ކައިރީގައި ހުރި ސޯފާ ގޮނޑީގައި މާހިން އިށީނީ ކަކުލު ހުޅުން ބާރުދޫވާ ގޮތް ވުމުންނެވެ. މަޑުމަޑުން އިސް ޖަހާލެވުނީ ލަދުވެތި ކަމާއިއެކުގަ އެވެ. އޭނާ ފަދަ ފިރިހެނަކަށް ބަޔަކު ރާވައިގެން އެވަރުގެ ލަނޑެއް ދެވުނީތީ އެވެ. 
މާހިން އަށް ވީގޮތް ފެނިފައި ޖައުފަރުގެ މޫނުމަތީން ހިތްހަމަ ޖެހުމުގެ އަސަރު ފާޅުވެގެން ދިއައެވެ. އޭނާގެ ރޭވުންގަނޑު ކާމިޔާބު ވެއްޖެހެން އޭނާއަށް ހީވި އެވެ. މާހިންގެ ހިތް ނިކަމެތި ވެފައިވާ މި ދަނޑިވަޅަކީ އޭނާއަށް މުހިއްމު ދަނޑިވަޅެއް ކަން އެނގުނެވެ. އެފަދަ ދަނޑިވަޅުތަކުގެ ފައިދާ ނެގުމަކީ އޭނާ ދަންނަ ކަމެކެވެ. 

ޖައުފަރު އައިސް މާހިންގެ ގާތުގައި އިށީނެވެ. މާހިންއަށް ބައްޕައަށް ބަލައިލެވުނެވެ. އާންމު ކޮށް ބައްޕަ ނުކުރާ ފަދަ ކަމެއް ކުރީތީ އެވެ. ބައްޕައަކީ ވަރުގަދަ އުސޫލު ތަކެއް ގެންގުޅޭ މީހެކެވެ. އިށީނދެ އުޅެން ވަކި މަގާމު ތަކެއް ކަނޑައަޅައި ވަކި ދަރަޖަ ތަކެއް ގެންގުޅޭ މީހެކެވެ. އުނދޯލި ގޭގެ އަގުބޮޑު އުނދޯއްޔަކީ ބައްޕަ އެކަނި ބޭނުން ކުރާ އެއްޗެކެވެ. ދެން އެތަނުގައި ހުރި ސޯފާ ތަކަކީ އެހެނިހެން އިއްޒަތް ތެރީންނަށް ހާއްސަ ގޮނޑިތަކެވެ. ދުވަހަކުވެސް ބައްޕަ އެއިން ގޮޑިއެއްގައި އިށީން ތަނެއް ފެނިފައެއް ނުވެއެވެ. ބައްޕަ ދެކޭ ގޮތުގައި އެއީ ބައްޕައަށް ވުރެ ތަންކޮޅެއް ދަށް މަޤާމެކެވެ. އެހެން ނަމަވެސް މިއަދު މާހިންއާއި އެއްފެންވަރަކަށް ބައްޕަ ތިރިވިކަން މާހިންއަށް ފާހަގަ ކުރެވުނެވެ. ޖައުފަރު އިސް ޖަހާލައިގެން ދުރު ބަލަން އިން ގޮތުން ބައްޕަ ވެސް އިނީ ދެރަވެފައިކަން މާހިންއަށް އެނގުނެވެ.

" އެއްވެސް ބަފައަކު ދަރީންނަށް ދެރަގޮތެއް ނޭދޭނެ....! ދަރިފުޅަށް އެވަރު ނުވިސްނުނީތީ ދެރައީ....!"
މާހިން މޫނު ސީދާ ކޮށްލަމުން ދުރު ބަލާލި އެވެ. ބައްޕަގެ އަޑުގައިވާ އޯގާތެރި ކަމުން މިވަގުތު ބަލިކަށިވެފައިވާ މާހިންގެ ހިތަށް އަސަރު ކުރުވައިފި އެވެ. 
" އެންމެ ފުރަތަމަ ދުވަހުވެސް ބައްޕަ އެކަމާ ދެކޮޅު ހެދީ މިދުވަސް އަންނާނެ ކަން އިނގޭތީ....! އެދުވަހު ބައްޕަ ބުނި ބަސް ޤަބޫލު ކުރިނަމަ މާހިން ތި ހުރިހާ ކަމެއް ގޯ ތްރޫ ކުރާކަށް ނުޖެހުނީސް. މިދުވަސް ތައް ވޭސްޓް ނުކުރިނަމަ މޭބީ ..... ޔޫ މައިޓް ހޭވް ގޮޓް ސަމްވަން އީވަން ބެޓަރ!"
ބައްޕަ އެބުނި އެއްޗަކާއި ދޭތެރޭގައި މާހިންއަށް ވިސްނާލެވުނެވެ. ކުއްލިއަކަށް ހިތަށް ވަދެގެން ދިއައީ ލޫނާ އެވެ! ބައްޕަ އެބުނީ ތެދެކެވެ. އޭނާ އަށް ލޫނާ ގެއްލުނީ މިމީއަށް އިތުބާރު ކުރިވަރުންނެވެ. ލޫނާ އޭނާ ދެކެ ލޯބިވާކަން އޭނާއަށް ޔަޤީން ވިއެވެ. އަދި ލޫނާއާއި ގުޅުން ބަދަހި ކުރާނެ ފުރުސަތުވެސް ލިބުނެވެ. އޭނާގެ ހިތް އެކަމަށް ބޭނުންވި ވަގުތުތަކެއްވެސް ދިއައެވެ. އެހެން ނަމަވެސް އަމިއްލަ ނަފްސަށް ވިސްނާދީގެން، މަޖުބޫރު ކުރުވައިގެން އޭނާ ލޫނާއާއި ދުރަށް ދިއައީ އެވެ. ލޫނާގެ ލޯތްބަށް އޭނާ ހަމަ ގަސްދުގައި ފުރަގަސްދިނީ އެވެ. މިމީއަށް ޓަކައެވެ. ބައްޕަ އެބުނީ ތެދަކަށް ވެސް ވެދާނެ އެވެ. އޭނާ ހައްޔަރު ވި ދުވަހުވެސް ލޫނާ އޭނާއާއި ބައްދަލު ކުރަން ދިއައެވެ. މިމީއަށް ވުރެ ކުރިން ނެވެ. އެދުވަހުވެސް ލޫނާ ދިއައީ ލޫނާ އޭނާ ދެކެ އިންތިހާއަށް ލޯބި ވާކަން ސާބިތު ކޮށްދީފަ އެވެ. 

މާހިން އޭނާގެ ޝަހާދަތް އިނގިލީގެ ނުފުށުގައި ދަތް އަޅާލި އެވެ. މަގުމަތީން ގާ ހޮވަން އުޅެން ހަދައިގެން އޭނާއަށް އަގުބޮޑު ޖަވާހިރެއް ގެއްލުނީ އެވެ. ނޫނެކެވެ. ގެއްލުނީ ކަމަށް އަދިވެސް ނިންމައިގެން ނުވާނެ އެވެ. ލޫނާ ނާމީ ދެކެ ލޯތްބެއް ނުވެއެވެ. އެކަން މާހިންއަށް ޔަޤީނެވެ. ވީއިރު ލޫނާގެ ދިރިއުޅުން ނާމީއަށްޓަކައި ހަލާކު ކޮށްލިއަ ދީގެން ނުވާނެ އެވެ. އެހެން ހިތަށް އެރުމާއި އެކު މާހިންއަށް ތެދުވެވުނެވެ. އެކަމާއި ކޮންމެވެސް ކަމެއް ކުރުމަށް މާހިންގެ ހަށިގަނޑު އަވަސްވެގަތީ ހުދް އޭނާއަށް ވެސް ނޭގިއެވެ. 

" ސޮރީ!"
މާހިން ބައްޕައާއި ދިމާއަށް ބަލާލުމާއި އެކު އަވަސް އަވަހަށް މޫނު އަނބުރާލި އެވެ. ބައްޕައާއި ހަތަރު ކަޅި ހަމަ ކުރާހާ ހިތްވަރެއް އޭނާގެ ނެތެވެ. 

މާހިން ގޭތެރެއަށް ވަނުމާއި އެކު ދާއިން އައީ ޚަބަރު ހޯދާށެވެ. މާހިން މިމީގެ ވާހަކަ މާ ބޮޑަށް ދައްކާކަށް ނޫޅެ އެވެ. އޭނާ ބޭބެއާއި ސުވާލު ކުރީ ބޭބެގެ ކައިވެންޏާއި ބެހޭ ގޮތުން ނެވެ. އެ ސުވާލު ތަކުގެ އެހީގައި ލޫނާއާއި ނާމީގެ ކައިވެންޏާއި ބެހޭ މައުލޫމާތު ކޮޅެއް ލިބިއްޖެ އެވެ. ލޫނާގެ ވާހަކަ ބޭބެ ގާތުގައިވެސް ދައްކާކަށް މާހިން ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް ޔޫހާގެ ގެއަށް ޖައްސާލަން އެދޭ ކަމަށް މާހިން ބުންޏެވެ. ޔޫހާ ދެކިލަން ކަމަށެވެ.

ޑްރެސިންގް ޓޭބަލްގެ މޭޒު ކައިރީގައި ލޫނާ އިނެވެ. އޭނާގެ ކުރިމަތީގައި އޮތް އަގުބޮޑު ރީތި ހެދުމަށް ބަލާށެވެ. އެއީ އޭނާ މިރޭ ލާ ހެދުމެވެ. ރަން ކިޔާ ވަގުތުގައި އޭނާ ލާން ޖެހެނީ ނާމީ ދޭ އެއްޗެކެވެ. އޭނާގެ ކޮންމެ ކަމެއް ނާމީ ވަނީ ވިސްނުން ތެރިކަމާއި އެކު ރާވާފަ އެވެ. ދާއިން އަށް ވުރެވެސް ނާމީ ވަނީ އެކަމުގައި ކުރިއަރާފަ އެވެ. އެކަމާ އެންމެ އުފާވަނީ މަންމަ އެވެ. އެހެން ނަމަވެސް ލޫނާ ގެ ހިތަށް އަރަމުންދާ އެއްޗަކާއި ދޭތެރޭގައި ފަރުވާލެއް ހުރި މީހަކު ނެތެވެ. ކައިވެނި ގާތް ވީވީހެން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިއަ ނަމަވެސް ރޭއްސުރެ ކޮންމެވެސް ކަމަކާއި ހިތް އުފާވާ ގޮތް ވަނީ އެވެ. ބުނަން ނޭގޭ ކޮންމެވެސް ކަމެކެވެ. ވާން އުޅޭ ކޮންމެވެސް އުފާވެރި ކަމެއްގެ އިޙުސާސްހެން ހީވެ އެވެ. ނާމީއާއި ކައިވެނި ކުރެވެން އުޅޭތީ އޭނާގެ ހިތް އުފާވަނީ ކަންނޭގެ އެވެ. 

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ދޮންތީ ވަން ގޮތުން ލޫނާ ދިއައީ ސިއްސައިގެންނެވެ. މިހާރަކަށް އައިސް އަބަދުވެސް ސިހިސިހި ހުންނަ ލޫނާގެ ހިތް ބިރުގަތެވެ. އެހެން ނަމަވެސް ދޮންތީގެ މޫނުމަތި ފެނުމުން ސުވާލު އުފެދުނެވެ. ދޮންތީ ހުރީ އުފަލުން ފުރިފަ އެވެ. 

" ކޮއްކޯ!"
އުފަލުން ގޮސް ޔޫހާއަށް ފުމެނީއެވެ.
" ކޮއްކޯ...އާދެބަލަ ބޭރަށް. ވަރަށް އުފާވާނެ! "
އެހެން ބުނެފައި ޔޫހާ ބޭރަށް ދުއްވައި ގަތެވެ. އެވަރުގެ އުފާވެރި ކަމަކީ ކޮބައިތޯ ބަލާލަން ލޫނާވެސް އަވަސް ވެ ގަތެވެ. ކޮޓަރީގެ ދޮރުން ނުކުތުމާއި އެކު ލޫނާގެ ދެފައި ބިމުގައި ހަރުލި އެވެ. އޭނާ ނުކުތް ދޮރާއި ދިމާއަށް ކަޅި ހުއްޓާލައިގެން ހުރި މާހިން ފެނުމުންނެވެ. ވީ އުފަލުން ހަށިގަނޑަށް އައި ބަދަލު ކޮންޓުރޯލެއް ނުކުރެވުނެވެ. ލޫނާގެ ދެލޯ ފެންކަޅި ވެގެން ދިއަތަން ޝައުގުވެރި ކަމާއި އެކު ލޫނާއަށް ބަލަން ހުރި މާހިންއަށް ފެންނާނެ އެވެ. ލޫނާ ގެ ހަށިގަނޑުން ބޭރުވަމުން ދިއަ އަވަސް ނޭވާތައް މައިތިރި ކުރަން އޭނާ މަސައްކަތް ކުރިއެވެ. އެތަނުގައި ތިބި އެންމެން ގެ ކުރިމަތީގައި އޭނާ ބޭޒާރު ވެދާނެހެން ހީވުމުންނެވެ. މާހިންއާއި އެތައް ސުވާލު ތަކެއް ކުރަން ބޭނުން ވިއެވެ. އެހެނަސް އަނގައިން ބުނާކަށް ނުކެރުނެވެ. އަނގައިން ނުވެސް ބުނެވޭނެ އެވެ. މިވަގުތު އަޑުވެސް ބޭރު ނުވާނެކަން ޔަޤީނެވެ.

" އިނގޭތަ ކޮއްކޮ އަތުން އަތުލައި ގަތީ ޑްރަގްސް އެއް ނޫނޯ....! ގަސް ކާނާއޯ!"
ދާއިން އެހެން ބުނީ ހިނިއައިސް ފައެވެ. އެންމެން ވެސް ހީކުރީ އެއީ ދާއިން ކުރި ސަމާސާއެއް ކަމަށެވެ.
" ސީރިއަސްކޮށް!"
އެހެން ބުނަމުން ދާއިން ސޯފާގައި އިށީނުމުން މާހިންވެސް އިށީނެވެ. 
" އެއީ މި ކޮއްކޮ ހަމަ ޖަލަށް ވަދެލާހިތުން އަމިއްލައަށް ކޮށްލިކަމކޭ މަބުނާނީ.... އެހެންޏަ.... ކޮއްކޮއަށް އިނގޭނެދޯ ކޮއްކޮ އަތުގަ ހުރީ ގަސްކާނާކަން މާ ކުރީންވެސް....! އެކަމަކު އަދިވެސް އެތަކެތި ހޯދި ތަނެއްވެސް ނުބުނެ....! އަހަރުމެން ތަޅުވަން ކުރިކަމެއް ކަމަށް މަ ޤަބޫލު ކުރަނީ....!"
ދާއިން ވާހަކަ ދެއްކީ ސަމާސާ ރާގެއްގަ އެވެ. އެހެން ނަމަވެސް މާހިންގެ މޫނުމަތީން ފާޅުވަމުން ދިއައީ ސީރިއަސް ކަމެވެ. އަދިވެސް އޭނާ އިނީ ލޫނާއަށް ބަލާށެވެ. 

" ރަނގަޅެއްނު....! އަހަރެން އެކަން ކުރީތީ އަހަރެންނަށް އިތުބާރު ކުރާ މީހުން އަހަންނަށް އެނގިއްޖެ އެއްނު!"
އެއީ މާހިން ލޫނާއަށް ބުނި އެއްޗެއްކަން ލޫނާއަށް އެނގުނެވެ. ލޫނާ މާހިންއާއި ބައްދަލު ކޮށް ދެއްކި ވާހަކަ ލޫނާވެސް ހަނދާން އެބަހުއްޓެވެ. ލޫނާގެ މޫނު ރަތްވެގެން ދިއައެވެ. އޭނާ ދާއިންއަށާއި ދައްތައަށް އެރީތި ކޯތާފަތް ފޮރުވާލުމުގެ ގޮތުން އިސް ތިރި ކޮށްލިއެވެ. އާދަޔާ ޚިލާފަށް މާހިން މިއަދު ބަލާ ދުވަހެކެވެ. ލޫނާ މާ ބޮޑަށް ރަކި ވެއްޖެ އެވެ. އިސް ޖަހައިގެން އިން އިރުވެސް މާހިން އޭނާއާއި ދިމާއަށް ބަލަމުން ދާކަން އޭނާއަށް އެނގެ އެވެ. ޔޫހާ އަވަސްވެގަތީ މާހިންއަށް ސައި ތައްޔާރު ކުރާށެވެ. އާދައިގެ މަތީން ޔޫހާގެ ހިޔަނި ހެން ދާއިންވެސް ޔުހާއާއި އެކު ކާ ކޮޓަރިއާއި ދިމާއަށް ހިނގައްޖެ އެވެ. މާހިންއާއި ލޫނާ އެކަނި ވެއްޖެ އެވެ. ލޫނާގެ ހިތުގެ ތެޅުން އަވަސްވާން ފަށައިފި އެވެ. މާހިން ފެނުނީމައި އޭނާއަށް އެވާ ގޮތެއް އެހެން މީހަކު ފެނިގެން އޭނާއަކަށް ދުވަހަކު ވެސް ނުވާނެ އެވެ. މާހިންއަށް ވެސް މިއަދު ތަފާތު އިޙުސާސެއް އެބަ ކުރެ އެވެ. މީގެ ކުރީން ލޫނާއަށްޓަކައި މާހިންގެ ހިތް ތެޅުނު ތެޅުން މާހިން ކޮންޓުރޯލް ކޮށްފައިވަނީ މިމީއަށްޓަކަ އެވެ. އެހެން ނަމަވެސް މިއަދު އެ ހިތް ކޮންޓުރޯލް ކުރަންޖެހޭ ސަބަބެއް ނެތެވެ. އަދިވެސް ލޫނާއަކީ އެހެން މީހެއްގެ ހައްޤެއް ނޫނެވެ. މި ކުޑަ ވަގުތު ކޮޅުގެ ތެރޭގައިވެސް ވިސްނުން ބަދަލު ކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ.

" އަހަރެން ހީކުރީ މިހާރު ލޫނާ މެރީ ކުރީ ކަމަށް.....! ތާރސްޑޭ އަކީ އިއްޔެ!"
ޖަލުން ބައްދަލު ކޮށް ލޫނާ ބުނިއެއްޗެއް ހަނދާން ހުރިކަން އަންގައިދިނުމުގެ ގޮތުން މާހިން ބުންޏެވެ. އެހެން މާހިން ބުނީ ލޫނާމެންގެ ކައިވެނި ހޯމަ ދުވަހަށް ބަދަލު ވިކަން ނޭގޭތީއެއް ނޫނެވެ. މާހިން ބޭނުންވީ ލޫނާ އެއްޗެއް ބުނާށެވެ. އެ ކައިވެނި އޭނާ ކުރަން ބޭނުން ނޫން ކަން ހާމަ ކުރާށެވެ. އެހެން ނަމަވެސް ލޫނާ އެއްޗެއް ނުބުނެ އިނެވެ. މާހިން ވެސް އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާ ދެން ބުނަން އުޅޭ ވާހަކަ ބުނަން އިތުރު ހިތްވަރެއް ބޭނުން ވިއެވެ.

" ލޫނާއަށް އިނގޭތަ.... މިމީ ހިނގައްޖެ!"
ލޫނާއަށް މާހިންއާއި ދިމާއަށް ބަލައިލެވުނީ ޔަޤީން ނުކުރެވިފަ އެވެ. މާހިންއާއި ހަތަރު ކަޅި ހަމަވި ވަގުތު ލޫނާއަށް އެކަން ޔަޤީން ވިއެވެ. މާހިންގެ ދެލޮލުން ފެނުނު ހިތްދަތި އަސަރުތައް އެކަން ކަށަވަރު ކޮށްދިނެވެ.
" މިމީ އަސްލު އަހަރެން ދެކެ ލޯތްބެއް ނުވޭ....! "
މާހިން އިސް ޖަހާލި އެވެ. އޭނާ އެހެން ބުނަން ލަދުވެސް ގަތެވެ. 
" ދެރަވީ އަހަރެންނަށް އެކަން ނޭގުނީމަ.... އަހަރެންނަށް ހަޤީޤި ލޯބި ވަކި ކުރަން ނޭގުނީ!"
އިސްއުފުލާ މާހިން ލޫނާގެ ދެލޮލުން ފެންނަން ހުރި ހިތާމަވެރި އަސަރުތަކަށް ބަލަން ހުރެ ބުންޏެވެ. އެ ބޮޑު ދެލޮލުގެ ތެރެއަށް ގިނަވަމުން އައީ ކަރުނައިގެ މުތީތައް އިންތިހާ ދަރަޖައިގެ ލޯބި ހާމަ ކޮށްދެމުން ދިއަ އެވެ. 
" އެނގުނު އިރު މާ ބޮޑަށް ލަސް ވެއްޖެދޯ!"
މާހިން ލޫނާއާއި ދިމާއަށް ބަލަން ހުރެ މަޑުމަޑުން އަހާލި އެވެ. އެއީ މާހިން ލޫނާއާއި ކުރި ސުވާލެކެވެ. އެ މާނަ ފުން ސުވާލުގެ ޖަވާބުގައި ލޫނާގެ ހިތް ރޮއިގަތެވެ. ލަހެއް ނުވެޔޭ ބުނާ ހިތްވިއެވެ. އެހެނަސް އެހިތް ކިތަންމެ ވަރަކަށް ރޮއި އާދޭސް ކުރިއަސް ދެން އެއަޑު ބޭރެއް ނުވާނެ އެވެ. ހަޤީޤަތުގައިވެސް މިހާރު މާލަސްވެއްޖެ އެވެ. އެކަން ޔަޤީންވީ ދޮރުމަތީގައި ހުރި ނާމީ ފެނުމުންނެވެ.

" ހައި!"
ނާމީ އަށް މާހިން ފެނުމުން މޫނުމަތި އުޖާލާ ވެގެން ދިއަ އެވެ. އެހެން ނަމަވެސް ހަމަ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އޭނާގެ އެ އަސަރުތައް ބަދަލު ވެގެން ދިއަ އެވެ. މާހިން އާއި ލޫނާގެ ސީރިއަސް ކަން ފެނިފައި އޭނާގެ ހިތަށް ބިރުވެރި ކަމެއް ވަނެވެ. މާހިން އަކީ ލޫނާ އިންތިހާއަށް ލޯބިވި މީހެއްކަން ހަނދާން ވެގެން ދިއަ އެވެ.
މާހިންއާއި ސަލާމް ކުރުމުގެ ބަދަލުގައި ނާމީ އައިސް ލޫނާގެ ކައިރިއަށް ހުއްޓެމުން ލޫނާގެ އުނަގަނޑުގައި ހިފަހެއްޓި އެވެ. އެދެމީހުންގެ ގާތްކަން މާހިންއަށް ދެއްކުމުގެ ގޮތުންހެން ހީވެއެވެ. އޭގެ ސަބަބުން އުނދަގޫވީ މާހިންއަށް އެކަންޏެއް ނޫނެވެ. ލޫނާއަށް ވެސް ދުރަށް ޖެހިލަން އުޅެވުނެވެ. އެހެން ނަމަވެސް ހިތްވަރު ކޮށްލި އެވެ.

" ރަނގަޅު ދުވަހަކު ތިއައީ! މިރޭ އަހަރުމެން ރަން ކިޔަނީ!"
ލޫނާ އިސް ޖަހާލީ މާހިންއާއި ދިމާއަށް ބަލަން ކުޅަދާނަ ނުވެގެން ނެވެ. ކުޑަކޮށްވެސް މާހިންގެ ހިތުގައި ޖެހޭފަދަ ކަމެއް ވާކަށް އޭނާ ދުވަހަކު ވެސް ނޭދެ އެވެ. މާހިން އަކީ ހިތްވަރު ގަދަ ފިރިހެނެކެވެ. އޭނާގެ މޫނު މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރި ކުރުވީ ހިނދު ކޮޅެއްގެތެރޭގަ އެވެ.
" ކޮންގްރެޗުލޭޝަންސް! އަދި ލޫނާއަށް އެއުޅެނީ މަގޭ ކައިރީ ތިހެން ނުބުނެވިގެން!" 
އާދައިގެ ގޮތެއް ދައްކަމުން މާހިން ނާމީއާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލި އެވެ. އެއަށް ފަހު ލޫނާއާއި ދިމާއަށް އޭނާ އަތްދިއްކޮށްލީ ގަސްދުގަ އެވެ. އެއަތުގައިވާ މަޑުތުރުތުރުލުމާއި ފިނިކަން އޭނާ އިޙުސާސް ކޮށްލަން ބޭނުންވީ އެވެ. އެ ކުޑަ ހިނދު ކޮޅުގެ ބީހުމުންވެސް އޭނާއަށް ލޫނާގެ ހަށިގަނޑުގައި އަނދަމުން ދާ ހުޅުގަނޑުގެ ވަރުގަދަކަން އިޙުސާސް ކުރެވުނެވެ. 

ދާއިންއާއި ޔޫހާ ކޮފީތަށިތައް ހިފައިގެން އައި އިރު ނާމީ ފެނުމުން އެމީހުންނަށް އިތުރު އުފާވެރި ކަމެއް ލިބުނެވެ. ދެބައި މީހުންގެ ކައިވެންޏާއި ބެހޭ ގޮތުން ރާވަމުން ދިއައިރު އެތަނުގައި ދެ ހިތް އަނދާ އަޅިއަށް ވަމުން ދާކަން އެމީހުންނަށް ހަމަ އިޙުސާސް ނުކުރެވެނީ ހެއްޔެވެ! 

ކޮންމެ އަކަސް ދެން ދައްކާނެ މާގިނަ ވާހަކަ ތަކެއް ނެތެވެ. ހުރިހާ ކަމެއްވެސް ރާވާފައިވާ ގޮތުގެ މަތީން ކުރިއަށް ދާން ފަށައިފި އެވެ. ލޫނާގެ ހިތުގައި ކިތަންމެ ރިއްސިއަސް އޭނާވެސް ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އޭނާ ނިކަމެތިވެ ބޭކާރު މީހަކަށް ވީ ދުވަހު އޭނާ ބަލައިގެން ހަމަ އެކަނި މީހަކީ ނާމީ އެވެ! ނާމީގެ އުއްމީދު ތަކުގައި ކޮޅުފައިން ޖަހައިގެން އޭނާއަކަށް ލިބޭނެ އުފަލެއް ނޯންނާނެ އެވެ. އޭނާ މާހިންދެކެ ކިތަންމެ ލޯބި ވިއަސް އެދި އެލޯބި އޭނާގެ ހިތުން ދުވަހަކު ނުފޮހެވުނަސް ނާމީ ދޫކޮށްލާފައި އޭނާ ދެނެއް ނުދާނެ އެވެ. އެއީ އިންސާފެއް ނޫނެވެ! ލޫނާގެ ހިތްވަރު ގަދަކަމަށް ޓަކައި މާހިންގެ ހިތް ލޫނާއަށް އިތުރަށް ތައުރީފް ކުރި އެވެ. މާހިން ދެކެ ލޫނާ ލޯބިވާކަން މާހިންއަށް އިނގެ އެވެ. އެހެން ނަމަވެސް ލޫނާއަކީ މިމީއާއި ތަފާތު އަންހެނެކެވެ! ލޫނާ އެއްވެސް އިންސާނަކަށް ދެރައެއް ނުދޭނެ އެވެ! މާހިން އަށް ލޫނާ ނުލިބުނަސް މާހިންގެ ހެޔޮ ދުޢާ ވަނީ ލޫނާއާއި އެކުގަ އެވެ. ލޫނާ އޭނާގެ އަތުން ބީވެގެން ދިއަ ކަމުގެ ހިތާމަ އޭނާ އަބަދުވެސް ކުރާނެ އެވެ!

އެންމެ ދެރަވާން ޖެހުނު ކަމަކީ ނާމީގެ ކައިވެނީގެ ހުރިހާ ކަމެއް ނާމީ މާހިންއާއި ހަވާލު ކުރިކަމެވެ. އެއީ ނާމީ ގަސްދުގައި ކުރިކަމެއްކަން ލޫނާއަށް އިނގެނީ ލޫނާއަށް މާހިން ގާތުގައި ކުރީން ދެކެވިފައި ހުރި ވާހަކަ ތަކުންނެވެ. މާހިންދެކެ ލޫނާ ލޯބިވާކަން ނާމީއަށް އެންގިފައި ވާތީ އެވެ. 

ޔޫހާމެންނާއި ލޫނާމެންގެ ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ތައްޔާރު ކުރުމުގެ އިތުރުން ލޫނާއާއި ނާމީގެ އާ ކައިވެނީގެ އެނދުވެސް ތައްޔާރު ކުރަން ޖެހުނީ މާހިން އަށެވެ. ހިތުގައި އަތް އަޅާލައިގެން މާހިން އެހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ނިންމައިފި އެވެ. ދެން އޮތީ ކައިވެނި ކުރާ ވަގުތު ކޮޅެވެ. މުޅި އުމުރަށް ލޫނާ އޭނާއާއި ވަކިވާ ވަގުތު ޖެހެން އެންމެ ބައިގަޑިއިރަށް ވީއެވެ! 

ކޮމެންޓް 0