" މިއައީ ވާހަކައެއް ބުނަން!"
މިމީގެ އަޑުގައި ވާ އާދަޔާ ޚިލާފްކަން މާހިން އަށް ފާހަގަ ކުރެވުނެވެ.
" އަހަރެން..... ބޭނުން ވަނީ..... މާހިން ކައިރިން ވަރިވާން....!"
މާހިންގެ ސިކުނޑި ފިތިގެން ދިއަ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ. މޫނު މައްޗަށް އަނދިރިވެ ހަށިގަނޑުގެ ވަރު ދޫވެގެން ދިއައީ ހަށިގަނޑާއި ސިކުނޑިއަށް ވެރިވެގެން ދިއަ ގިނަ އަސަރު ތަކެއްގެ ސަބަބުންނެވެ. މޫނު ހުދުވެ އަރުތެރެ ހިކިގެން ދިއަ އެވެ. ޤަބޫލު ކުރަން ދަތިވެފައި މިމީއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ. އެއީ ދުވަހަކުވެސް މިމީގެ އަނގައިން ބުނެފާނެ ކަމަށް ޤަބޫލު ކުރި ޖުމްލައެއް ނޫނެވެ. ތަނަށް ވެރިވެގެން ދިއަ ހަމަ ހިމޭން ކަން އިސް ޖަހައިގެން އިން މިމީއަށް ވެސް ފާހަގަ ކުރެވުނެވެ. އިސް އުފުލާ މާހިންއަށް ބަލާލަން ވެސް ނުކެރިފައި މިމީ އިނެވެ. މިދަނޑިވަޅުގައި މާހިންއަށް ވާނެ ގޮތް އޭނާއަށް ވިސްނެ އެވެ. އެތަން އޭނާއަށް ފެނިއްޖެ ނަމަ އޭނާ އެކުރާ ހިތްވަރު ނާކާމިޔާބު ވެދާނެ އެވެ. މިމީގެ ހިތް ގިސްލާ ރޮމުން ދިއަ ނަމަވެސް މިއަދު މާހިންއަށް ޓަކައި އޭނާއަށް ކޮށްދެވޭނެ ހަމަ އެކަނި ކަމަކީ އެއީ އެވެ.
އިރުގަނޑެއްގެ ހިމޭން ކަމަށް ފަހު މާހިން އެއްޗެއް ބުނެވޭތޯ އުޅުނެވެ. 

" ކީކޭ...! "
ދެންމެގައި އޭނާގެ ކަންފަތުގައި އެ ޖެހުނު އަޑަކީ ހަޤީޤަތަކަށް ނުވުމަށް އެދި ދުޢާ ކުރަމުން އަނެއްކާވެސް މާހިން އަހާލި އެވެ. އޭނާގެ އަޑު މަޑެވެ. އެއަޑުގައި ވާ އަސަރު މިމީއަށް ރަނގަޅަށް އިޙުސާސް ކުރެވުނެވެ. މިމީގެ ހިތް އިތުރަށް ޒަހަމް ވެގެން ދިއަ ނަމަވެސް އޭނާ ޖެހޭނީ ކެތް ކުރާށެވެ. 
" އައި ވޯންޓް އަ ޑިވޯސް! "
ވަރުގަދަ އަޒުމަކާއި އެކު މިމީ ބުންޏެވެ. ޤަބޫލު ކުރަން ބޭނުން ނޫނަސް މާހިން ޖެހޭނީ ޤަބޫލު ކުރާށެވެ. މިމީ އެބުނީ ހަމަ އެހެން ނެވެ.

" ވައި؟"
އަނެއްކާވެސް މާހިން އެހި އެވެ. ކުރިއަށް ވުރެވެސް މާހިންގެ އަޑު ކުރަކިވެފައި ނިކަމެތި ކަން މިމީއަށް އިޙުސާސް ކުރެވުނެވެ. މާހިން ގިނަ ސުވާލު ތަކެއް ކުރަން އުޅެފިނަމަ މިމީ ފެއިލް ވެދާނެ އެވެ. ހަޤީޤަތުގައި މާހިންގެ އެ ސުވާލަށް ވެސް ދޭނެ ޖަވާބެއް މިމީއަކަށް ނޭގެ އެވެ. މިމީ އެއްޗެއް ނުބުނެ އިނެވެ. މާހިންއަށް ވިސްނޭ އެއްޗެއް މާހިން ބުނަންދެންނެވެ. 
" އަދި އިރާދުކުރެއްވިއްޔާ.... އަހަރެން ސަލާމަތް ވާނެ މިމީ!"
މާހިންގެ އަޑުގައިވާ ހިތްދަތި ކަމާއި އާދޭހުގެ ރާގު މިމީގެ ހަށިގަނޑު އިތުރަށް ބަލި ކޮށްލައިފި އެވެ. އެހެން ނަމަވެސް މިއަދު އޭނާ ކެތްތެރި ވާނެ އެވެ. އިތުރު ބަހެއް ބުނުމުގެ ކުރީން އިތުރު ހިތްވަރެއް ކުރަން އޭނާއަށް ޖެހުނެވެ.
" ކޮން ދުވަހަކުން....؟"
މިމީގެ އަޑު ނުކުތީ ތަންކޮޅެއް ބާރަށެވެ. ހިތް ހަރު ކުރަމުން އޭނާ މާހިންއަށް ބަލާލި އެވެ.
" އެއް އަހަރު؟ ދެއަހަރު؟ ހަ އަހަރު؟ ފަންސަވީސް އަހަރު؟..... މާހިންގެ ދިރިއުޅުން ހަލާކު ވެގެން ދާއިރު އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލަންތަ ބޭނުމީ؟"
ހިލައިގެ ބުދެއް ފަދައިން ހުއްޓިފައި، މިމީގެ ރަތްވެފައި ވާ މޫނަށް ބަލަން މާހިންއަށް އިނދެވުނީ ޙައިރާން ވެފަ އެވެ. އެއީ ހަމަ އޭނާގެ މިމީ ހެއްޔެވެ! 

ވާހަކަ ދެއްކުނު ރާގާއި ބުނެވުނު އެއްޗެއް މިމީއަށް ވިސްނުނީ މާހިންއަށް ވެފައި ވާ ގޮތް ފެނުމުންނެވެ. މިމީ އަވަސް އަވަހަށް މޫނު އަނބުރާލަމުން ދުރު ބަލާލި އެވެ. އެވަގުތު އޭނާގެ ދެލޮލުން ކަރުނަ އޮހިގަތީ ކޮންޓްރޯލެއް ނެތި އެވެ. ނޭވާ އަވަސްވެ ރުޅީގެ އަސަރު މިމީގެ ހަށިގަޑުގައި ގަދަވެގެން ދިއައީ މާހިންގެ ހާލު ފެނުމުންނެވެ. މަޖުބޫރު ވެގެން ނަމަވެސް އޭނާއަށް އެކުރެވޭ ކަމެއް އިޙުސާސް ވުމުންނެވެ. ޖައުފަރުގެ ހުރި ނުބައިކަން ހިތަށް ވަނުމުން ހަށިގަނޑުގެ ތުރުތުރު ލުން އިތުރު ވެގެން ދިއަ އެވެ. މިމީ ރުޅިގަދަވަމުން އައި މަންޒަރު ފެނުމުން މާހިންއަށް އޭނާގެ ކުށް އިޙުސާސް ކުރެވެމުން ދިއަ އެވެ. އޭނާ ދެކެ ރުޅިއަންނަން މިމީ އަށް ހައްޤެވެ. މިމީގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަން އޭނާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ! ދުނިޔޭގެ ކުރިމަތީގައި މިއަދު އޭނާ އަކީ ކުށްވެރި އެކެވެ. ހައްޤު ނޫނަސް އެ ކުށުގެ އަދަބު އޭނާއަށް ލިބޭނެ އެވެ. ސަލާމަތް ވާނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތެވެ. އޭނާއަށް ސަލާމަތް ވެވޭނެ އޮތީ އެންމެ ގޮތެކެވެ. އެހެނަސް އޭނާގެ މަންމައާއި މުޅި އާއިލާ ބަދުނާމް ވާނެ އެވެ. އެއަށްވުރެ އަމިއްލަ ނަފްސު ފަނާވެ ދިއުންވެސް ރަނގަޅެވެ. ވީއިރު ހަޤީޤަތް ޤަބޫލު ކުރުން ނޫން ގޮތެއް ނެތެވެ. 

ހަޤީޤަތަކީ މިމީ އެ ބުނީ އެވެ. މާހިންއަކީ އުމުރަށް ޖަލަށް ދާން ޖެހޭނެ މީހެކެވެ. ވީއިރު އޭނާގެ ހައްޤުޤައި މިމީ ބައިންދަން ބޭނުން ވުން އެއީ އޭނާ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މާހިން މަޑުމަޑުން އިސް ޖަހާލި އެވެ. ކުރެވުނު އިޙުސާސްގެ އަސަރުގައި ކެތް ނުވާވަރު ވެއްޖެ އެވެ. ކުއްލިއަކަށް ކުރިމަތިވި ވަރުގަދަ ތޫފާނުގައި އޭނާ ފުނޑުފުނޑު ވާން ގާތް ވެއްޖެ އެވެ. ގޮތް ހުސް ވެއްޖެ އެވެ. ހިނދު ކޮޅަކަށް ޓަކައި ސިކުނޑީގެ މަސައްކަތްވެސް ހުއްޓާލައިފި އެވެ. ނޭގި ހުއްޓާ ލޮލުން ފައިބައިގެން ދިއަ ކަރުނަ ތިއްކެއް އޭނާގެ އަތްތިލަ ތެންމާލައިފި އެވެ. މާހިން ލޯ މަރާލަމުން އޭނާގެ މުށުގެ ތެރޭގައި އެކަރުނަ ތިކި ފޮރުވައިފި އެވެ. އޭނާ ހާދަހާ ނިކަމެތި ވެއްޖެ އެވެ. އެ ދެލޮލުން ކަރުނަ އޮހޮރުނު ދުވަހެއް ހަނދާން ވެސް ނެތެވެ. އަނެއް އަތުން އަވަސް އަވަހަށް މޫނު ފޮހެލަމުން އޭނާ ނޭފަތް ދަމާލި އެވެ. އެއަޑުގައިވާ ތެތްކަން އިޙުސާސް ކުރެވުނު ހިނދު މިމީއަށް މާހިންއާއި ދިމާއަށް ބަލާލެވުނީ ބޭއިޚުތިއާރު ގައެވެ. މާހިން ރޮނީ ހެއްޔެވެ! އިސް ޖަހައިގެން އިން މާހިން އާއި ދިމާއަށް ބަލަން އިން މިމީގެ ދެތުންފަތުގެ ތުރުތުރުލުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ އަނެއްކާވެސް މޫނު އަނބުރާލި އެވެ. މާހިންއަށް އެހެން ހަދަން ހެޔޮ ވާނޭ ހެއްޔެވެ! މިއަދަކީ މިމީ މާހިންއަށް އުފާވެރި ޚަބަރު ދޭން ވީ ދުވަހެވެ. އަންނަން އުޅޭ ލޯބިލޯބި ދަރިފުޅުގެ އުއްމީދު ދޭން ވީ ދުވަހެވެ. އެހެނަސް މިމީ މާހިންއަށް ދޭން ޖެހުނީ ޒަހަރެވެ. ކުރާނެ ކަމެއް ނެތެވެ. މިއަދު އެއީ ޒަހަރަށް ވިއަސް މާދަމާ މާހިންއަށް އެޒަހަރަކީ ފޮނި އެއްޗަކަށް ވާނެ އެވެ. މަޑުމަޑުން މާހިން އަށް އެ ހާލަތުން އަރައި ގަނެވޭނެ އެވެ. ބައްޕަ އެދޭ ފަދަ އެހެން އަންހެނަކު މާހިންގެ ހަޔާތަށް އަންނާނެ އެވެ. ވަރަށް އަވަހަށް މާހިން މިމީއަށް ނަފްރަތު ކުރަން ފަށާނެ އެވެ. އެ ޒަހަރުގެ ހިތިކަން ދާއިމަށް އިޙުސާސް ކުރަން ޖެހޭނެ މީހަކީ ހަމަ މިމީ އެވެ. މާހިންއަށްޓަކައި ފުރާނައިން ގުރުބާން ވާން ޖެހުނަސް ހަމަ ހިމޭން ކަމާއި އެކު މިމީ އެކަން ކުރާނެ އެވެ. ހަމަ އެކަނި އެދުމަކީ މިހާރު ކުރިމަތި ލަމުން އެދާ ދަތި އުނދަގޫ ވަގުތުކޮޅު އަވަހަށް ފާއިތު ވެގެން ދިއުމެވެ. 

" އޯކޭ!"
އިރު ގަނޑަކަށް ފަހު މާހިންގެ އަޑު އިވުނެވެ. މިމީއަށް ލޯ މަރާލެވުނެވެ. ހިތާ ދެކޮޅަށް މާހިން އެބުނަން އުޅޭ ޖުމުލަ އަކާއި ދޭތެރޭގައި އޭނާވެސް ބިރުގަތެވެ.
" އައި ވިލް ޑޫ އިޓް ފޯ ޔޫ !"
މާހިން ބުނެލި އެވެ. މާހިން އެކަން ކުރަން އެއުޅެނީ މިމީއަށްޓަކަ އެވެ. ހަޤީޤަތް މާހިން އަށް އިނގޭނަމަ ކޮން ފަދަ ހެއްޔެވެ!
" މިމީ ތިބުނީ ތެދެއް....! އަހަރެންނާ ހެދި މިމީގެ ލައިފް ހަލާކު ވެގެން ނުވާނެ....! ޔޫ ޑޯންޓް ޑިޒަރވް އިޓް! "
އެހެން ބުނަމުން އަނެއްކާވެސް މާހިން ވާހަކަ މެދު ކަނޑާލީ ކީއްވެގެން ކަން މިމީއަށް އިނގެ އެވެ. ވާހަކަ ކުރިއަށް ނުގެން ދެވެނީ އެވެ. ހުއްޓާލަން މަޖުބޫރު ވަނީ އެވެ. މާހިން އަށް މޫނު ފޮރުވައިގެން ދުރު ބަލަން އިން މިމީއަށް ކުރަމުންދާ އަސަރު މާހިންއަށް އިނގޭ ހެއްޔެވެ!
" އަހަންނަށް އެއްވެސް ޗޮއިސް އެއް އޮތްނަމަ.... އަހަރެން މިމީ ދޫކޮށެއް ނުލާނަން..... ބި ކޯޒް..... އައި ލަވް ޔޫ ސޯ މަޗް!"
މިމީ ދެ ދަތްޕިލަ ޖައްސާ ބާރު ކޮށްގެން އިނދެ ހަށިގަނޑުގެ ތުރުތުރުލުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަ އިރު ދެލޮލުން އޮހޮރެމުން ދިއަ ލޭކަރުނައިން އޭނާގެ މޫނާއި ކަރުދޮށް ފޯކުރަމުން ދިއަ އެވެ. އެ އަސަރުތައް އޭނާއަށް ކޮންޓުރޯލް ކުރެވޭނީ ކިހާ ވަރަކަށް ހެއްޔެވެ! 

" ކޮންމެ ގޮތަކަށް މިއަދު ކަންތައް ވިއަސް.... އައި ވިލް އޯލްވޭސް ރިމެމްބަރ ޔޫ..... އަހަރެން އަބަދުވެސް މިމީ މިސް ވާނެ..... ބަޓް.....!"
މާހިންގެ އެ ރިހުންތައް އަޑު އަހާކަށް މިމީ ބޭނުމެއް ނޫނެވެ. މިވަގުތު އޭނާގެ އެތެރެހަށި އަނދާ އަޅިއަށް ވަމުން ދާކަން މާހިންއަށް ނޭގެނީ އެވެ. އެ ވާހަކަ ތަކަކީ، އެ ވަގުތު މިމީގެ ހަޔާތުން ފޮހެވިގެން ދާނެ އެއްޗެއް ނޫނެވެ. މާހިންއަށް އެކަން އިނގޭނެ ދުވަހެއް އަންނާނެ ބާއެވެ! 
" މިމީ ބޭނުން ގޮތަށް ކުރިއަށް ގެންދޭ..... އަހަރެން އެއްބާރުލުން ދޭނަން....!" 
އެހެން ބުނެފައި މާހިން ތެދުވި އެވެ. ދެން އޭނާ ފަރުވާތެރި ކަމާއި އެކު މިމީގެ ހަށިގަނޑަށް ބަލާލި އެވެ. މިމީގެ އެރީތި ސޫރަ އޭނާގެ ހިތުގައި ދާއިމަށް ރައްކާކުރަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ.
" ގުޑް ލަކް! " 
ދެން މާހިން އެނބުރި ދާން ހިނގައިގަތެވެ. އޭނާ އިތުރަށް އެއްޗެއް ބުނަން ބޭނުން ނުވީ ކަމެއް ނުބުނެވުނީ ކަމެއް ނޭގެ އެވެ. މާހިން ދަންދެން އިސް ޖަހައިގެން މިމީ އިނެވެ. އެންމެ ފަހު ފަހަރަށް ވެސް އިސް އުފުލާ ބަލާލާނެ ހިތްވަރެއް ނެތިފަ އެވެ. 

ދާއިންގެ ގޭތެރެއަށް ވެރިވެފައި ވަނީ ފަޅުކަމެވެ. ދާއިން ބަލަނީ ވީހާވެސް ގިނަ ވަގުތު ގެއިން ބޭރުގައި އުޅެވޭތޯ އެވެ. މަންމަގެ މާޔޫސް ވެފައިވާ މޫނާއި ކަރުނަ ނުހިކޭ ދެލޯ ދެކޭކަށް އޭނާއަކަށް ކުޅަދާނައެއް ނޫނެވެ. ކޮއްކޮއަށް އެއްވެސް އެހީއެއް ނުވެވުނު ވާހަކަ މަންމަ ގާތުގައި ތަކުރާރު ކޮށް ބުނަން ޖެހޭ ކޮންމެ ފަހަރަކު އަމިއްލަ ފެންވަރު ދަށްކަން އިޙުސާސް ކުރެވެ އެވެ. ދާއިން ޤަބޫލު ކުރި ގޮތުގައި އެ ހުރިހާ ސުންޕާ ކަމެއް ކުރިމަތި ވެގެން އެއުޅެނީ ބައްޕަގެ ސަބަބުން ނެވެ. ކޮއްކޮ ގެއިން ބޭރަށް ނުލިނަމަ އެ ކަމެއް ދިމައެއް ނުވީހެވެ. އަދި ކޮއްކޮއަށް އެ ކުރިމަތިވި ކަންތަކުގައި ބައްޕަގެ އެއްވެސް އެހީތެރި ކަމެއް ނުލިބުނީތީ މިހާރު ދާއިންގެ ހިތް ވެސް ވަނީ ބައްޕަގެ މައްޗަށް ކަޅުވާން ފަށާފަ އެވެ. ބޭނުން ނޫނަސް ބައްޕަ ދެކެ ފޫހިވާން ފަށައިފި އެވެ. މިހާރު ބައްޕަ ފެންނަ ހިސާބަށް އޭނާ ދަނީ ވެސް މަޖުބޫރު ވެގެންނެވެ. ބައްޕަ ގާތުގައި ކޮއްކޮގެ ވާހަކަ ދެއްކޭތޯ އެގޮތް މި ގޮތަށް މަސައްކަތް ކުރެވިއްޖެ އެވެ. އެއިން އެއްވެސް ކަމަކާއި ބައްޕަ އެހީވާން ބޭނުން ނުވާތާނގައި ކަންބޮޑު ވުމެއްވެސް ނެތެވެ.

މެންދުރުގެ ކެއުމުގައި ބައްޕައާއި އެކު ދާއިން ބައިވެރި ވަނީ ވާޖިބު އަދާ ކުރުމުގެ ގޮތުންނެވެ. މިއަދު ބައްޕަގެ މޫނު މަތީން ފެންނަނީ ކުރިއަށް ވުރެވެސް އުޖާލާ ކަމެވެ. ދާއިންގެ އަރު ތެރެއިން އެއްޗެއް ނުދިރިފައި އިން އިރު އެހެން ދުވަސް ދުވަހަށް ވުރެވެސް ރަނގަޅަށް މިއަދު ބައްޕަ ކާ ދުވަހެކެވެ. މަންމަވެސް ދުރުގައި މި މަންޒަރު ބަލަން ހުއްޓެވެ. ދާއިންގެ ހިތަށް އަރާ ފައިބަމުން ދިއަ ޝުއޫރުތައް މަންމަގެ ހިތުގައި ވެސް ހިނގަމުން ދާނެ ކަން ކަށަވަރެވެ.

" ކޮން އިރަކުން ދާއިންގެ ކައިވެނި އޮތީ؟"
އެއަޑު އިވިފައި ސިހުނީ ދާއިން އެކަންޏެއް ނޫނެވެ. ޙައިރާން ކަމާއިއެކު މަންމަވެސް ދާއިންއަށް ބަލާލި އެވެ.
" ކޮއްކޮ ސަލާމަތް ނުވަނީސް..... އަހަރެން މީހަކާ ނީންނާނަން!"
ދާއިން އެހެން ބުނީ ނުރުހިފަ އެވެ. އޭނާއަށް ހަމަ ކޮންޓްރޯލް ނުވީ އެވެ. ބޭނުންވީ ބައްޕައަށް އެއްޗެއް ވިސްނޭށެވެ. ބައްޕަ ރުޅިއައިސް ގެން އެއްޗެއް ބުނެފިއްޔާ ދާއިން ވެސް ދެން މަޑަކުން ނުހުންނާނެ އެވެ. ދާއިން އުއްމީދު ކުރި ކަހަލަ އަސަރެއް ބައްޕަގެ ފަރާތަކުން ނުފެނުނެވެ. ބައްޕަ އިނީ ހަމަ ޖެހިފަ އެވެ.
" ޝައުކަތު ބުނީ ނާމީ..... ނާމީގެ ކައިވެނި އަންނަ ބުރާސްފަތި ދުވަހަށް ހެދީއޯ! މާދަން ނޫން އަނެއް ދުވަސް!"
ނާމީގެ ކައިވެނީގެ ވާހަކަ ބުނަން ޖައުފަރަށް އުނދަގޫވި އެވެ. އޭނާ ކައިވެނި ކުރަން އެއުޅެނީ ލޫނާއާއި ކަން ޖައުފަރު ހަނދާން ވިއެވެ. އޭނާ ލޫނާގެ ބޮޑުބޭބެގެ މައުލޫމާތު ހޯދަން އުޅެގެން ލިބުނު ޚަބަރަކީ އޭނާ މިދުނިޔޭގައި ނެތް ޚަބަރެވެ. އެހެން ކަމުން ލޫނާއާއި ބެހޭ ގޮތުން އިތުރު އެއްޗެއް އަދިވެސް ޖައުފަރަށް ވަނީ ނޭގިފަ އެވެ. 

" އަހަރެންގެ ކޮއްކޮއަށް ކޮންމެ ގޮތެއް ވިއަސް ނާމީ މެން ކޮން ދެރައެއް ވާނީ؟ އެކަމާ ކަންބޮޑު ނުވާ މީހުން ސެލެބްރޭޓް ކުރަން ބައިތިއްބާ....! "
ދާއިން ވާހަކަ ދެއްކީ އެހެންޏާ ދުވަހަކު ވެސް ބައްޕައާއި ވާހަކަ ނުދައްކާ ރާގެއް ގައެވެ. އެހެން ނަމަވެސް އެކަން ބައްޕައަށް އިޙުސާސް ވާހެނެއް ހިއެއް ނުވެއެވެ.
" ބައްޕަ ބުނެފިން އެމީހުންގެ ކައިވެނި ހޯމަ ދުވަހަށް ލަސް ކޮށްލަން....! "
އެހެން ބުނަމުން ޖައުފަރު ތެދުވި އެވެ. އެއްޗެއް ނުބުނި ނަމަވެސް ދާއިން އިނީ ސުވާލު އުފެދިފަ އެވެ. ނާމީމެންގެ ކަންތަކާއި ބައްޕަ ބެހެންވީ ސަބަބެއް ދާއިން އަކަށް ނުވިސްނުނެވެ.
" ދާއިން އާ ނާމީގެ ކައިވެނި އެއް ދުވަހަކަށް ރާވަން ދޯ ކުރީން ނިންމީ.....! އެހެން ވީމަ އެގޮތަށް ކުރިއަށް ގެންދަން ބައްޕައަށް ފެންނަނީ.... އަންނަ ހޯމައިގަ ދާއިން މެން ވެސް ކައިވެނި ކުރަން ތައްޔާރުވޭ....!"
އެހެން ބުނެފައި ބައްޕަ ނުކުމެގެން ދިއައީ ދާއިންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ އެވެ. ދާއިން ހުރީ ޙައިރާންވެ އަންތަރީސް ވާން ކައިރި ވެފަ އެވެ. ކޮއްކޮގެ އެއްވެސް ކަމަކާއި ވިސްނާނުލި ބައްޕަ ދާއިންގެ ކައިވެންޏާއި ދޭތެރޭ އެވަރަށް ވިސްނައިފި އެވެ. ބައްޕަ އެއުޅެނީ އުފާ ފާޅު ކުރާނެ ގޮތެއް ނޭގިގެން ހެއްޔެވެ! ބޭނުމަކީ އިތުރަށް ކޮއްކޮ ހިތުގައި ޖެއްސުންހެން ހީވެ އެވެ. ދާއިން ގާތަށް ރުޅި އައީ ދުވަހަކު ވެސް ނާންނަ ވަރަށެވެ. 

" އަހަރެން މި ބުނީ.... ކޮއްކޮ ސަލާމަތް ނުވަނީސް އަހަރެން ކައިވެންޏެއް ނުކުރާނަމޭ....!"
ދާއިން ތެދުވީ ބާރަށެވެ. އިށީނދެގެން އިން ގޮނޑި ވެއްޓުނު އަޑު ޖައުފަރަށް އިވުނެވެ. ޖައުފަރުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިއައީ ދާއިންއަށް އަދިވެސް ބައްޕަ ނޭގެނީ އޭ ހިތަށް އަރާފަ އެވެ. ދާއިންގެ އެ ރުޅިގަނޑު ޖައުފަރަށް ކަމުދިއަ އެވެ. ބައްޕަގެ ހުރި ސިފައެއް ދާއިންގެ ވެސް އެބަހުރިހެން ހީވި އެވެ. ފިރިހެނެއް ވިއްޔާ އެވަރަށް ރުޅި އަންނަން ވެސް އިނގެން ވާނެ އެވެ. 

ތައުފީޤް އިނީ މިމީއަށް ބަލަން ޙައިރާން ވެފަ އެވެ. އެއްދިމާއަށް ކަޅި ހުއްޓާލައިގެން އެއްވެސް އަސަރެއް ނެތް ގޮތަކަށް އިނދެ ދަރިފުޅު އެ ކިޔަނީ ކީކޭ ހެއްޔެވެ! އޭނާ ދެން އިތުރަށް މާހިންއާއި އެކީ އުޅެން ބޭނުން ނުވާ ވާހަކަ އެވެ. މާހިން ކައިރިން ވަރިވާން ފޯމް ލީ ވާހަކަ އެވެ! ޤަބޫލު ކުރަން ދަތި ވެއްޖެ އެވެ. މިމީ ހަމަ މާހިން ދެކެ ލޯބި ނުވަނީ ހެއްޔެވެ! މިމީއަށް ކައިވެންޏަކީ އެއްވެސް އަގެއް ނެތް އެއްޗަކީ ހެއްޔެވެ! އެ ދަނޑިވަޅުގައި މާހިން ގާތުގައި މިމީއަށް އެހެން ބުނެވިއްޖެ ހެއްޔެވެ! މިމީއަކީ ހާދަހާ ހިތް ހަރު އަންހެނެކެވެ. މާހިންއަށް އެހާލު ޖެހުމުން މާހިން ދޫކޮށްލަން މިމީ ނިންމީ ހެއްޔެވެ! ދަރިފުޅުގެ މޫނަށް ބަލަން ތައުފީޤް އެ އިންނަނީ ޤަބޫލު ނުކުރެވޭތީ އެވެ. މިމީ އޭނާގެ ބައްޕައާއި ހަތަރު ކަޅި ހަމަ ނުކުރަން އުޅޭ ސަބަބެއް ވާނެކަން ކަށަވަރެވެ! 

ތައުފީޤް ކުރިއަށް ޖެހިލާ މިމީގެ ދެ ކޮނޑުގައި ދެއަތުން ހިފެހެއްޓި އެވެ. އެވަރުންވެސް މިމީ އިސް ނަގާ ގޮތެއް ނުވި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ތައުފީޤް މިމީގެ އިސް އުފުލާލީ ހިތުގައި ބޮޑުވެގެން ދިއަ ޝައްކެއްގެ ސަބަބުން ނެވެ. އެވަގުތު މިމީގެ ރަތްވެފައި ވާ ދެލޮލުގައި ފޮރުވިފައިވާ ސިއްރު ތަކެއް ވާކަން ތައުފީޤަށް ޔަޤީން ވިއެވެ! ތައުފީޤްގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއައެވެ. އެހިތުގައި ޝައްކުގެ ރާޅުތައް އެގޮތް މިގޮތަށް ދަތުރު ކޮށްގަތެވެ.

" ކިހިނެއްވީ....؟ ކާކު މަޖުބޫރު ކުރީ!"
ހަޤީޤަތް ހާމަ ނުކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް ތައުފީޤަކަށް މިމީއެއް ނޯޅޭނެ އެވެ. އޭނާ އެކަނި މައިކަނި ދަރިފުޅު ބަލާ ބޮޑުކޮށްފައި ވާއިރު އޭނާއަށް މިމީ ވަނީ ރަނގަޅަށް ދަސްވެފަ އެވެ. 
" ތީ ދަރިފުޅުގެ ވާހަކަ ތަކެއް ނޫން..... އަހަރެންގެ ދަރިއަކު އެހާ ރަޙުމް ކުޑައެއް ނުވާނެ! "
މިމީއަކަށް ކެތެއް ނުވި އެވެ. ކުއްލިއަކަށް އޭނާ ބައްޕަގެ ގައިގައި ބާރަށް ބައްދައިގަތުމާއި އެކު ރޯން ފަށައިފި އެވެ. އިތުރު ސުވާލެއް ކުރާކަށް ތައުފީޤްވެސް ބޭނުމެއް ނުވި އެވެ. އޭނާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެ އެވެ. ތައުފީޤްގެ ދެލޯ ކަރުނުން ބަރުވެގެން ދިއައީ މިމީގެ އެ ހާލަތު ފެނިފައި އެކަންޏެއް ނޫނެވެ. އަމިއްލަ ނަފްސް ކުށްވެރި ކުރެވުނު ވަރުން ނެވެ. އޭނާ ޖައުފަރުގެ ވަގު ވިޔަފާރި ބޭޒާރު ކޮށް ޖައުފަރުގެ ކިބައިން ބަދަލު ހިފަން ކުރި މަސައްކަތުގައި ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލެވުނީ އެވެ. ޖައުފަރަކީ އޭނާއަށް ދިމާ ކުރެވޭ ވަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުޅަދާނަ މީހެކެވެ. މިއަދު އޭނާ އަށް އެކަން ޤަބޫލު ކުރެވިއްޖެ އެވެ. 

ކޮމެންޓް 0