"އިންޑިއާ މީހާ ރޭޕް ކޮށްލި ފަހުން އަދިވެސް މުޅީން ރަނގަޅު ނުވަނީ ދޯ!"
ޝައުކަތަށް ލިބުނު ސިހުމަށް ވުރެ ބޮޑު ސިހުމެއް ލިބުނީ ހައިފާ އަށެވެ. ލޫނާ އިސް އުފުލާ މޯނާއާ ހަތަރު ކަޅި ހަމަކޮށްލި އިރު އެދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމެވެ.
ސުވާލު އުފެދިފައި ޝައުކަތު ނާމީ އަށް ބަލާލި އެވެ. މޯނާ އެބުނީ ނާމީއަށް އިނގޭ ވާހަކައެއް ބާއެވެ! އެއީ ހަޤީޤަތެއް ބާއެވެ! ބައްޕަ އާއި ހަތަރުކަޅި ހަމަ ކުރާކަށް ނާމީ އަކަށް ނުކެރުނެވެ. އޭނާ އަވަސް އަވަހަށް އިސް ޖަހާލި ގޮތުން ޝައުކަތަށް ވެސް އެކަން ޔަޤީން ވެއްޖެ އެވެ. އެހެން ނަމަވެސް މޯނާގެ ވާހަކަ ޔަޤީން ނުވަނީ ހައިފާ އަށެވެ. ޔޫހާ ގެ މޫނު މަތީން ކިތަންމެ ނުތަނަވަސް ކަމެއް ފެނުނަސް ހައިފާ އެވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެވަރުގެ ބޮޑު ކަމެއް ވީނަމަ އޭނާއަށް ނޭގިއެއް ނުހުންނާނެ އެވެ. ލޫނާ ބަލިވި އެވެ. ހޮސްޕިޓަލްގައި އެޑްމިޓު ކުރެވުނެވެ. އެހެން ނަމަވެސް އެއީ އެބުނާ ކަމެއް ވެގެނެއް ނޫނެވެ. ހައިފާގެ ހިތް އެވާހަކަ އަކާ އެއްބަހެއް ނުވި އެވެ. ލޫނާގެ މޫނުމަތީގެ އަސަރު ތަކުން އެއްޗެއް ދޭހަވޭތޯ ލޫނާއާއި ދިމާއަށް ދެލޯ ބޮޑު ކޮށްގެން ހައިފާއަށް ބަލަން އިނދެވުނެވެ. އިރުކޮޅެއް ވަންދެން މޯނާގެ މޫނަށް ބަލަން އިން ލޫނާ ޖަވާބެއްވެސް ނުދީ އިސް ޖަހާލީ އެވެ. އެއްވެސް މީހެއްގެ ފަރާތުން ހައިފާ އަކަށް ޖަވާބެއް ނުލިބުނެވެ. އެހެން ނަމަވެސް އެވާހަކަ އޭނާ ޤަބޫލެއް ނުކުރެ އެވެ.
ހަމަހިމޭން ވަގުތު ތަކެއް ހޭދަވާން ފެށުމުން އެންމެ އުނދަގޫވީ ޝައުކަތަށެވެ. އޭނާ ބޭނުންވީ ކޮންމެވެސް އެއްޗެއް ބުނެލާފައި އަވަހަށް އެތަނުން ދާށެވެ.
" ވަރަށް އުފާވެއްޖެ ބައްދަލު ވީތީ!"
ޝައުކަތު ތެދުވެ ހައިފާއާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލީ ހިނިތުން ވުމަކާއި އެކުގަ އެވެ. ހައިފާގެ އަތްތިލަ ވަނީ ފިނިވެފަ އެވެ. އެހެން ވާނެކަން ޝައުކަތަށް އިނގެ އެވެ.
" ކޮންމެސް އެހެން ވަގުތަކުން ބައްދަލު ކޮށްލާނީ ދޯ!"
ޝައުކަތު ޔޫހާއާއި ދިމާއަށް ނިއް އަރުވާލީ ގާތް ގޮތަކަށެވެ. އިސް ޖަހާލައިގެން ހުރެ ބައްޕަގެ ފަހަތުން ނާމީ ހިނގައި ގަތުމުން ލޫނާ މަޑުމަޑުން ތެދުވެގެން ގޮސް ވަނީ ކޮޓަރި އަށެވެ. ޔޫހާ އެންމެ ހާސްވީ މަންމަގެ ސުވާލު ތަކަށް ދޭނެ ޖަވާބެއް ނޭގޭތީ އެވެ. ހައިފާ އާއި ޔޫހާ އެކަނި ވުމުން ހައިފާ ޔޫހާއާއި ދިމާއަށް އެނބުރުނެވެ. ޔޫހާގެ ހިތް ތެޅިގަތެވެ. ހަޤީޤަތަށް ޖަވާބު ދޭކަށް އޭނާ އަކަށް ނުކެރޭނެ އެވެ.
" ނާމީއާ އިނަސް އެމީހާޔާ އެއްގެއެއްގަ ލޫނާ އުޅޭކަށް އަހަރެން ޤަބޫލެއް ނޫން!"
މަންމަ ރުޅިއައީ މޯނާ ދެކެ އެވެ.
" އޭނަ އެއުޅެނީ ކޮންމެސް އެއްޗެއް ކިޔައިގެން ލޫނާގެ އަގު ވައްޓާލަން، ވަރަށް ނުބައި މީހެއް އެއީ!"
ކޮއްކޮ އާއި ދިމާއަށް މޯނާ އެބުނި ޖުމުލައަކީ އެއްވެސް ހަޤީޤަތެއް ނެތި ލޫނާ ނިކަމެތި ކޮށް އަގު ވައްޓާލަން ބުނި އެއްޗެއް ކަމަށް މަންމަ ޤަބޫލު ކުރީތީ ޔޫހާ ދޮގެއް ހަދަން ނުޖެހި ސަލާމަތް ވެއްޖެ އެވެ. ކޮންމެ ގޮތެއް ވިއަސް މަންމަ އެބުނީ ތެދެކެވެ. ނާމީގެ ދޮންމަންމަ ގެ ނިޔަތް ރަނގަޅެއް ނޫނެވެ. އެހެން ނަމަ އެ ދަޑިވަޅުގައި އެވާހަކަ އެއް ނުފަށާނެ އެވެ.
ޔޫހާގެ ގެއިން ނުކުތުމާއި އެކު ނާމީ ބާރަށް ހިނަގާފައި ގޮސް ސައިކަލަށް އަރައިގެން ނައްޓާލީ އެވެ. ނާމީ އެދިޔައީ ހިތްހަމަ ނުޖެހިގެން ކަން ޝައުކަތަށް ވެސް އެނގުނެވެ. ޝައުކަތު ވެސް އިނީ ހިތްހަމަ ޖެހިފައެއް ނޫނެވެ. އޭނާ މޯނާއާއި ދިމާއަށް އެއްޗެއް ނުބުނަން ވަރަށް ހިތްވަރު ކުރި އެވެ. އެހެން ނަމަވެސް އޭނާއަށް ކެތްކޮށްލެވުނީ ގެއަށް ދެވެން ދެންނެވެ.
" މޯނާ ތިކަންތައް ކުރީ ރަނގަޅަކަށް ނޫން!"
ޝައުކަތު ސޯފާގައި އިށީންނަމުން ނިއްކުރި ފޮހެލި އެވެ.
" އަދި އަހަރެންތަ ގޯސް މިވީ! އެމީހުން އެއުޅެނީ އެ ކުއްޖާއާ އިންނާނެ މީހަކު ނުވެގެން. ހަޤިޤަތް ސިއްރު ކޮށްގެން ތަންކޮޅެއް ރަނގަޅު މީހެއްގެ ބޮލުގަ އަޅުވަން އެ އުޅެނީ!"
" ޝަޓްއަޕް މަމް!"
ނާމީ އެތަނަށް އައި އިރެއްވެސް ނޭގެ އެވެ. އޭނާގެ ބާރު އަޑު އިވިގެން ސިހިފައި ޝައުކަތާއި މޯނާއަށް ބަލާލެވުނެވެ.
" ލޫނާއާ އިންނަން ވެގެން އާދޭސް ކުރަމުން މި ދުވަނީ އަހަރެން! އެނގިއްޖެތަ؟ ކޮންމެ ފަދަ ވާހަކަ އެއް ދެއްކިއަސް، އަހަރެން އޭނަޔާ ނީންނާނެ ގޮތެއް ނެހެދޭނެ! "
ނާމީ ހުރީ ވަރަށް ރުޅިއައިސްފައި ކަން ޝައުކަތަށް އެނގުނެވެ. ދުވަހަކުވެސް ނާމީ މޯނާއާއި އެގޮތަށް ބާރަށް ވާހަކަ ދައްކާފައެއް ނުވެ އެވެ. މޯނާވެސް ދޫކުރާކަށް ގަސްދެއް ނުކުރި އެވެ.
" ފާޑުފާޑު ވާހަކައޭ.... މީ މަ ހަދައިގެން ދައްކާ ވާހަކަ އެއްތަ؟ އަޅެ ބުނެބަލަ.... ބޭރު މީހަކު އެ ކުއްޖާ ރޭޕެއް ނުކުރޭތަ؟"
ޒުވާބު ހޫނު ވާން ފެށުމުން ކަންބޮޑުވެފައި ހުރި ނަމަވެސް ނާމީ ދޭނެ ޖަވާބަކަށް ޝައުކަތު އިންތިޒާރު ކުރި އެވެ.
" އެއީ މީހަކާ ބެހޭ ކަމެއް ނޫން! އަހަރެން އިންނާނީ އަހަންނަށް ކަމުދާ މީހަކާ! "
ނާމީ އެހެން ބުނަމުން ޝައުކަތާއި ދިމާއަށް އެނބުރުނެވެ.
" މީގެ ފަހުން އަހަރެންގެ އެއްވެސް ކަމަކާ ނުބެހެން އޭނަޔަށް އަންގާ. އައި ހެވް ހެޑް އިނަފް!"
ނާމީ ޝައުކަތާއި ދިމާއަށް އެހެން ބުނެފައި ހިނގައި ގަތެވެ. މިއަދު ބައްޕައާއި ބާރަށް ވާހަކަ ދައްކަން ޖެހުނީތީ އޭނާ ކަންބޮޑެއް ނުވެ އެވެ. ލޫނާއާއި އޭނާއާއި ދެމެދަށް އެއްވެސް މީހަކު ވަނުމުގެ ފުރުސަތެއް އޭނާ ނުދޭނެ އެވެ.
ބެލްކަނީ ގައި ލޫނާ ހުރި އިރު އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފަ އެވެ. އޭނާއަށް ދިމާވި ހާދިސާ ހިތަށް ގެންނަން މަސައްކަތް ކޮށްކޮށް އޭނާގެ ބޮލުގައި ރިއްސަން ފަށައިފި އެވެ. ހަނދާނަށް އަންނަނީ އެ ހާދިސާގެ ބައެކެވެ. ވަކި ހިސާބަކުން އޭނާއަށް ވީ ނުވީއެއް ނޭގުނެވެ. ހަޤީޤަތް އޭނާއަށް ވެސް އެ އެނގުނީ އަދި ކިރިޔާ އެވެ. މާހިން އޭނާ ބޭނުން ނުވި ސަބަބު މިހާރު އޭނާއަށް ވިސްނިއްޖެ އެވެ. ލޫނާގެ ލޮލުން ކަރުނަ އޮހި ގަތެވެ.
އެ ހުރިހާ ކަމެއް އެނގި ހުރެވެސް ނާމީ އޭނާއާއި ކައިވެނި ކުރަން ބޭނުން ވީ ހެއްޔެވެ! އެއީ ލޯތްބެއް ނޫނެވެ. ހަމްދަރްދީ އެވެ. ނާމީ އެއުޅެނީ ނާމީގެ ސަބަބުން އޭނާއަށް ދިމާވި ކަމެއްގެ ބަދަލު އޭނާއަށް ދެވޭތޯ އެވެ. ލޫނާއާއި ހެދި ނާމީގެ ދިރިއުޅުން ހަލާކު ވެގެން ދާކަށް ލޫނާ ބޭނުމެއް ނޫނެވެ. އެ ކައިވެންޏަކާ އޭނާ އެއްބަހެއް ނުވާނެ އެވެ!
މާހިން ގޭން ނުކުމެގެން ދިއަ ފަހުން ގޭތެރެ ވަނީ ފަޅުވެފަ އެވެ. ގޭގައި އުޅޭއިރު ސަކަރާތް ޖަހާ، އަޑުގަދަ ކޮށް އުޅޭ މީހަކީ މާހިންއެވެ. މަންމައާއި ބައްޕައާއި އެންމެ ގާތް ކުއްޖަކީ ވެސް މާހިން އެވެ. ދާއިން އަކީ މާހިންއަށް ވުރެ ސީރިއަސް މީހެކެވެ.
ކާމޭޒު ދޮށުގައި ދާއިން އިށީނީ ބައްޕަ އޭނާއާއި އަނގައިން ބުނާނެ ކަމަކަށް ނޫނެވެ. ބައްޕަ އެކަނި ކާން އާދަވެފައި ނުވާތީ އެކަމަށް އިހުތިރާމް ކުރުމަށްޓަކަ އެވެ. ކޮއްކޮ ދެކެ ރުޅިގަދަވި ވަރުން ގޭން ބޭރު ކޮށްލި ނަމަވެސް ބައްޕަވެސް ކޮއްކޮ "މިސް" ވާނެ ކަން ދާއިންއަށް އިނގެ އެވެ.
" ދާއިން، ދެން ކަލޭ މީހަކާ އިންނަން އުޅޭ!"
ބައްޕަގެ އަޑު ޖެހިފައި ދާއިން ދިއައީ ސިއްސައިގެން ނެވެ. ބައްޕައާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފަ އެވެ. ބައްޕަ އިނީ އިސް ޖަހައިގެން ކާށެވެ. ހިތްހަމަ ނުޖެހިފައި އިންކަން އަޑުން އެނގުނެވެ. ބައްޕަ އެހެން އެބުނީ ޖެއްސުމަށް ނޫން ކަމެއްވެސް ނޭގެ އެވެ. ޔާނާގެ ވަކިވެ ދިއުމަށް ފަހު ދާއިން މީހަކާ އިންނަން ބައްޕަ ޤަބޫލު ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
" ކާކާ؟"
ދާއިން މަޑުމަޑުން އަހާލި އެވެ.
" ކަލެއަށް އަދިވެސް އިންނާނެ މީހަކު ނުލިބެނީތަ؟"
ދާއިން އާއި ދިމާއަށް ޖައުފަރު ބަލާލި އެވެ.
" ކޮންމެ މީހަކާ ވިއަސް ހެވޭ.... އިނދެގެން މިގެއަށް ގެނޭ!"
ބައްޕަ އެހެން އެބުނީ ސީރިއަސް ކޮށެވެ. ދާއިން އަށް ވިސްނުނެވެ. ކޮއްކޮ މީހަކާ އިނދެގެން އެގޭން ނުކުމެގެން ދާން ޖެހުނީތީ ހާޤީޤަތުގައި ބައްޕަ އެއުޅެނީ ދެރަވެގެން ނެވެ.
" އަހަރެން ބޭނުން ވަރަށް ވަރުގަދަ އަށް ސައިވެސް ހަދަން.....! އަހަރެންގެ ދަރިއަކު މީހަކާ އިންނައިރު މުޅި ރާއްޖެއަށް އިނގެންވާނެ! އަވަހަށް ހުރިހާ ކަމެއް ހަމަ ޖައްސާ!"
މީހަކާ އިންނަން ހުއްދަ ލިބުނީތީ ދާއިން އުފާވި ނަމަވެސް ބައްޕަގެ މަޤްސަދު އެނގުމުން ހިތްހަމަ ނުޖެހުނެވެ. އެއްކަމަކީ ކޮއްކޮއާއި ކޮއްކޮގެ އަންހެނުން ދެރަ ކޮށްލުމެވެ. އަނެއް ކަމަކީ މީހުންގެ ކުރިމަތީގައި ބޮޑުކަން ދައްކާލުމެވެ.
" އިންނާނެ މީހަކު ހުރިއްޔާ، މާދަމާ ރޭ އޭނަގެ އާއިލާއާ ބައްދަލު ކުރަން ބޭނުން! ނުވަގަޑި ބަޔަށް ހަދާ!"
ބައްޕަ ބޭނުން ވާ ގޮތް ބުނެ ނިންމާލައިފި އެވެ. އެއީ ކޮން ކުއްޖެއްތޯ ވެސް ބަލާނުލާ ބައްޕަ އެގޮތަށް ނިންމަން ބޭނުން ވީތީ ދާއިންއަށް އުނދަގޫވި އެވެ. އެހެން ނަމަވެސް ދާއިން އެއްޗެއް ނުބުނެ އެވެ. ބައްޕަ ޤަބޫލުވި ވަގުތު އެކަން ކުރިއްޔާ ނޫނީ ނުކުރެވޭނެ އެވެ.
ޔޫހާ ގާތުގައި އެވާހަކަ ބުނުމުން ޔޫހާ އުފާވި އެވެ. އެހެން ނަމަވެސް ބިރު ގަތެވެ. ނާމީގެ ބައްޕަ އައީ ކޮއްކޮ ދެކިލަން އެގެއަށެވެ. އެކަން ވެސް ނިމިގެން ދިއައީ ވަރަށް ދެރަ ކޮށެވެ. އޭގެ ފަހުން ނާމީވެސް އެގެ އަކަށް ނާދެ އެވެ. ކޮއްކޮއާއި ނާމީގެ ކަންތައްވެސް އެހާ ހިސާބުން ނިމުނީހެން ހީވެ އެވެ. ދާއިންގެ ބައްޕައަކީ ނާމީގެ ބައްޕައަށް ވުރެވެސް ވަރުގަދަ މީހެއް ކަމަށް ބުނާ މީހެކެވެ. އަމިއްލަ ދަރިއަކު ގޭން ނެރިލަން ކެރުނު މީހެކެވެ. ޔޫހާއާއި ދޭތެރޭގައި ހިތްހަމަ ނުޖެހިއްޖެއްޔާ އޭނާ ދާއިން އަށް ހަދާނެ ގޮތެއްވެސް ނޭގެ އެވެ. އެހެން ނަމަވެސް ޔޫހާ ޖެހޭނީ އެކަމާ ކުރިމަތި ލާށެވެ. ޔޫހާ އާއި އެކުގައި ހައިފާއާއި ލޫނާވެސް އެގެއަށް ގެންދަން ދާއިން ބޭނުން ވިއެވެ.
ލޫނާ އެގެއަށް ދާކަށް ބޭނުމެއް ނުވި އެވެ. މާހިން އުޅެ ބޮޑުވި ތަނަކީ އޭނާ މިހާރު ވަންނަން ބޭނުން ވާ ތަނެއް ނޫނެވެ. މާހިންގެ ޚިޔާލު ތަކާއި ދުރަށް ދާން އޭނާ ކުރަމުން އެދާ މަސައްކަތް އިނގޭނީ ހަމަ އޭނާ އަށެވެ. އެހެން ނަމަވެސް ދައްތައަށްޓަކައި ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.
ޝައުކަތާއި ނާމީއަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނީ ޖައުފަރެވެ. ޒިޔާދާއަށް އެކަން އެނގުމުން ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއަ އެވެ. މިރޭ ޔޫހާގެ އާއިލާ އަންނަ ގަޑިއަށް ޝައުކަތުމެން ގެނައުމުގެ ސިއްރެއް އޮންނާނެ އެވެ. އެންމެންގެ ކުރިމަތީގައި އެމީހުން ބޭޒާރު ކޮށް ނުލައިފިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.
ރޭގަނޑުގެ ކެއުމަށް ފަހު ޝައުކަތުމެން އައިސް ތިބީ ސިޓިންގްރޫމް ގައެވެ. ބައްޕައާއި ޖައުފަރު އަންކަލް ކޮންމެވެސް ބަޔަކަށް އިންތިޒާރު ކުރާކަން ނާމީއަށް އިނގެ އެވެ. އެކަމަކާ ނާމީ ސަމާލު ކަމެއް ނުދެ އެވެ. އަބަދުވެސް ކޮންމެވެސް ވިޔަފާރި ޑީލެއް ކުރިއަށް ގެންދިއުމަކީ އެދެމީހުންގެ އާދަ އެކެވެ. ނާމީ އިނީ އޭނާގެ ފޯނުން ގޭމެއް ކުޅޭށެވެ. ބައްޕަމެން ދައްކާ ވާހަކަ އަކަށް އޭނާގެ މާ ބޮޑު ޝައުގުވެރި ކަމެއް ނެތެވެ. ދޮންމަންމަ އާއި ހެދި ލޫނާމެން ފެންނަ ހިސާބަށް ދާން ނުކެރުފައި ހުންނަން ޖެހުމުން އޭނާގެ ސިކުނޑި ވަނީ ހާސް ކަމެއްގެ ތެރޭގަ އެވެ. އެންމެ ލަދުގަންނަނީ ލޫނާގެ މަންމަ ފެންނަ ހިސާބަށް ދާށެވެ.
" ރޯޒް" ގެ ގޯތި ތެރެއަށް ކާރު ވަދެގެން ދިއައިރު އެންމެނަށް ވެސް ތިބެވުނީ ގޭތެރޭގެ ފުރިހަމަ ކަމާއި މެދު ޙައިރާން ވެފަ އެވެ. ކުލަކުލައިގެ ބޮކިން ޖަރީ ކުރެވިފައިވާ ރީތި ބަގީޗާ ފެނުމުން މީ ރާއްޖޭގެ ގެއެއްގެ ބައެއް ކަމަށް ޤަބޫލުކުރަން ދަތިވި އެވެ. ކުރިމަތީގައި ހުރި ތަނަވަސް ބޮޑު، ލަކުޑި އުނދޯލިގެ އެހާ ފުރިހަމަ އެވެ. ކާރު ޕާރކް ކޮށްލުމާއި އެކު ކޮންމެވެސް މީހަކު އައިސް ކާރުގެ ދޮރު ހުޅުވާލަ ދިނެވެ. ނުކުންނަންވެސް ނުކެރިފައި ޔޫހާ އިނެވެ. އެ ރީތި ގޭގައި ފިޔަވަޅެއް އަޅަންވެސް އެމީހުންނަށް ނޭގޭނެ އެވެ. ދާއިން ކާރުން ފޭބުމާއި އެކު އަވަސް އަވަހަށް ގޮސް މަންމަ އިން ފަރާތުގެ ދޮރު ހުޅުވާދިނެވެ. މަންމަ ބޭރަށް ނުކުތުމުން ޔޫހާވެސް އަނެއްދޮރުން ބޭރަށް ނުކުތެވެ. ޔޫހާގެ ފަހަތުން ލޫނާވެސް ނުކުތެވެ. ދާއިންއާއި އެކުގައި ހިނގާފައި ދިޔައިރު ތިން މީހުންނަންމެ ގޭތެރޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގުނެވެ. ގޭގެ ފުރިހަމަކަން ފެނުނު ވަރަކަށް ހިތުގެ ހާސްކަން ދިއައީ ބޮޑު ވަމުންނެވެ. އެވަރުގެ ބައެއްގެ ދަބި ދަރި އަކަށް ޔޫހާ ފަދަ އާދައިގެ ކުއްޖަކަށް ވެވިދާނެ ބާއެވެ!
ސިޓިންގްރޫމްގެ ދޮރު ހުޅުވާލި އަޑު އިވުމުންވެސް ނާމީ އެނބުރި ބަލާލާކަށް ބޭނުމެއް ނުވި އެވެ. ދާއިން އެތެރެއަށް ވަނުމަށް ފަހު ޔޫހާމެންނަށް އެތެރެއަށް ވަނުމަށް އިޝާރާތް ކުރި އެވެ. ގޭތެރެއަށް ވަން މެހުމާނުން ފެނުމުން ޖައުފަރު ތެދުވެލި އެވެ. އިހުތިރާމް އަދާ ކުރުމުގެ ގޮތުންނެވެ.
" ވަދޭ، ވަދޭ!"
ހިނިތުން ވުމަކާއި އެކު އެމީހުންނަށް ޖައުފަރު މަރުހަބާ ކީ އަޑު އިވުމުން ނާމީ ވެސް ބަލާލި އެވެ. ޔޫހާއާއި ހައިފާ އެތެރެއަށް ވަންތަން ފެނުނެވެ. ނާމީ ތެދުވެ ބަލާލީ ލޫނާ އައި ތޯއެވެ. އެތެރެއަށް ވަން ލޫނާ ލޮލުގައި ޖެހުމާއި އެކު ޖައުފަރުގެ މޫނުމަތީގެ ކުލަ ބަދަލު ވެގެން ދިއަ އެވެ. ކުރީން ފެނުނު ހިނިތުން ވުން ސީރިއަސް ކަމަކަށް ބަދަލު ވެގެން ދިއަ ސަބަބު އިނގޭ މީހަކު އެތަނުގައި ހުރި ހެނެއް ހިއެއް ނުވެ އެވެ. ލޫނާ އާއި ޖައުފަރު ހަތަރުކަޅި ހަމަވި ވަގުތު ލޫނާ ހިނިތުން ވެލި އެވެ. އެހެން ނަމަވެސް އޭނާއަށް އަވަސް އަވަހަށް އިސް ޖަހާލެވުނެވެ. ޖައުފަރުގެ މޫނުމަތީން އޭނާއަށް ފެނުނު ސީރިއަސް ކަން އޭނާގެ ހިތުގައި ހާސް ކަމެއް އުފައްދައިފި އެވެ. ކުރީއްސުރެ ޔޫހާގެ އާއިލާ ޖައުފަރާ ބައްދަލު ކުރަން ޖެހިލުން ވެފައި ހުރުމުގެ އިތުރުން އެތަނުން ނާމީއާއި ޝައުކަތާއި ބައްދަލު ވީތީ އިތުރަށް އުނދަގޫ ވެއްޖެ އެވެ. ޝައުކަތު ޖައުފަރު ގާތުގައި ދައްކާފައި އޮވެދާނެ ވާހަކަ އަކާއި ދޭތެރޭގައި ބިރު ހީވި އެވެ.
ދާއިން އެތެރެއަށް ވަންނަމުން ޝައުކަތާއި ސަލާމް ކޮށްލި އެވެ. އެއަށް ފަހު ބައްޕައަށް ޔޫހާ ތައާރަފް ކޮށްދިނެވެ.
" ބައްޕާ މީ ޔޫހާ! "
ކުރިއަށް ޖެހިލާ ސަލާމް ކޮށްލުމަށްޓަކައި ޔޫހާގެ އަތުގައި ޖައުފަރު ހިފާލީ ހިސާބެއްގެ ހިތްހަމަ ޖެހުމަކާއި އެކުގަ އެވެ. އެތަނުން ދާއިން ކައިވެނި ކުރަން އުޅޭ ކުއްޖަކީ ލޫނާއަށް ނުވިކަން ނަސީބެވެ.
" މީ ޔޫހާގެ މަންމަ، މީ ކޮއްކޮ ލޫނާ!"
ޔޫހާގެ މަންމައާއި ޖައުފަރު ސަލާމް ކުރި އެވެ. އެހެން ނަމަވެސް ލޫނާއާއި ސަލާމް ނުކުރިކަން ފާހަގަ ކުރެވުނެވެ. ނާމީ ހުރީ ދުރުގައި މި މަންޒަރު ބަލާށެވެ. އަންކަލް ގާތުގައި ބައްޕަ ކޮންމެވެސް ވާހަކަ އެއް ދެއްކީ ކަމަށް ވެސް ވެދާނެ އެވެ. ހިސާބެއްގެ ނިކަމެތި ކަމެއް ލޫނާއަށް އިޙުސާސް ކުރެވޭނެ ކަން ނާމީއަށް އެނގުނެވެ. ނާމީ ލޫނާއާއި ދިމާއަށް ހިނގައި ގަތެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި ލޫނާ ދަށްވާކަށް އޭނާ ނޭދެ އެވެ.
ދާއިން ގެ އިޝާރާތަށް ހައިފާއާއި ޔޫހާގެ ފަހަތުން ލޫނާ ވެސް މަޑުމަޑުން ހިނގައިގަތީ ސޯފާއާއި ދިމާ އަށެވެ.
އޭރު ގޭތެރެއަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފް ހިމޭން ކަމެކެވެ. ޖައުފަރުގެ ހިތުގައި ތަފާތު ޝުއޫރު ތަކެއް ހިނގަމުން ދިއައިރު ޝައުކަތު ހުރީ ނާމީގެ ހަރަކާތް ތަކަށް ބަލާށެވެ.
" އަންކަލް!"
ނާމީ ޖައުފަރަށް ގޮވާލީ ލޫނާގެ އަތުގައި ހިފަހައްޓަމުން ނެވެ. ލޫނާއަށް ވެސް ލިބުނީ ސިހުމެކެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ އަތުގައި ހިފަން ނާމީއަށް ކެރޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އަދި އަމުދުން ކަންތައް ވެގެން ދިއަ ގޮތުން ނާމީ އޭނާއާއި ދުރަށް ދިއައީ ކަމަށް އޭނާ އަށް ވަނީ ހީވެފަ އެވެ.
" ޝީ އިސް މައި ގަރލް! އަހަރުމެން މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން!"
ޖައުފަރުގެ މޫނުމަތީން ފާޅުވެގެން ދިއައީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމެވެ. އެވާހަކަ އޭނާއަށް ޤަބޫލު ކުރަން ދަތިވީ އެތައް ސަބަބު ތަކަކަށްޓަކަ އެވެ. ޖައުފަރަށް ބަލައި ލެވުނީ ދޮރުން ވަނުމާއި އެކު ހުއްޓުން އަރާފައި ހުރި ފުއާދަށެވެ. ލޫނާ އާއި ދިމާއަށް ބަލަހައްޓައިގެން ފުއާދަށްވެސް ހުރެވުނީ އެވެ. އެއީ ހަމަ "އެ ކުއްޖާ" އެވެ! އެތައް ދުވަހެއް ވަންދެން ހޯދަން މަސައްކަތް ކޮށް ވީނުވީ ތަނެއް ނޭގިގެން އުޅޭ ޖައުފަރުގެ "މަރީ" އެވެ!