" އަހަރެންގެ އަޑު އަހާނެ މީހަކު ނުވީމަ ވީ ގޮތްމީ!"
މޯނާ ބާރަށް ރޮމުން ހަޅޭއްލަވަމުން ދިއައިރު ވެގެން އުޅޭ ގޮތެއް ޝައުކަތަށް ތަސައްވަރު ކޮށްލަން ވެސް ނޭގުނެވެ.
" އަހަރެން ބުނީމެއްނުން....އެ ލޫނާ އަކީ ގޮތްނޭގޭ އިންޑިއާ މީހަކު ރޭޕް ކޮށްފަ ހުރި އަންހެނެކޭ....! އަހަރެންގެ އަޑު އެހިނަމަ މިއަދު ނާމީއަކަށް އެއިޑްސްއެއް ނުޖެހުނީސް !"
ޝައުކަތަށް އިވުނު އަޑާއި އެކު ހީވީ މުޅި ތަނަށް ވަރުގަދަ ބިންހެލުމެއް އައި ހެންނެވެ. އޭނާގެ ފައި ދަށުގައިވާ ބިންގަނޑު ފަޅަފަޅައިގެން ގޮސް އެތައް ހިސާބު އަޑިއަކަށް އޭނާ ވެއްޓުނު ފަދަ އިޙުސާސެއް ކުރެވިގެން ދިއައެވެ. އުނދަގުލުން ކައިރީގައި ހުރި ގޮނޑީގައި އޭނާ އިށީނެވެ. ޤަބޫލު ކުރަން ދަތިވި ނަމަވެސް މޯނާގެ ދެލޮލުން ފެންނަމުން ދިއަ ސީރިއަސްކަން އެވާހަކައިގެ ތެދުދޮގު ހާމަ ކޮށްދެ އެވެ.
" ތީ ކާކު ބުނި އެއްޗެއް!"
ޝައުކަތުގެ އަޑު ނުކުތީ އުނދަގުލުންނެވެ.
" ދެންމެގަ އަހަންނަށް އަޑުއިވުނީ ނާމީ ލޫނާ ކައިރީގަ އެވާހަކަ ދައްކަނި ކޮށް....! ނާމީ ރޮނިކޮށް އަހަންނަށް ފެނުނީ....!"
މޯނާއަށް ހުރީ ގިސްލެވިފަ އެވެ. އޭނާ އެވަރަށް ހާސްވެ ކަންބޮޑުވެފައި ވަނިކޮށް ޝައުކަތަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ.
ޝައުކަތު އިސް ޖަހާލައިގެން އިންއިރު އޭނާގެ ބޮލުގެ ތެރެ ހޫނު ވަމުން ދިއައެވެ. އެއީ ހަމަ ތެދެއް ހެއްޔެވެ! ނާމީއަށް ދިމާވެގެން އެއުޅޭ ކަމަކީ އެއީ ބާއެވެ! ކިތަންމެ އޮޅުން ފިލުވަން ބޭނުން ވިއަސް އެވާހަކަ އަހާލަން ވެސް ނުކެރޭނެ އެވެ.
" ކިހާދެރަ! ކިހާދެރަ....!"
ސޯފާއަށް ޖެހިގަންނަމުން މޯނާ މޫނުގައި ދެއަތްއަޅައިގެން އިނދެ ކިޔަމުން ދިއައެވެ.
" ދުވަސް ކޮޅަކުން އެންމެން ދައްކާނީ އެވާހަކަ....ޝައުކަތުގެ ދަރިފުޅަށް އެއިޑްސް ޖެހުނު ވާހަކަ....! ހާދަ ހަޑިއޭ... ހާދަ ހަޑިއޭ....!"
މޯނާގެ އަޑާހެދި ޝައުކަތުގެ ބޮލުގެ ރިހުން އިތުރު ވަމުން ދިއައެވެ. ޝައުކަތު އެވިސްނަނީ މީހަކަށް އެވާހަކަ އެނގިދާނެ ތީއެއް ނޫނެވެ. ނާމީއަށް ވެދާނެ ގޮތަކާއި ދޭތެރޭގަ އެވެ. އެއިޑްސް އަކީ ކޮބައިކަން އޭނާއަށް ރަނގަޅަށް އެނގެ އެވެ. އެބަލީގައި މަޑުމަޑުން މީހާ ހަލާކުވެގެން ދާއިރު ކުރިމަތި ވާނެ ކަންކަން އޭނާއަށް ފެންނަމުން ދާ ކަހަލަ އެވެ.
އެއީ ލޫނާގެ ފަރާތުން ނާމީއަށް ލިބުނު ލަނޑެއް ކަމުގައި ވާނަމަ އަދި ކިތަންމެ ހާވެސް ދެރަ އެވެ. މޯނާ އެބުނާހެން މޯނާގެ ބަސް ނޭހުނު ކަމުގެ ދެރަ އިންތިހާއަށް ބޮޑެވެ. އެކަމާ ޝައުކަތު އޭނާގެ އަމިއްލަ ނަފްސް ކުށްވެރިއެއް ނުކުރެ އެވެ. ނާމީ ލޫނާއާއި ކައިވެނި ކުރީ ލޫނާގެ ހަޤީޤަތެއް އެނގި ހުރެއެވެ.
ޝައުކަތު އެންމެ ހާސްވަނީ އެއީ ހަޤީޤަތެއް ކަން ޔަޤީން ކުރަން ކުރެވޭނެ އެއްވެސް ކަމެއް އޭނާއަށް ނެތީމަ އެވެ. އެފިކުރު ނޫން ފިކުރެއް ދެން އޭނާ އަކަށް ނުކުރެވޭނެ އެވެ.
ނާމީ އެނދުގައި ބޭއްވުނީ ވަރަށް އުނދަގުލުންނެވެ. އެންމެ ހިނދު ކޮޅަކަށް ވެސް ލޫނާ ނާމީއާއި ދުރަށް ދާކަށް ބޭނުމެއް ނޫނެވެ. ނާމީ އާއި އެކުގައި އެބިރުވެރި ކަމުގެ ތެރޭގައި އޭނާވެސް ހަލާކު ވެގެން ދާނެ އެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެން ދެންވެސް އޭނާ ހިތްވަރު ކުރާނެއެވެ. ނާމީއަށް އެހީތެރި ވާނެއެވެ. ނާމީ އެބުނަނީ ތެދެއް ކަމުގައި ވާނަމަ އެމީހުންގެ ދިރިއުޅުން ބަދަލުވެ އެމީހުން މުޖުތަމައުއިން ބާކީ ވެ އެކަނިވެރި ވާނެއެވެ. އެހެން ނަމަވެސް އެއްވެސް ހާލެއްގައި އޭނާ ނާމީއާއި ދުރަކަށް ނުދާނެ އެވެ. ނާމީއަކީ އޭނާ ދުނިޔެއަށް ގިނަވި ހިނދު އޭނާގެ އަތުގައި ހިފި މީހާ އެވެ. ކުރީގައި ނާމީއަށް ކުރެވިފައި ވާ ކުށްތަކުގެ ސަޒާ ލޫނާއެއް ނާމީއަކަށް ނުދޭނެ އެވެ. ލޫނާ ވަނީ އެހުރިހާ ކަމަކަށް ނާމީއަށް މައާފް ކޮށްފަ އެވެ. ލޫނާ ދެކޭ ގޮތުގައި އޭނާގެ ނާމީއަކީ މުޅީން އާ ނާމީ އެކެވެ. ސާފް ތޯހިރު ނާމީ އެކެވެ. ނާމީ އެބުނާ ވާހަކަ ލޫނާއަށް ޤަބޫލު ނުކުރެވެނީ އެހެން ވީމައެވެ.
އެނދުގެ ބިއްދޮށަށް އެނބުރި ނާމީ އޮތެވެ. އޭނާ މިހާރު ލޯ ހުޅުވާލަން ވެސް ބޭނުމެއް ނޫނެވެ. އެ ޚަބަރު ލިބުނު ވަގުތުން ފެށިގެން އޭނާގެ މުޅި ދިރިއުޅުން ބަދަލު ވެއްޖެ އެވެ. މިހާ އަވަހަށް އޭނާ މިދުނިޔެ ދޫކޮށްދާން ތައްޔާރު ވަނީ އެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ނާމީގެ ފޯނު ރިންގް ވާން ފަށައިފި އެވެ. ނާމީއަށް އަޑުއިވޭ ހެނެއް ހިއެއް ނުވެއެވެ. ލޫނާ އެ ފޯނު ހިއްލާލި އެވެ. ސްކްރީނަށް ލިބުނު ގެއްލުމާއި އެކު ޑިސްޕްލޭ ހަލާކު ވެފައިވާތީ ގުޅަނީ ކާކު ކަމެއް އެނގޭ ގޮތެއް ނުވި އެވެ. ލޫނާ ފޯނު ނަގަމުން ނާމީގެ ކަންފަތުގައި ޖެއްސި އެވެ.
" ހަލޯ...ނާމީތަ....!"
އެއީ ހޮސްޕިޓަލްގެ ލެބޯރަޓަރީން އައި ކޯލެކެވެ. އެމީހުން އެދުނީ ޓެސްޓް ރިޕީޓް ކުރުމަށް ނާމީ ހޮސްޕިޓަލަށް ދިއުމަށެވެ. އެއީ އެތަނުން ގުޅި ހަތަރު ވަނަ ފަހަރެވެ. ރޭއްސުރެ ނާމީ އެފޯނަށް ޖަވާބު ނުދެއެވެ.
" ދާނަން ފަހުން."
އެހެން ބުނެފައި ނާމީ ފޯނު ބޭއްވި އެވެ. ނާމީ އެދައްކާ ވާހަކައިގެ ތެދުކަން މިހާރު ލޫނާއަށް ވެސް އެނގިއްޖެ އެވެ. ލޫނާ ނާމީގެ ފުރަގަހުން ބައްދާލައިގެން އޮށޯތެވެ. އޭނާގެ އެތެރެ ހަށި ބިރުން ތުރުތުރު އަޅަމުން ދިއަ ނަމަވެސް އެކަން ނާމީއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ލޫނާ ބޭނުން ވަނީ އަލުން ޓެސްޓް ކުރާށެވެ. އަދިވެސް އޭނާ އެވާހަކަ ޤަބޫލެއް ނުކުރެއެވެ.
ސައި މޭޒު ދޮށުގައި ހައިފާ އިނީ ޖުނައިހު އާއި އެކު ސައި ބޯށެވެ. އަހަރު ތަކަކަށް ފަހު އެ ދެމަފިރީން ބައްދަލު ވުމުން ގޭތެރެއަށް ވަނީ އުފާވެރި ކަން އައިސްފަ އެވެ. އަދިވެސް ބައެއް ކަންތައް ޖުނައިހު ހަނދާން ނެތަސް އަދި މުޅީން ޖުނައިހުގެ ބަލި ރަނގަޅު ނުވިއަސް މަޑުމަޑުން ހުރިހާ ކަމެއް ދަނީ ހަމަ ޖެހެމުން ނެވެ. ޔޫހާއާއި ދާއިންގެ ގިނަ ވަގުތު ހޭދަ ކުރަނީ އެގޭގަ އެވެ. ބައްޕައާއި އެކުގަ އެވެ. އެހެން ނަމަވެސް އެދުވަހު އެގޭން ދިއަ ފަހުން އަދި ލޫނާއެއް އެގެއަކަށް ނާދެއެވެ. ޚަބަރެއްވެސް ނުވެއެވެ.
ލޫނާއާއި ނާމީ ތިން ދުވަސް ވަންދެން ކޮޓަރީން ނުނިކުމެ ތިއްބެވެ. އިރުއަރާ އިރު އޮއްސިގެން ދިއައީ އޮށޯވެ ތިއްބާ އެވެ. މަޖުބޫރު ވެގެން ނޫނީ އެނދުން ނުތެދުވެ އެވެ. ނާމީ ހަމަ ބިއްދޮށަށް އެނބުރި އޮތީ އެވެ. ނާމީގެ ގައިގައި ބައްދާ ލައިގެން ލޫނާ އޮންނަނީ އެވެ. އެކުދީންގެ ޚަބަރެއް ނުވެގެން އެންމެ ކަންބޮޑުވީ ޝައުކަތެވެ. ނާމީއަށް އެތައް ފަހަރަކު ގުޅިއްޖެ އެވެ. ފޯނަށް ޖަވާބެއް ނުދެއެވެ. ނާމީ ކުރިމައްޗަށް ދާން އޭނާވެސް މިހާރު ޖެހިލުން ވެއެވެ. މޯނާ އެބުނީ ހަޤީޤަތަކަށް ވެދާނެތީ ޝައުކަތު މާ ބޮޑަށް ބިރު ގަންނަނީ އެވެ.
އަނެއް ދުވަހުގެ ހެދުނު ލޫނާއަށް ހޭލެވުނު އިރު ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައި ނާމީ ހުއްޓެވެ. ނާމީ ހުރީ ފެންވަރާ ރީތި ވެލައިގެންނެވެ. މޫނުމަތީން ހިސާބެއްގެ މާޔޫސް ކަމެއް ފެނުނު ނަމަވެސް ތާޒާ ގޮތެއް ހުއްޓެވެ. އޭނާ ހަޤީޤަތް ބަލައި ގަންނަން ދެތިން ދުވަސް ނެގީ އެވެ. ކޮންމެ ގޮތެއްވިއަސް ހަޤީޤަތާއި ކުރިމަތި ލުން ނޫން ގޮތެއް ނެތް ކަން އޭނާ ޤަބޫލު ކުރީ އެވެ. ދުނިޔޭގައި ދެން އުޅެން އޮތް މަދު ދުވަސްތައް އިސްރާފް ވިޔަ ނުދީ އެދުވަސްތަކާއި ކުރިމަތި ލުމަށް އޭނާ ނިންމީ އެވެ. ނާމީ ފެނުމުން ލޫނާ ހިތްހަމަ ޖެހުނެވެ. ނާމީ ދެވަނަ ފަހަރަށް ޓެސްޓު ނަހަދާހާ ދުވަހަކު ނާމީއަށް ދިމާވެގެން އުޅޭ ކަންތަކަކީ ހަޤީޤަތެއް ކަމަކަށް ލޫނާ ޤަބޫލެއް ނުކުރާނެ އެވެ. ވީއިރު އެކަމާ ވިސްނައިގެން ހަލާކު ވުމަށް ވުރެ އެއީ ނުވާ ކަމެއްކަމަށް ހީކޮށްލައިގެން ހުރުން މާ ރަނގަޅު ވާނެއެވެ. އެއީ ލޫނާ ޤަބޫލު ކުރި ގޮތެވެ.
ނާމީ ތައްޔާރު ވެގެން ތިރިއަށް ފޭބިއިރު ސިޓިންގް ރޫމްގައި ބައްޕަ އާއި ދޮންމަންމަ ތިބިތަން ފެނުނެވެ. ޝައުކަތަށް ނާމީ ފެނުމާއި އެކު ތެދުވެވުނެވެ. ދަރިފުޅުގެ ޚަބަރެއް ނުވެގެން އޭނާ އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. މޯނާވެސް ފަރުވާތެރި ކަމާއިއެކު ނާމީއަށް ބަލަން އިނެވެ. އޭނާއަށް އެއިވުނު އަޑަކީ ހަމަ ހަޤީޤަތް ބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ބައްޕަ ފެނުމުން ނާމީއަށް ވެސް ހުއްޓެވުނެވެ. ހިތުގައި އުފެދުނު ޚިޔާލު ތަކަކުން ލަގޮނޑިވަޅުގައި ރިއްސާލި އެވެ. އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ހާލަތު ބައްޕައަށް އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ! ކޮންމެ ގޮތެއްވިއަސް ބައްޕަ އަށް އިނގެން ވާނެ އެވެ. ނާމީ ބައްޕައާއި ދިމާއަށް އައިސް ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. އޭރުވެސް ޝައުކަތަށް ނާމީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ނާމީ ނުފެނި އެދިއަ ތިން ދުވަހުގެ ތެރޭގައި ނާމީގެ ހަށިގަނޑަށް ވަނީ ބަދަލު ތަކެއް އައިސްފަ އެވެ. ހަށިގަނޑު ހިމަވެ، މޫނު މަތި ވަނީ ދެމިފަ އެވެ. މޯނާ އެދެއްކި ވާހަކަ ޝައުކަތު ޤަބޫލު ނުކުރިއަސް ނާމީގެ ބޮޑު ހިތާމައެއް ވާކަން އެއީ ޔަޤީން ކަމެކެވެ.
" ބައްޕާ...!"
ނާމީ ފުންނޭވާއެއް ބޭރަށް ދޫކޮށްލި ގޮތުން އޭނާގެ ހާސްކަން ފާހަގަ ވިއެވެ.
" ވަރަށް ބޮޑު ވާހަކައެއް ބުނަން...! "
ނާމީގެ އަޑު އިވިފައި ޝައުކަތު ބިރުގަތެވެ. އޭނާ އެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނެވެ. މަޑުމަޑުން އޭނާ ސޯފާގައި އިށީނީ ހިތްވަރު ހޯދުމުގެ ގޮތުންނެވެ. މޯނާވެސް އިނީ އެއަޑަށް ސަމާލު ވެގެންނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތުން ނާމީއަށްޓަކައި ހެޔޮ ދުޢާއެއް ކުރެވުނެވެ. ކުރީން އޭނާއަށް އެއިވުނު އަޑަކީ ހަޤީޤަތަކަށް ނުވުމަށް އެދެވުނެވެ.
" އަހަރެން ބޭނުން.... އަހަރެންގެ ހުރިހާ އެއްޗެއް.... ލޫނާއަށް ދޭން....! ލޫނާގެ ނަމަށް ބަދަލު ކުރަން....!"
ޖެހިލުމެއް ނެތި ނާމީ ބުނެލި އެވެ. މޯނާ އެއްޗެއް ބުނެފާނެތީވެސް ނާމީ މިއަދު ހާހެއް ނެތެވެ. ނާމީ އެބުނީ ޝައުކަތު ހީކުރި ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ލޫނާގެ ނަމަށް ނާމީގެ ހުރިހާ އެއްޗެއް ބަދަލު ކުރަން ބޭނުންވި ސަބަބެއް އޮންނާނެ އެވެ. މޯނާވެސް އެއްޗެއް ނުބުނެއިނީ ވިސްނާށެވެ. ސުވާލުތަކެއް ހިތުގައި އުފެދުނެވެ. ނާމީގެ ހުރިހާ އެއްޗެއް ލޫނާގެ ނަމަށް ބަދަލު ކުރަންވީ ކީއްކުރަން ހެއްޔެވެ! ނާމީ އަށް ކަމެއް ވެގެން އުޅޭ ކަމަށް ވަންޏާ ލޫނާ ވެސް ހުންނާނީ ހަމަ އެހާލަތުގައި ނޫން ހެއްޔެވެ! ނާމީއަށް ވުރެ ކުރީން އެކަމެއް ޖެހިފައިވެސް ހުންނާނީ ލޫނާ އަށެވެ. ނާމީއަށް ވުރެ ކުރީން މިދުނިޔެއާއި ވަކިވާން ޖެހޭ މީހަކަށް ވެސް ވާނީ ލޫނާ ކަންނޭގެ އެވެ.
" ވަރަށް އަވަހަށް!"
ނާމީ އޭނާގެ ވާހަކައަށް ދެ ބަހެއް އިތުރު ކޮށްލި އެވެ. ޝައުކަތަށް ސުވާލެއް ނުކޮށް ނީދެވުނެވެ.
" އޯކޭ.... އެކަމު.... އެއީ ކީއްވެ ނިންމި ނިންމުމެއް؟"
ޝައުކަތު އާދައިގެ ގޮތެއް ދައްކަމުން އަހާލި އެވެ.
" އަހަރެން މިއުޅެނީ.... އޭނަ ވަރިކުރަން....!"
މޯނާގެ މޫނުމަތީ ހީވީ އެއްޗަކުން ޖެހިހެންނެވެ. ނާމީގެ ހުރިހާ އެއްޗެއް ލޫނާއަށް ދީފައި ލޫނާ ވަރިކުރީމައި ވާނީ ކިހިނެއް ހެއްޔެވެ! ނާމީގެ ބޮލަށް އެ އަންހެނާ އެރިލާފައި އެހެރީ ހާދަ ބޮޑަކަށެވެ. ނާމީ އަށް އެބަލި ޖެހުނީ ކިހިނެއް ކަމެއް ހަމަ ނާމީ އަށް ނޭގެނީ ހެއްޔެވެ! ލޫނާގެ ސަބަބުން ނާމީއަށް އެވަރުގެ ބޮޑު ލަނޑެއް ލިބުނީމައި ވަރިކުރަން ޖެހޭނީ އަދި ނާމީގެ ހުރިހާ އެއްޗެއް ދީފައި ހެއްޔެވެ!
" ކީއްވެ؟"
ޙައިރާން ކަމާއި އެކު ޝައުކަތު އަހާލި އެވެ.
" އަހަރެން ބޭނުމެއް ނޫން..... އަހަރެންގެ ހިތާމަވެރި ދިރިއުޅުމުގެ ސަބަބުން ލޫނާގެ ދިރިއުޅުން ހަލާކު ވެގެން ދާކަށް....! ބައްޕާ.... އަހަރެން ދެން މާ ގިނަ ދުވަހަކު ދުނިޔެއަކު ނުހުންނާނެ!"
ނާމީ ޝައުކަތާއި ހަތަރު ކަޅި ހަމަކޮށްލަމުން އެހެން ބުނީ ހިތްވަރާއި އެކުގަ އެވެ. އެވަގުތު ޝައުކަތުގެ މޫނުގެ އެކި ތަންތަން ކޮޅު ވަކިވަކީން ތުރުތުރު އަޅައިގެން ދިއަތަން ނާމީއަށް ފެނުނެވެ. މޯނާ ވެސް އިސް ޖަހާލި އެވެ. އޭނާގެ ލޮލުގެ ތެރެއަށް ކަރުނަ ބޮނޑިވެގެން ދިއައެވެ.
" އައި ހޭވް.... އެއިޑްސް!"
ދުރު ބަލާލަމުން ނާމީ ބުންޏެވެ. އެއަޑު އަހަން ބައްޕައަށް ކިތަންމެ އުނދަގުލަސް އެއީ ކުރިމަތި ލާން ޖެހޭ ހަޤީޤަތެކެވެ.
ހިތްވަރު ކޮށްކޮށް އިންދާ ޝައުކަތުގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅުގެ އެ ނުރައްކާތެރި ހާލަތު އޭނާގެ ހިތް ކުދިކުދި ކޮށްލައިފި އެވެ. ބައްޕަގެ މޫނަށް ނާމީ ބަލާވެސް ނުލާ އަނެއް ފަރާތަށް މޫނު އަނބުރައިގެން އިނީއެވެ. ބައްޕައަށް މިވަގުތު ވާނެވަރު އޭނާއަށް އިނގެއެވެ. އެ މަންޒަރު ފެނިއްޖެއްޔާ ނާމީއަކަށް ކެތެއް ނުވާނެ އެވެ.
" ދަރިފުޅާ!"
ޝައުކަތު ބިރުވެރި އަޑަކުން ނާމީއަށް ގޮވާލުމާއި އެކު ކުއްލިއަކަށް އައިސް ނާމީގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ނާމީއަށް ވެސް ކުރި އަސަރު ކޮންޓްރޯލް ވާ ގޮތެއް ނުވި އެވެ. ބައްޕަގެ ގައިގައި ބައްދައި ގަންނަމުން އޭނާއަށް ރޮއިގަނެވުނެވެ. މޯނާވެސް ގިސްލަ ގިސްލާފައި ރޮނީ އެވެ.
" ދަރިފުޅާ...! ދަރިފުޅާ...!"
ބައްޕަ ނާމީގެ މޫނުގެ އެތަން މިތަނުގައި ވަސްގަންނަމުން ރޮމުން ދިއައެވެ.
" ބައްޕަ ޤަބޫލެއް ނުކުރަން ދަރިފުޅާ.... ތީ ދޮގެއް! ތީ ދޮގެއް! ހިނގާ ބޭރަށް ދާން ޓެސްޓް ކުރަން!"
ޝައުކަތަށް ދެއްކޭ ނުދެއްކޭ ވާހަކަ އެއްވެސް ނޭގެ އެވެ.
" ކޮންމެ ތާކުން ޓެސްޓް ކުރިއަސް ހެދޭނެ ގޮތެއް ނޯންނާނެ....! "
ނާމީގެ ވާހަކައިން ޝައުކަތުވެސް ގޮތް ހުސްވި އެވެ. ޝައުކަތު ނާމީގެ ރަތްވެފައިވާ މޫނުގައި ދެއަތުން ހިފަހެއްޓި އެވެ.
" ނޫން ދަރިފުޅާ.... އެހާ އަވަހަށް އުއްމީދު ކަނޑާނުލާ.... ތި ބައްޔަކީ.... މިހާރު ވަރަށް ގިނަ ދުވަހަށް އަސަރެއް ނުކޮށް ދަންމާލެވޭ ބައްޔެއް....ރަނގަޅަށް ފަރުވާ ދެވިއްޖެއްޔާ...!"
" ކީއްކުރާ ފަރުވާއެއް ބައްޕާ....! "
ނާމީ ނުރޯން މަސައްކަތް ކުރި ނަމަވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިއައެވެ.
" އައި އޭމް އޯލްރެޑީ ޑެޑް!"
ގަދަކަމުން ހިންދިރުވާލަމުން ނާމީ ބުންޏެވެ.
" ދެން ދުނިޔޭގަ ހުންނަން ވެއްޖެއްޔާ އަހަރެން ކުރާނީ ހިތާމަ.... ކޮންމެ ދުވަހަކީ އަހަރެން އެތައް ސަތޭކަ މަރަކުން މަރުވާނެ ދުވަހެއް!"
ޝައުކަތަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާގެ ހިތް ކުދިކުދި ވެއްޖެ އެވެ. ދަރިފުޅު ނެތް ދުނިޔެއެއްގައި އޭނާ އުޅޭނީ ވަކި ކިހިނެއް ހެއްޔެވެ!
" ބައްޕާ... މީ.... އަހަރުމެންނަށް ކުރެވޭ ނުބައި ކަންތަކުގެ ނަތީޖާ....! އެހާ އުފާވެރި ދިރިއުޅުމެއް ދެއްވީމަވެސް.... އަހަރުމެން ނަކަށް ޝުކުރު ކުރާކަށް ނޭގުނު....! އަހަރެން ވެސް ނުކުރާކަށް ނުބައި ކަމެއްނެތް....! އަންހެނުންގެ ކަންތައް...ޑްރަގްސް....! "
އެކަން ދިމާވީއްސުރެ ނާމީގެ ހިތުގައި ބޮޑުވެފައިވާ ވާހަކަ ތަކެއް އޭނާ ބޭރު ކުރަމުން ދިއައެވެ.
" ޑްރަގްސް ވިޔަފާރީގެ ތެރެއަށް ނުވަނަސް އަހަރުމެންނަށް ހަމަ އަރާމުގަ އުޅެވުނީހޭ....! އޭގެ އިތުރުން ބަލާލަ އަހަރުމެންގެ ސަބަބުން މީހުނަށް ލިބުނު އަނިޔާ....! ބަލާލަ މާހިންގެ ދިރިއުޅުމަށް ވީ ގޮތް....! ހަމަ ގަސްދުގަ ރާވައިގެން މިމީއާ މާހިން ވެސް ދުރުކޮށްލީ....!"
ނާމީގެ ވާހަކަތައް ގިސްލަމުން އަޑުއަހަން އިން މޯނާ އިސްއުފުލާލީ ދޮރުމަތީން މީހެއްގެ ހިޔަނި ވީހެން ހީވުމުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އެވާހަކަތައް އަޑުއަހަން ދޮރުމަތީގައި ހުރި މީހަކު ފެނުމުންނެވެ.