" މަމް....! އަދި މިތަނަށް ދަންވަރު ހަތަރެކޭ ޖެހީ!"
ޖިނާނުގެ ބަރު އަޑު އިވިގެން ދިއައެވެ.
" ޖިނާން!"
މޯނާ ހަޅޭއްލަވައި ގަތީ ރުޅިވެރި އަޑަކުންނެވެ.
" ކަލޭގެ މުދާގަނޑު ނާމީ ހަޖަމު ކޮށްލާއިރުވެސް ފޯނު ނުނަގާތި!"
މަންމަގެ އަޑަށް ޖިނާނު ސަމާލު ވެލިއެވެ. ފައިސާއަކީ މަންމައަށް ކިހާ މުހިއްމު އެއްޗެއްކަން އެންމެ ބޮޑަށް އިނގޭނީ އޭނާއަށެވެ.
" ކިހިނެއްވީ؟"
ޖިނާނު އެހިއިރު އޭނާގެ ނިދިވެސް ފިލައިފިއެވެ.
" ނާމީ ބޭނުންވަނީ މުދާ ބަހަން....! ޝައުކަތު ބުނީ އޭނަގެ ހުރިހާ އެއްޗަކީ ނާމީގެ އެއްޗިއްސޭ...!"
ޑޭޑް އެހެން ބުނި ވާހަކަ އިވުމުން ޖިނާނު ވިސްނާލަން ޖެހުނެވެ.އެއީ އޭނާ މިހާތަނަށް ހީކޮށްގެން ހުރި ގޮތާއި ހިލާފު ވާހަކައެކެވެ.
" އެހެނެއް ނެހެދޭނެ! "
ޖިނާނު ގެ އަޑުގައި ވަނީ ރުޅިވެރި ކަމެވެ.
" އެއޮށް ހަދަނީ..... ނާމީ އަންގައިފި ބަހަން.... އޭގެ ކުރިން މިކޮޅަށް އާދޭ....!"
އެހެން ބުނުމަށް ފަހު އިތުރު އެއްޗެއް ބުނުމަކާއި ނުލާ މޯނާ ފޯނު ބޭއްވީ އެވެ. އޭނާ ބޭނުންވީ ކަމުގެ ސީރިއަސް ކަން ޖިނާންއަށް އަންގާށެވެ. އެހެން ނޫނީ ޖިނާން މާލެ އަންނާކަށް ބޭނުމެއް ނުވާނެ އެވެ.
މޯނާ ޝައުކަތާއި ކައިވެނި ކުރީ ޖިނާނުގެ އުމުރުން ދިހަ އަހަރުގަ އެވެ. އެދުވަހުން ފެށިގެން މިހާ ތަނަށް ޖިނާނުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިއައީ ޝައުކަތެވެ. ނާމީވެސް ޖިނާން އާއި ދޭތެރޭގައި ކަންތައް ކުރަމުން އައީ އެއްބަޑު އެއްބަފާ ކުއްޖެއްގެ ގޮތަށެވެ. ޖިނާނުގެ އުމުރުގެ ބޮޑުބައި ހޭދަ ކޮށްފައި ވަނީ ރާއްޖޭން ބޭރުގަ އެވެ. ކިޔެވުން ނިމުމުންވެސް ޖިނާނު މާލެއަށް ބަދަލުވާ ޚިޔާލެއް ނުކުރެ އެވެ. އެހެން ނަމަވެސް ޑޭޑްގެ ބައެއް މިޝަން ތަކުގައި އޭނާ މަދުމަދުން މާލެ އާދެ އެވެ. ޝައުކަތުގެ ބައެއް ބޮޑެތި ކަންތަކުގައި ޖިނާނު ގެ ބޭނުން ވަރަށް ބޮޑަށް ޖެހެ އެވެ. ޖިނާނު އަކީ ނާމީއަށް ވުރެ ހަގު ކުއްޖެއް ނަމަވެސް ނާމީއަށް ވުރެ ބޯ ރަނގަޅު، ކެރޭ، ބިރު ކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ތަކަކު ރާއްޖޭން ބޭރުގައި އުޅުނު ނަމަވެސް އޭނާގެ ރައްޓެހި ގްރޫޕްތައް މާލޭގައި ގިނަ އެވެ. މިހާތަނަށް އޭނާ ހީކޮށްގެން ހުރީ ޝާއުކަތުގެ މުދަލަކީ އޭނާއަށާއި ނާމީއަށް ހަމަހަމައަށް ބެހޭނެ އެއްޗެއް ކަމަށެވެ. ވާން ޖެހޭނީ ވެސް އެހެންނެވެ. އޭނާ ޑޭޑް އަށް ޓަކައި ކޮށްދީފައިވާ ކަންތައްތަކަކީ އެހެން އެއްވެސް މީހަކަށް ކުރެވޭނެ ކަންތަކެއް ނޫނެވެ. އަދި އޭނާގެ ފަރާތުން ޑޭޑް އަށް ވެފައިވާ ފައިދާ އަކީ ބޮޑެތި ފައިދާ އެވެ. އެވަރުގެ ފައިދާއެއް ނާމީގެ ފާރާތުން ދުވަހަކު ވެސް ވެފައެއް ނޯންނާނެ އެވެ. ޖިނާނު ޤަބޫލު ކުރި ގޮތުގައި މަންމަ އެހެން ބުންޏަސް ޖިނާނަށް ގެއްލުން ވާފަދަ ކަމެއް ކުރާކަށް ޑޭޑް އަކަށް ނުކެރޭނެ އެވެ. އެއަށް ވުރެ ޑޭޑް ގެ ކުރިމަތީގައި ޖިނާންގެ ބާރު ގަދަވާނެ އެވެ. މަންމައަށް އެކަން ނޭގެނީ އެވެ.
ރަށުތެރެ ހަލަބޮލިވެގެން އުޅޭ އަޑަށް ނާމީއާއި ލޫނާވެސް ގެއިން ބޭރަށް ނުކުތެވެ. އޭރު މަގުމައްޗަށް ވަނީ ގިނަ އަދަދެއްގެ މީހުން އެއްވެފަ އެވެ. ކުރިމަތީގައި ހުރި ގެއަށް ޕޮލިހުން ވަދެގެން އުޅޭކަން އެނގުނީ އެތަނުގައި އެއްވެ ތިބި މީހުން އެވާހަކަ ދެއްކި އަޑު އިވުމުންނެވެ. ފުލުހުން " ބޮކަރު" ގޭގެ ޒުވާނަކު ދަމާ ނެރޭތަން ފެނުނެވެ. ދެން ފެނުނީ އެގެއިން ޑަބިޔާ ތަކެއް ނެރޭ ތަނެވެ. އެވަގުތު މިމަންޒަރު ބަލަން ހުރި ނާމީގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަތަން ލޫނާއަށް ފެނުނެވެ.
" ކީއްވެގެން އެއުޅެނީ؟"
ލޫނާ ނާމީއާއި ގާތަށް ޖެހިލަމުން އަހާލި އެވެ. ނާމީ ދޭނެ ޖަވާބެއް ނެތެވެ. އޭނާ އަނގައިންވެސް ނުބުނެ ހުރީ އެވެ. އެވަގުތު ދުރުގައި ހުރި މީހަކު އައިސް ނާމީމެންގެ ކައިރިއަށް ހުއްޓުނެވެ.
" އެވީ ހެޔޮކޮށް!"
އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތީން އެނގުނެވެ.
" ކޮންމެ ފަހަރަކު ރަށުން ބޭރަށް ގޮއްސަ އަންނަމުން ކޮންމެސް ޒާތެއްގެ އެއްޗެއް ގެންނާނެ....! މުޅި ރަށް ހަލާކު ކޮށްފިއޭ.... މަ ޙައިރާންވަނީ އެހާ ހިސާބުން މިހާ ހިސާބަށް އެތަކެތި އެތެރެ ކޮށްލާލެއް މޮޅު ކަމުން! ބުނާ އަޑު އިވޭ ރާއްޖޭން ގެންނަ އެއްޗެކޭވެސް! "
އެމީހާގެ ވާހަކައަކަށް ނާމީ މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. އެހެން ނަމަވެސް އަނަގައިން ނުބުނެ ލޫނާއަކަށް ހަމަ ނުހުރެވުނެވެ.
" އެއީ ކޯޗެއް؟"
" ކާޖާ! "
ޖަވާބު ދިނީ ނާމީ އެވެ. ލޫނާއަށް ލިބުނީ ޙައިރާން ކަމެކެވެ. އެ ޑަބިޔާގައި ހުރީ ކާޖާ ކަމެއް ނާމީއަށް އެނގުނީ ކިހިނެއް ހެއްޔެވެ!
" ކާޖާ ޑަބިޔާ ތެރޭގަ ހުރީ ކުދި ޑްރަގްސް ޕަކެޓް!"
އެމީހާ ނާމީއާއި ދިމާއަށް ބަލާލަމުން ބުންޏެވެ. ނާމީ އެއްޗެއް ނުބުނެ ފުލުހުން އެމީހާ ގެންދާތަން ބަލަން ހުއްޓެވެ.
" މިފަހަރު އަތުލައި ގަނެވިއްޖެ....! ހާދަ މޮޅޭ ދޯ މިކަހަލަ ކަންތައް ކުރާ މީހުން. ކާކު ވިސްނާނީ ކާޖާ ޑަބިޔަލެއް ޗެކް ކުރަން..!
އެއަޑު އަހަން ނާމީއަށް ހުރީ އުނދަގޫވެފައި ކަން ލޫނާއަށް އެނގުނެވެ. ވާނީވެސް އެހެންނެވެ. ރާއްޖެއާއި ބެހޭ ގޮތުން އެވަރުގެ ބޮޑު ތުހުމަތެއް ކުރާއިރު ލަދުވެސް ގަންނާނެ އެވެ. ނާމީ އިރުކޮޅަކު އެތާނގައި ހުރެފައި ވަނީ އެތެރެއަށެވެ. އެތަނުގައި ތިބި އެންމެނަށް ނާމީމެން ފެނުމުގެ ކުރީން އެތަނުން ދިއުން ރަނގަޅު ހެން ލޫނާއަށް ވެސް ހީވި އެވެ.
އެތެރެއަށް ވަނުމަށް ފަހު ލޫނާ އޭނާގެ ދައްތައަށް ވައިބަރ ކުރަން ފަށައިފި އެވެ. ކޮންމެ ވާހަކައެއް ހޫނުކޮށް ހުއްޓާ ދައްތައާއި ހިސާބަށް ފޮނުވާލުމަކީ އޭނާގެ އުފަލެކެވެ. އިންޑިއާއިން ޑްރަގްސް އެތެރެ ކޮށްގެން ބަޔަކު އުޅޭ ވާހަކައާއި ރާއްޖޭން ގެނައި އެއްޗެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރާ ވާހަކަ އޭނާ ވައިބަރ ގައި ލިޔެލި އެވެ.
ދާއިންއާއި އެކު ސަކަރާތް ޖަހަން އޮވެފައި ޔޫހާ ފޯނާއި ސަމާލު ވެލުމުން ދާއިން ޔޫހާ ގެ ކަންފަތުގައި ދަތް އެޅިއެވެ.
" ކޮއްކޮއޭ...! ވެއިޓް!"
އެހެން ބުނަމުން ޔޫހާ ވެސް ޖަވާބުގެ ގޮތުން އެއްޗެއް ލިޔެލި އެވެ. ހަމަ އެވަގުތު ދާއިން ޔޫހާގެ އަތުން ފޯނު ދަމައިގަތެވެ.
" މަޑުކޮށްބަލަ ދާއިންގަނޑާ...ދީބަލަ....ބަޔަކު ޑްރަގްސް އެތެރެ ކުރީއޯ!"
ދާއިން އަތުން ފޯނު އަތުލަން މަސައްކަތް ކުރަނިކޮށް އަނެއްކާވެސް ލޫނާ މެސެޖެއް ފޮނުވައިފި އެވެ. އެއީ ފޮޓޯއެކެވެ. ދާއިން ބަލާލި އެވެ. އެއާއި އެކު އޭނާ ސީރިއަސް ވިއެވެ. ފޮޓޮއަށް ބަލަމުން ތެދުވެ ދާއިން އެނދުގައި އިށީން އިރު އޭނާގެ ސިކުނޑި ހަލުވި ކަމާއިއެކު މަސައްކަތް ކުރމުން ދިއައެވެ. އޭނާއަށް ފޮޓޮއިން ފެންނަމުން އެދާ ޑަބިޔާތަކަކީ އޭނާއަށް އެގޭން ފެނިފައިވާ ޑަބިޔާތަކާއި ވައްތަރު ޑަބިޔާ ތަކެކެވެ.
" މީގެ ތެރޭގަ ޑްރަގްސް ހުރީ؟"
ޔޫހާ ދާއިންގެ ފުރަގަހުން ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލި އެވެ. އޭރު ދާއިންގެ ސީރިއަސްކަން ޔޫހާއަށް ފެންނަ ގޮތެއް ނުވެއެވެ. ޔޫހާ ބޭނުންވީ ދާއިންއާއި ސަމާސަ ކޮށްލާށެވެ.
" ދެން ފޯނު ބާއްވާ....!"
ފޯނު ދަމައިގަނެފައި ދުރަށް އެއްލަމުން ޔޫހާ ދާއިން އެދުމައްޗަށް ވައްޓާލި އެވެ. އެހެން ނަމަވެސް މިހާރު ދާއިން އޮތީ ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާގެ ސިކުނޑީގައި ތަފާތު އެތައް ޚިޔާލު ތަކެއް ގިނަވަމުން ދިއަ އެވެ. މާހިން ދެއްކި ނުސީދާ ވާހަކަ ތައް އޭނާއަށް ދޭހަވާން އުޅޭހެން ހީވި އެވެ. " މިފަހަރު ގަސްކާނާ އެއް ނޫންދޯ! ކާޖާ...!"
އެއީ ކޮއްކޮ ބުނި އެއްޗެކެވެ. އޭނާ ހަނދާން އެބަހުއްޓެވެ.
ދާއިން ތެދުވެ އަނެއްކާވެސް ޔޫހާގެ ފޯނު ނެގި އެވެ. ދެން އޭނާ ލޫނާ ފޮނުވި އެ ފޮޓޯ މެސެޖް އޭނާގެ ފޯނަށް ފޯވަޑް ކޮށްލި އެވެ. އެއީ އޭނާއަށް މުހިއްމު ފޮޓޮއެކެވެ. ފޮޓޯ ފޮނުވާލިތަނާ ޔޫހާގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އެއީ މަންމަގެ ކޯލެކެވެ. މަންމަ ބޭނުންވީ މާ ބޮޑު ކަމެއް ނެތިއްޔާ ޔޫހާ އެގެއަށް ވަދެލުމަށެވެ. މާ ބޮޑަށް މިސްވަނީ ކަމަށް މަންމަ ބުނުމުން އެންމެ ވަގުތު ކޮޅެއްވެސް ލަސް ކުރާކަށް ޔޫހާ ބޭނުމެއް ނުވި އެވެ.
ޔޫހާ އޭނާގެ މަންމަ ފެންނަ ހިސާބަށް އިހަށް ނުގެންދަން ދާއިން ވަރަށް މަސައްކަތް ކުރިއެވެ. އެއީ ޔޫހާއަށް ބައްޕަގެ ވާހަކަ މަންމަ ގާތުގައި ބުނެވިދާނެތީ އެވެ. އަދި މުޅީން ޔާޤީން ނުވަނިސް އެވާހަކަ މަންމަ ގާތުގައި ބުނާކަށް ދާއިން ބޭނުމެއް ނޫނެވެ. މިއަދު ޔޫހާ މަންމަގެ ގެއަށް އެގެންދަނީ އެވާހަކަ ނުދައްކަން ޕްރޮމިސް ކުރުމުންނެވެ.
މަންމަ ފެނުމާއި އެކު ޔޫހާއަށް ބައްދައި ގަނެވުނެވެ. އެއާއި އެކު އޭނާއަށް ރޮއިގަނެވުނީ ކޮންޓްރޯލަކާއި ނުލަ އެވެ. ޔޫހާގެ އެ ކަރުނައަކީ އުފާވެރި ކަމުގެ ކަރުނަކަން ހައިފާއަށް އެނގުނެވެ. ދާއިންއާއި އެކުގައި ޔޫހާއަށް އެވަރުގެ އުފާވެރި ދިރިއުޅުމެއް ލިބުނީތީ ހައިފާވެސް ވަރަށް އުފާވި އެވެ. އެހެން ނަމަވެސް ހަޤީޤަތުގައި މިހާރު ހައިފާ އެ އުޅެމުން ދަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ދެދަރީން އެއްފަހަރާ ދިރިއުޅުން އެހެން ގެއަކަށް ބަދަލު ކުރުމާއި އެކު އޭނާގެ ރޭތައް ދިގުވެ ދުވާލުތައް ވަނީ ފަޅުވެފަ އެވެ. އޭނާއަށް ޖުނައިހު ނެތް ކަމުގެ އިޙުސާސް އެންމެ ބޮޑަށް އެކުރެވެނީ މިހާރު އެވެ. ކޮންމެވެސް އެއްކުއްޖެއްގެ ގެއަށް އޭނާ ގެންދާނެނަމައޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ.
ޔޫހާ ދާން އުޅުނު ހަނީމޫނު ދަތުރު ލަސްވީ ކީއްވެތޯ މަންމަ އެހުމުން ޔޫހާ ޖަވާބު ދިނުމުގެ ކުރީން ދާއިން ޖަވާބު ދިނެވެ.
" ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކެއް ކޮށްލަން ޖެހުނީ.... ކުއްލިއަކަށް..."
މަންމަ ގާތުގައި ދޮގެއް ހަދާކަށް ދާއިންވެސް ބޭނުމެއް ނޫނެވެ.
" ވަގުތެއް ވެއްޖެއްޔާ ގިނަ ގިނައިން ގެއަށް އަންނައްޗޭ....!"
މަންމަ ޔޫހާގެ ގައިގައި ފިރުމާލި އެވެ.
"މިހާރު ގޭތެރެ ވަރަށް ފަޅޭ!"
" ދެން ފަޅެއް ނުވާނޭ މަންމާ....! ﷲ އިރާދަ ކުރެއްވިއްޔާ މަންމައަކީ ވަރަށް ނަސީބު ރަނގަޅު މީހެކޭ....!"
ޔޫހާ، މަންމަ އޭނާގެ ގައިގައި ޖައްސާ ބާރު ކޮށްލަމުން ހިނިތުން ވުމަކާއި އެކު ބުންޏެވެ. ހައިފާ ވެސް އެކަމާ އެއްބަސް ވިއެވެ.
" ބައްޕަ ދުނިޔޭގަ ހުރިނަމަ މަންމަ ވަރުގެ ނަސީބުވެރިއަކު ނުހުންނާނެދޯ!"
މަންމަގެ ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއަތަން ފެނުނެވެ. މަންމަ ބައްޕަ ދެކެ ލޯބިވާވަރު ފެނުމުން މިއަދު ޔޫހާ ވީ އުފަލެވެ. އެވަގުތު އޭނާ ހަނދާން ވީ ބައްޕަ މަންމައަށް ކިޔައިދީ އުޅޭ ލަވަ އެވެ. ޔޫހާ ކުއްލިއަކަށް ތެދުވެގެން ސިޓިންގްރޫމާއި ދިމާއަށް ހިނގައި ގަތެވެ. އޭނާގެ ފަހަތުން ދާއިން އާއި ހައިފާވެސް ނުކުތެވެ. ސިޓިންގް ރޫމްގައި ހުރި ބޮޑު އަލަމާރީގެ ތެރެއިން ޔޫހާ ނެގީ ބޮޑު ފޮށިގަނޑެކެވެ. އެއީ ބައްޕަގެ ޕިއާނޯ އެވެ. ބައްޕަ ވަކިވުމަށް ފަހު މަންމަ އެވަނީ އެ ޕިޔާނޯ ފޮރުވާފަ އެވެ. އޭގެ ފަހުން އެކަކުވެސް އެ ފޮށީގެ ތެރެއިން އެޕިޔާނޯ ނަގާފައެއް ނުވެއެވެ. މިއަދު ޔޫހާ އޭތި ނަގަން ގަސްދުކުރީތީ ހައިފާ ހުރީ ދެރަވެފަ އެވެ. އެކަނިވެރި މިދުވަސް ކޮޅުގައި ޖުނައިހުގެ ހަނދާން ހައްތަހާ ބޮޑުވާ ގޮތް ވީއެވެ.
ކޮޓަރީގެ ދޮރު ކަނީގައި ލެނގިލައިގެން ހުރި ހައިފާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރި ކުރުވާފައި ވީނަމަވެސް މަންމައަށް ކުރަމުން ދިއަ އަސަރު ޔޫހާއަށް އިޙުސާސް ކުރެވެ އެވެ. އެހެން ނަމަވެސް ޔޫހާ ބޭނުންވީ މަންމަ ކެތް ކުރާށެވެ. ބައްޕަގެ ހުރިހާ ނިޝާންތަކެއް ފޮރުވައިގެން ބައްޕަގެ މަތީން ހަނދާން ކުރަންވެސް ބިރުން ހުންނަން ވީ ދުވަސް އިރާދުފުޅު ކުރެއްވިއްޔާ ދެން ނިމުނީ އެވެ. މަޑުމަޑުން ބައްޕަގެ އިޙުސާސް މަންމަ ކުރަން ފަށަން ވީއެވެ. އެހެން ނޫނީ ބައްޕަ ފެނުމާއި އެކު މަންމައަށް ވެދާނެ ގޮތަކާއި ދޭތެރޭ ޔޫހާގެ އިތުރުން ދާއިންވެސް ބިރުގަނެ އެވެ. ޔޫހާ ޕިޔާނޯ ފޮށީން ނެގުމަށް ފަހު މޭޒުމަތީގައި ބެހެއްޓި އެވެ. އޭނާ ބޭނުންވަނީ ކުޑަކޮށް ކުޅެލާށެވެ. ބައްޕަ ކުޅެއުޅޭ ލަވައެކެވެ. ޔޫހާއަށް ގޭތެރެއިން އެންމެ ގިނައިން އިވުނު ލަވައެވެ.
މިއުޒިކު ކޮޅުގެ އަޑު ޖެހުމާއި އެކު ހައިފާގެ ބޮލަށް އެނބުރުން އާރާގޮތް ވިއެވެ. އޭނާ އަވަސް އަވަހަށް ކައިރީގައި ހުރި ސޯފާގައި އިށީނީ އަނގަމަތީގައި އަތްއަޅައިގެންނެވެ. އަދިވެސް އޭނާ ކެތްކުރެވޭތޯ މަސައްކަތް ކުރަނީ އެވެ. މިއަދު ޔޫހާ އެއުޅެނީ ހައިފާ ބޭނުން ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް ދާއިންގެ ކުރިމަތީގައި އެއްޗެއް ބުނާކަށް ނުކެރުނެވެ. ޕިޔާނޯގެ ފިއްތަކުގައި ކުޑައިރުކޮޅަކު ކުޅެލުމަށް ފަހު ޔޫހާ އަނގައިން ރާގުވެސް އަޅުވާލައިފި އެވެ. އެ މަންޒަރު ބަލަން ދާއިން އިނީ ވަރަށް ގަޔާވެފަ އެވެ. ޔޫހާއަކީ އެހާ ރީތި އަޑެއް އޮތް ކުއްޖެއް ކަމެއް ކުރިއަކުން އޭނާ އަކަށް ނޭގެ އެވެ.
" ތިޔަ މޫނާ ލޯ އިނގޭހޭ ލޮލަކަށް ފެނުމުން ވާނެވަރު! "
ހައިފާ ލޯ މަރާލި އެވެ. އެއީ ޖުނައިހު އޭނާއަށްޓަކައި އަމިއްލައަށް އުފެއްދި ލަވަ އެކެވެ. ޔޫހާއަށް އެލަވަ ދަސް ކޮށްދީފައި ވަނީ ޖުނައިހުއެވެ.
ބައްޕަ އާއި ދިމާވާން އުޅޭ ކަމުގެ އުފާވެރި އިޙުސާސްގައި ޔޫހާ އޭނާގެ މަންމައަށް ވެދާނެ ގޮތެއްވެސް ހަނދާންނައްތާލައިފި އެވެ. ދާއިންވެސް އިތުރު އެއްޗެއް ހަނދާންވާ ވަރެއް ނޫނެވެ. ޔޫހާގެ އެރީތި އަޑުގެ ޖާދޫގައި އޭނާ ގެބެމުން ދިއައެވެ. ހީވީ ލޯބީގެ އެ އަސަރުގަދަ ލަވައަކީ ޔޫހާ ދާއިންއަށް ދޭ ހަދިޔާއެއް ހެންނެވެ.
" އަސްލު މިތުރާ.... އަސްލު މިތުރާ... އަބަދު ލޯބިން ވާށެ އެކުގާ ނުމެދެވަރު!"
މާޒީގެ ހަނދާން ތަކުގެ ތެރެއަށް ފީނައިގަނެވުނު ހިނދު ހައިފާގެ ލޮލުން ކަރުނަ އޮހޮރިގެން ދިއައީ ވާރޭގެ ތޫފާނެއް ފަދައިންނެވެ. އުމުރުން އެންމެ ސާޅިސް އަހަރުގައި ޖުނައިހު ވަކިވެގެން ދިއައިރު އެ ދެމަފިރީންގެ ލޯބި އަދި ހަމަ ޒުވާނެވެ. ޖުނައިހު ވަކިވެގެން ދާންދެންވެސް އެމީހުންގެ ކޮންމެ ރެއަކާއި ދުވާލަކީ ލޯތްބާއި އުފަލުން ފުރިގެންވި ވަގުތު ތަކެކެވެ. ޖުނައިހުގެ ކުއްލި ވަކިވެ ދިއުންވީ ހައިފާއަށް ދިގުދެމިގެން ދިއަ ބޮޑު ބައްޔަކަށެވެ.
" ޔޫހާ!"
ހައިފާ ދެކަންފަތުގައި އަތް އަޅަމުން ބާރަށް ހަޅޭއްލަވައި ގަތެވެ. އެއަޑަށް ޔޫހާއާއި ދާއިންވެސް ދިއައީ ސިއްސައިގެންނެވެ. މަންމަ ބޮލުގައި އަތް އަޅައިގެން އަވަސް ނޭވާތަކެއް ލާތަން ފެނުމުން ޔޫހާއާއި ދާއިންވެސް ބިރުގަތެވެ. ދުވެފައިގޮސް ޔޫހާ އޭނާގެ މަންމަގެ ގައިގައި ހިފެހެއްޓި އެވެ.
" މަންމާ...!"
މަންމައަށް ވާގޮތް ފެނުމުން ޔޫހާއަށް ހަޅޭއްލަވައިގަނެވުނެވެ.