މާޔޫސް ކަމާއި އެކު މާހިން ކައިރީގައި ހުރި ބެންޗެއްގައި އިށީނެވެ. މުޅީން ހިތްވަރު އެލިއްޖެ އެވެ. މާހިން ކަކުލުގައި އަތް ވިއްދާލަމުން ނިއްކުރީ ގައި އަތް ކާއްތާލި އެވެ. އެމީހާގެ މޫނުމަތީގައި އެހެރެ ސިފައަކީ މާހިންގެ ހިތުން ފިލާނެ ސިފައެއް ނޫނެވެ. އެ ބޮޑު ދެލޮލާއި ނޭފަތާއި މޫނުމަތީގެ ބައްޓަން ލޫނާ އާއި ތަފާތެއް ނެތެވެ.
ލޫނާ ގެއަށް ބަދަލު ކުރެވިއްޖެ އެވެ. މަންމަ ގާތުގައި ވަގުތު ހޭދަ ކުރާނެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ހިތް ހަމަ އެއް ނުޖެހެ އެވެ. ވޭތުވެ ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ދިރިއުޅުން ވަނީ އެތައް ގޮތަކަށް ބަދަލު ވެފަ އެވެ. ޝަމްސުގެ އަނިޔާއިން ސަލާމަތް ވުމަށް ފަހު މާހިންގެ ލޯތްބާއި އަޅާލުން ލިބެން ފެށުމުން ވޭތުވެ ދިޔަ ހިތާމަވެރި، ބިރުވެރި ވަގުތުތައް ހަނދާން ނެތިގެން ދިއަ ނަމަވެސް މިހާރު އޭނާގެ ދިރި އުޅުން ވަނީ ބަނަވެފަ އެވެ. ދިރި އުޅުމުގައި އުއްމީދު ކުރަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ދިރިއުޅެން ހިތްވަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ލޫނާއަށް އައިސްފައިވާ ބަދަލު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ހައިފާ އަށެވެ. އެއްގޮތަކަށްވެސް ލޫނާ އަނގައިން ނުބުނާ މައްސަލަ އެއީ އާދައިގެ ކަމެއް ނޫނެވެ. ޔޫހާ އާއި އެވާހަކަ ދެއްކުމުން ޔޫހާ ބުނަނީ ދުވަސް ކޮޅެއްގެ ތެރޭގައި މުޅީން ހަމަ ޖެހޭނެ ކަމަށެވެ. ޔޫހާއަށް ވެސް ހީވެފައި އޮތީ ކޮއްކޮއަށް އަދި ވާހަކަ ނުދެއްކެނީ ކަމަށެވެ. އެހެން ނަމަވެސް ނާމީ އެވާހަކަ ޤަބޫލެއް ނުކުރެ އެވެ. މާހިން އާއި ލޫނާ ވާހަކަ ދެއްކި މަންޒަރު ނާމީގެ ލޮލަށް ވަނީ ފެނިފަ އެވެ. ލޫނާ މިހާރު ވާހަކަ ދައްކަން ބޭނުން ނުވަނީ އެވެ. ނޫނީ މާހިން އާއި ވަކިވުމަށް ފަހު އަނެއްކާވެސް ލޫނާގެ ސިއްހީ ހާލަތު ދަށަށް ދިއައީ އެވެ. ލޫނާއަށް ކުރިމަތި ވެފައި އެވާ ހާލަތަކީ ގޮތް ނޭގޭ އުނދަގޫ ހާލަތެކެވެ. އެހެން ކަމުން ސީދާ ސީދާ އެއްޗެއް ބުނާކަށް ނާމީ އަކަށްވެސް ނޭނގެ އެވެ. އެހެން ނަމަވެސް އިނގޭ އެއްޗަކީ އެހާލަތުން ސަލާމަތް ވެވޭނީ ލޫނާގެ އަމިއްލަ ހިތްވަރުން ކަމެވެ. އަދި މާހިންއަށްޓަކައި ލޫނާ އެ ހިތްވަރު ކޮށް ކާމިޔާބު ވެފައި ވާ ކަމެވެ. މިހުރިހާ ކަމެއް އެނގި ހުރެމެ ޝަކުވާއެއް ކުރާނެ ފުރުސަތެއް ނާމީއަކަށް ނެތެވެ. ލޫނާ އޭނާ ދެކެ ލޯބި ވާކަމަށް ބުނި އިރު އޭނާ ވަނީ ލޫނާގެ ލޯތްބަށް ފުރަގަސް ދީފަ އެވެ. ލޫނާ ނާމީ ދެކެ ހަޤީޤަތުގައި ވީ ލޯބި ނޫން ކަމަށް ވެސް ބުނެވޭ ކަށް ނެތެވެ. ލޯތްބަކީ ހާލަތާއި ގުޅިގެން ބަދަލު ވާ އެއްޗެކެވެ.
ނާމީއަށް ވެފައި ވަނީ ވެސް އެހެންނެވެ. ނާމީގެ ސަބަބުން ލޫނާއަށް ދިމާވި ހާލަތަށް ފަހު ނާމީގެ ހިތްވެސް ވަނީ މުޅީން ބަދަލު ވެފަ އެވެ. ލޯބި ވެވުނު އިރު ލޯބި ވެވުނީ ވެސް އިންތިހާ އަށެވެ. ނާމީއަށް ލޫނާއާއި ދޭތެރޭގައި ކަން ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ނާމީގެ ހިތް ލޫނާގެ މައްޗަށް ބަދަލުވި ގޮތަށް ލޫނާގެ ހިތްވެސް ބަދަލު ވުމަކީ ދުރު ކަމެއް ނޫނެވެ. އެކަން ނާމީ ޖެހޭނީ ޤަބޫލު ކުރާށެވެ.
ކިތަންމެ ބޭނުން ވިއަސް ލޫނާއާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރުމަކީ ނާމީއަށް މިހާރު ފަސޭހަ ކަމެއް ނޫނެވެ. ލޫނާ އޮންނަނީ އަބަދު އެނދުގައި އޮށޯވެ އެވެ. މަންމަ ކައިރީގަ އެވެ. އެހެން އޮވެގެން ލޫނާ ކުރާނެ ފިކުރު އެންމެ ބޮޑަށް އިނގޭނީ ނާމީ އަށެވެ. އެހެން ކަމުން ދެން ނާމީ ބާރު އެޅީ އަވަހަށް މާލެ ދާށެވެ. އެންމެން ވެސް މިހާރު ބޭނުން ވަނީ އެގޮތެވެ.
މާހިން ހުރީ ބައްޕަގެ ވިޔަފާރި ބައްދަލު ވުން ނުނިމިގެން ލަސް ވެފަ އެވެ. އޭނާ މާލެ ދާހިތުން ހުރެވެނީ އެއް ނޫނެވެ.
އެއީ ކާމިޔާބު ބައްދަލުވުން ތަކެކެވެ. ހުޅުމާލެ އިން ބިން ހިއްކުމުގެ ޕްރޮޖެކްޓްގައި ބައިވެރި ވާނެ ބޭރުގެ އިންވެސްޓަރަކު ހަމަ ޖެހުނީ އެވެ. ބައްޕަގެ ވިޔަފާރި އެތަށް ތަނެއް ކުރިއަރައިގެން ދާނެ އެހެން ގޮތެއް ރޭވުނީއެވެ. ބައްޕަގެ އާ ބިޒްނަސް ޕްލޭން ބަލާލުމުން މާހިން ޙައިރާން ވިއެވެ. ބައްޕަގެ ސިކުނޑި ވަރުގަދަ ކަމުންނެވެ. ބައްޕަގެ އުއްމީދަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ފައިސާވެރިޔާއަށް ވުމެވެ. އެއީ ބައްޕަގެ ދިރިއުޅުމުގެ އެންމެ ބޮޑު މަޤްސަދެވެ. ވިޔަފާރި ބައްދަލު ވުން ނިމުމާއި އެކު މާހިން މާލެ ދާން ތައްޔާރު ވިއެވެ. އެހެން ނަމަވެސް އަނެއްކާވެސް ބައްޕަ އެހެން ކަމެއް ހަވާލު ކޮށްފިއެވެ. ފަސް ދުވަސް ފަހުން އޮންނަ ބައްދަލު ވުމެއްގައި މާހިން ބައިވެރިވާން ޖެހުން އެއީ ވަރަށް މޫޑު ގޯސްވި ކަމެކެވެ. އެހާ ދުވަހު އެކަނި މައި އެކަނި އެތާ ހުރެގެން ވަކި ކުރާނީ ކީއް ހެއްޔެވެ! ބައްޕަގެ އެހެން ރޭވުމެއް ވާހެން އޭނާއަށް ހީކުރެވެން ވެސް ފަށައިފި އެވެ.
އެހެން ނަމަވެސް އެކަމަށް ވެސް އެހެން ގޮތެއް ރޭވޭނީ މިމީއާއި ބައްދަލު ވެގެން ނޫން ހެއްޔެވެ! އެންމެ ހާސްވަނީ މިމީ އަށް ގުޅާ ގުޅާ ވެސް ޚަބަރެއް ނުވީތީ އެވެ. ބައްޕަ ކަންތައް ކުރި ގޮތުން މިމީގެ ބައްޕަ ނުޤަބޫލު ވީހެން ވެސް ހީވެ އެވެ. އެހެން ވިއަސް މިމީ އަށް މާހިން އިތުބާރު ކުރެ އެވެ. ސަބަބެއް ނާންގާ މިމީ އޭނާއާއި ދުރަކަށް ނުދާނެ އެވެ. ހިތް ބިރު ގަންނަނީ މިމީއަށް ކޮންމެވެސް ކަމެއް ވީ ހެން ހީވާތީ އެވެ. މާހިންގެ ކަމަކީ ފޭސްބުކް އާއި ޓްވީޓަރ ގައި ވަގުތު ހޭދަކުރުމެވެ. ފޫހިވާ ވާހަކަ އާއި މީހަކު މިސްވާ ވާހަކަ ލިއަމުން ދިއައީ މިމީއަށް ފެންނާނެ ކަން އިނގޭތީ އެވެ. އެހެން ނަމަވެސް މިމީގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. މާހިން މުޅީން މާޔޫސް ވެއްޖެ އެވެ. އޭނާއަށް އެތަނުގައި އެންމެ ވަގުތު ކޮޅެއްވެސް ވަރަށް ދިގެވެ. މިމީގެ ފޯނު ކޯލްތަކެއް މިސް ކުރެވުނީތީ މޮޔަ ހީވާން ފަށައިފި އެވެ. މިމީގެ މެސެޖް ތަކަށް ޖަވާބު ނުދެވުނީތީ ދެރަ ހީވާން ފަށައި ފިއެވެ. އެދުވަހު މިމީ ދެރަވާނެ ވަރު މިއަދު މާހިންއަށް އެބަ އިޙުސާސް ކުރެވެ އެވެ.
ހޮޓެލްގެ ޕޫލް އޭރިޔާގައި ހުރި ގޮނޑިއެއްގައި ދިގުދެމިލައިގެން މާހިން އޮތެވެ. އޭނާގެ ސިކުނޑި އެކި ދިމަދިމާއަށް މަސައްކަތް ކުރަމުން ދިއަ އެވެ. ލޫނާގެ ހިޔާލު ތަކުގެ އިތުރުން ލޫނާގެ ބައްޕައާއި ދޭތެރޭގައި އުފެދިފައިވާ ޝައްކުގެ ވާހަކަވެސް ކޮންމެވެސް މީހަކާ ހިއްސާ ކޮށްލާ ހިތް ވަނީ އެވެ. އެއަށް ވުރެވެސް ބޮޑަށް މިމީގެ މޫނު ދެކިލާ ހިތް ވަނީ އެވެ.
ފުރަގަހުން އައި ފިނިފިނި މަޑުމަޑު އަތަކުން މާހިންގެ މޫނު ނިވާ ކޮށްލި ވަގުތު މާހިން އަށް ލިބުނީ ސިހުމެކެވެ. އެ ތަނުގައި އޭނާ ދަންނަ މީހަކުވެސް ނެތް އިރު އޭނާގެ މޫނުގައި ދެއަތް އަޅަން ކެރޭނެ މީހަކު ހުންނާނެ ހެއްޔެވެ! މިމީއާއި ދޭތެރޭގައި ވިސްނެމުން ދިއަ ވަރުން އެއީ މިމީގެ އަތް ތިލަހެން ހީވި އެވެ. ނޭފަތުގައި ޖެހުނު މީރު ވަހަކީ މިމީގެ ހަށިގަނޑުގެ ވަސް ހެންވެސް ހީވި އެވެ. ކާކުތޯ އަހާލަން ވީ ކޮން ބަހަކުން ކަމެއްވެސް ނޭގެ އެވެ. ހިމޭނުން އިނދެވުނީ ހިސާބަކަށް ބިރުވެސް ގެންފަ އެވެ. މާހިން އެއްޗެއް ނުބުނުމުން އޭނާގެ މޫނުމަތީން އެއަތްތިލަ ދުރުކޮށްލައިފި އެވެ. އެވަގުތު ކުރިމަތީގައި ހުރި މީހަކު ފެނުމާއި އެކު މާހިން އަށް ކުއްލިއަކަށް ފަހަތަށް އެނބުރެވުނެވެ. އޭނާގެ ގޮނޑީގެ ފުރަގަހުގައި ހުރީ މިމީ އެވެ. ވީ އުފަލެއްގެ ބޮޑުކަމުން ގޮނޑިން ތެދުވަމުން މިމީގެ އަތުގައި ހިފާ ގަޔާގާތް ކޮށްލެވުނީ މިމީގެ ބައްޕަ ތައުފީޤް އެތަނުގައި ހުރި ކަން ހަނދާން ނައްތާލަމުންނެވެ.
ކުޑަ ދުވަސް ކޮޅަކަށް މާހިން މިމީއާއި ދުރަށް ޖެހިލުމަކުން މިމީގެ ޝަކުވާއެއް ނެތެވެ.
" އެކަމު ވަރަށް ދެރަވި! އިނގޭ މާހިން އަކީ ވަރަށް ބަސް ޤަބޫލް ކުރާ ކުއްޖެއްކަން! "
މާހިން އާއި މިމީ އެކަނި ބައްދަލު ވެލާނެ ފުރުސަތު ލިބުމުން މިމީ ބުންޏެވެ. އެކަމަކު މާހިންގެ ބައްޕަ މާހިން ގާތުގައި ދެއްކި އެއްވެސް ވާހަކައެއްގެ މައުލޫމާތެއް މިމީއަށް ލިބެންވީ ކީއްވެ ހެއްޔެވެ! އެސުވާލުގެ ޖަވާބު ވެސް މިމީ ދިނެވެ.
" އަހަރެންގެ ބައްޕައާއި މާހިންގެ ބައްޕަ ދިމާވި ދުވަހު އަހަރެންގެ ބައްޕަ ބުނި، މާހިންގެ ބައްޕަ އެއްވެސް ހާލެއްގަ އަހަރުމެންގެ ކައިވެންޏަކާ ޤަބޫލެއް ނުވާނޭ!"
މާހިންގެ ހިތުގައި ސުވާލު އުފެދުނެވެ.
" އެންމެ ކުރީން އަހަރެން ނަކަށް ނޭގެ މާހިންގެ ބައްޕައާ އަހަރެންގެ ބައްޕައާ ދޭތެރޭ މައްސަލަ އެއް އޮތް ކަމެއް! އެކަމަކު މާހިންގެ ބައްޕަ ހީކުރަނީ އަހަރުމެންގެ ގުޅުމަކީ އަހަރެންގެ ބައްޕަގެ ރޭވުމެއް ކަމަށް!"
ބައްޕަ އެހެން ހީކުރިއަސް އެއީ ހަޤީޤަތެއް ނޫން ކަން މާހިން އަށް ރަނގަޅަށް އިނގެ އެވެ.
" ކޮބާތަ މައްސަލަ އަކީ..... އަދިވެސް އަހަންނަކަށް ނުވިސްނޭ!"
އެވާހަކަ ކިޔާދޭން މިމީ އަކަށް މާ ފަސޭހައެއް ނުވި އެވެ. އެއީ މާހިން ގާތުގައި ދައްކަން ދަތި ވާހަކަ ތަކެކެވެ.
" ބުނެބަލަ.... އައި ނީޑް ޓު ނޯ!"
" މިހާ ޒަމާން ވަންދެން އަހަރެން އެމީހަކު ހޯދަން ބޭނުން ވެގެން އުޅުނު މީހަކީ.... މާހިންގެ ބައްޕަ!"
އެވާހަކަ އަޑުއެހުމުގެ ޝައުޤުވެރިކަން މާހިންގެ ހިތުގައި ބޮޑުވެގެން ދިއަ އެވެ.
" މާހިންގެ ބައްޕަ އަކީ އަހަރެންގެ ބައްޕަގެ ކައިރީގަ މަސައްކަތް ކުރި މީހެއް.....!"
އެހާ ހިސާބުން ފެށިގެން އެވާހަކަތައް މިމީ ކިޔައިދެމުން ދިއަ އެވެ. ވިޔަފާރީގައި އޭނާގެ ބައްޕައަށް ވީ ހިޔާނާތުގެ އިތުރުން ދައްކަން ދަތި އިތުރު ވާހަކަ ތަކެއް ހުރުމުން އޭނާ މެދު ކަނޑާލި އެވެ. މާހިން އިނީ ޙައިރާން ވެފަ އެވެ. މިމީ ބުނީ އޭނާގެ މަންމަ ނިޔާވީވެސް ބައްޕަ ދިން ހިތާމައެއްގެ ސަބަބުން ކަމަށެވެ. އެވަރުން މާހިން އަށް ފުދިއްޖެ އެވެ. އިތުރަށް އަޑު އަހާކަށް ބޭނުމެއްވެސް ނޫނެވެ. ބައްޕަގެ ވާހަކަ އަޑުއަހާކަށް އެހާ ފަސޭހަ އެއްވެސް ނޫނެވެ. މާހިން ވިސްނަން އޮތީ އެންމެ ކަމެކެވެ. މާހިންގެ ބައްޕަ އަށް އެވަރަށް ނަފްރަތު ކުރާ އިރުވެސް މިމީއާއި މިމީގެ ބައްޕަ މާހިންއަށް އިތުބާރު ކޮށްފި އެވެ. މާހިން އަދިވެސް މިމީއަށް އިންތިޒާރު ކުރާކަން އެނގުމުން އެމީހުން އެތިބީ މާހިން ހުރި ތަނަކަށް އައިހެވެ. ދެން މިމީއަށް އިތުރު ހިތާމައެއް ދޭކަށް މާހިން ބޭނުމެއް ނޫނެވެ. އޭނާ ގޮތެއް ނިންމައިފި އެވެ. އެކަމުގައި ބައްޕަގެ ހުއްދައެއް އަދި ލަފައެއް ވެސް ދެން އޭނާ ބޭނުމެއް ނޫނެވެ.
ގޭތެރޭގައި ދާއިން ދެކޮޅަށް އެނބުރެން ފެށުމުން ކޮންމެވެސް ކަމެއް ބޭނުން ވެގެން އުޅޭހެން ޒިޔާދާއަށް ހީވެއްޖެ އެވެ. މާލެ އައިއްސުރެ ދާއިން ފެންނަނީ އެފަދަ ނުތަނަވަސް ގޮތަކަށެވެ.
" ތި ވާހަކަ ބުނަން ކޮންމެސް ތަނެއްގަ ރީތި ކޮށް އިށީންނަން ވީނުން!"
މަންމަ ސަމާސަ ކޮށްލުމުން ދާއިން ވަރަށް އުފާވި އެވެ. އޭނާ ސޯފާގައި އިށީނުމުން ޒިޔާދާ ދާއިން ދައްކަން އުޅޭ ވާހަކައަށް ސަމާލު ވެލި އެވެ.
" އަހަރެނަށް ވަރަށް ރަނގަޅު ގަރލްފްރެންޑެއް ލިބިއްޖެ!"
ދާއިން ބުނަން އެ އުޅެނީ އެވާހަކަ ކަން ޒިޔާދާއަށް އެނގުނެވެ. ޔާނާގެ ވަކިވެ ދިއުމަށް ފަހު ދާއިން ވަނީ އޭނާގެ މަންމައާއި ވެސް ހިސާބަކަށް ދުރުވެފަ އެވެ. ޖައުފަރު ކިތަންމެ ވަރަކަށް މާހިން ކުށްވެރި ކުރި ނަމަވެސް ޒިޔާދާ ދާއިން ކުށްވެރި އެއް ނުކުރެ އެވެ. ދާއިން ޔާނާ ދެކެ ލޯބި ނުވާކަން ޒިޔާދާއަށް އަބަދުވެސް އިނގެ އެވެ. ލޯބި ނުވާ މީހަކާއި ކައިވެނި ކޮށްގެން ވާނެ ގެއްލުން ޒިޔާދާއަށް ވަނީ ރަނގަޅަށް އިޙުސާސް ކުރެވިފަ އެވެ.
" ދައްކާ ފޮޓޯ!"
ޒިޔާދާ އެހެން ބުނީ ހިނިތުން ވުމަކާއި އެކުގަ އެވެ. ދާއިން ހޯދާ ކުއްޖަކީ ވަރަށް ރީތި ކުއްޖަކަށް ވާނެ ހެން އޭނާއަށް ހީވި އެވެ. ދާއިން ފޯނު ބަލާލަމުން އެންމެ ފަހުން ޔޫހާއާއި ލޫނާ ހޮސްޕިޓަލްގައި ނަގާފައި ވާ ފޮޓޯ މަންމައަށް ދައްކާލި އެވެ. ދާއިން މަންމަގެ މޫނަށް ބަލަން ހުރީ މަންމައަށް ޔޫހާ ފެނުމުން އުފާވާނެ ވަރު ދާއިން އަށް އިނގޭތީ އެވެ. ޒިޔާދާގެ މޫނު މައްޗަށް ވެގެންދިއަ ގޮތުން ދާއިން އަށް ލިބުނީ ޙައިރާން ކަމެކެވެ. ދާއިން އެއްޗެއް އަހާލުމުގެ ކުރީން މަންމަ ސުވާލު ކުރި އެވެ.
" މީ ކާކު؟ "
މަންމަ އިނގިލި ޖައްސާލީ ލޫނާގެ ފޮޓޯގަ އެވެ.
" ތީ ޔޫހާގެ ކޮއްކޮ!"
ހިސާބަކަށް ސުވާލު އުފެދިފައި ދާއިން ބުންޏެވެ. ލޫނާއަށް ދިމާވި ހާދިސާ ގިނަ ބަޔަކަށް އެނގިފައި އޮވެދާނެތީ ދާއިން ކަންބޮޑުވި އެވެ.
" ކިހިނެއްވީ؟"
ދާއިން އެހިއެވެ.
" ބައްޕަ އުޅުނީ މީނައާ އިންނަން! ވަރަށް ޚަރަދުވެސް ކުރި! ބައްޕަ އަތުން ވަރަށް ބައިވަރު ލާރި އަތުލައިގެން މީނަ ފިލީ!"
މަންމަގެ އަނގައިން އެ ބަސްތައް އިވުމުން ދާއިންއަށް ވަރަށް އުނދަގޫވި އެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ގޮތަށް އެއްޗެއް ނުބުނެވިފައި އިރު ކޮޅެއް ވަންދެން އިނދެވުނެވެ.
" ދޮގެއް! ތީ ވަރަށް ބޮޑު އޮޅުމެއް!"
ދާއިން ޔަޤީން ކަމާއި އެކު އެހެން ބުނި ނަމަވެސް އެވާހަކައިގެ ހަޤީޤަތް ތަކެއް ހުންނާނެ ކަން ދާއިން އަށް ވެސް އެނގުނެވެ. ދާއިން އިތުރު އެއްޗެއް ނުބުނެ އެތަނުން ތެދުވި އެވެ. ވަރަށް ޅަ، އެހާމެ ރީތި ކުއްޖަކާއި ކައިވެނި ކުރަން ބައްޕަ ބޭނުން ވެގެން އުޅޭ ވާހަކަ ކޮއްކޮ ވެސް ވަނީ ބުނެފަ އެވެ. އެވާހަކައިގެ ހަޤީޤަތް އިނގޭނީ ކޮއްކޮއަށެވެ. އެވާހަކައިގައި އެއްވެސް ހަޤީޤަތެއް ވާނަމަ އަނެއްކާ އަނެއް ކަންތަކާއި ޖެހުނީ އެވެ. ޔޫހާއާއި ދާއިން އަށް ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް ނެތުނީ އެވެ.
ދާއިން ބޭރަށް ނުކުތުމަށް ފަހު ކޮއްކޮއަށް ގުޅާލި އެވެ. ހަމަ ގުޅާލުމާއި އެކު ކޮއްކޮ ފޯނު ނެގިއެވެ.
" އައި ޖެސްޓް ގޮޓް މެރިޑް!"
މާހިންއާއި މިމީގެ ކައިވެނި ކުރެވުނީ އެވެ. އެއީ މިމީއާއި ތައުފީޤްގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ.
"ވަޓް!"
ދާއިންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އުފާވާންވީ ކަމެއް ދެރަވާންވީ ކަމެއްވެސް ނޭގުނެވެ. ކޮއްކޮ ހުރީ މާލޭގަ އެވެ. މާލެ އައި ގޮތަށް ގެއަށް ވެސް ނައިސް ކައިވެނި ކޮށް ނިންމާލީ އެވެ! ކޮއްކޮ ހުރިތަން އެނގުމާއި އެކު ދާއިން އެދިމާއަށް ދާން އަވަސް ވެ ގަތެވެ. އެންމެ ފުރަތަމަ ކޮއްކޮއަށް މަރުހަބާ ކިޔާ މީހަކަށް އޭނާވާން ބޭނުން ވިއެވެ.
ޖައުފަރު މީޓިންގް އަކަށް ގަޑިޖެހޭތި އަވަސް އަރުވާލާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެހެން ނަމަވެސް ސިޓިންޤް ރޫމާއި ހިސާބަށް ނުކުމެފައި ހުއްޓެވިއްޖެ އެވެ. އެއްވެސް މީހެއްގެ ހުއްދައެއް ނެތި ތައުފީޤަށް އެގޭގެ ސިޓިންގް ރޫމާއި ހިސާބަށް އާދެވުނީތީ އެހާ ރުޅި ގަދަވި އެވެ.
" ކާކު ކަލޭ މިހާ ހިސާބަށް ވެއްދީ!"
މޫނުމަތީން އަވި އައިނު ދަމައި ގަންނަމުން ޖައުފަރު ބާރަށް އެހިއެވެ.
" ދެން އަހަރެން މިގޭން ނެރޭކަށް ފަސޭހައެއް ނުވާނެ!"
ކުރީން ދުވަހަކުވެސް ތައުފީޤް ހިނިތުން ނުވާވަރަށް ތައުފީޤް ހިނިތުން ވެލީ ގަސްދުގަ އެވެ.
" މިހާރު އަހަރެންގެ ދަރިފުޅަކީ ކަލޭގެ ދަނބި ކޮއި!"
ޖައުފަރު ގެ ބޮޑު ހަށިގަނޑަށް ހީވީ ވަރުގަދަ ޒަލްޒަލާއެއް އައި ހެންނެވެ. މޫނުމަތި ރަތްވެ އެމޫނު މަތި ބޯ ވެގެން ދިއައީ ބަލަބަލާ ހުއްޓަ އެވެ.
" ދެންމެގަ މާލޭ ކޯޓުގަ އެކައިވެނި އެ ކުރެވުނީ! މަރުހަބާ ކިޔާލަން މިއައީ! ވަރަށް ސަލާން!"
އެހެން ބުނެފައި ހިނިގަނޑެއް ޖަހާލަމުން ތައުފީޤް އެނބުރި ދާން ހިނގައި ގަތީ ހިތްހަމަ ޖެހުމާއި އެކުގަ އެވެ.
" ޒިޔާދާ!"
ޖައުފަރު ހަޅޭއްލަވައި ގެންލެއް ބާރު ކަމުން މުޅި ތަންވެސް ގުޑިގެން ދިއަ އެވެ. ޒިޔާދާއަށް ކޮޓަރީން ބޭރަށް ނުކުމެވުނީ ދުވެފަ އެވެ. ބޭރަށް ނުކުތް އިރު ސިޓިންގް ރޫމްގެ ދޮރުމައްޗަށް އަރާ ހަމަވި މާހިން އާއި އެކުގައި ހުރި މިމީ ޒިޔާދާއަށް ފެނުނެވެ. ޒިޔާދާ ސުވާލެއް ކުރުމުގެ ކުރީން ބަހެއް ބުނީ މާހިންއެވެ.
" ބައްޕާ!"
މާހިންގެ އަޑު ޖައުފަރުގެ ކަންފަތަށް ވަދެގެން ދިއައީ ތޫނު ތީރެއް ހެންނެވެ.
" ހަބަރުދާރް!"
ޖައުފަރު ބާރަށް އެނބުރިލިއިރު އޭނާގެ ދެލޯ ވެސް ހީވަނީ އަނގުރު އަލިފާން ކޮޅެއް ހެންނެވެ.