ހިނިތުން ވެލަން މަސައްކަތް ކުރި ނަމަވެސް މިމީގެ ދެލޮލުން އޮހޮރެމުން ދިއަ ކަރުނަތައް ކޮންޓްރޯލެއް ނުވި އެވެ. އަމަން މިމީ އޭނާގެ ގައިގައި ޖައްސާލި އެވެ. އެ ނިކަމެތި ހަށިގަނޑުގައި ރިހެމުން ދާނެ ވަރު މިއަދު އޭނާއަށް އެބަ އިޙުސާސް ކުރެވެއެވެ. 

ކާރުގައި ހޮޓަލާއި ހިސާބަށް ދެވުނު އިރުވެސް މާހިން އާއި ދާއިން ކުރެ އެކަކުވެސް އަނގައިން ނުބުނެ އެވެ. ދާއިން ދެރަވީ ކޮއްކޮ ހިތަށް އަރާނެ އެއްޗެއް ނޭގޭތީ އެވެ. އެއީ ދާއިން އޮޅުވާލައިގެން ގަސްދުގައި ކުރި ކަމެއްހެން މާހިން އަށް ހީވެދާނެތީ ދާއިން ކަންބޮޑުވި އެވެ. ކާރުން ފައިބައިގެން ހޮޓަލްގެ ލިފްޓަށް އެރި އިރުވެސް މާހިން ހުރީ އިސް ޖަހައިގެންނެވެ. ކޮއްކޮ ދާއިން އާއި ދިމާއަށް ނުބަލަން އުޅޭކަން ފާހަގަ ވުމުން އިތުރަށް އެއްޗެއް ބުނާކަށް ދާއިން އަކަށްވެސް ނުކެރުނެވެ. ދެންމެގައި ފައިގައި ރިހޭ ވަރުން އުޅުނު މާހިންގެ ފަޔަށް މިހާރު މާ ބޮޑު ތަދެއް ވާހެން ހިއެއް ނުވެ އެވެ. އޭނާ ދާއިންގެ ކުރީގައި ހުރެ ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އެވެ. އިރުކޮޅެއް ވަންދެން ދާއިން ދޮރުމަތީގައި މަޑުކޮށްލި އެވެ. ކޮއްކޮއަށް ކޮށްފައިވާ އަސަރު އޭނާއަށް އިނގެ އެވެ. އެހީވާން ބޭނުން ވިއެވެ. އެހެން ނަމަވެސް މިވަގުތު ކޮއްކޮ ބޭނުން ވަނީ އެކަނި ވާށެވެ.

ކޮޓަރީގެ ދޮރު ލެއްޕުމާއި އެކު ދެލޯ މަރާ ބާރު ކުރަމުން ހުރި ދިމާއަށް މާހިން ތިރިވި އިރު އޭނާގެ އެތެރެ ހަށި ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. ހިފަހައްޓާލައިގެން ހުރި ރިހުންތައް ދެލޮލުން ބޭރުވެގެން ދިއައީ ހިފެހެއްޓުމެއް ނެތި އެވެ. ހަޔާތުގައި ދުވަހަކުވެސް އެވަރުގެ ދެރައެއް އޭނާ ނުވެއެވެ. އަމިއްލަ ނަފްސްގެ އަގު އެހާ ދަށްވި ދުވަހެއް ނާދެ އެވެ. މާހިން ދޫކޮށްލާފައި ގޮސް މިމީ އެހެން މީހަކާ ކައިވެނި ކޮށް ބަލިވެއިނީ މާހިންގެ ކަމުދާ އެއްވެސް ސިފައެއް ނެތީމަ އެވެ. އޭނާއަކީ އެހާ ކަމު ނުދާ މީހެއް ހެއްޔެވެ! ސުވާލު އުފެދުމުގެ ޖާގައެއް ނެތެވެ. އެކަން އެއޮތީ ސާބިތު ވެފަ އެވެ. މިހާތަނާއި ޖެހެންދެން ވެސް މާހިން ޤަބޫލު ކުރަމުން އައީ މިމީ އޭނާއާއި ދުރަށް ދިއައީ ބައްޕަގެ ނުފޫޒުން ކަމަށެވެ. އަދި މިމީ އޭނާ ދެކެ ލޯބިވާނެ ކަމަށް ޤަބޫލު ކުރެވުނެވެ. އެހެން ނަމަވެސް މިއަދު އޭނާގެ ލޮލުގެ ކުރިމަތީގައި ހާމަ ވެގެން އެދިއައީ ހަޤީޤަތެވެ. 

އިރުގަނޑެއް ވަންދެން މާހިން އެތަނުގައި އިނެވެ. އޭނާގެ މުޅި ދުނިޔެ ވީރާނާވެ ނިމުނީ އެވެ. ދިރިއުޅުމުގައި އުއްމީދު ކުރާނެ އެއްޗެއް ނެތުމުން ވާނީ ކިހިނެއް ހެއްޔެވެ! މާހިން ހިއްވަރު ކޮށްލާފައި ތެދުވި އެވެ. ދާނެ ވަކި ދިމާއެއް ނެތް ނަމަވެސް އެތަނުގައި އިނދެގެން ވަކި ކުރާނީ ކީއްހެއްޔެވެ! 

ނާމީ އާއި އެކު އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ ލޫނާ ކުރަމުން ދިއަ ބުރަ މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވި އެވެ. ގިނަ ވަގުތު ނާމީ އޮންނަނީ ގޭގަ އެވެ. އޭނާ ބޭރަށް ނުކުމެ އުޅެން ޖެހިލުން ވެއެވެ. އޭނާގެ ހަޤީޤަތް މީހުންނަށް އެނގިދާނެ ހެން ހީވަނީ އެވެ. ދުނިޔޭގެ އެއްވެސް ކަމަކާއި ޝައުގުވެރި ކަމެއް ނެތެވެ. ލޫނާއާއި އެކުގައި ކުޑަ ވަގުތު ކޮޅަކު އުފާ ކޮށްލި ނަމަވެސް ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ފިކުރުގެ ތެރޭގަ އެވެ. އެކަމުގެ ސަބަބުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މީހާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. އެރީތި ބިޔަ ހަށިގަނޑު ހިމަވެ ނިކަމެތި ގޮތް ފެންނަން ފަށައިފި އެވެ. ބޮޑު ބައްޔެއްގައި މީހާ ހަލާކު ވެގެން ދިއުމުގެ ކުރީން ބަލީގެ ބިރުވެރި ކަމުގެ އިޙުސާސުން މީހާ ހަލާކު ވާލެއް އަވަހެވެ. އެކަން ނާމީގެ ކިބައިން ވަރަށް ރަނގަޅަށް އެބަ ފެނެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ލޫނާ އެދެމުން ދިއައީ އަލުން ޓެސްޓް ކުރުމަށެވެ. އެހެން ނަމަވެސް ނާމީ ހިލާ އެއްބަހެއް ނުވި އެވެ. ނާމީގެ ކިބައިގައި އެކަން ހުރިކަމަށް ނާމީ ވަނީ ކަށަވަރު ކޮށްފަ އެވެ. ނާމީ އަށް އެހާ ޔަޤީން ވާތީ ލޫނާވެސް ބިރު ގަނެއެވެ. ކުރީން އުޅެވުނު ގޮތާއި ދިމާވި ކަންތައް އިނގޭނީ ނާމީ އަށެވެ. އެހެން ނަމަވެސް ލޫނާ އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެ އެވެ. 

ނާމީއަށް އަންނަމުން ދިއަ ބަދަލާއި ދޭތެރޭގައި އެންމެ ހިތްދަތި ވަނީ ޝައުކަތެވެ. އޭނާ ވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެކަމާއި ބެހޭ ގޮތުން ލޫނާއާއި ވާހަކަ ދައްކަން ޝައުކަތު ބޭނުން ވިއެވެ.

" ބައްޕަ އަކަށް ނޭގެ ދެން ހަދާނެ ގޮތެއް...!"
ލޫނާ ގާތުގައި އެވާހަކަ ދައްކަން ޖެހިލުން ވެފައި އިނދެ ޝައުކަތު ބުންޏެވެ.
" ނާމީ އަށް އެފަދަ ކަމެއް ދިމާވެދާނެ ކަމަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ...!"
ބައްޕަގެ އަޑުގައި ވާ ތުރުތުރު ލުން ލޫނާގެ މޭގެތެރޭގައި އިތުރު ރިހުމެއް އުފައްދައިފި އެވެ. 
" ނާމީ އެއުޅޭ ހާލު ފެނުނީމަ.... ބައްޕައަކަށް ކެތެއް ނުވޭ ދަރިފުޅާ...!" 
ބައްޕަގެ ލޮލުން ކަރުނަ އޮހޮރިގެންތަން ފެނުނު ވަގުތު ލޫނާ އަށް ވެސް ކެތްކުރަން ދަތިވި އެވެ. ދުވަހަކުވެސް ނާމީގެ ބައްޕަ އޭނާއައި އެހާ ގާތްކޮށް ވާހަކަ ދައްކާފައި ނުވެއެވެ. މިއަދު ބައްޕަ ލޫނާއާއި އެވާހަކަ އެ ދައްކަނީ ކެތް ނުވެގެންނެވެ.

" ބައްޕަ ޤަބޫލެއް ނުކުރަން އެކަމަކީ ލޫނާގެ ފަރާތުން ނާމީއަށް ޖެހުނު ކަމެއް ކަމަކަށް.... ޤަބޫލެއް ނުކުރަން ނާމީގެ އެކަން ހުރެދާނެ ކަމަކަށް ވެސް....!"
އެއަޑު އިވިފައި އެއްޗެއް ބުނެލަން ލޫނާ ބޭނުން ވިއެވެ.
" އަޅުގަޑޭ ކިޔައިގެން އެކިޔަނީ ދޮގު ވާހަކައެއް.... އިންޑިއާ މީހާ އަޅުގަނޑު ކިޑްނެޕް ކުރި.... އެކަމު..... އެކިޔަނީ ދޮގު....!"
ލޫނާ މިއަދު ބައްޕަ ގާތުގައި އެވާހަކަ ދައްކާކަށް ޖެހިލުމެއް ނުވެއެވެ. މިއަދު އޭނާއަށް ނާމީގެ ބައްޕަ ފެންނަނީ އެއަށް ވުރެ ގާތް މީހެއްގެ ގޮތުގަ އެވެ. ލޫނާ އެހެން ބުނުމުން ޝައުކަތުގެ މޫނުން އަލި ކަމެއް ފެނިގެން ދިއަ އެވެ. ލޫނާއަކީ ނާމީ އިން އިރުވެސް އިއްފަތްތެރި ކުއްޖެއް ކަމަށް އޭނާގެ ހިތްބުނި ބުނުން ކަށަވަރު ވީތީ އެވެ. އަބަދުވެސް އޭނާ އޭނާގެ ހިތަށް އިތުބާރު ކުރެއެވެ. މިފަހަރުވެސް ނާމީއާއި ދޭތެރޭގައި އޭނާގެ ހިތް ބުނަނީ އެހާ ގޯސްކޮށެއް ނޫނެވެ.

" ބައްޕައަށް ކަމެއް ކޮށްދީބަލަ...!"
ލޫނާ އިސް އުފުލާ ޝައުކަތަށް ބަލާލި އެވެ. އޭނާ ގާތުގައި ނާމީގެ ބައްޕަ އެދޭ ކޮންމެ ކަމެއް އުފަލާއިއެކު ކޮށްދެން އޭނާ ބޭނުން ވިއެވެ.
" ކޮންމެސް އެއްޗެއް ކިޔައިގެން އަލުން ނާމީގެ ޓެސްޓު ހައްދަދީ...!" 
އެއީ ޝައުކަތު މިހާރު އެންމެ ބޭނުން ވާ ކަންތަކެވެ. ކިތަންމެ ބިރު ގަތަސް ލޫނާވެސް އެންމެ ބޭނުންވާ ކަމަކީ އެއީ އެވެ. އެހެން ނަމަވެސް އެކަން ލޫނާއަށް ވާނެ ހެނެއް ހިއެއް ނުވެއެވެ.
ނާމީ ގާތުގައި އިނދެ ލޫނާ ވަރަށް ވިސްނަދޭން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެވާހަކަ އަޑުއަހަން ވެސް ނާމީ ބޭނުމެއް ނުވެއެވެ. އަނެއްކާވެސް އެކަމާ ކުރިމަތި ލާކަށް ނާމީ ބޭނުމެއް ނޫނެވެ. އެހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ނާމީ ޤަބޫލު ކުރި ގޮތުގައި އެކަން ޔަޤީން ވުމަށް ވުރެ ބޮޑަށް ޝައްކެއްގެ މަތީގައި އޮތުން ރަނގަޅުވާނެއެވެ.

" ކަމަކާ ބިރުން އެކަމާ ކުރިމަތި ނުލާ ހުރެ ކޮންމެ ދުވަހަކު އެތައް ސަތޭކަ މަރަކުން މަރުވުމަށް ވުރެ.... އެކަމާ ކުރިމަތި ލިއްޔާ މާ ރަނގަޅުވާނެ...!"
ލޫނާ ނާމީއަށް ވިސްނައި ދިނެވެ. މިހާރު ލޫނާވެސް އެވާހަކަ ދައްކަން އިތުރު ހިތްވަރެއް ބޭނުން ވެއެވެ. އޭނާވެސް މިހާރު އެވަނީ އެ ނުރައްކަލުގެ ތެރޭގަ އެވެ. އެއީ ނާމީ އިތުރަށް ބިރުގަންނަން ޖެހުނު ސަބަބެކެވެ. ނާމީ އާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ކަން ވިއަސް ލޫނާއަށް ދެރަގޮތެއް ވުމަކަށް ނާމީ ދުވަހަކުވެސް ނޭދޭނެ އެވެ. މިހާރު ނާމީ އެ ވަނީ އެ ފިކުރުވެސް ކުރަން ޖެހިފަ އެވެ. އެނގިއެނގި ހުރެ ލޫނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވުނު ކަމުގެ އިޙުސާސް އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ކުރާނެ އެވެ. ލޫނާ އެތައް ވާހަކަ އެއް ދެއްކުމުން ވެސް ނާމީ އިނގޭ ކަމަށް ވެސް ނެހެދި އެވެ. ލޫނާ އެދުނަސް އޭނާއަށް އެކަން ކުރެވޭކަށް ނެތެވެ. އެނޫން ކޮންމެ ކަމެއް ބުންޏަސް ލޫނާ އަށްޓަކައި އޭނާ ކޮށްދޭނެ އެވެ.

ގާތްގަނޑަކަށް ދެގަޑިއެއްހާއިރު ކޮޓަރީގައި އޮވެފައި ދާއިން ނުކުތީ ލޮބީއަށެވެ. ކޮއްކޮގެ ޚަބަރެއް ނުވެ އިރުކޮޅެއް ވުމުން ވެސް މިއަދު އޭނާއަށް އުނދަގޫވެއްޖެ އެވެ. ކޮއްކޮގެ ރޫމްގައި ދެފަހަރަކު ޖަހާލުމުންވެސް ޚަބަރެއް ނުވި އެވެ. ދާއިން މާހިންއަށް ގުޅާލި އެވެ. އޭރު މާހިން ހުރީ ދުރުނޫން ހިސާބެއްގައި ހުރި ކާރު ރޭސް ޖަހާ ތަނެއްގަ އެވެ. ހޮޓެލްގެ ބެލްކަނީއިން ބަލާލިއިރު ތަންކޮޅެއް ދުރުން އެ މަންޒަރު ފެންނަމުން ދިއައެވެ. އެތަނުގައި މުބާރާތެއް ހިނގަނީ އެވެ. އެފަދަ ހިތްދަތި ދަނޑިވަޅެއްގައި ކޮއްކޮ އަށް އެތަނަށް ދާހާ ހިތްވަރު ލިބުނީތީ ދާއިން އުފަލެއް ނުވި އެވެ. އޭނާގެ ހިތް ބިރުގަތެވެ. އަވަސް އަވަހަށް ޓެކްސީއެއް ނަގައިގެން އެދިމާއަށް މިސްރާބު ޖެހުނެވެ.

އެއްވެފައިވާ މީހުންގެ ތެރެއިން ދާއިންއަށް މާހިންއާއި ހިސާބަށް ދެވުނީ އުނދަގުލުންނެވެ. އޭރު މާހިން ރޭސް ކާރަކަށް އަރަން ތައްޔާރު ވަނީ އެވެ.
" ވަޓް އާ ޔޫ ޑުއިންގް!"
ހާސްވެފައި ހުރެ ދާއިން މާހިންގެ ކޮނޑުގައި ހިފާ ދަމައިގަތެވެ. ކޮއްކޮ އެ ރޭހުގައި ބައިވެރި ވާކަށް ދާއިން ބޭނުމެއް ނޫނެވެ. މިވަގުތަކީ ކޮއްކޮގެ ސިކުނޑި މާރަނގަޅަށް މަސައްކަތް ކުރާނެ ވަގުތަކަށް ނުވާނެ އެވެ. އަދި އެއީ ކޮއްކޮ ހިތްހަމަ ޖައްސާލުމަށްޓަކައި ނުވަތަ އުފަލަކަށްޓަކައި ކަމެއް ކުރާނެ ވަގުތެއް ނޫން ކަންވެސް ދާއިން އަށް އިނގެ އެވެ. އަދި ކޮއްކޮއަކީ މޮޅުވާ މީހަކަށް އެތަނުން އެދޭ އެއްލައްކަ ދިރުހަމްގެ އިނާމު ބޭނުން ވާނެ މީހެއްވެސް ނޫނެވެ. ވީއިރު ކޮއްކޮގެ މަޤްސަދާއި ދޭތެރޭގައި ދާއިންގެ ހިތް ބިރުގަތެވެ.

" މަންމައަށް އެނގިއްޖެއްޔާ ރުޅި އަންނާނެ... ކަމް...!"
ހާސްވެގެން ތެޅި ފޮޅެމުން ކޮއްކޮއާއި ދިމާއަށް ގުދުވެ އޮވެ ދާއިން އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ. މާހިން އިވޭ ކަމަށް ވެސް ނަހަދަ އެވެ. އޭނާ ރޭސް ކާރަށް އެރުމަށްޓަކައި ތައްޔާރު ވަނީ އެވެ.
" ކޮއްކޯ... ޑޮކްޓަރ މަނާ ކޮށްފަ އެއްނުންތަ އޮތީ.... ކުރީން ލިބުނު އިންޖަރީގަ ކިރިޔާނުން ފުރާނަ ސަލާމަތްވީ...!" 
އެންމެ ފަހުން އެދުވަސް ތައް ކޮއްކޮއަށް ހަނދާން ކޮށްދެން މަޖުބޫރު ވެއްޖެ އެވެ.
" ވައި ވޮރީ ނައު....!"
މާހިން ދުރަށް ހިނގައި ގަންނަމުން ބުނެލީ އެހެންނެވެ. 
" ހޫ ކެއަރސް؟"
އެހެން ބުނެފައި މާހިން ދުވެލާފައި ގޮސް ކާރަށް އެރި އެވެ.
" އައި ޑޫ...އައި ޑޫ.....!"
ދާއިން ބާރަށް ބުނަން ބޭނުން ވިއެވެ. އެހެން ނަމަވެސް އޭނާގެ އަނގައިން އެއަޑު ބޭރެއް ނުވި އެވެ. ކަށިގަނޑުގެ އަޑު އިވުމާއި އެކު މާހިންގެ ކާރު ނައްޓާލައިފި އެވެ. ހިނދު ކޮޅެއްގެ ތެރޭގައި ކޮއްކޮގޮސް އޭނާގެ ލޮލުގެ ކުރިމަތީން ގެއްލިއްޖެ އެވެ. 

ކުރިމަތީގައި ހުރި ސްކްރީނަށް ބަލަން ދާއިން ހުރި އިރު އޭނާގެ ސިކުނޑި އަށް އަންނަމުން ދިއައީ އެދުވަސް ތަކުގެ ހަނދާނެވެ. ކޮއްކޮގެ ބޮލަށް ލިބުނު ގެއްލުމުގައި އެތައް މަހެއް ވަންދެން އައިސީޔޫގައި އޮންނަން ޖެހުނު ދުވަސް ތަކެވެ. އެދުވަހު ދާއިން ކުރި ހިތާމަ އެވެ. މަންމަ ރުއި ވަރެވެ. ދުވަހަކުވެސް ދެން ކާރު ރޭހުގައި ބައިވެރި ނުވާން ކޮއްކޮ މަންމަ ގާތުގައި ވީ ވަޢުދެވެ. މިހުރިހާ ކަމެއް ކޮއްކޮ ހަނދާން ނައްތާލައިފި އެވެ. ސަބަބެއް އޮންނާ އެވެ. ކުއްލިއަކަށް އެއިވުނުއަޑާއި އެކު ދެލޯ ސްކްރީނަށް އަމާޒު ކޮށްލެވުނެވެ. އެންމެންގެ ހަޅޭކުގެ އަޑު އިވިގެން ދިއައީ ދުއްވަމުން ދިއަ ކާރު ޓްރެކުން ނައްޓާލައިގެން ގޮސް ފަރުބަދަ ތަކާއި ދިމާއަށް އަރި އަޅާލިތަން ފެނުމުންނެވެ. 

ބޭރުގެ ވަރުގަދަ ކުންފުންޏަކާއި އެކު އެގްރީމެންޓެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދާތީ ޖައުފަރުގެ ފޯނު ވަނީ މިއުޓަށް ލާފަ އެވެ. މި އެއްބަސް ވުމަކީ އޭނާގެ ވިޔަފާރި އާ އުސް މިންތަކަކަށް ގެންދާނެ އެއްޗެކެވެ. އެ ކުންފުންޏާއި އެކު ޕާރޓްނަރޝިޕް ހެދުމަކީ ޖައުފަރުގެ އެތައް ދުވަހެއްގެ އުއްމީދެވެ. 

" ބެންޖޯ" ގެ ޝަރަފުގައި ދިން ޑިނަރ ނިމިގެން ފޯނު އޮންކޮށްލިއިރު އެތައް މިސް ކޯލެއް ފެނުނެވެ. ދާއިންގެ ފޯނުން އެވަރަށް ގުޅާފައި ވާތީ ޖައުފަރުވެސް ހާސްވާ ގޮތްވި އެވެ. އަވަސް އަވަހަށް ދާއިންއަށް ގުޅާލި އެވެ. އެކޮޅުން އިވުނީ ހަޅޭކެއްގެ އަޑެވެ.
" ބައްޕާ....! ކޮއްކޮ އޮތީ ކްރިޓިކަލް ހާލަތެއްގަ.....! އަވަހަށް އާދޭ.....!"
ދާއިން ބާރަށް ރޮއިގެން އަޑު އިވުނެވެ. ޖައުފަރުގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިއައެވެ. ދާއިންގެ އަޑުގައި ވާ އަސަރު ކަމުގެ ނުރައްކާތެރިކަން ނިކަން ރަނގަޅަށް ހާމަ ކޮށްދީފި އެވެ.
" އިންޓަރނަލް ބްލީޑިންގް....! ޕްލީސް... އަވަހަށް އާދޭ....!"
ދާއިން ބާރަށް ހަޅޭއްލަވަމުން ދިއައެވެ. އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެ އެވެ.
ޖައުފަރު ވެސް ބިރުން ހަލާކު ނުވީ ކިރިޔާ އެވެ. އޭނާއަށް އެއްޗެއް އަހާލެވުނީ ވެސް އިރުކޮޅަކުންނެވެ.
ޖައުފަރާއި އެކު ޒިޔާދާއާއި ޔޫހާވެސް ދުބާއީ އަށް ގެންދިއުމަށް ދާއިން އެދުނެވެ. ވެގެން އުޅޭ ގޮތެއް ނޭގުނު ނަމަވެސް ވަރަށް ބޮޑު ކަމެއް ވެއްޖެ ކަން ޒިޔާދާއަށް އެނގުނެވެ.

ލޫނާގެ ފޯނަށް ދާއިން ގުޅުމުން ލޫނާ ޙައިރާން ވިއެވެ. އެ ފޯނަށް ދާއިން ގުޅާނީ ނާމީއާއި ނުގުޅިގެން ކަން އެނގުނެވެ.
" ލޫނާ....! ކޮއްކޮ ވަރަށް ބޮޑު އެކްސިޑެންޓެއް ވެގެން.... ވަރަށް ސީރިއަށް ކޮންޑިޝަން އެއްގަ އޮތީ.... ދުބާއީގަ...! "
ކުއްލިއަކަށް އެއަޑު އިވުމުން ލޫނާ އަށް ޤަބޫލުވެސް ނުކުރެވުނެވެ. ފޯނު ހިފެހެއްޓި ގޮތަށް ހުއްޓުން އަރާފައި އޭނާއަށް ހުރެވުނީ އެވެ. ނާމީއަށް މިމަންޒަރު ފެނުމުން ނާމީ ލޫނާގެ އަތުން ފޯނު އަތުލި އެވެ.
" ހަލޯ...!"
ނާމީ ވާހަކަ ދެއްކި އެވެ.
" ނާމީ.... ޕްލީސް .... އައި ނީޑްޔޫ ހިއަރ..... ކޮއްކޮ އެކްސިޑެންޓެއް ވެގެން.... އަދިވެސް ހޭނާރާ....! ވަރަށް ކްރިޓިކަލް.... ޕްލީސް ކަމް....!"
ދާއިން ރޮއިގެން އަޑު އިވުމުން ނާމީއަށް ވެސް ވީ ހަމަ ލޫނާއަށް ވީފަދަ ގޮތެކެވެ.
ދާއިން އޭނާއަށް އިނގޭ އެންމެނަށް ގުޅި އެވެ. ކޮއްކޮގެ އެ ހާލަތަކީ އެއްވެސް މީހަކަށް ސިއްރު ކުރަން ވާނެ ހާލަތެއް ނޫނެވެ. މިއަދު މިމީއަށް ވެސް އެކަން އަންގަން މަޖުބޫރެވެ. 

ކޮމެންޓް 0