" އަހަރެން ކަލޭ ފިރިމީހާ މިހާރު...! އަހަރެން ބޭނުން ގޮތެއް ހަދަނީ... ކަލޭ ކައިރީ އެހެން މީހާ އަންނަނީ.... ވަން މީހާ ނެތީ.... ބައިވަރު އަންނަނީ.... އެއްދުވަސް ވަން، ޓޫ ، ތްރީ، ޓެން ވެސް އަންނަނީ.... ވަން މޭން ވަން ޓައިމް ވަން ތައުޒަން!"
ނޭވާ އެތެރެއަށް ހިފާލި ގޮތަށް ދެލޯ ބޮޑުވެގެން ދިއަ ވަގުތު ޔޫހާގެ ފައިކޮޅުން ބާރު ދޫވެގެން ބިން މައްޗަށް ތިރި ވެއްޖެ އެވެ.
ހޮސްޕިޓަލްގެ އައިސީޔޫގެ ބޭރު ގައި ހުރި ގޮނޑީގައި އިނދެ އިނދެ މަސްގަނޑު އައްސި ވީއިރުވެސް ލޫނާ ހަމަ އެއިން ގޮތަށް އިނީ އެވެ. ދާނެ ވަކި ތަނެއް ނެތެވެ. ގައިގައި ވަރެއްވެސް ނެތެވެ. ވާހަކައެއް ދައްކާލާނެ މީހަކުވެސް ނެތެވެ. ހޮސްޕިޓަލްގައި ދިވެހި ދަންނަ މީހަކު ވެސް މަދެވެ. ހެދުނުއްސުރެ އެއްވެސް އެއްޗެއް ނުކައި އިނުމުގެ ސަބަބުން ހަށިގަނޑުގައި ތުރުތުރު ލުމެއް ވަނީ އުފެދިފަ އެވެ.
އެއްދިމާއަށް ކަޅި ހުއްޓާލައިގެން ލޫނާ އިންއިރު މޫނު މަތީން އިންތިހާ ދަރަޖައިގެ މާޔޫސްކަން ފެންނަމުން ދިއަ ނަމަވެސް ދެލޮލުގައި ކަރުނައިގެ އަސަރެއް ނެތެވެ. ހިވާ ގޮތުން ކަރުނަ ތިކިތައްވެސް މިއަދު އޭނާއަށް ވަނީ އަލްވަދާއު ކިޔާފަ އެވެ. ލޫނާ އަށް އިސް އުފުލާލެވުނީ ކޮންމެވެސް މީހެއްގެ އިޙުސާސް ކުރެވުމުންނެވެ. ދުރު ބަލާލި އިރު ކޮރިޑޯގެ ކޮޅުގައި ހުރި މީހަކު ފެނުނެވެ. އެއީ ޝަރީފްބޭ އެވެ. ޝަރީފްބޭ ފެނުމުން ލޫނާއަށް ތެދުވެވުނެވެ. ހިތް ބޭނުންވީ ދުވެފައި ގޮސް ޝަރީފްބޭގެ ގައިގެ އެތަން މިތަނުގައި ތަޅާ ވަރުގަދައަށް ޒަހަމް ކޮށްލާށެވެ. އެހެން ނަމަވެސް އޭގެން ވާނީ ފައިދާ އަކަށް ވުރެ ބޮޑަށް ގެއްލުމެކެވެ. ޝަރީފް މަޑުމަޑުން ހިނގާފައި ލޫނާއާ ގާތަށް އައި ވަރަކަށް ލޫނާގެ ނޭވާ ދިއައީ އަވަސް ވަމުންނެވެ. ހިތުގައި އަނދަމުން ދިއަ ނަފްރަތުގެ އަލިފާންގަނޑުގެ ސަބަބުންނެވެ. ޝަރީފްބޭ އައިސް ލޫނާގެ ކުރިމައްޗަށް ހުއްޓުމުން ލޫނާ ފުން ނޭވާއެއް ބޭރަށް ދޫކޮށްލީ ލޯ މަރާ ލަމުންނެވެ. އޭނާ އޭނާގެ އަމިއްލަ ނަފްސަށް ކެތްތެރިވާން އެންގި އެވެ. ޝަރީފްބޭ ދެކެ މާ ބޮޑަށް ރުޅި އަތުވެއްޖެއްޔާ ޝަރީފްބޭ ލޫނާއަށް ހަދާނެ ގޮތެއްވެސް ނޭގެ އެވެ. ދޮންތީއާ ބެހޭ ތެދު މައުލޫމާތެއް ވެސް ނުލިބޭނެ އެވެ.
ޝަރީފް އައިސް އެއްޗެއް ނުބުނެ އެތަނުގައި ހުރި ގޮނޑީގައި އިށީނީ އެވެ. ލޫނާވެސް ޝަރީފާ ދިމާއަށް ބަލަމުން ކައިރީގައި އިށީނެވެ. އޭނާ އިނީ ޝަރީފްބޭ ބުނާނެ އެއްޗަކަށް ސަމާލު ވެގެންނެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ޝަރީފް އޭނާގެ ޖީބުން ނެގީ ޑޮލަރު ބޮނޑި އެކެވެ. އޭނާ ލޫނާއަށް ބަލާލަމުން އެފައިސާ ލޫނާއަށް ދިއްކޮށްލި އެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް އެއްޗެއް ނުބުނެ ލޫނާ އެފައިސާގައި ހިފި އެވެ. ލިބުނު ވަގުތު އޭގައި ނުހިފައިފި ނަމަ ދެން އެވެސް ލިބޭނެ ކަމެއް ނޭގެ އެވެ. އިރުގަނޑެއް ވަންދެން އަނގައިން ނުބުނެ ޝަރީފް އިނދެފައި އޭނާ ކުއްލިއަކަށް މޫނު މަތީ އަތް އަޅާ ބާރަށް ރޯން ފަށައިފި އެވެ. ލޫނާ ސިހުނެވެ. އެހާ ބޮޑު މީހަކު ބާރަށް ރޯން ފެށީމައި ބިރުވެސް ގަތެވެ.
" ކިހިނެތްވީ!"
ލޫނާއަށް އަހާނުލާ ނީދެވުނެވެ.
" އައިންތު...!"
ޝަރީފްބޭގެ އަނގައިން އެވަގުތު ދޮންތީގެ ނަން އިވުމުން ލޫނާ ތެޅި ގަތެވެ. ދޮންތީއަށް އަނެއްކާ ކިހިނެތް ވީ ބާއެވެ!
" ކޮބާ ދޮންތީ!"
ލޫނާ އެހެން އެހީ ނޭވާ ހިފަހައްޓާ ލައިގެން އިނދެ އެވެ.
" އައިންތު އަހަރުމެންނާ ދުރަށް ދިއައީ.... އައިންތު އެމީހާއާ ކައިވެނި ކޮށްފި...!"
ލޫނާ ގެ ނިއްކުރި މައްޗަށް ރޫ ގިނަވެގެން ދިއައިރު އޭނާގެ ދެލޮލުން ފާޅުވެގެން ދިއައީ ނުރުހުމުގެ އަސަރު އެކަންޏެއް ނޫނެވެ.
" އަހަރުމެން މިހާ ހިތާމައިގަ ތިއްބާ.... މިހާރު އައިންތު އެއުޅެނީ ނިކަން އުފަލުން.... ބޮޑު މުއްސަންޖަކާ އިނދެގެން!"
އެހެން ބުނަމުން ޝަރީފް އޭނާގެ މޫނުމަތީން އަތްނަގާ ލޫނާއަށް ބަލާލި އެވެ. ކިތަންމެ ބާރަކަށް ރޮއިގެން ނަމަވެސް އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރެއް ނެތެވެ.
" ދެން އައިންތު އަހަރުމެން ނަކަށް ނުފެންނާނެ!"
" ޝަރީފްބޭ....!"
ބާރަށް ހަޅޭއްލަވައި ގަންނަމުން ލޫނާ އޭނާގެ މުލައްދަޑީގައި ހުރި ބާރެއް ލާ ޝަރީފްގެ ނޯންމަތީގަ ގޮއްމުއްކަވާފައި ޖަހައިފި އެވެ. ޝަރީފްގެ ބޯ ގުޑައިގެން ދިއަލެއް ބާރުކަމުން މޫނު މައްޗަށް ވެސް އަނދިރި ވާ ގޮތް ވި އެވެ. ނޭފަތް މަތީގައި އަތް އަޅައިގެން ކާލި އަޅަމުން ޝަރީފް ތެދުވި އިރު އޭނާގެ ދެލޯ އަނގުރު ކޮޅެއް ފަދަ އެވެ. ލޫނާ ވެސް އިނީ ބިރުން ނޭވާ އަވަސް ވެފަ އެވެ. ރުޅި ގަދަވި ވަރުން އޭނާއަށް ޖެހުނީ ނުބައި ތަނެއް ގައި މާބާރަށެވެ. ޝަރީފް ނޭފަތުގައި އަތް އަޅައިގެން ހުރިއިރު އަތްތިލައިގެ ދަށުން ލޭ ތިކި ތަޅަމުން ދާތަން ފެނުމުން ލޫނާ ވަކީން ބިރު ގަތެވެ.
ޝަރީފް ކުއްލި އަކަށް ކުރިއަށް ޖެހިލާ އަނެއް އަތުން ލޫނާގެ ބޮލުގެ އިސްތަށި ގަނޑުގައި ހިފާ ކައިރިއަށް ދަމައި ގަތެވެ. ވީ ތަދުން ލޫނާއަށް ހަޅޭއް ލަވައި ގަނެވުނެވެ.
" މީގެ ބަދަލު ކަލޭ ދޭން ޖެހޭނެ!"
ޝަރީފް އެހެން ބުނަމުން ލޫނާ ދުރަށް ކޮށްޕާލުމާއި އެކު މާ ދުރަށް ލޫނާ ގޮސް ގުޅައަކަށް ޖެހިއްޖެ އެވެ. ނަފްރަތުގެ ބެލުމަކުން ލޫނާއާ ދިމާއަށް ބަލަމުން ޝަރީފް ފަހަތަށް ފަހަތަށް ގޮސް ޖެހިގެން އޮތް ގޯޅިއަޅައިފި އެވެ. ބިންމައްޗަށް ގޮސް ޖެހުނު ވަގުތު ވީ އަނިޔާއަށް ވުރެ ބޮޑު ބިރުވެރި ކަމެއް އޭނާގެ ހިތުގައި އުފެދިފައި ވަނީ ދެން ކަން ހިނގާފާނެ ގޮތަކާއި ދޭތެރޭގަ އެވެ. ވީ އެންމެ އަވަހަށް އެތަނުން ސަލާމަތް ވާނެ ގޮތެއް އޮތްތޯ ބަލަން ވީއެވެ. މާލޭގެ މީހަކަށް ޚަބަރު ކޮށްލެވޭނެ ގޮތެއް އޮތްތޯ އޭނާ ވިސްނަން ފަށައިފި އެވެ. ބެންގަލޫރަކީ އާންމުކޮށް ދިވެހީން ބޭސް ކުރަން އައިސް އުޅޭ ތަނަކަށް ވާއިރުވެސް އޭނާއަށް އެތަނުން އެއްވެސް ދިވެއްސަކާ ދިމާ ވެފައެއް ނުވެ އެވެ. ނަސީބަކުން ފައިސާ ކޮޅެއް އަތުޖެހިއްޖެ އެވެ. ކޮންމެވެސް ތާކަށް ވަދެ މާލޭގެ ނަންބަރަކާ ގުޅޭތޯ ބަލަން ވީއެވެ.
މާހިން މިހާރު އަބަދު މިމީގެ ވާހަކަ ދައްކާތީ ދާއިންގެ ބޮލަށް އުނދަގޫވެ އެވެ. އެވާހަކަތައް އަޑު އެހޭ ވަރަށް ވުރެ އޭނާގެ ފިކުރުތައް ބޮޑެވެ. އަދިވެސް އޭނާ އެއުއްމީދު ކުރަނީ ޔޫހާ އަށެވެ. ބައްޕަ އަތުން ނެގި ޑޮލަރުތައް ހުރި ގޮތަށް ބަހައްޓައިގެން އޭނާ އެހުންނަނީ ޔޫހާ ގުޅަން ދެންނެވެ. ޔޫހާ ހުރި ތަނެއް އެނގިއްޖެއްޔާ އެތަނަކަށް ދެން ދާނީ ސީދާ ދާއިންނެވެ. މިހާރު އިންތިޒާރު ކޮށްކޮށް ގޮސް ބޯ ގޮވާ ހިސާބަށް ހިނގައްޖެ އެވެ. ޔޫހާ އެންމެ އަވަހަކަށް ފެންނަ ވަގުތަކުން އޭނާ ޔޫހާގެ ގައިގައި ވަރަށް ބާރަށް ބައްދާލާނެ އެވެ. އަދި ޔޫހާއާ ނުލާ އެންމެ ސިކުންތެއްވެސް ހޭދަކުރަން ދަތި ވެއްޖެ ކަމަށް އިއުތިރާފް ވާނެ އެވެ. އެކަމަކު އެއީ ވާނެ ކަމެއް ހެއްޔެވެ! ޔޫހާއާ ދުވަހަކުވެސް ބައްދަލު ވެވިދާނެހެއްޔެވެ! މިހާރު މާޔޫސްވާ ހިސާބަށް ހިނގައްޖެ އެވެ.
ހެޑްފޯނު ޖަހައިގެން ރޮމޭންޓިކް އިނގިރޭސި ލަވައެއް އަޑުއަހަން އިން މާހިންއަށް ފޯނު ރިނގްވާކަމެއް އެނގުނު އިރު ތަންކޮޅެއް ލަސް ވެއްޖެ އެވެ. އޭނާ ހަމަ ފޯނު ނެގިތަނާ ކެނޑުނީ އެވެ. އެއީ އިންޑިއާ އިން އައި ކޯލެކެވެ. ދެން އެނަންބަރާ ގުޅަން އުޅެ އުޅެ ގުޅޭ ގޮތެއް ނުވި އެވެ. މާހިން ވިސްނާލި އެވެ. އިންޑިއާއިން އޭނާއާ ގުޅާނީ ކާކު ހެއްޔެވެ! ވިސްނިއްޖެ އެވެ. ހެޑްފޯނު އެއްލާލާފައި އޭނާއަށް ދުއްވައި ގަނެވުނީ ގޭތެރެ އާއި ދިމާ އަށެވެ. ހުޅަނގު ފަރާތުގެ ބަގީޗާގައި ބޭބެ އިންނާނެ ކަން އޭނާއަށް އެނގުނެވެ.
" ބޭބޭ!"
މާހިން ދުވެފައި އަންނަމުން ބާރަށް ގޮވާލުމުން ދާއިން ބަލާލި އެވެ.
" ސީ! މިއޮތީ އިންޑިއާ އިން ގުޅާފަ!"
އެއަޑު އިވިފައި ދާއިންއަށް އޭނާ އޮށޯވެ އޮތް ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭގުނެވެ. ކޮއްކޮގެ އަތުން ފޯނު ޖަހައި ގަތުމަށް ފަހު އެ ނަންބަރަށް ދާއިން ގުޅާލި އެވެ. ފޯނެއް ނުނަގައެވެ.
" ޔަގީންތީ ޔޫޔޫ ކަން! އަދިވެސް ޓްރައި ކުރޭ!"
ބޭބެގެ އަތުން ފޯނު އަތުލަމުން މާހިން ބުންޏެވެ. ދާއިން ވިސްނާލި އެވެ. މާހިންގެ ނަންބަރު ޔޫހާގެ އަތުގައި އިނިއްޔާ އޭނާގެ ނަންބަރު ވެސް ޔޫހާގެ އަތުގައި އިންނާނެ އެވެ. ޔޫހާ ކަމަކަށް ބޭނުން ވެގެން ގުޅާނަމަ މާހިންއާ ނުގުޅިއްޖެއްޔާ ދާއިންއަށް ގުޅާނެ އެވެ. އެވަގުތު ދާއިންގެ ފޯނު ރިންގުވާން ފަށައިފި އެވެ. އެއީ އިންޑިއާ އިން އަންނަ ފޯނެކެވެ. ހިތް ތެޅިގެން ވަރުން ފޯނު އަތުން ދޫ ނުވީ ކިރިޔާ އެވެ.
" ހަލޯ!"
ދާއިން ބުނެލި އެވެ.
" ކާކު؟"
އެ ކޮޅުން އިވުނީ ޔޫހާގެ އަޑެއް ނޫނެވެ. އެއީ ފިރިހެން އަޑެކެވެ.
" ދާއިން"
ހިސާބަކަށް ޙައިރާންވެފައި ދާއިން ބުނެލި އެވެ.
" އަނ ރަނގަޅު! "
ޝަރީފް އޭނާގެ އަތުގައިވާ ޔޫހާގެ ފޯނަށް ބަލަހައްޓައިގެން ހުރެ ހިނިތުން ވެލި އެވެ.
" އަހަރެން މި ގުޅީ ޔޫހާ ބުނެގެން!"
މޫނު މަތީގައި ވިހަ ހިނިތުން ވުމެއް ވީއިރު އޭނާގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. އެ އަސަރުން ދާއިންގެ ހިތް އިތުރަށް ހާސް ކުރުވި އެވެ.
" ޔޫހާ ކޮބާތޯ! ހާލު ކިހިނެތްތޯ! މަންމަގެ ހާލު..."
އެއް ނޭވާގެ މަތީން ގިނަ އެއްޗެހި ތަކެއް ކިޔައި ގަނެވުނީ ހާސްވެފައި ހުރި ވަރުންނެވެ.
" ޔޫހާގެ މަންމަ އޮތީ ކޯމާ އެއްގަ!"
ޝަރީފް އެހެން ބުނިއިރު އޭނާއަށް ވަނީ ރޮވިފަ އެވެ. ދާއިންގެ ހިތަށް ވެސް ވަރަށް އަސަރު ކުރި އެވެ. ޔޫހާ މެންގެ ހާލާ ދޭތެރޭ ވިސްނާލެވުނެވެ.
" ކިހިނެތް ހަދާދެންވީ؟ އިތުރަށް ފައިސާ ބޭނުންތަ؟ ކޮން އެކައުންޓަކަށް ފޮނުވަންވީ؟"
ޝަރީފްބޭ ގެ ދެލޯ ދިއްލިގެން ދިއަ އެވެ. މަޤްސަދު ހާސިލް ކުރުމަށްޓަކައި މާގިނަ ވާހަކައެއް ދައްކާކަށް ނުޖެހުނެވެ. އޭނާ އަވަސް އަވަހަށް އެކައުންޓު ނަންބަރު ކިޔާލި އެވެ. ދާއިން ކީ ވަރަކަށް މާހިން އޭނާގެ ފޯނުގައި ނޯޓް ކުރަމުން ދިއަ އެވެ.
" މިހާރު މި ފޮނުވާދެނީ.... ޔޫހާއާ ދިމާވާނީ ކިހިނެތް؟"
ދާއިން ޔޫހާގެ އަޑު އަހާލާ ހިތްވި އެވެ.
" ހޮސްޕިޓަލް އަކަށް ރޭންޖެއް ނުލިބޭ... އެހެން ވީމަ ނުގުޅެނީ.... އޭނަ ބުނީ މާދަމާ ބޭރަށް ނުކުމެފަ ގުޅާނަމޯ!"
ޝަރީފްބޭ ވާހަކައެއް ހަދާލި އެވެ.
" އޯކޭ...! ވަރަށް ސަލާމް ބުނާތި. ބުނޭ ހިތްވަރު ގަދަ ކުރައްޗޭ... އަހަރުމެން މިތިބީ ޔޫހާއާ އެކީގައޭ!"
ދާއިން ފޯނު ބާއްވަމުން ބުންޏެވެ.
ފޯނު ބޭއްވުމަށް ފަހު ޝަރީފް ދެކޮޅަށް ހިނގަން ފަށައިފި އެވެ. އެ މުއްސަނދި ފިރިހެނާ ޖަމައު ކުރާނީ ކިހާ ވަރެއްތޯ ބަލާހިތުން ކެތް ވަނީއެއް ނޫނެވެ.
ޔޫހާއަށް ހޭވެރިކަން ވީއިރު އިރު އޮއްސިއްޖެ އެވެ. ލޯ ހުޅުވާލެވުނީ ގާތުން މީހަކު ކަރުކެހިލި އަޑު އިވިގެންނެވެ. ދާދި ގާތުން ބޮޑު މޫނެއް ފެނުމުން ހަޅޭއްލަވައި ގަނެވުނެވެ. ތެދުވެ އިށީންނަމުން ދުރަށް ޖެހެވުނެވެ.
" ކާކު!"
އެމީހާގެ ކަޅު މޫނު މަތީން ފެނުނު ނުލަފާ އަސަރުތައް ހިތަށް ގެނުވީ ވަގު ބުޅަލެއްގެ ސޫރަ އެވެ.
" ކީއްކުރަން!"
ޔޫހާއަށް ރޮއި ގަނެވުނެވެ. އެމީހާ ހިނިތުންވެލަމުން އެނދަށް އެރީ ދެކަކޫ ޖަހަމުންނެވެ. އެމީހާ ގައިން ދުވި ރާ ވަސްގަނޑުން ނޯށަށް ނުކުޅަދާނަ ވި އެވެ. ޔޫހާ ފަހަތަށް ޖެހެމުން ދިއަ އެވެ. އޭނާ ޔޫހާއާ ގާތަށް ޖެހެމުން ދިއަ ނަމަވެސް ބަހެއް ނުބުނެ އެވެ. އެއްޗެއް ބުންޏަސް ޔޫހާއަށް ދޭހަ ވާނެ ހެނެއް ހިއެއް ނުވެ އެވެ. ބިރުން ރޫރޫ އަޅަމުން ދިއަ ނަމަވެސް ހިތްވަރު ގަދަ ކުރަން ޔޫހާ ބޭނުން ވި އެވެ. ފަހަތަށް ފަހަތަށް ދެމެމުން ގޮސް އެނދުން ފައިބަން ހިފާލި ވަގުތު އެމީހާ ޔޫހާގެ ފައިތިލައިގައި ހިފާ ދަމައި ގަތެވެ. ޔޫހާ އެނދުމައްޗަށް ވެއްޓުނު ވަގުތު އެމީހާ ވަލު ޖަނަވާރެއް ފަދައިން ޔޫހާގެ ގައި މައްޗަށް ފުންމައިގެން އެރި އެވެ. ޔޫހާގެ ހިމަ ހިމަ އުނަގަނޑުގެ ދެފަރާތަށް ދެފައި ލަމުން އޭނާގެ ގައިމަތީގައި އެމީހާގެ ބޮޑު ހަށިގަނޑު ބައިންދާލި އިރު ޔޫހާ ލަވަމުން ދިއަ ހަޅޭކުގެ އަޑު އަހާނެ އެއްވެސް އިންސާނަކު މިދުނިޔެއަކު ނެތެވެ. ޔޫހާ ތެޅި ފޮޅެމުން ދަނިކޮށް އޭނާގެ އަތުގައި ޖެހުނީ ސައިޑު ޓޭބަލް މަތީގައި ހުރި ބިއްލޫރި ފުޅި އެކެވެ. ޔޫހާ އެފުޅި ނެގިގޮތަށް ނަގާ ފުޅިން އެމީހާގެ ބޮލުގައި ޖެހިވަގުތު ބާރު އަޑުފަށް ގަނޑަކާއި އެކު ފުޅީގެ ބިއްލޫރި ކޮޅުތަކާއި އެކުވެގެން ބުރައިގެން ދިއައީ އެމީހާގެ ބޮލުން އޮހިގެން ލެއެވެ. ވަގުތުން އޭނާ އެނދު މައްޗަށް ދެމިއްޖެ އެވެ. އެމީހާގެ ގައި ދޮށުން ސަލާމަތް ވެގެން ދުރަށް ޖެހިލި ވަގުތު ޔޫހާގެ ހަށިގަނޑު ތުރުތުރު ލައިގަތީ އިތުރު ބިރުވެރި ކަމަކާއި އެކުގަ އެވެ. އޭނާ އެދުމައްޗަށް ވެއްޓިފައި އޮތް އިރު ބޮލުން ފައިބަމުން ދިއަ ލޭ ގޮދަޑިއަށް އޮބެމުން ދިއުމުގެ އިތުރުން އެނދުގެ އަރިމަތީން ފައިބަމުން ދިއަ ލޭގެ ސަބަބުން ޓައިލްސް މަތީގައި ވެސް ވަނީ ލޭ ކޯރު ހެދިފަ އެވެ. އެ ބިރުވެރި ކަމުގެ ތެރޭގައި ހަދާފަ ނަހަދާނެ ގޮތެއް ނޭގިގެން އުޅެނިކޮށް ކޮންމެވެސް މީހަކަ ވަރަށް ބާރަށް ކޮޓަރީގެ ދޮރު ހުޅުވާލައިފި އެވެ. ދޮރުމަތީގައި ހުރި ޝަމްސް އަށް އެމީހާ ފެނުމުން ބާރަށް ހަޅޭއްލަވައިގެން އިރު ބިންގަނޑު ވެސް ގުޑިގެން ދިއަ ކަހަލަ އެވެ. އެއަޑަށް ބޭރުން ދުވެފައި ހައެއްކަ މީހުން އައިސް ކޮޓަރި ތެރެއަށް ވަނެވެ.
ޝަމްސް އަވަސް އަވަހަށް އައިސް އެމީހާއާ ގާތަށް ގުދުވި އެވެ. އެމީހާގެ ހަށިގަޑުގައި ދިރުމެއް ނެތެވެ. ޝަމްސް ބޯ ހިއްލާ ޔޫހާއަށް ބަލާލި ގޮތުން ޔޫހާގެ ހަށިގަނޑު ފިނިވިއެވެ.
" ކަލޭ މީނަ މަރާލީ...! މަރާލީ!"
އެހެން ބުނުމާއި އެކު އޭނާ ޔޫހާގެ މޫނުމަތީގައި ބާރު އެތިފަހަރެއް އަޅުވާލައިފި އެވެ. އަދި ހަމަ އެވަގުތު ޔޫހާގެ ފުރަގަހުން އައި ބަޔަކު އައިސް ޔޫހާގެ ދެއަތް ބަނދެލުމާއިއެކު ކޮންމެވެސް މީހަކު އޭނާގެ މޫނަށް ވެސް އެއްޗެއް ފައްތައިފި އެވެ. މިހާރު ޔޫހާއަކަށް އެއްވެސް ތަނެއް ނުފެނެ އެވެ.
" ދެން ކަލޭ ހުންނަން ބޭނުން ނެތީ! "
ބަރު އަޑަކުން އެހެން ބުނަމުން ޝަމްސް ޔޫހާގެ ކަރުގައި ހިފީ ޔޫހާގެ މޫނަށް ފައްތާފައިވާ ފޮތި ގަނޑުގެ މަތީންނެވެ.
" ކަލޭ މަރުވާން ޖެހެނީ! "
ޝަމްސްގެ ބާރުގަދަ އަތުން ޔޫހާގެ ކަރުގެ ދެފަރާތަށް ބާރަށް ފިތާލިއިރު އޭނާގެ އަޑު ގަދަ އެވެ.