުކޮޅެއް ވީއިރު ދެކޮޅަށް ދުވެ ދުވެ ވަރުބަލި ވާވަރު ވެއްޖެ އެވެ.
މާހިން ހިތްވަރު ކޮށްލާފައި ތެދުވި އެވެ. އޭނާ މަޑުމަޑުން ފްރީޒަރ އާއި ދިމާއަށް ހިނގައި ގަތީ ހިތްވަރު ގަދަ ކުރަން އަޒުމު ކަނޑަ އަޅައިގެންނެވެ. އެ ކޮތަޅުގެ ތެރޭގައި މަރާލުމަށް ފަހު ރައްކާކޮށްފައި ވަނީ ކޮން އިންސާނެއްތޯ ބަލާލަން ބޭނުން ވިއެވެ.
ދާއިން އަނެއްކާވެސް އައިސް ބޮޑު ދޮރުގެ ޕީޕް ހޯލުން ބޭރު ބަލާލީ ކޮއްކޮ އެކޮޓަރީން ނުކުމޭތޯ ދުޢާ ކުރަމުންނެވެ. އެހެން ނަމަވެސް އޭނާ އަށް ފެނުނު މަންޒަރަކުން ތެޅި ގަނެވުނެވެ. ބޮޑު ހަތަރު ފިހެނުން އެ ކޮޓަރި އާއި ދިމާއަށް ހިނގާފައި އަންނަނީ އެވެ. އެމީހުން އެއުޅެނީ ކޮއްކޮ ހުރި ކޮޓަރީގެ ތެރެއަށް ވަންނާށެވެ.
މާހިން ފްރީޒަރގެ ކައިރިއަށް ހުއްޓި، ކޮތަޅުން ބޭރަށް ނުކުމެފައިވާ އަތްތިލައަށް ފަރުވާތެރި ކަމާއިއެކު ބަލާލި އެވެ. އޭގައި އޮތީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް އިނގޭނީވެސް އެކޮތަޅު ބޮޑަށް ހުޅުވާ ލެވިގެންނެވެ. ކޮތަޅާ ދިމާއަށް އަތް ދިއްކޮށްލި ވަގުތު ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު ކަންފަތުގައި ޖެހުމުން މާހިން އަށް ތެޅިގަނެވުނެވެ. ރަނގަޅަށް ވިސްނާލުމުން އެމީހުންގެ ފިޔަވަޅު ތަކުގެ މިސްރާބު ހުރީ އެކޮޓަރި އާއި ދިމާއަށް ކަން އެނގުނެވެ. ތެޅިފޮޅެމުން އަވަސް އަވަހަށް އެ ކޮތަޅުގެ މައްޗަށް މަސްތައް އަޅާލުމަށް ފަހު ފްރީޒަރ ގެ މަތި ލައްޕާލި އިރު ކޮޓަރީގެ ދޮރުގައި ބޭރުން ތަޅުދަނޑި ޖަހައިފި އެވެ. ބިރުން ގޮސް ދެން ހަދާނެ ގޮތެއް ނޭގިފައި މާހިން އަށް ހުރެވުނީ އެވެ. އެ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ފިލަން ހަދާނެ ގޮތެއް ވެސް ނުވިސްނުނެވެ. އެއިން މީހެއްގެ އަތުގައި މާހިން ޖެހިއްޖެ ނަމަ އޭނާގެ ބޯ ކަނދުރާއިން ވަކިވާކަށް މާ ސުކުންތެއްވެސް ނުނަގާނެ އެވެ.
ދޮރުގެ ޕީޕް ހޯލުން ބޭރު ބަލަން ހުރި ދާއިންގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުމެ ދާނެހެންނެވެ. ކުއްލި އަކަށް އެމީހުން އައިސް އެ ގޮތަށް ކޮޓަރިއަށް ވަދެއްޖެނަމަ ކޮއްކޮއަށް ސަލާމަތް ވާނެ އެއްވެސް ފުރުސަތެއް ނުލިބޭނެ ކަން އޭނާއަށް އެނގުނެވެ. ބަލާކަށް ނުހުރެ ދާއިން ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.
އެއަޑަށް އެމީހުން އެނބުރި ދާއިން އާއި ދިމާއަށް ބަލާލި އެވެ. އެމީހުންނަށް ދާއިން ފެނުމުން އެކަކު އަނެކަކުގެ މޫނަށް ބަލާލި އެވެ. ދާއިން މަޢުޞޫމް ގޮތަކަށް ހިނިތުން ވެލި އެވެ. ދެން އޭނާ އިނގިރޭސި ބަހުން އަހާލީ އެ ހޮޓާ ކައިރީގައި ސައިބަރ ކެފޭ އެއް ހުރި ތޯ އެވެ.
އެމީހުންގެ މޫނު މަތީން ހަމަ ޖެހޭ ގޮތް ގަނޑު ފެނިގެން ދިއަ އެވެ. އެއީ އަލަށް އެ ރޫމަށް އައި މީހެއްކަން އެމީހުންނަށް ކަށަވަރު ވިއެވެ. ދާއިންގެ ވާހަކައިގެ އެކްސެންޓް ހުރި ގޮތުންނާއި ދާއިންގެ ސިފަގަނޑު ހުރި ގޮތުން ހީވަނީ އިނގިރޭސި އެއް ހެންނެވެ. އެތަނުގައި ހުރި މީހަކު ތިރިއަށް އިޝާރާތް ކޮށް އޭނާގެ ފެންވަރުން، އިނގިރޭސި ބަހުން ސައިބަރ ކެފޭ އެއް ހުރިތަން ބުނެ ދިނެވެ. ދާއިން ޝުކުރު އަދާ ކުރުމަށް ފަހު ކޮޓަރީން ނުކުމެގެން ދަންދެން އެމީހުން ކޮޓަރީގެ ދޮރު ހުޅުވާ ނުލާ މަޑުކޮށްގެން ތިއްބެވެ. ދާއިން ސިޑީގެ ދެތިން ހަރުފަތް ތިރިއަށް ފޭބުމަށް ފަހު މަޑުކޮށްލި އެވެ. އެމީހުން އެ ކޮޓަރީގެ ތެރެއަށް ވަދެ ދޮރުލައްޕާލަން ދެންނެވެ. އެމީހުން އެތެރެއަށް ވަދެ ދޮރު ތަޅުލުމުން އަނެއްކާވެސް ދާއިން ގޮސް އޭނާ ކޮޓަރިއަށް ވަނެވެ.
ކޮޓަރި ތެރެއަށް ވަން ފިރިހެނުންތައް އެދިޔަ ގޮތަށް ގޮސް ހުއްޓުނީ ފްރީޒަރގެ ކައިރި އަށެވެ. ބޮޑު އަލަމާރީގެ ތެރޭގައި ފޮރުވިގެން އިން މާހިންގެ ހިތް ތެޅޭ އަޑުވެސް އެހާ ބާރެވެ. އޭނާއަށް އަލަމާރީގެ ތެރެއަށް ވަދެ އޭނާގެ އުނަގަނޑުގައި ބަނދެފައިވާ ދޮރުފޮތި ގަނޑުން މީހާ ނިވާ ކޮށްލެވޭ ވަރު ވީ ކިރިޔާ އެވެ. ކިތަންމެ ބިރުން އިން ނަމަވެސް މިހާރު އޭނާ އެއިނީ އަލަމާރީގެ ދޮރުފަތުގައި ހުރަހަށް ހުރި ތޭރި ތަކުގެ ދޭތެރެއިން އެމީހުން ކުރާކަމެއް ރަނގަޅަށް ބަލާށެވެ. ބޮޑު ހަތަރު މީހުން ވެގެން އުނދަގުލުން އެ ކޮތަޅު ފްރީޒަރ އިން ނެގި އެވެ. ދެން އެ ކޮތަޅުގެ މަތީން އަނެއްކާވެސް އެހެން ކޮތަޅެއް ފަތައިފި އެވެ. އެއީ އެ ކޮތަޅު ފަޅައިގެން ގޮސްފައި ވާތީ އިތުރަށް ފަޅައިގެން ހިނގާދާނެތީ ކުރި ކަމެއް ހެން ހީވެ އެވެ. އެމީހުން ކޮތަޅު ރަނގަޅަށް އައްސާލުމަށް ފަހު ކޮތަޅު ހިފައިގެން ބޭރަށް ނުކުންނަން އުޅެފައި އެތަނުން އެކަކު އެނބުރި ކޮޓަރީގެ ތެރެއަށް ބަލާލި ގޮތުން މާހިންގެ ހިތް ތެޅި ގަތެވެ. އެމީހާ ކޮތަޅުން އަތް ދޫކޮށްލުމަށް ފަހު އޭނާއަށް ކޮންމެވެސް އެއްޗެއް ހީވެގެން އުޅޭ ފަދަ ގޮތަކަށް ކޮޓަރީގެ އެތަން މިތަނަށް ރަނގަޅަށް ކަޅި ހިންގާލި އެވެ. ދެން އޭނާ ޝައްކުގެ ނަޒަރަކުން ބަލާލުމަށް ފަހު ހިނގާފައި ގޮސް ބެލްކަނީގެ ދޮރު ހުޅުވާލި އެވެ.
ދާއިންއަށް ސަލާމަތް ވެވުނީ ކިރިޔާ އެވެ. ކޮއްކޮގެ ޚަބަރެއް ވޭތޯ ބެލްކަނީއަށް ނުކުމެ ހުރި ދަނޑިވަޅެކެވެ. ކުއްލިއަކަށް އޭނާ އެތެރެއަށް ދެމިގަތެވެ. އެމީހާ ބެލްކަނީ އަށް ނުކުމެ ރަނގަޅަށް ބޭރުބަލާލުމަށް ފަހު އަނެއްކާވެސް އެތެރެއަށް ހިނގައިގަތެވެ. ދާއިން ބެލްކަނީއަށް ނުކުތީ އެމީހާ އެ ކޮޓަރީގެ ބެލްކަނީ ދޮރުގެ ތަންޑު އަޅުވާލުމުންނެވެ.
އެމީހާ އަނެއް ތިން މީހުންނާއި ދިމާއަށް ހިނގައި ގަތުމުން މާހިންގެ ހިތް ހަމަ ޖެހޭ ގޮތް ވިއެވެ. އެހެން ނަމަވެސް ކޮތަޅުގައި ހަމަ ހިފެއްޓުމާއި އެކު އަނެއްކާވެސް އޭނާ ކޮތަޅުން އަތް ދޫކޮށްލާ ފަހަތަށް އެނބުރިލި އެވެ. މިފަހަރު އޭނާ ބަލާލީ ސީދާ މާހިން އާއި ދިމާއަށެވެ. އެމީހާއަށް ނޭގުނު ނަމަވެސް އޭނާ އާއި މާހިންގެ ހަތަރު ކަޅި ހަމަވެގެން ދިއައެވެ. ސިހިފައި ހަދާލެވުނު ގޮތަކުން މާހިން ކޮށިނޭރީ ކިރިޔާ އެވެ. އަނގަމަތީގައި އަތް އަޅާލެވުނު ވަގުތު އަލަމާރީގެ ދޮރުފަތުގައި އަތުން ނުޖެހުނީވެސް ކިރިޔާ އެވެ. އެމީހާ އަލަމާރި އާއި ދިމާއަށް ބަލަހައްޓައިގެން ހުރެފައި އެދިމާއަށް ހިނގައި ގަތެވެ. މާހިންއާއި ދިމާއަށެވެ. ލޯ މަރާލެވުނު ވަގުތު މާހިންއަށް އޭނާގެ މޭގައި ބާރަށް ހިފަހައްޓާ ލެވުނެވެ. އޭނާގެ ދުވަސް ދާކަށް މާގިނަ ވަގުތެއް ނެތެވެ. އެމީހާ ހިނގައިގެން ތަނާ ތިރިން ދުއްވާފައި އައި ޕޮލިސް ބަހެއްގެ ސައިރަންގެ އަޑު އިވެން ފެށި އެވެ. އެވަގުތު އެތަނުގައި ތިބި ދެމީހަކު އެއް އަޑަކުން ބާރަށް އެއްޗެއް ބުނުމާއި އެކު އެމީހާ ވެސް އަވަސް އަވަހަށް ގޮސް ކޮތަޅުގައި ހިފެހެއްޓި އެވެ. އެމީހުންގެ އަޑަށް މާހިން ބަލާލިއިރު އެއެންމެން ވެގެން އަވަސް އަރުވާލާފައި އެ ކޮތަޅު އުފުލައިގެން ބޭރަށް ނެރެނީ އެވެ.
އެ ކޮތަޅު އުފުލައިގެން ބޭރަށް ނުކުތުމަށް ފަހު ކޮޓަރި ލައްޕާލި އަޑަށް ދާއިން ދުވެފައި އައިސް ޕީޕް ހޯލުން ބޭރު ބަލާލި އެވެ. ހަތަރު މީހުން ވެގެން ޓްރޮލީއަށް އެރުވި އެ ބަރު ކޮތަޅުގެ ތެރޭގައި އޮތް އެއްޗެއް ނޭގުނު ނަމަވެސް ދާއިންގެ ހިތަށް ކުރެވުނު ޝައްކަކުން ބިރުން ރޫރޫ އަޅައިގެން ދިއަ އެވެ. އޭނާ އަށް ކެތް ކޮށްލެވުނީ އެމީހުން އެރި ލިފްޓް ތިރިއަށް ދާން ފަށަން ދެންނެވެ. ދާއިން ކޮޓަރީން ނުކުމެ ފައިވް ތްރީ ސިކްސްގެ ދޮރުގައި އަވަސްއަވަހަށް ޖަހާލި އެވެ. މާހިން އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތް އިރު އޭނާއަށް ހުރީ މާނޭވާ ލެވިފަ އެވެ. އޭނާ ބިރުގެން ފައި ހުރި ވަރުން ބޭބެގެ އަތް ދަށުން ދެމި ގަނެގެން ބާރަށް ގޮސް އަނެއް ކޮޓަރީގެ އެނދު މައްޗަށް ވެއްޓި ގަތެވެ. މާހިން ނިކުތް ކޮޓަރީގެ ތެރެއަށް ބޯދިއްކޮށްލުމަށް ފަހު ދާއިން އެ ކޮޓަރީގެ އެތެރެއަށް ބަލާލި އެވެ. އަދިވެސް ޔޫހާ ދުށުމުގެ އުއްމީދު ގައެވެ. އެހެނަސް އެ ދޮރު ލައްޕާލަން ޖެހުނީ މާޔޫސް ކަމާއިއެކުގަ އެވެ. ދާއިން އައިސް މާހިންގެ ކައިރިއަށް ހުއްޓުނީ ސުވާލު އުފެދިފަ އެވެ.
" ބޭބެއަށް އިނގޭތަ.... އެމީހުން އެގެންދިޔަ ކަޅު ކޮތަޅުގަ އޮތީ ކޯންޗެއްކަން!"
މާހިންއަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. ކޮއްކޮ ހާސްވެފައި ހުރި ވަރުފެނިފައި ދާއިން ހުރީ އިންތިހާއަށް ބިރުގެންފަ އެވެ. އޭނާގެ ހިތްވަރު ގަދަ ކޮއްކޮ އެވަރަށް ބިރުގެންފައި ވަނިކޮށް އޭނާއަށް ދުވަހަކުވެސް ނުފެނެ އެވެ.
" އެ ކޮތަޅުގަ އޮތީ.... މަރާލާފަ އޮތް މީހެއް....!"
" ވަޓް!"
ދާއިންއަށް ތަޅުން މަތީގައި ދެކަކޫ ޖަހާލަން ޖެހުނީ ހަށިގަނޑަށް ކުރެވުނު އިޙުސާސް ކޮންޓްރޯލް ކުރުމަށްޓަކަ އެވެ.
" ކާކު!... ކާކު؟"
އަވަސް އަވަހަށް އޭނާ އަހާލި އެވެ.
" ނޭގެ.... އަންހެނެއް ކަމެއް ފިރިހެނެއް ކަމެއްވެސް ނޭގެ!"
މާހިން ޝަހާދަތް އިނގިލީގައި ދަތް އަޅާލަމުން ބޯހޫރާލި އެވެ. ދެލޯ ބޮޑުވެފައި ދާއިން އިނީ އަނގައިން ނުބުނެވިފަ އެވެ.
" އޮތީ ފުރީޒަރަށް ލާ ގަނޑު ކޮށްފަ. މަށަށް ފެނުނީ އަތް އެކަނި....!"
މާހިންގެ މޫނުމަތީން ފެންނަމުން ދިއަ ބިރުވެރި އަސަރު ތަކުން ދާއިންގެ ހިތުން ލޭ އޮހޮރުވާލައިފި އެވެ.
" ޔޫހާ!"
މިވަގުތު ދުލުގެ ކުރިއަށް އެނަން ގެންނަން ބޭނުން ނުވިއަސް އޭނާގެ ހިތް ތަކުރާރް ކޮށް އެނަން ކިޔާލި އެވެ.
ޔޫހާ ލޯ ހުޅުވާލި އެވެ. އެހެން މީހަކަށް ދާއިންގެ އެ އަޑު ނީވުނަސް އޭނާ އަށް އެ އަޑު އިވިއްޖެ އެވެ. ދާއިންގެ އިޙުސާސް އޭނާގެ ހިތަށް ކުރެވިއްޖެ އެވެ. އޭނާ ވަނީ އަރު ތެރެއިން އެއްޗެއް އެތެރެ ނުވާތާ ގިނަ އިރު ވުމުގެ ސަބަބުން ކަރު ހިއްކައިގަނެގެން ގޮސް ދެލޯ ނުކުންނަ ވަރު ވެފަ އެވެ. ދެލޯ ހުޅުވާލުމަށް ފަހު ޖެހުނީ އޮވެވުނު ތަނަކާއި ދޭތެރޭގައި ވެސް ވިސްނާލާށެވެ. އެންމެ ފަހުގެ ހާދިސާ ހަނދާނަށް އައީ ވެސް ކުޑަ މަސައްކަތެއް ކޮށްލުމުންނެވެ. ޔޫހާ ކަރާ ދިމާއިން އޭނާގެ ދަތްދޮޅީގައި އަތް ޖައްސާލި އެވެ. ޝަމްސް އޭނާގެ ކަރަށް އެ ވަޅި ކޮއްޕާ ނުލާކަން ކަށަވަރު ކޮށްލުމުގެ ގޮތުންނެވެ. ދެން ވަރަށް ހިތްވަރުން އޭނާ ތެދުވެ އިށީނެވެ. އެހުރިހާ އަނިޔާއަކާ ކުރިމަތި ލާން ޖެހުނު ނަމަވެސް އޭނާ ޝުކުރު ކުރަން ޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. އަދިވެސް އޭނާގެ ނޭވާ ހިނގާކަން އެއީ އެންމެ ބޮޑު އެއް ނަސީބެވެ. އޭނާއަށް ނާމީ އާއި ދިމާވި ކަން އެއީ އަނެއް ނަސީބެވެ. އަދި އެހާ ވަރަށް ޝަމްސް ޔޫހާގެ ގައިގައި ތަޅާފޮޅައި ހެދި އިރުވެސް ޔޫހާ ފޮރުވައިގެން ގެންގުޅޭ ފޯނު ޝަމްސުމެންގެ އަތުގައި ނުޖެހުނު ކަން އެއީ އަނެއް ނަސީބެވެ. ޔޫހާ އޭނާގެ ތުރުތުރު އަޅާ އަތުން އޭނާގެ ކަރުވަޅުގެ ތެރޭގައި ފޮރުވާފައިވާ ފޯނުގެ ބައިތައް ނެގި އެވެ. ދެން އެ ފޯނަށް ބެޓެރި ލެއްވުމަށް ފަހު ސިމް ލައްވާލި އެވެ.
ނާމީގެ ފޯނު ވައިބްރޭޓްވީ ވަގުތު ފުންމައިގެން ގޮސް ނާމީ ފޯނު ނެގި އެވެ. އެއީ ޔޫހާގެ ފޯނު އޮން ވެއްޖެކަން އަންގާ މެސެޖެކެވެ. އޭނާ އެ މެސެޖަށް އިންތިޒާރު ކުރާތާ ކިތަންމެ އިރެކެވެ. ނާމީ އިންޑިއާއަށް ފޭބުމާއި އެކު ޔޫހާގެ ފޯނަށް ވަނީ ކްރެޑިޓް ފޮނުވާފަ އެވެ. ޔޫހާއަށް ފުރުސަތު ލިބޭ އިރަށް ޔޫހާ ނާމީއަށް ގުޅި އެވެ. އަދި ޔޫހާ ބުނި ގޮތުގައި އޭނާ މިހާރު ހުރީ ކުރީން ހުރި ހޮޓަލަކު ނޫނެވެ. އޭނާ ވަނީ އެހެން ތާކަށް ގެންގޮސްފައެވެ. އެ ވީގޮތް ނާމީއަށް އެނގުނެވެ. އިންޑިއާގެ ޕޮލިސް ޔޫހާ ހޯދަން މަސައްކަތް ކުރާކަން އެމީހުންނަށް އެނގުނީ އެވެ.
" ހަލޯ! "
ނާމީ ގުޅާލުމާއި އެކު ޔޫހާ ފޯނު ނަގައިފި އެވެ.
" ޔޫހާ!"
ޔޫހާގެ އަޑު ޖެހުމުން ނާމީގެ ލޮލުން ކަރުނަ ހިލިގެން ދިއައެވެ. މި ކަންތައް ގަނޑުގައި އޭނާ ވެސް ވަނީ އިންތިހާއަށް ޖަޒުބާތީ ވެފަ އެވެ.
" މިހާރު ކޮންތާކު!"
ނާމީ އަވަސް އަވަހަށް އަހާލި އެވެ. ބުނާނެ އެއްޗެއް ޔޫހާ އަކަށް ނޭގުނެވެ. އޭނާ އަށް އެ ހުރެވެނީ ކޮންތާކު ކަމެއް އޭނާއަކަށް ވެސް ނޭގެ އެވެ. ތެދުވެ ބޭރު ބަލާލަން މަސައްކަތް ކުރާހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ. އޭނާ ނާމީއަށް އެ ގުޅާލީ ދުނިޔޭގައި ހުރިކަން އަންގާލާށެވެ.
" އަދި ނޭގެ!"
ޔޫހާގެ ނިކަމެތި އަޑުން ބުނެލި އެވެ.
" އިނގޭތޯ ބަލާފަ އެބަ ގުޅަން އިނގޭ!"
އެހެން ބުނުމާއި އެކު ޔޫހާ ފޯނު ކަނޑާލި އެވެ. މާގިނަ އިރު ފޯނުން ވާހަކަ ދައްކައިފިއްޔާ ޗާޖް ދާނެ އެވެ. މިހާރު ޗާޖް އިނީ ހުސްވާން ގާތްވެފައެވެ.
ކޮޓަރީގެ ބޭރުން އަޑު ގަދަވެގެން މާހިން އާއި ދާއިން ބަލާލިއިރު ހޮޓަލުގެ މީހަކާއި އެކު ޕޮލިހުންގެ ބަޔަކު އައިސް ރޫމް ސިކްސް ތްރީ ސިކްސް އަށް ވަންނަނީ އެވެ. އެ މަންޒަރު ފެނުމާއި އެކު ދާއިން އޭނާ ހުރި ކޮޓަރީގެ ދޮރު ހުޅުވަން މަސައްކަތް ކުރި އެވެ. މިހާރު އޭނާ ބޭނުން ވަނީ ފާޅުގައި އެކަމަށް ނުކުންނާށެވެ. ކިތަންމެ ބައެއްގެ ކުރިމަތީގައި ބޭޒާރު ވިޔަސް އަދި ކިތަންމެ ނުރައްކާ ވިޔަސް އޭނާއަށް ދެން ވަރިހަމަ އެވެ. އަމިއްލަ ނަފްސަށް ވުރެ އޭނާއަށް ޔުހާ މާ މުހިންމެވެ. މާހިން ބޭބެގެ އަތުގައި ހިފެހެއްޓި އެވެ.
" ނޯ! އެއްވެސް މައުލުމާތެއް އެމީހުންނަށް ނުދޭތި.... އިޓްސް ވެރީ ޑޭންޖަރަސް....! މީ އިންޑިއާއޭ.... އަހަރުމެން ވެސް ސަލާމަތް ނުވާނެ!"
" ހެޔޮ...! އައިޑޯންޓް ކެއަރ އެނީ މޯ!"
އެހެން ބުނެފައި ކޮއްކޮގެ އަތް ފޮޅުވާލުމަށް ފަހު ދާއިން ބާރަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވި އެވެ.
ޔޫހާއަށް ހުރެވުނީ އުސް އިމާރާތެއްގައި ކަން ތިރި ބަލާލުމުން އެނގުނެވެ. އެހެން ނަމަވެސް ދުރުން ވެސް އެހެން އުސް އިމާރާތެއް ފެންނާކަށް ނެތެވެ. އެއްވެސް ތަނެއްގެ ނަން ބޯޑެއް ވެސް ފެންނާކަށް ނެތެވެ. ތިރިތިރި ގެތަކެއްގެ މެދުގައި ހުރި އުސް އިމާރާތެއްގައި ހުރެވުނު ކަން އެނގުނު ނަމަވެސް އެއީ ކޮންތަނެއް ކަމެއް އިނގޭނެ ގޮތެއް ނެތެވެ. އެއީ މީހުން ގިނަ ތޮއްޖެހިފައިވާ ހިސާބެކެވެ. ތަހުޒީބް ހިސާބު ގަނޑެއް ނޫނެވެ. އެކަން އިނގެނީ ދުރުން ފެންނަމުން ދިއަ މަންޒަރު ތަކުންނާއި ތިރިން ފެންނަމުން ދިއަ މީހުންގެ ހެދުން އެޅުމާއި ހަރަކާތްތައް ހުރި ގޮތުންނެވެ. ހަޅޭއް ލަވާ، އަޑުގަދަ ކުރަމުން ދިއަ އަންހެނުން ގިނަ އެވެ. ރާފުޅީގައި ތުން ޖަހާލައިގެން ކާލި އަޅަމުން ނަށާ ފިރިހެނުން ވެސް ފެނެއެވެ. ދުރުން ރޭލްވޭ ސްޓޭޝަން އެއް ފެންނަން ހުއްޓެވެ. އޭގެ އިތުރުން މީހެއްގެ ގާތުގައި ބުނެދޭނެ އެއްޗެއް ނެތެވެ. ޔޫހާ އަނެއްކާވެސް ފޯނު ނަގާ ނާމީއަށް ގުޅާލި އެވެ.
" ހަލޯ! "
ކަރުހިކިގެން އަނގައިން އަޑު ނުކުންނަ ވަރެއްވެސް ނޫނެވެ.
" އަނ ޔޫހާ، ބުނޭ... ތީ ކޮން ތަނެއް...؟"
ނާމީ ހުރީ ހިތް އަވަސް ވެފަ އެވެ.
" މީ ކޮން ހިސާބެއް ކަމެއް ...ނޭގުނޭ....!"
ކުޑަދޮރުން ބޭރު ބަލަމުން ޔޫހާ ބުންޏެވެ.
" ވަރަށް މީހުން ގިނަ ހިސާބެއް....!"
އެހެން ބުނެފައި ޔޫހާ ކެއްސައި ގަތެވެ. އޭނާގެ ކަރުތެރެ ވަނީ ބެދިފައެވެ.
" ހަލޯ! ހަލޯ!"
ނާމީ އޭނާއަށް ފޯނުން ގޮވި އަޑުވެސް އޭނާއަށް އިވޭ ވަރެއް ނޫނެވެ.
" ފެން ފޮދެއް!"
އެހެން ބުނެވުނު ކަމެއް ނޭގެ އެވެ. ފުރަގަހުން އައި ބާރު ގަދަ އަތަކުން ޔޫހާގެ ފުއްކިބައިގައި އަޅުވާލިލެއް ބާރު ކަމުން ޔޫހާއާއި އެކު ފޯނުވެސް ދިއައީ ބުރައިގެންނެވެ.