އަމަން ޓީވީއަށް ބަލަން އިނދެ ކުރަމުން ދިއަ ސަމާސާގެ އަސަރު މިމީއަށް ކޮށްފައި ވަނީ ކިހާ ވަރަކަށް ކަމެއް އަމަން އަށް އިނގޭނީ ކިހިނެއް ހެއްޔެވެ! މިދަނޑިވަޅުގައި އެވާހަކަ ހިފައިގެން އަމަންއަށް އެ އާދެވުނީ އިއްތިފާޤަ ކުން ހެއްޔެވެ! މިމީގެ ހުރިހާ ހާސްކަމެއްގެ ހައްލު އަމަން އަށް ކިޔައި ދެވިއްޖެ އެވެ.
" ހިނގާ އިންނަން!"
މިމީގެ އަނގައިން އެނުކުތް ޖުމްލައާއި އެކު އަމަންގެ ހަރަކާތް ހުއްޓުނެވެ.
" އަހަރެންނަށް ވެސް ހީވަނީ ތީހެން މިހާރު އެންމެ ރަނގަޅު ގޮތަކީ...އެއީ އެހެން ނޫނީ ވަރަށް އަވަހަށް އެންމެނަށް އިނގޭނެ އަހަރެން ބަނޑު ބޮޑުކަން.... އޭރުން މާހިން ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ގެންދާނެ....! އޭގެ އަގު އަހަރެންނަކަށް އަދައެއް ނުކުރެވޭނެ!"
މިމީގެ ލޮލުން ވެއްޓިގެން ދިއަ ކަރުނަ ތިކި މާހިން ދެކެ އޭނާ ލޯބިވާވަރު ހާމަކޮށްދިނެވެ. އަމަން އެއްޗެއް ނުބުނެ މިމީއަށް ބަލަން އިނެވެ. މިމީ އަމަންއާއި ކައިވެނި ކުރަން އެ އެއްބަސް ވަނީވެސް މާހިންއަށް ޓަކައެވެ. އަމަންއާއި ކައިވެނި ކުރިއަސް މިމީއަށް އަމަން ދެކެ ލޯބިވެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.
" މިމީ ބަލާ މާހިން އައިއްސިއްޔާ ދާނަންތަ؟"
އަމަން އޮޅުން ފިލުވަން ބޭނުން ވިއެވެ. މިމީ ވެސް ވިސްނާލަން ޖެހުނެވެ.
" އަހަރެން މީހަކާ ނީދެ ހުރިއްޔާ ..... މާހިން ކައިރިއަށް ދެވިދާނެ...!"
ދޮގަކާނުލާ މިމީ ބުންޏެވެ. އަމަން އެއްޗެކޭ ބުނުމުގެ ކުރީން އިރުކޮޅެއް ނެގި އެވެ. އަމަންއާއި މިމީ މިހާރު ކައިވެނި ކުރިއަސް ހަޤީޤަތުގައި އެއީ ކައިވެންޏެއް ނޫނެވެ. އެމީހުން ކައިވެނި އެ ކުރަނީ ބަޔަކަށް އޮޅުވާލާށެވެ. އެ ކައިވެނި ކުރުމަކުން އަދި މިމީއާއި އަމަން އަކީ ދެމަފިރީން ނަކަށް ވެސް ނުވާނެ އެވެ. އަދި އެކަން ކުރުމަކުން މިމީގެ ލޯބި ޙާޞިލެއްވެސް ނުކުރެވޭނެ އެވެ.
އަމަން ގެއަށް ދިއައިރުވެސް އޭނާ ހުރީ އެފިކުރުގަ އެވެ. އޭނާ މިމީ ދެކެ ވަރަށް ލޯބި ވެއެވެ. މިމީ އުފަލުގައި ހުރުމަކީ އޭނާ އެދޭ އެންމެ ބޮޑު އެދުމެވެ. މާހިން ގެ ފުރާނަ ސަލާމަތް ކުރުމުގެ ނިޔަތުގައި މިމީ އާއި އަމަން ކައިވެނީގެ ޑްރާމާއެއް ކުޅުން އެއީ އަދި އެހުރިހާ ކަމެއްގެ ހައްލު ނޫންކަން އަމަންއަށް ވިސްނުނެވެ.
އާދައިގެ ގޮތަކަށް މަންމައާއި ވާހަކަ ދައްކާފައި ފޯނު ބޭއްވި ނަމަވެސް ޖިނާނު ހުރީ ހިތްހަމަ ޖެހިފައެއް ނޫނެވެ. ޑޭޑްގެ ހުރިހާ އެއްޗެއް ހިލޭ މީހަކަށް ދޭންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ނާމީ ބޭނުން ނެތިއްޔާ ނާމީގެ ހުރިހާ އެއްޗެއްވެސް ލިބެންޖެހޭ މީހަކީ ޖިނާންއެވެ. ކަންތައްތައް ވެގެން އެދަނީ ޖިނާނު ހީކުރި ގޮތާއި ހިލާފަށެވެ.
ގަޑިން ބާރަ ޖެހިއިރު ނާމީ އަށް ހޭލެވުނީ ނާމީގެ ކަންފަތް ބުޑުން ލޫނާގެ މަޑުމަޑު ރީތި އަޑު އިވެން ފެށުމުންނެވެ.
" ހެޕިބަރތްޑޭ ޓޫޔޫ!"
ރީތި ރާގަކަށް ލޫނާ ކިޔާލި އެވެ. ލޯ ހުޅުވާލި އިރު ދާދި ގާތުން ލޫނާގެ އޮމާން މޫނު ފެނުމުން ނާމީގެ ހިތް ލޯބިން ފުރުނެވެ. އެހާ ގާތުން ލޫނާ ފެނުމުގެ ނަސީބު ލިބުމުން ލޫނާގެ މޫނުގައި ނާމީއަށް ދެއަތުން ހިފަހައްޓާލެވުނެވެ. އެއީ އޭނާއަށް ފެންނަ ހުވަފެނެއް ބާއެވެ! ލޫނާގެ އެގާތްކަމަށް އެދި އޭނާ އިންތިޒާރު ކުރާތާ ޒަމާން ތަކެއް ވެފައިވާ ކަހަލައެވެ.
" ނާމީ....!"
މަޑުމަޑުން ލޫނާ ގޮވާލި އެވެ. އެއަޑުގައިވާ އަސަރުން ނާމީގެ ހިތް ވިރިގެން ދިއައެވެ. ލޫނާގެ ފިނިފިނި އިނގިލިތައް ނާމީގެ މޫނުގައި ބީހެމުން ދިއައިރު އެ ރީތި ދެލޮލުން ފެންނަމުން ދިއައީ ދަހިވެތި އަސަރު ތަކެވެ.
" ހެޕީ ބަރތްޑޭ!"
ސިއްރު ސިއްރުން ބުނަމުން ލޫނާ ނާމީއާއި ދިމާއަށް ގުދުވެލީ އުފަންދުވަހުގެ ހަދިޔާ ނާމީއަށް ރައްދު ކޮށްދިނުމަށެވެ. ފުރަތަމަ ފަހަރަށް ލޫނާ އިސްނެގި އެ ހަރަކާތާއި އެކު ނާމީ މުޅި ދުނިޔެ ހަނދާން ނެތިގެން ދިއައެވެ. ލޫނާގެ މަޑުމަޑު ތުންފަތުގެ މަސްތުން ނާމީގެ ހިއްސުތައް ހޭލައްވާލައިފި އެވެ. ކެތް މަދުވެފައިވާ ނާމީގެ ހަށިގަނޑު ލޫނާގެ އެ ހުށަހެޅުމަށް އިޖާބަ ދިނީ ނާމީގެ އިޚުތިއާރަކާއި ނުލައެވެ. ލޫނާގެ އެރީތި ތުނިތުނި ހަށިގަނޑު އޭނާގެ ބާރުގަދަ އަތުގެ ތެރޭގައި މޮޑެވެމުން ދިއައެވެ.
ދެ ގަޑިއެއް ހާއިރު ފާއިތު ވެގެން ދިއައީ ހަލުވި ކަމާއި އެކުގައެވެ. ދިގު އިންތިޒާރަކަށް ފަހު ނާމީގެ ހިތާ ހަށިގަނޑުގެ އެދުން ފުރިހަމަވެ ނިމިއްޖެ އެވެ. ކުރެވުނު ފޮނި އިޙުސާސް ތަކާއި އެކު ހަށިގަނޑަށް އިޙުސާސް ކުރެވުނު ވަރުބަލި ކަމެއްގެ ސަބަބުން ލޫނާއަށް ނިދުނު އިރު ނާމީ އޮތީ ދެލޯ ބޮޑުކޮށްގެން ލޫނާއަށް ބަލާށެވެ. ނާމީގެ މޫނުމަތީން ފެންނަމުން ދިއައީ ޙައިރާން ކަމެވެ. އެ ކައިވެންޏަށް އެހާ ދުވަސް ވީއިރުވެސް އެދެމީހުންގެ ދެމެދުގައި އެފަދަ ގުޅުމެއް ހިނގާފައެއް ނުވެއެވެ. ނާމީ ލޫނާއާއި ކައިވެނި ކުރީ ހަމަ އެކަނި ލޫނާގެ ހަށިގަނޑުގެ ބޭނުމުގައެއް ނޫނެވެ. ލޫނާގެ ލޯބި ޙާޞިލް ވަންދެން ލޫނާ އަށް އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި ކެތްކުރުމަށް ނާމީ ވަނީ އަޒުމް ކަނޑައަޅާފަ އެވެ. އެ ދިގު އިންތިޒާރުގެ ނިމުން މިއަދު ފާހަގަ ކުރެވިގެން އެދިޔައީ ނޭގޭ އެތައް އެއްޗެއް ސާބިތު ކޮށްދެމުންނެވެ. ނަމީއަށާއި ލޫނާގެ އާއިލާއަށް އެނގިފައިވާ ގޮތުގައި ލޫނާއަކީ އިންޑިއާގެ ނުލަފާ ފިރިހެނެއްގެ ޝިކާރައަކަށް ވެ ނިމިފައިވާ އަންހެނެކެވެ. ލޫނާވެސް އެކަމާއި ދެކޮޅު ހަދާފައި ނުވުން އެއީ ނާމީވެސް އެކަން ޤަބޫލު ކުރި ސަބަބެވެ. އެހެން ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަން މިހާރު ނާމީއަށް އެވަނީ ސާބިތު ވެފަ އެވެ. ލޫނާއަކީ ތޯހިރު އަންހެން ކުއްޖެކެވެ. އެއްވެސް މީހެއްގެ އެފަދަ ބީހުމެއް އިޙުސާސް ކޮށްފައި ނުވާ އާ ކުއްޖެކެވެ. ލޫނާގެ އެ އިއްފަތްތެރި ކަމަކީ އުއްމީދު ނުކޮށް ހުއްޓާ ނާމީއަށް މިހާތަނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ އެވެ.
ނާމީ ކުރިއަށް ޖެހިލާ ލޫނާގެބުރަކަށީގެ ހަންގަނޑުގައި މޫނު ޖައްސާލި އެވެ. ހަންގަނޑުގެ ހުވަދުންވެސް އޭނާގެ ހިތް ފުރޭހާ ވެއެވެ. އެފަދަ އަންހެނަކު ލިބޭނީ ހަމަ ނަސީބުވެރިއަކަށެވެ.
އެވަގުތު ހިތަށް ވެރިވެގެން ދިއަ އަސަރު ތަކަކާއި އެކު ނާމީއަށް ލޯ ހުޅުވާލެވުނެވެ. ލޫނާއާއި ދުރަށް ޖެހިލެވުނެވެ. ސުބުހާނައްﷲއެވެ! އޭނާއަށް އެކުރެވުނީ ކީއްހެއްޔެވެ! ޖަޒުބާތުގެ އޮއިވަރެއްގައި އޭނާ ބެހިގެން ގޮސް ހަޤީޤަތް ހަނދާނުން ފޮހެވުނީ ކީއްވެ ހެއްޔެވެ! ނާމީ ތެދުވެ އެނދުގައި އިށީން އިރު އޭނާ ވަނީ ދާހިއްލާ ފޯވެފަ އެވެ. އަރާމު ނިންޖަކުން ނިދާފައި އޮތް އެ މަޢުޞޫމް ފުރާނައަށް ބަލާލެވުނު ވަގުތު ހާސްވެގެން ގޮސް ހިތް ހީވީ މޭ ފޫއަޅާފައި ނުކުންނަން އުޅުނު ހެންނެވެ. ނާމީ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލި އެވެ. އޭނާއަށް އެކުރެވުނީ ކިހާ ދެރަކަމެއް ހެއްޔެވެ! އޭނާ ދެކެ ލޫނާ އިންތިހާއަށް ލޯބި ވި ވަގުތު ލޫނާއަށް އެދެވުނީ މަރުގެ ދައުވަތެވެ!
ނާމީ ތެދުވެގެން ކޮޓަރި ތެރޭގައި ހިނގަން ފަށައިފި އެވެ. ހާސްކަން އިންތިހާއަށް ބޮޑުވެއްޖެ އެވެ. ފައި ދަށްފުށުން ވެސް އާވި އަރަނީ އެވެ. ލޫނާ ޤަބޫލު ނުކުރިއަސް ނާމީ ހަޤީޤަތް ޤަބޫލު ކުރެއެވެ. އޭނާއަކީ އެއިޑްސް ބަލީގެ ޝިކާރަ އަކަށް ވެފައި ވާ މީހެކެވެ.
ނާމީއަށް އެކަން ޖެހުނު ވަގުތުވެސް ނާމީއަށް އިނގެއެވެ. މިދިއަ ދެއަހަރެއް ހާ ދުވަހު ނާމީ ހުރީ ޝައްކެއްގެ ތެރޭގަ އެވެ. އެއީ އެންމެ ފަހުން އޮސްޓްރޭލިއާއަށް ކުރި ދަތުރުގައި ދިމާވި އަންހެނެކެވެ. ހޮލެންޑްގެ އަންހެނެކެވެ. މެދު އުމުރުގެ ތަޖުރިބާ ކާރު ރީތި އަންހެނެކެވެ. އޭނާއާއި އެކުގައި ދެދުވަހުގެ މުއްދަތަކަށް އުފާ ކުރުމަށް ފަހު އޭނާ ވަކިވެގެން ދިއައީ އެވެ. ހަމަސް ފަހުން އޭނާ ފޮނުވި މެސެޖެއްގައި ވަނީ އޭނާގެ ފިރިމީހާއަށް އެއިޑްސް ޖެހިފައި ވާ ވާހަކަ އެވެ. އެދުވަހަކީ ނާމީގެ ހަޔާތުގައި ބިރުވެރި ދުވަހެކެވެ. އުޅެވުނު ގޮތް ހަނދާން ވެގެން ބިރުން އެނދުން ނުތެދުވެ ހަފްތާއެއް ވަންދެން އޮވެވުނެވެ. އެހެން ނަމަވެސް އެއީ ޝައްކެއް ކަމަށް ޤަބޫލު ކޮށް އެކަން ހަނދާން ނައްތާލައިގެން އާދައިގެ ދިރިއުޅުމެއް އުޅެން ފެށީ އެވެ. ކުރެވުނު ޝައްކު ނާމީއަށް ޔަގީންވީ ދާދި އިހަކަށް ދުވަހު މީހަކަށް ލޭ ދޭން އުޅުމުގެ ތެރޭގަ އެވެ. ކަމުގެ ބޮޑުކަމުން ފުރަތަމަ ޓެސްޓު ހޮސްޕިޓަލު ތަކުން ޤަބޫލު ނުކުރި ނަމަވެސް ނާމީއަށް އެކަން ޔަޤީންވި އެވެ. އަލުން ޓެސްޓް ހަދަން ނާމީ ބޭނުން ނެތީވެސް ތަކުރާރުކޮށް އެކަން ކަށަވަރު ވާން ބޭނުން ނެތީމަ އެވެ. އިތުރަށް ބޭޒާރު ވާން ނޭދެތީ އެވެ. އެހުރިހާ ކަމެއް އެނގިއެނގި ހުރެ ނާމީއަށް އެކުރެވުނީ ކީއްހެއްޔެވެ!
ނާމީ ހުރިދިމާ ބިންމަތީގައި އިށީނެވެ. އޭނާގެ ހަށިގަނޑުގައި މިހާރު އެއްވެސް ވަރެއް ނެތެވެ. އޭނާއަށް މުޅި ހަޔާތުގައިވެސް ހެދުނީ ހުސް ގޯހެވެ. އެންމެ ބޮޑު ކުށެއް އެކުރެވުނީ މިފަހަރު އެވެ. ލޫނާ ސަލާމަތް ކުރާނެ ފުރުސަތު އޭނާއަށް ލިބުނެވެ. ކައިވެންޏަށް ފަހު މިހާ ދުވަސް ވަންދެން ދުރުގައި ހުންނަން ޖެހުނުކަން އެއީ ވެސް އޭނާއަށް ލިބުނު ފުރުސަތެކެވެ. އެހާ ދުވަހު ދުރުގައި ހުރުމަށް ފަހު ހުރިހާ ކަމެއް އެނގިއެނގި ހުރެ އޭނާ އެންމެ ލޯބިވާ މީހާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލީ އެވެ.
ނާމީ އޭނާގެ އަތުގެ ތެރޭގައި މޫނު ފޮރުވި އެވެ. އޭނާއަށް ގިސްލެވެން ފަށައިފި އެވެ. އޭނާއަށް ކޮންމެ ފަދަ ގޮތެއް ވިއަސް ހެޔޮއެވެ. ހަމަ އެކަނި އެދުމަކީ ލޫނާ އެކަމުން ސަލާމަތް ކުރެއްވުމެވެ.
ލޫނާއަށް ހޭލެވުނީ ނާމީގެ އަޑު އިވެން ފެށުމުންނެވެ. ކޮޓަރީގެ ކަނެއްގައި އިނދެ ނާމީ ގިސްލަ ގިސްލާފައި ރޮނީ އެވެ. އެއީ ނާމީ ފަދަ ފިރިހެންވަންތަ ފިރިހެނަކާއި ވަރަށް ނުވައްތަރުގެ އަމަލެކެވެ. ނާމީ ގެ އެ ހަރަކާތް ފެނުމުން ލޫނާގެ ހިތުގައި ހާސްކަން ބޮޑުވެގެން ދިއަ އެވެ. ކުޑައިރުކޮޅެއްގެ ކުރީން އޭނާވެސް ވަނީ ދުނިޔޭގެ ހަޤީޤަތް ހަނދާން ނައްތާލާފަ އެވެ. އޭނާއަށް އެކަން ވިސްނުނު ވަގުތު ހިތުގައި ބިރުވެރި ކަން އުފެދުނެވެ. އެހެން ނަމަވެސް ލޫނާ އެކަމާއި ކަންބޮޑު ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ނާމީއާއި ގާތްވީ އެހުރިހާ ވާހަކައެއް އިވިފައި ވަނި ކޮށެވެ.
ބިންމައްޗަށް އެއްލާލެވިފައި ވާ ނިދާހެދުން ނާގާ ހަށިގަނޑު ނިވާކޮށްލައިގެ އައިސް ލޫނާ ނާމީގެ ކައިރީގައި ދެކަކޫ ޖަހައިގެން އިށީނެވެ.
" ނާމީ!"
ނާމީގެ ބޮލުގެ އިސްތަށި ގަނޑުގައި ލޫނާ ބޮސްދިނީ ލޯތްބާއި އެކުގަ އެވެ. ވޭތުވެ ދިއަ ދެތިން ދުވަހުގެ ތެރޭގައި އޭނާއަށް ނާމީދެކެ ލޯބި ވެވިފައި އެވަނީ ހީނުކުރާ ފެންވަރަކަށެވެ. ނާމީ ލޫނާއާއި ދުރަށް ހިނގައި ދާނެފަދަ އިޙުސާސެއް ކުރެވުނު ވަގުތުން ފެށިގެން ނާމީއަށް ޓަކައި އޭނާ ހިތާ ފުރާނައިން ޤުރުބާން ވާން ބޭނުން ވިއެވެ. މިހާރު އޭނާގެ ހިތުގައި އެހެން އެއްވެސް މީހަކަށް ޓަކައި ކުޑަ މިންވަރެއްވެސް ނެތެވެ. އެންމެންގެ މަލާމާތް ރައްދުވެ، ބޭކާރު މީހެއްގެ ގޮތުގައި ދުނިޔެ ލޫނާ ޤަބޫލު ކުރި ދުވަހު ލޫނާއަށް އެހީތެރިވެދިން އިންސާނާގެ ހައްޤުގައި ކޮންމެ ހާލަތަކަށް ވެއްޓެން ވެސް އޭނާ މިހާރު ތައްޔާރެވެ. އޭނާ ނާމީ އާއި ގާތްވީ ގަސްދުގަ އެވެ. އެ ހުރިހާ ދުވަހު ނާމީ އޭނާއާއި ދުރުގައި ހުރީވެސް އޭނާއަށްޓަކަ އެވެ. އެދުވަހު ލޫނާ އޭނާގެ އަމިއްލަ ނަފްސަށް ކުރި ވަޢުދަކީ ލޫނާގެ ހިތުގައި ނާމީގެ މައްޗަށް ލޯބި އުފެދިއްޖެ ދުވަހަކުން ނާމީގެ އެ ޤުރުބާނީގެ އަގު އަދާކޮށްދިނުމެވެ. އެކަން އޭނާ ކުރީ އެވެ. އަދިވެސް އެކަމަކާއި ލޫނާ ދެރައެއް ނުވެއެވެ. ނާމީއާއި އެކުގައި އެ ހޭދަވެގެން ދިއަ ދެ ގަޑިއިރަކީ އޭނާއަށް މި ހަޔާތުގައި ލިބުނު އެންމެ އުފާވެރި ދެ ގަޑި އިރެވެ. އަދި އެހާދިސާ އަކީ ލޫނާއަށް އާ ދިރިއުޅުމެއް ލިބުނު ފަދަ އިޙުސާސެއް ގެނުވި ހާދިސާއެކެވެ. އޭނާގެ އަމިއްލަ ނަފްސަށް ގެއްލިފައިވާ އިތުބާރާ ޔަޤީންކަން އަނބުރާ ލިބުނެވެ. އޭނާއަކީ އަގުބޮޑު އަންހެނެއްކަން ކަށަވަރު ވިއެވެ. އެވަރު އޭނާއަށް ފުދެއެވެ.
" ލޫނާ....! އައި އޭމް ސޮރީ!"
ދެއަތުން މޫނު ފޮރުވައިގެން އިނދެ ނާމީ ބުންޏެވެ.
" ޑޯންޓް ބީ.... ނާމީ.... !"
ލޫނާ ނާމީގެ އަތް އޭނާގެ މޫނާއި ވަކިކޮށްލަމުން ލޫނާގެ މޫނު ނާމީގެ މޫނުގައި ޖައްސާލި އެވެ.
" އައި ލަވް ޔޫ ނާމީ....! "
ކަރުނުން ފޯވެފައިވާ ނާމީގެ މޫނުގައި ތުންފަތް ޖައްސާލަމުން ލޫނާ ލޯމަރާލި އެވެ. އެ ޖުމުލައިގެ ސަބަބުން ނާމީގެ ރިހެމުން ދާ ހިތް ކުދިކުދި ވެގެން ދިއައެވެ. އޭނާ ލޫނާ ގެ ލޯތްބަށްޓަކައި ދިގު އިންތިޒާރެއް ކުރި އެވެ. ކޮންމެ ނަމާދެއްގެ ފަހަތުގައި އެތައް ދުޢާ އެއް ކުރި އެވެ. އެ ދުޢާ އިޖާބަ ކުރައްވާފައި އެވަނީ ހާދަ ފުރިހަމަ އަކަށެވެ. އެހެން ނަމަވެސް....
" ނާމީ.... އެއީ ނާމީ ގެ މިސްޓޭކެއް ނޫނޭ.... އެއީ އަހަރެން ބޭނުންވި ގޮތް....! އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު އުޅެން ބޭނުން ވަނީ ނާމީއާއެކީ.....! ހަމަ އެކަނި ނާމީއާ އެކީ!"
ނާމީއަށް ލޫނާގެ ގައިގައި ބާރަށް ބައްދައި ގަނެވުނެވެ. އެވަރުގެ ލޯތްބެއް މިދުނިޔެ މަތީގައި ލައްވަވާފައި ވޭބާއެވެ! ޤަބޫލު ކުރަންވެސް ދަތިވި އެވެ.
ޝައުކަތުގެ މޫނަށް ބަލަން ޖައުފަރަށް އިނީ ޙައިރާންވެފަ އެވެ. އޭނާ އިނީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. މިއަދު ޝައުކަތު އެދައްކާ ވާހަކައިގެ ސަބަބުން އޭނާއާއި ޝައުކަތުގެ އެކުވެރި ކަމަށް ވެސް ބުރޫ އަރާނެ އެވެ.
" އައި ކާންޓް ބިލީވް ދިސް....!"
ޖައުފަރު މޭޒުގައި ބާރަށް ޖަހަމުން ތެދުވި އެވެ.
" ޝައުކަތަށް އިނގޭނެ.... މިކަމަކީ ޝައުކަތުގެ އެކަނި ފައިދާއަކަށް ކުރާ ކަމެއް ނޫންކަން....! ތިހެން ހަދައިގެން އެތައް ބައެއްގެ ވިޔަފާރިއަށް ގެއްލުން ވާނެ....! އަހަރުމެން މިކަމުގެ ތެރޭގަ ނޫޅޭ ދުވަހެއް ހަނދާންވެސް ނެތް....! އެންމެ ބޮޑަށް އަމަލީ ގޮތުން މިކަމުގަ އުޅެނީ ޝައުކަތު.... ޝައުކަތުގެ އާއިލާވެސް މި ވިޔަފާރީގަ ހިއްސާވޭ.... އެހެން ވީމަ ޝައުކަތު މީގެން ބޭރުވެގެން މިކަމެއް ނުހިނގާނެ....! ތިހެން ކުއްލިއަކަށް މިކަން ހުއްޓައެއް ނުލެވޭނެ....!"
ޝައުކަތާއި ޖައުފަރު އެޒާތަށް ދުވަހަކުވެސް ވާހަކަ ނުދައްކައެވެ.
" އަހަރެންގެ ސިކުނޑި ބޭނުން ކުރިއަސް ޝައުކަތު ތީ އެކަން އަސްލުގަ ހިންގާ މީހަކީ.... ޒުހުރީ އެއީ ރަސްމީކޮށް ބަލަހައްޓަން ޖެހޭ ކަންކަން ބަލަހައްޓާ، ފަހި ކުރާ މީހާ.... އަހަރުމެން އެންމެނަށް ގެއްލުވާނެ ޝައުކަތު ތިހެން ހަދައިފިއްޔާ....!"
ޖައުފަރު ޝައުކަތަށް ފުރަގަސް ދީގެން ހުރެ ވާހަކަ ދައްކަމުން އައީ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ނެވެ.
" އެކަމަކު... ދެން އަހަރެން ނަކަށް ތިކަމެއް ނުކުރެވޭނެ.... އެއީ ހާދަ ނުބައި ކަމެކޭ... މިކަމުގެ ތެރޭގަ އުޅެމުން އަހަރުމެން ނަކަށް ތައުބާއެއްވެސް ނުވެވޭނެ!"
ޝައުކަތުގެ އަޑު އިވުމުން ޖައުފަރު މަލާމާތުގެ ހިނިގަނޑެއް ޖަހާލި އެވެ.
" އެހެންތަ....! އަދި ކިރިޔާތަ އެކަން ވިސްނުނީ....! "
ޝައުކަތު އިސް ޖަހާލި އެވެ. ހަޤީޤަތުގައި ވެސް އޭނާއަށް އެކަން ވިސްނުނީ އަދިކިރިޔާ އެވެ. އެހެން ނަމަވެސް އެވާހަކަ ދެން އިތުރަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. ނާމީގެ ވާހަކައެއް އޭނާ ނުދައްކާނެއެވެ. ނުވެސް ދެއްކޭނެ އެވެ. އެހާ ހިތްވަރެއްވެސް ނެތެވެ.
" ކޮންމެ ގޮތެއް ވިއަސް...ދެން އަހަރެން މިކަން ކުރާކަށް ބޭނުމެއްނޫން....!"
އޭނާގެ އެންމެ ފަހު ޖުމްލަ ބުނެލާފައި އޭނާ އެތަނުން ދާން ހިނގައި ގަތެވެ. ޖައުފަރު ދެކޮޅަށް ހިނގާލުމަށް ފަހު ފޯނު ނެގި އެވެ. ޝައުކަތު އެކަމާ ދުރަށް ދިއައަސް އެކަން ހުއްޓިގެން ނުވާނެ އެވެ. މިދުނިޔޭގައި ފައިސާއަށް ވުރެ މުހިންމު އެއްވެސް އެއްޗެއް ނޯންނާނެ އެވެ.
ޔޫހާ އިނީ ދާއިންގެ ހަރަކާތް ތަކަށް ބަލާށެވެ. އިއްޔޭއްސުރެ ދާއިން އެއުޅޭ ގޮތުން ސުވާލެއް ކޮށްލަން އެތައް ފަހަރަކު ބޭނުން ވިއެވެ. އެހެން ނަމަވެސް ދާއިން އަމިއްލައަށް އެވާހަކަ ބުނާނެ ވަގުތަކަށް ޔޫހާ އިންތިޒާރު ކޮށްކޮށް އިނެވެ. ދާއިން ދެކޮޅަށް ހިނގާލުމަށް ފަހު މާހިންއަށް ގުޅާލި އެވެ.
" މާދަމާ ރޭ އަހަރެން ދުބާއީއަށް ދާން ބޭނުން ވަނީ ކޮއްކޮ ގޮވައިގެން!"