ދާއިން އޭނާއަށް އިނގޭ އެންމެނަށް ގުޅި އެވެ. ކޮއްކޮގެ އެ ހާލަތަކީ އެއްވެސް މީހަކަށް ސިއްރު ކުރަން ވާނެ ހާލަތެއް ނޫނެވެ. މިއަދު މިމީއަށް ވެސް އެކަން އަންގަން މަޖުބޫރެވެ.
ކުޑަ މަސައްކަތަކުން ދާއިންއަށް އަމަން ގެ ނަންބަރު ލިބިއްޖެ އެވެ. އަމަން އަށް އެ ޚަބަރު ލިބުމުން ބިރުގަތެވެ. މިމީ އެހާލުގައި އިންދާ އެ ޚަބަރު ދޭން ވާނެ ބާއޭ ހިތަށް އެރި އެވެ. މިމީ އަށް ލިބޭނެ ޝޮކާ ހާސްވާނެ ވަރު އަމަން އަށް އިނގެ އެވެ. އަވަސް އަވަހަށް އަމަން ގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ. ކޮންމެ ގޮތެއް ވިއަސް އެއީ ސިއްރު ކޮށްގެން ވާނެ ކަމެއް ނޫނެވެ.
މިމީއަށް އަމަން ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ.
" ކިހިނެއްވީ؟"
މިމީ އެހިއެވެ. އަމަން މިމީގެ ގައިގައި ހިފަހައްޓާލި އެވެ.
" މިމީ... މާހިން އެކްސިޑެންޓެއް ވެއްޖެ....!"
އެއަޑު އިވުމާއި އެކު މިމީއަށް އެވީ ގޮތް އެއީ ނުވެ ނުދާނެ ގޮތެއްކަން އަމަންއަށް ކުރީންވެސް އެނގުނެވެ.
" ކޮބާ މާހިން...މާހިން ކައިރިއަށް ދާން ބޭނުން.... ކިހިނެއްވީ މާހިންއަށް!"
އަމަންގެ ގައިގައި އެލިގަންނަމުން މިމީ ރޮއިގަތެވެ.
ލޫނާއާއި ނާމީ ވެސް އެންމެ އަވަހަށް ލިބުނު ފްލައިޓުން ދުބާއީ އަށް ދާން ފުރި އެވެ. މާހިންގެ ހާލު ދުށުމުގެ އިތުރުން އެ ދަނޑިވަޅުގައި ދާއިންއަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މާހިންއަށް އެދިމާވި ހާދިސާގެ ސަބަބުން ނާމީވެސް ވަނީ އިންތިހާ އަށް ކަނބޮޑުވެފައެވެ. މާހިންގެ އަސްލު ހާލަތު ނޭގޭތީ ކަން ބޮޑުވުން އިތުރު ވިއެވެ. ބިރުގަތެވެ. މާހިން އަކީ އޭނާގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. މިޒާޖު ގައި ތަފާތު ކަމެއް ހުރި ނަމަވެސް ނާމީވެސް މާހިން ދެކެ ވަރަށް ލޯބި ވެއެވެ. މާހިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭނާއަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެއެވެ.
އައިސީޔޫގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ދާއިން ހުއްޓެވެ. އެ ހާދިސާ އަށް ފަހު ދާއިންގެ ހަށިގަނޑު އެންމެ އިރު ކޮޅަކަށް ވެސް ހިމޭން ނުވެއެވެ. އޭނާ ތެޅި ފޮޅެނީ އެވެ. ތަންކޮޅެއް އަވަހަށް ކޮންމެވެސް މީހަކު އެތަނަށް އަންނާނެ ނަމައޭ ހިތަށް އަރައެވެ. އެ ހިތާމައާއި ބިރުވެރި ކަމަކީ އޭނާއަށް އެކަނި އުފުލޭ ވަރަށް ވުރެ ވަރުގަދަ އެއްޗެކެވެ. ކޮއްކޮގެ ޒަހަމްވެފައި ވާ ހަށިގަނޑު ފެނުނު ވަގުތު ދާއިންގެ ފުރާނަ ހަށިގަނޑާއި ވަކި ނުވީ ކިރިޔާ އެވެ. އެ ބިރުވެރި މަންޒަރު ހިތަށް ވަންނަ ކޮންމެ ވަގުތަކު ދާއިންގެ ހަށިގަނޑުގެ ބާރު ދޫވެއެވެ.
މާހިންއާއި ދޭތެރޭގައި ޑޮކްޓަރުން އަދި ވަކިއެއްޗެއް ނުބުނި ނަމަވެސް ޑޮކްޓަރުންގެ އުއްމީދު ކުޑަކަން އިނގެއެވެ. އެމީހުންގެ މޫނު މަތީން ފެންނަމުން ދިއަ މާޔޫސްކަން ދާއިންއަށް ބިރުވެރި ކަމުގެ ސިގްނަލްތައް ދެމުން ދިއައެވެ. ބޮލަށް ލިބުނު ގެއްލުމުގައި އެތެރެއަށް ލޭ އެޅެމުން ދާކަމަށް ބުނަމުން އެކަން ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް ބުންޏެވެ. އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ބުނި ނަމަވެސް އަދިވެސް އޮޕަރޭޝަނެއް ނުކުރެވިގެން އުޅޭ ސަބަބެއްވެސް ނުބުނެއެވެ. މާގިނަ ސުވާލެއް ކުރާކަށް ވެސް ދާއިންއަކަށް ނުކެރެއެވެ. އޭނާ އެތަނުގައި އެކަނި ހުއްޓާ ޚަބަރެއް ލިބިއްޖެ ނަމަ އޭނާއަށް ވާނެ ގޮތެއްވެސް ނޭގެ އެވެ. ދާއިން ހީކުރި ވަރަށް ވުރެ އޭނާ މާ ފިނޑި އެވެ. ކޮންމެވެސް ނޭދެވޭ ޚަބަރެއް ލިބިދާނެތީ މާ ބޮޑަށް ހިތްތެޅެނީ އެވެ.
ޒުބޭދާއާއި ޔޫހާ ގޮވައިގެން ޖައުފަރު ދުބާއީއަށް ފޭބި އިރު އޭނާގެ ހިތްވަނީ އާދަޔާއި ހިލާފަށް ނުތަނަވަސް ވެފައެވެ. ހަނދާނަށް އަންނަމުން ދިއައީ ކުރީގައި ހިނގި އެކްސިޑެންޓަށް ފަހު މާހިން އަށް ޑޮކްޓަރުން ދީފައިވާ އިންޒާރެވެ. މާހިންއަކީ ކިތަންމެ ފަހަރަކު ކާރު ރޭހުން އެއްވަނަ ހޯދާފައި ވާ ކުއްޖެކެވެ. އެއީ ޖައުފަރު ވަރަށް ފަހުރުވެރި ވާ ކަމެކެވެ. މާހިން އެކަމައިގެން ކުރިއަށް ދިއުން އެއީ ޖައުފަރުގެ އުއްމީދެކެވެ. ޒުބޭދާއާއި ދާއިންގެ ނުގަބޫލުގައިވެސް މާހިން އަށް ދާދި ފަހުންވެސް ކާރެއް ހޯދައިދިނީ ޖައުފަރު އެކަމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުންނެވެ. ޑޮކްޓަރުން ބިރު ދައްކާފައި ވިއަސް އެކަން ޖައުފަރު ޤަބޫލެއް ނުކުރެއެވެ. އެހެން އުޅެލާފައި ފަހަރުގައި ކަމެއް ދިމާވިއަސް އޭނާގެ ދަރީންނަށް ދެރަ ނިކަމެތި ގޮތެއް ވެދާނެ ކަމަކަށް އޭނާއެއް އިރަކުވެސް ޤަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް މިފަހަރު ޖައުފަރު ވެސް ބިރުގަނެއްޖެއެވެ. ދާއިންގެ އަޑުގައި އިވުނު ވަގުތު ކަމުގެ ބޮޑުކަން އިޙުސާސް ކުރެވިގެން ދިއައެވެ. ހޮޓަލަށް ލަގެޖް ތައް ފޮނުވާލާފައި ޖައުފަރުމެން ދިއައީ ހޮސްޕިޓަލަށެވެ. ޒުބޭދާގެ ހިތުގައި އުފެދުނު ބިރުވެރި ކަން އިތުރު ވެގެން ދިއައެވެ. ކޮންމެވެސް ކުއްޖަކަށް ކަމެއް ވެއްޖެ ކަން ޔަޤީން ވިއެވެ. ޔޫހާވެސް ގޮވައިގެން ކުއްލިއަކަށް ދާން ޖެހުމުން އެއީ ދާއިންއަށް ދިމާވެގެން އުޅޭ ކަމެކޭވެސް ހިތަށް އެރިއެވެ. ސުވާލު ކޮށްކޮށް ޖަވާބު ދޭނެ މީހަކު ނުވިއެވެ. ހިތުގައި ޝައްކު ބޮޑުވެ ނުބައި ހުރިހާއެއްޗެއް ވިސްނެން ފެށިއެވެ. ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިކަން އެނގުމުން ސުވާލު ތައް ގިނަވިއެވެ. ކުރިމަތި ލާން ޖެހޭ ކަމެއްގެ އެއްވެސް މައުލޫމާތެއް ނުދިނުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ!
ހޮސްޕިޓަލަށް ފޭބުމާއި އެކު ޖައުފަރުގެ ހިނގުން ބާރު ކޮށްލީ ދާއިން އަށް ގުޅަމުންނެވެ. އައިސީޔޫ ދޮރުމަތީން ބައްޕައާއި މަންމަ ފެނުމުން ދާއިން ފަޅައިގެން ދިއައެވެ.
" މަންމާ!"
ދާއިން މަންމަގެ ގައިގައި ބައްދައި ގަތެވެ. މިހާރު ޒުބޭދާއަށް ވިސްނިއްޖެއެވެ. އޭނާގެ އެންމެ ލޯބިވާ ދަރިފުޅު މާހިންއަށް ކޮންމެވެސް ބޮޑު ކަމެއް ވީ ކަން ޔަޤީންވިއެވެ.
" ކިހިނެއްވީ މާހިންއަށް....!"
ދާއިންގެ މޫނުގައި ދެއަތުން ހިފަހައްޓަމުން ޒުބޭދާ ރޮއިގެން އިރު މުޅި މީހާ ތުރުތުރު އަޅައެވެ. ޖައުފަރު މަޑުކުރުމެއް ނެތި އައިސީޔޫގެ ތެރެއަށް ވަނެވެ. އޭނާ ބޭނުންވީ މާހިންގެ ހާލު ހަމަ ލޮލުން ދެކިލާށެވެ.
" މަންމާ.... ކޮއްކޮ އެކްސިޑެންޓްވީ.... ބޮލަށް ލިބުނު ގެއްލުމުގަ ހޭނާރާ އަދިވެސް...!"
ދާއިންގެ ޖުމުލަ އެކީ ފުރިހަމަ ވުމުގެ ކުރީން ޒުބޭދާގެ ހަށިގަނޑުން ބާރު ދޫވެގެން ތިރިވެއްޖެއެވެ.
މާހިންގެ ހަށިގަނޑު ފެނުމުން ޖައުފަރަށް ހުއްޓެވުނެވެ. އެ މަންޒަރު އޭނާއަށް ފެނުނީ ހީކުރި ވަރަށް ވުރެވެސް ބިރުވެރި ގޮތަކަށެވެ. މާހިންގެ އެތަން މިތަނަށް ގުޅާފައިވާ ހޮޅިތައް ފެނުމުން ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އަނގައަށް ހޮޅި ގުޅާފައިވާ އިރު މާހިން ފެންނަނީ އެއްވެސް ދިރުމެއް ނެތް ފަދަ ގޮތަކަށެވެ. ޖައުފަރުގެ ފައިގެ ދަށް ފުށުން އަރައިގެން ހީބިހިގަނޑު މުޅި ހަށިގަނޑަށް ފެތުރިގެން ދިއައީ މީގެ ކުރީން ދުވަހަކުވެސް ނުކުރާ ވަރުގެ އަސަރެއް ކުރުވަމުންނެވެ. އެފަދަ މަންޒަރެއް ފެންނާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އަބަދުވެސް އޭނާއަށް ހީވެފައި އޮންނަނީ އޭނާއާއި އޭނާގެ އާއިލާއަކީ ދުނިޔޭގައި ލެއްވި ހުރިހާ އުފަލެއް ހައްޤުވާ އަދި އެ ހުރިހާ އުފަލެއް މިލްކުވެގެން ވާ ބައެއްގެ ގޮތުގައެވެ. ދުނިޔޭގައި ގަދަ ބަސް ބުނަމުން ކުރިއަށް ދިއައިރު އެދުވަސް އޭނާއަށް އަތުވެދާނެ ކަމުގެ އެއްވެސް އިންޒާރެއް ލިބިފައެއް ނެތެވެ.
މާޒީގައި އޭނާއަށް ކަންކުރެވުނު ގޮތުގެ ހުލާސާއެއް ސިކުނޑިއަށް ވެރިވެގެން ދިއައީ އިޙުތިޔާރަކާއި ނުލަ އެވެ. އޭނާ ދެރަ ނިކަމެތި ކިތައް މީހުންނަށް އަނިޔާވެރި ވީ ހެއްޔެވެ! އަމިއްލަ އެދުމަށް ޓަކައި އަމިއްލަ އަންބޮނޑި ވަރުގަދަ ކުރުމަށްޓަކައި މަޢުޞޫމް ކިތަށް ޒުވާނުން ހަލާކުގެ ތެރެއަށް ވައްޓާލި ހެއްޔެވެ! އަމިއްލަ ދަރިފުޅުގެ ދިރި އުޅުން ވެސް އޭނާ ވަނީ އޭނާގެ އަމިއްލަ އަތުން ބަރުބާދު ކޮށްލާފަ އެވެ.
އެވަގުތު އޭނާގެ ހަނދާނަށް އައީ މިމީ އޭނާ ގާތުގައި ރޮއި އާދޭސް ކުރި ދުވަހެވެ. މިމީގެ ބަނޑުގައި އެވާ މާހިންގެ ދަރިފުޅަށް ޓަކައި ސަލާމް ޖެހި ދުވަހެވެ. އެދުވަހު އޭނާގެ އިންސާނިއްޔަތު ކަން ކޮބައި ހެއްޔެވެ! އޭނާ އަކީ ހާދަހާ ހިތްހަރު އިންސާނެކެވެ. ބޭއިހުތިއާރުގައި ލޮލުން ފައިބައިގެން ދިއަ ކަރުނަތިކީގެ އަސަރު ކޯތާފަތް މަތީން އިޙުސާސް ކުރެވުނު ހިނދު އަމިއްލަ ނަފްސާއި މެދު ލަދުވެތި ވިއެވެ. އެހެން އިންސާނުންގެ ނިކަމެތި ހިތާއި އޭނާ ކުޅެމުން އައީ ރަހުމެއް ނެތިއެވެ. މިމީގެ މަންމަ ހާލުގަ ޖެހިގެން އައީ ދުވަސް ކޮބައި ހެއްޔެވެ! އެދުވަހު އޭނާ ހިތުގެ އަޑީން ކުރި ބަދު ދުއާގެ އަސަރުން މިއަދު ޖައުފަރުގެ ދިރިއުޅުން ކަޅު ވެއްޖެއެވެ. އެހެނަސް އެއާއި އެކު އެހިލަ ހިތުގައި އިންސާނިއްޔަތުގެ އަސަރު ފާއްދާލައިފި އެވެ. އެންމެ ފަހުން ޝައުކަތު ދެއްކި ވާހަކައާއި ދޭތެރޭގައި ވިސްނާލެވުނެވެ. އެނުބައި ވިޔަފާރީގެ ސަބަބުން މުޅި ދިރިއުޅުން ހަލާކުވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ. އެކަމުން ދުރުވާން އޭނާ ދިން ނަސޭހަތަށް ޖައުފަރު ކުރީ މަލާމާތެވެ. އައީ ރުޅިއެވެ. އެހެނަސް އެވާހަކައިގެ ތެދުކަން މިހާރު އެއޮތީ ކުރިމަތީން ފެންނާށެވެ.
މިމީގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. މިމީ ގޮވައިގެން އަމަން ހޮސްޕިޓަލަށް ދާން އަވަސްވެގެން ނަމަވެސް މިމީގެ ހާލަތު ގޯސްވުމުން މަޑުކުރަންޖެހުނީ އެވެ. ކުއްލިއަކަށް ހަށިގަނޑަށް ކުރި ގިނަ އަސަރު ތަކެއްގެ ސަބަބުން ލޭ ހިނގުމަށް ބަދަލު އައިސް ބޭބީއަށް ވެސް އޭގެ އަސަރު ކުރީއެވެ. މިމީގެ ހަށިގަނޑުގެ ލޭ ހިނގުން އަވަސްވެ ހިތުގެ ތެޅުން އަރައިގެން ދިއައިރު ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ހިތުގެ ހާރޓްބީޓް ދިއައީ ދަށަށެވެ. ޑޮކްޓަރ ގެއަށް ގެނައުމުން ބުނެފައި ވަނީ 12 ގަޑިއިރު ރެސްޓު ކުރުމަށް ފަހުގައި ނޫނީ ނުތެދުވުމަށެވެ. ގޭގައި އޮވެގެން އަމަން ލައްވާ މާހިންގެ ހާލަތު ބަލަމުން ދިއަ ނަމަވެސް މާބޮޑު އެއްޗެއް އިނގޭ ގޮތެއް ނުވެއެވެ. ޑޮކްޓަރ ބުނިކަމުގައި ވިއަސް ގޭގައި އޮތުމަކުން މިމީ އަކަށް ވަކި ރަނގަޅެއް ނުވާނެ ކަން އެނގުނު ނަމަވެސް ޑޮކްޓަރ ބުނި ގޮތަށް ކަންކުރަން ބޭނުންވީ ފަހަރެއްގައި ވެސް އޭނާ ބުނާ ގޮތަށް ކަންތައް ނުކުރެވިގެން ފަހުން ދެރަވާން ޖެހިދާނެތީ އެވެ. މިމީގެ ބަނޑުގައި އެވާ ދަރިފުޅަކީ ކިހާ މުހިއްމު ދަރިއެއްކަން މިހާރު އަމަން އަށް އިނގެއެވެ.
މާހިންގެ ޚަބަރު ތައުފީޤަށް ވަރުގަދަ ޝޮކަކަށް ވިއެވެ. ދުބާއީގައި މާހިން އުޅޭ ކަމެއް އޭނާއަށް އެނގުނު އިރު މާހިން އެއޮތީ މަރުގެ ތުންފަތް މަތީގަ އެވެ. މާހިންއަކީ ތައުފީޤް އަމިއްލަ ދަރިއެއް ފަދައިން ލޯބިވާ ކުއްޖެކެވެ. މިހާރު ތައުފީޤްވެސް ބޭނުންވަނީ އަވަހަށް މާހިން ފެންނަ ހިސާބަށް ދާށެވެ.
ގަޑި ހަމަވުމާއި އެކު މިމީ އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ. ކިތަންމެ ދަންވަރުގެ ވަގުތަކަށް ވިއަސް މިމީ އެ އެދޭ ގޮތަށް މާހިން ފެންނަ ހިސާބަށް މިމީ ގެންގޮސްގެން ނޫނީ މިމީގެ ހާލަތު ކުޑަކޮށްވެސް ރަނގަޅު ނުވާނެކަން އަމަންއަށް އެނގުނެވެ.
އައިސީޔޫގެ ބޭރުގައި ހުރި ގޮނޑީގައި އިސްޖެހިފައި ޖައުފަރު އިނެވެ. އޭނާގެ ރަތްވެފައިވާ ދެލޯ މީހަކަށް ފެނިދާނެތީ އޭނާ މިއަދު ޖެހިލުމެއް ނުވެއެވެ. މިއަދު ދަރިއަކަށް ޓަކައި އެވަރުގެ ހިތާމައެއް ނުކުރާ ބައްޕައަކީ ބަފައަކަށް ނުވާނެއެވެ. ޖައުފަރު އިސް އުފުލާލި ވަގުތު ބާރަށް ހިނގާފައި އަންނަތަން ފެނުނީ މިމީއެވެ. އެވަގުތު ޖައުފަރަށް ތެދުވެވުނެވެ. އޭނާގެ ލޯބިވާ ދަރިފުޅު ލޯބިވާ ކޮންމެ އެއްޗަކަށް މިއަދު އޭނާ ވަނީ ހިތްޖެހިފަ އެވެ. ބާރަށް ހިނގާފައި އެއަންނަ މިމީގެ ހިނގުމުގައި ވެސް ވަނީ އިންތިހާ ހިތްދަތި ކަމުގެ އަސަރެވެ. ވަރުނެތް ހަށިގަނޑެއް ގަދަކަމުން އުފުލަމުން އެއަންނަ އަންހެނާ އަކީ އޭނާގެ ލޯބިވާ މާހިންގެ ދަރިއަކަށް ބަލިވެއިން އަންހެނާ އެވެ! އެކަން ހަނދާވުމުން ޖައުފަރަށް މިމީއާއި ދިމާއަށް ހިނގައި ގަނެވުނެވެ. މިދުނިޔޭގައި މާހިންގެ އެންމެ ނިޝާނެއް ވާނަމަވެސް އެ ނިޝާން ވަނީ އެ އަންހެނާގެ ހަށިގަނޑުގެ ތެރޭގަ އެވެ.
މިމީ އަރާހަމަވުމުގެ ކުރީން ފެނުނީ ނަރުސް ކުއްޖަކާއި އެކު ދާއިން އަންނަތަނެވެ. ދާއިންގެ މޫނުމަތީގައި ވަނީ ކުރިއަށް ވުރެވެސް ހާސްކަމެވެ.
" ބައްޕާ.... މާހިން އޮޕަރޭޝަނަށް ވައްދަން ވީއޯ.... އެހެން ނޫނީ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ...!"
ދާއިން ވާހަކަ ހުއްޓާލީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި މިމީ ފެނުމުންނެވެ. މިމީގެ މޫނުމަތީން ފެނިގެން ދިއަ އަސަރުތައް އެހެން އެންމެންގެ ކިބައިން ފެނުނު އަސަރު ތަކަށް ވުރެ ވަރުގަދަ އެވެ.
" މިމީ...!"
ދާއިން އަށް ބުނެލެވުނެވެ. މިމީ މާހިންއަށް ބޭވަފާ ތެރިވި ކަމަށް ދާއިން ޤަބޫލު ކުރި ނަމަވެސް މިމީގެ މޫނުމަތީން ފެނިގެން ދިއައީ މުޅީން ތަފާތު އަސަރު ތަކެކެވެ.
މިމީ ކުއްލިއަކަށް ޖައުފަރަށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޮލުން އިންތިހާ ނަފްރަތުގެ އަސަރު ފާޅުވެގެން ދިއައެވެ.
" މާހިންގެ ބައްޕަ މާހިން ހަލާކު ކޮށްލީ....!"
ހިތާމައާއި ރުޅިވެރި ކަމުން ފުރިފައި ހުރެ މިމީ އެހެން ބުނުމުން މިމީ ގާތުގައި ތިބި އަމަންއާއި ޖައުފަރު ވެސް ހައިރާން ވިއެވެ. އެއީ މިމީގެ މިޒާޖާ ނުވެސް ގުޅޭފަދަ ކަމެކެވެ. އަމަންއަށް އުނދަގޫވެސް ވިއެވެ. މި ދަނޑިވަޅަކީ އެއްވެސް މީހަކު އިތުރަށް ހިތްދަތި ކުރުން ރަނގަޅު ދަނޑިވަޅެއް ނޫނެވެ. އެހެން ނަމަވެސް މިއަދު ޖައުފަރުގެ މޫނުން ފެނިގެން ދިއައީ ނިކަމެތި ކަމެވެ.
" އަހަރުމެން ދެމީހުން އެހާ ލޯބިން އުޅެނި ކޮށް ..... އެއްވެސް ކުށެއްނެތި އަހަރުމެން ވަކިކޮށްލީ....!"
އެންމެނަށްމެ އެވާހަކައަށް ސަމާލުވެލެވުނެވެ. މިމީގެ ރުއިމުގެ އަޑާއި އެއްވަރަށް އެއަޑުގައި ވަނީ ހަޅޭކެކެވެ. އެ ހަޅޭކުގައި ވަނީ ރިހުމުގެ އަސަރެވެ.
" އަހަރެން މާހިންއާ ދުރަށް ދާން ޖެހުނީ .... ރަޙުމެއްނެތި އަމިއްލަ ދަރިފުޅަށް.....މާހިންއަށް މަރުގެ އިންޒާރު ދިނީމަ....!"
ދާއިންއަށް ވެސް ލިބުނީ ޝޮކެކެވެ.
" އެއޮތީ....އެއޮތީ.... އެ ސުންޕާކަން މާހިންއަށް ޖެހިފަ..... އަހަރެން ބުނާނީ އެއީ މާހިންގެ ބައްޕަ ޤަސްދުގަ ރާވައިގެން ކުރި ކަމެކޭ..... މާހިން މި ދުނިޔޭން ވަކިކޮށްލަން ބޭނުންވެގެން ތި ޖައުފަރު އުޅޭތާ ކިތަންމެ ދުވަހެއް.....! އެކަން އަހަންނަށް ރަނގަޅަށް އިނގޭ....!"
މިމީއަށް ކޮށްފައިވާ އަސަރު ކޮންޓްރޯލެއް ނުވިއެވެ. ދުރުދުރުގައި ތިބި ބޭރު މީހުންތައް ވެސް އެތަނަށް އެއްވާން ފަށައިފިއެވެ. މިމީ އެ ކިޔާއެއްޗަކަށް އަނގައިން ނުބުނެ އިސް ޖެހިފައި ބައްޕަ ހުރިތަން ފެނުމުން ދާއިން އަށް ވަރަށް އުނދުގޫވި އެވެ. އެ ހިތްވަރުގަދަ ބައްޕައަށް މިއަދު އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން ވެސް ނޭގުނެވެ.
" އަހަރެން ކިހާ އާދޭހެއް ކުރީން... ކިހާ ވަރަކަށް ރުއީން... އެކަމަކު މާހިންގެ ފުރާނައިގެ އަގެއްގެ ގޮތުގަ އަހަރެން އަތުން ދަމައިގަތީ ކޯންޗެއް....! އަހަރެން ޖެހުނީ މާހިން ދޫކޮށްލަން....މި ޤައުމުވެސް ދޫކޮށްލަން.... މިދަރިފުޅަކީ ޔަތީމު ކުއްޖަކަށް ހަދަން....!"
މިމީ ބަނޑުގައި އަތް ޖައްސަމުން ރޮމުން، ބާރަށް އެބުނި އެއްޗެއްގެ އެއަޑާއި އެކު ޝޮކްލިބުނީ ހަމައެކަނި ދާއިން އަކަށް ނޫނެވެ. އެބުނި އެއްޗެއް ތައުފީޤަށް ވެސް އިވިއްޖެ އެވެ.