" ކާކު؟"
ދާއިންއަށް އަހާނުލާ ނީދެވުނެވެ. ޔޫހާ ތުންފަތުގައި ދަތް އަޅާލަމުން ދުރު ބަލާލި އެވެ.
" އަހަރެންގެ ފިރިމީހާ!"
" ވަޓް!"
އެވަރުގެ ޝޮކެއް ދާއިންއަށް ހަޔާތުގައިވެސް ނުލިބެ އެވެ. މުޅި ހަށގަނޑު ހަލަބޮލިވެ ކުއްލި އަކަށް އެތެރެ ހަށްޓަށް ތޫފާނެއް ލައިގެންފި ކަހަލަ އެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ޔޫހާއަށް ބަލަން އިންއިރު އޭނާގެ ނޭވާވެސް ވަނީ އާދަޔާ ޚިލާފަށް އަވަސް ވެފަ އެވެ.
" ފިރިމީހާއޭ...؟ ޔޫއާ މެރިޑް؟"
ޔޫހާ ޖަވާބެއް ދެންދެންވެސް އޭނާ އަކަށް ކެތެއް ނުކުރެވުނެވެ.
" އޯލް މޯސްޓް!"
ދުރު ބަލަން އެއިން ގޮތަށް އިނދެ މަޑުމަޑުން ޔޫހާ ބުނެލި އެވެ. ދާއިން އަށް ނޭވާއެއް ބޭރު ކޮށްލެވިއްޖެ އެވެ. އެހެނަސް އަދިވެސް ހަމަ ނޭވާއެއް ނުލެވެ އެވެ. ޔޫހާ އަދި މީހަކާ ކައިވެނި ނުކުރާކަން އެނގުމަކުން ހިތްހަމަ ޖެހުމެއް ނެތެވެ. ޔޫހާގެ ކައިވެނި އެވަނީ ތައްޔާރު ވެފަ އެވެ. ހަޔާތުގެ ބައިވެރިއަކަށް ވާނެ ފަރާތެއް އެވަނީ އިޚުތިއާރު ކުރެވިފަ އެވެ. ގޮނޑީގައި ލެނގިލަމުން ދާއިން ހިސާބަކަށް ހަމަޖެހިލި އެވެ. ދެންމެގައި ބޮލަށް އެރި އެނބުރުން އަދިވެސް ފިލައިގެން ނުދެ އެވެ. ދާއިން މިހާރު އިނީ ހިސާބަކަށް ލަދުވެސްގެންފަ އެވެ. ޔޫހާ އެހެން ބުނުމުން ދާއިންއަށް މާ ބޮޑަށް ތެޅިގަނެވިއްޖެ އެވެ. ޔޫހާގެ ކުރިމަތީގައި ބޭޒާރުވެ ނިމިއްޖެ އެވެ. ދެރަވަނީ ޔޫހާގެ ހިތުގައި ދާއިން ގެ މައްޗަށް އެއްވެސް ހާއްސާ ކަމެއް ދެވިފައި ނުވާއިރު ދާއިންގެ އިޙުސާސްތައް ޔޫހާއަށް ފަޅާއެރީ ތީ އެވެ. ޔޫހާ ލޯބިވަނީ އެހެން މީހަކު ދެކެ އެވެ. އެހެން ނަމަވެސް ދާއިން އަށް ނުވިސްނުނު އެއްޗެއް އެބައޮތެވެ. ވާންއުޅޭ ފިރިމީހާ ދެކެ އެވަރަށް ހިތްހަމަ ނުޖެހިފައި އެއިނީ ކީއްވެ ހެއްޔެވެ؟ ކިތަންމެ ގިނަ ސުވާލު ތަކެއް ހިތުގައި އުފެދުނަސް ދެން އިތުރު އެއްވެސް ސުވާލެއް ނުކުރަން ދާއިން ނިންމި އެވެ. ޔޫހާގެ ކުރިމަތީގައި އިތުރަށް ބޭޒާރު ވާން ނޭދޭތީ އެވެ.
" އޭނައަށް ކިޔަނީ ޝަމްސުއްދީން!"
ޔޫހާ ދުރު ބަލަން އެއިން ގޮތަށް އިނދެ ބުނެލި އެވެ. އެއީ ކޮންކަހަލަ ނަމެއް ހެއްޔެވެ! އެއީ ދިވެއްސަކަށް ކިޔާއުޅޭ ކަހަލަ ނަމެއް ބާއޭ ދާއިންގެ ހިތަށް އެރި އެވެ.
" ދިވެއްސެއް ނޫން!"
ޔޫހާ އަށް ދާއިންގެ ސުވާލު އަޑު އިވުނު ކަހަލަ އެވެ.
" އިންޑިއާ މީހެއް... މާލޭގަ ރެސްޓޯރެންޓެއް ހުޅުވައިގެން އުޅުނު އަހަރެންގެ ބައްޕަ އުމުރުގެ މީހެއް!"
ދާއިންގެ ނިއްކުރި މައްޗަށް ރޫ ގިނަވެގެން ދިޔަ އެވެ. ޔޫހާ ހަމަ އެއިން ގޮތަށް އެއްދިމާއަށް ކަޅި ހުއްޓާލައިގެން އިނދެ އެއްވެސް އަސަރެއް ނެތް ގޮތަކަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އެވާހަކަ އަޑު އަހަން އިން ދާއިން އަށް އިންތިހާއަށް އަސަރު ކުރަމުން ދިޔަ އެވެ. ޔޫހާއަށް ދާއިން ނުލިބުނަސް އެބުނާ އިންޑިއާގެ މުސްކުޅި ފިރިހެން މީހާއާ ޔޫހާގެ ކައިވެނި ކުރެވިގެން ނުވާނެ އެވެ. އެ ކައިވެންޏަކީ ޔޫހާގެ ޤަބޫލުގައި ކުރެވޭ ކައިވެންޏަކަށް ނުވާނެކަން ދާއިންއަށް ޔަޤީނެވެ.
" މިހާރު ރަން ކިޔައިފިން...! .... މިވަގުތު އޭނަވީ އިންޑިއާގަ. މާދަމާ އަހަރުމެންވެސް މަންމަ ގޮވައިގެން އެކޮޅަށް ފުރަން!"
ޔޫހާ ހަމަ އެއިން ގޮތަށް އިނދެ ކިޔާދެމުން ދިޔަ އެވެ. އެހާ ތަފްސީލްކޮށް ދާއިންއަށް އެ ވާހަކަތައް ޔޫހާ ކިޔާދެން ބޭނުންވި ކޮންމެސް ސަބަބެއް އޮންނާނެ ކަން ދާއިން އަށް އެނގެ އެވެ.
" އެމީހާ އެއީ ބޮޑުބޭބެ ހޯދި މީހެއް. ބައްޕަ ވަކިވެގެން ދިޔުމުގެ ކުރީން އެއްކޮށްފަ ހުރި ފައިސާއިން ދުވަސް ކޮޅަކު މާލޭގެ އެޕާރޓްމެންޓްގެ ކުލި ދެއްކުނު. އޭގެ ފަހުން ކުލި ދެއްކީ ބޮޑުބޭބެގެ ފައިސާއިން. މާ ފަހުން އެނގުނީ އެއީ ޝަމްސުއްދީން ދޭ ފައިސާ ކަން. އެކަމާ މަންމަ ހިތްހަމަ ނުޖެހިގެން އެންމެން ރަށަށް ބަދަލުވާން ނިންމާފަ އޮއްވާ މަންމައަށް މިހެން ދިމާވީ... އެމީހާގެ ގިނަ އަދަދެއްގެ ފައިސާ އަހަރުމެންނަށް ބޭނުން ކުރެވިއްޖެ. މިހާރުވެސް މިތިބީ ވަރަށް ބޮޑަށް ދަރަނިވެރި ވެފަ!"
" އަހަރެން ތި ފައިސާ ދައްކަފާނަން!"
ޔޫހާގެ ޖުމުލަ ފުރިހަމަ ނުވަނިސް ދާއިން ވާހަކަ ފެށި އެވެ. ޔޫހާ ދާއިންއާ ހަތަރު ކަޅި ހަމަކޮށްލި އެވެ. ދާއިންގެ މޫނުމަތީން ފެންނަނީ ސީރިއަސް ކަމެވެ.
" ޕްލީސް ޔޫހާ... އަހަންނަށް ފުރުސަތު ދީ...ޕްލިސް!"
ދާއިން އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ. ޔޫހާގެ ކުރިމަތީގައި އިތުރަށް ބޭޒާރު ވެދާނެ ކަމަށް ހިމޭނުން އިންނަން ނިންމައިގެން އިން ދާއިން އަކަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ރޯމަހެއް ތެޅޭހެން ތެޅި ފޮޅެން ފަށައިފި އެވެ. އޭނާއަށް ޔޫހާ ސަލާމަތް ކުރެވޭނެ ހަނި ދާއިރާއެއް އޮތަސް އޭނާ އެކަން ކުރާނެ އެވެ.
" ކިހާ ވަރެއް އެމީހާއަށް ދޭންވީ...؟ 1 ލައްކަ؟ 2 ލައްކަ؟ 1 މިލިއަން؟ 2 މިލިއަން؟"
ދާއިން ކުރިއަށް ޖެހިލާ ޔޫހާގެ އަތުގައި ހިފެހެއްޓި އެވެ.
" ޕްލީސް ޔޫހާ...ކިތަންމެ ބައިވަރެއްވެސް ދޭން އަހަރެން މިހިރީ ތައްޔާރަށް.... އެއަށް ވުރެ ޔޫހާ އަހަންނަށް މާ އަގުބޮޑު!"
ހަރަކާތް ހުއްޓިފައި ދާއިންގެ މޫނަށް ބަލަހައްޓައިގެން ޔޫހާއަށް އިނދެވުނީ އެވެ. ދާއިން އޭނާ ދެކެ އެވަރަށް ލޯބި ވެދާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ!
" ޔޫހާ ޕްލީސް!"
އަނގައިން ނުބުނެ ބަލަހައްޓައިގެން އިން ޔޫހާގެ އަތްތިލައަށް ދާއިން ބާރަށް ފިތާލަމުން ތަޅުވައި ގަތެވެ. ކުއްލިއަކަށް ޔޫހާ އޭނާގެ އަނެއް އަތުން މޫނު ނިވާ ކޮށްލީ ކެތް ނުވެގެންނެވެ. އޭނާ ފަޅައިގެން ގޮސް ގިސްލެވެން ފަށައިފި އެވެ. އޭނާއަށް ދާއިންއާ ތަންކޮޅެއް ކުރީން ބައްދަލުވި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! ޝަހާދަތް އިނގިލީގައި ދަތް އަޅާލައިގެން ޔޫހާއަށް ބަލަން ދާއިން އިނެވެ. ޔޫހާއަށް ހަމަ ޖެހިލެވުނު އިރަކުން ޖަވާބުދޭނެ ކަމުގެ އުއްމީދުގަ އެވެ. އިރުކޮޅެއްގެ ފަހުން ޔޫހާ މަޑުމަޑުން ދާއިންގެ އަތުގެ ތެރެއިން އޭނާގެ އަތްތިލަ ދަމައިގަތެވެ. ދެން އޭނާ އަވަސް އަވަހަށް އޭނާގެ ފޯނާ ހޭންޑްބޭގް ނަގައިގެން ތެދުވި އެވެ.
" ދަނީ...! ފަހުން ބުނާނަން!"
ތެދުވަމުން ދާއިންގެ މޫނަށް ބަލާވެސް ނުލާ ޔޫހާ ބުންޏެވެ. ދާއިން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ކުއްލިއަކަށް އެގޮތަށް ވަކި ގޮތެއް ނުނިންމާ ދާތީ ދާއިން އަށް ވަރަށް އުނދަގޫވި އެވެ.
" ޔޫހާ...!"
ދާއިން އެއްޗެއް ބުނަން އުޅުނެވެ.
" ގުޅާނަން!"
އެހެން ބުނެފައި ޔޫހާ ބާރަށް ހިނގައިގަތީ އެވެ. ޔޫހާގެ ފަހަތުން ދާކަށް ވެސް ދާއިން އަކަށް ނުކެރުނެވެ. އޭނާ ހަމަ އެތަނުގައި އިން ގޮތަށް އިނީ އެވެ. ދެންމެގައި ބެހެއްޓި ކޮފީ ތަށިވެސް އަދި ހަމަ ހުރި ގޮތަށް ހުރީ އެވެ.
މާހިން ކޮޓަރީގައި ހުރި އިރުވެސް ބައްޕަ ބާރަށް ހޭއަޑު އިވެ އެވެ. ކޮންމެވެސް ވަރަށް ގާތް މީހަކު އައިސްގެން އުޅޭކަން ޔަގީނެވެ. އެހެން ނޫނީ ގޭތެރޭގެ ސިޓިންގް ރޫމާއި ހިސާބަކަށް އެމީހަކަށް ނާދެވޭނެ އެވެ. މާހިން ސިޓިންގް ރޫމަށް ފޭބި އިރު ބައްޕަގެ އެކުވެރި ވިޔަފާރިވެރިޔާ ޝައުކަތާއި އޭނާގެ ދަރިފުޅު ނާމީ ތިއްބެވެ. މާހިން ފެންނަ އިރަށް ނާމީ ތެދުވެގެން އައިސް މާހިންއާ ސަލާމް ކޮށްލަމުން މާހިންގެ ބުރަކަށީގައި ޖަހާލި އެވެ.
" ހެޕީ ބަރތްޑޭ!"
ޝައުކަތަކީ ޖައުފަރުގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިޔާ އެވެ. ޖައުފަރަކީ މިޒާޖުގެ ގޮތުން އެއްވެސް މީހަކާއެކު އެކުވެރިކަން މާ ގިނަ ދުވަހު ބޭއްވޭ މީހެއް ނޫން ނަމަވެސް ޝައުކަތާ ޖައުފަރުގެ އެކުވެރި ކަމަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ޝައުކަތަކީ ޖައުފަރުގެ " ޕަރލް ގަރޑަން" ނަމަކަށް ކިއާ ގަސް ވިއްކާ ފިހާރައިގެ ވެސް ހިއްސާދާރެކެވެ. ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ގަހާއި، މާ ފަދަ ތަކެތި ސަޕްލައި ކުރަނީ ޝައުކަތާ ޖައުފަރު ހިއްސާވާ ކުންފުންޏެއްގެ ދަށުންނެވެ. ޙަޤީޤަތުގައި އެއީ ޝައުކަތުވެސް އަދި ޖައުފަރުވެސް ކުރާ ވަރަށް ވުރެ ކުޑަ ވިޔަފާރި އެކެވެ. އެހެން ނަމަވެސް ދެމީހުންވެސް އެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންވާ ސަބަބަކީ ދެމީހުންގެ ދޭތެރޭގައި އޮންނަ ދުވަސްވީ އެކުވެރިކަން ކަމުގައިވެސް ވެދާނެ އެވެ.
ނާމީ އަކީ ޝައުކަތުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދާއިންގެ ސުކޫލް ދައުރުގެ އެކުވެރިއެކެވެ. ކުޑައިރުއްސުރެ މާހިންއާ ދާއިންއާ އެކުގައި ނާމީ ގިނަ ވަގުތު ތަކެއް ހޭދަކޮށްފައި ވީނަމަވެސް އެކުދީންނާއި ނާމީ އާއި މިޒާޖު ވަރަށް ތަފާތެވެ. ނާމީއަކީ އޭނާގެ ބައްޕަގެ ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތް ތެރިވާ ކުއްޖަކަށް ވާއިރު އޭނާއަށް ވަނީ އޭނާގެ ބައްޕަގެ މުއްސަނދި ކަމުގެ ނާޖާއިޒު ފައިދާ ނަގަން ވެސް ދަސްވެފަ އެވެ. އެއީ އުފަލާ މަޖަލުގެ ހުރިހާ ހަރުފަތްތަކެއް ގިރާ ކުރަމުން ގޮސް ހައްދުފަހަނަ އަޅާފައިވާ ޒުވާނެކެވެ. ކޮންމެ ވީކްއެންޑް އެއްގައި ރައްޓެހީންނާއި އެކު ކައިރި ހިސާބުގަނޑުގެ ގައުމަކަށް ޖައްސާލާ " ބޫޒް" ކޮށްލާ ޕާޓީ ކޮށްލުމަކީ އޭނާ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަބަދުވެސް އާ ވައްތަރަކަށް އުފާ ކޮށްލުމާއި އާ "ބިޓުން" ތަޖުރިބާ ކުރުމަކީ އޭނާއަށް މަޖުބޫރު މާއްދާ އެކެވެ. އޭގެ އިތުރުން މިހާރަކަށް އައިސް ދިވެހި ބައެއް ޒުވާނުން ފަދައިން އޭނާ އަކީ ވެސް " ކަސިނޯ " ގެ ދެވި ހިފާފައިވާ މީހެކެވެ. ލަންކާގެ "ބޭއިލީޒް" ކުލަބް 2000 " ފަދަ ތަންތާގައި އޭނާ އަކީ މަޝްހޫރު ނަމެކެވެ. ޙައިރާން ވާންޖެހޭ ކަމަކީ މިފަދަ ހުރިހާ ކަމެއް އޭނާ ފާޅުގައި ކޮށްއުޅޭ އިރުވެސް މިއިން އެއްވެސް ކަމަކާ އޭނާގެ މައިން ބަފައިން ކަންބޮޑު ނުވާ ކަމެވެ. މާހިންއަށް އޭނާއާ ގާތްކަން ބާއްވަން މިހާރު އުނދަގޫވި ނަމަވެސް މާހިންގެ ބައްޕައަށް ވެސް ނާމީގެ އެއްވެސް ވިޔާނުދާ ސިފައެއް ނުފެންނަ ކަމެވެ.
ނާމީއާ ޝައުކަތު އެގެއަށް އެއައީ ދުވަސް ގަނޑަކަށް ފަހުގަ އެވެ. އެދެބަފައިން ޖަރމަނީގައި ދުވަސް ތަކަކު ތިބުމަށް ފަހު މާލެއައީ އިއްޔެގަ އެވެ.
" ދާއިން އައިއްސި ދޯ! ހައު އިސް ހީ؟"
ނާމީ މާހިންއާ ސުވާލު ކޮށްލުމަށް ފަހު އެނބުރިލިއިރު ދާއިން އައިސް ސިޓިންގް ރޫމަށް ވަންނަނީ އެވެ. ދާއިންއަށް ނާމީ ފެނުމުން އޭނާގެ މޫނު މަތި އުޖާލާ ވެގެން ދިޔަ އެވެ. ދާއިންއާ ނާމީ އެ ބައްދަލުވީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
" ޔޫ ލުކް ޑިފަރެންޓް މޭން!"
ނާމީގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފުރަތަމަވެސް ދާއިންއަށް ފާހަގަ ކުރެވުނެވެ. ކުރީގައި ހުންނަ ޑީސެންޓް ކަމެއް މިހާރަކު އޭނާގެ ކިބައަކުން ނުފެނެ އެވެ. ބޮލުގެ ބުޅި އިސްތަށި ގަނޑު ދިގުކޮށްލާފައި ވާއިރު ދަތްދޮޅީގެ އެއްކޮޅުން އަނެއްކޮޅަށް ހިމަ ރޮނގެއްހެން ސްޓައިލް ކޮށްލާފައިވާ އޭނާގެ ތުބުޅި ދާއިންއަކަށް އެހާ ހިތް ގައިމެއް ނުވި އެވެ. ކުރީން ފެނުނު ނާމީގެ ސާފު ދެލޮލުގައިވެސް މިހާރު ހުރީ ރަތް ކުލަ އެކެވެ.
" އަނ އެއީ އުޅެވޭ ގޮތުން!"
ނާމީ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އެއީ ނާމީ ކޮށްލި ސަމާސާއެއް ނަމަވެސް މާހިން ޤަބޫލު ކުރި ގޮތުގައި އެއީ ހަމަ ޙަޤީޤަތެވެ.
ދާއިން ދިޔައީ ނާމީ ގޮވައިގެން ބިލިއަޑް ކުޅޭށެވެ. މިވަގުތު އޭނާވެސް ބޭނުން ވަނީ ހާސް ކަމުގެ ތެރެއިން ސިކުނޑި އެއްފަރާތް ކޮށްލާށެވެ. މާހިންއާ ދާއިން އާއެކު ކުޅެމުން ނާމީ ދާއިންއަށް ވަރަށް ގިނަ ވާހަކަތައް ކިޔައި ދިނެވެ. ރާއްޖޭން ބޭރުގައި ގިނަ ދުވަސް ތަކަކު ދާއިން އުޅެފައި ވާތީ ރާއްޖޭގެ " ކޫލް" ޒުވާނުންނާ ބެހޭ އަޕްޑޭޓެއް އޭނާ ދެމުން ދިޔަ އެވެ. ޒުވާން އުމުރަކީ އެންޖޯއީ ކޮށްލަން ޖެހޭ އުމުރެއް ކަމަށް ބުނެ މާހިންއަށް އަދިވެސް މިޒަމާނަށް ފިޓްވާން ދަސްނުވެފައި އެހެރީ މަންމަގެ ބަނޑުދޮށަށް ވަދެ އޮންނަން ހަދައިގެން ކަމަށް ނާމީ ބުންޏެވެ. މާހިންވެސް އެވާހަކަ ތަކަށް ރައްދެއްދޭކަށް ނޫޅެ އެވެ. ނާމީގެ އެސިފަތައް ބޭބެއަށް ކަމު ނުދާނެކަން މާހިންއަށް އިނގެ އެވެ.
ޝައުކަތާއި ނާމީ އެގޭން ދިޔައީ ރޭގަނޑުގެ ޑިނަރ އަށް ފަހުގަ އެވެ. ނާމީ ދިއުމުން މާހިން ދާއިން ގާތުގައި ނާމީގެ ބޮޑު ސިއްރު ފަޅާ އަރުވާލި އެވެ.
" އިނގޭތަ ނާމީ ޖަރމަނީގަ އެހާ ދުވަހު މަޑުކުރީ ކީއްވެކަން؟"
" ކޮންމެސް ވިޔަފާރީގެ ކަންތައްގަނޑެކޯ!"
ދާއިންއަށް އެނގިފައިވާ ގޮތަށް ދާއިން ބުނެލި އެވެ.
" ވިޔަފާރިއޭ...ހަހް؟ ހީ ވޯސް އިންޓު ޑްރަގްސް!"
މާހިން މޫނަށް ވައްތަރު ޖައްސާލި އެވެ. ދާއިން ދެލޯ ބޮޑު ކޮށްލި އެވެ. ކުރެވުނު ހުރިހާ މޮޅުކަމެއްގެ ވާހަކަ ނާމީ ކިޔައިދިން އިރުވެސް އެކަން ކުރި ވާހަކައެއް ނުބުނެ އެވެ.
" އެއައީ ހަމަސް ދުވަހު ރީހެބެއްގަ ހުރެފަ!"
މާހިން ބުންޏެވެ. މިފަހަރު ކޮއްކޮ ނާމީއާ މާ ގަޔާ ނުވި ސަބަބު ދާއިންއަށް މިހާރު ވިސްނިއްޖެ އެވެ.
" ބައްޕަ އެކަމު ތިކަހަލަ ވާހަކައެއް ނުވެސް ބުނޭ... ބައްޕަ އަދި މިހާރު ހީވޭ ނާމީއާ ކުރިއަށް ވުރެވެސް މާ ކްލޯސް ހެން...!"
އެއީ ދާއިންގެ ހިތުގައި އުފެދުނު ސުވާލެކެވެ. ދާއިން އެހެން ބުނުމުން މާހީ ހިނިގަނޑެއް ޖަހާލި އެވެ. ކޮއްކޮގެ އެ ހިނިގަނޑުގެ ނިވަލުގައި ކޮންމެވެސް އެއްޗެއް ފޮރުވިފައި ވާހެން ދާއިންއަށް ހީވި އެވެ.
" ކިހިނެތްވީ...؟"
ދާއިން ސީރިއަސް ވެލަމުން އަހާލި އެވެ. ކޮއްކޮ ކޮންމެސް ބޮޑުއެއްޗެއް ސިއްރު ކުރާހެން ދާއިންއަށް ހީވީ ކީއްވެ ހެއްޔެވެ!
" ނަތިންގް!"
މާހިން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ. ދާއިންވެސް އިތުރަށް އެވާހަކަ ދައްކާކަށް ނޫޅެ އެވެ. މިވަގުތު އޭނާއަށް މާ މުހިންމު އެހެން ކަމެއް އެބައޮތެވެ. ކޮއްކޮ އަށް ޔޫހާގެ ވާހަކަ ކިޔައިދީފިއްޔާ އަނެއް ކާވެސް ކޮއްކޮގެ އެހީއެއް ލިބިދާނެހެން ހީވެ އެވެ.
ދާއިން މާހިންއަށް ޔޫހާގެ ވާހަކަ ކިއައިދިނުމުން މާހިން ވަރަށް ރަނގަޅު އައިޑިއާއެއް ދިނެވެ. އެއީ ޔޫހާ ޤަބޫލު ނަމަ އެ މީހުންނާއި އެކު އެހީ ތެރިއަކު ފޮނުވުމަށެވެ. އޭރުން ހަމަ ގައިމުވެސް މިކޮޅަށް ވާނުވާ އެނގޭނެ އެވެ. އެ ގޮތަށް ޔޫހާ އެއްބަސް ނުވެއްޖެނަމަ ދެން އޮތް ގޮތަކީ ޔޫހާ ފުރުމުގެ ކުރީން އަދިވެސް ގިނަ އަދަދެއްގެ ފައިސާ ޔޫހާއާ ހަވާލު ކުރުމެވެ. އެއީ ފަހަރެއްގައިވެސް އެބުނާ މީހެއްގެ އަތުން ނަގައިފައިވާ ފައިސާ ހަމަ ނުވެގެން ޔޫހާ އެމީހާގެ ކިބައިން ސަލާމަތް ވާން ދަތި ވެދާނެ ތީއެވެ. ދެން އޮތް ސުވާލަކީ ޔޫހާ ފުރުމުގެ ކުރީން އެހާ ބައިވަރު ޑޮލަރު ހޯދާނެ ގޮތެކެވެ. ބައްޕަ ދީފިއްޔާ އެކަން ވަގުތުން ހަމަޖެހުނީ އެވެ. އެކަމާ ހަވާލުވީ މާހިން އެވެ. ބައްޕަގެ އަތުން މިއަދު މާހިންއަށް ކޮންމެ އެއްޗެއްވެސް އަތުލެވިދާނެ އެވެ. އެއްވެސް ވަގުތެއް ބޭކާރު ނުކޮށް މާހިން އެދިޔަ ގޮތަށް ދިޔައީ ބައްޕަ ހޯދާށެވެ. ބައްޕައާ ވާހަކަ ދައްކާލުމުން އިތުރު އެއްވެސް ސުވާލެއް ވެސް ނުކޮށް އެއްބަސް ވެއްޖެ އެވެ. އެހެން ނަމަވެސް ޑޮލަރު ހުރީ އޮފީސް ތިޖޫރީގައި ކަމުން އެފައިސާ އަތަށް އަރާނީ މާދަމާ އެވެ.
ދާއިން ޔޫހާއަށް ގުޅި އެވެ. ދާއިން ދެފަހަރަކު ގުޅާލުމުންވެސް ފޯނު ނުނެގުމުން މާހިން އޭނާގެ ފޯނުން ގުޅާލި އެވެ. ހަމަ ގުޅާލުމާއި އެކު ފޯނު ނަގައިފި އެވެ.
" ހަލޯ!"
އެކޮޅުން އިވުނު އޮމާން ރީތި އަޑު ކަންފަތުގައި ޖެހުމާއި އެކު މާހިންގެ ހިތަށް ވީ އަރާމަކުން އޭނާއަށް ހިނިތުން ވެލެވުނީ ބޭއިޚުތިއާރުގަ އެވެ. ކޮއްކޮގެ މޫނަށް ބަލަން އިން ދާއިންއަށް އުނދަގޫ ގޮތެއް އިޙުސާސް ވެގެން ދިޔައީ ކީއްވެ ކަމެއް ނޭގެ އެވެ.