ޖައުފަރު މިމީގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެއީ އޭނާގެ ދަރިފުޅުގެ އަނބިމީހާ ކަމެއްވެސް ހަނދާން ނުވި އެވެ. މިމީގެ މޫނުގެ އެތައް މިތަނުގައި ތަތްވެފައިވާ ފަންއިސްތަށި ކޮޅުތަކާއި އެ ރަންކުލައިގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރު ފެނުމުން މާޒީގެ ސަފްހާ އެއްގެ މެދުގައި ހުއްޓުން އަރާފައި ޖައުފަރަށް ހުރެވުނެވެ. އެއީ ވެސް ހަމަ އެފަދަ ވިއްސާރަ ދުވަހެކެވެ. ނީނާ ހުރީވެސް ހަމަ އެފަދަ ގޮތަކަށެވެ. އެމޫނު މަތީން ވެސް ފެންނަމުން ދިއައީ ހަމަ އެފަދަ މާޔޫސް ކަމެވެ. ގޮތް ހުސްވެފައިވާ އަސަރެވެ. އެދުވަހުގެ ހަނދާންތައް ވަރުގަދަ އެވެ. އެހާ ހިތްހަމަ ޖެހުނު ވަގުތެއް ޖައުފަރުގެ ހަޔާތުގައި އަދި މިހާތާކަށް އައިސް ފައެއް ނުވެ އެވެ. 

މިމީއާއި ދިމާއަށް ޖައުފަރު ބަލަހައްޓައިގެން ހުރި ގޮތުން މިމީ އަށް އުދަގޫވިއެވެ. ދޮރުމަތީގައި ވަންނަން ނުކެރިފައި އިރުކޮޅަކު ހުރުމަށް ފަހު ހިތްވަރު ކޮށްލާފައި އޭނާ އެތެރެއަށް ފިޔަވަޅު އަޅާލި އެވެ. ޖައުފަރަށް ހޭވެރިކަން ވީހެން ހީވި އެވެ. އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލުމާއި އެކު އޭނާގެ މޫނު މައްޗަށް ނުރުހުމުގެ އަސަރު ވެރި ވެގެން ދިއައެވެ.

" ކޮންކަމަކު؟"
ދެޖީބަށް އަތް ޖަހާލަމުން އޭނާ މޫނު އަނބުރާލި އިރު އަޑުގައިވާ ހަރުކަށިކަން މިމީގެ ހިތް ބިރުގަންނަވާލައިފި އެވެ. އެހެން ނަމަވެސް މިމީ މިވަގުތު ފަސް ޖެހޭކަށް ބޭނުމެއް ނުވި އެވެ. މާހިންގެ ބައްޕައަށް އޭނާ ނޭގުނީ ކަމަށް ވެސް ވެދާނެ އެވެ. 
" އަޅުގަނޑަކީ މާހިން ގެ އަންހެނުން.... މިމީ...!"
މިމީގެ އަޑު ނުކުތީވެސް އުނދަގުލުންނެވެ. 
" ދެން؟"
ނުބަލާހުރެ ޖައުފަރު އެހެން ބުނެލިއިރު އަޑުގައި ވަނީ ނަފްރަތުގެ އަސަރެވެ. ދެން ބުނާނެ އެއްޗަކާއި ދޭތެރޭގައި މިމީ ވިސްނާލަން ޖެހުނެވެ. މާހިންއާއި ދޭތެރޭގައި ވެސް ޖައުފަރުގެ މާ ބޮޑު އަޅާލުމެއް ނެތް ކަން އެނގުމުންނެވެ. 

" މާހިން އަކީ ކުށްވެރި އެއް ނޫން....! އޭނަ އެކަހަލަ ކަމެއް ނުކުރާނެ....!"
މިމީ އޭނާއަށް ޔަޤީން ވާ އެއްޗެއް ބުންޏެވެ.
" ތި ދައްކަނީ މަގޭ ދަރިއެއްގެ ވާހަކަ. މަށަށް ވުރެ ބޮޑަށް ކަލެއަށް އޭނަ އެނގުނީތީ ޙައިރާން ވާން ޖެހޭ!"
ދުރަށް ހިނގައި ގަންނަމުން ޖައުފަރު އެހެން ބުނި އަޑުއިވުމުން ދެން އިތުރަށް ބުނާނެ އެއްޗެއް ނޭގި ބިރުގެންފައި މިމީއަށް ހުރެވުނެވެ. 
" އެވާހަކަ ދައްކަންތަ ތިއައީ؟"
ކުޑަދޮރުގެ ބިއްލޫރި ގަނޑުގައި އަތްތިލަ ބަހައްޓާލަމުން ޖައުފަރު ހަރު ރާގެއްގައި އެހި އެވެ. 
" އަޅުގަޑު މިއައީ..... މާހިން ސަލާމަތް ކޮށްދެއްވާތޯ.... އާދޭސް ކުރަން.....! އަޅުގަނޑަށް އިނގޭ މާހިންގެ ބައްޕަ އުޅުއްވައިފިއްޔާ ކޮންމެ ކަމެއްވެސް ވާނެކަން!"
ތުރުތުރު އަޅަމުން ދިއަ ބަލިކަށި އަޑަކުން ރޮވިފައި ހުރެ މިމީ އެހެން ބުނުމާއި އެކު ޖައުފަރު މިމީއާއި ދިމާއަށް އެނބުރުނެވެ. އޭރު ޖައުފަރުގެ މޫނާއި ދެލޮލުން ފެންނަމުން ދިއައީ ރަތް ކަމެވެ. 

" އަހަންނާ ދޭތެރޭ ކަލޭގެ މަންމައަށާ ކަލޭގެ މާމައަށް ނުލިބުނު ޔަޤީން ކަމެއް ކަލެއަށް ލިބުނީ ކިހިނެއް؟"
މިމީ ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ދުނިޔެ އަޅާ ގޮސްފައިވާ އޭނާގެ މަންމައާއި މާމަގެ ވާހަކަ އެތަނަށް އަންނަން ޖެހުނު ސަބަބެއްވެސް ނޭގުނެވެ. 
" މީގެ ޒަމާންގަނޑެއްގެ ކުރީން ކަލޭގެ މާމަ ފަހަތުން އަހަރެން އާދޭސް ކުރަމުން ދުވީން.....! އެމީހާ އަހަންނަށް ދިނީ ބީރު ކަންފަތެއް!"
މިމީއަށް ނޭގޭ ހަޤީޤަތް ތަކެއް ހާމަވަމުން ދިއަ ހިނދު މިމީ ހުރީ ޙައިރާން ވެފަ އެވެ. މިމީގެ ބައްޕައާއި މާހިންގެ ބައްޕައާއި މައްސަލަ ތަކެއް ވާކަން އިނގެއެވެ. އެހެން ނަމަވެސް މިހާރު އެއިވެނީ އަދި ނޭގޭ ވާހަކަ ތަކެކެވެ. އެއީ އަދި އެއަށް ވުރެވެސް ކުރީގެ ވާހަކަ ތަކެކެވެ. 

" ކަލޭގެ މަންމަ ވެސް އަހަންނަށް ހަދާލީ އެހެން!"
ޖައުފަރުގެ ހިތުން ފިލައިގެން ނުދިއަ ވާހަކަތަކެއް އޭނާ ބޭރު ކުރަމުން ދިއައީ ޖެހިލުމެއް ނެތި އެވެ.
" މަށަށް އެހެން ހަދާލީ މަމީ އެއްޗެއް ނެތް މީހަކަށް ވީތީ..... އަހަރެންނަކީ ފައިސާއެއް، ބާރެއް، ސިކުނޑިއެއް ނެތް މީހެއް ކަމަށް އެމީހުން ޤަބޫލު ކުރީ!"
އެ ވާހަކަތައް އަޑުއަހަން މިމީ ހުއްޓުން އަރާފައި ހުއްޓެވެ. އެއީ މިމީގެ ބައްޕައަށް އިނގޭ ވާހަކަ ތަކެއް ބާއޭ ހިތަށް އަރާ ހާލުގަ އެވެ.
" އެކަމަކު އެންމެ ފަހުން ހާލުގަ ޖެހިގެން އަންނަން ޖެހުނީ ހަމަ އަހަރެންގެ ފައިބުޑަށް..... ހަމަ މިކަހަލަ ދުވަހެއްގަ....!"
ވެހެމުން ދިއަ ވާރޭގެ ބަރު ކަނިތަކުން ހަމަލާ ދެމުން ދިއަ ކުޑދޮރު ތަކަށް ކަޅި އެއްލަމުން އޭނާ ބުންޏެވެ. 

" ހަމަ ތި ގޮތަށް! ގޮތް ހުސްވެގެން.....! ފިރިމީހާ ޖަލުން ސަލާމަތް ކުރަން ބޭނުން ވެގެން.....!"
އެ ދައްކަނީ މިމީގެ މަންމަގެ ވާހަކަ ކަން އެނގުނެވެ. އެކަމަކު މިމީގެ ބައްޕަ ޖަލަށް ލީ ހަނދާނެއްވެސް މިމީ ނުވެ އެވެ. 
" ކަލޭމެން ކޮންމެ މީހަކު ކަމަކު ޖެހޭ އިރަށް އަހަރެންގެ ކައިރިއަށް އަންނަނީ ކީއްކުރަން؟ ކޮބާ ކަލޭގެ ބައްޕަ....! އޭނަ ކައިރީ ބުނެބަލަ ކަލޭ ތި ބޭނުންވާ ކަންތައް ކޮށްދޭން!"
މާހިންގެ ބައްޕަގެ ވާހަކަ ތަކުން މިމީ ހުރީ ބަސް ހުސްވެފަ އެވެ. މިމީ އެއައީ އޭނާގެ އަމިއްލަ ކަމަކު ނޫނެވެ. ޖައުފަރުގެ ދަރިފުޅުގެ ސަލާމަތަށްޓަކައެވެ.

" މާހިންގެ ބައްޕައަށް އިނގެއެއްނުން މާހިން އެކަހަލަ ކަމެއް ނުކުރާނެކަން! މާހިންގެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ މާހިންގެ ބައް..... "
މިމީ އާދޭސް ކުރާ ރާގެއްގައި ބުނެ ޖުމުލަ ފުރިހަމަ ނުވެ އުޅެނިކޮށް ޖައުފަރު ވާހަކަ ފެށީ ބާރަށެވެ.
" އޭނަގެ ގޮތެއް މަށަކަށް ނޭގުނު.....! މަގޭ ދަރިއެއް ނަމަ ކަލެއަކާ ނީންނާނެ!"
އެހެން ބުނަމުން ޖައުފަރު އޭނާގެ ހަތަރުކަޅި މިމީއާއި ހަމަކޮށްލި އެވެ. އެއަޑު އިވިފައި މިމީ ސިހިގެން ދިއަ އެވެ. އަދިވެސް މާހިންގެ ބައްޕައަށް ކަންބޮޑު ވަނީ މިމީއާއި މާހިން ކައިވެނި ކުރީ ތީއެވެ. މާހިން ހައްޔަރު ވެގެނެއް ނޫނެވެ.
" އޭނަ ކަލެއާ ކައިވެނި ކުރި ދުވަހުން ފެށިގެން.... އަހަރެންނާ ގުޅުން ކެނޑުނީ..... އަހަރެން އޭނައަށް ކޮށްދެން ޖެހޭ އެއްވެސް ކަމެއް މިހާރަކު ނޯންނާނެ..... އެއީ އަހަންނަށް ހިލޭ މީހެއް! އޭނައަށް ކޮންމެ ފަދަ އަދަބެއް ލިބުނަސް އަހަންނަށް ކުރާނެ އަސަރެއް ވެސް ނޯންނާނެ!"
ސާބިތު ކަމާއި އެކު އެހެން ބުނަމުން ޖައުފަރު ދެޖީބަށް އަތް ޖަހަމުން އަނެއް ފަރާތަށް އެނބުރި މިމީއަށް ފުރަގަސް ދިނީ ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނާ ފަދަ ގޮތަކަށެވެ.

މިމީއަށް ގިސްލެވެން ފަށައިފި އެވެ. އެންމެ ފަހުގެ އުއްމީދުވެސް ނެތިގެން ދިއައީ އެވެ. ކުށެއް ނެތް މަޢުޞޫމް މާހިންއަށް އެ ބޮޑު އަދަބު އެ ލިބެނީ މިމީގެ ސަބަބުން ކަން މިއަދު މިމީއަށް ޔަޤީން ވެއްޖެ އެވެ. އެއީ މާހިންގެ ބައްޕަ މާހިންއަށް ދީގެން އުޅޭ ލަނޑެއްކަން މިއަދު ކަށަވަރު ވެއްޖެ އެވެ. މާހިންގެ ބައްޕަ އެކަމުން ސަލާމަތް ކޮށްދިނިއްޔާ ނޫނީ މާހިން އެކަމުން ސަލާމަތް ނުވާނެ ކަން ވެސް ޔަޤީން ވެއްޖެ އެވެ. އަދި އިހުނަށް ވުރެވެސް އިތުރަށް މިމީގެ ހިތުގައި ޖެހިއްޖެ އެވެ. އޭނާގެ ސަބަބުން މާހިންގެ ދިރިއުޅުން ހަލާކު ގެ ތެރެއަށް ވެއްޓިގެން ދާތަން ބަލަން އޭނާއަށް ކެތް ވާނީ ކިހިނެއް ހެއްޔެވެ! 

ކިތަންމެ ލަދުގަތަސް، ބިރުގަތަސް، ހަށިގަނޑުގައި ވަރެއް ނެތަސް މިމީ މިވަގުތު ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ. މިމީ ރޮމުން ތުރުތުރު އަޅަމުން ޖައުފަރުގެ ކުރިމައްޗަށް ހުއްޓުނެވެ.
" އާދޭސް ކުރަން..... މާހިންއަށް ތިހެން ނަހައްދަވާ....! މާހިން ސަލާމަތް ކޮށްދެއްވާ....! ކުށެއްނެތި އޭނަގެ މުޅި އުމުރު ޖަލުގަ ހޭދަ ކުރަން ޖެހުނަ ނުދެއްވާ.....! މާހިން އަށް އެހެން ނަހައްދަވާ....!"
ރޮމުން ރޮމުން ގޮސް ޖައުފަރުގެ ފައިބުޑުގައި މިމީ އަށް އިށީންދެވިއްޖެ އެވެ. މާހިންއަށްޓަކައި ކޮންމެ ފެންވަރަކަށް ވެއްޓެން ޖެހުނަސް އޭނާއަށް ވަރިހަމަ އެވެ.
" މާހިންއަށް ރަޙުމް ކުރައްވާ....! ހައްޤު ނޫން އަދަބަކުން އޭނަ ސަލާމަތް ކޮށްދެއްވާ..! ހެޔޮނުވާނެ.....! އާދޭސް ކޮށްފަ މިއެދެނީ!"
ރޮމުން ރޮމުން ގޮސް ޖައުފަރުގެ ފައިތިލައިގައި މިމީ އަތް ޖައްސާލި އެވެ. ހަމަ އެވަގުތު ޖައުފަރު ބާރަށް ދުރަށް ޖެހިލި އެވެ. ނުރުހުމާއި އެކުގަ އެވެ. މިމީ އިސް އުފުލާ ޖައުފަރުގެ މޫނަށް ބަލާލި އެވެ. އެދެލޮލުން އަލިފާން ކަނި ބުރަމުން ދާތަން ފެނުނަސް އޭނާ މިއަދު ބިރެއް ނުގަނެ އެވެ.
" ޕްލީސް.....! މާހިންއަށް ޓަކައި އަޅުގަނޑު ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަން.....! ހަމަ އެކަނި މާހިން ސަލާމަތް ކޮށްދެއްވާ..... އާދޭސް...."
މިމީގެ އަޑުއިވިފައި ޖައުފަރުގެ މޫނުމަތީން ފެނުނު ވިހަ ހިނިތުން ވުމުގެ ސަބަބުން މިމީގެ ވާހަކަ ހުއްޓުނެވެ. ހަމަ އެވަގުތު ޖައުފަރު ގުދުވެ މިމީގެ އިސްތަށި ގަނޑުގައި ހިފެހެއްޓީ ބާރަށެވެ. އޭނާ މިމީގެ ހަށިގަނޑު ބިމުން އުފުލާލަން ހިފާލި އިރު އެމޫނު މަތީގައި ވަނީ އަނިޔާވެރި ކަމުގެ އިންތިހާ އެވެ.

ޖައުފަރު މިމީ ކޮޅަށް ނެގުމަށް ފަހު މިމީގެ ގައިން އަތް ދޫކޮށްލިއިރު ޖައުފަރު ހުރީ މާނޭވާ ލެވިފަ އެވެ. އެވަރުގެ ގަދަ ރުޅިއެއް އޭނާ ދުވަހަކުވެސް ނާދެ އެވެ.
" ކަލޭ މާހިން ދެކެ ތިހާ ލޯބި ވަންޏާ އެކަން ސާބިތު ކޮށްދީ!"
ޖައުފަރު ދެދަތްޕިލަ ޖައްސާ ބާރު ކޮށްލަމުން އެހެން ބުނިއިރު ކަރުގެ ނާރުތައްވެސް ފާޅުވާން ހުއްޓެވެ. 
" މާހިންއަށް ޓަކައި ކަލޭ ކޮށްދޭނީ ކީއް؟"
މިމީއާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ ޖައުފަރު އެހި އެވެ.
" ކޮންމެ ކަމެއްވެސް ކޮށްދޭނަން! މާހިން ސަލާމަތް ކޮށްދެއްވާ...!"
ތުރުތުރު އަޅަމުން ދިއަ މިމީ ރޮމުން ބުންޏެވެ.
" އެހެން ވިއްޔާ..... މާހިން ކައިރިން ވަރިވޭ....! މާހިން ދޫކޮށްލާ!"
މިމީގެ ފައިދަށުން ބިންގަނޑު ދެމިގެން ހެން ހީވި އެވެ. ގައިގެ ވަރު ދޫވެގެން ބިންމައްޗަށް ތިރި ނުވީ ކުރެވުނު ހިތްވަރުންނެވެ. ޤަބޫލު ނުކުރެވިފައި އެ ރަޙުމް ކުޑަ އިންސާނާގެ އަނިޔާވެރި ދެލޮލަށް ބަލަހައްޓައިގެން މިމީއަށް ހުރެވުނީ އެވެ.

" މާހިން ސަލާމަތް ވާން އޮތް ހަމަ އެކަނި ގޮތަކީ އެއީ!..... ކަލޭ މާހިން ކައިރިން ވަރިވާ ވަގުތުން ފެށިގެން މާހިން އަކީ މިނިވަނެއް! އެހެން ނޫނީ 25 އަހަރު ވިއަސް އޭނަ ސަލާމަތެއް ނުވާނެ! "
ދަރިފުޅުގެ ވާހަކަ އެހާ އަސަރެއް ނެތި ޖައުފަރު ދައްކަމުން ދިއައިރު މާހިން އަށްޓަކައި މިމީގެ ހިތް ކުދިވަމުން ދިއަ އެވެ.
" މާހިންގެ ދިރި އުޅުމާ ދޭތެރޭ ނިންމާނެ ގޮތެއް އަވަހަށް ނިންމާ.....! އެނގިދާނެ ތި ހަޤީޤީ ލޯބީގަ ހުރި ވަރެއްވެސް!"
މިމީގެ ބައްޕަ ތައުފީޤް ޖައުފަރާއި ދިމާއަށް ބުނެލި ޖުމުލައެއް ހަނދާން ކުރަމުން، ޖައުފަރު މަލާމާތުގެ ރާގަކަށް އެހެން ބުނެފައި އޮފީސް ކޮޓަރީން ނުކުމެގެން ދާން ހިނގައިގަތެވެ. މަޑުމަޑުން ހުރި ދިމާ ތަޅުން މައްޗަށް މިމީ ތިރިވީ އިތުރު ހިތްވަރެއް ނެތި ގެންނެވެ. ތަޅުންގަނޑު މައްޗަށް ޖެހިގަތުމާއި އެކު އިތުރަށް ނުހިފެއްޓިގެން އޭނާ ފަޅައިގެން ގޮސްފި އެވެ. އަޑުން އަޑުނަގާ ބާރަށް އޭނާއަށް އިރުގަނޑަކު ރޮވުނެވެ. އެހެނަސް އެއަޑު އަހާނެ އެއްވެސް އިންސާނަކު މިއަދު މިދުނިޔެއަކު ނެތެވެ.

ޔޫހާގެ އަތްތިލައިގައި ބާރަށް ހިފައްޓާލައިގެން ދާއިން އިނެވެ. އޭނާގެ ނުތަނަވަސް ވެފައިވާ ހިތަށް ދޭނެ އެއްވެސް ފަރުވާއެއް މިއަދަކު ނެތެވެ. ދާއިންގެ އެ ހިތާމައިގައި ޔޫހާގެ މުޅި އާއިލާ ބައިވެރި ވަމުން ދިއަ އެވެ. ހައިފާއަށް މާހިން އަކީ ދަރިއެއް ފަދަ ކުއްޖެކެވެ. މާހިންގެ އެ ރީތި އާދަތަކާއި ލޮބުވެތި މިޒާޖު ހައިފާގެ ހިތުން ވެސް ވަނީ ޖާގައެއް ހޯދާފަ އެވެ. ސިއްރުން ނަމަވެސް ދަބި ދަރިއަކަށް އެދެވުނެވެ. ލޫނާގެ ހާލު އިތުރަށް ބަޔާން ކުރުމުގެ ބޭނުމެއް ނެތެވެ. ފަހަކަށް އައިސް ގިނަ ވަގުތު އޮށޯވެ އޮވެވޭ ސަބަބަކީ އެއީ އެވެ. މާހިންއާއި ދޭތެރޭގައި ނުވިސްނަން އަޒުމް ކަނޑައަޅައިގެން ހުރި ނަމަވެސް މާހިންގެ ހަނދާންތަކާ ދުރަށް ދެވޭ ހިނދު ކޮޅެއް ނާދެ އެވެ. ލޫނާއަށް މާހިން ނުލިބުނު ނަމަވެސް މާހިންއަށް އެންމެ ހެޔޮގޮތް އެދެވެ އެވެ. މާހިން އުފަލުގައި ހުރުމަށް ބޭނުން ވެއެވެ. އެކަމުން މާހިން ސަލާމަތް ކުރުމަށްޓަކައި އޭނާއަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ވިސްނާ ވިސްނާވެސް ބޯ ހާސްވެ އެވެ. އަދި އެންމެ ދެރަވަނީ ދާއިން ފެނުމުންނެވެ. ދާއިން ހުންނަނީ ދިރުމެއް ނެތިފައި ހުންނަ ގޮތަކަށެވެ. އޭނާ ދެރަވާނެ ވަރު ލޫނާއަށް އިނގެ އެވެ. 

ދާއިން ޤަބޫލު ކުރި ގޮތުގައި ކޮއްކޮ ސަލާމަތް ކުރުމަކީ އޭނާގެ ޒިންމާ އެކެވެ. މަންމައަށްޓަކައި ވެސް އޭނާ އެކަން ކުރަން މަޖުބޫރެވެ. އެހެން ނަމަވެސް އޭނާއަށް އެހީވެދޭން ހުރީ ކާކު ހެއްޔެވެ! އިސް އުފުލާލި ވަގުތު ދޮރުމަތީގައި ހުރި ނާމީ ފެނުމުން ދާއިން އަށް އުއްމީދެއް ލިބުނެވެ. ރަނގަޅު ޚަބަރަކާއިގެން އައީ ކަމުގައި ހީކުރެވުނެވެ. ދާއިންއާއި ނާމީ އެކުއެކީގައި ކުރަން އުޅުނު ކައިވެނި ލަސްކޮށްލަން ޖެހޭތީ ނާމީގެ ބައްޕަ މަސައްކަތް ކޮށްގެން ކޮއްކޮ ސަލާމަތް ކޮށްދީ ފާނެހެން ދާއިންއަށް ހީވި އެވެ. ނާމީ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނުމުން ލޫނާވެސް ކޮޓަރީން ނުކުމެ ދޮރުމަތީގައި މަޑުކޮށްލި އެވެ. އުއްމީދު ކުރާފަދަ ވާހަކައެއް ނާމީ ބުނެފާނެ ކަމަށް އޭނާވެސް ސަމާލު ވެލި އެވެ. 
އިރުކޮޅަކު ނާމީ ހިމޭނުން އިނުމުން އޭނާ ދައްކާނެ މާބޮޑު ވާހަކައެއް ނެތް ކަން އެނގުނެވެ.
" ޔޫ ހޭވް އެނީ ނިއުސް؟"
އެންމެ ފަހުން ދާއިން އަހާލި އެވެ. ނޫނެކޭ ބުނުމުގެ ގޮތުން ދާއިން ބޯހޫރާލި އެވެ. 
" މިއަދު ޒުހުރީ އަންކަލް އާ ވާހަކަ ދެއްކުނު....! އެކަމު.... ނަތިންގް ޕޮސިޓިވް!"
ނާމީ ވެސް އެހެން ބުނީ ދެރަވެފަ އެވެ. އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ނާމީ ބޮލުން އިޝާރާތް ކޮށް ގާތަށް އައުމަށް ލޫނާ ކައިރިން އެދުނެވެ. ކިޔަމަންތެރި ކަމާއި އެކު ލޫނާ އައިސް ނާމީގެ ކައިރީގައި އިށީނެވެ. ފަހުން ނަމަވެސް އޭނާއާއި ކައިވެނި ކުރާނެ މީހަކީ އެއީ ކަމަށް ވާތީ އެވެ. ނާމީގެ ލޯބި ލޫނާއަށް އިޙުސާސް ނުކުރެވުނަސް ނާމީ ލޫނާގެ އަތްތިލައިގައި ހިފަހައްޓާލީ ލޯތްބާއި އެކުގަ އެވެ. 

" އެންމެން ކައިރީ ވާހަކައެއް ބުނަން ބޭނުން....!"
ނާމީ ދާއިންއާއި ޔޫހާއަށް ބަލައިލި އެވެ.
" އަންނަ ބުރާސްފަތި ދުވަހު އަހަރެން ލޫނާއާ ކައިވެނި ކުރަން ނިންމައިފިން!"
ދާއިންއާއި ޔޫހާއަށް ލިބުނު ޙައިރާން ކަމަށް ވުރެ ބޮޑު ޙައިރާން ކަމެއް ލިބުނީ ލޫނާ އަށެވެ. އެންމެންނަށް ލިބުނު ޙައިރާން ކަމަށް ނާމީ އިނީ ތައްޔާރު ވެގެންނެވެ.
" މިހާރު އިނަސް ޕާޓީ ބާއްވާނީ ފަހުންނޭ.... އެންމެން އެއްކޮށް."
ކުޑަ ހިނިތުން ވުމަކާއި އެކު ނާމީ އެހެން ބުނި ނަމަވެސް އެކަކުވެސް އިނީ ހިތްހަމަ ޖެހިފައެއް ނޫނެވެ. އެ ދަނޑިވަޅުގައި އަވަސް އަރުވާލައިގެން އެކަން ކުރަން ޖެހޭ ސަބަބެއް ނެތެވެ. ދާއިން އެފަދަ ބޮޑު ހިތާމައެއްގައި އުޅެނިކޮށް ޔޫހާއަށް ވެސް ހިތް ހަމަ ޖެހުމެއް ނުލިބޭ އިރު ލޫނާގެ އާއިލާ އުފާފާޅު ކުރާކަށް ބޭނުމެއް ނުވާނެ އެވެ. ލޫނާ ހިތްހަމަ ނުޖެހުނެވެ. މާހިންއަށް އެދިމާވި ކަންތަކުގައި ލޫނާ ހިތާމަ ކުރާނެކަން ނާމީއަށް ރަނގަޅަށް އިނގޭނެ އެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއިން އެއްވެސް ކަމަކާއި ދެކޮޅު ހަދާކަށް ލޫނާ ބޭނުމެއް ނޫނެވެ. މިހާރު އޭނާވެސް ޤަބޫލު ކުރާ ގޮތުގައި އޭނާ އަކީ ފުރިހަމަ އަންހެނެއް ނޫނެވެ. ގަދަ ހަދަން ހަދައިގެން އޭނާއާއި އިންނާނެ މީހަކު ނުވުމަކީވެސް ދުރުކަމެއް ނޫނެވެ.

ކޮމެންޓް 0