ސަފާރީގެ މާސްޓަރ ބެޑްރޫމަށް ވަނުމުން ލޫނާއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާ ހީކުރި ވަރަށް ވުރެ އެނދުވެސް ބޮޑެވެ. އެއްވެސް ހާސްކަމެއް ނެތި ނާމީގެ ގައިގައި ޖެހިނުލާ ނިދާލެވޭނެ އެވެ.
ކޮޓަރީގެ ޑްރެސިންގް ޓޭބަލް މަތީގައި އޭނާ ގެ ބެކްޕެކް ހުރިތަން ފެނުމުން ހިތްހަމަ ޖެހުނެވެ. އެ ދަބަހުގައި އޭނާގެ ނިދާ ހެދުންވެސް އޮންނާނެ އެވެ. މިވަގުތު ބޭނުން ވަނީ ކޮންމެސް އަރާމު އެއްޗެއް ލައިގެން ޖައްސާލާށެވެ. މަންމައާ ދުރުގައި ގިނަ ވަގުތު ތަކެއް ވާން ފެށުމުން ހިތަށް ވެސް އުނދަގޫވާން ފަށައިފި އެވެ.
ލޫނާ ކޮޓަރިއަށް ވަނުމުން ނާމީ ނުކުތީ ބޭރަށެވެ. ކޮޓަރީގެ ދޮރުމަތީ ޑެކްވެސް އެހާ ހިތް ގައިމެވެ. ސަފާރީގެ އެ މައުހައުލު އޭނާއަށް ވަރަށް ކަމުދިއަ އެވެ. ތާޒާ ފިނި ވައިރޯޅީގެ އެހީގައި އޭނާގެ ސިކުނޑި ތާޒާ ކުރަމުން އައި ނަމަވެސް ހަށިގަނޑުގެ ހޫނުކަން ދިއައީ މައްޗަށެވެ. ފާޚާނާއަށް ވަދެ ތައްޔާރު ވެލައިގެން ލޫނާ ނުކުންނަ ވަގުތަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެނީ އެވެ. ލޫނާއަކީ އޭނާއަށް ފެނިފައި ވާ އެހެން އަންހެނުންނާ ތަފާތު އަންހެން ކުއްޖެކެވެ. ލޫނާގެ ކޮންމެ ކަމެއްގައި ވަނީ މަޑުމައިތިރި ކަމެވެ. ނާމީއަކީ ލޯބީގެ ވަގުތު ތަކުގައި މަޑުމައިތިރި ކަމަށް އާދަވެފައި ވާ މީހެއް ނޫނަސް ލޫނާގެ އެ އާދަތައް އޭނާއަށް ކަމުދެއެވެ. ލޫނާގެ އެ މަޑުމައިތިރިކަން ވަނީ ނާމީގެ ހިތް ފަތަހަ ކޮށްފަ އެވެ. އެ މަޑުމައިތިރި ބީހުންތަކުން ނާމީގެ ހަށިގަނޑު މޮޔަކޮށްލާނެ ވަގުތަކަށް އޭނާގެ ހިތް ހަލަބޮލި ކަމާއި އެކު އިންތިޒާރުގެ ސުކުންތު ތައް ގުނަމުން ދަނީ އެވެ.
ލޫނާ ކޮޓަރީން ނުނުކުމެ ގިނައިރު ވާން ފެށުމުން ނާމީ ކޮޓަރިއާއި ދިމާއަށް ހިނގައި ގަތެވެ. ފަހަރެއްގައި ލޫނާއަށް ކޮޓަރީން ނުކުންނަން ނުކެރިފައިވެސް ހުރެދާނެ އެވެ.
ކޮޓަރީގެ ދޮރު ހުޅުވާ ބަލާލުމުން ނާމީއަށް ލިބުނީ ސިހުމެކެވެ. އެނދުގެ ބިއްދޮށުގައި އޮށޯވެ ލޫނާ އޮތެވެ. ދޮރަށް ފުރަގަސް ވާ ގޮތަށެވެ. ދޮރުމަތީގައި މަޑުކޮށްލައިގެން ނާމީ އަށް ހުރެވުނެވެ. ކުރެވުނު އިޙުސާސަކުންނެވެ. އިރުކޮޅަކު ހުރެފައި ނާމީ ގޮސް ލޫނާ ކައިރިއަށް ހުއްޓުނެވެ. ލޯމަރާލައިގެން އޮތް ލޫނާއަށް އޮތީ ނިދިފައިހެން ހީވެއެވެ.
ކައިރީގައި ހުރި ގޮނޑީގައި ނާމީ އިށީނީ ކަރު އެލުވާލަމުންނެވެ. މިރެއަށްޓަކައި އޭނާ ދުށް ހުވަފެންތަކަށް ވެގެން އެދިއައީ ކިހިނެއް ހެއްޔެވެ! ގޮނޑީގައި ލެގިލަމުން ނާމީ ފުންނޭވާއެއް ދޫކޮށްލި އެވެ. ހަށިގަނޑުގައި އުފެދިފައިވާ ހަލަބޮލިކަން ވެސް އެއްފަހަރުން މައިތިރި ވެއްޖެ އެވެ.
ލޫނާއާއި ދިމާއަށް ބަލަހައްޓައިގެން ނާމީ އިނެވެ. ފަށުވި ނިދާ ހެދުމެއްގައި ބޯދަށަށް އަތްލައިގެން އަރިއަކަށް އޮތްއިރު ލޫނާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. މޫނުމަތީގެ މަޢުޞޫމް ކަން ފެނުމުން ނާމީގެ ހިތް ސާފްވާގޮތް ވިއެވެ. މިއަދު އެކީ އެހާ ބުރަކޮށް އުޅެން ޖެހުމުން ހަށިގަނޑު މާ ބޮޑަށް ވަރުބަލިވީ އެވެ. އެކަން ނާމީ ވެސް ޤަބޫލު ކުރަން ވާނެ އެވެ. ނާމީ މަޑުމަޑުން އައިސް ލޫނާގެ މަގަތުން އޮށޯވެލަމުން ލޫނާގެ ގައިގައި ފުރަގަހުން ބައްދާލި އެވެ. އޭނާ ކަންތައް ކުރާނީ ލޫނާ އެދޭ ގޮތަށެވެ. ލޫނާ ބޭނުން ގޮތަށެވެ. ލޫނާ ވަރުބަލި ފިލާނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރާނީ އެވެ.
ލޫނާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނުން ބަންގީގެ އަޑު އިވެނީއެވެ. ހޭލެވުމާއި އެކު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ނިދުނު ވަރުން އޮވެވުނު ތަންވެސް ހަނދާން ނެތުނީ އެވެ. އެނބުރިލަން މަސައްކަތް ކުރުމުން ފަސޭހައިން އެނބުރި ލެވޭ ގޮތެއް ނުވި އެވެ. ނާމީގެ ބާރުގަދަ އަތުގެ ތެރޭގައި އޭނާ ވަނީ ބަނދެވިފަ އެވެ. މަޑުމަޑުން އެނބުރި އޭނާ ނާމީއަށް ބަލާލި އެވެ. ނާމީއަށް އޮތީ ނިދިފަ އެވެ. ނާމީގެ މައްޗަށް ލޫނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އެހާ ގާތުން ނާމީގެ ރީތި މޫނު ފެނުމުން ލޫނާގެ ހިތުގައި ވެސް ކޫރުމެއް އެޅިއްޖެ އެވެ. އެއީ އޭނާއަށް ކުރީން ފެނުނު ނާމީއެއް ނޫނެވެ. ކެތްތެރިކަމާއި މާތް ކަމުގެ މިސާލެއް ނެތް ފަދަ އިންސާނެކެވެ. އެފަދަ މީހެއްގެ ހިތުގައި ޖެއްސުނީތީ ލޫނާ ދެރަވެއްޖެ އެވެ. ނާމީގެ ފިރިހެންވަންތަ މޫނަށް ބަލަން ލޫނާ އޮތެވެ. އެމޫނުގައި އަންހެނުންގެ ހިތް ދަމައިގަންނަ ކަހަލަ ސިފައެއް ހުރިކަމަށް ލޫނާ އަބަދުވެސް ޤަބޫލު ކުރިއެވެ. އެތައް އަންހެން ކުދީންނެއް ނާމީއަށްޓަކައި ފިދާ ވަމުން ދަނީ ސަބަބެއް ނެތި އެއް ނޫނެވެ. އެއްކޮޅުން އަނެއް ކޮޅަށް ސްޓައިލް ކުރެވިފައިވާ ރޮގެއްފަދަ ރީތި ތުބުޅި އަކީ ނާމީގެ އެންމެ އަޅައިގަންނަ އެކައްޗެވެ. ހިސާބަކަށް ހަތަރެސްކަން ބައްޓަމަކަށް ދާ އެ މޫނާއި އެތުނބުޅި ވަރަށް ގުޅެއެވެ. މޫނުމަތީގެ ސާފްކަން އާ ކައިވެނީގެ ރެއަށް ތައްޔާރު ވެފައިވާ މިންވަރު ދައްކައިދެ އެވެ. މަޑުމަޑުން ނާމީގެ ކޯތާފަތުގައި ލޫނާއަށް އަތް ޖައްސާލެވުނެވެ. އެވަގުތު ނާމީގެ މެރިފައިވާ އެސްފިޔަތައް އުފުލާލެވުނެވެ. ލޫނާގެ ފުން ދެލޮލާއި ހަތަރުކަޅި ހަމަވެގެން ދިއަ ވަގުތު ނާމީގެ ނިދާފައިވާ ހިއްސުތައް ހޭލައްވާލައިފި އެވެ. އެ ފުން ދެލޮލަށް ބަލަހައްޓައިގެން ނާމީ އޮތެވެ. ކިތަންމެ ބޭނުން ވިއަސް އޭނާ މިވަގުތު އެއްވެސް ހަރަކާތެއް ކުރާކަށް ބޭނުމެއް ނޫނެވެ. ލޫނާ ބޭނުން ގޮތަކަށް، ބޭނުން ސްޓައިލަކަށް ކުރިއަށް ގެންދާށެވެ. އޭނާ ރުހި ޤަބޫލެވެ!
އަދިވެސް ދާއިން އާއި ޔޫހާ ގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ދެމީހުންނަށްމެ ހީވަނީ އަލަށް ދުނިޔެއަށް އާދެވިގެން އުޅޭ ހެންނެވެ. ކައިވެންޏަށް ފަހު އެ ހޭދަވާ ކޮންމެ ސިކުންތެއްގެ ފުރިހަމަ ބޭނުން އެމީހުން ހިފަމުން ދިއައީ އަވަދި ނެތި އެވެ. އެހިތްގައިމު ބަންގުލޯގެ އެތަން މިތަން ދެމީހުން އެކުގައި ތަޖުރިބާ ކުރަމުން ދިއައެވެ. އާކައިވެނީގެ އެ ވަގުތު ތައް ތާރީހުގައި ލިއެލެވޭ އިރު އެއީ ވަރުގަދަ ވަގުތު ތަކަކަށް ވާނެއެވެ.
އެއްބަޔަކު އުފާ ކުރަމުން ދިއައިރު ހިތާމައިން ހިތް ހަލާކު ވެފައިވާ ބަޔަކުވެސް މިދުނިޔޭގައި ވާކަން ކަށަވަރެވެ. ސްރީލަންކާގެ ހަލަބޮލި އަޑުގަދަ މާހައުލުގައި ދުއްވާފައި އެދާ ކުރޮޅީގައި ނޭވާ ހިފަހައްޓާލައިގެން އެއިން އަންހެނާ އަކީ މިމީއެވެ. އޭނާއަށް އެ ކުރޮޅި ގަނޑަށް އަރަން ޖެހުނީ ޓެކްސީއެއް ނުލިބިގެންނެވެ. އެދަތުރު ބުރަ ކަމުން އޭނާ އެއިނީ ބިރުންނެވެ. މާ ބޮޑަށް ތަޅުވަނީ އެވެ. އުނަގަނޑަށް ވެސް ތަދެއް އަރައިފި އެވެ. އިރުއިރު ކޮޅާ މަޑުން ދުއްވުމަށް އެދެމުން ދިއަ ނަމަވެސް އެ މަގު ތަކުގައި އެނޫންވަރެއް ނުވާނެ ކަން އޭނާއަށް ކުރީންވެސް އެނގެން ވާނެ އެވެ.
ގެއާއި ހިސާބަށް ދެވުނު އިރު ހުރީ ބިރުން ހަލާކު ވާ ވަރުވެފަ އެވެ. ހޮސްޕިޓަލަށް ދިއައީ ބަނޑުގައި ރިއްސާތީ އެވެ. ޑޮކްޓަރ ބުނީ ބެޑްރެސްޓު ކުރާށެވެ. އެހެން ބުނެފައި އޮއްވާ އެ ކުރޮޅި ގަނޑަށް އެރުނީ އޭނާގެ ސިކުނޑީގެ ފެންވަރު ދަށް ކަމުންނެވެ. ކުރާނެ ކަމެއް ނެތެވެ. މިހާރު އޭނާގެ ސިކުނޑިވެސް އެންމެ ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ.
ކޮޓަރީގެ އެނދުގައި އުއްޑުން އޮށޯންނަމުން ދަރިފުޅުގެ ސިއްހަތަށް އެދި ހެޔޮ ދުޢާ ކުރެވުނެވެ. މިހާރު އޭނާ ދުނިޔޭގައި ހުރުމުގެ ހަމަ އެކަނި އުއްމީދަކީ އެއީ އެވެ. ލޯމަރާލުމުން މާޒީގެ ހިތްދަތި ދުވަސްތައް ހަނދާނަށް ވެރިވެގެން ދިއަ އެވެ. އޭނާ މާހިން ގާތުން ވަރިވާން އެދުނު ވަގުތު މާހިންގެ ދެލޮލުން ފެނުނު އަސަރުތައް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ އެވެ. އެންމެ ފަހަރަކު ނަމަވެސް އެ ދެލޮލުގައި ބޮސްދޭނެ ފުރުސަތަކަށް ކިތަންމެ ވަރަކަށް ވެސް އެދެވެއެވެ. އެހެން ނަމަވެސް އެފަދަ ނުރައްކާތެރި ނިންމުމެއް އޭނާ ނުނިންމާނެ އެވެ. މާހިންގެ ބައްޕަ ދެއްކި ވާހަކަ ތައް އޭނާ އަބަދުވެސް ހަނދާން ހުންނާނެ އެވެ. އޭނާ ބުނެފައި ވަނީ މިމީ ކުރާ ކޮންމެ ކަމެއްގެ ޝަޒާ މާހިންއަށް ލިބޭނެ ކަމަށެވެ. މާޒީގައި ކަންތައް ވެފައިވާގޮތް މިމީ ހަނދާން ކުރަން ޖެހޭނެ އެވެ. ޖައުފަރަކީ އެއްވެސް ކަމެއް ކުރަން ޖެހިލުންވާ މީހެއް ނޫނެވެ. މިއަދު މިމީ މާހިންއާއި ދުރަށް އައިސް މާހިންއަށް ވީނުވީ ތަނެއް ނޭގޭ ހިސާބަށް އަންނަން ޖެހުނީ ހަމަ މާހިންއަށްޓަކައެވެ. ބައްޕަގެ ގެ ބޮޑު އަގަކަށް ކުއްޔަށް ދީފައި ލަންކާއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީ ހަމަ އެ ސަބަބަށްޓަކައެވެ. މިއަދު ބައްޕަވެސް ހިމޭނުން އެހުންނަނީ ހަމަ މިމީއަށް ޓަކައެވެ. މިމީގެ ދިރިއުޅުން ހަލާކުވެގެން ދިއައީ ބައްޕަގެ ސަބަބުންކަމަށް ބައްޕަ ޤަބޫލު ކުރާތީއެވެ. މާހިންއާއި މިމީ އެކަކު އަނެކަކު ދެކެ އެހާ ލޯބިވީއިރުވެސް ވަކިވާން ޖެހުނީތީ ބައްޕަ ހިތާމަ ކުރެ އެވެ. އެހެން ކަމުން މިމީ އޭނާގެ އެންމެ ބޮޑު އެއް ހަގީޤަތް އަދިވެސް ބައްޕަގެ ކުރިމަތީގައި ހާމަ ނުކުރެ އެވެ. މިމީ ބަލިވެ އިންކަން އެނގިއްޖެ ނަމަ ތައުފީޤް އަދި މާ ދެރަވާނެ އެވެ. ކޮންޓްރޯލް ނުވެގެން ގޮސް މާހިންއަށް އެ ޚަބަރު ދީވެސް ފާނެ އެވެ. އެކަން އެހެން ވާކަށް މިމީ ބޭނުމެއް ނޫނެވެ.
ދޮރުގައި މީހަކު ބާރަށް ޓަކި ޖަހާލި އަޑަށް މިމީ ދިއައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލި އެވެ.
ދޮރުމަތީގައި ބައްޕައާއި އެކު އެހެން މީހަކު ވެސް ހުއްޓެވެ. އިސްކޮޅުން ދިގު ޒުވާން ރީތި ބޮޑު ފިރިހެނެކެވެ. ފުޅާ ބައިމައްޗާއި ހަށިގަނޑުގެ ވަރުގަދަކަން ފެނިފައި ދިވެއްސަކަށް ވުރެ ބޮޑަށް ވައްތަރުވީ އަރައްބަކާއެވެ!
" ހައި!"
އޭނާ މިމީއާއި ސަލާމް ކުރަން އަތް ދިއްކޮށްލި އެވެ. މިމީ ޖެހިލުންވެފައި ހުރެ އެ އަތުގައި ހިފާލި އެވެ.
" އެނގިއްޖެތަ މީ ކާކުކަން؟....! "
ތައުފީޤް ވަރަށް ހިނިއައިސްފައި ބުނެލި އެވެ. މިމީ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހުރާލި އެވެ.
" އަމަން!"
އެ ޒުވާނާ ބުނެލި އެވެ. މިމީ ދެލޯ ބޮޑު ކޮށްލި އެވެ. އެއީ އޭނާގެ ކުޑައިރުގެ ޕްރިންސް އެވެ! އޭރުވެސް މިމީ އުޅެނީ އަމަން ރީތި ވެގެންނެވެ. އެއްކުލާހުގައި ނާރސަރީ އިރުއްސުރެ ކިޔަވަމުން އައިސް ޕްރައިމެރީ ހިސާބުން އަމަން ވަނީ އޭނާއަށް ގެއްލިފަ އެވެ. އަމަންގެ ބައްޕައަށް ކޯހެއް ލިބިގެން އަމަން އޭނާގެ މައިންބަފައިންނާއި އެކު ދުބާއީއަށް ފުރައިގެން ދިއައީ އެވެ.
" އަނ...އަމަން! "
މިމީގެ މޫނުމަތީން އުފާވެރިކަން ފާޅުވެގެން ދިއަ އެވެ. އެއީ ދުވަސްތަކެއް ވަންދެން ގެއްލިފައި ހުރި ގާތް އެކުވެރި އެކެވެ. އަމަންގެ މައިންބަފައިންނަކީވެސް ބައްޕަގެ ގާތް ބައެކެވެ.
" އާދޭ... ޖައްސާލާ....!"
މިމީ އަމަން ގޮވައިގެން ގޮސް ސޯފާގައި ބޭންދި އެވެ. ހަޤީޤަތުގައިވެސް މިވަގުތު ރައްޓެއްސަކާއި ދިމާވީތީ މިމީ ވަރަށް އުފާވެއްޖެ އެވެ.
މިމީއާއި އަމަންއާއި ވާހަކަ ދައްކާނެ ފުރުސަތު ދީފައި ތައުފީޤް އެތަނުން ދިއައީ އެވެ. މިވަގުތު މިމީވެސް އެކުވެރިއަކާއި ހިއްސާ ކުރަން ބޭނުން ވާހަކަ ތަކެއް ހުންނާނެކަން އޭނާއަށް އެނގުނެވެ.
" މީހަކާ އިނީތަ؟"
މިމީ އަމަންއާ ސުވާލު ކުރި އެވެ.
" ނޫނޭ...މިމީއާ ދިމާވަންދެން މަޑުކޮށްލައިގެން ހުރީ....! "
އަމަން ހިނިގަނޑެއް ޖަހާލި އެވެ. ކުރީގައި އަމަންގެ ހުންނަ ސަކަ ގޮތްގަނޑު މިހާރުވެސް އެބަހުއްޓެވެ.
" އެކަމަކު އަހަރެން އައުމުގެ ކުރީން މިމީ ކެތް ނުވެގެން ކައިވެނި ކޮށްލީނުން...!"
ސަމާސައިގެ ތެރެއިން މިމީގެ ހިތްދަތި ވާފަދަ އެއްޗެއް ބުނެވިއްޖެ އެވެ. މިމީގެ މޫނުމަތީން ފާޅުވެގެން ދިއަ އަސަރުތަކުން އަމަންއަށް އެކަން ފާހަގަ ވިއެވެ.
" ކިހިނެއްވީ....! ކޮންކަމަކާ ދެރަވީ....! "
އެހެން ބުނަމުން އަމަން ގޭތެރެ ހޯދާލި އެވެ.
" މިމީގެ ހަސްބަންޑް ކޮބާ...؟"
މިމީއާއި މާހިން ވަކިވި ޚަބަރު އެއީ ގިނަބައަކަށް އިނގޭ އެއްޗެއް ނޫނެވެ. މިމީ އޭނާގެ ވާހަކަ އަމަން އަށް ކިޔައިދިނެވެ. ރޮމުން ގިސްލަމުންނެވެ. އަމަން އެވާހަކަ އަޑުއެހީ ހިތުގައި ޖެހިފައި އިނދެ އެވެ. މިމީ ފަދަ ރަނގަޅު ޅީ ދަރިއަކު ލިބުމުންވެސް ޖައުފަރަށް ޤަބޫލު ނުކުރެވުނީ އެވެ. އެކަމުގެ ހިތާމަ އެއާއިލާއިން މުޅި އުމުރަށް ވެސް އުފުލަން ޖެހޭނެ އެވެ. ރޮމުން ރޮމުން ގޮސް މިމީއަށް ހުއްޓާ ނުލެވޭ ވަރަށް ރޮވިއްޖެ އެވެ. އަމަން ކައިރިއަށް ޖެހިލާ މިމީ އޭނާގެ މޭގައި ލައްގާލި އެވެ.
" އިޓްސް އޯކޭ.... އިޓްސް އޯކޭ..... ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ......! އައި އޭމް ހިއަރ ފޯޔޫ....!"
މިމީގެ އިސްތަށިގަނޑުގައި ދަތްދޮޅި ޖައްސާލަމުން އަމަން ބުނެލި އެވެ.
ދެދުވަހަށް ފަހު ލޫނާއާއި ނާމީ މާލެ އަތުވެއްޖެ އެވެ. ނާމީގެ ދެމަފިރީންނަށްޓަކައި އެގޭގެ ބައެއް ވަނީ ހާއްސަ ކުރެވިފަ އެވެ. ތިންވަނަ ފަންގިފިލާ އަކީ އެދެމަފިރީން ގެ ފަންގިފިލާ އެވެ. އެތަނުގައި އެމީހުން ބޭނުންވާނެ ހުރިހާ ކަމެއް ޝައުކަތު ވަނީ ތައްޔާރު ކޮށްދީފަ އެވެ. ނާމީގެ އަންހެނުންނަށް މޯނާއާއި ކުރިމަތި ލާން ނުޖެހޭ ގޮތަކަށް ގޭތެރޭގެ ކަންކަން ނުރާވައިފި ނަމަ މަސްލަހަތު ގެއްލި ދާނެހެން ޝައުކަތަށް ވަނީ ހީވެފަ އެވެ.
ރޭގަނޑުގެ ކެއުން އޮތީ ރަސްމީ ބޮޑު ކޮޓަރީގަ އެވެ. ޝައުކަތާއި މޯނާ ތިބީ ނާމީގެ ދެމަފިރީންނަށް އިންތިޒާރު ކުރާށެވެ. ހިތުގައި ކިތަންމެ ހަސަދަ ބޮޑުވިއަސް މޯނާގެ މޫނުމަތިވެސް ސާފެވެ. ނާމީ އާއި ލޫނާ އައިސް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުމުން އެމީހުންނަށް މަރުހަބާ ކިއުމުގެ ގޮތުން މޯނާ ފުންމައިގެން ތެދުވި އެވެ.
" ވެލްކަމް! ވެލްކަމް!"
އެ އަޑުގައިވާ ދެއްކުން ތެރިކަން ލޫނާއަށް ފާހަގަ ކުރެވުނު ނަމަވެސް ލޫނާވެސް ހިނިތުންވެލި އެވެ.
ނާމީގެ ބައްޕައާއި ނާމީއާއި އޮންނަ ގާތްކަން ފެނުމުން ލޫނާގެ ހިތްދަތިވީ އޭނާގެ ބައްޕަ ހަނދާނަށް އައުމުންނެވެ. އޭނާގެ ބައްޕަ ދުނިޔޭގައި ހުރިއިރު ބައްޕައަކީ އޭނާގެ ބެސްޓް ފްރެންޑެވެ. މަންމައާއި ލޫނާއާއި ދެބަސްވާ ކޮންމެ ފަހަރަކު ވެސް ބައްޕަ ހުންނަނީ ލޫނާއާއި އެއްކޮޅަށެވެ. ލޫނާ އަށް ކޯކު ބުއިން މަންމަ މަނާ ކޮށްފައި އޮންނަ އިރުވެސް މަންމައަށް ސިއްރުން ބައްޕަ އޭނާއަށް ކޯކް ވެސް ގެނެސް ދެއެވެ. ލޫނާ ބޮޑާ ހާކާލައިފި ކޮންމެ ކަމެއް މަންމައަށް ސިއްރުންވެސް ބައްޕަ ކޮށްދެ އެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ ހާދަހާ އުފާވާނެ އެވެ.
" އަދިވެސް ހަނީމޫނު ދާތަނެއް ހަމައެއް ނުޖައްސަމެއްނުން؟"
ޝައުކަތު ނާމީ ގާތުގައި ބުންޏެވެ.
" އަނ... ވިސްނަނީއޭ....! ނުދާތާކަށް ދާން ބޭނުމީ!"
ނާމީ ބައްޕައާއި ވާހަކަ ދެއްކި އެވެ.
" ނުދާތަނެއް އެބައޮތްތަ؟ މުޅި ދުނިޔެ ކުޑަކޮށްގެން އުޅޭ މީހެއް!...."
މޯނާ ފޮނި ގޮތަކަށް ބުނެލި އެވެ. އެއާއިލާގެ ފޯރުންތެރިކަން ލޫނާގެ ކުރިމަތީގައި ހާމަ ކުރުމަކީ އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެކެވެ.
" ނުދާތާކަށް ދެން އޮންނާނީ މަލިކު!"
މޯނާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
" ޔާ....! ތީ ރަނގަޅު އައިޑިއާ އެކޭ....!"
ނާމީ އަށް މޯނާ އެބުނި އެއްޗެއް ކަމުގޮސްފި އެވެ.
" ހިނގާ ލޫނާ އަހަރުމެން މަލިކަށް ގޮސްލަން....! އެމީހުން އުޅޭ ގޮތް ބަލާލަން އަހަރެން ވަރަށް ބޭނުން.... ލޫނާ އޯކޭތަ؟"
ޖަވާބުގައި ލޫނާ ބޯ ޖަހާލި އެވެ. މޯނާ އިނީ އަނގަހުޅުވިފަ އެވެ. އެއީ އޭނާ ސަމާސަ އަކަށް ބުނިއެއްޗެކެވެ.
" މި ރާއްޖޭގަ ހަނީމޫނަށް މަލިކަށް ދާ ފުރަތަމަ މީހުންނަށް ތި މީހުން ވާނީ! އެއަށް ވުރެ ރަނގަޅު ތަނެއް ނުވީ؟"
އަނގައަށް ވައްތަރު ޖައްސަމުން މޯނާ ބުންޏެވެ. އޭނާއަށް ހަމަ ކޮންޓްރޯލް ނުވީއެވެ.
" އަނ ދެން އޯކޭ.... އިންނަ މީހެއްގެ ފެންވަރުން ދާނެ ތަންތަން ކަނޑަ އަޅާނީ....!"