" އައި ކާންޓް ލިވް ވިތްއައުޓް ޔޫ! ޔޫހާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ!"
އިވުނު އަޑާއި ފެނުނު މަންޒަރުގެ ސަބަބުން ދާއިންގެ ހިތުގެ ހިނގުން ވެސް ހުއްޓުނު ކަހަލަ އެވެ. ނާމީ ޔޫހާގެ ނިއްކުރީގައި ބޮސްދިނީ ދާއިންގެ ލޮލުގެ ކުރިމަތީގައެވެ. ނާމީގެ ފުރަގަހުގައި ހުރި ދާއިން އާއި ހަތަރު ކަޅި ހަމަވި ވަގުތު ޔޫހާގެ މޫނުގެ ކުލަ ހުދު ވެގެން ދިއައެވެ. ޔޫހާ ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ. ލަދުވެސް ގެންފަ އެވެ. އެއްވެސް ފިރިހެނަކު އޭނާގެ ގައިގައި އެގޮތަށް ބީހޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ނާމީ އައިސް ތަތްކޮށްލީ ސަލާމަތް ނުވެވޭ ފަދަ ގޮތަކަށެވެ. ދާއިން އިސް ޖަހާލަމުން މަޑުމަޑުން އެތެރެއަށް ވަދެ ދޮރު ލައްޕާލި އިރު އޭނާގެ ހިތް ކުދި ކުދި ވެފައި ވާކަހަލަ އެވެ.
ޖެހިގެން ހުރި ރޫމް ކުއްޔަށް ހިފައިގެން ނާމީ އެތަނަށް ބަދަލު ވީ އެވެ. ޔޫހާ ނުފެންނަ ހިސާބުގައި ކެތް ކޮށްލުމަކީ އޭނާއަށް މިހާރު ވާނެ ކަމެއް ނޫނެވެ. ނާމީގެ އެ ހަރަކާތް ތަކާ އެ މިޒާޖުގެ ސަބަބުން ކަންބޮޑުވީ ޔޫހާ އެކަންޏެއް ނޫނެވެ. ލޫނާވެސް އެކަމާ ކަންބޮޑު ވިއެވެ. ދައްތަ ސީދާ ދުލުން އެއްބަސް ނުވި ނަމަވެސް ދައްތަގެ ހިތް ވަނީ ދާއިންއަށް ދެވިފައި ކަން އޭނާއަށް އިނގެ އެވެ. ލޫނާވެސް އެދެނީ ދައްތަ އާއި ދާއިން ގުޅުމަށެވެ. ދައްތަ އާއި ގުޅެނީވެސް ދާއިން އެވެ. އެހެން ނޫނަސް ނާމީގެ އަހުލާގު ލޫނާ އަކަށް ކަމަކު ނުދެ އެވެ.
ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ބޭބެ އޮތް ގޮތުން ކަމެއް ގޯސް ވެއްޖެ ކަން މާހިން އަށް އެނގުނެވެ.
" ވަޓްސް އަޕް؟"
މާހިން ބޭބެގެ މަގަތުން އިށީންނަމުން އެހިއެވެ.
" ކޮން އިރަކުން މާލެ ދާނީ؟"
ދާއިން އެހީ އެހެންނެވެ. މާހިން ވިސްނާލި އެވެ. ބޭބެ ދާން ވެއްޖެއްޔާ އޭނާވެސް ދެން ދާން ވީއެވެ. މިތަނުގައި މާގިނަ ދުވަހު އޭނާވެސް ހުންނާކަށް ބޭނުމެއް ނޫނެވެ. މާގިނަ ގިނައިން ލޫނާ ފެންނަން ވެއްޖެ ނަމަ އޭނާގެ ހިތް ލޫނާގެ މައްޗަށް ލެނބިދާނެ ކަމުގެ އިންޒާރު ތައް ލިބޭތާ މިހާރު ދުވަސް ކޮޅެއް ވެއްޖެ އެވެ. އެއީ އެއްގޮތަކަށް ވެސް ވެގެން ވާނެ ގޮތެއް ނޫނެވެ. ބައްޕަ ކުރިމަތިލާފައި ވާކަމެއްގެ ތެރެއަށް އޭނާ ވަންނާކަށް ނުވާނެ އެވެ. އެހެން ނޫނަސް މިމީ ހުންނާނީ އޭނާގެ އިންތިޒާރު ގައެވެ. ހަބަރެއް ނުވެ ގިނަ ދުވަސް ތަކެއް ވީ ނަމަވެސް އޭނާގެ ހިތުން މިމީ ފިލައިގެން ނުދެއެވެ.
ބޭބެގެ މޫނު މަތީން ފާޅުވަމުން ދިއަ ހާސްކަމާއި ދޭތެރޭގައި މާހިންއަށް ވިސްނާ ލެވުނެވެ. އޭނާ އެކަމާ ސުވާލު ކުރުމުގެ ކުރީން ދޮރުގައި ޖަހާލި އަޑު އިވިއްޖެ އެވެ. މާހިން ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ ނާމީ އެވެ. ފެންވަރާލާ ތާޒާ ވެލައިގެން ހުރި އިރު މިއަދު ފެންނަނީ ވަރަށް އުފާވެރި މޫނެކެވެ. މާހިން ދޮރު ހުޅުވާލުމުން ނާމީ އެތެރެއަށް ވަދެގެން ގޮސް ދާއިންގެ ކައިރިއަށް އެނދުމައްޗަށް ވެއްޓި ގަތެވެ. މާހިން ހުރީ ސުވާލު އުފެދިފަ އެވެ. ނާމީ އެހާ ހެނދުނާ ކޮޓަރިއަށް އައިސް ވަންގޮތުން ހީވަނީ އެ ހޮޓަލުގެ މެހުމާނެއް ހެންނެވެ.
" ދެން ތެދުވެބަލަ.... އަދިވެސް އޮތީތަ؟"
ނާމީ ދާއިންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާދަމާލުމުން ވެސް ދާއިން ލޯ މަރާލައިގެން އޮތެވެ. އޭނާ އަށް މިއަދު ނާމީ އާއި ދިމާއަށް ބަލާލަން ވެސް ފަސޭހައެއް ނޫނެވެ. ބޭބެގެ ހަރަކާތް ތައް ހުރި ގޮތުން މާހިންއަށް ވިސްނައި ގަނެވިއްޖެ އެވެ.
" ނާމީ މިކޮޅަށް ޝިފްޓް ވީތަ؟"
" އަނ... މަ ކިހިނެއްތަ ޔޫހާއާ ދުރުގަ ހުންނާނީ މިހާރު... ބުނީމެއްނުން މިފަހަރު މިއުޅެނީ ހަޤީޤަތުގަވެސް ލޯބި ވެވިގެންނޭ "
އެއަޑު ޖެހުނު ވަގުތު ލޯމަރާލައިގެން އޮތް ބޭބެގެ ނިއްކުރި މަތީން ފާޅުވެގެން ދިއަ އަސަރު މާހިންއަށް ފާހަގަ ކުރެވުނެވެ. މާހިން އަށް ވެސް ވަރަށް އުނދަގޫ ވެއްޖެ އެވެ. އެހެން ނަމަވެސް މިވަގުތު މާހިން ބޭނުން ވަނީ ނާމީއާއި އިތުރަށް އެވާހަކަ ދައްކާލާށެވެ. ބޭބެ އެއޮތީ އެއަޑު އަހަން ނުކެރިފައި ކަމަށް ވިއަސް ހެޔޮ އެވެ.
" ޔޫހާ ވެސް ނާމީ ދެކެ ލޯބިވޭތަ؟"
ކޮއްކޮގެ އެ ސުވާލުގެ އަޑުއިވުމުން ދާއިން އަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ވިއެވެ. ޖަވާބުގައި ނާމީ ޖަހާލީ ހިނިގަނޑެކެވެ.
" އަހަރެން ދެކެ މީހަކު ލޯބިވާން އިރު ތަކެއް ނަގާނެތަ؟ އަހަރެންގެ އަތުގަ ޖެހިއްޖެއްޔާ ކޮންމެ އަންހެނަކު ވެސް ހަމަ ވިރިގެން ދާނެ. ދޯ! މީނައަށް އިނގޭނެ!"
އެހެން ބުނަމުން ނާމީ ދާއިންގެ މޭގައި ޖަހާލި އެވެ. އެ މޭގެތެރޭގައި އަނދަމުންދާ އަލިފާންގަނޑު ގެ އަސަރު ނާމީއަށް އިޙުސާސް ވެސް ނުކުރެވޭނެ އެވެ. ނާމީ އެބުނި އެއްޗަކުން ދާއިން އަށް ޔަޤީން ވެއްޖެ އެވެ. ނާމީ އާއި ޔޫހާ އާއި ދޭތެރޭގައި ވަނީ ގުޅުން ހިނގާފަ އެވެ. ނާމީގެ ބީހުމަށް ޔޫހާ ވިރިގެން ދިއަ ވާހަކަ އިވުމުން ދާއިންއަށް ކެތް ނުވާވަރު ވިއެވެ. އޭނާގެ ހިތުގައި ނާމީގެ މައްޗަށް ނަފްރަތު އުފެދިގެން ދިއައީ އިންތިހާ އަށެވެ. މާހިން އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އޭނާ އިނީ ހިސާބަކަށް ލަދުވެސް ގެންފަ އެވެ. ބޭބެއަށް ވާނެ ގޮތް ހިތަށް އަރާފަ އެވެ.
" އަހަރެމެން މިއުޅެނީ މާލެ ދާން އިނގޭ...!"
އެ ހުރިހާއިރު ވަންދެން ލޯ މަރައިގެން އޮތް ދާއިން ބުނެލި އެވެ. ނާމީ އެކަމަކާ މާ ބޮޑު ސަމާލު ކަމެއް ނުދެ އެވެ. ދާއިން މެން މާލެ ދިއައަސް ނުދިއައަސް ހަޤީޤަތުގައި އޭނާއަށް ވަރިހަމަ އެވެ.
ޔޫހާ އޮތީ ކޮޓަރީގައި އެކަންޏެވެ. މާހިން އާއި ނާމީ ދިއައީ ކޮއްކޮ އާއި އެކު ހޮސްޕިޓަލަށެވެ. ދާއިން ބޮލުގައި ރިއްސާތީ ކޮޓަރީގައި މަޑުކުރީކަން އެނގުނީއްސުރެ ޔޫހާ އެހުންނަނީ އެ ކޮޓަރިއަށް ވަދެލާ ހިތުންނެވެ. ނާމީ އާއި އެކު ޔޫހާ ފެނުނު ފަހުން ދާއިން އާއި ޔޫހާ އަދި ދިމައެއް ނުވެ އެވެ. ޔޫހާވެސް އެހުންނަނީ ދާއިން ފެންނަ ހިސާބަށް ދާން ނުކެރިފަ އެވެ. އެހެން ނަމަވެސް ދެން ޔޫހާ އަކަށް ވެސް ކެތެއް ނުވާނެ އެވެ.
ޔޫހާ ދެފަހަރަކު ދާއިންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އެވެ. ހަބަރެއް ނުވުމުން އޭނާ މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އެނދުގައި ދާއިން އޮތީ ދޮރަށް ފުރަގަސް ދީގެންނެވެ. ޔޫހާ މަޑުމަޑުން އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށް ފަހު ދާއިންނާއި ދިމާއަށް ހިނގައިގެން އިރު އޭނާގެ އަތް ފައި ވަނީ ފިނި ވެފަ އެވެ. ޔޫހާ އެނދު ކައިރިއަށް މަޑުކޮށްލުމަށް ފަހު މަޑުމަޑުން ދާއިން އަށް ގޮވާލި އެވެ. ޔޫހާގެ އަޑު އިވުމުން ސިހިފައި ދާއިން އެނބުރިލި އެވެ. އެއީ އޭނާއަށް ހީވި ގޮތެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އެހެރީ އޭނާގެ ހުވަފެން ތަކުގެ ރާނީ އެވެ. ޔޫހާގެ އަލި ރީތި މޫނަށް ނަޒަރު ހުއްޓިފައި ހުރެ ދާއިން ތެދުވެ އެނދުގައި އިށީނެވެ. މިއަދު ދާއިން ކޮޓަރީން ނުނިކުމެ އޮތީ ޔޫހާގެ މޫނުވެސް ދެކިލަން ބޭނުން ނުވެފަ އެވެ. އެހެން ނަމަވެސް ޔޫހާ އާއި ބައްދަލު ވުމުން އޭނާއަށް އެވަނީ ކިހިނެތް ހެއްޔެވެ! މުޅި މީހާ މަޑު ފުއްކޮޅަކަށް ވެއްޖެ އެވެ. ލޯތްބަކީ ހާދަ ވަރުގަދަ އެއްޗެކެވެ. ކިތަންމެ ހިތްވަރުގަދަ ފިރިހެނަކުވެސް ބަލިކަށި ކޮށްލަފާނެ އެވެ.
ދާއިން އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން އިންނަން ފެށުމުން ޔޫހާ އެނދުގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.
" ބަލީތަ؟"
ޔޫހާ އަހާލި އެވެ. ދާއިން ބޯ ހޫރާލި އެވެ. އޭނާ އަނގައިން ބުނާ ހިޔާލެއް ނުކުރި އެވެ. އަނެއްކާވެސް އިރު ކޮޅެއްގެ ހިމޭން ކަމެކެވެ. ވެގެން އުޅޭ ގޮތް ޔޫހާއަށް އިނގެއެވެ. ދާއިން އެއިނީ ޔޫހާ އާއި ދޭތެރޭގައި ހިތް ހަމަ ނުޖެހިފަ އެވެ. ނާމީ ކަންތައް ކުރި ގޮތުން ދާއިންއަށް ހީވާނީ ޔޫހާ އަކީ ވިޔާނުދާ ކުއްޖެއް ކަމަށެވެ. މިއަދު ޔޫހާ އެތަނަށް އެ އައީވެސް ދާއިންއަށް ހަޤީޤަތް ބުނެދޭށެވެ. އޭނާ ބޭނުން ވަނީ އޭނާ އަކީ ވިޔާނުދާ ކުއްޖެއް ނޫން ކަން އަންގާށެވެ.
" އަހަރެންނާ ނާމީއާ ދޭތެރޭގަ އެއްވެސް ގުޅުމެއް ނެތް އިނގޭ!"
ޔޫހާ ބުނަން ބޭނުން އެތި އެއްފަހަރުން ބުނެލައިފި އެވެ. ދާއިންގެ މޭގެ ތެރެއަށް ފިނިވެގެން ދިއަ އެވެ. އެހެން ނަމަވެސް އެއީ ކުޑަ ހިނދު ކޮޅަކަށެވެ. ކުރީ ދުވަހުގެ ހާދިސާ ހަނދާނަށް އައެވެ. ޔޫހާ ބުންޏަސް މިއަދަކު އެވާހަކަ ޤަބޫލު ކުރެވޭކަށް ނެތެވެ. ނާމީއާއި ޔޫހާގެ ގާތްކަން އޭނާއަށް ވަނީ ރީތިކޮށް ފެނިފަ އެވެ. ދާއިން އެއްޗެއް ނުބުނެ އެވެ. ޔޫހާގެ ވާހަކަ އޭނާ ޤަބޫލު ނުކުރާ ވާހަކަ ބުނާކަށް ވެސް ބޭނުމެއް ނުވި އެވެ.
" އަހަރެން ސަލާމަތް ކޮށްދިނީ ނާމީ، އެކަން އަހަރެން އަބަދުވެސް ދަންނާނަން... އެކަމު.... ހަމަ ތެދެއް.... އަހަންނާ ނާމީއާ ދޭތެރޭގަ އެއްވެސް ގުޅުމެއް ނެތް...!"
ޔޫހާ އަނެއްކާވެސް އެހެން ބުންޏެވެ. ދާއިންއަށް ޤަބޫލު ކުރަން ދަތި ވާނެކަން އޭނާއަށް ވެސް އިނގޭ ކަހަލަ އެވެ.
ޔޫހާ ދާއިން އަށް އެކަން ސާބިތު ކޮށްދޭން އެހާ މަސައްކަތް ކުރާ ސަބަބެއް އޮންނާނެ ކަން ދާއިންއަށް ވިސްނުނެވެ. އެހެން ކަމުން ދާއިން ވެސް އެއްޗެއް ބުނެލަން ބޭނުން ވިއެވެ.
" ކިތަންމެ މަންޒަރެއް ފެނިއްޖެ!"
ދާއިންގެ ޖުމުލަ ކުރެވެ. ދާއިން އެބުނި އެއްޗެއް އެންމެ ރަނގަޅަށް ނުވިސްނުނަސް އެބުނި އެއްޗެއް ޔޫހާއަށް އެނގުނެވެ.
" އެކަމަކުވެސް އަހަންނާ ނާމީއާ ދޭތެރޭގަ ގުޅުމެއް ނެތް...!"
ޔޫހާ އަކަށް ބުނާނެ އިތުރު އެއްޗެއް ނޭގެ އެވެ. ބައެއް ފަހަރު ނާމީ ޔޫހާއާ އެ ބާއްވާ ގައިގޯޅި ކަމަކީ އޭނާއަށް އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއްވެސް ހާލެއްގައި ނާމީ ކުށްވެރި ވާކަހަލަ ގޮތަކަށް އޭނާ ވާހަކައެއް ނުދައްކާނެ އެވެ.
ދާއިން ވެސް ބުނާނެ އެއްޗެއް ނޭގިފައި އިރު ކޮޅަކު އިނެވެ. ޔޫހާ އެވަރަށް އެބުނާ އެއްޗެއް ޤަބޫލު ކުރަން ދާއިން ކިތަންމެހާވެސް ބޭނުން ވިއެވެ.
" އަހަރުމެން ފުރަތަމަ ނާމީގެ ގެއަށް ދިއަ ދުވަހު...."
އެހެން ބުނެފައި ދާއިން ހުއްޓާލި އެވެ. އެވާހަކަ ބުނާކަށް އޭނާއަކަށް ފަސޭހައެއް ނުވި އެވެ.
" އައި ސޯ ޔޫ އިން ހިސް ބެޑް..! "
ދާއިން މޫނު އަނބުރާލަމުން ބުންޏެވެ. ޔޫހާ ދާއިން އާއި ދިމާއަށް ބަލަހައްޓައިގެން އިނީ ދެލޯ ބޮޑު ކޮށްގެންނެވެ. ޤަބޫލު ނުކުރެވިފައި އިންނަ ފަދަ ގޮތަކަށެވެ.
" މާހިން އަށް ވެސް ފެންނާނެ... ތި ދެމީހުން.... ދޮރު ހުޅުވިފަ ހުރީ....!"
ދާއިން ޔޫހާއަށް ބަލާލުމަށް ފަހު އަވަސް އަވަހަށް ދުރު ބަލާލި އެވެ. ޔޫހާގެ ލޮލުގެ ތެރެއަށް ކަރުނަ ތިކިތައް ގިނަވެގެން ދިއަ އެވެ. ދާއިން އޭނާއާއި ދޭތެރޭގައި ވިސްނާ ގޮތަކީ އެއީ ބާއެވެ! އޭނާ އަކީ އެހާ މުޑުދާރު އަންހެނެއް ހެއްޔެވެ! ޔޫހާ އަކަށް އެއްޗެއް ނުބުނެވުނެވެ. އޭނާ ދާއިންގެ މޫނަށް ބަލަން އިރުގަނޑަކު އިނދެފައި އިސް ޖަހާލި އިރު އެ ދެލޮލުން ކަރުނަ އޮހޮރެން ފަށައިފި އެވެ. ދާއިން ހަމަ ބަލާވެސް ނުލާ އިނީ އެވެ. އެފަދަ އެއްޗެއް ބުނެފައި ޔޫހާއާއި ދިމާއަށް ބަލާލަން އޭނާއަށް ކެރޭނީ ކިހިނެތް ހެއްޔެވެ!
ޔޫހާ މަޑުމަޑުން ތެދުވެގެން ހިނގައި ގަތީ އެވެ. އޭނާ އިތުރަށް ދެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ޔޫހާއަށް ނުކުމެވުނީ ނާމީގެ ކުރި މައްޗަށެވެ. ސިހިފައި އިސް ޖަހާލި ނަމަވެސް ޔޫހާގެ ދެލޮލުން ފައިބަމުން ދިއަ ކަރުނަތައް ނާމީއަކަށް ސިއްރެއް ނުކުރެވުނެވެ. ނާމީގެ ހިތުގައި ޝައްކެއް އުފައްދައިފި އެވެ. ޔޫހާ ހިތުގައި ޖެހުނީ އޭނާގެ ހާލަތާއި ދޭތެރޭގައި ވާހަކަ ދައްކާފައި ކަމަށް ވާނަމަ އެ ކަރުނަތައް ސިއްރު ކުރާކަށް ނޫޅޭނެ އެވެ. ނާމީ ދާއިންގެ ކޮޓަރީގެ ތެރެއަށް ބަލާލި އެވެ. ހިމޭން ވެފައި ދާއިން އިން ގޮތުން ނާމީގެ ހިތް އިތުރަށް ކިލަނބު ކޮށްލައިފި އެވެ. ނާމީ ކޮޓަރިއަށް ވަންނާކަށް ނަހަދަ އެވެ. ދޮރު ލެއްޕެން ދޫކޮށްލާފައި އޭނާ ހިނގައި ގަތީ ކޮރިޑޯ އާއި ދިމާ އަށެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓާލައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރު ލުމެކެވެ.
އިރު ކޮޅެއް ވަންދެން އޭނާ އެތަނުގައި ހުއްޓެވެ. ދެން ހިނގައިގަތީ ތިރިއަށް ދާށެވެ. ބައެއް ކަންކަމާ ދުރުގައި ހުންނަން ނިޔަތް ގަތަސް އެކަންކަން ނުކޮށް ފަރު ނުޖެހޭނެ ހާލަތުވެސް އާދެ އެވެ.
ޔޫހާ އެދިޔަ ގޮތަށް ދިއައީ ހޮސްޕިޓަލް އަށެވެ. މިއަދު އޭނާ ބޭނުން ވަނީ މަންމަ ދެކިލާށެވެ. އެގަޑިއަކީ އައިސީޔޫއަށް ވަދެވޭ ގަޑި އެވެ. މަންމަގެ މޫނު ދެކިލައިގެން ނޫނީ މިވަގުތު އޭނާގެ ހިތަކަށް ހަމަ ޖެހުމެއް ނުލިބޭނެ އެވެ.
މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރި ޔޫހާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިއައީ ހިތަށް އަރާ ފައިބަމުން ދިއަ އަސަރު ތަކެއްގެ ސަބަބުންނެވެ. އެ މަންމައަށް ޔޫހާ މިވަރަށް ބޭނުން ވެފައި ވާކަން އިނގޭ ނަމަ އެންމެ ހިނދު ކޮޅަކުވެސް ލޯ މަރާލައިގެން ނުއޮތީހެވެ. ޔޫހާ ކުރިއަށް ޖެހިލާ މަންމަގެ އަތްތިލައިގައި ހިފަހައްޓާލި އެވެ. ތިން ހަތަރު ހޮޅި ގުޅާފައިވާ އިރު އެއަތް އިހުނަށް ވުރެވެސް ބަރެވެ. ކުރިއަށް ވުރެވެސް ދުޅަ އެވެ. މަންމަ ހޭނާރާ ގިނަދުވަސް ވާވަރަކަށް މަންމަގެ ފުރާނައާއި ދޭތެރޭގައި ޑޮކްޓަރުންގެ އުއްމީދު ދަނީ ކުޑަ ވަމުންނެވެ. މިހާރު ޔޫހާގެ ހިތުގައި ވެސް ވަނީ ބިރުވެރި ކަމެއް އުފެދެން ފަށާފަ އެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އޭނާ އުއްމީދު ކަނޑައެއް ނުލާނެ އެވެ. ޔޫހާ މަންމަގެ އަތްތިލަ އޭނާގެ ތުންފަތުގައި ޖައްސާލި އެވެ.
" މަންމާ...! އަހަރުމެން ހާދަ އެކަނި ވެއްޖޭ....! "
ޔޫހާ ދައްކާ ވާހަކަ މަންމައަށް އަޑު ނީވޭނެ ކަން އޭނާ އަށްވެސް އިނގެ އެވެ. އެހެން ނަމަވެސް މަންމައާއި ވާހަކަ ދައްކާލުމުން ޔޫހާގެ ހިތަށް ހަމަ ޖެހުމެއް ލިބެ އެވެ.
" މަންމާ... އަހަރެން ނަކީ ގޯސް މަގަކުން ހިނގާނެ ކުއްޖެއް ނޫން ކަން މަންމައަށް އިނގޭދޯ!..... އެކަމަކު މިއަދު ދާއިން އަށް އަހަންނާ ދޭތެރޭގަ ޝައްކު ކުރެވިއްޖެ....!"
މަންމަގެ އަތްތިލަ ކަރުނުން ފޯކުރަމުން ގިސްލަމުން އޭނާ ވާހަކަ ދެއްކި އެވެ.
" މަންމާ މިއަދު އަހަރެން ހާދަ ދެރަވެއްޖޭ.... މަންމަ އަހަރެން ކައިރީ ހުރިނަމަ ދާއިންއަށް ޔަގީންވީސް، ތި މަންމަގެ ދަރިއަކު ނުބައި މަގަކުން ނުހިނގާނެ ކަން..... މަންމާ އަހަރެން އަބަދުވެސް ކޮންމެ ވާހަކައެއް އެންމެ ފުރަތަމަ ބުނަނީ މަންމަ ކައިރީގަ ދޯ! މިވާހަކަ ވެސް އެންމެ ކުރީން ބުނަން ބޭނުމީ މަންމަ ކައިރީ.... މަންމާ...!"
ޔޫހާ އިރުކޮޅަކު މަޑުކޮށްލި އެވެ. މަންމަ އަށް އަޑު އިވޭނަމަ އޭނާއަށް އެވާހަކަ ބުނަން އަދި މާ އުނދަގޫ ވީސް އެވެ.
" މަންމާ، އަހަރެންނަށް ދާއިންދެކެ ލޯބި ވެވިއްޖެ! އަހަރެން ބޭނުން ވަނީ ދާއިން..... ނާމީއެއް ނޫން!"
ޔޫހާ ގިސްލަމުން ގޮސް މަންމަގެ މޭގައި ބޯ ޖަހާލި އެވެ. ހަމަހިމޭން ވެފައި ވާ މަންމައަށް އޭނާގެ އެވާހަކަ ތަކުން އަސަރެއް ކުރާނެ ކަމެއް އޭނާއަށް އިނގެނީ ކިހިނެތް ހެއްޔެވެ!
ހައިފާގެ ލޮލުގެ އެސްފިޔަތަކުގެ ދަށުން ފުރޭނިގެން ދިއަ ކަރުނަ ތިއްކަކުން ޔޫހާގެ އޮޅޮބޮށި ހޫނު ކޮށްލައިފި އެވެ. ޔޫހާއަށް ލިބުނީ ސިހުމެކެވެ. ހިނދު ކޮޅަކަށް އޭނާގެ ހަރަކާތައް މެދު ކަނޑާލެވުނެވެ. އޭނާ ރަނގަޅަށް ވިސްނާލުމަށް ދެ ސުކުންތު ނެގި އެވެ. ދެން އޭނާ އެނބުރި މަންމަގެ މޫނަށް ބަލާލި އިރު އޭނާގެ ހިތުގެ ތެޅުން ވަނީ ސަތޭކަ ގުނައަށް އިތުރު ވެފަ އެވެ.