އެމީހާގެ މޫނު ސާފުކޮށް ފެނުމުން ލޫނާއަށް އިތުރަށް ކުރިއަށް ދާހާ ހިތްވަރެއް ނުލިބުނެވެ. ލޫނާ ހުރިދިމާ ބިންމައްޗަށް ތިރިވެއްޖެ އެވެ. ވެލިގަނޑުގައި ދެކަކު ޖަހަމުންނެވެ. ނާމީ އައިސް ލޫނާގެ ކައިރިއަށް ހުއްޓުނެވެ. އޭރުވެސް އެމީހާ އިނީ ދުރު ބަލާށެވެ. ކުރިމަތީގައި ލޫނާ އިންއިރުވެސް އޭނާއަށް ލޫނާ ފެންނަ ހެނެއް ހިއެއް ނުވެއެވެ.

ތަރުތީބެއް ނެތި ދިގުވެފައިވާ ތުބުޅީގެ ސަބަބުން މޫނުމަތީގެ ސާފުކަން ގެއްލިފައި ވީނަމަވެސް އެއީ ހަމަ އެ ލޮބުވެތި މޫނެވެ. ކަނާއަތް ފަރާތުގައި ފަނޑުކޮށް އެވާ ލަކުނު އެކަން ކަށަވަރު ކޮށްދެއެވެ. ލޫނާ އަނގައިން ނުބުނެވިފައި އޭނާގެ ބައްޕައަށް ބަލަން އިންއިރު ހިފެހެއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އޮހޮރެމެން ދިއައެވެ. އޭނާއަށް އޭނާގެ ބައްޕަ ފެނިފައި އެވަނީ އެ ބައްޕަ ދުނިޔޭގައި ނެތް ކަމަށް ޤަބޫލު ކޮށް ކަށަވަރު ކޮށްފައި ވާތާ އަހަރު ތަކަކަށް ފަހުއެވެ. އެ ބައްޕައަކީ މިދުނިޔޭން ލޫނާ އެންމެ ލޯބިވާ އިންސާނާއެވެ. ލޫނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެބައްޕަ ދުނިޔޭގައި ނެތް ކަން ޔަޤީންކޮށްފައި ވާއިރުވެސް ކޮންމެ ނަމާދެއްގެ ފަހުގައި އެބައްޕައާއި ބައްދަލު ވުމަށް އެދި ލޫނާ ދުޢާ ކުރެއެވެ. މިއަދު އޭނާގެ ދުޢާ އިޖާބަ ކުރައްވާފައި އެވަނީ އަޖައިބެއްފަދަ ގޮތަކަށެވެ. މަލިކު ފަދަ ރަށެއްގައި އެހެން އާއިލާއަކާއި އެކު އޭނާގެ ބައްޕަ ދިރިއުޅެމުން ދާނެ ކަމަށް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ!

ލޫނާ އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން ނާމީވެސް ލޫނާގެ ގާތުގައި އިށީނެވެ. އެއީ ލޫނާގެ ބައްޕަ ކަމެއް، ނޫން ކަމެއް އަދިވެސް ނާމީ އަކަށް ނޭގެއެވެ. ހާދީވެސް ލޫނާއަކަށް އެއްވެސް ސަމާލު ކަމެއް ނުދެއެވެ.
" ލޫނާ!"
ލޫނާއާއި ގާތްވެލަމުން ނާމީ މަޑުމަޑުން ގޮވާލި އެވެ. 
" ބައްޕާ!"
ލޫނާ އޭނާގެ ތުރުތުރު އަޅަމުން ދިއަ ދެތުންފަތް ތަޅުވާލި އެވެ. ހަމަ އެވަގުތު ހާދީ އެދިމާއަށް ބަލާލި އެވެ. ލޫނާގެ އެ މަޑުމަޑު އަޑުވެސް އޭނާއަށް އިވިއްޖެ އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ނާމީގެ ގައިންވެސް ހީބިހި ނަގައިގެން ދިއަ އެވެ. ހާދީގެ ބޮޑު ދެލޮލުން ފާޅުވަމުން ދިއައީ ޙައިރާން ކަމެވެ.

"ބައްޕާ!"
އެހެން ބުނުމާއި އެކު ލޫނާ ކުއްލިއަކަށް ކުރިއަށް ޖެހިލާ ބައްޕަގެ ގައިގައި ބައްދައި ގަތެވެ. 
" ބައްޕާ...! " 
މިމަންޒަރު ބަލަން އިން ނާމީގެ ލޮލުން ވެސް ކަރުނަ ހިލުވާލައިފި އެވެ. ލޫނާގެ ހަރަކާތްތައް ފެނުމުން އެއީ ހަޤީޤަތުގައިވެސް ލޫނާގެ ބައްޕަކަން ނާމީއަށް ޔަޤީން ވިއެވެ. އެހެން ނަމަވެސް އެކަން ޔަޤީން ނުވަނީ ހާދީ އަށެވެ. އޭނާ ހަމަ ހަރާކާތް ހުއްޓިފައި އިނީ އެވެ. ޙައިރާން ވެފަ އެވެ. ލޫނާ ބައްޕަގެ ގައިގައި ބާރަށް ބައްދަމުން، ރޮމުން ދިއައިރުވެސް ހާދީ ހަމަ އެއިން ގޮތަށް އިނީއެވެ. ނާމީއަށް ބަލަހައްޓައިގެންނެވެ.

" ބައްޕާ...! ބައްޕާ....! ކިހިނެއް ވެފަތަ ތީނީ....! ބައްޕާ....! މީ ބައްޕަގެ ދޮންކަނބުލޮއޭ ބަލާބަލަ! " 
ލޫނާ ރޮމުން އޭނާގެ ބައްޕަގެ ދަތްދޮޅީގައި ހިފާ މޫނު އަނބުރާލި އެވެ. 
" މީ ލޫނާ! ކޮއްކޮ! ލޫނާ ދޫންޏޭ މީ!"
ބައްޕަ ލޯބިން އޭނާއާއި މުހާތަބް ކުރާ ހުރިހާ ނަމެއް އޭނާ ކިޔައިދިނެވެ. އެވަގުތު އިވުނީ ދުރުން މީހަކު ހަޅޭއްލަވައިގެން އަޑެވެ.
" އޭއް! "
އެއީ ބާރު އަޑެކެވެ. ނާމީވެސް ދިއައީ ސިއްސައިގެންނެވެ. އޭރު ދުރު ނޫން ހިސާބެއްގައި ސަންފަ ހުއްޓެވެ. އޭނާ ހުރީ ވަރށް ރުޅިއައިސްފަ އެވެ. 
" ތީ ކަލާގެ ބައްޕައެއް ނޫން.....! ތީ މަގޭ ހާދީ!"
ދެއަތް ފުޅާ ކޮށް ބާރަށް ހިނގަމުން ސަންފަ އެދިމާއަށް އަންނަން ފެށުމުން ނާމީ ވެސް ބިރުގަތެވެ. އެ އަޑަށް ދުރުގައި ތިބި މީހުން ގެ ސަމާލު ކަންވެސް އެދިމާއަށް ހުއްޓިއްޖެ އެވެ. އެންމެން ހެން އެދިމާއަށް އަނަން ފަށައިފި އެވެ. އެހެން ވެދާނެތީ ނާމީ ހުރީ ކުރީންވެސް ބިރުންނެވެ. އެއީ ބީރައްޓެހި ރަށެކެވެ. ނާމީމެން އެރަށަށް އައިސްގެން ވެސް އެއުޅެނީ ޓުއަރިސްޓުންގެ ގޮތުގަ އެވެ. 

ސަންޕަގެ އަޑު އިވުމުން ލޫނާވެސް އޭނާގެ ބައްޕައާއި ދުރަށް ޖެހުނެވެ. ހާދީ ޙައިރާން ކަމާއި އެކު ފަހަރަކު މީހަކަށް ނަޒަރު ހިންގަމުން ދިއައެވެ. ސަންފަ އެއައި ގޮތަށް އައިސް ލޫނާގެ ކޮނޑުގައި އަތް އަޅާ ދުރަށް ކޮއްޕާލި އެވެ. 
" ކަލޭތީ މިރަށު މީހެއްތަ؟ މިރަށު މީހެއްވެސް ނޫން....! ހާދީ އަކީ ކަލޭގެ ބައްޕައަށް ވާނީ ކިހިނެއް؟ ދެން އަވަހަށް ރަށަށްދޭ...!"
އެހެން ބުނެފައި ސަންފަ ހާދީގެ އަތުގައި ހިފުމުން ހާދީ ތެދުވަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ސަންފައަށް އޭނާ ނެގޭ ގޮތެއް ނުވި އެވެ. ނާމީ ޖެހުނީ އެހީ ވާށެވެ. ހާދީގެ އެއްފައިގައި މާ ބޮޑަށް ވަރުނެތީ އެވެ. ނަސީބަކުން ސަންފަ މާ ގިނަ އެއްޗެއް ނުކިޔަ އެވެ. އޭނާ ހާދީ ގޮވައިގެން ހިނގައިގަތީ އެވެ. އެއްފައި ދަމަމުން ކަހަލަ ގޮތަކަށް ހާދީވެސް ސަންފައާއި އެކު ހިނގައި ގަތެވެ. އިތުރު އެއްވެސް ބަހަނާއެއް ނުދެއްކި ނަމަވެސް އަނެއް މަގަށް އެޅެންދެންވެސް ހާދީ ފަސް އެނބުރި އިރުއިރު ކޮޅާ ލޫނާއަށް ބަލާލަ އެވެ. ލޫނާގެ އެ ހަރަކާތް ތަކުން އޭނާގެ ހިތުގައި ވެސް ސުވާލު އުފެދިއްޖެ ހެން ހީވެ އެވެ. ބައްޕަގެ އެ ހާލަތު ފެނުމުން ލޫނާ އިތުރަށް ދެރަވި އެވެ. ބައްޕަ އެ މީހުންނާއި ވަކިވެގެން މި ހޭދަވި ދުވަސްތަކުގެ ތެރޭގައި ބައްޕައަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ހަށިގަނޑުގެ ބަލިކަށިކަމަށް ވުރެ ނަފްސާނީ ގޮތުން ބައްޕައަށް އައިސް ފައިވާ ބަދަލަކީ ދެން ރަނގަޅު ކުރެވިދާނެ ކަމެއް ކަމާއި މެދުވެސް ޝައްކެވެ. 

އެއްވެފައިވާ އެންމެންގެ މޫނު މަތީންވެސް ފާޅުވަމުން ދަނީ ޙައިރާން ކަމެވެ. ކޮންމެ މީހަކުވެސް އެއްޗެއް ބުނަން ބޭނުންވެފައިވާ ފަދަ ގޮތަކަށް ލޫނާމެންނާއި ދިމާއަށް ބަލަން ތިއްބެވެ. އެވަގުތަކީ އެއްވެސް މީހަކާއި މާގިނަ ވާހަކަ ތަކެއް ދެއްކުން ރަނގަޅު ވަގުތެއް ނޫން ކަމަށް ޤަބޫލު ކޮށްގެން ނާމީ ލޫނާ ގޮވައިގެން ހިނގައި ގަތެވެ.
ގެއަށް ދިއުމަށް ފަހުގައި ލޫނާ އަވަސްވެގަތީ އޭނާގެ ދޮންތީއަށް ގުޅާށެވެ. ނާމީ އެކަން ކޮންޓްރޯލް ކުރިއެވެ.
" ޔަޤީން ނުވަނިސް އެވަރުގެ ބޮޑު ޚަބަރެއް ދޭކަށް ނުވާނެ!"
ނާމީއަށް އަދިވެސް ޔަޤީނެއް ނޫނެވެ. ނާމީ އެހެން ބުނުމުން ލޫނާ ރޮއިގަތެވެ.

" ޔާގީނޭ ނާމީ! އަހަރެންނަށް އަހަރެންގެ ބައްޕަ އިނގެއޭ...! އެމީހުންނޭ އެއުޅެނީ އޮޅިގެން! "
ނާމީއަށް ސާބިތު ކޮށްދިނުމުގެ ގޮތުން ލޫނާ ބުންޏެވެ. 
" އެކަމު ލޫނާ ރަނގަޅަށް ޔަޤީން ނުވަނީސް...." 
އެވަގުތު ގޭތެރެއަށް ވަދެގެން އައީ އާމިރާއި މުހަންމަދު ފެނުމުން ނާމީ ވާހަކަ ދެއްކުން ހުއްޓާލި އެވެ. މުހަންމަދު ފެނުމުން ނާމީ އަށް އުނދަގޫ ވިއެވެ. މުހަންމަދުމެންގެ ގެއަށް ނާމީ ގެންގޮސް އެގޭ މީހުންނާއި ބައްދަލު ކުރުވުމަށްފަހު އެ ދިމާވެގެން އެއުޅޭ ކަންތަކުގެ ސަބަބުން ނާމީ ހިސާބަކަށް ޖެހިލުން ވިއެވެ. އެމީހުންގެ ބައްޕަ އަކީ ލޫނާގެ ބައްޕަ ކަމަށް ލޫނާއަށް ޤަބޫލު ކުރެވުނީތީ ސަންފަ ހިތްހަމަ ނުޖެހުނު ފަދައިން މުހައްމަދުވެސް ހުންނާނީ ހިތްހަމަ ނުޖެހިފައި ހެން ނާމީއަށް ހީވި އެވެ. 

" ލޫނާ އެބުނަނީ ތެދަކަށް ވެދާނެ!"
މުހަންމަދުގެ އަޑު އިވިފައި ނާމީ ސިހުނެވެ. މުހަންމަދު ޖޯލީގައި އިށީންނަމުން ވާހަކަ ދައްކަން ފެށި އެވެ. އޭނާގެ ވާހަކަ ހުރީ އޭނާ ހިކުރި ގޮތަކަށް ނޫނެވެ. އޭނާ ނާމީ އެގެއަށް ކާން ގެންދިއަ ދުވަހު އަނގައިން ނުބުނެ ހިމޭނުން ހުރި ނަމަވެސް މިއަދު އޭނާ އެވާހަކަ ދައްކަން ބޭނުމެވެ.
" އެއީ އަހަރުމެންގެ ބައްޕައެއް ނޫން..... އެއީ އަހަރުމެންގެ މަންމަގެ ފިރިމީހާ އެއްވެސް ނޫން....!"
މުހަންމަދުގެ ވާހަކަ ނާމީއާއި ލޫނާ އަޑުއަހަންމުން ދިއައީ ޝައުގުވެރިކަމާއި ޙައިރާން ކަމާއި އެކުއެވެ.
" އަހަރުމެންގެ ބައްޕަ ނިޔާވިތާ ކިތަންމެ ދުވަހެއް....! އެ ޚަބަރު ލިބިފަ މަންމަގެ ސިކުނޑި ގޯސްވީ....! އޭގެ އެތައް ދުވަހެއް ފަހުން އަހަރެންނަށް މި ހާދީ ފެނުނީ. ހާދީއާއި ބައްޕައާއި ވަރަށް ވައްތަރު ގޮތެއް ހުރޭ.... ހާދީއާ ދިމާވީ ބަލި މީހަކު ގޮވައިގެން ކިޑްނީއެއް ހޯދަން އިންޑިއާގެ އަވަށް ގަނޑަކަށް ގޮސް އުޅެނިކޮށް.... އޭނަ ގެންގުޅުނު މީހާ އުޅުނީ އޭނަގެ ކިޑްނީ ވިއްކާލަން!"
ލޫނާ އަނގަމަތީގައި އަތް އެޅުމާއި އެކު ބާރަށް ރޮއި ގަތެވެ. އޭނާގެ ބައްޕަގެ ހާލާއި މެދު ހިތް އަސަރުން ފުރިގެން ދިއައެވެ. 

" އެއްވެސް ކަމެއް ހަނދާން ނެތް، ނަފްސާނީ ބަލިމީހަކަށް މަޖުބޫރު ކޮށްގެން އެވަރުގެ ކަމެއް ކުރުވަން އެމީހުން އުޅުނީ. އެމީހުން ބުނީ އެއީ އެމީހުންނާވެސް އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށް . އެމީހުންނަށް ވެސް ކޮންމެވެސް މީހަކު ދިން މީހެއް ކަމަށް. އަހަރުމެން އޭނަ ގަނެގެން ގެނައީ އަހަރުމެންގެ ބައްޕައާއި އޭނަ ވައްތަރުވެފަ އޭނަ ފެނުމުން މަންމަގެ ބަލި ރަނގަޅު ވެދާނެ ކަމަށް...."
" ކޮބާ....! އެއީ އަހަރެންގެ ބައްޕައޭ....ބައްޕަގެ މިތާގަ އޭނީ ނު ލަފެއްވެސް "
ލޫނާ އޭނާގެ މޫނުގައި އިގިލި ޖައްސާލަމުން ބުންޏެވެ. ނާމީ އޭނާގެ އަންހެނުން ގަޔާ ގާތް ކޮށްލަމުން ބުރަކަށީގައި ފިރުމާލި އެވެ.
" އަހަރުމެން ބައްޕަ ގެންގޮއްސިއްޔާ ކިހިނެއް ވާނެ.... މިބުނީ... މުހަންމަދުގެ މަންމައަށް....!"
ނާމީ ސުވާލު ކުރިއެވެ.
" ދެން ކުރާނެ ކަމެއް ނޯންނާނެ...! ކޮންމެ ގޮތެއްވިއަސް އޭނައަކީ ކާކުކަން އެނގޭ ހިސާބުން ސަރުކާރުންވެސް އޭނަ ގެންދާނެ....!"
މުހަންމަދު ހަޤީޤަތަށް ބުންޏެވެ.
" އަހަރެން މުހަންމަދުމެންނަށް ގެއްލުމެއް ވިޔަކަ ނުދޭނަން އިނގޭ.... ދިޔަ އަގަށް ވުރެ ބޮޑު އަގެއް ދޭނަން! "
މުހަންމަދުގެ ކޮނޑުގައި ޖަހާލަމުން ނާމީ ބުންޏެވެ. 

އެމީހުން ދިއުމުން ލޫނާ އަވަސްވެގަތީ ދޮންތީއަށް ގުޅާށެވެ. ދޮންތީ ގާތުގައި އެވާހަކަ ބުނާ ހިތުން އޭނާއަށް ހުރެވެނީއެއް ނޫނެވެ. 
"ކޮއްކޯ!"
ލޫނާގެ އަޑުއިވުމުން ޔޫހާ ވަރަށް އުފާވި އެވެ. މިރެއަކީ ދާއިންއާއި އޭނާ ސުވިސްއަށް ހަނީމޫން ދާން ފުރާ ރެއެވެ.
" ދޮންތީ ހަނީމޫނު ދަނީ ސުވިސްއަށް. ޓުއަރ އަކަށް.... ވަރަށް ގިނަތަންތަން ފެންނާނެ!"
ޔޫހާ ހުރީ އުފަލުން ފުރިފަ އެވެ. އެއީ ދާއިންގެ ބައްޕަ އެމީހުންނަށް ދިން ސަޕްރައިސް ގިފްޓެކެވެ. 
" ދޮންތީ....! ތިއަށް ވުރެ މާ އަގު ބޮޑު ހަދިޔާއެއް ލިބިއްޖެ....!"
ކޮއްކޮގެ އަޑުގައި ވާ ހިތާމަވެރި އެހެނަސް އުފާވެރި އަސަރުތައް ޔޫހާ ސީރިއަސް ކޮށްލައިފި އެވެ. 
" ކިހިނެއްވީ؟"
" ދޮންތީ.....! ދޮންތީ.....!"
ލޫނާއަށް ރޮވެން ފަށައިފި އެވެ. ޔޫހާގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއައެވެ.
" އަހަންނަށް ބައްޕަ ފެނިއްޖެ! "
ކޮއްކޮގެ އަޑު އިވުމުން ޔޫހާއަށް ލޯ މަރާލެވުނެވެ. އަނެއްކާވެސް ކޮއްކޮއަށް އެއްކަލަ ހުވަފެންތައް ފެންނަން ފެށީ ބާ އެވެ. ބައްޕަ ގެއްލުނީއްސުރެ އެތައް ދުވަހެއް ވަންދެން ލޫނާ ނުނިދާ ބަލިވެ އުޅުނެވެ. ހަމަ ނިދޭއިރަށް ބައްޕަ އައިސް ގެން އުޅޭތަން ހުވަފެނުން ފެންނާތީ އެވެ. ޔޫހާ ބުނާނެ އެއްޗެއް ނޭގި އިރުކޮޅަކު ހުރުމަށް ފަހު ކޮއްކޮއަށް ނަސޭހަތެއް ދޭން އަނގަހުޅުވާލި ތަނާ އަނެއްކާވެސް ކޮއްކޮގެ އަޑު އިވުނެވެ.

" ބައްޕަ މަރެއް ނުވޭ.... ދުނިޔޭގަ އެބަހުރި.... އަހަންނާ ދިމާވެއްޖެ.... ދޮންތީ އަހަރުންގެ ބައްޕަ ދުނިޔޭގަ އެބަހުރި!"
އެވަގުތު ކޮއްކޮ އެބުނި އެއްޗެއް އިވިފައި ޔޫހާއަށް ތެޅިގަނެވުނެވެ. އިވުނު އަޑު ޤަބޫލު ނުކުރެވިފައި އޭނާއަށް ހުރެވުނެވެ. 
" ކީކޭ ކޮއްކޯ!"
ޔޫހާގެ އަޑުވެސް ބޭރުވީ ކިރިޔާ އެވެ.
" އާނ ދައްތާ.... ހުވާ....! ބައްޕަ އެބަހުރި މިރަށުގަ....!"
ޔޫހާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިއަތަން ދާއިންއަށް ފެނުނެވެ. އޭނާ އަވަސް އަވަހަށް އައިސް ޔޫހާ ގާތަށް ހުއްޓުނެވެ. އެވަގުތު ޔޫހާގެ އަތުން ފޯނު ދޫވަން އުޅުނީ ހަށިގަނޑަށް އައި ލޮޅުމެއްގެ ސަބަބުންނެވެ.
" ކިހިނެއްވީ....!"
ދާއިން އަވަސް އަވަހަށް ޔޫހާގެ ގައިގައި ހިފަހައްޓަމުން ފޯނު ގައި ހިފި އެވެ. 
" ހަލޯ!"
ދާއިންގެ އަޑުއިވުމުން ނާމީ ފޯނު އަތުލި އެވެ. ނާމީ ދާއިންއަށް އެވާހަކަ ކިޔައި ދިނެވެ. އަދި ޒުހުރީ އަންކަލްގެ ލަފަޔާއި އެކު ސަރުކާރުމެދުވެރި ކޮށް ބައްޕަ މާލެ ގެންދެވޭނެ ގޮތެއް އަވަހަށް ހެދުމަށް އޭނާ ބުންޏެވެ. ޙައިރާން ކުރުވަނިވި ޚަބަރާއި އެކު ދާއިން ފޯނު ބޭއްވިއިރު އޭނާވެސް ހުރީ ފެންކަޅިވެފަ އެވެ. އެ ޚަބަރު ލިބުމުން ޔޫހާގެ މަންމައަށް ވާނެ ގޮތާއި ދޭތެރޭގައި އޭނާއަށް ވިސްނާލެވުނެވެ. ޔޫހާ ދާއިންގެ ގައިގައި ބައްދައިގަނެގެން ހުރެ އެތައް އިރެއް ވަންދެން ރުޔެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެހެން ނަމަވެސް އެމީހުން ނިންމީ އެ ޚަބަރު އަދި މަންމައަށް ނުދިނުމަށެވެ. އޭގެ ކުރީގައި ޔޫހާ ބޭނުން ވަނީ އޭނާގެ ދެލޮލުން ބައްޕަ ދެކިލުމަށެވެ. އަދި އެއީ ބައްޕަކަން އޭނާ އަމިއްލައަށް ކަށަވަރު ކުރާށެވެ. ދެރައީ ބައްޕަ އެއްވެސް އެއްޗެއް ހަނދާން ނެތީމަ އެވެ. އެހެން ނޫންނަމަ އެގޮތަށް ޔަޤީން ނުވެގެން އުޅޭކަށް ނުޖެހޭނެ އެވެ. ހަމަ އެވަގުތުން ފެށިގެން ބައްޕަ މާލެ ގެނައުމަށްޓަކައި ދާއިން މަސައްކަތް ފަށައިފި އެވެ. ހަނީމޫނު ދަތުރު ފަސްކުރެވުނީ އެވެ. އެއަށް ވުރެ މާ އުފާވެރި ހަދިޔާއެއް ތަޤުދީރުން ޔޫހާއަށް ދެއްވައިފި އެވެ.

އަނެއްކާވެސް ލޫނާއަށް އޭނާގެ ބައްޕައާއި ބައްދަލު ވުމުގެ ފުރުސަތު ލިބުނެވެ. އެރޭ މުހަންމަދު އެގެއަށް އައީ ހާދީ ގޮވައިގެން ނެވެ. ލޫނާ އެއްވެސް ޖެހިލުމެއް ނެތި ގޮސް ބައްޕަގެ އުނގުގެ ތެރެއަށް ވަދެގަތެވެ. ދުވަސްތަކަކު ދުރުގައި ހުރި ނަމަވެސް އޭނާއަކަށް ދުވަހަކުވެސް އޭނާގެ ބައްޕަ ބީރައްޓެއްސެއް ނުވާނެ އެވެ. އަދި އަބަދުވެސް އޭނާ ވާނީ ބައްޕަގެ ކުޑަކުޑަ ބޭބީ އަށެވެ.

" ބައްޕާ!"
ލޯބިން ފިރުމަމުން ލޫނާ އޭނާގެ ބައްޕައާއި ވަރަށް ވާހަކަ ދެއްކި އެވެ. ކުރީގެ ވާހަކަ ތަކުން ހަނދާނަށް އެއްވެސް އެއްޗެއް އާދޭތޯ މަސައްކަތް ކުރިއެވެ. އޭނާއާއި ދޮންތީއާއި މަންމަގެ ފޮޓޯވެސް ދެއްކި އެވެ. އެ ފޮޓޯތަކަށް ބަލަން އިންނަ ގޮތުން ކޮންމެވެސް އެއްޗެއް ވިސްނަނީ ކަން އިނގެއެވެ. އެހެން ނަމަވެސް ބައްޕަ ހަމަ އެންމެ ބަހެއްވެސް ނުބުނެ އެވެ. މުހަންމަދު ބުނީ ބައެއް ފަހަރު ކޮންމެސް ވަރަކަށް އިޝާރާތުން ޖަވާބުދީ އުޅޭ ކަމަށެވެ. އެހެން ކަމުން ބައެއް ވާހަކަ ތައް ވިސްނޭކަން އިނގެ އެވެ. ލޫނާގެ އުއްމީދަކީ މާލެ ދިއުމުން އެހުރިހާ ކަމެއް ހަމަ ޖެހުމެވެ. 

ދުނިޔޭގެ ކޮންމެ ތަނަކުން ބޭސް ކޮށްގެންވެސް ބައްޕަގެ ބަލި ރަނގަޅުވާ ކަމަށް ވާނަމަ ﷲގެ ރަޙުމަތާއި އެކު އެކަން ކުރާނެ ކަމުގެ ޔަޤީންކަން ނާމީ ވަނީ ލޫނާއަށް ދީފަ އެވެ. ނާމީ ފަދަ ރަނގަޅު އޯގާތެރި ފިރިއަކު ލޫނާއަށް ލިބުނީތީ ލޫނާ އުފާކުރުން ހައްޤެވެ. 

މޯނާ އަނެއްކާވެސް ފޯނުން ގުޅާލި އެވެ. އޭނާ ހުރީ ރުޅިގަދަވެގެން ހަލާކު ވާން ގާތްވެފަ އެވެ. އޭނާ ޖިނާން އާއި ގުޅަން މަސައްކަތް ކުރާތާ މިހާރު ދެދުވަސް ވެއްޖެ އެވެ. ފޯނުގެ ރޭންޖު ލިބޭ ގޮތެއް ނުވެއެވެ. މިއަދު އެބަ ރިންގް ވެއެވެ. އެހެން ނަމަވެސް ނުއެއް ނަގައެވެ. ކަމުގެ ސީރިއަސް ކަން އިނގޭނަމަ ޖިނާން ފޯނު ނަގާނެކަން ކަށަވަރެވެ. 
" ހަލޯ!"
ދިހަ ވަރަކަށް ފަހަރު ގުޅި ފަހުން އެ ކަންނެތް ކުއްޖާ ފޯނު ހިއްލާލައިފި އެވެ. 
" މަމް....! އަދި މިތަނަށް ދަންވަރު ހަތަރެކޭ ޖެހީ!"
ޖިނާނުގެ ބަރު އަޑު އިވިގެން ދިއައެވެ.
" ޖިނާން!"
މޯނާ ހަޅޭއްލަވައި ގަތީ ރުޅިވެރި އަޑަކުންނެވެ.
" ކަލޭގެ މުދާގަނޑު ނާމީ ހަޖަމު ކޮށްލާއިރުވެސް ފޯނު ނުނަގާތި!"

ކޮމެންޓް 0