" ވަޓް ނާމީ!.... ދެންމެގަ ފޯނު އޮންކޮށްލީމަ ނާމީގެ މެސްޖު މި ލިބުނީ....! އައިއޭމް ސްޓަންޑް....!"
އަނެއްކޮޅުން ދޭނެ ޖަވާބަކަށް ވެސް މަޑުކޮށްނުލާ ޑޮކްޓަރ މީޒާނު އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ. އޭނާގެ އަޑުގައި ވާ ހާސްކަން ލޫނާގެ ހިތުގެ ވިންދު އަވަސް ކުރުވަމުން ދިއަ އެވެ.
" އަލުން ރި ކޮންފަރމް ކުރޭ.....ނާމީ! އައި ޑޯންޓް ބިލީވް ދިސް.....! އެޗް އައި ވީ ޕޮސިޓިވް އޭ.....!"
ލޫނާގެ ފައިދަށުން ބިންގަނޑު ދޫވެ ދުނިޔެ ވަށައިގެން އެނބުރިގެން ކަހަލަ އެވެ. ލިބުނު ޝޮކްގައި ބޮލަށް އެރި އެނބުރުމާއި އެކު ހޭހުސްވާން އުޅުނެވެ. އަތުން ދޫވި ފޯނު ބިންމައްޗަށް ޖެހުނު ގޮތަށް ސްކްރީން ފުނޑުފުނޑު ވެއްޖެ އެވެ. ދެފައިކޮޅު ތުރުތުރު އަޅައިގެން ގޮތުން ހަށިގަނޑު ހިފެހެއްޓޭ ވަރެއް ނުވި އެވެ. ކައިރީގައި ހުރި ތަނބުގައި ދެއަތުން ހިފަހައްޓާލަމުން ފުން ނޭވާތަކެއް ބޭރަށް ދޫކޮށް ލެވުނީ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުގެ ގޮތުންނެވެ. އެވަގުތު ބިންމައްޗަށް އެޅިފައިވާ ހިޔަނި ފެނުމުން ފަހަތުގައި މީހަކު ހުރިކަން އެނގުނެވެ. އެނބުރި ބަލާލި ވަގުތު ދޮރުމަތީގައި ހުރި ނާމީއާއި ހަތަރު ކަޅި ހަމަވި އެވެ. ނާމީއަށް ފާރަލާން އުޅެނިކޮށް އެކަން ފަޅާ އެރީތީ، ނޫނީ ނާމީގެ ފޯނު ލޫނާގެ އަތުން ވެއްޓި ފުނޑުނީތީ ލޫނާ މިވަގުތު ހާހެއް ނުވެ އެވެ. އޭނާ މިވަގުތު ވަނީ އެއަށް ވުރެ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. ދޮރުމަތީގައި ހުރި ނާމީގެ މޫނަށް ލޫނާއަށް ބެލުނީ ޙައިރާންކަމާއި އެކު އިންތިހާއަށް ބިރުގެންފައި ހުރެ އެވެ. ނާމީ ބަލަހައްޓައިގެން ހުރި ގޮތުން، ލޫނާއަށް ހަޤީޤަތް ފަޅާ އަރައިފިކަން ނާމީއަށް ޔަޤީން ވެފައި ހުރިކަން އެނގެ އެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ލޫނާގެ ބޮޑުވެފައި ވާ ދެލޮލަށް އިރުކޮޅަކަށް ބަލަން ހުރުމަށް ފަހު ނާމީ އިސްޖަހާލި އެވެ. ދެންމެގައި ލޫނާއަށް އެލިބުނު ޚަބަރަކީ ތެދު ޚަބަރެއް ކަން ކަށަވަރު ކޮށްދެމުންނެވެ.
ލޫނާ ކުރިއަށް ޖެހިލާ ކައިރީގައި ހުރި ބެންޗްގައި އިށީނެވެ. އޭނާގެ ގައިގައި ކޮޅަށް ހުންނަހާވެސް ވަރެއް ނެތެވެ. ނާމީއާއި ދިމާއަށް ކަޅިޖަހާ ނުލާ ބަލަން އިން ލޫނާގެ ހިތްވެސް ވަނީ އައްސި ވެފަ އެވެ. ހަރަކާތް ހުއްޓިފައި ނާމީ އާއި ދިމާއަށް ބަލަން އޭނާ އިނީ ނާމީގެ ބަހެއް އަހަން ބޭނުން ވެފަ އެވެ. އެހެން ނަމަވެސް ނާމީ އަނގައިން ބުނާކަށް ނޫޅެ އެވެ. އިސްޖަހައިގެން ހުރީ އެވެ. ލޫނާގެ ހިތުގައި އުފެދިފައިވާ ސުވާލު ތަކަށް ނާމީ ޖަވާބެއް ނުދިނަސް އެ ސުވާލު ތަކުގެ ޖަވާބު ލިބި ކަށަވަރު ވަމުން އައީ ނާމީގެ ހަމަ ހިމޭން ކަމުގެ ސަބަބުންނެވެ. ލޫނާއަށް ކުއްލިއަކަށް އެ ލިބުނު ޚަބަރާއި އެ ހިނގާދިއަ ކަންތައް ބަލައި ގަންނަން ލޫނާ އިރު ކޮޅެއް ނެގި އެވެ. ބޮލަށް އަރާފައިވާ ވާންކަން މުޅީން ކެނޑިގެން ނުދިއައަސް ނާމީއާއި ދޭތެރޭގައި ވިސްނާލާހާ ހިތްވަރު ލިބުނެވެ. މިވަގުތު ނާމީއަށް ބޭނުން ވަނީ ލޫނާގެ އެހީތެރި ކަމެވެ. ތަހުޤީޤެއް ހިންގުމެއް ނޫނެވެ. ލޫނާ އެވަރަށް ހާސްވެ ގޮތްހުސްވި އިރު ނާމީއަށް އަދި ކިހާ ވަރެއް ވާނޭ ހެއްޔެވެ! ހަނދާނަށް އައީ އެންމެ ފަހުން ނާމީ ބުނި ބަސްކޮޅެވެ. ލޫނާ އާއި އެކީގައި އޭނާއަށް ދިރި އުޅެވެން ނެތް ވާހަކަ އެވެ. ތަޤުދީރުގައި ލޫނާގެ ނަން ލިއެވިފައި ވަނީ މާހިންއާއި އެކުގައި ކަމަށް ބުނި ބުނުމެވެ.
ނާމީއާއި ދޭތެރޭގައި ވިސްނާލުމުން ހިތުގައި އުފެދުނު ހާސްކަން ހިތްދަތި ކަމަކަށް ބަދަލު ވެގެން ދިއައެވެ. ނާމީއާއި ކުރިމަތި ވެފައި އެވަނީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ! ދުނިޔެ މަތީގައި މީހަކަށް ދިމާވާނެ އެންމެ ހިތާމަވެރި، ބިރުވެރި، ލަދުވެތި ކަމަކާއި އޭނާ އެވަނީ ކުރިމަތި ލާން ޖެހިފަ އެވެ. ދުނިޔެއިން އެކަނިވެ، ގިނަވެ މުސްތަޤުބަލް ގެއްލުނީ އެވެ. ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށް ދިއުމަށް ތައްޔާރު ވާން ޖެހުނީ އެވެ. ވަގުތު ޖެހޭނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫން ކަމެއް ނެތުނީ އެވެ.
އިސްޖަހައިގެން ހުރި ނަމަވެސް ނާމީގެ މޫނުމަތީގެ ބަނަކަން ހާމަވަމުން ދިއަ އެވެ. ގޮތްހުސްވެފައި އޭނާ ހުރީ އިސް އުފުލާލަން ވެސް ނުކެރިފަ އެވެ. ލޫނާ ހިތްވަރު ކުރަމުން ތެދުވި އެވެ. މިއަދު ނާމީއަށް އޭނާ އެހީތެރިކަން ފޯރުކޮށް ނުދީފިއްޔާ ދެން އެކަން ކުރާނީ ކާކު ހެއްޔެވެ! ލޫނާ ގޮސް ނާމީގެ ކައިރިއަށް ހުއްޓުމުން ނާމީ އިސް އުފުލާ ލޫނާގެ މޫނަށް ބަލާލި އެވެ. އެވަގުތު ލޫނާގެ ހިތް ޒަހުމުން ފުރިގެން ދިއަ އެވެ. ނާމީގެ މޫނުމަތީގައި އެވާ މާޔޫސް ކަން ފެނުމުންނެވެ. އެފަދަ ހިތްދަތި ކަމެއް ދުވަހަކުވެސް އެއްވެސް މީހެއްގެ ކިބައިން ކުރީން އޭނާއަށް ފެނިފައެއް ނުވެ އެވެ. ލޫނާއަށް ނާމީގެ ގައިގައި ހިފައި ގަނެވުނެވެ. ނާމީގެ ހޫނު ހަށިގަނޑުގައި ވާ ތުރުތުރު އެޅުން ލޫނާއަށް ފާހަގަ ކުރެވުނު ހިނދު އެ ހަށިގަނޑު އަނދަމުން ދިއަ ވަރު ލޫނާއަށް އިޙުސާސް ކުރެވުނެވެ. މިވަގުތު ނާމީއަށް އިޙުސާސް ކުރެވޭނެ ހުރިހާ އަސަރުތައް އިޙުސާސް ކުރަންވެސް މީހަކަށް ނޭގޭނެ އެވެ.
ނާމީއަކީ ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ލިބިފައިވާ މީހެކެވެ. ފައިސާއިން ގަނެވޭނެ ކޮންމެ އެއްޗެއް މިލްކު ކުރުމުގެ ކުޅަދާނަކަން ލިބިފައި ވާ މީހެކެވެ. ޚިޔާލެއް ފިކުރެއްނެތި އުމުރުގެ ބޮޑުބައި އުފާ ކުރުމުގައި ހޭދަ ކުރުމަށް ފަހު ލޫނާއަށް ޓަކައި އޭނާ ވަނީ އެހުރިހާ ކަމެއް ދޫކޮށްލާފަ އެވެ. އޭނާ ވަނީ ދިރިއުޅުން ބަދަލުކޮށް ރަނގަޅު މަގަށް އެނބުރި، ތައުބާ ވެފަ އެވެ. އެހެން ނަމަވެސް އޭރު އެވަނީ މާ ލަސް ވެފަ އެވެ. ވާނެއެއްޗެއް ވެ ނިމިފަ އެވެ.
ލޫނާ ނާމީގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލި އެވެ. ނާމީއާއި ނުލާ ދިރިއުޅެން ޖެހިދާނެ ކަމުގެ ބިރު އިޙުސާސް ވުމުން އޭނާގެ ހަށިގަނޑުން ވަރު ދޫވާ ގޮތް ވިއެވެ. ނާމީ ފަދަ ފިރިއަކު އޭނާއަކަށް ދެނެއް ނުލިބޭނެ އެވެ. އެއީ އޭނާ ޤަބޫލު ކުރަން ޖެހޭ ހަޤީޤަތެކެވެ.
ލޫނާގެ އެ ގާތްކަން ނާމީގެ ރިހުންތައް އިތުރު ކުރުވަމުން ދިއަ އެވެ. އޭނާގެ ހަށިގަނޑުގެ އެތެރެ ގިރެމުން ދާކަން ލޫނާ އަށް އިޙުސާސް ކުރެވިއްޖެ އެވެ. އެކަމަށް ހައްލެއް ހޯދަން ލޫނާ މަސައްކަތް ކުރާނެކަން ނާމީއަށް އިނގެ އެވެ. އެހެން ނަމަވެސް އެއީ ދެން އެއްވެސް މީހަކަށް ވާނެ ކަމެއް ނޫނެވެ. ދާދި ދެންމެ އާއި ޖެހެން ދެން އެއްވެސް ބިރުވެރި ކަމެއް ނެތި، ހިނިތުން ވަމުން، އުފާ ކުރަމުން އައީ ނާމީ އަށް ކުއްލިއަކަށް ކުރިމަތި ވެފައި އެވަނީ ޤަބޫލު ކުރަންދަތި ހަޤީޤަތަކާ އެވެ. ދުވަހަކުވެސް އުއްމީދު ކޮށްފައި ނުވާ ފަދަ ނުރައްކާތެރި ކަމެއްގެ ތެރެއަށް އޭނާ ވަނީ ވެއްޓިފަ އެވެ. ދުނިޔޭގެ އެތަން މިތަނުގައި ހާސް ކަމެއްނެތި އޭނާ ވަނީ އުފާ ކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު ކުރިމަތި ވެފައި އެވާ ކަމަކީ އޭނާއަށް ކުރިމަތި ވެދާނެ ކަމެއް ކަމަށް ޤަބޫލު ކުރަން ދައްޗެވެ. އެފަދަ ގޮތް ގޮތަށް ނޫޅޭ މީހަކު މިހާރު ދުނިޔޭގައި މަދެވެ. އަދި އެ ނުރައްކާތެރި ކަން އޮތް ނަމަވެސް އެކަމުގެ އަސީރަކަށް ތިމާގެ އަމިއްލަ ނަފްސް ވެދާނެ ކަމުގެ ފިކުރެއް ކުރާ މީހަކު ވެސް މަދެވެ. ނާމީއަށް ވެސް ލިބުނު ލަނޑަކީ އެއީ އެވެ. އެތައް ބަޔަކު ތަކުރާރުކޮށް އެތައް ފަހަރަކު އެފަދަ އުފާތައް ޙާޞިލް ކުރަމުން ދެއެވެ. އެކަން ލައިގަންނަނީ ނަސީބު ދެރަ މީހަކަށެވެ. އެފަދަ މީހަކަށް ނާމީވެސް ވެދާނެ ކަމަށް ކުރީން ވިސްނާ ލެވުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ! އެންމެ ދެރަވާން ޖެހުނު ސަބަބަކީ މާ ކުރީން ނާމީ އަށް ކުރެވިފައި ވާ ކުށެއްގެ އަދަބު އަދި ކިރިޔާ ލިބުނީމަ އެވެ. ކުރެވުނު ކުށްތަކަށް ތައުބާވެ، ނުބައި ކަމާއި ދުރަށް ހިނގައިގެން ފަހުން މާޒީގެ ސަޒާ އޭނާއަށް ލިބުނީމަ އެވެ. އަދި އޭނާގެ ސަބަބުން ކުށެއްނެތް އޭނާގެ އަންހެނުންގެ ދިރިއުޅުން ވެސް ހަލާކު ވެގެން ދާން ޖެހުނީމަ އެވެ.
ނާމީގެ ގައިގައި ބާރަށް ހިފަހައްޓާ ލައިގެން ހުރި ލޫނާގެ ކަނދުރާމައްޗަށް ހޫނުކަން އިޙުސާސް ވަމުން ދިއައީ ނާމީގެ ލޮލުން އޮހޮރުނު ކަރުނައިގެ ސަބަބުންނެވެ. ލޫނާ އެހުރި ގޮތަށް ކެތްކޮށްލައިގެން ހުއްޓެވެ. ނާމީފަދަ ހިތްވަރުގަދަ، ފިރިހެންވަންތަ ޒުވާނެއްގެ ލޮލުން އެ އޮހޮރޭ ކަރުނައަކީ ކޮންމެހެން ބޭރު ވާން ޖަހޭ އެއްޗެކެވެ. އެހެން ނޫންނަމަ އެ ހަށިގަނޑުގެ ތެރެ އަނދާ އަޅިއަށް ވެގެން ދާނީ ހީވެސް ނުކުރާހާ އަވަހަށެވެ. އިރުގަނޑަކަށް ފަހު ނާމީ ލޫނާ ދުރަށް ޖައްސާލަމުން އޭނާގެ މޫނު ފޮހެލި އެވެ. ލޫނާގެ އެހީ އާއިއެކު އޭނާއަށް ކޮންމެވެސް އެއްޗެއް ބުނާނެ ހިތްވަރު ލިބިއްޖެ އެވެ.
" ސޮރީ... ލޫނާ...! އައި އޭމް ރިއަލީ ސޮރީ....! "
އެވަގުތުވެސް ނާމީ ދެރަވީ ލޫނާގެ ހާލާއި މެދުއެވެ. ނާމީގެ މޫނަށް ބަލަން ލޫނާއަށް ހުރެވުނީ ހިތްދަތި ކަމާއި އެކުގަ އެވެ.
" މީ އަހަރެންނަށް ކުރީން އުޅެވުނު ގޮތުގެ ނަތީޖާ....! "
ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ނާމީ ބުންޏެވެ.
" އަހަރެން އަދިވެސް ޤަބޫލެއް ނުކުރަމޭ ނާމީ!"
ލޫނާއަށް ރޮއި ގަނެވުނެވެ. އެހެން ގޮތެއް ވޭތޯ ބަލަން ލޫނާ އަދިވެސް ބޭނުމެވެ.
" އަލުން ޗެކު ކޮށްބަލަ.... ޕްލީސް!"
ނާމީ ބޯ ހޫރާލަމުން ދުރަށް ހިނގާލި އެވެ.
" ބޭނުން ކަމެއް ނޫން...! އޭގެން އިތުރަށް ވާނީ ބޭޒާރު...! އަހަންނަށް އިނގޭ އަހަންނަށް އުޅެވުނު ގޮތް.....! އޭރު އަހަންނަށް ވިސްނާ ނުލެވުނީ....! އަބަދުވެސް އިނގޭ.... އެހުރިހާ ގޮތަކަށް އުޅުނު އިރުވެސް މި ދެވެނީ ރިސްކު އޮތް ބިރުވެރި މަގަކުންކަން.....! އެކަމަކު އެއްވެސް މީހަކު ހިއެއް ނުކުރާނެ އެމީހަކަށް މިހެން ދިމާވެދާނެ ކަމަކަށް.... ދިމާވިއަސް ޤަބޫލު ވެސް ނުކުރެވޭނެ....! އެކަމަކު.... އަހަރެން ޤަބޫލު ކޮށްފިން....!"
ލޫނާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެހާ ފަސޭހައިން ނާމީ އެކަން ޤަބޫލު ކުރުމުން އެއީ ނާމީއަށް ކުރީން ވެސް ޝައްކުވެފައިވާ ކަމެއްކަމާއި ދޭތެރޭގައި ލޫނާގެ ހިތުގައި ސުވާލު އުފެދުނެވެ.
" އަހަރެން ދިއައީ މޯޗީ ގެ ބައްޕައަށް ލޭދޭން....! އެތަނުން އެނގުނީ....! ހޮސްޕިޓަލުން އަހަރެން އަނެއްކާ ގެންދިއަ.... އަލުން ޗެކް ކުރަން ބޭނުންވި....! ކިތަންމެ ފޮރުވަން އުޅުނަސް މިކަން މާގިނަ ދުވަހަކު ސިއްރެއް ނުވާނެ....! އަމުދުން އަހަރެންގެ ކަމެއް...! އަހަރެންގެ ސަބަބުން ލޫނާގެ އާއިލާއަށާ އަހަރެންގެ އާއިލާ އަށް ހާދަބޮޑު ލަދެކޭ....!
ނާމީ އޭނާގެ ތުރުތުރު އަޅާ އަޑުން ހިތުގައި ވާ ހުރިހާ އެއްޗެއް ބޭރު ކުރަމުން ދިއައިރު ލޫނާގެ ހިތުގެ ހާސްކަން ދިއައީ އިތުރު ވަމުންނެވެ.
" އަހަރެން ބޭނުމެއް ނޫން އަދިވެސް މީ ނުވާކަމަކަށް ހަދައިގެން އެހެން ގޮތެއް ވެދާނެ ކަމަށް އުއްމީދު ކޮށްގެން ހުންނާކަށް..! އަހަރެން މިކަން ޤަބޫލު ކޮށްފިން، ލޫނާ ވެސް މިކަން ޤަބޫލު ކުރޭ....!"
އެއްވެސް އެހެން ގޮތެއް ނެތްކަން ނާމީއަށް ޔަޤީން ވިއިރު ލޫނާވެސް ޖެހޭނީ އެކަން ޤަބޫލު ކުރާށެވެ. ނާމީގެ ވާހަކަ އަޑުއަހަން ހުރި ލޫނާގެ ހަށިގަނޑަށް ވެރިވަމުން ދިއަ ހާސް ކަމާއި ބިރުވެރި ކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އަނދަމުން ދިއަ އަލިފާން ގަނޑުގެ އުދާސްތައް ދެކަންފަތުން ބޭރު ވަމުން ދިއައެވެ. އެ ޚަބަރު ލިބުމުން ކުރި އަސަރެއްގައި އިންތިހާއަށް ހާސްވި ނަމަވެސް އެއީ މިސްޓޭކަކަށް ވެދާނެ ކަމުގެ އުއްމީދު އޭރު އޮތެވެ. އެހެން ނަމަވެސް މިހާރު އެޖެހުނީ އެނޫން ގޮތެއް ނުވާނެ ކަން ޔަޤީން ކުރާށެވެ.
" ދުވަސް ގަނޑަކު އަހަރެން ދުނިޔޭގަ ހުރެދާނެ.... އެކަމަކު އެއީ ދެން މާނައެއް ނެތް ކަމެއް.....! "
ނާމީ ނޭފަތް ދަމާލި އެވެ. އޭނާގެ މާޔޫސް އަސަރު ތަކުން ލޫނާގެ ރިހުންތައް ދިއައީ އިތުރު ވަމުންނެވެ.
" އަހަރެންނަކަށް މާގިނަ ވަގުތެއް އަސްލުގަ ދެން ނެތް....! މި ހިތާމައިގަ އަހަރެން ހަލާކުވެގެން ދިއުމުގެ ކުރީން އަހަރެން ނިންމަން ޖެހޭ އެތައް ކަމެއް އެބައޮތް....! އެކަންކަން ނިންމަން އޮތް ވަގުތު ކޮޅެއް ދެން އޮތީ.....! އަހަރެން އެންމެ ދެރަވަނީ އަހަރެންނާއި ހެދި ލޫނާއަށް ކުރިމަތިލާން ޖެހިދާނެ ކަމަކާއި ދޭތެރޭ.....! ހެލްތުން ބޭނުންވާނެ ލޫނާވެސް ޗެކް ކުރަން....! "
ލޫނާގެ ދެލޯ ބޮޑު ވެގެން ދިއައެވެ. އޭނާގެ ގައިން ހީބިހި ނަގައިގެން ދިއައެވެ.
" އަހަރެންނަށް މިހެން ދިމާވި ސަބަބު އޮޅުން ފިލުވަން ވެސް އެމީހުން ބޭނުން ވާނެ.....! ކިތަންމެ ބަލައިގެން އުޅުނަސް ..... އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފަވާ މީހެއްގެ އަނބިމީހާގެ ގައިގަ އެއިޑްސް ބަލީގެ ވައިރަސް ހުރެދާނެ ކަމަށް ޤަބޫލު ކުރެވޭނެ....!"
އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ލޫނާ އަކަށް ނޫނެވެ. އެތެރެއަށް ވަންނަން އައި މޯނާގެ ދެފައި ބިމުގައި ހަރުލި ކަހަލަ އެވެ. އޭނާ އަށް އެއިވުނީ ހަމަ ނާމީގެ އަޑު ހެއްޔެވެ! އޭނާއަށް އެއިވުނީ ހަމަ އެ ބަސްތައް ހެއްޔެވެ! މޯނާ ކުއްލިއަކަށް ދާހިއްލާލި ވަރުން މޫނު މަތީގައި ވާ ފައުންޑޭޝަންގަނޑުވެސް ދިޔާވެގެން ދިއަ އެވެ. ކުރިއަށް ޖެހިލާ ބެލްކަނީއަށް ބަލާވެސް ނުލެވިފައި އޭނާ ހުރީ ހަށިގަނޑަށް ވެރިވި އަސަރަކުންނެވެ. އޭނާ އެތަނަށް ފޮނުވީ ޝައުކަތެވެ. އިރުއަރާ އެތައް އިރެއް ވީ އިރުވެސް ނާމީގެ ފޯނު ނިވިފައި އޮތުމުން ޝައުކަތު މާ ބޮޑަށް ކަންބޮޑުވީ އެވެ. އިއްޔެގައި ނާމީއަށް ދިމާވި ހާދިސާއަށް ފަހު ޝައުކަތުގެ ހިތުގައި ވެސް ވަނީ ބިރުވެރި ކަމެއް އުފެދިފަ އެވެ. ލައިގެން ހުރި އަންނައުނާއި އެކު ބާތުޓަބްގެ ތެރާގައި ނާމީ ޚަބަރު ހުސްވެފައި އޮންނަން ޖެހުނު ސަބަބު އޮޅުން ނުފިލި ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް އެބައުޅޭކަން އޭނާއަށް ވެސް އިނގެ އެވެ. ނާމީއާއި ސުވާލު ކުރުމުން ބުނެފައި ވަނީ ބޯ ހަމަ ޖައްސާލަން ބޭހެއް ކެއީ ކަމަށެވެ. އާދައިގެ ގޮތަކަށް ނާމީ އެހެން ބުނި ނަމަވެސް ބޯ ހަމަ ޖައްސަން އެވަރުގެ އެއްޗެއް ބޭނުން ކުރަން ޖެހުނު ސަބަބެއް ވެސް އޮންނާނެ އެވެ. އެ ސަބަބު މިއަދު މޯނާއަށް އެ އެނގުނީ އެވެ!
" މީ އާދައިގެ ކަމެއް ނޫން.... ޑަބްލިއު އެކް އޯ އިން މިކަން ސިއްރު ކުރަން އަންގާފަ އޮތަސް މިތަނުގަ މިކަން ސިއްރެއްވެސް ނުވާނެ..... މި ބަލީގަ މީހާ ހަލާކު ވެގެން ދާއިރު އެންމެ ބޮޑަށް ފިކުރު ކުރަންޖެހެނީ ދުނިޔޭގެ ލަދަށް....! އަހަރުމެން ދެމީހުންވެސް މީގެ ތެރޭގަ ހަލާކު ވެގެން ދާނީ.....! ލޫނާވެސް ޖެހޭނެ އެކަމަށް ތައްޔާރު ވާން!"
ނާމީ އެދައްކާ ވާހަކަ މާރަނގަޅަކަށް ލޫނާ އަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް މިހާރު ހުރިހާ އެއްޗެއް މޯނާއަށް ވިސްނިއްޖެ އެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ފަހަތަށް ދެފިޔަވަޅު އަޅާލި އެވެ. އެމީހުންގެ ކުރިމައްޗަށް ދިއުމަށް ވުރެން މިވަގުތު ރަނގަޅު ވާނީ އެތަނުން ދިއުމެވެ.
މޯނާ އައިސް ގޭތެރޭގައި ދެކޮޅަށް ހިނގަން ފަށައިފި އެވެ. ޝައުކަތުގެ މުދާގަނޑުގެ ބޮޑުބައެއް އަތުލައި ގަތުމަކީ އޭނާ އަބަދުވެސް ބޭނުން ވި ގޮތެވެ. ނާމީ ނެތް ދުނިޔެއެއްގައި އެހުރިހާ އެއްޗެއް ލިބޭނީ އޭނާއަށާއި އޭނާގެ ދަރިފުޅު ޖިނާނު އަށެވެ. ގާތްގަނޑަކަށް އޭނާ ބޭނުންވާ ގޮތް ވީއެވެ. އެހެން ނަމަވެސް މިއަދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ. ނާމީއަށް އެފަދަ ގޮތެއް ދިމާވާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ވާނީވެސް އެހެން ނެވެ. މޯނާ އެގެއަށް އައީ ނާމީ ވަރަށް ކުޑަ އިރެވެ. ބައެއް ފަހަރު ނާމީ ދެކެ ރުޅިގަދަ ކޮށްލިއަސް ނާމީގެ މައްޗަށް އޭނާގެ ހިތުގައި ވެސް ކޮންމެވެސް ކުލުނެއް ވެއެވެ. އެހެން ނޫނަސް ހިލޭ މީހަކަށް ވެސް އެފަދަ ހިތާމައެއް ލިބޭ ކަށް އޭނާ ނޭދެއެވެ. ނާމީއަށް އެދިމާވި ކަންތަކާއި ދޭތެރޭގައިއޭނާ ވިސްނަމުން ދިއައެވެ. އެއިވުނު އަޑަކީ ހަމަ ހަޤީޤަތެވެ. ނާމީ އަށް ވަނީ އެއިޑްސް ޖެހިފަ އެވެ. އެވާހަކަ އޭނާއަށް އަޑު އިވުނީ ނާމީގެ އަނގައިންނެވެ. ވިސްނި ވަރަކަށް ހާސްކަން ދިއައީ އިތުރު ވަމުންނެވެ! އެއިޑްސް ބައްޔަކީ ކޮބައިކަން އޭނާއަށް ވެސް އިނގެ އެވެ. މަޑުމަޑުން ނާމީ ހަލާކު ވެގެން ދާތަން ބަލާކަށް ޝައުކަތަކަށް ކެތެއް ނުކުރެވޭނެ އެވެ. އެމީހުންގެ އެ އުފާވެރި ދިރިއުޅުމަށް އެއެޅުނީ ކޮންފަދަ ނުބައި ހިޔަންޏެއް ހެއްޔެވެ!
ނާމީ ބަލާ ފޮނުވުމަށް ފަހު މޯނާގެ ޚަބަރެއް ނުވެ ގިނައިރުވެގެން ޝައުކަތު ސިޓިންގް ރޫމަށް ނުކުތް އިރު މޯނާ ހުރި ގޮތް ފެނިފައި ޝައުކަތުގެ ހިތުގައި ވެސް ބިރުވެރި ކަން އުފެދުނެވެ. މޯނާގެ މޫނުމަތީން ފެނުނު އަސަރު ތަކަކީ މާނަ ކުރަން ނުކުރެވޭފަދަ އަސަރު ތަކެކެވެ. މޯނާ ހުރީ ރުޅިއައިސް ފައެއް ނޫނެވެ. އޭނާ ހީވަނީ ބިރެއް ފެނިފައި ހުރިހެންނެވެ.
" ކިހިނެއްވީ....!"
ޝައުކަތުގެ އަޑު އިވިފައި މޯނާ ސިހުނު ވަރުން އެއްލިގެން ދިއައެވެ. ކުރިއަށް އޮތް ދުވަސްތަކާއި ދޭތެރޭގައި އޭނާއަށް މާ ބޮޑަށް ވިސްނާލެވުނީ އެވެ.
" މޯނާ!"
ޝައުކަތު އައިސް މޯނާގެ ގައިގައި ހިފެހެއްޓި އެވެ. ރަތްވެފައި ވާ މޯނާގެ މޫނުމައްޗަށް އިތުރު ވަމުން ދިއަ ދާބޮކިތައް ބިރުވެރި ކަމެއްގެ އިންޒާރު ދެމުން ދިއައެވެ!
" އަހަރެން ބުނީމެއްނުން.... އެ ލޫނާއާ ނާމީ ނުދެވާށޭ.....! "
ކުއްލިއަކަށް ފަހަތަށް ޖެހެމުން މޯނާ ރޮއިގަތެވެ.
" އަހަރެންގެ އަޑު އަހާނެ މީހަކު ނުވީމަ ވީ ގޮތްމީ!"
މޯނާ ބާރަށް ރޮމުން ހަޅޭއްލަވަމުން ދިއައިރު ވެގެން އުޅޭ ގޮތެއް ޝައުކަތަށް ތަސައްވަރު ކޮށްލަން ވެސް ނޭގުނެވެ.
" އަހަރެން ބުނީމެއްނުން....އެ ލޫނާ އަކީ ގޮތްނޭގޭ އިންޑިއާ މީހަކު ރޭޕް ކޮށްފަ ހުރި އަންހެނެކޭ....! އަހަރެންގެ އަޑު އެހިނަމަ މިއަދު ނާމީއަކަށް އެއިޑްސްއެއް ނުޖެހުނީސް !"