އެތެރެއަށް ޖެހިލުމުން ބާތްޓަބްގައި އޮތް ނާމީ، ޝައުކަތަށް ފެނުނެވެ. ނާމީ އޮތް ގޮތުން ބިރުވެރިކަން އިތުރުވެގެން ދިއައެވެ. ލައިގެން އޮތް ގަމީހާއި ފަޓްލޫނާއި އެކު ނާމީ އޮތީ ބާތް ޓަބްގެ ތެރޭގައި ޚަބަރު ހުސްވެފަ އެވެ. 
އެ މަންޒަރު ފެނުނު ވަގުތު ޝައުކަތަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނާ ދުވެފައި ގޮސް ނާމީގެ ހަށިގަނޑުގައި ބެއްދިއެވެ. 

" ދަރިފުޅާ...! ދަރިފުޅާ....!"
ނާމީގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތް ކަހަލަ އެވެ. އަވަސް އަވަހަށް ޗެކް ކޮށްލެވުނީ ނާމީގެ ނޭވާ ހިނގާތޯ އެވެ. ﷲގެ ރަޙުމަތްފުޅު ބޮޑެވެ. ބާތްޓަބްގެ މަތީ އަރިމަތީގައި ބޯބާއްވައިގެން އޮތްއިރު އޭނާގެ ހަށިގަނޑުގެ ބާކީ ބައި ވަނީ ފެންގަނޑުގެ ތެރޭގަ އެވެ. ޝައުކަތު ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ނާމީ ސަލާމަތެއް ނުވީހެވެ. ވަރަށް އުނދަގުލުން ޝައުކަތު ނާމީ ނަގާ ޓައިލްސް މަތީގައި ބޭއްވި އެވެ. 

" ނާމީ...! ދަރިފުޅާ!"
ނާމީގެ މޫނުގައި ދެ ފަހަރަކު ޖަހާލުމުން ނާމީ އެސްފިޔަތައް ތަޅުވާލި އެވެ. ލޯ ހުޅުވާ ބަލައިލިއިރު އޭނާއާއި ދިމާއަށް ގުދުވެ އޮތް ބައްޕަ ފެނުމުން ނާމީ ތެދުވެ ތަޅުންގަނޑުގެ މަތީގައި އިށީނެވެ. އޭނާއަށް ވަށައިގެން ހޯދައިލެވުނެވެ. އޭނާއަށް ވީ ކީއްހެއްޔެވެ! ވިސްނާ ލެވުނެވެ. ދެންމެގައި އެފެނުނީ ބިރުވެރި ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ!

" ދަރިފުޅާ... ކިހިނެއްތަވީ....! "
ކިތަންމެ ވަރަކަށް ސުވާލު ކުރިއަސް ބައްޕަގެ އެ ސުވާލު ތަކަށް ދޭނެ ޖަވާބެއް ނާމީއަކަށް މިއަދަކު ނެތެވެ.
ޝައުކަތު ކަންބޮޑުވުމާއި އެކު އެވާހަކަ މޯނާއަށް ކިޔައިދިނުމުން މޯނާ ދައްކާނެ ވާހަކަ ގިނަ އެވެ.
" އަދި ތިއަށް ވުރެ ބޮޑު ވަރުވެސް ވާނެ... އަންހެނަކާއި ހެދި ހަލާކު ވަނީ ޝަހާދެއް!"
އަނގައަށް ވައްތަރު ޖައްސަމުން އޭނާ ދެކޮޅަށް ހިނގަން ފެށި އެވެ.
" އިއްޔެ މަށާ ޖިނާނާ އެ ބަޔަށް ދިއައިރު ލޫނާ އުޅެނީ މާހިން ވައްދައިގެން... އަހަރުމެން އެކަމާ އެއްޗެއް ބުނީމަ އަހަރުމެންގެ ކުރިމަތީގަ މާހިން ނުކުމެގެން ދިއައީ ލޫނާގެ އަތުގަ ހިފައިގެން....! އެހާވެސް ކުރީގަ އެ ލޫނާ އުޅެނީ....! އެހެނޭ ވާނީ ބޮޑު ތަނެއް ހަދާފަ އެދެމީހުންނަށް ވަކީން އުޅެވޭ ގޮތަށް ދިނީމަ.... އެ އަންހެން މީހާ ހަދާ ނަހަދާއެއް އަހަރުންނަކަށް ވެސް ނުފެންނާނެ މިހާރަކު....!"
މޯނާގެ ވާހަކަ މުޅީން ޤަބޫލު ނުކުރިއަސް ކޮންމެވެސް ކަމެއް އެބަ އުޅޭކަން ޝައުކަތަށް ވެސް ޤަބޫލު ކުރެވުނެވެ. 

ދާއިންގެ ކާރު ޔޫހާމެންގެ ގޭގެ ދޮރު މައްޗަށް މަޑުކޮށްލިއިރު އެދެބޭން ވެސް ތިބީ ނުތަނަވަސް ވެފަ އެވެ. މަންމަ އަށް ބައްޕަ ފެނުމުން ވެދާނެ ގޮތަކާއި ދޭތެރޭގައި ބިރުވެސް ގަތެވެ. މަންމަ ފެނުނަސް ބައްޕަ އަކަށް މަންމައެއް ނޭގޭނެއެވެ. ދެން ވާނެ ގޮތަކާއި ދޭތެރޭގައި ވެސް ވިސްނާލަން ޖެހުނެވެ. 

ކާރުން ފޭބުމާއި އެކު ބައްޕަގެ ދެއަތުގައި ދެކުދީން ހިފަހައްޓާލި އެވެ. އެމީހުން ގޭގެ ދޮރުމަތީގައި އިރު ކޮޅަކު މަޑުކޮށްލި އެވެ. ބައްޕަގެ އުމުރު އެކީ ހޭދަކުރި އެގެ ފެނުމުން ބައްޕަގެ ހަނދާނަށް އެއްވެސް އެއްޗެއް އާދޭތޯ ބަލައިލުމަށެވެ. ގެއާއި ދިމާއަށް ބަލަހައްޓައިގެން ޖުނައިހު ހުރި ގޮތުން އޭނާއަށް ހަމަ އެއްވެސް އެއްޗެއް ހީނުވާކަން އެނގުނެވެ. 

ބައްޕަ ގޮވައިގެން ލޫނާއާއި ޔޫހާ ގޭތެރެއަށް ހިނގައިގަތެވެ. މަޑުމަޑުންނެވެ. ގޭގެ އެއްވެސް ތަނެއް ފެނުމުންވެސް ބައްޕަގެ ހަނދާން އާވާ ކަހަލަ ކަމެއް ވާނެނަމަ ކިތަންމެހާވެސް ރަނގަޅެވެ. އެހެން ނަމަވެސް ޖުނައިހުއަށް ހަމަ އެއްވެސް ހިލަމެއް ވާހެނެއް ހިއެއްނުވެ އެވެ. 

ބޮޑު ގޯތިތެރޭގައި ދެބުރިއަށް ހަދާފައިވާ ކުޑަ ގެއާއި ދިމާއަށް ހިނގައިގެން އިރު ދެކުދީން ގެ ހިތްވެސް ވަނީ ނުތަނަވަސް ވެފަ އެވެ. މަންމައަށް ބައްޕަ ފެންނަ ވަގުތު ވާނެ ގޮތަކާއި ދޭތެރޭގައި ހިތް ބިރުގަންނަނީ އެވެ. ބިސްމި ކިޔާލުމަށް ފަހު ޔޫހާ އެތެރެ ގޭތެރޭގެ ދޮރު ހުޅުވާލި އެވެ. އެވަގުތު އޭނާއަށް ވެސް ހުއްޓެވުނެވެ. ކަންފަތުގައި ޖެހުނު އަޑެއްގެ ސަބަބުންނެވެ. ޔޫހާއަށް ލޫނާއާއި ދިމާއަށް ބަލައިލެވުނެވެ. އެއީ އެ މިއުޒިކުގެ އަޑެވެ. ބައްޕަ އެންމެ ގިނައިން ކިޔާ އުޅުނު ލަވަ އެވެ. މަންމައަށް ޓަކައި ހާއްސަ ކުރެވުނު ލޯބީގެ ލަވަ އެވެ. ކުރީ ދުވަހު ޔޫހާ އެ ޕިޔާނޯގައި އަތްލުމުން މަންމަ ޔޫހާ ދެކެ ހިތްހަމަ ނުޖެހުނެވެ. މާޒީ ހަނދާން ވުމުން މަންމައަށް ހިތްދަތި އަސަރުތަކެއް ކުރުވާތީ އެވެ. އެހެން ނަމަވެސް މިއަދު މަންމަ އެދުވަސް ތައް ހަނދާން ކުރަމުން ދަނީ އެވެ. އެންމެ ބޮޑަށް ޙައިރާންވީ މަތީގައި ބަންދު ކުރެވިފައިވާ ބައްޕަގެ ކޮޓަރިއަށް މަންމަ ވަންކަން އެނގުނީމަ އެވެ. އެ ކޮޓަރީގެ ދޮރު މައްޗަށް ވެސް މަންމަ ނާރާތާ ކޮން ދުވަހެއްހެއްޔެވެ! މިއަދު މަންމައަށް އެވަރުގެ ހިތްވަރެއް ލިބުނީތީ ވެސް ލޫނާ ޙައިރާންވި އެވެ. 

ކަންފަތުގައި ޖެހުނު މިއުޒިކުގެ އަޑާއި އެކު ޖުނައިހުއަށް ތެޅި ގަނެވުނެވެ. އެ މިއުޒިކުގެ ކޮންމެ ތަންކޮޅެއް ވަނީ އޭނާގެ ހަށިގަނޑުގެ ކޮންމެ ހިއްސަކާއި ގުޅި ލާމެހިފަ އެވެ. ޖުނައިހު ހުރިފިޔަވަޅު މަތީގައި ހަރުލާފައި ހުރިއިރު ހިނދު ކޮޅަކަށް ވުރެ ހިނދު ކޮޅަކަށް ދެދަރީންގެ އަތްތިލައަށް ބާރު ކުރަމުން ދިއައެވެ. ހަށިގަނޑުގައި އުފެދެމުން ދިއަ ތުރުތުރު ލުމެއްގެ ސަބަބުން ނޭވާ އަވަސްވެ މޫނުމަތީން ހާސްކަން ފެންނަން ފެށި އެވެ. ލޫނާއާއި ޔޫހާގެ އަތުގައި ހިފައިގެން ހުރިއިރު ބައްޕަގެ ހަށިގަނޑަށް އަންނަމުން ދިއަ ބަދަލު އެކުދީނަށް ފާހަގަ ކުރެވުނެވެ. ދާއިންވެސް ހުރީ ބައްޕައަށް އަންނަމުން ދިއަ ބަދަލަށް ބަލާށެވެ. ހިތުގައި ނުތަނަވަސް ކަން އިތުރުވެ އުއްމީދު ހުޅުކޮޅެއް ރޯވެއްޖެ އެވެ. 

މިއުޒިކު ކޮޅަށް ފަހު ދެން އިވިގެން ދިއައީ މަންމަގެ ރީތި އަޑެވެ. އެވަގުތު ދާއިންގެ ގައިންވެސް ހީބިހި ނަގައިގެން ދިއައެވެ. އަސަރުގަދަ ލޯބީގެ ލަވަ އެކެވެ. އެހެނަސް އެއަޑުގައި ވަނީ ވޭނީ އިންތިޒާރެއްގެ އަސަރެވެ. ޔޫހާއާއި ލޫނާވެސް ތިބީ އިންތިހާއަށް އަސަރު ކޮށްފަ އެވެ. 

" ތިޔަ މޫނާ ލޯ އެނގޭހޭ ލޮލަކަށް ފެނުމުން ވާނެވަރު....!"
ބައްޕަ އާއި އެކު އުޅުނު އުފާވެރި ދުވަސްތަކުގައި މަންމަ ލައްވާ ބައްޕަ ވަނީ އެލަވަ އެތައް ފަހަރަކު ކިއުއްވާފަ އެވެ. މިއަދު މަންމަގެ އެ ރިހުން ތަކުން ބައްޕައަށް އަސަރެއް ނުކޮށްފިއްޔާ މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ!

ބައްޕަގެ މޫނަށް ބަލަން ދެކުދީންނަށް ވެސް ތިބެވުނެވެ. އުއްމީދަކީ މާޒީގެ އެދުވަސް ތައް ބައްޕަގެ ހަނދާނަށް އައުމެވެ. ޖުނައިހު ހިރިވެސް ނުލާ ހަމަ އެހުރި ގޮތަށް ހުރިއިރު ހަށިގަނޑުގެ ތުތުރުލުން ގަދަވެ މީހާ ދާހިއްލަން ވެސް ފަށައިފި އެވެ. 

" އަސްލު މިތުރާ....! އަސްލު މިތުރާ އަބަދު ލޯބިން ވާށެ އެކުގާ ނުމެ ދެވަރް! "
މަޑުމަޑުން ލޫނާއާއި ޔޫހާގެ އަތްތިލައިން އަތް ދޫކޮށްލުމަށް ފަހު ޖުނައިހު ކުރިއަށް ފިޔަވަޅެއް އަޅާލި އެވެ. އެވަގުތު ހިތުގައި ހިފަހައްޓާލައިގެން އެންމެނަށްމެ ތިބެވުނެވެ. ބައްޕަގެ އެ ހަރަކާތަކީ އާދަޔާއި ޚިލާފް ހަރަކާތެކެވެ. ޝައުގުވެރިކަމާއި އެކު ޖުނައިހު އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޭތެރޭގައި ފައި ބީއްސާލި އެވެ. އޭރު އޭނާގެ ނަޒަރު ވަނީ އަޑު އަންނަ ދިމާއަށް ހުއްޓިފަ އެވެ. އެއަޑު އަންނަމުން އެދަނީ ގޭގެ މަތީ ބުރީންނެވެ. ބައްޕަ ކުރިއަށް ހިނގާލުމުން ލޫނާ އެއްޗެއް ބުނެލަން އުޅުނެވެ. އެހެން ނަމަވެސް ދާއިން އަތުގެ އިޝާރާތުން އެކަން ހުއްޓުވި އެވެ. މިވަގުތު ބައްޕަގެ އެ އަސަރު ތަކަށް ހުރަސް އަޅާކަށް ނުވާނެ އެވެ. ތިން ކުދީން ނޭވާ ހިފަހައްޓާލައިގެން ބައްޕައަށް ބަލަން ތިއްބެވެ. މަޑު ފިޔަވަޅު ތަކެއް ކުރިއަށް އަޅަމުން ގޮސް ބައްޕަ އެ ހިނގައިގަތީ ސިޑިން މައްޗަށް އަރާށެވެ. ބައްޕަގެ ފަސް ފަހަތުން އެ ކުދީންވެސް އެދިމާއަށް ހިނގައި ގަތެވެ. 

" މަންޒަރެއް އޭގާ.... ރީތިހާ ކުލަވާ....!
ދަންވަރު ފެނުނޭ ހުވަފެން ތަކުގާ....! "
އެއީ ޖުނައިހުގެ ބަސްތަކެކެވެ. އޭނާ އަންހެނުންނަށް ހާއްސަ ކޮށްގެން އަތުރާލާފައިވާ ބަސްތަކެކެވެ. އެއީ ޖުނައިހުގެ މިއުޒިކެވެ. ލޯތްބާއި އެކު އޭނާ ހައިފާއަށް ހަދިޔާ ކުރި ރާގެކެވެ. 
" އަސްތާ ނިންޖާ، ހުވަފެން ގުޅުނަސް... 
ނުވޭ ތި އަސަރެއް އޭގާ....! ހުރި ގާތް ކަމެއްތާ...!" 
މާޒީގެ ހަނދާނެއް ޖުނައިހުގެ ސިކުނޑިއަށް ނައި ނަމަވެސް ބައްޕައަށް ބަދަލު ތަކެއް އަންނަމުން ދިއަ ކަން ކަށަވަރެވެ. އޭނާ އުނދަގުލުން ވެސް އެސިޑީން މައްޗަށް އަރަމުން އެދަނީ ހާސްކަމާއި ޙައިރާން ކަމުން ފުރިފައި ހުރެއެވެ. މައްޗަށް އެރުމަށް ފަހު ހައިފާގެ އަޑު އިވޭ ދިމާއަށް ޖުނައިހު މިސްރާބު ޖެހި އެވެ. އެވަގުތު ލޫނާއާއި ޔޫހާގެ ހިތް ބިރުން ތެޅި ގަތެވެ. މަންމައަށް އަންގާ ލުމަކާއި ނުލާ ގޮސް، ބައްޕަ އެދޮރު ހުޅުވާލައިފި ނަމަ މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ! އެކަމާއި ހާސްވި ވަރުން ޔޫހާ ކުރިއަށް ޖެހިލަން އުޅުނެވެ. އެހެން ނަމަވެސް އެ ހުޝިޔާރު ވެގެން ހުރި ދާއިން ޔޫހާ ހިފެހެއްޓި އެވެ. ކެތްތެރި ވުމަށް އިޝާރާތް ކުރި އެވެ.

ޖުނައިހު މަޑުމަޑުން ގޮސް ހައިފާގެ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. މިއުޒިކުގެ އަޑުގެ ސަބަބުން ދޮރު ހުޅުވާލިއަޑެއް ހައިފާ އަކަށް ނީވެ އެވެ. އޭނާ އިނީ ދޮރަށް ފުރަގަސް ދީގެންނެވެ. ޖުނައިހު ދޮރުމަތީގައި މަޑުކޮށްލި އެވެ. އޭނާގެ ނަޒަރު ކޮޓަރީގެ ވަށައިގެން ދަތުރު ކޮށްލި އެވެ. މަޑުމަޑުންނެވެ. އެތަނުގައި އެވާ ތަސްވީރު ތަކަކީ އޭނާގެ ތަސްވީރު ތަކެވެ. އެއީ ކޮން ދުވަސް ވަރެއްގައި އޭނާ ނަގާފައިވާ ތަސްވީރު ތަކެއް ހެއްޔެވެ! ޖުނައިހު ހަނދާނަށް ގެންނަން މަސައްކަތް ކުރި އެވެ. އޭނާގެ ހިތް އެދުވަސް ތަކުގެ ވާހަކަތައް ކިޔާދޭން މަސައްކަތް ކުރާ ކަހަލަ އެވެ. 

" އަސްލު މިތުރާ.... އަބަދު ލޯބިން ވާށެ...."
މިހާހިސާބަށް ގެންގޮސްފައި މީހެއްގެ އިޙުސާސް ވެގެން ހައިފާ އެނބުރި ފަސް ބަލާލި އެވެ. އެވަގުތު އޭނާއަށް ލިބުނު ސިހުމާއި އެކު އިން ގޮނޑީން ނުވެއްޓުނީ ކިރިޔާ އެވެ. އޭނާއާއި ދާދި ގާތުން ފެންނަން އެހެރީ އޭނާގެ ގެއްލިފައިވާ ފިރިމީހާ އެވެ. 

ޖުނައިހު އާއި ހައިފާގެ ހަތަރުކަޅި ހަމަވި ވަގުތު ޖުނައިހުގެ ދެލޯ ބޮޑުވެގެން ދިއަ އެވެ. އޭނާގެ މޫނު ރަތްވެގެން ދިއައީ ހަށިގަނޑުގެ ލޭ ހިނގުމަށް އައީ ބަދަލަކުންނެވެ. ހިލައިގެ ބުދެއްހެން ހުއްޓުން އަރާފައި ޖުނައިހު ހުރި ގޮތުން އޭނާގެ ސިކުނޑި ބާރަށް މަސައްކަތް ކޮށްގެންފިކަން ކަށަވަރުވި އެވެ.

" ޖު...ޖުނައިހު....!"
ޤަބޫލު ކުރަންދަތިވެފައި ހުރި ހައިފާގެ އަނގައިން އަޑު ބޭރެއް ނުވި އެވެ. އޭނާގެ ދެލޯ ފުސްވެއްޖެ އެވެ. ބޮލަށް އެނބުރުން އަރައިފި އެވެ. ކަކުލު ހުޅުން ވާގި ދޫ ވެއްޖެ އެވެ. އެހެނަސް އެ އިޙުސާސް ތަކަށް ކެތްކުރަން އޭނާ ހިތްވަރު ކުރި އެވެ. ކުރަމުން ދިއަ އަސަރުތައް ކިތަންމެ ވަރުގަދަޔަސް ދިރިއުޅުމުގައި ކުރިމަތިވި އެންމެ އަގުހުރި ވަގުތު ކޮޅު ލޮލުން ދުށުމަށްޓަކައި ކެތްކުރަން އޭނާ ބޭނުން ވިއެވެ. 

ހައިފާ އޭނާގެ ރޫރޫ އަޅަމުން ދިއަ ހަށިގަނޑު ޖުނައިހު އާއި ދިމާއަށް ކުރިއަށް ޖައްސާލަން މަސައްކަތް ކުރި އެވެ. އެހެނަސް އެވަގުތު އޭނާ އަރިއަޅާލި އެވެ. ދާއިންވެސް މަންމަ އަށް އެހީވުމަށް ޓަކައި ކުރިއަށް ޖެހިލި އެވެ. އެހެން ނަމަވެސް އެއަށް ވުރެ ކުރީން ކުރިއަށް ޖެހިލާ ހައިފާގެ ގައިގައި ހިފެހެއްޓީ ޖުނައިހުއެވެ.

ހައިފާގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިގެން ހުރި ޖުނައިހުއާއި ހައިފާ އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބެވެ. ހަތަރު ކަޅި މަސައްކަތް ކުރަމުން ދިއަ ގޮތުން ދެމީހުންގެ ސިކުނޑީގައި ތޫފާނެއް ހިނގަމުންދާކަން ހާމަވި އެވެ. ދެން އައީ އެންމެ އަސަރުގަދަ ވަގުތު ކޮޅެވެ. ހަމަހިމޭން ސުކޫތަކަށް ފަހު ކުއްލިއަކަށް ޖުނައިހު ހައިފާގެ ގައިގައި ބައްދައިގަތީއެވެ. އެވަގުތު ބަލަން ތިބި ތިން ކުދީންނަށް ވެސް ތެޅިގަނެވުނީ ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ޔޫހާއާއި ލޫނާއަށް ބާރަށް ބައްދައި ގަނެވުނެވެ. އަލްހަމްދުލިއްﷲ އެވެ.! ﷲ ގެ ރަޙުމަތް ފުޅު ކިތަންމެ ހާވެސް ބޮޑެވެ!

ކޮންމެ ގޮތަކަށް ކަންތައް ވިއަސް ﷲ އަށް ޝުކުރު ކުރުން ނޫން ގޮތެއް ނެތެވެ. ދުރުން ފެންނަމުން ދިއަ އަނދިރި ކަމުގެ ތެރެއަށް ބަލަހައްޓައިގެން ބެލްކަނީގެ ގޮނޑިއެއްގައި ނާމީ އިނެވެ. އިރުއޮއްސި އަނދިރިވި އިރުވެސް އޭނާގެ އެ ހާސްކަމާއި ދޭތެރޭގައި ފިކުރު ކޮށްލާނެ ނަފްސަކު ނެތެވެ. އެހެން ނަމަވެސް އޭނާ ވަނީ ވަރަށް ދުރަށް ވިސްނާފަ އެވެ. ލޫނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާ ވަނީ ރާވާފަ އެވެ. ލޫނާއަށް އުފާވެރި ދިރިއުޅުމެއް ހޯދާދިނުން އެއީ އޭނާއަށް ދެން ލިބޭނެ ހަމަ އެކަނި ހިތްހަމަ ޖެހުމެވެ. މިއަދު އޭނާގެ ލޮލުގެ ކުރިމަތީން މާހިންގެ އަތުގައި ހިފައިގެން ލޫނާ ދިއަ ވަގުތު އޭނާގެ ހިތުގައި އުފެދުނީ ހަސަދަވެރި ކަމެއް ނޫނެވެ. އޭގެން އޭނާ އިބްރަތެއް ހޯދައިފި އެވެ. އެދަނޑިވަޅުގައި އެ މަންޒަރު އެގޮތަށް ފެނުން އެއީ އިއްތިފާޤެއް ނޫނެވެ. ފެށުނީއްސުރެވެސް ލޫނާ ލޯބި ވަނީ މާހިން ދެކެއެވެ. އެއީ ނާމީއަށް އިނގޭ އެއްޗެކެވެ. ނާމީ އިންތިޒާރު ކުރަމުން އައީ ލޫނާ އޭނާ ދެކެ ލޯބިވާނެ ދުވަހަކަށެވެ. އެލޯބި ނާމީއަށް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ނާމީއަށް އޮތެވެ. އެހެން ނަމަވެސް އެވަގުތު ޖެހުމުގެ ކުރީން ހުރިހާ ކަމެއް އެވަނީ ބަދަލު ވެފައެވެ. ކިތަންމެ ބޭނުން ވިއަސް ތަޤުދީރުގެ ނިޔާއާއި ދެކޮޅު ހެދޭކަށް ނޯންނާނެ އެވެ.

" ނާމީ...!"
އެއިވުނީ ލޫނާގެ އަޑެވެ. ލޫނާގެ އަޑުގައި ވަނީ އިންތިހާ އުފާވެރި ކަމެވެ. ސަބަބުވެސް ގާތްގަނޑަކަށް ނާމީއަށް އެނގިއްޖެ އެވެ. އެހެން ނަމަވެސް އެއުފަލުގައި ބައިވެރިވާހާ ހިތްވަރެއްވެސް ނާމީގެ ކިބައަކު ނެތެވެ. 
" ނާމީ!"
ބާރަށް ދުވެފައި އައިސް ފުރަގަހުން ނާމީގެ ގައިގައި ލޫނާ ބައްދައި ގަތެވެ. އެއީ ފިނި އިޙުސާސެކެވެ. އެފަދަ ވަގުތު ތަކަކަށް ނާމީ އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ހެއްޔެވެ!
" ނާމީ....! ބައްޕަ ރަނގަޅު ވެއްޖެ....! މަންމައާ ބައްޕައާ ދިމާވެއްޖެ...! ހާދަ އުފާވެރި ދުވަހެކޭ...!"
ނާމީގެ ގައިގައި ބާރަށް ބައްދައިގެން ހުރެ ކުޑަކުއްޖެއް ފަދައިން ލޫނާ ފުމެނީ އެވެ. އިރުކޮޅަކަށް ފަހު ލޫނާ ހިމޭން ވެލި އެވެ. ނާމީއަށް އައިސްފައިވާ ބަދަލު އޭނާއަށް އިޙުސާސް ކުރެވުނީ ކަންނޭގެ އެވެ. ލޫނާ މަޑުމަޑުން އައިސް ނާމީގެ ކުރިމައްޗަށް ހުއްޓުނެވެ. ނާމީގެ ދެލޮލުން ފާޅުވަމުންދާ ހިތާމަ ވެރި އަސަރުތައް ލޫނާގެ ހިތުގައި ހަމްދަރްދީ އުފައްދައިފި އެވެ. އޭނާ އަށް ވިސްނިއްޖެ އެވެ. ނާމީ ހިތުގައި ޖެހެނީ ކީއްވެކަން އޭނާއަށް އިނގެ އެވެ. ލޫނާއަށް މިއަދު އެވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފަ އެވެ. އެވެސް ނާމީގެ އެހީގަ އެވެ. ވީއިރު ނާމީއަށް ޓަކައި އޭނާ ޤުރުބާން ވުން ހައްޤެވެ. ލޫނާ ނާމީގެ މޫނުގައި ދެއަތުން ހިފަހައްޓާލި އެވެ. އެ ތޫނު ދެލޮލުން މިއަދު ފެންނަމުންދާ ހިތާމަވެރި އިޙުސާސްތައް ތަރުޖަމާ ކުރެވޭ ވަރަށް ވުރެވެސް ފުނެވެ. 

" ނާމީ.... ދެރަ ނުވައްޗޭ އިނގޭ....! "
އެ މާތް އިންސާނާއަށްޓަކައި ލޫނާގެ ހިތް ލޯބިން ފުރުނެވެ. 
" އަހަރެން ދުވަހަކުވެސް ނާމީ ދޫކޮށްލާފަ ނުދާނަމޭ...! "
އެއީ ނާމީއަށް ހައްޤު ބަސްކޮޅެކެވެ. އެވަގުތު ހިތްވަރުގަދަ ނާމީގެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ލޫނާގެ ހިތް ޒަހަމް ކޮށްލައިފި އެވެ. ނާމީ ހިތާމަތައް ހިފަހައްޓާފައިވާ މިންވަރު ހާމަ ވިއެވެ. ލޫނާއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. މިހާތަނަށް އައި އިރުވެސް ލޫނާ ނާމީ ދެކެ ލޯބިވާ ކަމުގެ އެއްވެސް ނިޝާނެއް ދެއްކިފައި ނުވެ އެވެ. އެއީ ލޫނާގެ ކުށެވެ. 

ލޫނާގެ އެފަދަ ޖުމުލައެއްގެ އަޑު އަހާލާހިތުން އިންތިޒާރުގެ ވަގުތުތައް ގުނަގުނާ ނާމީ ކިހާ ދުވަހަކު ކެތް ކޮށްފި ހެއްޔެވެ! އެހެން ނަމަވެސް މިއަދު އެއަޑު އިވުމުން ނާމީގެ ހިތުގެ ރިހުން ވީ އިތުރެވެ.

" ލޫނާ...! " 
ނާމީ ލޫނާ ދުރަށް ޖައްސާލަމުން ކުރިއަށް ހިނގައި ގަތެވެ. 
" އަހަރެންނަކަށް ލޫނާ ހައްޤެއް ނޫން....! އަހަންނަށް މިއަދު އެކަން ޔަޤީން ވެއްޖެ....! ތަޤުދީރުގައި ލޫނާގެ ނަން ލިއެވިފަ ވަނީ އަހަންނާ އެކީއެއް ނޫން....! މާހިންއާ އެކީ!"

ކޮމެންޓް 0