" އޭރަކު މަށަކަށް ނޭގެއޭ އޭނައަށް ޝަމްސް ހެދި ގޮތެއް. މަށަށް ކިހިނެތް އިނގެނީ ޝަމްސް އޭނަ ރޭޕް ކުރި ކަމެއް!"
ހިނގަ ހިނގާހުރި މާހިންގެ ދެފައި ބިންގަނޑުގައި ހަރުލުމާއި އެކު ފައި ދަށުން ބިންގަނޑު ދެމިގެން ދިއަ ކަހަލަ އެވެ! 
" ވަޓް!"
މާހިންގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިއައެވެ. 
" ކާކު ބުނި އެއްޗެއް ތީ! ޑޮކްޓަރ ތިހެން ބުނިތަ؟ ލޫނާ އެހެން ބުނިތަ؟"
މާހިން އަށް ޤަބޫލު ކުރަން ދަތި ވިއެވެ.
" ކަމްއޯން! މީ އެންމެނަށް އިނގޭ ވާހަކައެއް!"
އާދައިގެ ވާހަކައެއް ބުނާހެން ނާމީ ބުންޏެވެ. މާހިން އިތުރު ސުވާލެއް ކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާ ނާމީ އާއި ދިމާއަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރެފައި ކޮޓަރި އާއި ދިމާއަށް އެނބުރިދާން ހިނގައި ގަތީ އެވެ. 

" އޭ! ކޮންތާކަށް ތިދަނީ....! ކޮފީޝޮޕް ހުންނަނީ ތި ދިމާއަކު ނޫނޭ!"
ނާމީ އެބުނި އެއްޗެއް މާހިންއަށް އިވުނު ހެނެއް ހިއެއް ނުވެ އެވެ. އޭނާ ފަސް އެނބުރި ބަލާވެސް ނުލާ އެދިޔަ ގޮތަށް ދިއައީ އެވެ. މާހިން އަށް ވީގޮތް ފެނިފައި ނާމީއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާގެ މަޤްސަދު ކާމިޔާބު ވެދާނެހެން އޭނާއަށް ހީވި އެވެ.

މާހިން ކޮޓަރިއަށް ވަން އިރު އޭނާގެ ބޮލުގައި ރިއްސަނީ އޮބި ނޯންނަ ވަރަށެވެ. މޫނުމަތީން އާވި އެރި ވަރުން ދެލޯ ވެސް ވަނީ ރަތް ވެފަ އެވެ. އެނދު މައްޗަށް އުއްޑުން ވެއްޓި ގެން އިރު ހިތުގައި ރިހެމުން ދިއަ އެވެ. އެ ކުޑަކުޑަ ލޫނާ އާއި ދޭތެރޭގައި ހިތް ހަމްދަރްދީ އިން ފުރުނެވެ. ޝަމްސު ފަދަ މީހެއްގެ ޝިކާރަ އަކަށް އޭނާ ވުމަށް ވުރެ ހިތާމަ ވެރި ކަމެއް މި ދުނިޔޭގައި އޮންނާނެ ހެއްޔެވެ! އެވަގުތަކީ ހާދަހާ ހިތްދަތި ވަގުތަކަށް ވާނެ އެވެ. ހާދަ ވަރަކަށް ލޫނާ ރޯނެ އެވެ. ހާދަ ހަޅޭކެއްވެސް ލަވާނެ އެވެ. ސުބުހާނަﷲއެވެ! އެވަރުގެ އަނިޔާ އަކަށް ލޫނާ ކެތް ކުރީ ކިހިނެއް ހެއްޔެވެ! އެވާހަކަ އެކަކުވެސް އޭނާ ގާތުގައި ކުރީން ނުބުނީ ކީއްވެ ހެއްޔެވެ! ބޭބެއަށް އެކަން އިނގޭބާ އެވެ! ނާމީ އެވާހަކަ ދެއްކީ ހާދަ އަސަރެއް ނެތި އެވެ. ނާމީ އަކީ ހާދަހާ ރަޙުމްކުޑަ މީހެކެވެ! ލޫނާއަށް އެވަރުގެ އަނިޔާއެއް ލިބުމުން ލޫނާ އަކީ މުޑުދާރު އަންހެނަކަށް ވީ ހެއްޔެވެ! ނާމީއަށް އެހެން ވިސްނުނަސް މާހިންއަށް ވީ އެހެނެއް ނޫނެވެ. 

މާހިންއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ބޮލުގައި ރިއްސި ވަރުން ނިދުނީ އެވެ.
" ހަލޯ!"
އެއީ ބައްޕަގެ އަޑެވެ. ބައްޕަ ބޭނުން ވީ ކޮޗިން ގައި އޮތް މީޓިންގް އަކަށް މާހިން ދާށެވެ! މާހިން އެކަމަކާއި ދެކޮޅެއް ނަހަދަ އެވެ. ބައްޕަގެ ބަސް ޤަބޫލު ކުރާ ކިޔަމަންތެރި ދަރިއަކަށް ވެވޭތޯ އޭނާ އަބަދުވެސް މަސައްކަތް ކުރާނެ އެވެ. 

ރޭގަނޑުގެ ވަގުތެވެ. ތިރީގައި އޮތް ބަގީޗާގައި މަންމަ ގޮވައިގެން ހިނގާލުމަކީ މަންމަ ވަރަށް ހިތް ހަމަ ޖެހޭ ކަމެކެވެ. މިހާރު މަންމައަށް މީހެއްގެ އެހީއާއި ނުލާވެސް ހިނގައި އުޅެވެ އެވެ. ޔޫހާ މަންމައާއި އެކު މަޑުމަޑުން ހިނގާފައި ދިޔައިރު އެދެމެދަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. ފަހަކަށް އައިސް ޔޫހާ މަންމައާއި ގިނަ ވާހަކަ ނުދައްކަނީ ކޮއްކޮއާއި ބެހޭ ގޮތުން މަންމަ ކުރާ ސުވާލަކަށް ދޮގެއް ހަދަން ޖެހިދާނެތީ އެވެ. އެހެން ނަމަވެސް މިއަދު މަންމަ ގާތުގައި ޔޫހާ ބުނަން ބޭނުން ވާހަކައެއް އެބައޮތެވެ. މަންމަ ގޮވައިގެން ގޮސް ބަގީޗާގެ ގޮނޑިއެއްގައި އިށީންދެލެވެންދެން ޔޫހާ ކެތްކޮށްލައިގެން ހުއްޓެވެ.

" މަންމާ!"
ޔޫހާ އެވާހަކަ ބުނަން ލަދުވެސް ގަތެވެ.
" މަންމާ...ދާއިން ބޭނުން ވަނީ އަހަންނާ އިންނަން!"
ޔޫހާގެ މޫނަށް ބަލަން އިން މަންމަގެ މޫނު މަތީން އުފާވެރިކަން ފާޅުވެގެން ދިއައެވެ. ހައިފާ އުއްމީދު ކުރަމުން އައި ކަންތައް ފުރިހަމަ ވީއެވެ. އެއީ ދާއިން ފެނުނު ދުވަހުން ފެށިގެން ހައިފާ އެދެމުން އައި އެދުމެކެވެ. ދާއިން އަކީ ކޮންމެ މަޔަކު ވެސް ބޭނުން ވާނެ ފަދަ ފިރިހެން ދަރި އެކެވެ. 

" ކޮއްކޮ ރަނގަޅު ވީމަ އަހަރުމެން ގޮވައިގެން މާލެ ގޮސް ދާއިންގެ މަންމަމެންނާ ވާހަކަ ދައްކާފަ ކައިވެނީގެ ކަންތައް ހަމަޖައްސާނީއޯ ދާއިން ބުނީ."
ހައިފާގެ މޫނުމަތީން ހިތާމައިގެ ކުލަވަރު ފާޅުވެގެން ދިއަ އެވެ. އަނގައިން ނުބުނެ ދުރު ބަލާލެވުނީ ހިތަށް ތަދުވި ވަރުން ނެވެ. ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ރަނގަޅު މީހުންނާ ކައިވެނި ކުރާ ދުވަސް ދުށުމަކީ އޭނާގެ އެކަނި ހުވަފެނެއް ނޫނެވެ. މިއަދު ޖުނެއިހު ކައިރީގައި ހުރިނަމަ ކިހާ އުފާވާނޭ ހެއްޔެވެ! ޖުނެއިހު މިދުނިޔެ ދޫކޮށްފި ކަމަކަށް ހައިފާ އަދިވެސް ޤަބޫލެއް ނުކުރެއެވެ. އޭނާގެ ދެލޯ އަބަދުވެސް އިންތިޒާރު ކުރަނީ ޖުނެއިހު ފެންނާނެ ވަގުތަކަށެވެ. ކަންފަތް އަބަދުވެސް ސަމާލު ވެގެން އެއިންނަނީ ޖުނެއިހުގެ އަޑު އިވޭނެ ގަޑި އަކަށެވެ. ހިތް ބުނަނީ އަދިވެސް ޖުނެއިހު އަންނާނެ ކަމަށެވެ.

މާހިން ފުރާ ވާހަކަ ދާއިން ގާތުގައި ބުނުމުން ކޮއްކޮއަށް މާލެ ދެވެންދެން ބެންގަލޫރުގައި މަޑުކުރާން ދާއިން ނިންމި އެވެ. ކޮއްކޮ ނެތިސް މާލެ ގޮސްގެން އޭނާ ވާނީ ފޫއްސެވެ. ޔާނާގެ މަރަށް ފަހު ބައްޕައާއި ދާއިންގެ ގުޅުން މާ ރަނގަޅެއް ނޫނެވެ. 

ނާމީ ލޫނާގެ ކައިރިއަށް ދިޔަ އިރު ލޫނާ އިނީ ދޮންކެޔޮ ވަކެއް ކާށެވެ. އެ މަންޒަރު ފެނުމުން ނާމީ ވަރަށް އުފާވި އެވެ. މަޑުމަޑުން ލޫނާ ހަމަ ޖެހެމުން އަންނަތަން ފެނުމުން ހިތަށް ފިނި ކަމެއް ލިބުނެވެ. ނާމީ ފެންނަ އިރަށް ލޫނާ ހިނިތުން ވެލި އެވެ. އެއީ ލޫނާގެ އެފަދަ ހިނިތުން ވުމެއް ނާމީއަށް ލިބުނު ފުރަތަމަ ފަހަރެވެ. 
" ހާދަ ލޯތްބޭ!"
ނާމީގެ ހިތަށް އެރި އެއްޗެއް ދުލުން ބޭރު ކޮށްލެވުނެވެ. ހަޤީޤަތުގައިވެސް މިއަދު ލޫނާ ހާދަހާ ރީއްޗެވެ. ހީވަނީ ކުޑަކުޑަ ފުއްގަނޑެއް ހެންނެވެ. މޮޑެލަން ލިބޭނެ ނަމައޭ ހިތަށް އެރި އެވެ. މިއަދު ލޫނާ ފެންނަނީ ވަރަށް ތާޒާ ކޮށެވެ. ބަލީގެ އެއްވެސް އަސަރެއް ނެތެވެ. 

" ޔޫ ލުކް ވެރީ ފްރެޝް ޓުޑޭ!"
ނާމީ ލޫނާ ގާތުގައި އިށީންނަމުން އެހެން ބުނުމުން އަނެއްކާވެސް ލޫނާ ހިނިތުން ވެލި އެވެ. ނާމީ ބޭނުން ވީ ލޫނާ ބަހެއް ބުނާ އަޑު އަހާލާށެވެ. މިހާރު ލޫނާއަށް ވާހަކަ ވެސް ދެއްކޭނެ ކަން އިނގޭތީ އެވެ. އެހެން ނަމަވެސް ލޫނާ އަނގައިން ބުނާ ޚިޔާލެއް ނެތެވެ. އޭނާ ފުރަތަމަ ވާހަކަ ދައްކަން ބޭނުން ވަނީ ނާމީ އަކާއި ނޫނެވެ. އެހެން ހިތަށް އެރުމާއި އެކު މާހިން އެތެރެއަށް ވަން ތަން ފެނުނެވެ. ހީވީ މާހިން އަށް ލޫނާގެ ހިތުގެ އަޑު އިވުނީ ހެންނެވެ. ލޫނާގެ ނަޒަރު ހުއްޓިފައި ވާ ދިމާއަށް ނާމީ ބަލާލީ ޝައްކު ވެގެން ނެވެ. އެ މޫނު މަތީން ފާޅުވެގެން ދިއަ އަލި ކަމަކީ މާހިންއަށް ހާއްސަ ކުރެވުނު އެއްޗެއް ހެން ހީވެގެން ނެވެ. ހީވީ ވެސް ރަނގަޅަށެވެ. ދުރުގައި މާހިން ލޫނާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިއަދު މާހިން އެތެރެއަށް ނުވަދެ އެހުންނަނީ ނާމީ ހުރީމައި ކަމަށް ވެސް ވެދާނެ އެވެ. ނާމީ އިރުކޮޅަކު އިނދެފައި ތެދުވި އެވެ. ލޫނާގެ ހަޤީޤަތް މާހިން އަށް އެނގުނީމައި ދެން މާހިން ލޫނާއާއި ދޭތެރޭގައި ކަން ކުރާ ގޮތެއް ނާމީ މިއަދު ބަލާލަން ބޭނުން ވަނީ ސިއްރުންނެވެ. 

ނާމީ ދިއުމުން މާހިން މަޑުމަޑުން އައިސް ލުނާ ގާތުގައި އިށީނެވެ. މާހިން އަށް ލޫނާ ފެނުމުން މިއަދު ވަރަށް އުނދަގޫވި އެވެ. ހިތަށް އަރަނީ ލޫނާ އަށް ދިމާވި ހާދިސާ އެވެ. ލޫނާ ރޯއަޑާ ހަޅޭއްލަވާ އަޑު އޭނާގެ ކަންފަތަށް އިވެމުން ދިއަ އެވެ. ޝަމްސް ލޫނާގެ ގަޔަށް އަރައި ގަންނާނެ ގޮތް އޭނާއަށް ސިފަ ވަމުން ދިއަ އެވެ. ކައިރީގައި އިށީނުމަށް ފަހުވެސް ދުރުބަލަން އޭނާއަށް އިނދެވުނީ އެހެންވެ އެވެ. 

މާހިންގެ އަތްތިލައަށް ފިނި ކަމެއް އިޙުސާސް ކުރެވުނީ ލޫނާގެ އިނގިލި ތަކުގެ ބީހުމުން ނެވެ. އެނބުރި ބަލައިލި އިރު ލޫނާ އިނީ މާހިން އާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. ފަންފަން އިސްތަށި ކޮޅު ދެފަރާތަށް ގަތާލެވިފައި ވާއިރު ހީވަނީ ލޯބިލޯބި ބެބީ އެއް ހެންނެވެ. ހިނިތުން ވުމާއި އެކު ކޯކޮޅުން ފާޅުވެގެން ދިއަ ޖަންބު ކުލަ އެ ރީތި މޫނަށް އިތުރު ފުރި ހަމަ ކަމެއް ގެނެސް ދީފި އެވެ. ކުރިއަށް ޖެހިލާ އެކޮލުގައި ބޮސްދޭ ހިތް ވި އެވެ. އެހެން ނަމަވެސް..... ހިތުގައި އަނެއްކާވެސް ހަނދާންތައް އާވެގެން ދިއަ އެވެ. އެރީތި ކުޑަކުޑަ ކުއްޖާގެ ދުވަސް ވަނީ ގޮސްފަ އެވެ. ޝަމްސް ދެކެ އައި ރުޅިން މާހިންގެ މޫނު ރަތް ވެގެން ދިއަ އެވެ. ކުރެވޭނެ ކަމެއް ނެތެވެ. އެކަމާ ވިސްނައިގެން ވާނީ ހަލާކެވެ. 

" ކިހިނެއް؟"
އާދައިގެ ގޮތެއް ދައްކަމުން މާހިން ލޫނާއާއި ސުވާލު ކޮށްލީ ޖަވާބު ދޭނެ ކަމަކަށް ނޫނެވެ.
" ރަނގަޅު!"
އުނދަގުލެއްނެތި ފަސޭހަ ކަމާއި އެކު ލޫނާ ބުނެލި އެވެ. މާހިންގެ ދެލޯ ފެންކަޅިވީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލޫނާއަށް އެހާ ހިސާބަށް އެ އާދެވުނީ ވަރަށް ހިތްވަރުންނެވެ. ޑޮކްޓަރ ބުނެފައި އޮތީ ސިކުނޑީގެ މަސައްކަތް ރަނގަޅުވި ވަރަކަށް ހިއްސުތަކުގެ މަސައްކަތް ހަމަ ޖެހެމުން އަންނާނެ ކަމަށެވެ. އަދި މުޅީން ރަނގަޅުވާން ވަގުތު ނަގާނެ ކަމުގަ އެވެ. 

މާހިން ކުރިއަށް ޖެހިލާ ލޫނާގެ އަތުގެ ތެރެއަށް އަތް މަހާލި އެވެ. އޭގެ އަސަރު ލޫނާ އަށް ކުރާނެ ވަރު މާހިންއަށް ނުވިސްނެނީބާ އެވެ! ލޫނާގެ މޫނު މަތީން ފާޅުވަމުން ދިއަ އުއްމީދުގެ އަލިކަން މާހިންއަށް މާނަ ކުރެވުނީ މުޅީން އެހެން ގޮތަކަށެވެ.
" އަވަހަށް ގެއަށް ދާން ބޭނުން ދޯ!"
މާހިންގެ ޖަވާބަށް ލޫނާ ބޯ ޖަހާލި އެވެ. 
" ގުޑް ގަރލް!"
މާހިން ލޫނާގެ ނޭފަތުގެ ކޮޅުގައި މަޑުމަޑުން ފުއްޓައްކެއް ޖަހާލީ ލޯތްބާއި އެކުގަ އެވެ. މި މަންޒަރު ބަލަން ހުރި ނާމީއަށް މޫނު އަނބުރާލެވުނީ މާޔޫސް ކަމާއި އެކުގަ އެވެ. މާހިން ގާތުގައި އޭނާ ދެއްކި ވާހަކަ އަކުން ވީ އެއްވެސް ފައިދާއެއް ނެތެވެ. މާހިން އާއި ލޫނާގެ މެދުގައި ގާތްކަން އުފެދިފައި އެވަނީ އެއަށް ވުރެ މާ ބޮޑަށެވެ. މާހިން ގެ ކޮންމެ ހަރަކާތެއްގައި ވަނީ ލޯތްބެވެ. ކޮންމެ ބީހުމެއްގައި ވަނީ ލޯތްބެވެ. އެ އިޙުސާސުން ލޫނާގެ މުޅި ހަށިގަނޑާއި ސިކުނޑި އުފަލުން ފުރި އަރަނީ އެވެ. ވޭތުވެ ދިއަ ކައިރި މުސްތަޤުބަލްގައި ހިނގާދިއަ އެއްވެސް ކަމެއް މިހާރު ލޫނާ ހަނދާން ހުރި ހެނެއް ހިއެއް ނުވެ އެވެ. 

މާހިން ބޭނުން ވީ ލޫނާ އިތުރަށް އުފާ ކޮށްލާށެވެ. އޭނާ ދޭން އެއުޅޭ ޚަބަރަކީ އަދި ޔޫހާގެ ފަރާތުން ލޫނާއަށް އިވިފައިވާ ޚަބަރެއް ނޫނެވެ.

" ލޫނާ އަވަހަށް ގެއަށް ދާންވީއޭ! އޭރުން މާލެ ދެވޭނީ އަވަހަށް! ދޮންތީ އާ ބޭބެ އުޅެނީ މެރީ ކުރާ ހިތުން!"
މާހިންގެ އެ ޚަބަރަކީ ހަޤީޤަތުގައި ވެސް ލޫނާ އަށް އެ ދަޑިވަޅުގައި ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. ލޫނާ ގެ މޫނު އަލިވެގެން ދިއަ ވަރުން ލޫނާ ވެސް އެކަމަށް އެދިއެދި ހުރި ވަރު ހާމަ ވެގެން ދިއަ އެވެ. އެ ދަނޑިވަޅުގައި އެހެން ވާހަކައެއްވެސް ބުނެލަން މާހިން ބޭނުން ވި އެވެ. ލޫނާގެ ހަނދާން ހުރި ވަރެއްވެސް އެނގިދާނެ އެވެ.

" ލޫނާ އަށް އިނގޭތަ އަހަރުމެންގެ ބައްޕަ އަކީ ކާކުކަން؟"
ހިތުގައި ބާރަށް ހިފަހައްޓާ ލަމުން މާހިން އަހާލި އެވެ. ލޫނާގެ މޫނު މަތީގައިވާ ހިނިތުން ވުމަކަށް ބަދަލެއް ނާދެ އެވެ. އޭނާ ބޯ ޖަހާލި އެވެ. މާހިންގެ ހިތުގައި ސުވާލު އުފެދުނެވެ. 
" ކިހިނެއް އިނގެނީ؟"
މާހިން އަހާލި އެވެ.
" ސުކޫލްގެ ސްޕޮންސަރ އެއް ހޯދަން ދިއައީން!"
ލޫނާ ހަނދާން އެބަހުއްޓެވެ. އެބުނީ ފުއާދުވެސް ބުނި ވާހަކަ އެކެވެ. ފުއާދު ބުނި ގޮތުގައި މަރީ އަކީ ބައްޕަ ގާތަށް ސްޕޮންސަރ އެއް ހޯދަން ދިޔަ ކުއްޖެކެވެ. ބައްޕައާއި މަރީއާއި ގުޅުން ބަދަހި ވީ އޭގެ ފަހުން ނެވެ.
" ދެން؟..."
އިތުރަށް އަހާނެ އެއްޗެއް މާހިން އަކަށް ނޭގުނެވެ.
" ދިން ޓެން ތައުސަންޑް!"
ބޯ އަރި ކޮށްލަމުން އުފަލާއެކު ލޫނާ ވާހަކަ ދެއްކި އެވެ. އޭރު މާހިންގެ ހިތުގައި އުފެދެމުން ދިއަ ސުވާލު ތަކުގެ ޚަބަރެއް ލޫނާ އަށް އެނގިފައި ވާހެނެއް ހިއެއް ނުވެ އެވެ. 

" ބޮޑުބޭބެއާ އެކީ ދިއައީ! ފަހުން ބޮޑުބޭބެ ވަރަށް ގިނަ ލާރި ހޯދިއޯ މާހިން ގެ ބައްޕަ އަތުން!"
މާހިންގެ ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. އެވީ ގޮތް މިހާރު އޭނާއަށް ވިސްނިއްޖެހެން ހީވެ އެވެ.
" ފަހުން ބައްޕަގެ ޚަބަރެއް ވިތަ؟"
މާހިން އަހާލި އެވެ. ލޫނާ ބޯހޫރާލި އެވެ.
" ބޮޑުބޭބެ ބުނި ބައްޕަ ކައިރިއަށް ދާން ޖެހޭ ވާހަކަ. އެކަމު ފަހުން އެކަމަކާ ނޫޅެވުން. މަންމަ ބަލިވީމަ!"
ބޮޑުބޭބެގެ ނުބައި ރޭވުމުގެ އެއްވެސް ޚަބަރެއް ލޫނާއަށް ލިބިފައި ނެތަސް މިހާރު މާހިންއަށް ހުރިހާ އެއްޗެއް ވިސްނިއްޖެ އެވެ. ލޫނާއާއި ދޭތެރޭގައި މާހިންއަށް ހިތް ނުބައި ކުރެވުނީތީ ދެރަވެއްޖެ އެވެ. ޝަރީފްގެ މަކަރުގައި އޭނާގެ ބައްޕަ ވެސް ޖެހުނީ އެވެ. އެއީ ފައިސާ ހުރި މީހުންނަށް އެދެބޭން ވިއްކާލުމަށް ޓަކައި ޝަރީފް ކުރަމުން އައީ މަސައްކަތުގެ ފެށުމެވެ. ބައްޕަގެ އަތް ދަށު ނުވެ ލޫނާ ސަލާމަތް ވި ކަން ރަނގަޅެވެ. އެހެން ވެސް ބުނެވޭކަށް ނެތެވެ. މިހާރު ލޫނާއަށް ލިބިފައި ވާ ދެރަ އެއަށް ވުރެ ވަކީން ދެރައެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ލޫނާގެ މޫނު މަތީގައި އެފަދަ ހިތާމަވެރި އެއްވެސް އަސަރެއް ނެތެވެ. ލޫނާ ފެންނަނީ ވަރަށް ތާޒާ ކޮށެވެ. 

އެވަގުތު އެތަނަށް އައީ ނަރުސް ކުއްޖާ ބުނި އެއްޗަކުން އެކަން ސާބިތު ވެއްޖެ އެވެ. މިރޭ ލޫނާ ގެއަށް ދޫކޮށްލާނެ ކަމުގެ ޚަބަރު ދިނީ އެވެ. މާހިން އުފާވި އެވެ. މާހިން ދިއުމުގެ ކުރީން ލޫނާ އެ ހާލަތުން މުޅީން "ރިކަވަރ" ވީތީ އެވެ.

" މާދަމާ އަހަރެންވެސް ފުރަން!" 
މާހިން ބުނެލީ ހަމަ އެހާމެ އުފާވެރި ގޮތަކަށެވެ. އެހެން ނަމަވެސް ލޫނާއަށް އެ ޚަބަރަކީ އުފާވެރި ޚަބަރެއް ނޫނެވެ.
" އަދި އެބޮތް އެއް ވާހަކަ!"
އެއީ މާހިން ލޫނާ އާއި ވަކިވެގެން ދިއުމުގެ ކުރީން ކޮންމެހެން ބުނެލަން ބޭނުން ވާހަކަ އެކެވެ. މާހިން މަޑުމަޑުން ދުރަށް ޖެހިލާ މޫނު އަނބުރާލި އެވެ. ލޫނާ ގާތުގައި އެވާހަކަ ބުނަން އޭނާއަށް އުނދަގޫ ވާންވީ ސަބަބެއް ނެތެވެ. 

" ﷲ އިރާދަފުޅު ކުރެއްވިއްޔާ، އަހަރެންވެސް މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން!"
ލޫނާގެ މޫނު މަތީގައި ބާރު އެތިފަހަރެއް ޖަހާލެވުނު ކަހަލަ އެވެ. އެމޫނުމަތީގެ އުޖާލާކަން ކެނޑި، ބަނަވެގެން ގޮސް ދެލޯ ކަރުނުން ބަރުވެގެން ދިއައީ ހިނދު ކޮޅެއްގެ ތެރޭގަ އެވެ.

" މިމީ އަކީ ވަރަށް އާދައިގެ ކުއްޖެއް! ވަރަށް ކެތްތެރި ރަނގަޅު ކުއްޖެއް! އެކަމު އަދިވެސް ބައްޕަ އަހަރުމެންގެ ކައިވެންޏާ ޤަބޫލެއް ނުވޭ....! މިމީ ހުންނާނެ އަދިވެސް އަހަރެންގެ އިންތިޒާރުގަ. އޭނަ ވަފާތެރި ކޮށް ހުއްޓާ އަހަރެންނަކަށް އޭނަ ދޫކޮށެއް ނުލެވޭނެ!"
މާހިންގެ އެޖުމުލަ އަކީ ސީދާ ލޫނާއަށް އަމާޒުވި ޖުމުލަ އެއްހެން ލޫނާއަށް ހީވި އެވެ. މާހިންއާއި ދިމާއަށް ބަލަހައްޓައިގެން އޮތް ލޫނާގެ ދެލޮލުން މިހާރު މާހިން ސާފްކޮށް ނުވެސް ފެނެ އެވެ. ލޫނާގެ ބޮލުގައި ރިއްސަން ވެސް ފަށައިފި އެވެ. މޫނު މައްޗަށް އަނދިރިވެސް ވާން ފަށައިފި އެވެ. ދުރު ބަލަހައްޓައިގެން އިން މާހިންއަށް މިއިން އެއްވެސް ކަމެއް އެބަ އިޙުސާސް ވޭ ހެއްޔެވެ!

ކޮމެންޓް 0