ހައިފާގެ ލޮލުގެ އެސްފިޔަތަކުގެ ދަށުން ފުރޭނިގެން ދިއަ ކަރުނަ ތިއްކަކުން ޔޫހާގެ އޮޅޮބޮށި ހޫނު ކޮށްލައިފި އެވެ. ޔޫހާއަށް ލިބުނީ ސިހުމެކެވެ. ހިނދު ކޮޅަކަށް އޭނާގެ ހަރަކާތްތައް މެދު ކަނޑާލެވުނެވެ. އޭނާ ރަނގަޅަށް ވިސްނާލުމަށް ދެ ސިކުންތު ނެގި އެވެ. ދެން އޭނާ އެނބުރި މަންމަގެ މޫނަށް ބަލާލި އިރު އޭނާގެ ހިތުގެ ތެޅުން ވަނީ ސަތޭކަ ގުނައަށް އިތުރު ވެފަ އެވެ. މަންމަގެ މަރާލެވިފައި ވާ ލޮލުގެ ދަށުން، ކޯތާފަތުގެ އަރިމައްޗަށް ފައިބައިގެން ދިއަ ކަރުނަ ތިކި ފެނުމުން ޔޫހާއަށް އޭނާގެ ތުރުތުރު އަޅަމުން ދިއަ ދެތުންފަތުގައި ދަތް ޕިލައިން ހިފަހައްޓާލެވުނީ ހިތަށް ކުރި އުފާވެރި އިޙުސާސެއްގެ ސަބަބުންނެވެ.
" މަންމާ!"
ޔޫހާ އޭނާގެ މޫނު މަންމަގެ ކޯތާފަތުގައި ޖައްސާލި އެވެ. މިހާރު މަންމައަށް އޭނާގެ އިޙުސާސް ކުރެވޭނެ ކަން ޔަގީނެވެ.
" މަންމަ ދެކެ ހާދަ ލޯބިވެއޭ!"
ޔޫހާ މިވަގުތު މަންމައަށް އެ ޖުމުލަ އަޑު އިއްވާދެން ބޭނުން ވިއެވެ. އެވަގުތު އެތަނަށް އައި ނަރުސް ކުއްޖާ އެތެރެއަށް ވަނުމަށް ފަހު ހުއްޓިލި އެވެ.
" އެކްސް ކިއުޒް މީ!"
ގުޅާފައިވާ މެޝިނަށް ބަލަމުން އޭނާ ޔޫހާ ދުރަށް ޖައްސާލީ ޙައިރާން ކަމާއި އެކުގަ އެވެ. ދެން އޭނާ އެލާރމެއް އަޅާލީ ޑޮކްޓަރ އަށް އަންގާލުމުގެ ގޮތުން ނެވެ. އެވަގުތު ދެ ނަރުސް ކުއްޖަކު ވެސް އެތެރެއަށް ވަދެ ސްކްރީން ދަމާލައިފި އެވެ. ޔޫހާ ޖެހުނީ ބޭރަށް ނުކުންނާށެވެ. ބޭރަށް ނުކުތް އިރު ޔޫހާ ހުރީ ބިރުގެންފަ އެވެ. ހަނދާނަށް އައީ ކުރީ ދުވަހެވެ. އެންމެ ފަހުން މަންމަ ލޯ ހުޅުވާލި ދުވަހެވެ. އެދުވަހު ކޮއްކޮއަށް ރޮވުނު ވަރުން މަންމައަށް ކެތް ނުވެގެން އަނެއްކާވެސް ކޯމާ އަށް ދިއައީ އެވެ. ޔޫހާ އަވަސް އަވަހަށް ފޯނު ނެގި އެވެ. ކޮއްކޮ އަށް ގުޅާލަން އުޅުނެވެ. ނުގުޅުނެވެ. ދެން ގުޅާލީ ނާމީ އަށެވެ. ނުގުޅުނެވެ. ދާއިންއަށް ގުޅާލާ އިރަށް ނަގައިފި އެވެ. ދާއިން ގާތުގައި ޔޫހާ އެދުނީ ވަރަށް އަވަހަށް ކޮއްކޮ ހޮސްޕިޓަލަށް ފޮނުވަދިނުމަށެވެ.
އިރު ކޮޅެއްގެ ފަހުން ޑޮކްޓަރ ޔޫހާއާ ބައްދަލު ކޮށްލަން އެދުނެވެ. އޭރު ޔޫހާ އަދި ހުރީ އެކަންޏެވެ. އެކަނި ހުއްޓާ ދެރަ ޚަބަރެއް ލިބިދާނެތީ އޭނާ މާ ބޮޑަށް ބިރު ގަތެވެ. ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން އޭނާ އެތެރެއަށް ވަނެވެ. ޑޮކްޓަރގެ އަޑު އިވުމުން ޔޫހާއަށް ޙަމްދު ކުރެވުނެވެ. ޑޮކްޓަރ ބުނީ މަންމަ ހޭ އަރައިފި ކަމަށެވެ. އަދި މަޑުމަޑުން މަންމަ މުޅީން ރިކަވަރ ވެދާނެ ކަމުގެ އުއްމީދު ބޮޑުވެފައި ވާ ކަމަށެވެ. އެހެން ނަމަވެސް މަންމައާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނީ ދެތިން ދުވަސް ފަހުން ކަމަށް ބުންޏެވެ. ޔޫހާ ހުރީ އެ ޚަބަރު ކޮއްކޮއަށް ދޭ ހިތުން ކެތް މަދުވެފަ އެވެ. އެހެން ނަމަވެސް އިރުކޮޅެއްގެ ފަހުން ހޮސްޕިޓަލަށް އައީ ދާއިން އެކަންޏެވެ. ކޮއްކޮއެއް ނާދެ އެވެ. ދާއިން ބުނީ ކޮއްކޮގެ ކޮޓަރީގައި ތަޅާ ލުމުން ވެސް ދޮރު ނުހުޅުވީމައި އައީ ކަމަށެވެ. މަންމަގެ ވާހަކަ ޔޫހާ ކިޔައި ދިނުމުން ދާއިންވެސް އުފަލުން ފެންކަޅިވި އެވެ. ޔޫހާ އުފާވާނެ ވަރު އޭނާއަށް އިޙުސާސް ކުރެވުނެވެ.
ލޫނާ ފެންވަރާލައިގެން ތުވާލި އަނދެގެން ފާޚާނާއިން ނުކުތް ވަގުތު ފެނުނު މަންޒަރަކުން ސިހުނެވެ. އޭނާގެ އެނދުގައި ހުރަހަށް އޮށޯވެ ލައިގެން އޮތީ ނާމީ އެވެ. އަވަސް އަވަހަސް ލޫނާ ފާޚާނާގެ ތެރެއަށް ދެމިގަތެވެ. އެހެން ހުއްޓާ ނާމީއަށް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
ހެދުން ލައިގެން ނުކުތް އިރުވެސް ނާމީ ހަމަ އެއޮތް ގޮތަށް އޮތެވެ. ލޫނާ ޙައިރާން ވުމުގެ އިތުރުން ބިރުވެސް ގަތެވެ. ނާމީ އަކީ އަދި އޭނާއާ އެހާ ގާތްކޮށް ވާހަކަ ދައްކާ އުޅޭ މީހެއް ވެސް ނޫނެވެ. ލޫނާ އައިސް ކައިރީގައި ހުއްޓުމުން ނާމީ ލޯ ހުޅުވާ ބަލާލި އެވެ. އެ ދެލޯ ވަނީ ރަތް ވެފަ އެވެ. ނާމީގެ ދެލޮލުން ފެނުނު އަސަރަކުން ލޫނާ ހިސާބަކަށް ބިރު ގަތެވެ. އޭނާ ފަހަތަށް ޖެހިލި އެވެ. އެވަގުތު ނާމީ ކުރިއަށް ޖެހިލާ ލޫނާގެ އަތުގައި ހިފާ ދަމައި ގަތެވެ. ލޫނާއަށް ލިބުނު ސިހުމުގައި އޭނާ ފުރޮޅާލީ ނާމީގެ ގައި މައްޗަށެވެ. އެވަގުތު ދެއަތުން ލޫނާގެ އުނަގަނޑުގައި ނާމީ ހިފެހެއްޓި އެވެ. ލޫނާއަށް ގުޑި ނުލެވޭ ވަރަށެވެ. ލޫނާގެ މޭތެޅެން ފެށިލެއް ބާރު ކަމުން ހީވީ އޭނާގެ ހިތް ވެސް އަނގައިން ނުކުންނަން އުޅުނު ހެންނެވެ. ކުއްލިއަކަށް ނާމީ އެހެދި ގޮތަކުން ލޫނާއަށް ހަދާނެ ގޮތެއް ވެސް ނޭގުނެވެ. ނާމީ އެއް އަތުން ލޫނާ ގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައިގެން ލޫނާގެ މޫނަށް ބަލަން އޮތް އިރު އެދެލޯ ވަނީ ތެމިފަ އެވެ. އޭނާގެ ނޭވާއިން ވެސް ދުވަމުން ދިއައީ ނުބައި ވަހެވެ. ލޫނާއަށް އެތަނުން ސަލާމަތް ވާން، ހިރި ލެވޭ ވަރަށް ވުރެވެސް ނާމީގެ އަތުގެ ބާރު ގަދަ އެވެ.
" އަހަރެން ދެކެ ލޯބި ވޭތަ؟"
ނާމީ އެ ކުރީ ކޮން ކަހަލަ ސުވާލެއް ހެއްޔެވެ! ލޫނާގެ ދެލޯ އިހުނަށް ވުރެވެސް ބޮޑުވެގެން ދިއަ އެވެ. އަނގަ ހުޅުވާލުމުން ދުވައިގެން ހުތް ވަހުން ލޫނާ އަށް ކިބިހި އެޅުނެވެ. ވެގެން އުޅޭ ގޮތް މިހާރު އެނގިއްޖެ އެވެ. ނާމީ އެއޮތީ ހަމަ ހެޔަކު ނޫނޭވެ. ލޫނާ އަދި ވަކީން ބިރު ގަތެވެ. އޭނާ ނާމީގެ މޭގައި ދެއަތް އަޅާ ކޮއްޕަމުން އެތަނުން ސަލާމަތް ވާން އުޅުނެވެ. އެހެނަސް ކާމިޔާބެއް ނުވި އެވެ.
" އަހަރެން ދުވަހަކު ވެސް އެހެން އަންހެނަކު ދެކެ ލޯތްބެއް ނުވޭ....! މިފަހަރު އަހަރެން ދޫކޮށްލާފަ ދިއަކަ ނުދޭނަން...!"
ލޫނާގެ މޫނުގައި ނާމީގެ ފިނި ފިނި އިނގިލިތައް ޖައްސާލި ވަގުތު އެއަތް ފޮޅުވާލުމުގެ ގޮތުން ލޫނާ ބާރަށް ބޯ ހޫރާލި އެވެ. ލޫނާ އޮތީ ނާމީ ދެކެ ފަކުރު ވެސް ގެންފަ އެވެ.
" އަހަރެން ކަމަކު ނުދޭދޯ! ދާއިން ދޯ ރަނގަޅީ!"
ނާމީގެ ހިތުގައި ވާ އެއްޗެއް މިހާރު ލޫނާއަށް އެނގިއްޖެ އެވެ. ނާމީ އެއުޅެނީ ދާއިންއާއި ދޮންތީއާއި ގުޅުމެއް އޮތް ކަމަށް ޝައްކު ވެގެން ނެވެ. ލޫނާ ނާމީގެ އަތް ދަށުން ސަލާމަތް ވުމަށް ބާރަށް ތެޅި ގަތެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ނާމީ ވެސް ލޫނާގެ ގައިން ދޫކޮށްލާފައި ބޯހިއްލާ ބޭރު ބަލާލި އެވެ. ދޮރުމަތީގައި ޙައިރާން ވެފައި ހުރީ މާހިން އެވެ. މާހިން ފެނުމުން ލޫނާއަށް ވީ ގޮތްވެސް ނޭގުނެވެ. މާހިން ގެ މޫނުމަތީން އޭނާއަށް ފެނިގެން ދިއައީ ޙައިރާން ކަމުގެ އިތުރުން ނަފްރަތު ގެ އަސަރެވެ. ކުޑަ އިރު ކޮޅަކު ބަލަހައްޓައިގެން ހުރެފައި މާހިން ދޮރު ލައްޕާލި އެވެ. ބޭރަށް ނުކުންނަން ވެސް ނުކެރިފައި ދޮރާ ދިމާއަށް ބަލަހައްޓައިގެން ލޫނާ އިރު ކޮޅަކު ހުރުމަށް ފަހު އެނބުރި ބަލާލި އިރު ނާމީ އޮތީ ގަދައަށް ނިދާފަ އެވެ.
އިރުކޮޅަކު ހުރެފައި ލޫނާ ނުކުތީ ބޭރަށެވެ. މާހިން އަށް އެފެނުނު މަންޒަރުގެ ހަޤީޤަތް އަންގަން ލޫނާ ބޭނުން ވިއެވެ. އެންމެންގެ ހިތުގައި ލޫނާއާއި ދޭތެރޭގައި ޝައްކު އުފެދުނަސް މާހިންގެ ހިތް ލޫނާގެ މައްޗަށް ސާފް ވާން ޖެހޭނެ އެވެ. ލޫނާ ބޭރަށް ނުކުތް އިރު ކޮރިޑޯގައި ހުރި ސޯފާއެއްގައި މާހިން އިނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ފައި ތަޅުވާލަ ތަޅުވާލާ އިން ގޮތުން ހިސާބެއްގެ ހިތް ހަމަ ނުޖެހުމެއްގެ އަސަރު ފާޅު ކޮށްދެ އެވެ. މަޑުމަޑުން އައިސް ލޫނާ މާހިން ގެ ކުރި މައްޗަށް ހުއްޓުނެވެ. މާހިން ލޫނާއާއި ދިމާއަށް ބަލާލުމާއި އެކު މޫނު އަނބުރާލި ގޮތުން ލޫނާގެ ހިތަށް ތަދުވި އެވެ. އެއްޗެއް ބުނެލަން ބޭނުން ވިއެވެ. އެހެން ނަމަވެސް އޭގަ ކުރީގައި މާހިން ތެދުވެއްޖެ އެވެ.
" ޔޫހާ ބުނީ ލޫނާ ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް އަންނާށޯ!"
އެހެން ބުނެފައި މާހިން ހިނގައި ގަތީ އެވެ. ލޫނާވެސް ބަހެއް ނުބުނެ މާހިންގެ ފަހަތުން ހިނގައި ގަތީ އެވެ. މިހާރު އޭނާގެ ހިތުގައި ވަނީ އެހެން ބިރުވެރި ކަމެކެވެ. ވިސްނެމުން ދިއައީ މަންމައާއި ދޭތެރޭގަ އެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުން ވި އެވެ. ދޮންތީގެ ތިން މިސް ކޯލް ފޯނުގައި އިން ނަމަވެސް ގުޅޭނެ ގޮތެއް ނެތެވެ. ކްރެޑިޓް ވަނީ ހުސްވެފަ އެވެ. މާހިން ގާތުގައި އެއްޗެއް އަހާލާކަށް ނުކެރުނެވެ. އޭނާ އިނީ ވާހަކަ ދައްކަން ބޭނުން ވާކަހަލަ މޫޑެއްގައެއް ނޫނެވެ.
ހޮސްޕިޓަލްގެ ތެރެއަށް ލޫނާ ވަދެގެން ދިއައީ ދުވެފަ އެވެ. ލޫނާ ފެނުމުން ޔޫހާ އައިސް ކޮއްކޮގެ ގައިގައި ބާރަށް ބައްދައި ގަތެވެ.
" މަންމަ ހޭ އަރައިފި!"
އެއީ ލޫނާއަށް މި ދުނިޔެ މަތީގައި ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. މަންމަ "ރިކަވަރ" އެވީ މަންމައާއި ދޭތެރޭގައި ޑޮކްޓަރުން އުއްމީދުވެސް ކަނޑާލާފައި ވަނިކޮށެވެ. ދެން އޮތީ ދެތިން ދުވަހު އިންތިޒާރު ކުރުމެވެ. މަންމައާއި ވާހަކަ ދައްކާލާ ހިތުން ހުރެވެނީއެއް ނޫނެވެ.
ރޭގަނޑުގެ ވަގުތެވެ. މާހިންއާއި ދާއިންގެ ކޮޓަރިއަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. ބޭބެ އެވިސްނާ އެއްޗެއް މާހިން އަށް ނޭގުނަސް މާހިން މިހާރު ބޭނުން ގޮތެއް މާހިންއަށް އިނގެ އެވެ.
" ދެން މާލެ ދާން ވީނުން!"
މާހިން ހަމަހިމޭންކަން ފޫދުއްވާލި އެވެ. ދާއިން ވެސް އެވިސްނަނީ އެކަމާ އެވެ. މިހާރު އެތަނުގައި މަޑުކުރުމުގެ ބޭނުމެއް ނެތެވެ. މިހާރު ޔޫހާގެ ހުރިހާ ކަމެއް ހަމަ ޖެހުނީ އެވެ. އެވަރު އޭނާއަށް ފުދެ އެވެ.
ދާއިން ގާތުގައި ޔޫހާ ބުނެފައި ވަނީ ނާމީއާއި އޭނާއާއި ދޭތެރޭގައި އެއްވެސް ގުޅުމެއް ނެތް ވާހަކައެވެ. އެހެން ނަމަވެސް އެކަން އޭނާއަކަށް ސާބިތެއް ނުކޮށްދެވުނެވެ. ދާއިން އެންމެ ފަހުން ކުރި ސުވާލުގެ ޖަވާބު ޔޫހާ އަކަށް ނުދެވުނެވެ. މިއަދުވެސް ދާއިން އެ އިންތިޒާރުކުރީ އެ ސުވާލުގެ ޖަވާބަކަށެވެ. ޔޫހާއަށް އެކަން ބޮޑުވާހެނެއް ހިއެއް ނުވެ އެވެ.
މާހިން ވެސް ދެން އިތުރަށް އެނގެން ބޭނުންވާ އެއްޗެއް ނެތެވެ. ނާމީގެ އަވައިގައި އެ ދެ އަންހެނުން ވެސް ޖެހުނީ އެވެ. ތޯހިރު އަންހެން ކުއްޖަކު މިހާރު މިދުނިޔެއިން ހޯދުމަކީ ދަތި ކަމެކެވެ. ލޫނާއާއި ދޭތެރޭގައި ފެށުނީއްސުރެ މާހިންގެ ހިތުގައި ވަނީ ޝައްކު އުފެދިފަ އެވެ. ބައްޕައާއި ކައިވެނި ކުރަން އުޅޭ ވާހަކަ އަޑު އިވުނީއްސުރެ އެވެ. ފައިސާއަށް ޓަކައި މި މީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ. އެގޮތަށް ވެސް ނުގުޑާނެ ހުންނާނީ އެންމެ މީހެކެވެ. އެއީ އޭނާގެ މިމީ އެވެ. މިހާރު މާހިން އަށް މާ ބޮޑަށް މިމީ މިސް ވަނީއެވެ. މިމީ ދެކިލާހިތް ވަނީ އެވެ. ލޫނާ ފެނުނު ފަހުން އޭނާއަށް ވަނީ މިމީ އާއި ދޭތެރޭގައި ފަރުވާކުޑަ ކުރެވިފަ އެވެ. އެއީ އޭނާއަށް ވަރަށް ދެރަކޮށް ކުރެވުނު ކަމެކެވެ. މިހާރު އޭނާ ބޭނުން ވަނީ އަވަހަށް މާލެ ދާށެވެ. ލޫނާގެ ތަސްވީރު އޭނާގެ ހިތުގައި ރަނގަޅަށް ނުކުރެހެނިސް އެކަމުން ނުކުމެވުނު ކަން ކިތަންމެ ހާވެސް ރަނގަޅެވެ.
ޔޫހާ އާއި ލޫނާއަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުނީ އެރެ އެވެ. ލޫނާ ބޭނުން ވީ އެވާހަކަ ދޮންތީއަށް ކިޔައި ދޭށެވެ. އަދި އެކަން ހިނގި ގޮތް ދޮންތީ މެދުވެރި ކޮށް މާހިން އަށް ކިޔައި ދޭށެވެ.
މަސްތުގައި ހުރެ އެކޮޓަރިއަށް ނާމީ ވަތް ވާހަކަ ބުނުމުން ޔޫހާ ވަރަށް ކަންބޮޑު ވިއެވެ. ބިރުގަތެވެ. އޭނާ ވަނީ އެފަދަ ދަޑިވަޅުތަކުގެ ބިރުވެރި ކަން ރަނގަޅަށް އިޙުސާސް ކޮށްފަ އެވެ. ނާމީ ގެ އަހުލާޤީ ފެންވަރު ޔޫހާއަށް އިނގެ އެވެ. އެހެން ނޫންނަމަ " ގޯ ބޭބީ ގޯ " އިން ނާމީ އާއި ޔޫހާ ބައްދަލެއް ނުވީސް އެވެ. އެކަމަކު ނާމީ އަކީ ގޯސް މީހެއް ނޫނެވެ. އޭނާ ކުރި މަސައްކަތާއި އިހުސާން ތެރިކަން ޔޫހާ ދުވަހަކުވެސް ހަނދާން ނުނެތޭނެ އެވެ. ނާމީ ދެއްކި ވާހަކަ ކޮއްކޮ ކިޔައި ދިނުމުން ޔޫހާ ހާސްވި އެވެ. ނާމީ އޭނާ ދެކެ ލޯބި ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނާމީ ކައިރިން ސަލާމަތް ވުމަކީ ޔޫހާއަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނާމީއާއި ދެކޮޅަށް ތެދުވުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މާ ލަސް ނުވަނިސް އެކަން ހުއްޓުވަން ޔޫހާއަށް މަޖުބޫރެވެ. ޔޫހާ ލޯބިވަނީ ދާއިން ދެކެއެވެ. ދުލުން އިއުތިރާފް ނުވިއަސް ދާއިން ވެސް ޔޫހާ ދެކެ ލޯބި ވާކަން ޔޫހާއަށް އިނގެ އެވެ. ޔޫހާގެ އުއްމީދަކީ ދާއިންގެ އަންބަކަށް ވުމެވެ. އޭނާގެ ހިދުމަތުގައި އުމުރު ހޭދަ ކުރުމެވެ. ﷲގެ ރަޙުމަތާއި އެކު މަންމަ ގަދަވީމައި މަންމަގެ ލަފާއާއި އެކު ޔޫހާ ކުރިއަށް ދާނެ މަގު ހޯދާނެ އެވެ. އިހަށް އޭނާ ބޭނުން ވަނީ ކެތްތެރި ވާށެވެ.
ދޮރުގައި ދެފަހަރަކު މީހަކު ޖަހާލި އަޑު އިވުނެވެ. ޔޫހާ ދޮރާ ދިމާއަށް ހިނގައި ގަތީ ދާއިންގެ މޫނު ދެކިލުމުގެ އުއްމީދު ގައެވެ. ލޫނާ އިނީ މާހިން ދެކިލަން ބޭނުން ވެފަ އެވެ. އެހެން ނަމަވެސް ދޮރު މަތީގައި ހުރީ ނާމީ އެވެ.
ކޮޓަރީން ބޭރަށް ނުކުތުމަށް ފަހު ޔޫހާ ދޮރު ލައްޕާލި އެވެ. މިވަގުތު ނާމީއަށް ވެސް ކޮއްކޮއާއި ފޭސް ކުރަން މާ ފަސޭހަ ނުވާނެ ކަން އެނގެ އެވެ. ނާމީ ބޭނުން ވީ ޔޫހާއާއި އެކުގައި ތިރީގައި އޮތް ޕާކް ސަރަހައްދު ގައި ހިނގާލަން ދާށެވެ. ޔޫހާ އެކަމަކާ ދެކޮޅެއް ނަހަދަ އެވެ. ނާމީ ދައްކަން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އޭނާއަށް އޮންނަން ވާނެ އެވެ. ތިރިއަށް ދާ ލިފްޓު ޖެހިގެން ހުރި ފްލޯ އަށް ހުޅުވުނު އިރު ލިފްޓަށް މަޑުކޮށްގެން ހުރީ ދާއިން އެވެ. ދާއިން ލިފްޓް ތެރެއަށް ވަނީ އިސް ޖަހައިގެން ހުރެއެވެ. ލިފްޓް ގައި ތިބި އިރު ދާއިންއާއި ނާމީގެ ދެމެދަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. އޭގެ ސަބަބު ޔޫހާއަށް އިނގެ އެވެ. ވަރަށް އުނދަގޫ ވަގުތު ކޮޅެކެވެ. ޔޫހާ ގެ އިތުރުން ނާމީއާއި ދާއިން ވެސް ހުރީ ލިފްޓްގެ އެދަތުރު މާ ދިގުވެފަ އެވެ. ލިފްޓުން ފައިބައިގެން ޔޫހާއާއި ނާމީ ހިނގައި ގަތީ ގާޑަން ތެރެއަށެވެ. ދާއިން ނުކުތީ މަގާއި ދިމާއަށެވެ. ހީވާ ގޮތުން އޭނާ އެދަނީ އެއްޗެއް ގަންނާށެވެ.
ނާމީއާއި ޔޫހާ ބަގީޗާގެ ތެރޭގައި ހިނގަމުން ދިއައިރު އެކަކުވެސް އެއްޗެއް ނުބުނެ އެވެ. ނާމީގެ ނަޒަރު ޔޫހާއަށް ހުއްޓިފައި ހުރީ ސަބަބެއް ނެތިއެއް ނޫނެވެ. ބަގީޗާގެ ތެރޭގައި ދިއްލާފައި ވާ ކުލަ ކުލައިގެ ބޮކިތަކުގެ އަލި ޔޫހާގެ ރީތި މޫނަށް އެޅެމުން ދިއައިރު ފެންނަމުން ދިއަ ހިތްގައިމު މަންޒަރަކީ ބަލާފޫހި ނުވާފަދަ މަންޒަރެކެވެ. ދުނިޔޭގެ އެކި ހިސާބު ތަކުން ރީތި އަގު ބޮޑު އަންހެނުން ފެނި، ތަޖުރިބާ ކުރެވިފައި ވީއިރު ވެސް އެވަރުގެ ކަމެއް އޭނާއަށް ދުވަހަކުވެސް ފެނިފައި ނުވެ އެވެ.
އިރުކޮޅަކު ހިނގުމަށް ފަހު ބަގީޗާގެ ބެންޗެއްގެ ކައިރިއަށް ނާމީ މަޑުކޮށްލި އެވެ. އޭނާ ބޭނުން ވަނީ އެތަނުގައި އިށީނދެ ތިބެ ވާހަކަ ދައްކާލާށެވެ. ޔޫހާ ގާތުގައި ދައްކަން ބޭނުން ވާހަކަ ގިނަ އެވެ. ނާމީ އިށީނުމުން ޔޫހާ ވެސް އެތަނުގައި އިށީނެވެ.
ގާޑް ރޫމްގެ ތެރެއިން ވަދެވެން ހުރި ވެއިޓިންގް ރޫމްގައި ދާއިން މަޑުކޮށްލައިގެން އިން އިރު ޔޫހާމެނަށް އޭނާ ނުފެނުނު ނަމަވެސް ދާއިންއަށް ޔޫހާ އާއި ނާމި ރީތި ކޮށް ފެނެއެވެ. ދާއިން ނޫސް ހިފައިގެން އިން ނަމަވެސް އޭނާގެ ނަޒަރު ވަނީ އެދިމާއަށް ހުއްޓިފަ އެވެ. ނާމީއާއި ޔޫހާ ކޮނޑާ ކޮނޑު ޖެހޭ ހިސާބުގައި ތިބިއިރު ދާއިންގެ ހިތުގައި ވަނީ ކުޑަ ތޫފާނެއް އުފެދިފަ އެވެ. ނާމީ ޔޫހާގެ އަތްތިލައި ގައި ހިފާ ފިތާލި ވަގުތު އެތައް ހަމަލާއެއް އެއްފަހަރާ ދާއިންގެ ހިތަށް އެރި ކަހަލަ އެވެ. ޔޫހާގެ އެރީތި އިނގިލިތައް ނާމީގެ ތުންފަތުގައި ޖައްސާލި ވަގުތު ދާއިންގެ ހިތް އެކީ ކުދިކުދި ވެގެން ހިނގައްޖެ އެވެ. ދާއިންއަށް އިސް ޖަހާލެވުނީ ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
ޔޫހާއާއި ނާމީއާއި ދޭތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ޔޫހާ އެބުނި ބުނުމުގައި ހުރި ހަޤީޤަތް ދާއިންއަށް ވަރަށް ރީތިކޮށް ފެނިއްޖެ އެވެ. އަވަސް އަވަހަށް އޭނާ ތެދުވި އެވެ. ދެން އިތުރަށް އެ މަންޒަރު ބަލައިގެން ހިތް ހަލާކު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއަދު އޭނާ ގޮތެއް ނިންމައިފި އެވެ. ދެން ދުވަހަކުވެސް އޭނާ އަންހެނަކަށް އިތުބާރެއް ނުކުރާނެ އެވެ. ހަމަ ގައިމުވެސް ދެން ޔޫހާއަކަށް އިތުބާރެއް ނުކުރާނެ އެވެ.
ޔޫހާގެ ކޮޓަރިއަށް ވަދެ، ކޮއްކޮއާއި ދޭތެރޭގައި ކަން ކުރެވުނު ގޮތަށް މައާފަށް އެދެމުން ނާމީ އެކަމާ ހިތާމަ ކުރާ ވާހަކަ ބުނީ ހިތުގެ އަޑީންކަން ޔޫހާއަށް އެނގުނެވެ. ޔޫހާ ނާމީ ގާތުން އެދުނީ އޭނާ އަށް އާދަވެފައި އެވާ ނުބައި އާދަތައް ހުއްޓާލުމަށެވެ. އެފަދަ ކަންކަން ކުރާ ކަމަށް ވަންޏާ ނޭގުމުގެ ތެރޭގައި އެއަށް ވުރެވެސް ދެރަ ކަންތައް ކުރެވޭނެ ކަމަށް ޔޫހާ ބުނުމުން ނާމީ، ދެން މަސްތުވާ އެއްޗެއް ބޭނުން ނުކުރާނެ ކަމަށް ވައުދު ވިއެވެ. އޭގެން ވެސް ސާބިތު ވެގެން ދިއައީ ނާމީ ޔޫހާ ދެކެ ލޯބިވާ މިންވަރެކެވެ. އެކަމާ ޔޫހާ ކަނބޮޑުވި އެވެ. ޔޫހާ ބޭނުން ވީ ހަޤީޤަތަށް ނާމީ ގާތުގައި ބުނާށެވެ. އޭނާއަށް ނާމީ ދެކެ ލޯބި ނުވެވޭނެ ވާހަކަ ބުނާށެވެ. އެހެން ނަމަވެސް އަދި އެއީ އެންމެ ރަނގަޅު ދަނޑި ވަޅެއް ނޫނެވެ. އޭނާ ބޭނުން ވަނީ އޭގެ ކުރީގައި ދާއިންއާއި ވާހަކަ ދައްކާށެވެ. ދާއިން ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އެއަށް ފަހު ދާއިންގެ ލަފައާއި އެއްގޮތަށް ކަން ކުރާށެވެ. އެކަން ކުރުން ލަސްކޮށްގެން ވާކަށް ނެތެވެ. ނާމީ ކުރިއަށް އެދަނީ މާ ހަލުވި ސްޕީޑެއްގަ އެވެ.
އަނެއް ދުވަހުގެ ހެދުނު ފަތިސް ނަމާދުން ފައިބައިގެން ޔޫހާ ތައްޔާރު ވެލި އެވެ. މި ވަގުތަކީ ރަނގަޅު ވަގުތެކެވެ. ދާއިން ފަތިސް ނަމާދުން ފައިބައިގެން އައިސް ބޭރުގައި ނޫސް ކިޔަން އިންނަ ވަގުތެވެ. އެހެން އެންމެން ނިދާފައި ތިބޭ ވަގުތެވެ. ލޯ ގަނޑުގެ ކުރިމަތީގައި އިން އިރުވެސް ޔޫހާ އިނީ ފިނިވެފަ އެވެ. ދާއިން ގާތުގައި ލޯބިވާ ވާހަކަ ބުނާނީ ކޮން އިބާރާތަކުން ބާއެވެ. ހިތަށް އެރިއަސް އޭނާގެ ކޯ މަތީން ހީބިހި ނަގައިގެން ދެއެވެ. ބޭއިޚުތިއާރުގައި ހިނިތުން ވެލެވެއެވެ. އިސް ޖަހާލެވެ އެވެ. އެއަޑު އިވިފައި ދާއިންއަށް ވާނީ ކިހިނެއް ހެއްޔެވެ. އެރީތި މޫނު ކޮޅު ރަތް ވާނެ ހެއްޔެވެ! އެވަރުގަދަ އަތުގެ ހިމާޔަތް އޭނާއަށް ދޭނެ ހެއްޔެވެ! އެހެން ހިތަށް އެރިއަސް ޔޫހާގެ ހަށިގަނޑުގައި ކަރަންޓުގެ ގަދަ އޮއިވަރެއް ދަތުރު ކޮށްލަ އެވެ. ހިއްސުތައް ގަނޑު ކޮށްލަ އެވެ. ނާމީގެ އެއްވެސް ބީހުމެއްގައި އެފަދަ އެއްވެސް އަސަރެއް ނެތެވެ. ޔޫހާ ހިތްވަރު ކޮށްލާފައި ތެދުވި އެވެ. އޭނާ މިއަދު އެކަން ކުރާނެ އެވެ. މަންމަވެސް އޭނާގެ ނިންމުމާއި ދޭތެރޭގައި އުފާ ކުރާނެ ކަން ކަށަވަރެވެ.
ޔޫހާ ބޭރަށް ނުކުތް އިރު ދާއިން އެއް ނުފެނުނެވެ. ތައްޔާރު ވުމުގައި އޭނާ ތަންކޮޅެއް ލަސްވީ ބާއެވެ! ނޫނެކެވެ. މޭޒުމަތީގައި ހުސްކޮށްފައި ހުރި ކޮފީތައްޓެއް ނެތެވެ. ނޫހެއް ކިޔަން އުޅެފައި ހުރި ކަމުގެ ނިޝާނެއް ވެސް ނެތެވެ. ހީވާ ގޮތުން އަދި ތަން ކޮޅެއް އަވަހީ އެވެ. އިރުކޮޅެއް ވަންދެން އިންތިޒާރުގައި ޔޫހާ އިނެވެ. ޚަބަރެއް ނުވި އެވެ. ގޮސް ދޮރުގައި ޖަހާލަން ވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ގުޅާލަންވެސް ހިތަށް އެރިއެވެ. ނުކެރުނެވެ. ނިދިފައި ވެސް އޮވެދާނެ އެވެ. އިރުކޮޅަކު އިނދެފައި އަތް ދަބަހުން ފޯނު ނެގީ މެސެޖެއް ކޮށްލުމުގެ ނިޔަތުގަ އެވެ. އޭނާގެ ފޯނަށް ދާއިންގެ މެސެޖެއް އައިސް ފައި ވާތަން ފެނުމުން ހިތް ތެޅިލި އެވެ. އެއީ މީގެ 2 ގަޑިއިރު ކުރީގެ މެސެޖެކެވެ. އޭނާ ފަދައިން ދާއިން ވެސް ލޯބި ހާމަ ކުރަން ބޭނުން ވީ ކަންނޭގެ އެވެ. އަވަސް އަވަހަށް މެސެޖު ކިޔާލި އެވެ.
" މާލެ ދަނީ ! ގްޑް ބައި! ޓޭކް ކެއަރ!"