ތުންފަތަށް ބާރުލާ ދެދަތްޕިލަ ގާތް ކޮށްލަމުން ތައުފީޤާ މުހާތަބުކޮށް ބައްޕަ އެހެން ބުނެލި އިރު ބައްޕަގެ ރުޅިވެރިކަން ސާފުކޮށް ހާމަވާން ހުއްޓެވެ. ކަންބޮޑުވުމާއި، ޙައިރާން ކަމާއި، ލަދުވެތި ކަމާއި އެކު މާހިން މިމީގެ ބައްޕައަށް ބަލާލިއިރު އޭނާގެ މޫނު މަތީން ފެންނަމުން ދިއައީ ހިނިތުންވުމުގެ އަސަރެވެ!
" މަނިކުފާނު ހަމަ ބޭނުންފުޅު ގޮތެއް!"
ދެ ކޮނޑު އަރުވާލަމުން ހިނިތުން ވުމަކާއެކު ތައުފީޤް ބުނެލި އެވެ. ތައުފީޤްގެ ކޮންމެ ހިނިތުންވުމެއް ޖައުފަރުގެ ރުޅިވެރިކަން އިތުރު ކުރުވަމުން ގެންދިއަ އެވެ. ޖައުފަރު ޒިޔާދާ އާއި ދިމާއަށް ބަލާލުމަށް ފަހު މާހިން އާއި ދިމާއަށް ބަލާލި އެވެ. އެއިޝާރާތް އެމީހުން ދެނެގެންފި އެވެ. ޒިޔާދާ އިސްޖަހާލައިގެން އެތަނުން ދާން ހިނގައިގަތެވެ. ނުތަނަވަސް ހިތަކާއި އެކު މާހިން އެތަނުން ދާން ހިނގައިގަތީ ދެން ވެދާނެ ގޮތަކާއި ދޭތެރޭގައި ހިތުގައި ބިރު އުފެދިފައިވާ ހާލު ގައެވެ.
ޖައުފަރާއި ތައުފީޤް އެކަނި ވުމުން ޖައުފަރު ތައުފީޤަށް ބަލާލި އެވެ. ތައުފީޤްގެ މޫނުމަތީގައި އެވާ ހިނިތުންވުން ފެނުމުން ޖައުފަރުގެ ހިތުގައި އަނދަމުންދާ އަލިފާން ގަނޑަށް ޕެޓްރޯލް އެއްޗެއް އޮއްސާލެވުނު ފަދަ އެވެ. އޭނާ ތައުފީޤަށް ފުރަގަސް ދެމުން ދެޖީބަށް އަތް ޖަހާލިއިރު ހަށިގަނޑުގައި ވަނީ މަޑު ތުރުތުރު ލުމެއް އުފެދިފަ އެވެ.
" އެހެން ވީމަ މިކަމަކީ ތައުފީޤްގެ ރޭވުން ގަނޑެއް ދޯ!"
އެއަޑު އިވިފައި ތައުފީޤްގެ މޫނުމަތީގައިވާ ހިނިތުންވުން ކެނޑިގެން ގޮސް އެ މޫނުމަތީން ރަތް ކުލައިގެ އަސަރާއި އެކު ސީރިއަސްކަން ފާޅުވެގެން ދިއަ އެވެ.
" މީ އަހަރެންގެ މުއްސަނދި ކަމުގެ ތެރެއަށް ވަދެގަންނަންވެގެން ތައުފީޤް ޖެހި ރޮކެޓެއްދޯ!"
ޖައުފަރުގެ އެ ބަސްތައް އަޑު އަހަން ހުރި ތައުފީޤްގެ މޫނުމަތީންވެސް މިހާރު ފެންނަނީ ރުޅިވެރި ކަމުގެ އަސަރެވެ.
" އައްޗީޑި، ޖައުފަރު ހީކުރީ އަހަރެންމީ ޖައުފަރުހާ ފެންވަރު ދަށް މީހެއް ކަމަށްތަ؟ އަދިވެސް އަހަރެން ތި ފެންވަރަކަށް ނުވެއްޓޭ! "
ނޭވާއެއް ލުމަށްޓަކައި ތައުފީޤް ވާހަކަ މެދު ކަނޑާލި ނަމަވެސް އޭނާ ދައްކަން ހުރި ވާހަކަ ގިނަ އެވެ.
" މުއްސަނދި ކަމޭ؟ "
ތައުފީޤް އެހެން ބުނީ މަލާމާތުގެ ހިނި ގަނޑަކާއި އެކުއެވެ.
" މީ ޖައުފަރު ކޮންތާކުން ހޯދި މުއްސަނދި ކަމެއް؟ ކަލޭ މިއަދު އުޅެމުން ތިދާ މުއްސަދި، އިއްޒަތްތެރި، ގަދަރުވެރި ދިރިއުޅުމަކީ އަހަރެންގެ ހައްޤެއް!"
ތައުފީޤްގެ ވާހަކަ އަޑު އިވިފައި ޖައުފަރު ނިއްކުރި މައްޗަށް ރޫ ގިނަކޮށްލި އެވެ. ތައުފީޤް އެދައްކާ ބޭކާރު ވާހަކައިގެ އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ.
" އަހަރެންގެ އިނގިރޭސި ފެންވަރު ދަށްވީމަ ކަލެއަށް އަހަރެން ވަޒީފާ ދޭން ޖެހުނީ! ކަލޭ ވަޒީފާ ގަނޑެއްވެސް ނެތި ދަމާކަނޑަން އުޅެނިކޮށް ގެނެސް އަހަރެން ކަލެއަށް ޝެއަރ ދިނީ ކަލެއަށް ކުރެވުނު އިތުބާރަކުން! އޭރު އަހަރެން ނުދެނަހުރިން ކަލޭތީ ތިހާ ކެހިވެރި ޤައްދާރެއް ކަމެއް!"
ތައުފީޤްވެސް ހުރީ ގަދައަށް ރުޅި އައިސްފަ އެވެ. މާޒީގެ ހަނދާން ތައް އޭނާގެ ހިތް ގަދައަށް އަންދަން ފަށައިފި އެވެ. އެހެނަސް މިހާރު ޖައުފަރުގެ މޫނު މަތީން ނަފްރަތުގެ އަސަރާއެކު ފާޅުވަމުން ދަނީ ވިހަ ހިނިތުން ވުމެއްގެ އަސަރެވެ.
" އެއް އިރެއްގަވެސް ޤަމާރު ޖާހިލުންނަކަށް ވިޔަފާރިއެއް ނުކުރެވޭނެ..... "
ޖައުފަރު ބުނެލި އެވެ.
ޖައުފަރުގެ ރަޙުމްކުޑަ ބަސްތަކުން ތައުފީޤްގެ ރުޅިވެރި ކަން އިތުރު ކުރުވައިފި އެވެ. ތައުފީޤް ކޮށްދިން ހެޔޮ ކަމުގެ ބަދަލުގައި އޭނާއަށް ހަދާލެވުނު ގޮތާއި މެދު ޖައުފަރު އަދިވެސް ދެރަނުވަނީ އެވެ. ތައުފީޤްގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާ ހިންދެމިލި އިރު އިންސާނިއްޔަތު ކަމެއްވެސް ނެތެވެ. އެހާ ދުވަސް ވީއިރު އެންމެ ކުޑަމިނުން ކުށެއް ކުރެވުނު ކަމަށް ޤަބޫލު ކުރެވުނު ނަމަވެސް ރަނގަޅެވެ.
" އަނ...! އެދުވަހު އަހަރެންނަށް ހަރާމްކޯރެއްގެ ބޭނުން ޖެހުނު ގޮތަށް މިއަދު މިއޮތީ ކަލެއަށް ޖާހިލެއްގެ ބޭނުންޖެހިފަ. އަހަރެން މިއަދު މިތަނަށް މިއައީ ކަލޭ ބޭނުން ވެގެން! މިހާރު މިއޮތީ ކަލެއަށް އަހަރެންގެ ބޭނުން ޖެހިފަ! "
ރުޅިވެރި ކަމުން ފުރިފައި ވީނަމަވެސް ފަޚުރުވެރި ރާގެއްގައި ތައުފީޤް ބުންޏެވެ.
" ތީ ކުށް ހީއެއް!"
އެހެން ބުނަމުން ޖައުފަރު އެނބުރި ތައުފީޤާ ދިމާއަށް ބަލައިލި އެވެ. ދެ ހަތުރުންގެ ހަތަރު ކަޅި ހަމަވި ވަގުތު ދެމެދުގައި ވާ ހޫނޫން މައުހައުލު ވިރުވާ އަޅާލަފާނެހެން ހީވި އެވެ.
" ވަރަށް ބޮޑު ކުށް ހީއެއް! އަދިވެސް މަށަކަށް ކަލޭގެ ބޭނުމެއް ނުޖެހޭ! އޭރުވެސް، މިހާރުވެސް، އަދި ފަހަކުން ވެސް ނުޖެހޭނެ! އަދި ކަލޭ ހީނުކުރާތި އަހަރެންގެ ދަރިފުޅަށް ވެސް ކަލޭގެ ދަރިފުޅުގެ ބޭނުން ޖެހޭނެ ކަމަށް!
މާހިން އަކީ މަގޭ ދަރިއެއް! އެއީ މަގޭ ލޭ! އޭނަގެ މައްޗަށް ހިނގާނީ މަގޭ ބާރު!"
މޭގައި އަތްޖަހަމުން އެހެން ބުނެލި އިރު ޖައުފަރުގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިއަ އެވެ. ރުޅިވެރި ކަމުގެ ފުން ދެ ނޭވާ ބޭރު ކޮށްލަމުން ތައުފީޤްގެ މޫނަށް ބަލަން ސުކުންތު ކޮޅަކު ހުރުމަށް ފަހު އެތަނުން ދިއުމަށްޓަކައި ޖައުފަރު ބާރަށް ހިނގައި ގަތެވެ.
" މަސްލައެއް ނެތޭ!"
ތައުފީޤްގެ އަޑު ކަންފަތުގައި ޖެހުމުން ޖައުފަރުގެ ހިނގުމަށް ހުއްޓުމެއް އައެވެ.
" އަހަރެން ބަލާނަން، ހަރާން ގޮތުގަ ހޯދާފަ ހުރި ފައިސާގަތޯ ބާރު ގަދައީ، ނޫނީ ހަޤީޤީ ލޯބީގަތޯ ބާރު ގަދައީ!"
އެހެން ބުނުމަށް ފަހު ތައުފީޤް ބާރަށް ހިނގާފައި ގޮސް ޖައުފަރަށް ވުރެ ކުރީން އެތަނުން ނުކުމެއްޖެ އެވެ.
ބެލްކަނީގައި ހިނގާލަ ހިނގާލާ މާހިން ހުރީ ނުތަނަވަސް ވެފަ އެވެ. އޭނާގެ ބައްޕައާއި މިމީގެ ބައްޕަ އެކަނި ތިބެ ދައްކަން ބޭނުން ވި ވާހަކައަކީ ކޮބައިބާއޭ ހިތަށް އަރަމުން ދިއަ އެވެ. އޭނާ އިންތިޒާރު ކުރަމުން ދިއައީ އެ ބައްދަލު ވުމަށް ފަހު ބައްޕަ އޭނާއާ ބައްދަލު ކުރަން ބޭނުން ވާނެ ގަޑި އަކަށެވެ. ބެލްކަނީގައި ހުއްޓާ ފެނުނީ މިމީގެ ބައްޕަ ނުކުމެގެން ދާތަނެވެ. މާހިން، ބައްޕަގެ އިންތިޒާރުގައި ހުއްޓާ ދެން އިވުނީ ކާރު ސްޓާރޓް ކޮށްލި އަޑެވެ. ބައްޕަވެސް ގޭތެރެއަށް ނުވަދެ ނުކުމެގެން ދިއައީ އެވެ. ދެންމެގައި ހިނގި ހާދިސާގެ ޚަބަރެއް އޭނާއަށް ލިބޭ ގޮތެއް ނުވި އެވެ. އެވަރަކުން މާހިން އަކަށް ކަމަކު ނުދިޔަ އެވެ. އޭނާގެ ބައްޕަގެ ފަރާތުން މައުލޫމާތެއް އޭނާއަށް ނުލިބުނަސް މިމީގެ ބައްޕަ މިމީއަށް ކިޔައިދޭނެ ކަން ކަށަވަރެވެ. މާހިން އަވަސްވެ ގަތީ މިމީގެ ގެއަށް ދާށެވެ.
މަންމަ ގޮވައިގެން ޔޫހާ ހޮސްޕިޓަލަށް އައީ ދެންމެ އެވެ. ކޮއްކޮއާއި ބައްދަލު ވުމުގެ ކުރީން ކޮއްކޮގެ ހާލަތު ކޮންމެވެސް ވަރަކަށް މަންމައަށް ކިޔައި ދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް އަދިވެސް އެކަމެއް ނުކުރެވެ އެވެ. ކިޔައިދޭނެ އެއްޗެއް ނޭގެ އެވެ. ކޮއްކޮގެ ހާލަތު ރަނގަޅު ކަމެއް ނޫން ކަމެއްވެސް އޭނާއަކަށް އަދިވެސް ނޭގެ އެވެ. ބަލާބެލުމަށް ކޮއްކޮ ރަނގަޅެވެ. އެހެން ނަމަވެސް ރަނގަޅެއް ނޫނެވެ. މަންމަ ގާތުގައި ބުނަން ވީ ކީކޭ ހެއްޔެވެ! އަދި އިހަށް އެއްޗެއް ނުބުނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލު ކުރެވުނެވެ.
ލޫނާގެ އެނދު ފެންނަ ހިސާބަށް ދިއައިރު އެނދުގެ މަގަތުން އިށީންދެ އިން ނާމީ ފެނުނެވެ. ނާމީ ފެނުމުން ޔޫހާއަށް މަޑުޖެހިލެވުނެވެ. އޭނާގެ ހިތަށް ފިނިކަމެއް އިޙުސާސް ކުރެވުނެވެ. މިހާރު އެފެންނަ މަންޒަރަކީ އޭނާއަށް ފެނިދާނެ ކަމަށް ޤަބޫލު ކުރެވުނު މަންޒަރެއް ނޫނެވެ. ނާމީ އެއް އަތުން ލޫނާގެ އަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ އަނެއް އަތުން ލޫނާގެ ބޮލުގައި އަތް ފުނާ އަޅާދެމުން ދިއައިރު ލޫނާ އޮތީ ލޯމަރާލައިގެން ނެވެ. މަސާޖެއްފަދަ އެ ބީހުން ތަކުން ލޫނާގެ ސިކުނޑިއަށް އަރާމް ވެފައި ވާ ކަހަލަ އެވެ. އެއް އިރެއްގައިވެސް ނާމީގެ ހިތުން ކޮއްކޮއަށް ޖާގައެއް ދެވިފައި ނުވާކަން ޔޫހާއަށް އިނގެ އެވެ. އަދި އެ ހާދިސާއަށް ފަހު ނާމީއަށް ކޮއްކޮ އަމުދުން ކަމުނުދާނެ ހެން ޔޫހާއަށް ހީވި އެވެ. އެހެން ނަމަވެސް މިހާރު އެފެންނަ މަންޒަރުން އޭނާއަށް ދޭހަވަނީ ތަފާތު ކުލަ އެކެވެ.
އެ މަންޒަރު ފެނުމުން މަންމަގެ ހާސް ވެފައި ވާ މޫނުމަތީންވެސް އަލިކަމެއް ފެނިގެން ދިއަ ހެން ހީވި އެވެ. ޔޫހާ މަންމަ ގެ ކޮނޑުގައި ހިފަހައްޓާލައިގެން އެދިމާއަށް ހިނގައި ގަތެވެ. ދުވަސް ގަނޑަކު ބަލި އެނދުގައި އޮންނަން ޖެހިފައި ވުމުގެ ސަބަބުން އަދިވެސް މަންމަ ހިނގައި އުޅެން އެހާ ފަރިތައެއް ނޫނެވެ. މަންމައާއި ޔޫހާ ފެނުމުން ނާމީ އަވަސް އަވަހަށް ތެދުވި އެވެ. އޭނާގެ ކިބައިން ފެނިގެން ދިއައީ ލަދުވެތި އަސަރު ތަކާއި އެކު ކަންބޮޑުވުމުގެ އަސަރެވެ. ނާމީ ދުރަށް ޖެހިލަމުން ލޫނާގެ ގާތުގައި މަންމަ ބޭން ދިއެވެ.
" ދަރިފުޅާ!"
ލޫނާގެ މޫނުގައި ފިރުމާލަމުން މަންމަ ގޮވާލި އެވެ. ލޫނާއަކަށް އަޑެއް ނީވެ އެވެ. އޭނާއަށް އޮތީ ނިދިފަ އެވެ. ހައިފާއަށް ދަރިފުޅުގެ މޫނުމަތީން އެއްވެސް ހިތާމަވެރި ކުލައެއް ނުފެނުނެވެ. ބަލީގެ އަސަރެއް ނެތެވެ.
" ކީއްކުރަން ހޮސްޕިޓަލްގަ ބާއްވައިގެން ތިއުޅެނީ؟"
ހައިފާ އަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ޔޫހާ ނާމީއަށް ބަލާލި އެވެ. މަންމަ ގާތުގައި ދޮގެއް ހެދުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.
" ބަލީތަ؟"
ހައިފާ އަނެއްކާވެސް އަހާލި އެވެ.
" ކުޑަކޮށް.....!"
ޖަވާބު ދިނީ ނާމީ އެވެ.
" ވަރުދެރައީ....! ވަރަށް އަވަހަށް ފޮނުވާލާނެ.....! މާ ބޮޑު ކަމެއް ނޫން! "
ލުއި ހިނިތުން ވުމަކާއިއެކު ނާމީ އެހެން ބުނި ނަމަވެސް އެ ހިނިތުން ވުމުގެ އަޑީގައިވާ ހާސްކަން ޔޫހާއަށް ފާހަގަ ކުރެވުނެވެ. އެވަގުތު ޑޮކްޓަރ އައިސް ފެންނަ ހިސާބަށް ހުއްޓުނު ތަން ފެނުނެވެ. ޑޮކްޓަރ އެތެރެއަށް ވަނުމުގެ ކުރީން މަންމަ ބޭރަށް ނެރުމަކީ މުހިއްމު ކަމެއްކަން ނާމީއަށް ވިސްނުނެވެ. ނާމީ މަންމަ ގޮވައިގެން ހިނގައި ގަތުމުން ޔޫހާގެ ހިތުގައި ހާސްކަން އިތުރު ވިއެވެ. ޑޮކްޓަރ އެތެރެއަށް ވަނީ ޔޫހާ ގާތުގައި ވާހަކައެއް ދައްކަން ބޭނުން ވެގެން ނެވެ. ލޫނާއާއި ތަންކޮޅެއް ދުރަށް ޖެހިލާ ޑޮކްޓަރ އެދެއްކި ވާހަކައިގެ ސަބަބުން ކުރި އަސަރު ޔޫހާގެ މޫނު މަތީން ރީއްޗަށް ފެންނަން ހުއްޓެވެ. ޑޮކްޓަރ އެ ބުނީ ލޫނާއަށް " ކޮންވަރޝަން ޑިސްއޯޑަރ" ގެ އަސަރު ކޮށްފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ މިންވަރެވެ. ލިބުނު ޝޮކްގައި ލޫނާގެ ބައެއް ހިއްސު މަސައްކަތް ކުރަން ވަނީ ނުކުޅެދިފަ އެވެ. ހިނގައި އުޅުމާއި އެއްޗެހި ދިރުވުމުގެ އިތުރުން ސިކުނޑީގެ މަސައްކަތް ދަށް ވެފައި ވުމާއި އެކު ބައެއް ކަންކަން ނަގައިގަތުން ވަނީ ނުކުޅެދިފަ އެވެ. ޖުމުލަކޮށް ބުނާނަމަ ލޫނާ ވަނީ ނުކުޅެދޭ ހާލަތަކަށް އައިސްފަ އެވެ.
އަނގަމަތީގައި އަތް އަޅައިގެން ޑޮކްޓަރގެ ވާހަކަ އަޑުއަހަން ހުރި ޔޫހާގެ މޫނުމަތި ރަތްވަމުން ދިއައިރު ދެލޮލުގެ ތެރެއަށް ގިނަވަމުން ދިއަ ކަރުނަ ތިކިތައް ދުރުގައި، މިމަންޒަރަށް ސަމާލުކަން ދީގެން ހުރި ނާމީއަށް ރީއްޗަށް ފެންނަމުން ދިއަ އެވެ.
ޔޫހާ ޑޮކްޓަރ ގާތުގައި ކުރީ އެންމެ ސުވާލެކެވެ. އެކަމުން ކޮއްކޮ ސަލާމަތް ވާނެ ގޮތެއް އެބައޮތް ހެއްޔެވެ!
ޑޮކްޓަރ ބުނީ ރަނގަޅު ފަރުވާއާއި ތެރަޕީ ދެވޭނެ ކަމަށެވެ. އަދި އެ ކަމަކީ "ރިކަވަރީ ސްޕީޑް" ބުނެދެން އިނގޭ ކަމެއް ނޫން ކަމަށެވެ. ބައެއް މީހުން ކުއްލިއަކަށް ވެސް ރަނގަޅުވާ ކަމަށާއި ބައެއް ފަހަރު އެއް ގޮތަކަށް ރަނގަޅު ނުވާ ކަމަށް ޑޮކްޓަރ ބުނުމުން ޔޫހާގެ ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތި އެވެ.
މަންމަ ގޮވައިގެން ގެއަށް ދާން ނާމީ ނިންމި އެވެ. މިވަގުތު ކޮއްކޮ ގާތުގައި ޔޫހާ މަޑުކޮށްލަން ބޭނުން ވާނެ ކަން ނާމީއަށް ވިސްނުނެވެ. ކާރުގައި ގެއާއި ދިމާއަށް މިސްރާބު ޖަހަމުން ދިއައިރު ލޫނާގެ މަންމައާއި ހަތަރު ކަޅި ހަމަކޮށްލަން ނުކެރިފައި ނާމީ އިން ނަމަވެސް ހައިފާ އިނީ ނާމީގެ ހަރަކާތް ތަކަށް ބަލާށެވެ.
" ހާދަ ދެރަވެފައޭ ތީނީ!"
ހައިފާ ނާމީގެ އަތްތިލައިގައި ހިފަހައްޓާލުމުން ނާމީ ސިހުނެވެ.
" ކަންބޮޑު ނުވޭ..... މާ ބޮޑު ކަމެއްނޫނޭ! "
މަންމަ އެހެން ބުނުމުން ނާމީއަށް މަންމައާއި ދިމާއަށް ބަލައިލެވުނީ ހަމްދަރްދީ އިން ފުރިފައިވާ ގޮތަކަށެވެ. ރަނގަޅަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ މަންމަ ގާތުގައި އޭނާ ބުނާނީ ވަކި ކީކޭ ހެއްޔެވެ!
" މަންމަ އަކަށް ނޭގެ ވެގެން އުޅޭ ގޮތެއް.... އެކަމަކު މަންމަގެ ހިތް ބުނަނީ އެއީ މާ ބޮޑު މައްސަލައެއް ނޫނޭ....! ދަރިފުޅާ.... ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ!"
އެއީ މަންމަ ހިތްހަމަ ޖެހުން ހޯދާ ގޮތެވެ. ނާމީ ވެސް ޖެހޭނީ އެބުނި އެއްޗެއް ޤަބޫލު ކުރާށެވެ. ހަމަ ގައިމުވެސް އެ ހާދިސާގެ ސަބަބުން ބަދަލު ތަކެއް އަތުވެއްޖެ އެވެ. ހަމަ ޔަޤީނުންވެސް ނާމީގެ ވިސްނުން ބަދަލު ވެއްޖެ އެވެ. އޭނާ ދެކޭ ގޮތާ އެދޭ ފަރާތް ވެސް ބަދަލު ވެއްޖެ އެވެ. އެއީ ހެޔޮ ގޮތެއް ކަމެއް ދެނެ ވޮޑިގެން ވާނީ މާތް ﷲ އެވެ!
ތައުފީޤް ގޭތެރެއަށް ވަން އިރު މިމީ ހުރީ އިންތިޒާރުގަ އެވެ. އެއްޗެއް ބުނުމުގެ ކުރީން ގޭގެ ބެބް ޖަހާލި އަޑު އިވުނެވެ. ދޮރުމަތީގައި ހުރި މާހިން ފެނުމުން ތައުފީޤް ހިތްހަމަ ޖެހުނެވެ. ޖައުފަރާއި ބައްދަލު ކުރުމުގެ ކުރީން ތައުފީޤާ ބައްދަލު ކުރަން އައުމުންނެވެ. ތައުފީޤް ދެކޭ ގޮތް ބަލަން މާހިން ބޭނުން ވީތީ އެވެ. އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން މާހިން އެގޭގެ ތެރެއަށް ފުރަތަމަ ފަހަރަށް ފިޔަވަޅު އަޅާލީ ﷲގެ ހެޔޮ ރަޙުމަތަށް އެދި ދުޢާ ކުރަމުންނެވެ. ތައުފީޤް ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. އޭނާ ބުނެލީ އެންމެ ޖުމުލަ އެކެވެ.
" ދަރިފުޅުމެންގެ ތި ކައިވެންޏާ ބައްޕަ ޤަބޫލު! އަވަހަށް ކުރިއަށް ގެންދޭ! "
މާހިން ހުރީ ޤަބޫލު ކުރަން ދަތި ވެފަ އެވެ. އެކަން އެ ނިމުނީ އޭނާ އުއްމީދު ކުރި ވަރަށް ވުރެވެސް ފަސޭހަ ގޮތަކަށެވެ.
ގޯތިތެރޭގައި އޮތް ކާރުގައި ދާއިން މަޑުކޮށްލައިގެން އިނެވެ. ޔާނާގެ ވަކިވެ ދިއުމަށް ފަހު އޭނާ ވަނީ ގިނަ ވެފަ އެވެ. ބައްޕަވެސް އޭނާއާއި ވާހަކައެއް ނުދައްކަ އެވެ. މަންމަ ފެންނަ ހިސާބަށް ދާކަށް ނުކެރެ އެވެ. ކޮއްކޮ އޭނާއާއި ވާހަކަ ދައްކާ އުޅެވޭ ވަރަށް ވުރެ ތަންކޮޅެއް ބިޒީ ދުވަސް ކޮޅެކެވެ. ކާރުގެ ސީޓްގައި ބޯ ލައްގާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލި ފައި ވަނިކޮށް ކާރުގެ ފަހަތުގައި އުޅޭ މީހަކު ސައިޑް ލޯގަނޑުން ފެނުނު ހިނދު ދާއިން ސަމާލު ވެލި އެވެ. އުނދޯލި ގޭތެރޭގައި ބައްޕަ ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ބައްޕަގެ ހަރަކާތް ތައް ހުރި ގޮތުން ކަމަކާ ވަރަށް ރުޅި ގަދަވެގެން އުޅޭ ކަން އެނގުނެވެ. އިރު ކޮޅަކު އެހެން ހިނގުމަށް ފަހު ގޮސް އުނދޯލީގައި އިށީންނަމުން ޝީޝާ ދަމާލި އެވެ. ދެފަހަރަކު ދަމާލުމަށް ފަހު އަނެއްކާވެސް ބާރަށް ހިނގަން ފަށައިފި އެވެ. ހީވާ ގޮތުން ބައްޕަ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީ އެވެ. ބައްޕައަށް ވެފައި ވާވަރުން ކާރުގައި މީހަކު އިން ކަމެއްވެސް ނޭގެ އެވެ. އިރުކޮޅަކުން ފެނުނީ ކޮއްކޮ ގެ ކާރު އައިސް ވަން ތަނެވެ. މާހިންއަށް ދާއިން ފެނިގެން އައިސް ކާރު ހުއްޓީ ދާއިންގެ ކާރާއި ކައިރިއަށެވެ. އެއަށް ފަހު ކާރުން ފުންމާލި ގޮތަށް ދާއިންގެ ކާރަށް އަރައިފި އެވެ. ކޮއްކޮގެ މޫނުމަތީގެ އުޖާލާކަން ފެނިފައި ދާއިން އަށް އުފާވެރި ކަން އިޙުސާސް ކުރެވުނެވެ.
" ބްރޯ ގުޑް ނިއުސް!"
މާހިން ހުރީ އުފަލުން ފުރިފަ އެވެ.
" ކޮބާ؟"
ދާއިން ވެސް އުފާވެރި ޚަބަރެއް ބޭނުން ވި އެވެ. ހިތް އުފާ ކޮށްލެވޭނެ ގޮތެއް އޭނާވެސް ބޭނުން ވަގުތެކެވެ.
" ބޭބޭ، މިއުޅެނީ މެރީ ކުރަން!"
ކުޑަ ހިމޭން ކަމެއް ދާއިން އަށް އައީ އެތައް ސަބަބު ތަކަކަށް ޓަކައެވެ.
" ކާކާ؟"
" މިމީ އާ!"
ދާއިން ހިނިތުން ވެލިއިރު އޭނާގެ މޫނުމަތީން ބަނަ ގޮތެއް ފެނިގެން ދިއަ އެވެ. މާހިންއަށް އެކަން ބަލައި ގަނެވުނެވެ. ޔާނާ ގެ ހަނދާންތައް އަދި މުޅީން ފިލައިގެން ދާހާ ދުވަހެއް ނުވެ އެވެ. މިމީ އަކީ ޔާނާގެ އެންމެ ގާތް އެކުވެރިޔާ އެވެ.
" ސަޅި!"
ދާއިން ބުނެލި އެވެ. ހަޤީޤަތުގައި އޭނާ އެންމެ ހިތުގައި ޖެހުނު ސަބަބު ކޮއްކޮ އަކަށް ނުވިސްނުނެވެ. ދާއިން ވެސް ކައިވެނި ކުރަން ބޭނުމެވެ. އެކަމާއި ދޭތެރޭގައި ވިސްނާނީ ކާކު ހެއްޔެވެ!
ސިރާޖް އައިސް ކާރުގެ ދޮރުގައި ޖަހާލުމުން މާހިން ބިއްލޫރި ގަނޑު ތިރިކޮށްލި އެވެ.
" ބައްޕަ އެބަ ގޮވާ!"
ސިރާޖު ބުނެލި ގޮތުންވެސް މާހިންގެ ހިތުގައި ކަންބޮޑު ވުމެއް އުފެދުނެވެ. ދާއިން ވެސް ކާރުން ފޭބި އެވެ. ކޮއްކޮއަށް ކޮންމެވެސް ރޯޅިއެއް އަންނަން އުޅޭހެން އޭނާއަށް ހީވި އެވެ.
މާހިން ގޮސް އަރާ ހަމަވުމާއި އެކު ޖައުފަރު އުނދޯލިން ތެދުވެގެން ދުރަށް ހިނގައި ގަތެވެ. އޭނާގެ އެ ރުޅިވެރި މޫނު މާހިންއަށް ދައްކާކަށް މިވަގުތު އޭނާ ބޭނުމެއް ނޫނެވެ.
" ވާހަކައެއް ބުނަން!"
ބައްޕަގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.
" ބައްޕަ ތި ކައިވެންޏަކާ ޤަބޫލެއް ނޫން!"