" އަޅުގަނޑު މިއައީ އަދި އެއް ވާހަކަ ނަންގަންނަން....! އަޅުގަނޑު...... މާހިންގެ ދަރިއަކަށް ބަނޑު ބޮޑު!"
ޖައުފަރު މިމީ އާއި ދިމާއަށް އެނބުރުނީ ޙައިރާން ކަމާއި އެކުގަ އެވެ. އެމޫނުމަތީން ކުލުނުގެ އަސަރު ފެނުނުހެން މިމީއަށް ހީވި އެވެ. އިރުކޮޅެއް ވަންދެން ޖައުފަރު މިމީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޖައުފަރުގެ މޫނުމަތީން ފެނިގެން ދިއައީ ބުނެދެން ނޭގޭ އަސަރު ތަކެކެވެ. މިމީގެ ހިތުގެ ވިންދު އެތައް ގުނައެއް އިތުރު ވަމުން ދިއައީ ހިތުގައި އާވެގެން ދިއަ އުއްމީދެއްގެ ސަބަބުން ކުރެވުނު އިންތިޒާރަކުންނެވެ. ހިތްހަމަ ޖެހޭ ފަދަ ބަހަކަށް އެދެވުނެވެ. މިމީ ދެކެ ކިތަންމެ ރުޅިއަޔަސް ކާފަ ދަރިފުޅަށްޓަކައި އެހަރު ހިތުގައި ރަޙުމް އުފެދުން އެދި ދުޢާ ކުރެވުނެވެ.

" ޗި....! "
އުއްމީދު ކުރި ގޮތާއި ޚިލާފަށް ޖައުފަރުގެ މޫނުމަތި ކުނިކޮށްލި އެވެ.
" މިހާ އަވަހަށް ކަލޭ ބަލިވެ އިނީ އަހަރެންގެ މުދާގަނޑުގެ މައްޗަށް ވެރިވެ ގަތުމުގެ ނިޔަތުގަ ދޯ!"
ދެލޯ ބޮޑުވި ގޮތަށް ހުއްޓިފައި ޖައުފަރަށް ބަލަން މިމީއަށް ހުރެވުނީ އެވެ. މިމީގެ ޙައިރާންކަން ވީ އިތުރެވެ. ޖައުފަރުގެ ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން ދަނީ ހިލައިގެ ހިތެކެވެ.
" މަގޭ ދަރިއާ ކައިވެނި ކުރި މަޤްސަދު ހާސިލް ވީ ދޯ! ދެން އަދި އަމުދުން މާހިން ސަލާމަތް ނުވާނެ!"
އެހެން ބުނަމުން ޖައުފަރު މިމީއަށް ފުރަގަސް ދިނީ މިމީދެކެ އޭނާ ނަފްރަތު ކުރާ މިންވަރު ދޭހަ ކޮށްދެމުންނެވެ. މިމީގެ ދެފައި ތުރުތުރު އަޅައިގަތެވެ. މާހިންއަށް އެހީވުމުގެ މަޤްސަދުގައި އަނެއްކާވެސް އޭނާއަށް އެހެދުނީ ގޯހެކެވެ. އޭނާއަށް ޖައުފަރާއި ދިމާއަށް ދުއްވައި ގަނެވުނީ ބޭއިޚުތިއާރުގަ އެވެ. ޖައުފަރުގެ ކުރިމައްޗަށް ހުއްޓި އޭނާގެ އެރަތް ދެލޮލާއި ހަތަރުކަޅި ހަމަކުރަމުން ރޮއި ގަނެވުނު އިރު މިމީގެ ހިތުގައި އެއްވެސް ޖެހިލުންވުމެއް ނެތެވެ. އެއަށް ވުރެ ބޮޑަށް އެ ހިތުގެ ރިހުން ވަނީ އިތުރު ވެފަ އެވެ.

" އެހެން ނަހަދާ.....! މާހިން ސަލާމަތް ކޮށްދީ ބައްޕަ..!"
" ހަބަރުދާރް!"
މިމީގެ ޖުމުލަ ނުނިމެނިސް ޖައުފަރުގެ އަނގައިން ބާރު އަޑެއް ނުކުތެވެ. އެވަގުތު މިމީއަށް ލިބުނު ސިހުމުގައި ފަހަތަށް ވެސް ޖެހިލެވުނެވެ.
" އޮޅިގެން ވެސް ކަލޭ މަށާ ދިމާއަށް ބައްޕަ ނުކިޔާތި!"
ޖައުފަރުގެ ދެލޮލުން ބުރައިގެން ދިއަ އަލިފާން ކަނީގެ އަސަރުގައި މިމީ ފިއްސާލައިފި ކަހަލަ އެވެ. ބުނާނެ އެއްޗެއް ނެތި ހިމޭން ވެފައި މިމީއަށް ހުރެވުނީ އެ އަސަރުގަ އެވެ.
" ދުވަހަކުވެސް، މަ ނުވާނެ ކަލޭގެ ބަފާބެއަކަށް ..... ދުވަހަކުވެސް މަ ނުވާނެ ކަލޭގެ ބަނޑުގަ ތިއޮއް ދަރީގެ ކާފައަކަށް....! ދުވަހަކުވެސް މަށާ ކަލޭގެ އާއިލާއަކާ ގުޅުމެއް ނުބޭއްވޭނެ! ކަލޭމެން ތީ މަގޭ ދިރިއުޅުން ހަލާކު ކޮށްލި މީހުން..... މިހާރު ތި އުޅެނީ މަގޭ ދަރީގެ ދިރިއުޅުމުގެ ތެރެއަށް ފާވެގެން އޭނަގެ ދިރިއުޅުން ހަލާކު ކޮށްލަން.....!"
އަވަސް ނޭވާތަކެއް ބޭރު ވަމުން ދިއައިރު މިމީގެ ހިތުގެ ތެޅުން ވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ. ބިރާއި، ލަދާއި ހިތްދަތި ކަމުގެ އިޙުސާސުން އޭނާއަށް ވަނީ ކެތް ނުވާ ވަރު ވެފަ އެވެ.

" މަ ބޭނުމެއް ނޫން ކަލޭގެ ތި ބޭކާރު ވާހަކަތައް އަޑު އަހާކަށް..... ކަލޭގެ އެއްވެސް ވާހަކަ އަކުން މަށަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ....! ދެން މިތަނުންދޭ....! "
މިމީގެ ކޮނޑުގައި ޝަހާދަށް އިނގިލި ޖައްސާ ބާރަށް ކޮއްޕާލަމުން ޖައުފަރު ބުންޏެވެ. ޖައުފަރުގެ އެންމެ އިނގިއްޔެއްގެ ބާރުވެސް މިއަދު އެހާ ގަދަ އެވެ. މިމީއަށް ހީވީ ކަށިގަނޑުގެ ތެރެއަށް އެ އިނގިލި ވަދެގެން ދިއަ ހެންނެވެ. އެހެން ނަމަވެސް އެ ރިހުމަކީ މިއަދު މިމީއަށް ރިހުމެއް ނޫނެވެ. އެއަށް ވުރެ ހިތާ ސިކުޑީގެ ވޭން މާ ބޮޑެވެ. 
" އެންމެ ފަހުބަސް މިބުނަނީ....ކަލެއާ މާހިންއާ ގުޅުން އޮތްހާ ދުވަހަކު މާހިން އަކީ މަގޭ ދުޝްމަނެއް....! އުމުރު ދުވަހަށް ވެސް އޭނަ ޖެހޭނީ ގަނަތެޅެން....! އެ ނޫން ގޮތެއް ކަލޭ ބޭނުމިއްޔާ ކުރިއަށް މިއޮއް ދެދުވަހުގެ ތެރޭގަ މާހިންގެ ދިރިއުޅުމުން ރައްކާވޭ!" 
ޖައުފަރު ބާރަށް ހަޅޭއްލަވައި ގަތެވެ. ކަޅި ހުއްޓިފައި މިމީ ހުރީ ގުޑިލަން ވެސް ނޭގިފަ އެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ޤަބޫލު ނުކުރެވުނަސް ހަޤީޤަތަކީ އެއީ އެވެ. އެއީވެސް ބަފަ އެކެވެ. ހަމަ އިންސާނެކެވެ! 

މިމީ މަޑުމަޑުން އިސް ޖަހާލި އެވެ. މާހިންއަށްޓަކައި އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް އޭނާ ކޮށްފި އެވެ. އެކަން އެކަކަށް ނޭގުނަސް މަތިވެރި މާތްﷲ ހެކިވާނެ އެވެ. 
" މިއަދު ފޯމު ލާނަން.....! " 
އެހެން ބުނެފައި ގޮތް ހުސްވެފައިވާ ހާލު މިމީ ކުރިއަށް ހިނގައި ގަންނަން މަސައްކަތް ކުރި އެވެ. އޭނާގެ ފިޔަވަޅުތައް ބަރެވެ. ހިރިލާހާ ވަރުވެސް އެ ހަށިގަނޑުގައި ނެތެވެ. ގަދަ ކަމުން ކަހަލަ ގޮތަކަށް ކުރިއަށް ގޮސް ދޮރުން ނުކުތުމުގެ ކުރީން އޭނާއަށް ހުއްޓެން މަޖުބޫރު ވި އެވެ. އަނެއްކާވެސް އެ އަނިޔާވެރިޔާގެ އަޑު ޖެހުމުންނެވެ.
" އަހަރެންނާ ކަލެއާ ދޭތެރޭގައި މި ދެކެވުނު އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް އިނގޭކަށް ބޭނުމެއް ނޫން....! އަމުދުން މާހިންއަށް....! އެހެން އެކަން ވެއްޖެއްޔާ އޭގެ އަގު އަދާކުރަން ޖެހޭނެ މީހަކީ ހަމަ މާހިން!"
ޖައުފަރު އެބުނި އެއްޗެއް މިމީއަށް ވިސްނުނެވެ. ކުރާނެ ކަމެއް ނެތެވެ. އެކަން ވެސް ޤަބޫލު ކުރީ އެވެ!
އަނެއްކާވެސް މިމީ ކުރިއަށް ހިނގައި ގަންނަން މަސައްކަތް ކުރި ވަގުތު ޖައުފަރުގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. ޖައުފަރު ބާރަށް ހިނގާފައި އައިސް މިމީގެ ކުރި މައްޗަށް ހުއްޓި މިމީގެ އަތްތިލައިގައި ހިފީ ބާރަށެވެ. ވާން އުޅޭ އެއްޗެއް ނޭގި ޙައިރާން ވެފައި ހުއްޓާ ޖައުފަރު މިމީގެ އަތަށް ލީ ޗެކެކެވެ. 
" މިއޮތީ ބްލޭންކް ޗެކެއް! މީގެ ބޭނުން ކޮށްގެން ތީގެ ކިބައިން އަހަރުމެން ސަލާމަތް ކުރޭ!"
ޖައުފަރު މިމީގެ ބަޑަށް އިޝާރާތް ކޮށް އެހެން ބުނި ވަގުތު މިމީގެ ވަށައިގެން ދުނިޔެ އެނބުރިގެން ކަހަލަ އެވެ. ބޮލަށް އެރި އެނބުރުމުގައި ބިމަށް ތިރި ނުވީ ކިރިޔާ އެވެ. ސުބްހާނައްﷲއެވެ! އިންސާނިއްޔަތުގެ ކުޑަމިންވަރެއްވެސް ހަމަ ނެތީ އެވެ!
" ދުވަހެއްގެ ކޮޅުންވެސް މަ ބޭނުމެއް ނޫން..... ކަލޭ މާހިންގެ ދަރިއަކަށް ބަލިވެ އިންކަން ވެސް މާހިންއަށް އިނގޭކަށް! އިވިއްޖެ؟"
މިމީ މަޑުމަޑުން އިސް އުފުލާ ޖައުފަރާ ހަތަރު ކަޅި ހަމަކޮށްލި އެވެ. ކުލަ ރީދޫވެފައި ވާ މިމީގެ މޫނާ ރަތްވެފައި ވާ ދެލޮލުން އޮހޮރެމުންދިއަ ލޭ ކަރުނަތަކުން ޖައުފަރަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ! ޖައުފަރު އެބުނާ ޖައުފަރު އެންމެ ލޯބިވި އަންހެން މީހާ، މީގެ އަހަރު ތަކެއްގެ ކުރީން ޖައުފަރުގެ ރަޙުމުކުޑަ ވަކިތަކުން ސަލާމަތް ކޮށްދިނުމަށް އެދި ރޮއި އާދޭސް ކުރި އިރު ނުކުރި އަސަރެއް މިއަދު ވަކި އޭނާއަށް ކުރާނޭ ހެއްޔެވެ! 
" ނޭގޭނެ!"
ބަނޑުގައި އަތް ޖައްސާލަމުން، އެދަރިފުޅުގެ ބައްޕަގެ ހައްޤުގައި އެވައުދުވެސް މިމީ ވެއްޖެ އެވެ. އެއާއި އެކު މިމީ އަނެއްކާވެސް ހިނގައި ގަތެވެ. މިމީއަށް ފުރަގަސް ދެމުން ކުޑަ ދޮރާއި ދިމާއަށް ހިނގައިގެން އިރު ޖައުފަރުގެ މޫނުމަތީގައި ވަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. ބޮޑު ހަނގުރާމައަކުން ނަސުރު ލިބުނު ކަހަލަ އުފާވެރި ކަމެއް އޭނާއަށް ލިބިއްޖެ އެވެ. މިމީ ނުކުމެ އޮފީސް ކޮޓަރީގެ ދޮރު ލައްޕާލި އަޑަށް ޖައުފަރު އެނބުރި ބަލާލި އެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ބިންމައްޗަށް ވެއްޓިފައި އޮތް ޗެކަށެވެ. އެ އަންހެނާ އެ ޗެކް ބޭނުން ނުކުރިއަސް ޖައުފަރަށް މައްސަލައެއް ނެތެވެ. ކޮންމެ ގޮތަކުން ވެސް ތައުފީޤްގެ ރޭވުމުން ޖައުފަރުގެ އާއިލާ ސަލާމަތް ވަނިކޮށް ޖައުފަރަށް ނިމުނީ އެވެ! 

ނާމީއާއި ލޫނާގެ ކައިވެނީގެ ވާހަކަ އިވުމުން އެންމެ އަސަރު ކުރި މީހަކީ ދޮންމަންމަ މޯނާ އެވެ. އެހާ ކުއްލި ގޮތަކަށް އެ ކައިވެނި ކުރަން ނާމީ ތެޅިގަތީމައި އޭނާގެ ބޮލަށް ވަރަށް އުނދަގޫ ވެއްޖެ އެވެ. ނާމީ މީހަކާ ކައިވެނި ކުރުމަކީ މޯނާ މާ ގަޔާވާ ކަމަކަށް ނުވިއަސް ކައިވެނި ޕާޓީ ރެއަކީ އޭނާ އިންތިޒާރު ކުރާ ރެއެކެވެ. އެންމެ އަގުބޮޑު ހެދުމުގައި ހުންނަ އެންމެ ނަލަ މީހަކީ އޭނާ އަށް ވުމަކީ އޭނާ ބޭނުން ކަމެކެވެ. ކައިވެނި ޕާޓީއަކާއި ނުލާ ކައިވެނީގެ ކަންތައް ނިންމަން އުޅެން ފެށުމުން މޯނާގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. ދާއިންގެ ކައިވެނި ލަސް ކޮށްލި އިރު ނާމީއަށް އެކަން ކުރަން ނުކެރުނު ސަބަބަކާއި ދޭތެރޭގައި އޭނާ ވިސްނާލި އެވެ. ހިތުގައި އުފެދިގެން ދިއަ ސުވާލު ތަކަށް ޖަވާބެއް ހޯދާނެ ރަނގަޅު ދަނޑިވަޅަކަށް އިންތިޒާރު ކޮށްކޮށް އޭނާ ހުއްޓެވެ.

ލޫނާގެ ލޮލުން ކަރުނަ ނުހިކޭ ސަބަބެއް ޔޫހާއަށް އިނގެ އެވެ. އޭނާ ނާމީއާއި ކައިވެނި ކުރަން މާ ޤަބޫލު ނޫންކަން ވިސްނާލައިފި ކޮންމެ މީހަކަށް ވެސް އިނގޭނެ އެވެ. އެހެން ނަމަވެސް ކޮންމެ މީހަކުވެސް ނޭގޭ ކަމަށް ހަދައިގެން އެހުންނަނީ ހަމަ ލޫނާއަށް ޓަކައެވެ. އެންމެންވެސް ޤަބޫލ ކުރި ގޮތުގައި ނާމީ ލޫނާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. ލޫނާއަށް އެންމެ ރަނގަޅު ގޮތަކީ ނާމީއާއި ކައިވެނި ކުރުމެވެ. 

ކައިވެންޏަށް ފަހު ލޫނާ ދިރިއުޅެން ޖެހޭނީ ނާމީ ގެ ގޭގަ އެވެ. އެއީވެސް ލޫނާ ހިތުގަ ޖެހޭ އެއް ކަންތަކެވެ. މަންމަމެންނާއި ދުރުގައި އުޅޭކަށް އަދި އޭނާއަކަށް ނޭގޭނެ އެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި އޭނާ އެއަށް ވުރެ އަދި ކުޑަ އެވެ. ބައްޕަ ދުނިޔޭގައި ހުރި ނަމަ އޭނާ އަދި އެހެން ގެއަކަށް ނުފޮނުވާނެ އެވެ. އެހެން ނަމަވެސް މަންމަ ބުނާ ގޮތުގައި ކައިވެންޏަށް ފަހު ލޫނާ ބޮޑު ވީ އެވެ. ލޫނާއަށް ނާމީގެ ގޭގައި އުނދަގޫ ތަކަކާއި ކުރިމަތި ލާން ޖެހޭނެކަން ހައިފާއަށް ވެސް އިނގެ އެވެ. އެ ކައިވެންޏަކީ ނާމީގެ ދޮންމަންމަ ގެ ރުހުމުގައި ކުރެވޭ ކައިވެންޏަކަށް ނުވާނެ ކަން ވެސް އިނގެ އެވެ. އެހެން ނަމަވެސް ލޫނާއަށް ދިމާވާ ކޮންމެ ކަމަކުން ނާމީ ލޫނާ ރައްކާތެރި ކުރާނެކަން ހައިފާއަށް ޔަޤީނެވެ.

މިރެއަކީ ލޫނާ ނާމީގެ ގެއަށް ދާންޖެހޭ ރެ އެކެވެ. ރޭގަނޑުގެ ކެއުމަށް ލޫނާއަށް ދައުވަތު ދިނީ އެގެއަށް ލޫނާ ފަރިތަ ކުރުމުގެ ގޮތުންނެވެ. ލޫނާ ބަލާ ނާމީ އަންނަ ގަޑި ގާތްވި އިރުވެސް ލޫނާ ތައްޔާރު ވާކަށް ނޫޅެ އެވެ. ޔޫހާ ކޮއްކޮ ކޮބައިތޯ ބަލާލަން ކޮޓަރީގެ ތެރެއަށް ބޯ ދިއްކޮށްލިއިރު ދޮރަށް ފުރަގަސް ދީގެން އެނދުގައި ކޮއްކޮ އިނެވެ. އޭނާގެ ހަރަކާތް ތައް ހުރި ގޮތުން ރޮނީކަން އެނގުނެވެ. ޔޫހާ ގޮސް ކޮއްކޮގެ ކައިރީގައި އިށީންނަމުން ކޮއްކޮގެ ގައިގައި ފުރަގަހުން ބައްދާލި އެވެ. 

" އައްދޭ މަގޭ ބޭބީ!"
ޔޫހާ އުޅުނީ ކޮއްކޮއާއި ސަމާސާ ކޮށްލާށެވެ.
" ނާމީގެ ގެއަށް ދިއައަސް ކޮއްކޮއަށް ބޭނުން ގަޑިއެއްގަ މިގެއަށް އާދެވޭނޭ... ނާމީ ގެންގުޅޭނީ ކޮއްކޮ ބަނދެގެނެއް ނޫނޭ! " 
ޔޫހާގެ ވާހަކަ އަކުން ލޫނާ ހިތްހަމަ ޖެހޭ ގޮތެއް ނުވި އެވެ. އޭނާ އެ ރޮނީ ދައްތަމެން ހީކުރާ ސަބަބާއި ހެދި އެއް ނޫނެވެ. ހިތުގައި ސިއްރު ކޮށްގެން އުޅޭ ސަބަބު ހާމަ ނުކޮށް ދެން އިތުރަކަށް އޭނާ އަކަށް ކެތެއް ނުވި އެވެ.
" ނާމީ ދެކެ ލޯތްބެއް ނުވެޔޭ!"
ކުޑަކުއްޖަކު ފަދައިން ލޫނާ ތުން ފިއްތާލި އެވެ.
" އަހަރެން ލޯބިވަނީ....."
ޔޫހާއަށް އެއްޗެއް ނުބުނެވި އުޅެނި ކޮށް ލޫނާ އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ. ޔޫހާ ސަމާލު ވެލި އެވެ. އޭނާގެ ހިތް ތެޅިލީ ބިރުން ނެވެ. ނާމިއާއި ކައިވެނި ކުރަން އެހާ ގާތް ވެފައި ވަނިކޮށް ލޫނާ ހަދާފާނެ ގޮތަކާއި ދޭތެރޭ ވިސްނާލަން ޖެހުނެވެ.
" މާހިން ދެކެ!"
އެހެން ބުނަމުން ލޫނާ އޭނާގެ އަނގަމަތީގައި އަތްޖައްސާލި އެވެ. ދައްތަ ގާތުގައި އެހެން ބުނަން އޭނާވެސް ލަދު ގަތެވެ. އެހެން ނަމަވެސް ނުބުނެ ހިތްހަމަ ނުޖެހުނީ އެވެ. ޔޫހާ އެއްޗެއް ނުބުނެ އިނީ ހިތްދަތި ވީ ވަރުންނެވެ. ކޮއްކޮ މާހިން ދެކެ އެވަރަށް ލޯބިވާއިރު މާހިންއަށް އެކަން އިޙުސާސް ނުކުރެވުނީތީ ދެރަވި އެވެ. އެކަމަކު ނަސީބޭވެސް ހިތަށް އަރައިފި އެވެ.

" މާހިންއާ ކައިވެނި ނުކުރެވުނީ ވެސް ނަސީބަކުންނޭ ކޮއްކޯ... ވިސްނާލަބަލަ.... އެހެންނަމަ މިއަދު ކިހާ ދެރަވާނެ!"
ޔޫހާ ލޫނާއަށް ވިސްނައި ދިނެވެ.
" ނުވާނެ!"
ކޮއްކޮ މާހިން ދެކެ ލޯބިވަނީ ޔޫހާ ހީކުރި ވަރަށް ވުރެވެސް މާ ބޮޑަށެވެ.
" ކޮންމެސް ދުވަހަކުން ސަލާމަތް ވެގެން އަންނާނެ އެއްނުން!"
ބޮޑާހާކާ ރާގެއްގައި ލޫނާ ބުންޏެވެ. ކޮއްކޮގެ ޅަކަން ފެނުމުން ޔޫހާ ކޮއްކޮގެ ނިއްކުރީގައި ބޮސް ދިނެވެ. 
" އެކަމަކު ކޮއްކޯ.... މާހިން މިހާރު ދިރިއުޅުމެއް ފަށައިފި އެއްނުން.... އޭނަ ޗޫސް ކުރީ މިމީއޭ.... ކޮއްކޮ ދެކެ ލޯބިވަނީ ނާމީއޭ....!"
އެހެން ބުނިތަނާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ނާމީ އައީކަން އެނގުނެވެ.
" ޕްލީސް....! ދެން މާހިންގެ ވާހަކަ ނުދައްކައްޗޭ އިނގޭ.... ކޮއްކޮއަށް އެންމެ ރަނގަޅު ވާނީ އެގޮތް..... ދެން ނާމީ ދެރަ ކުރާކަށް ވެސް ނުވާނެ....!"
ޔޫހާ ކޮޓަރީގެ ދޮރުހުޅުވަން ދާން ހިނގައި ގަންނަމުން ކޮއްކޮގެ މޫނުގައި ފިރުމާލާފައި ނަސޭހަތްތެރި ވި އެވެ. 

ނާމީއާއި އެކު ނާމީ ގެ ގެއަށް ލޫނާ ދިއައިރު އިންތިޒާރުގައި ނާމީގެ ބައްޕައާއި މޯނާ ތިއްބެވެ. މޯނާ ގެ މޫނުމަތީގެ ހިނިތުންވުން ފެނުމުން ލޫނާގެ ހިތްހަމަ ޖެހުނެވެ. އެއީ ލޫނާ އެގެއަށް އަންނަން އެންމެ ޖެހިލުން ވި ސަބަބެވެ. އެހެން ނަމަވެސް މިއަދު ދޮންމަންމަ ކީ ހޫނު މަރުހަބާގެ ސަބަބުން ލޫނާގެ ހިތުގެ ހާސްކަން ކެނޑިގެން ދިއަ އެވެ. ނާމީއާއި އެކުގައި ރީތި ދިރއުޅުމެއް އުޅެން މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބުނެވެ. ރޭގަނޑުގެ ކެއުމަށް ފަހު ދެން އޮތީ ނާމީގެ ގަނޑުވަރެއްފަދަ އެ ބޮޑު ގެ ބަލާލުމެވެ. މަތީގައި ހާއްސަ ކުރެވިފައި ވާ ބައި ބަލާލަން ލޫނާ ގޮވައިގެން ދާން ބޭނުން ވީ މޯނާ އެވެ. ލޫނާއާއި ދޮންމަންމަ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނާމީ ބައްޕައާއި އެކު ތިރީގައި މަޑުކޮށްލި އެވެ. 

މޯނާ ހިނގައިގަތީ ލޫނާގެ އަތްތިލައިގައި ހިފައިގެންނެވެ. ނާމީގެ ދޮންމަންމަ ހީވަނީ އެކުވެރީއެއް ހެންނެވެ. އެހާވެސް ގާތެވެ. ލިފްޓުން މައްޗަށް އަރަމުން ދިއައިރު ވެސް ގޭގައި ގެންގުޅެން އަލަށް ގެނައި ނޯކަރުގެ ބޯ ގޯސް ވާހަކަ ކިޔައިދީ ހީ ހެދި އެވެ. އޭނާއާއި އެކުގައި ލޫނާވެސް ބައިވެރި ވިއެވެ. ވަގުތު ކޮޅަކަށް ހިތްދަތިކަން ފިލައިގެން ދިއައެވެ. އެގޮތަށް ގޭން ނުކުމެ ގިނަ މީހުންނާ ވާހަކަ ދައްކާ ހަދަން ފަށައިފިއްޔާ ބޭކާރު ފިކުރު ތަކުން ދުރުވެ ހިތަށް ހަމަޖެހުމެއް ލިބިދާނެކަން ލޫނާއަށް އިޙުސާސް ކުރެވުނެވެ. 

މޯނާ ދައްކަމުން ދިއަ މަޖާ ވާހަކައިގެ މެދު ތެރެއިން ލޫނާއާއި މާ ގާތަށް ޖެހިލައިފި އެވެ. ހީވީ މީހަކަށް ނީވޭ ގޮތަށް ވާހަކައެއް ބުނަން އުޅޭ ހެންނެވެ.

" ކުއްލިއަކަށް ކައިވެނި އަވަސް ކޮށްލަން ޖެހުނީ.... ބަލިވެއިނީތަ؟ " 
ލޫނާގެ މޫނުމަތީގައި ހީވީ ބާރު އެތިފަހަރެއް ޖެހި ހެންނެވެ. ކުއްލިއަކަށް އެ ވައްޓާލީ ކޮންކަހަލަ ހަމަލާއެއް ހެއްޔެވެ!
" ކާކުގެ ދަރިއެއްކަން ނާމީއަށް އިނގޭތަ؟ "
އަނގައިން ބުނަން ނޭގިފައި ލޫނާއަށް ހުރެވުނެވެ. އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ! ހިނދުކޮޅެއްގެ ކުރީން ހިނތުންވެފައިވާ އެ މޫނުމަތީން މިހާރު ފެންނަމުން ދަނީ ކުރީން ފެނުނު އަސަރު ތަކެއް ނޫނެވެ. ނަފްރަތާއި މަލާމާތުގެ އަސަރު ތަކެވެ. 
" އެއްކަލަ.... ކޮން ނަމެއްތަ ކިޔަނީ....! އެއްކަލަ އިންޑިއާ ކަލޭގެ....؟ "
ލޫނާގެ ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއަ އެވެ. އެއީ ކޮންކަހަލަ މަލާމާތެއް ހެއްޔެވެ! 
" ބުނެބަލަ.... އެއްވެސް މީހެއްގެ ކައިރީގަ މަ ނުބުނާނަމޭ....!"
އަދިވެސް އޭނާ އެވާހަކަ ހުއްޓާކަށް ނޫޅެ އެވެ. 
" މިހާ އަވަހަށް ސިއްރު ވާހަކަ ދައްކަން ފެށީ؟"
އެވަގުތު ނާމީއަށް އެތަނަށް އާދެވުނީ ނަސީބަކުންނެވެ. އަދި ލޫނާއަށް ދޮރަށް ފުރަގަސް ދީގެން ހުރެވުނީ ވެސް ނަސީބަކުންނެވެ. އެހެން ނޫންނަމަ ލޫނާގެ މޫނު މަތީގެ އަސަރުތައް ނާމީއަށް ފެނުނީހެވެ. އޭރުން އަނެއްކާވެސް ބޮޑު ކަންތައް ގަނޑެއް ލައިގަތީހެވެ! ލޫނާ އަވަސް އަވަހަށް އިސް ޖަހާލަމުން ލޯ ފޮހެލި އެވެ. އެވަގުތު މޯނާ ބާރު ހިނިގަނޑެއް ޖަހާލަމުން ލޫނާގެ ކޮނޑަށް އަތް ވައްޓާލި އެވެ.

" އަންހެން ކުދީން ދައްކާ ވާހަކައިގެ ހަޤީޤަތެއް ފިރިހެނުން ނަކަށް ނޭގޭނެ.... ދޯ ދޫނީ...!"
މޯނާ ލޫނާ އޭނާއާއި ގާތްކޮށްލިއިރު ހީވަނީ އެވަރުގެ ހެޔޮ އެދޭ މީހަކު ދުނިޔޭގައި ވެސް ނެތް ހެންނެވެ.
" ތެދެއް ލޫނާ؟"
ނާމީ ލޫނާއާއި ދިމާއަށް ހިނގައި ގަންނަމުން އަހާލި އެވެ. ނާމީ ހުރީ އުފަލުން ފުރިފަ އެވެ. ލޫނާވެސް ހިނިތުން ވެލި އެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އޭނާ ހިތާހިތުން ކިޔާލި އެވެ. 

މާހިންއާއި ބައްދަލު ކުރަން އާއިލާ މީހަކު އައި ވާހަކަ އިވުމާއި އެކު މާހިން ފުންމައިގެން ތެދުވި އެވެ. އެއްވެސް މީހަކާ ދައްކާނެ މާގިނަ ވާހަކައެއް ނެތް ނަމަވެސް އެވަގުތަށް އިންތިޒާރު ކުރެވެ އެވެ. މިއަދު އޭނާއާއި ބައްދަލު ކުރަން އައީ ކާކުބާއޭ ހިތަށް އަރާ ހާލު ހިނގައި ގަނެވުނެވެ.

މޭޒު ކައިރީގައި އިސް ޖަހާލައިގެން އިނީ އެމީހަކަށް ޓަކައި މާހިންގެ ދެލޯ ކެނޑިނޭޅި އިންތިޒާރު ކުރަމުން ދާ އޭނާގެ ލޯބިވާ އަނބިމީހާ އެވެ. މިމީ ފެނުމުން މާހިންގެ ފައިކޮޅުގެ ބާރު ދޫވާ ގޮތްވީ އެތައް ސަބަބު ތަކަކަށް ޓަކައެވެ. އެހާ ޅަ އުމުރުގައި މިމީގެ ދިރިއުޅުމަށް ވެގެން ދާނެ ގޮތަކާއި ދޭތެރޭގައި ވިސްނާލެވުނެވެ. 

މިމީ ފެނުމުންވެސް މިމީ ކުރަމުންދާ ހިތާމަ އެނގުނެވެ. ލައިގެން ހުރި ކުރުތާވެސް ވަނީ މާބޮޑަށް ދޫވެ ކޮނޑުން ސޮހިފަ އެވެ. އިސް އުފުލާ ބަލާލި ވަގުތު އެރީތި މޫނުމަތި މިލާފައިވާ ވަރު ފެނުނެވެ. ދެލޯ ވަޅުވަދެ ލޮލުގެ ކައިރީ ހަންގަނޑުވެސް ވަނީ ހިސާބަކަށް ކަޅުވެފަ އެވެ. އެ މަދު ދުވަސް ކޮޅުގެ ތެރޭގައި މިމީއަށް ވެފައިވާ ވަރު ފެނުމުން ދިގު މުއްދަތަކަށް އެ ހިތާމަ އުފުލަން ޖެހިއްޖެ ނަމަ މިމީއަށް ވާނެ ގޮތް އިޙުސާސް ކުރެވިގެން ދިއަ އެވެ. 

މިމީއަށް ނަޒަރު ދޫކޮށްލައިގެން ހުރެ މިމީގެ ކުރިމަތީގައި މަޑުމަޑުން މާއިން އިށީނެވެ. ފުރަތަމަ ބުނާނެ އެއްޗަކާއި ދޭތެރޭގައި މާހިން ވިސްނާލި އެވެ. އެހެން ނަމަވެސް އޭގެ ކުރީން މިމީ އެއްޗެއް ބުނަން އުޅުނު ހެން ހީވި އެވެ.

" މިއައީ ވާހަކައެއް ބުނަން!"
މިމީގެ އަޑުގައި ވާ އާދަޔާ ޚިލާފްކަން މާހިން އަށް ފާހަގަ ކުރެވުނެވެ.
" އަހަރެން..... ބޭނުން ވަނީ..... މާހިން ކައިރިން ވަރިވާން....!"

ކޮމެންޓް 0