" ޝީ އިސް މައި ގަރލް! އަހަރުމެން މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން!"
ޖައުފަރުގެ މޫނުމަތީން ފާޅުވެގެން ދިއައީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމެވެ. އެވާހަކަ އޭނާއަށް ޤަބޫލު ކުރަން ދަތިވީ އެތައް ސަބަބުތަކަކަށްޓަކަ އެވެ. ޖައުފަރަށް ބަލައިލެވުނީ ދޮރުން ވަނުމާއިއެކު ހުއްޓުން އަރާފައި ހުރި ފުއާދަށެވެ. ލޫނާ އާއި ދިމާއަށް ބަލަހައްޓައިގެން ފުއާދަށްވެސް ހުރެވުނީ އެވެ. އެއީ ހަމަ "އެ ކުއްޖާ" އެވެ! އެތައް ދުވަހެއް ވަންދެން ހޯދަން މަސައްކަތް ކޮށް ވީނުވީ ތަނެއް ނޭގިގެން އުޅޭ ޖައުފަރުގެ "މަރީ" އެވެ!
ލޫނާ އާއި އެކު ނާމީ ވެސް އައިސް އިށީނެވެ. ޒިޔާދާ ފެނުމުން ދާއިން ތެދުވެ ޔޫހާ އާއި ޔޫހާގެ އާއިލާ، މަންމައަށް ތައާރަފް ކޮށްދިނެވެ. ކޮންމެ މީހަކަށްމެ ނާމީ ލޫނާ ތައާރަފް ކޮށްދިނީ އޭނާގެ ވާން އުޅޭ އަނބިމީހާގެ ގޮތުގަ އެވެ. ޝައުކަތު އިނީ ހިތްހަމަ ޖެހިފަ އެވެ. ނާމީ އަށް ލޫނާ ކަމުދަންޏާ އޭނާއަށް ކަމު ނުދާންވީ ސަބަބެއް ނެތެވެ. އެ ބައްދަލުވުމުގައި ގިނަ ވާހަކަ ދެއްކީ ނާމީ އާއި ޝައުކަތެވެ. ޖައުފަރު ދައްކަން އުޅުނު ގިނަ ވާހަކަ ތަކެއް ނުދެއްކުނެވެ. އޭނާ އިނީ ހިސާބަކަށް ޖެހިލުން ވެފަ އެވެ. އެހެން މީހުންގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ތުންފަތް މައްޗަށް ލުއި ހިނިތުން ވުމެއް ވެރި ކުރުވާފައި ވީނަމަވެސް އޭނާގެ ހިތުގައި ވަނީ ނުތަނަވަސް ކަމެވެ. ލޫނާއާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު އެހިތުގައި އިތުރު ސުވާލު ތަކެއް އުފައްދަ އެވެ. އޭނާ އިނީ ހިސާބަކަށް ލަދުވެސް ގެންފަ އެވެ. ފުއާދު ބަހެއް ބުނެފާނެތީވެސް ހިސާބަކަށް ޖެހިލުން ވެފަ އެވެ.
ޒިޔާދާއަށް ޔޫހާ ވަރަށް ކަމުދިއަ އެވެ. ޔޫހާއަކީ ރަނގަޅު އަންހެން ދަރިއަކަށް ވާނެ ކަން އޭނާއަށް ޔަޤީނެވެ. ޔޫހާ އެގެއަށް އަތުވެއްޖެނަމަ އޭނާގެ އެކަނި ވެރިކަން ފިލާނެ އެވެ. ހައިފާ ބޭނުން ވީ ވީހާވެސް އަވަހަކަށް އެ ކައިވެނީ ގެ ކަންތައް ނިންމާށެވެ.
" އެހެންވީމަ އަހަރުމެން ދެމީހުންގެ ކައިވެނީގެ ކަންތައް އެކީގަ ނިންމަން ވީނުން! ވަޓް ޑޫޔޫ ތިންކް ދާއިން؟ "
ދާއިންއަށް އެވާހަކަ ދައްކަން ނުކެރިފައި އިން ނަމަވެސް ނާމީ ޖެހިލުމެއް ނުވެ އެވެ. ނާމީ ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ލޫނާ އޭނާގެ މިލްކަކަށް ހަދާށެވެ! ޝައުކަތު އިނީ ލޫނާއަށް ބަލާށެވެ. އެގެއަށް ވަނީއްސުރެ އިސް ޖަހައިގެން އިން ލޫނާގެ މޫނުމަތީން އެއްވެސް އުފާވެރި ކަމެއް އޭނާއަކަށް ނުފެނެ އެވެ. ލޫނާ ނާމީއާއި މާ ގަޔާވާހެން ޝައުކަތަށް ހީނުވަނީ ކީއްވެ ހެއްޔެވެ!
ޖައުފަރު ވެސް ވިސްނަމުން ދިއައީ ލޫނާއާއި ދޭތެރޭގަ އެވެ. ލޫނާގެ ހަޤީޤަތް ނާމީ އަށް އިނގޭބާއޭ އޭނާގެ ހިތަށް އަރަމުން ދިއަ އެވެ.
" ތީ ރަނގަޅު ގޮތެއް... ބައްޕަ އަށް އޯކޭ ވަންޏާ!"
ދާއިން ބައްޕައަށް ބަލާލި އެވެ. ބައްޕަގެ ހަމަހިމޭންކަން އޭނާއަށް ވެސް ފާހަގަ ކުރެވުނެވެ.
" އަހަރުމެންނަށް މައްސަލައެއް ނެތް ދޯ ޖައުފަރު!"
ޖަވާބު ދިނީ ޝައުކަތެވެ. ޖައުފަރު ޝައުކަތާއި އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލި އެވެ.
އެ ގޭގައި މާގިނަ ވަގުތު ތަކެއް ހޭދަ ނުކޮށް ބައްދަލު ވުން ނިމިގެން ދިއަ ނަމަވެސް އެންމެންވެސް ތިބީ ހިތްހަމަ ޖެހިފަ އެވެ. އެންމެ އުފާވީ ނާމީ އެވެ. ހުރިހާ ކަމެއް އަނެއްކާވެސް ހަމަ ޖެހުނީތީ އެވެ. ކައިވެނީގެ ކަންތައް ކުލަ ގަދަކޮށް ރޭވުމަށްޓަކައި ދާއިން އާއި ނާމީއާއި ވަނީ ހަވާލު ވެފަ އެވެ.
އެންމެން އެތަނުން ގޮސް ފުއާދާއި ޖައުފަރު އެކަނި ވުމުން ފުއާދު އައިސް ޖައުފަރުގެ ގާތަށް ހުއްޓުނެވެ.
" ކިހިނެއްތޯ މިވީ!"
ފުއާދު ސުވާލު ކުރުމުން ޖައުފަރުގެ މޫނު ރަތް ވެގެން ދިއަ އެވެ. އޭނާ ހުރީ ލަދުން ބުނާނެ އެއްޗެއް ނޭގިފަ އެވެ. އެ ކުޑަކުޑަ އަންހެން ކުއްޖާ އޭނާގެ ސިކުނޑިއަށް އެރި، އެތައް ފައިދާއެއް ނެގުމަށް ފަހު މިހާރު އެއުޅެނީ އެހެން ސިފައެއްގައި އޭނާގެ ދިރިއުޅުމަށް ވަންނާށެވެ!
" މަރީ! ލޫނާ....!"
ޖައުފަރު ދުރަށް ހިނގައި ގަންނަމުން ދެދަތްޕިލަ ގާތް ކޮށްލި އެވެ.
" ކިހާ ވަރެއް އަހަރެންގެ އަތުން ޚަރަދު ވެއްޖެ؟"
" ދެ މިލިއަނާ ގާތަށް!"
އެ ހުރިހާ ކަމެއްގެ މެދުވެރި އަކަށް ވެފައި ވަނީ ފުއާދެވެ.
ހަޤީޤަތުގައި ޖައުފަރު ކަންބޮޑު ވަނީ މާލީ ގެއްލުމެއް ވެގެނެއް ނޫނެވެ. ސިއްރުވެރި ގިނަ އަންހެނުން ތަކެއް ގެންގުޅެވިފައި ވީނަމަވެސް އޭނާގެ ހިތް ދެވުނު ހަމަ އެކަނި އަންހެނަކީ އެ ކުއްޖާ އެވެ! އެތައް ފަހަރަކު ފޯނުން ގުޅައިގެން ވާހަކަ ދެއްކިފައި ވާއިރު ފޯނުން، ލޯބީގެ އެކި ސަކަރާތް ވެސް ވަނީ ޖެހިފަ އެވެ! އެއީ ދުވަސްވެ މުސްކުޅި ވީ ދުވަހު ޒުވާން ކަމުގެ އިޙުސާސް ކޮށްދިން އަންހެނެކެވެ. ތަކުރާރު ކޮށް އެދުމުން ވެސް ބައްދަލު ނުކޮށް ލަސްކުރަމުން ކުރަމުން ގޮސް އެންމެ ފަހުން މަރީގެ ޚަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވީއިރު މަރީ ހޯދުމުގެ މަސައްކަތް ޖައުފަރު ފަށާފައި ވަނިކޮށް ކުއްލިއަކަށް އެގެއިން މަރީ އެފެނުނީ މުޅީން އެހެން މީހެއްގެ ގޮތުގަ އެވެ. ޖައުފަރުގެ ހިތުގައި ސުވާލު ތަކެއް ވަނީ އުފެދިފަ އެވެ. އެ ސުވާލު ތަކުގެ ޖަވާބު އޭނާ ހޯދަން ބޭނުން ވިއެވެ.
ދާއިންގެ ކައިވެންޏާއި ބެހޭ މައުލޫމާތު ކޮއްކޮއާއި ހިއްސާ ކުރަން ދާއިން ބޭނުން ވިއެވެ. ދާއިން، ކޮއްކޮ އާއި ބައްދަލު ކުރީ "ޔޭ ބޭ" ރެސްޓޯރެންޓްގެ ހަމަ ހިމޭން މައުހައުލުންނެވެ. ދާއިން އެވާހަކަތައް ކިޔައި ދިނުމުން މާހިން ވަރަށް އުފާވި އެވެ. އެހެން ނަމަވެސް ބައްޕައާއި ބައްދަލު ކުރަން ލޫނާ ގޮވައިގެން ދިއަ ވާހަކަ ބުނުމުން އޭނާ ވިސްނާލި އެވެ. ލޫނާއާއި ދޭތެރޭގައި ބައްޕައަށް ހީވެފައިވާ އެއްޗެއް ރަނގަޅު ކޮށްދިނުމަކީ އޭނާ ކުރާނެ ކަމެކެވެ.
މާހިން ފުއާދާއި ބައްދަލު ކުރީ އެ މަޤްސަދު ގައެވެ. ބައްޕަގެ ނުޤަބޫލުގައި ކައިވެނި ކުރަން ޖެހުނީތީ މާހިން ހިތާމަ ކުރާ ވާހަކައިގެ ތެރޭން ގޮސް ޔޫހާގެ އާއިލާއަށް ޖެހުނު ހިތާމަވެރި ކަންތައްތައް ކިޔައި ދެމުން އެކުދީންގެ ބޮޑުބޭބެ ޝަރީފް އެކުދީންނާއި ދޭތެރޭގައި ކަންކުރި ގޮތުގެ ވާހަކަތައް އޭނާ ކިޔައިދިން އިރު ފުއާދުގެ ޝައުގުވެރިކަން ހުރި ވަރު މާހިންއަށް ފާހަގަ ކުރެވުނެވެ. ފުއާދު އެވާހަކަތައް ބައްޕައަށް ކިޔައި ދޭނެކަން މާހިންއަށް އިނގެއެވެ. ބޭނުމަކީވެސް އެއީ އެވެ. ލޫނާއަކީ އެއްވެސް ނުބައި ރޭވުމެއް ރާވާނެ މީހެއް ނޫނެވެ. އޭނާ އަކީ ތޯހިރު އަންހެން ކުއްޖެކެވެ. ލޫނާއަށް ނުވެސް އެނގި ހުއްޓާ އޭނާގެ ނަމުގައި ބަޔަކު ރޭވި ރޭވުމެއްގައި ބައްޕަ ފަދަ ބޯ ރަނގަޅު މީހަކު ޖެހުނީތީ މާހިންވެސް ހިތާހިތުން މަލާމަތް ކުރަމުން ދިއަ އެވެ. މާހިންގެ ހިތުން ޤަދަރެއް ދެވުނު އެ އަންހެން ކުއްޖާއާއި ދޭތެރޭގައި ބައްޕަ ޚިޔާލެއް ކުރަން ވެސް މާހިން ނޭދެ އެވެ.
ފުއާދު އެވާހަކަތައް ކިޔައިދިން އިރު ޖައުފަރު އެވާހަކަ އަށް ސަމާލު ކަމެއް ނުދޭކަމަށް ހަދައިގެން އިނީ ލަދުގެން ވަރުންނެވެ. އެފްބީ ފަދަ ސޯޝަލް މީޑިއާ ބޭނުން ކޮށްގެން އެހެން މީހުންގެ ނަމުގައި އަންހެނުން ހައްދާ ވާހަކަ އޭނާވެސް އަޑު އަހަ އެވެ. އެހެން ނަމަވެސް ލޫނާގެ ނަމުގައި ކޮންމެވެސް މީހަކު އެތައް ފަހަރަކު އޭނާއާއި ފޯނުންވެސް ވަނީ ވާހަކަ ދައްކާފަ އެވެ. ބޮޑު ޚަރަދެއްވެސް އޭނާ ކޮށްފައި ވަނީ ހިތުގައި ލޫނާގެ ތަސްވީރު ފޮރުވައިގެންނެވެ. އޭނާގެ ސިކުނޑިން ލޫނާގެ ތަސްވީރު ފޮހެލުމަކީ ދެން ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. ޅީ ދަރިފުޅާއި އެކުގައި އެކުއްޖާ ގިނަގިނައިން ފެންނަން ވެއްޖެނަމަ ކަމަކު ނުދާނެ އެވެ.
ލޫނާގެ ދިރި އުޅުން ވަނީ ހިމޭން ވެފަ އެވެ. ދިރިއުޅޭނެ ވަކި މަޤްސަދެއް ނެތެވެ. އޭނާގެ އާއިލާ ބޭނުން ކޮންމެ ގޮތަކަށް އޭނާއެ ދިރިއުޅުމުގެ ކަންކަން ރާވަމުން ގެންދަނީ އެވެ. އޭނާގެ ފަރުވާލެއްވެސް ނެތެވެ. މިހާރު ޚުދު އޭނާގެ ކުރިމަތީގައި ވެސް އޭނާގެ ނަފްސްގެ އަގެއް ނެތެވެ. ޝަމްސު ފަދަ ހަޑި ހުތުރު މީހެއްގެ ޝިކާރައަކަށް ވެފައި ވާ މީހެއްގެ އޮންނާނީ ވެސް ކޮން އަގެއް ހެއްޔެވެ! ނާމީއާއި އޭނާގެ ކައިވެންޏާއި ދޭތެރޭގައި މަންމަމެން އެހާ ހިތްހަމަ ޖެހިފައި އެތިބަ ސަބަބަކީ ވެސް އެއީ އެވެ. އެހެން ނޫންނަމަ އޭނާ ނާމީއާއި ކައިވެނި ކުރާކަށް މަންމަވެސް ބޭނުމެއް ނުވާނެ އެވެ. ނާމީއަކީ އޭނާ ހުވަފެނުން ދެކެމުން އައި ފަދަ މީހެއް ނޫނެވެ. ބައްޕަ އެދުނު ފަދަ ރިވެތި އަހުލާޤެއް ނާމީގެ ނެތެވެ. މިހާރު ނާމީ ކިތަންމެ ބަދަލު ވެފައިވީ ނަމަވެސް ނާމީ އަކީ ގިނަ އަންހެން ކުދީންނަށް ބާވެފައި ވާ ޒުވާނެކެވެ. ލޫނާގެ ހަޔާތުގެ ބައިވެރިއަކަށް ލޫނާ އުއްމީދު ކުރި ކަހަލަ މީހެއް ނޫނެވެ. ލޫނާގެ ހިތުގައި ނާމީގެ މައްޗަށް މާ ބޮޑު ލޯތްބެއް ނެތްކަން ނާމީއަށް ވެސް އިނގެ އެވެ. އެހެން ނަމަވެސް ނާމީގެ ލޯބީގެ ސަބަބުން ލޫނާގެ ހިތް ފަތަހަ ކުރުމަކީ ނާމީއަށް މާ އުނދަގޫ ކަމަކަށް ނުވާނެ ކަންވެސް ނާމީއަށް އިނގެ އެވެ.
ނާމީގެ ކައިވެނީގެ ވާހަކަ އަޑު އިވުމުން މޯނާ އަށް އެޓެކެއް ޖެހުނު ކަހަލަ އެވެ. އަދި އެ އެޓެކް ސީރިއަސް ވާން ޖެހުނީ އަނގަ ބަންދު ކޮށްގެން އިންނަން ޖެހުމުންނެވެ. ނާމީގެ ކައިވެނި ރޭވެމުންދާ ޚަބަރާއި އެކު ޝައުކަތު ވަނީ އިންޒާރު ވެސް ދީފަ އެވެ. އެއްވެސް އެއްޗެއް ނުބުނުމަށެވެ. ޝައުކަތަށް މޯނާއަށް ވުރެ ބޮޑަށް ނާމީ މުހިއްމު ވެއްޖެކަން އެނގުމުން މޯނާގެ ސިކުނޑީގެ ފީތާ ހަ ގުނަ ބާރަށް އެނބުރި ގަތެވެ. ދެން އެންމެ ރަނގަޅު ގޮތަކީ ނާމީ އާއި ގާތް ވެލުމެވެ. ކައިވެނީގެ ހުރިހާ ކަމެއް ލޯތްބާއި އެކު ބަލަހައްޓާ ދިނުމެވެ.
މިމީގެ އުނގުގައި ބޯ އަޅާލައިގެން އޮތް ނަމަވެސް މާހިންގެ ޚިޔާލުތައް ވަނީ އެހެން ދިމާއެއްގަ އެވެ. ބޭބެގެ ކައިވެނީގެ ކަންތައް އެހާ ކުލަގަދަކޮށް ރޭވޭއިރު މާހިން އަށް އެކަމުގައި ބައިވެރި ވެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަނގައިން ނުބުނެ އިން ނަމަވެސް މިމީއަށް ވެސް މާހިން އެ ވިސްނާ އެއްޗެއް އިނގެ އެވެ. މާހިންގެ ބައްޕަ ބޭބެގެ ކައިވެނި އެހާ ކުލަގަދަ ކޮށް ބާއްވަން ބޭނުންވާ ސަބަބު މާހިންއަށް ނުވިސްނުނަސް މިމީއަށް ވިސްނެ އެވެ. އަދި އެއަށް ވުރެ އިތުރަށް ވިސްނޭ މީހަކުވެސް އެބަ ހުއްޓެވެ. އެއީ މިމީގެ ބައްޕަ ތައުފީޤެވެ. އެގަޑީގައި ތައުފީޤް އެގެއަށް އައީ މިމީއާއި ބައްދަލު ކުރާކަށް ނޫނެވެ. މާހިން ގާތުގައި ވާހަކައެއް ބުނާށެވެ. ބައްޕަ އައުމުން މާހިން ތެދުވެ ގޮނޑީގައި ހަމަ ޖެހިލި އެވެ.
" މާހިން މަންމަ ދެކިލާ ހިތެއް ނުވޭތަ؟"
މިމީގެ ބައްޕަ އެ ސުވާލު ކުރުމުން މާހިންއަށް އުނދަގޫވެސް ވިއެވެ. މާހިން އެއްޗެއް ނުބުނެ އިސްޖަހާލަމުން ހިނިތުން ވެލި އެވެ. އޭނާ ކިތަންމެ ވަރަކަށް މަންމަ ދެކިލާ ހިތް ވިއަސް މަންމަ އެގެއަށް ގެންނާކަށް ނުކެރޭނެ އެވެ. ބައްޕައަށް އެނގިދާނެ ތީއެވެ.
" މާހިންގެ ބައްޕަ ދެންމެގަ ރާއްޖޭން ބޭރަށް ފުރައިފި. މިރޭ ރަނގަޅުވާނެ މާހިން ގެއަށް ގޮސްލަން!"
ތައުފީޤް އެބުނި އެއްޗަކާއި ދޭތެރޭގައި މާހިން ވިސްނާލަން ޖެހުނެވެ. ކޮންމެހެން މިރޭ މާހިން ގެއަށް ފޮނުވަން މިމީގެ ބައްޕަ ބޭނުން ވި ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.
" ދިހަ ގަޑި ބައި ވާއިރު! ގޭގެ ހުޅަނގު ފަރާތު ދޮރުން ވަނީމަ ރަނގަޅު ވާނެ. އެއްވެސް ގާޑަކަށް ވެސް މިރޭ އެފަރާތަކަށް ނުދެވޭނެ. މިރޭ މީ ޝިޕްމަންޓެއް އަންނަރޭ! "
ތައުފީޤް ނުސީދާކޮށް އެބުނި ޖުމުލައިގެ މާނަ މާހިންއަށް ރަނގަޅަށް ނުވިސްނުނަސް އޭގައި ހުރި ބަރުދަން މާހިންއަށް ވިސްނުނެވެ. އެބުނި އެއްޗެއް ރަނގަޅަށް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން މާހިންގެ ހިތުގައި ބޮޑުވެގެން ދިއައެވެ. " ޝިޕްމަންޓް" އެއީ އޭނާގެ ހިތުގައި ކުރީއްސުރެ ސުވާލު ތަކެއް އުފައްދާފައިވާ އެއްޗެކެވެ.
ގަޑިން ދިހަ ގަޑި ބައިވި އިރު " ރޯސް" ގެ ހުޅަގު ފަރާތު ގޯތި ތެރެއަށް ވަދެވެން ހުރި ދޮރުގައި މާހިން ހިފާލި އެވެ. އާދައިގެ މަތީން ދޮރުހުރީ ތަޅުލާފަ އެވެ. އެހެން ނަމަވެސް ސަންޑެކް ގެ މަތީގައި ވާ ބޮކިތައް ދިއްލާފައި ހުރުމުން އެތަނުގައި ބަޔަކު އުޅޭކަން އެނގުނެވެ. މާހިންގެ ހިތް ތެޅިލި އެވެ. ކޮންމެ މަހަކު އެއް ފަހަރު އެ ގެންނަ ގަސްމުށި ތަކުގެ ހަޤީޤަތަކީ އޭނާވެސް އޮޅުން ފިލުވަން ބޭނުން ވެފައިވާ އެއްޗެކެވެ. ގޭތެރެއަށް ގަސް މުށިތައް ގެނައުމަށް ފަހު އަނެއް ދުވަހު ގަސް މުށިތައް ގެއްލެ އެވެ. ބަގީޗާގެ ތެރޭން ބައެއް އާ ގަސް ފެނުނަސް މުށިގަނޑު ތަކަށް ވާ ގޮތެއްވެސް ނޭގެ އެވެ. ޝައުކަތާއި ޖައުފަރު ހިއްސާވާ ފިހާރަ " ޕަރލް ގާޑުން " އަށް ގަސް މުށިތައް ގެންދާ ކަމަށް ވާނަމަ ކޮންމެ ފަހަރަކު އެގެއަށް އެ މުށިތައް ގެންނަން ޖެހޭ ސަބަބެއް ނޭގެ އެވެ. އަދި ރޭގަނޑުގެ އެގަޑީގައި އެފަރާތް ތަޅުލައިގެން އެކުރާ ކަމެއް އަމުދުން ނޭގެ އެވެ. މިއަދު މިމީގެ ބައްޕަ އެވާހަކަ އެބުނި ގޮތުން ހިތުގައި ޝައްކު އުފެދުނެވެ.
މާހިންގެ އަތުގައި އެ ދޮރުގެ ތަޅުދަޑި އޮތެވެ. އެއީ ގޭތެރެއަށް ވައްދަން ބޭނުން ނޫން ރައްޓެހިންނާއި އެކު އެފަރާތުގައި ކުޅެން ވަންނަން ބޭނުން ކުރާ ދޮރެވެ. މާހިން ދޮރުގެ ތަޅު ހުޅުވާލީ މަޑުމަޑުންނެވެ. އޭނާ އެތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ. ބޭނުމީ ކުޑަކޮށް އެތެރެ ބަލާލާށެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު އެތެރެ ބަލާލިއިރު ޒުވާން ދެމީހަކާއި އެކު ޝައުކަތު ހުއްޓެވެ. ޝައުކަތު ހުރީ އެމީހުންނަށް ކަން ކުރަން ވާ ގޮތް ބުނެދޭށެވެ. އެ ދެމީހުންގެ މަސައްކަތަކީ ގަސް މުށިތަކުގެ ވެލި ގަނޑު ބިންމައްޗަށް އޮއްސާލުމަށް ފަހު ވެލިގަނޑުގެ ތެރޭން ކޮންމެވެސް އެއްޗެއް ނަގާ ކޮތަޅަކަށް އެޅުމެވެ. އެއީ ކޮން އެއްޗެއް ކަމެއް މާހިންއަށް އިނގޭ ގޮތެއް ނުވި އެވެ. އެ މަސައްކަތް ނިމުމުން ޝައުކަތުގެ އިޝާރާތަށް އަނެއްކާވެސް މުށިތަކަށް ވެލި އަޅާ މުށިތަކުގައި ގަސްތައް އިންދަން ފަށައިފި އެވެ. މާހިން ޝައުޤުވެރި ކަމާއި އެކު މި މަންޒަރު ބަލަމުން ދިއައެވެ. ގަވާއިދުން އެ ގެންނަ ގަސްމުށި ތަކަކީ އާދައިގެ އެއްޗެއް ނޫން ކަމާއި މެދު އޭނާއަށް ކުރީންވެސް ވަނީ ޝައްކު ވެފަ އެވެ. ބައްޕަ ފަދަ ބޮޑެތި ވިޔަފާރި ކުރާ މީހަކަށް ގަސް ވިއްކާ ފިހާރައެއްގެ ބޭނުން ޖެހިފައި ވާތީ އޭނާ އެތައް ފަހަރަކު ބައްޕައާއި ވަނީ ސުވާލުވެސް ކޮށްފަ އެވެ. އޭގެ ހަޤީޤަތް ރަނގަޅަށް އޮޅުން ފިލުވާފައި ނޫނީ މިރޭ އޭނާ އެތަނަކުން ނުދާނެ އެވެ.
އެ މަސައްކަތް ނިމުމުން ޝައުކަތުގެ އެންގުމަށް އެދެމީހުން އަތް ދޮވެގެން ބޭރަށް ނުކުންނަން ހިނގައި ގަތެވެ. މާހިން އަވަސް އަވަހަށް ދޮރު ތަޅުލާފައި އެއްފަރާތް ވެލީ ނިވާވުމުގެ ގޮތުންނެވެ. އެ ދެމީހުން ނަކީ ކޮން ބައެއްކަން މާހިންއަށް އެނގުނެވެ. އެއީ ޕޮލިހުންގެ ދެމީހުންނެވެ. އެއީ ޔާނާގެ ބައްޕަ ޑީސީޕީ ޒުހުރީ ގެ އެންމެ ގާތުގައި އުޅޭ ދެ މީހުންނެވެ. އެހެން ވީމައި އެ ގަސް މުށިތަކުގެ ވިޔަފާރި އަކީ ޒުހުރީގެ އެހީގައި ކުރާ ވިޔަފާރި އެކެވެ. އެވަރުގެ ކުޑަކުޑަ ވިޔަފާރި އެއްގައި ބައިވެރި ވާ މީހުން ހާދަ ގިނަ އެވެ.
އެ ދެމީހުން ދިއުމުން މާހިން އަނެއްކާވެސް މަޑުމަޑުން ދޮރު ހުޅުވާ ބަލައިލި އެވެ. އޭރު ޝައުކަތު އަތް ދޮންނަނީ އެވެ. އެމީހުން ބާއްވާފައި ދިޔަ ކޮތަޅެއް މިހާރަކު ފެންނާކަށް ނެތެވެ. ހީވާ ގޮތުން އެ ކޮތަޅުވީ ޝައުކަތުގެ އަތުގަ އެވެ. ޝައުކަތު އަތް ދޮވެގެން ތެދުވެ ކޮންމެވެސް މީހަކަށް ގުޅާލަމުން ބޭރު ދޮރާއި ދިމާއަށް ހިނގައި ގަތެވެ. މާހިންގެ ހިތް ތެޅިލި އެވެ. އެތަނުން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. މި ވަގުތު ޝައުކަތު ފޯނުން އެ ދައްކާ ވާހަކަވެސް އޭނާ އަޑުއަހާލަން ބޭނުން ވިއެވެ. މަޑުމަޑުން ދޮރުގެ ބިއްދޮށުގައި ހުރި ތަނބާ ނިވާވެލި އިރު މާހިންގެ ހިތް ބާރަށް ތެޅެމުން ދިއަ އެވެ. ޝައުކަތު ރަނގަޅަށް ބަލައިލައިފި ނަމަ އޭނާ ފެންނާނެ އެވެ.
" އަނ... ނިމިއްޖެ އިނގޭ....! "
ޝައުކަތު ބޭރަށް ނުކުންނަމުން ބުނެލި އަޑު އިވުނެވެ.
" ވަކިން އިން އެތީގަ އިނގޭ! ރަނގަޅު ވަގުތަކުން އައިސް ނަގާ.....! ބަސްޓު ނުވާތި!"
އެހެން ބުނެފައި ދޮރު ތަޅުލުމަށް ފަހު އޭނާ ދާން ހިނގައި ގަތެވެ.
ޝައުކަތު ދިއުމުން މާހިން އެތެރެއަށް ވަނެވެ. އެ ފޮރުވި އެއްޗެއް ހޯދަން އޭނާ ބޭނުން ވިއެވެ. އެންމެން ވެގެން އެކުރާ ބޮޑު، ބުރަ ނުރައްކާތެރި މަސައްކަތުގެ ހަޤީޤަތް އޭނާވެސް ބަލާލަން ބޭނުން ވިއެވެ. އެ ކޮތަޅު އޮވެދާނެހެން ހީވާ ތަންތަން ހާވަމުން ދިއައިރު މާހިން ހުރީ ބިރުން ނެވެ. އެތަނުގައި ހުއްޓާ މީހަކަށް ފެނިއްޖެއްޔާ އެބުނާ "ބަސްޓް" ވާނީ އޭނާ އެވެ.
ޝައުކަތު ފޯނުން ބުނި ބަސްތައް މާހިން ސިކުނޑީގައި ރިޕީޓް ކޮށްލި އެވެ. "ވަކިން އިން އެތި!" ތަންކޮޅެއް އެތެރޭގައި ކަނެއްގައި އިން މުށިގަނޑު މާހިންގެ ލޮލުގައި އަޅައިގަތެވެ. މާހިން އެމުށިގަނޑުގެ ވެލިގަނޑު ހާވައި ގަތެވެ. ހަމަ ވަގުތުން ކޮތަޅުގައި އަތް ޖެހިއްޖެ އެވެ. ކޮތަޅުނަގާ ހިއްލާލީ ބިރުން ހުރެ އެވެ. ހީކުރެވުނީ ރަނގަޅަށެވެ. އެއީ ކުދި ޕެކެޓްގައި ބަންދު ކޮށްފައި ވާ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗެވެ!
އެވަގުތު ޕޮލިސް ބަހުގެ އަޑު އިވިގެން ދިއައީ ގާތުން ނެވެ. މާހިންއަށް ތެޅިގަނެވުނެވެ.