ކޮޓަރީގެ ދޮރު މައްޗަށް ހުއްޓުމާއި އެކު ދާއިންއަށް ފަހަތަށް ޖެހިލެވުނެވެ. މިގަޑީގައިވެސް ރޫމް ތެރޭގައި ނާމީ އަންހެން ކުއްޖަކު ގެންގުޅޭނެ ކަން އެނގުނު ނަމަ އޭނާ އެތަނަކަށް ނައީހެވެ. 

މާހިން އާއި ދާއިން އިރުކޮޅަކު ބޭރުގައި މަޑުކޮށްލި އެވެ. ނާމީއަށް ގުޅާލަން ވެސް ނުކެރުނެވެ. މާހިން ހުރީ އާދެވުނު މޮޔަ ހިތަށް އަރާފަ އެވެ. އެހާ ދުރަށް ދުއްވާފައި އަންނަން ޖެހުނީވެސް ނާމީ ފޯނު ނުނެގީމަ އެވެ. ފޯނު ނުނެގީމައި ނާމީ އުޅޭނީ އެކަހަލަ ކަމެއްގައިކަން މާހިންމެނަށް ނުވިސްނުނު ކަން އެއީ އެމީހުންގެ މައްސަލައެކެވެ. އަދިވެސް އެމީހުންނަށް ނާމީ ނޭގެނީ ހެއްޔެވެ! ނާމީ އަކީ އަމިއްލަ ހިތްހަމަ ޖެހުން ނޫން ކަމަކަށް މަސައްކަތް ކުރާނެ މީހެއް ނޫނެވެ. އޭނާ އިންޑިއާއަށް އައީ ޔޫހާ ހޯދަން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެތަނުގައި އޭނާ އެކުރަނީ ކޮން ކަމެއް ހެއްޔެވެ! ސައްވީސް ގަޑިއިރުގެ ތެރޭން ބޮޑު ބައެއް މަސްތުގައި ހުންނަ މީހަކަށް ކުރެވޭނެ ރަނގަޅު ކަމެއް އޮންނާނެ ހެއްޔެވެ! 

" ލެޓްސް ގޯ!"
ބޭބެގެ ކޮނޑުގައި ބާރަށް ޖަހާލަމުން މާހިން ބުންޏެވެ. ދާއިން އަދިވެސް އެތަނުން ދާ ހިޔާލެއް ނުކުރެ އެވެ. އޭނާ ހަމަ ސިޓިންގް ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އެވެ. ކޮންމެވެސް ނޭގޭ އިޙުސާސެއްގެ ސަބަބުން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިއަ އެވެ. މިއަދު އެ ހޮޓަލަށް ވަނީއްސުރެ ދާއިންގެ ހިތުގެ ހިނގުން ވަނީ އަވަސް ވެފަ އެވެ. އޭނާ ހީކުރަމުން ދިއައީ ޔޫހާގެ ވާހަކަ ނާމީގެ ގާތުގައި ދައްކަން އުޅޭތީ ވާ ގޮތެއް ކަމަށެވެ. މިއަދު ދާއިން ގެއިން ނުކުތީ ވަރަށް ވިސްނުމަށް ފަހުގަ އެވެ. އޭނާ ނިންމައިގެން ހުރީ ނާމީ ގާތުގައި ރަނގަޅަށް ކިޔައި ދޭށެވެ. ޔޫހާއަކީ އޭނާގެ ދިރި ހުރުން ކަމުގައި ބުނާށެވެ. އަދި ޔޫހާއާ ނުލާ އޭނާއަށް ދިރިއުޅެން ދަތިވާ ކަމަށް ބުނެ ޔޫހާ ހޯދުމަށް ނާމީ ވެސް ސީރިއަސް ކޮށް މަސައްކަތް ކޮށްދިނުމަށް ބުނާށެވެ. ކޮއްކޮ ބުންޏަސް އެވާހަކަ ނާމީ އާ ނުދައްކާ އެތަނުން ދާ ހިތެއް މިއަދަކު އޭނާ ނެތެވެ. ޔޫހާގެ ވާހަކަ ދައްކާލެވުނަސް ދާއިން މިހާރު އުފާވާނެ އެވެ. ނާމީއަކީ ޔޫހާ އާއި އެންމެ ފަހުން ފޯނުން ނަމަވެސް ބައްދަލު ވެފައި ވާ މީހާ އެވެ. އެހެން ވީމައި ޔޫހާގެ ވާހަކަ ނާމީ ގާތުގައި ތަކުރާރުކޮށް އަހާލެވުނަސް މިއަދު ދާއިންއަށް އިތުރު ހިތްހަމަ ޖެހުމެއް ލިބޭނެ އެވެ.

ކޮޓަރީގެ ދޮރުމަތީން މީހެއްގެ ހިޔަނި ވެގެން ނާމީ ތެދުވި އެވެ. އޭނާ ގަމީހުގެ ގޮށްތައް އަޅުވަމުން ބޭރަށް ނުކުތް އިރު މާހިން އާއި ދާއިން ފެނުނެވެ. ފުރަތަމަ ފެނުމުންވެސް ނާމީގެ މޫނުމަތީގެ އުޖާލާކަން ދާއިންއަށް ފާހަގަ ކުރެވުނެވެ. ފަހަކަށް އައިސް ނާމީގެ ދެލޮލުން ފެންނަ ކިލަނބު ކަމެއް މިއަދަކު ނުފެނެ އެވެ. އޭނާގެ ކިބައިން ފެންނަމުން ދިއަ ތާޒާ ކަން އޭނާ ހިތްހަމަ ޖެހިފައި ހުރި ވަރު ހާމަ ކޮށްދެ އެވެ.

" ބިޒީ ދޯ!"
ނާމީ ފެންނަ އިރަށް މާހިން ބުނެލި އެވެ.
" މަމި ހިތަށް އަރަނީ މިހާ ސެކިއުރިޓީ ވަރުގަދަ ތަނަކަށް ތިހެން އައިސް ކަލޭމެނަށް ވަދެވުނީ ކިހިނެތް ބާއޭ...!"
ސޯފާ އަށް ވެއްޓި ގަންނަމުން ނާމީ ސަމާސަ ކޮށްލި އެވެ. 

" އޯހް! އަހަރުމެންނާ ހެދި އުނދަގޫވީދޯ!"
މާހިން ހިސާބަކަށް އުނދަގޫވެފައި އަހާލި އެވެ.
" އޮފްކޯޒް ނޮޓް! ޖައްސާލަ ބަލަ!"
ނާމީ މާ ރަނގަޅު މޫޑެއްގައި ހުރި ދުވަހެކެވެ.
" ކޮންކަމަކާ މާ އުފާވެފަ؟"
ދާއިން ނާމީ ގާތުގައި އިށީންނަމުން ސުވާލު ކުރި އެވެ.
" އުފާވެފަދޯ މީނީ...! އާނ... އަސްލުވެސް ވަރަށް އުފާވެފަ މީނީ!"
ނާމީ ހިނިގަނޑެއް ޖަހާލި އެވެ.
" ފުރަތަމަ ފަހަރަށް.... އައި އޭމް އިން ލަވް، ބަޑީ! އައި އޭމް އިން ލަވް!"
ފަސޭހަ ކަމާއި އެކު ނާމީ ބުނެލި އެވެ. ދާއިން ނާމީގެ މޫނަށް ބަލާލި އިރު ދާއިންގެ މޫނުމަތީންވެސް ފެނިގެން ދިއައީ އުފާވެރި ކަމެވެ. ނާމީގެ އެ ވިޔާނުދާ ގޮތް ގަނޑު ދޫކޮށް ސީރިއަސް ދިރިއުޅުމެއް ފަށައިފިއްޔާ އޭނާއަށް ވެސް ވަރަށް ރަނގަޅެވެ.

" ދެން އެހެން ވިއްޔާ ތި " އެންޖޯއީ" ކުރުމުގެ ކަންތައްގަނޑު ހުއްޓަން އުޅޭ...! އެހެން ނޫނީ ތިކަން ރަނގަޅަކަށް ކުރިއަކަށް ނުދާނެ... ފެންނަހާ އެއްޗެއް ކައިގެން، ބޮއިގެން ފެންނަ އެއްޗަކަށް އަރައިގަނެގެން އުޅެނިކޮށް ލަޑެއް ލިބިދާނެ... ނުބައި ބައްޔެއް ވެސް ޖެހިދާނެ! މާހިން ނާމީއާ ދިމާއަށް އެހެން ބުނަން ބޭނުން ވެގެން އުޅޭތާ ކިތަންމެ އިރެކެވެ.
" އަނ... ދެން މަވެސް އިސްލާހު ވީ! ސީރިއަސްކޮށް ދެން މަ ކަޑަ ކަންތައް ކުރުން ނިމުނީ!"
ނާމީއަށް އައިސްފައިވާ ބަދަލު ފެނުމުން ދާއިން އިންތިހާއަށް އުފާވި އެވެ. އެހެން ނަމަވެސް ހަމަ އެވަގުތު އޭނާގެ މޫނުމަތީގެ އަލިކަން ފަނޑުވެގެން ދިއަ އެވެ. ހިތުގައި ހިނގައިގެން އަސަރު ތަކަކުން ނެވެ. ނާމީއަށް ވެސް ރީތި ދިރި އުޅުމެއް ފެނުނީ އެވެ. އެހެނަސް އޭނާއަށް އެދުވަސް ފެނުމުގެ އުއްމީދެއްވެސް ނެތެވެ. ހަމަ ގައިމުވެސް ޔޫހާ ނޫން މީހަކާއި އެކު އޭނާ ދުވަހަކުވެސް ދިރި އުޅުމެއް ނުފަށާނެ އެވެ. 

" ނާމީ ކައިރީ ވާހަކައެއް ބުނަންށޭ މިއައީ!"
ދާއިން ބޭނުންވީ އޭނާ އެތަނަށް އެއައި މަޤްސަދުގެ ވާހަކަ އަވަހަށް ނާމީ ގާތު ބުނާށެވެ. ޔޫހާ ހޯދުމަށްޓަކައި އެންމެ ސުކުންތެއް ވެސް ބޭކާރު ކޮށްނުލާ މަސައްކަތް ކުރަން އޭނާ އެބަ ޖެހެ އެވެ. މިހާރު ނާމީގެ މޫޑު ހުރި ގޮތުން ނާމީވެސް ފޯރިއާއި އެކު އެކަމާ އުޅޭނެހެން ހީވެ އެވެ.
" އަހަރުމެން ބެންގަލޫރަށް އައި އަސްލު ސަބަބު ބުނަންތަ؟"
ދާއިން އެވާހަކަ ފެށި އެވެ.
" އެއީ ހަމަ ނާމީ ވެސް މިތަނަށް އައި ސަބަބު.... ނާމީއަށް ފޯނުން ގުޅި އަންހެން ކުއްޖާއަކީ....!"
އެހާ ހިސާބަށް ބުނިތަނާ އެތެރޭ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އިތުރު މީހަކަށް ދާއިންގެ އަޑު އިވިދާނެތީ ދާއިން މަޑުކޮށްލި އެވެ.

ކޮޓަރީގެ ދޮރާ ދިމާއަށް ދާއިން ބަލާލީ އާދައިގެ ގޮތަކަށެވެ. އެހެން ނަމަވެސް އެދޮރުން ބޯދިއްކޮށްލި ޒުވާން އަންހެން ކުއްޖާ ފެނުނު ވަގުތު ދާއިންގެ އިތުރުން މާހިންގެ ހަށިގަޑަށްވެސް ވަރުގަދަ ލޮޅުމެއް އައެވެ. ލޮލަށް ފެންނަމުން އެދާ މަންޒަރު ޤަބޫލު ނުކުރެވި، ދެލޯ ބޮޑުވެފައި ތިބިއިރު ހިތުގެ ތެޅުން ސަތޭކަ ގުނައަށް އިތުރުވެގެން ދިއަ އެވެ. ދާއިންއާއި ހަތަރު ކަޅި ހަމަވި ވަގުތު ޔޫހާ އަށްވެސް ލިބުނީ ޝޮކެކެވެ. މޫނުމަތީން ފާޅުވެގެން ދިއައީ ޙައިރާން ކަމާއި އެކު ބަޔާން ކުރަން ނޭގޭ އެތައް އަސަރު ތަކެކެވެ. ދުވެފައި ގޮސް ދާއިންގެ ގައިގައި ބައްދައިގަންނަން ޔޫހާ ބޭނުންވި އެވެ. ދާއިންއަށް ޔޫހާއާއި ދިމާއަށް ދުއްވައި ގަނެވެން އުޅުނެވެ. ދިގު އަދި ވޭނީ އިންތިޒާރަކަށް ފަހު ޔޫހާ ފެނުމުން އޭނާގެ އަތުގެ ތެރެއަށް ޔޫހާ ގެނެސް ގަންނަން އިންތިހާއަށް ބޭނުންވި އެވެ. އެރީތި މޫނުގެ އެތަން މިތާނގައި އެތައް ފަހަރަކު ބޮސް ދިނުމަށް ހިތް އެދުނެވެ. އެހެން ނަމަވެސް ގަދަކަމުން ނަމަވެސް އެ އިޙުސާސްތައް ކޮންޓްރޯލް ކޮށްލުން ނޫން ގޮތެއް ނެތެވެ. ހިތް އަވަސްވެފައިވާ ހާލު ދާއިންއާއި ޔޫހާއަށް އެކަކު އަނެކަކާއި ދިމާއަށް ބަލަހައްޓައިގެން ތިބެވުނީ އެވެ. މާހިންވެސް ހަމަ އެހުރި ގޮތަށް ހުރީ އެވެ. އެއީ ކޮން ކަހަލަ އިއްތިފާޤެއް ހެއްޔެވެ! ހަރަކާތް ހުއްޓިފައި ތިން މީހުންނަށްވެސް އެ ތިބެވުނީ ކުރި އަސަރެއްގެ ބޮޑު ކަމުން ނެވެ. ލޮލުގެ ތެރެއަށް ގިނަވެގެން ދިއަ ކަރުނަ ތިކިތައް ކޯތާފަތް މައްޗަށް ފައިބައިގެންކަން ޔޫހާއަށް އިޙުސާސް ކުރެވުނީ ނާމީ އައިސް ކޮނޑުގައި ހިފަހައްޓާލުމުން ނެވެ. 

" ހޭ! ކަލޭމެން ދަންނަންތަ؟"
ނާމީގެ އަޑުއިވިފައި ދާއިން އަށް ވެސް ހަމަބިމަށް އާދެވިއްޖެ އެވެ. އޭނާ އަވަސް އަވަހަށް އިސް ޖަހާލި އެވެ. 
" ޔަ... ވީ ހޭވް މެޓް!"
ޖަވާބު ދިނީ މާހިންއެވެ. މި ވަގުތު ބޭބެއަށް ރަނގަޅު ޖަވާބެއް ނުދެވޭނެކަން މާހިންއަށް އެނގުނެވެ. 
ޔޫހާ ސަލާމަތުން ހުރިކަން އެނގުމުން ދާއިން އުފާވި ނަމަވެސް ދާއިންގެ ހިތުގައި ރިހުމެއް އުފެދިގެން ދިއަ އެވެ. ކުޑައިރު ކޮޅެއްގެ ކުރީން އެކޮޓަރީގެ އެނދު މަތީން ފެނުނު މަންޒަރު އޭނާގެ ސިކުނޑީގައި ތަކުރާރު ވާން ފެށި އެވެ. ދެންމެގައި ނާމީ ދެއްކި ވާހަކަ އޭނާގެ ކަންފަތަށް ތަކުރާރުކޮށް އިވެމުން ދިއަ އެވެ. ނާމީ އާއި ޔޫހާ އާއި ދެމެދުގައި ގުޅުމެއް އޮތް ކަމަށް ވާނަމަ ދެން ދުވަހަކުވެސް ދާއިންއާއި ޔޫހާ އަކާއި ނުގުޅޭނެ އެވެ. އެކުވެރިޔާގެ ލޯބި ޖަހައި ގަތުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ.

" ވީ ހޭވް އަ ސަޕްރައިސް ފޯޔޫ.... ޔޫޔޫ!"
މާހިން އެހެން ބުނެލުމުން ޔޫހާގެ ތުންފަތް މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިއަ އެވެ. ކުރީން އެ މޫނު ކޮޅުން ފެނުނު ސީރިއަސް ކަން ކެނޑިގެން ދިއަ އެވެ. ހިތުގައި ކިތަންމެ ރިހުނަސް ދާއިން ވެސް ހިނިތުން ވެލި އެވެ. 

" ޔޫޔޫ...؟"
ނާމީ ލާނެއް ގޮތެއް މޫނަށް ހަދާލަމުން ނިއްކުރިއަށް ރޫ އަރުވާލި އެވެ. 
" އަނ... ނަން ހަނދާން ނެތެނީ!"
މާހިން ރީތި ކޮށްލި އެވެ. ޔޫހާއަށް ލޯބިން ވަނަން ކިޔާހާ ޔޫހާ މާހިންމެންނާއި ގާތް ކަމެއް ޔޫހާއަށް ވެސް ނޭގޭނެ އެވެ. ވީއިރު އިތުރަށް ބޭޒާރު ވުމުގެ ބޭނުމެއް ނެތެވެ.

މާހިން ބޭނުންވީ ޔޫހާ ގޮވައިގެން އެމީހުން ތިބޭ ހޮޓަލަށް ދާށެވެ. ޔޫހާއަށް ސަޕްރައިސް ދޭށެވެ. ޔޫހާއާއި ލޫނާ ބައްދަލު ކުރުވާށެވެ. ލޫނާއަށް ދައްތަ ފެންނަ ވަގުތު ވާނެގޮތް މިހާރު ވެސް މާހިންއަށް އެބަ ސިފަވެ އެވެ. ދާއިން އިނީ ހިމޭން ވެފަ އެވެ. ދައްކާނެ ވާހަކައެއް އޭނާ އަކަށް ނޭގެ އެވެ. ލިބުނު އުފަލާއި އެއްވަރުގެ ހިތްދަތި ކަމެއް އޭނާއަށް އިޙުސާސް ކުރެވެމުން ދިއަ އެވެ. ސުވާލު އުފެދެމުން ދަނީ ޔޫހާ އާއި ނާމީގެ އެގުޅުމާއި ދޭތެރޭގަ އެވެ. އެވަރުގެ ގުޅުމެއް އުފެދެން ނާމ ީއާއި ޔޫހާ އާއި ދިމާވި ތާ އެހާ ގިނަ ދުވަސް ވީ ހެއްޔެވެ! ދާއިން ފަހުގެ މާޒީ ހަނދާނަށް ގެންނަމުން ދިއަ އެވެ. އެންމެ ފަހުން ނާމީ އާއި ދިމާވި ދުވަހު ނާމީ ބުނެފައި ވަނީ ޔޫހާދެން ފެންނާނެ ހެން ހީނުވާ ވާހަކަ އެވެ. އެހެން ވީއިރު މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އެހާ ގާތް ކަމެއް ޔޫހާއާއި ނާމީއާއި ދެމެދު އުފެދުނީ ހެއްޔެވެ! ޤަބޫލު ކުރަން ދަތިވި ނަމަވެސް ހަޤީޤަތަކީ އެއީ އެވެ. ކުޑަ އިރު ކޮޅެއްގެ ކުރީގައި އޭނާގެ ލޮލަށް އެފެނުނު މަންޒަރު އެކަމަށް ހެކި ދެއެވެ.

" ދެވޭނެތަ؟"
ނާމީ އޭނާގެ ޝަހާދަތް އިނގިލިން ޔޫހާގެ ނިއްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅު ދުރަށް ޖައްސާލަމުން ލޯތްބާއި އެކު އެހި އެވެ. އެމަންޒަރު ބަލަން މާހިންއަށް އުނދަގޫވީ ބޭބެގެ ހިތަށް ތަދުވާނެ ވަރު އިނގޭތީ އެވެ.

ކިތަންމެ ހުން ގަދައަސް ދާއިން އާއި އެކު އިތުރު ވަގުތު ކޮޅެއް ޔޫހާ ބޭނުން ވިއެވެ. އަދި މާހިން ދޭން އެއުޅޭ ސަޕްރައިސް ބަލާލަން އޭނާ ބޭނުން ވިއެވެ. ޔޫހާ ބޯޖަހާލި އެވެ. 

" ގްރޭޓް! އެހެން ވީމަ ޔޫހާ ތައްޔާރު ވާންވާއިރަށް އަހަރެން އެބަ އަންނަން ޖެހިގެން ހުރި ތަނުން ޕިއްޒާ ނަގައިގެން....! އެންމެން ސައި ބޮއިގެން ނައްޓާލާނީ.... ޔޫހާ ދޭ ރެޑީވާން! "
އެހެން ބުނެފައި ނާމީ ތިރިއަށް ދާން އަވަސްވެ ގަތެވެ. ނާމީ ދިއުމުން ވެސް ޔޫހާ ތައްޔާރު ވާން އެތެރެއަށް ދާކަށް ނޫޅެ އެވެ. އޭނާ ދާއިންއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އެވެ. ދާއިންގެ އިޝާރާތަކަށް އިންތިޒާރު ކޮށްކޮށެވެ. ހިތްދަތި އެތައް ދުވަހަކަށް ފަހު ދާއިން އާއި ބައްދަލު ވުމުން ދާއިންއާއި ދުރަށް ދާން އޭނާގެ ހިތް ނުރުހެނީ އެވެ. ދާއިން ގާތުގައި ދައްކަން ބޭނުން އެތައް ވާހަކަ ތަކެއް އެބަހުއްޓެވެ. އެދުވަސް ތަކުގެ ތެރޭގައި އޭނާ ދާއިން ހަނދާންވި ވަރު ބުނެލެވުނަސް އޭނާ އުފާވާނެ އެވެ.

ޔޫހާ އާއި ބޭބެ އާއި ދެމެދަށް ވެރިވެފައިވާ ހަމަ ހިމޭން ކަމުގެ ސަބަބަކީ މާހިން ކަމުގައި މާހިން ދެނެގަތެވެ. މާހިން ފޯނާ ކުޅޭ ކަމަށް ހަދަމުން ބެލްކަނީ އަށް ޖެހިލި އެވެ.
އަދިވެސް ދާއިން ދައްކާނެ ވާހަކައެއް ނެތެވެ. އޭނާ މިހާރު ޔޫހާ ދެކެންވީ ކޮން ނަޒަރަކުން ކަމެއް ޚުދު އޭނާއަށް ވެސް ނޭގެ އެވެ. ޔޫހާއަށް ހިމޭނުން ހުރެވުނީ އިރުކޮޅެއް ވަންދެންނެވެ.

" ބެންގަލޫރަށް އައީ އަހަރެން ހޯދަންތަ؟"
ޔޫހާވެސް އޮޅުން ފިލުވަން ބޭނުން ކިތަންމެ އެއްޗެއް އެބަ އޮތެވެ.
ދާއިން ދުރުބަލަން އިނދެ ބޯ ޖަހާލީ ހިންދިރުވާލަމުންނެވެ. އޭނާއަކަށް ދެން ކެތެއް ނުވާނެ އެވެ.
" އައި މިސްޑް ޔޫ!"
އެހެން ބުނަމުން ދާއިން އޭނާގެ ދެ ތުންފަތް އެތެރެއަށް މަޅާލިއިރު ނިއްކުރި މަތީން ފާޅުވި ގިނަ އަދަދެއްގެ ރޫ ލޯބީގެ ނިޝާންތައް ހާމަ ކުރަމުން ދިއަ އެވެ. އެވަގުތު ޔޫހާގެ މޫނުކޮޅު ރަތްވެ، ދެތުންފަތް ތުރުތުރު އަޅައިގެން ދިއައީ ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. އެތައް ވާހަކައެއް އެއްފަހަރާ ބުނެލަން ހިތަށް އެރި ނަމަވެސް އެކަމެއް ނުވި އެވެ. ދުރު ބަލަން އިން ދާއިންގެ ފިރިހެން ވަންތަ ރީތި މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ކެތްކުރަން ދަތިވެފަ އެވެ.

" މިތަނަށް އައިސް އެތައް މަސައްކަތަކަށް ފަހުވެސް ޔޫހާގެ ޚަބަރެއް ލިބޭ ގޮތެއް ނުވި. ޔޫހާ ތި ފެނުނީ މުޅީން އުއްމީދު ކަނޑާލި ފަހުން.... އައި ތޯޓް އައި ލޮސްޓް ޔޫ....!"
ދާއިން ވާހަކަ ދެއްކީ އުނދަގުލުންނެވެ. އޭނާ ޔޫހާއާ ހަތަރު ކަޅި ހަމަ ނުކުރާކަން ނަސީބެވެ. ޔޫހާ އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުން ދިއަ ކަރުނަތައް އަވަސްއަވަހަށް ފޮހެމުން އޭނާއަށް ކުރެވެމުން ދިއަ ފުން އަސަރު ދާއިންއަށް ފޮރުވަން މަސައްކަތް ކުރަމުން ދިއަ އެވެ. 

ދާއިން އިސް ޖަހާލުމަށް ފަހު ހިތްވަރު ގަދަ ކުރަމުން ޔޫހާއަށް ބަލާލިއެވެ. ދެން އޭނާ ބުނަން ބޭނުން ވާހަކަ ބުނަން ބޭނުން ވަނީ ސީދާ ޔޫހާގެ ދެލޮލަށް ބަލަން އިނދެ އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ދާއިންގެ ލޮލުން ލޯބީގެ އެތައް މެސެޖް ތަކެއް ފޮނުވާލެވުނެވެ. އެހެން ނަމަވެސް ޔޫހާގެ ލޮލުން ފޮނުވާލި ލޯބީގެ އެއްވެސް ސިގްނަލެއް ދާއިން އާއި ހަމައަށް ފޯރިހެނެއް ހިއެއް ނުވެ އެވެ.
" އެކަމު އަހަންނަށް ޔޫހާ ފެނުނުއިރު އަހަންނަށް ޔޫހާ ގެއްލިއްޖެ ދޯ!" 
ދާއިން އެބުނި މާނަ ފުން ބަސްކޮޅު ޔޫހާއަށް ރަނގަޅަށް ވިސްނުމުގެ ކުރީން ބޭރު ދޮރު ހުޅުވާލާފައި ވަތް ނާމީ މާހައުލުގެ އަމާން ކަން ފޫދުއްވާލައިފި އެވެ. 

" ކޮބާ، އަދިވެސް ތައްޔާރު ނުވަން؟"
އަނެއްކާވެސް ދާއިންއާއި ޔޫހާގެ ވާހަކަ މެދު ކެނޑުނީ އެވެ. ދެން އޮތީ އަނެއްކާވެސް މިނިވަން ކަމާއި އެކު އަނގައިން ބުނެލާނެ ފުރުސަތަކަށް އިންތިޒާރު ކުރުމެވެ. 

ޓެކްސީގައި ހޮޓެލްއާއި ދިމާއަށް ދިއައިރު ޔޫހާ ވާހަކަ ދައްކަމުން ދިއަ އެވެ. އޭނާއާއި ދޭތެރޭގައި ކަން ހިނގި ގޮތް ކުރު ގޮތަކަށް ކިއައި ދިނުމަށް ފަހު އޭނާ މާހިން އާއި ދާއިން ގާތުގައި ވެސް އެދެމުން ދިއައީ އޭނާގެ ކޮއްކޮ އާއި މަންމަ ހޯދައި ދިނުމަށެވެ. އެމީހުންނާއި ނުލާ އޭނާގެ ދިރިއުޅުން ދުވަހަކު ވެސް އުފާވެރި ނުވާނެ ކަމަށް އޭނާ ބުނަމުން ދިއައީ ކަރުނައާއި އެކުގަ އެވެ. މާހިންއާއި ދާއިންވެސް އަގައިން ނުބުނެ އެވާހަކަ އަޑު އަހަން ތިބީ އެވެ.

ޔޫހާ ގޮވައިގެން ހޮޓެލްގެ ރޫމާއި ހަމައަށް ދިއައިރު ދާއިން ވެސް ހުރީ ފިނިވެފަ އެވެ. ޔޫހާއަށް ވާނެ ގޮތް ހިތަށް އަރާފަ އެވެ. ކޮޓަރީގައި ޓަކި ޖަހާލުމަށް ފަހު ދާއިން ފަހަތަށް ޖެހިލި އެވެ. ކޮޓަރީގެ ދޮރުމަތީން ޔޫހާއަށް ތަން ދައްކަމުންނެވެ.

ކޮމެންޓް 0