" އަވަހަށް ގޮސް ބުނޭ މާހިންގެ ގަޔަށް އެލޭ ނާޅައްޗޭ މާހިންގެ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ....!"
އެއަޑު އިވިފައި އެންމެންގެ ޙައިރާންކަން އިތުރު ވެގެން ދިއަ އެވެ. ދާއިން ހުރީ ގުޑިލަން ވެސް ނޭގިފަ އެވެ. ނާމީގެ މަޤްސަދެއް އަދިވެސް ދާއިން އަކަށް ނޭގެ އެވެ. އޭނާ އެކިޔާ އެއްޗެއް އަދިވެސް ނުވިސްނެ އެވެ.
" ބުނެބަލާ.....! އަވަސް ކުރާށޭ!"
ނާމީ ހަޅޭއްލަވައިގަންނަމުން ދާއިންގެ މޭގައި ދެއަތް އަޅާ ފަހަތައް ކޮއްޕާލި އެވެ.
" އަހަރެންނަކީ އެޗް އައި ވީ ޕޮސިޓިވް މީހެކޭ.....!"
ނާމީގެ އެއަޑު އެމީހުންގެ ކަންފަތުގައި ޖެހިގެން ދިއައީ ހޮނު ގުގުރިއެއް ފަދައިންނެވެ. މުޅިތަނަށް ވަރުގަދަ ޒަލްޒަލާއެއް އަތުވެއްޖެ ކަހަލައެވެ. އެންމެނަށްމެ ނޭވާއެއްވެސް ބޭރުކޮށްލަން ހަނދާން ނެތި އަނގަހުޅުވިފައި ތިބެވުނީ ލިބުނު ޝޮކްގެ ވަރުގަދަ ކަމުންނެވެ. ދާއިންގެ ހަށިގަނޑުން ނަގައިގެން ހީބިހި ގަނޑާއި އެކު މީހާ ގަނޑުކޮށްލައިފި އެވެ. ލިބުނު ޝޮކުގައި ސިކުނޑި ވެސް ހިނދު ކޮޅަކަށް ހުއްޓުނު ކަހަލަ އެވެ. އެންމެނަށްވީ ގޮތް ލޫނާއަށް ފެނުނެވެ. އެންމެ ބިރުވެރި އަސަރު ތަކެއް ފެނުނީ ދޮންތީގެ މޫނު މަތީންނެވެ. ސުވާލު އުފެދިފައިވާ ދޮންތީގެ މޫނު ފެނުމުން ލޫނާއަށް ވެސް އުނދަގޫވި އެވެ. ނާމީގެ ގައިގައި އެކަން ހުރިއްޔާ ލޫނާގެ ގައިގައި ވެސް އެކަން ހުންނާނެ ނޫންހޭ ބުނާފަދަ ގޮތަކަށް ދޮންތީ ލޫނާއަށް ބަލައިލީ ބިރުން ހަލާކުވާން ގާތްވެފައިވާ ނަޒަރަކުންނެވެ. ލޫނާ އަވަސް އަވަހަށް ދޮންތީއާއި ނަޒަރު ވަކިކޮށްލި އެވެ. ހަޤީޤަތުގައި އޭނާއަކަށް ވެސް ދޭނެ ޖަވާބެއް ނޭގެ އެވެ. ކަންތައް ވެގެން އެދިއައީ އޭނާ ހީކުރި ގޮތަކަށް ވެސް ނޫނެވެ. ނާމީގެ ހަށިގަނޑުގައި އެފަދަ ކަމެއް ނުހުންނާނެ ކަމަށް ލޫނާ ޤަބޫލު ކުރި އެވެ. އަދި ލޭ ނެގުމުގެ ކުރީން އެކަން ސާބިތު ވާނެ ކަމަށް ވެސް ލޫނާ ޤަބޫލު ކުރި އެވެ. އެހެން ނަމަވެސް އެކަން އެވީ އެހެނެއް ނޫނެވެ. މިހާރު ލޫނާވެސް ބިރުގަނެއްޖެ އެވެ. އަދިވެސް ނާމީ އެހެން ބުނާތީ އެވެ. އެންމެންގެ ކުރިމަތީގައި އަމިއްލަ އަށް އޭނާ އެ ބޭޒާރުވީ އެކަން ކަށަވަރު ވީމައެވެ. ނާމީ އެދައްކާ ވާހަކައަކީ ހަޤީޤަތް ކަމަށް ޤަބޫލު ކުރަން ލޫނާއަށް ވެސް މިހާރު މަޖުބޫރު ވެއްޖެ އެވެ.
" ޕްލީސް....!"
ތަނަށް ވެރިވެފައިވާ އާދަޔާ ޚިލާފް ހަމަހިމޭންކަން ފޫދުއްވާލީ ނާމީގެ އާދޭހުގެ އަޑެވެ.
" ޕްލީސް.... ދާއިން....!"
ނާމީގެ އެ ހިތާމަވެރި މޫނަށް ކަޅި ހުއްޓިފައި ހުރި ދާއިން އާއި ދިމާއަށް ގުދުވަމުން ނާމީ އަނެއްކާވެސް ބުންޏެވެ. އެހެން ނަމަވެސް އަދިވެސް ދާއިން ހަމަ އެހުރި ގޮތަށް ހުރީ އެވެ. މިވަގުތު އޭނާގެ ހިތަށް އަރާ ފައިބަމުން ދާ އަސަރުތައް އޭނާގެ ހަށިގަނޑުގެ ހުރިހާ ހިއްސުތަކެއް ކޮންޓްރޯލް ކުރަމުން ދިއައެވެ. އޭނާއަށް އިވިގެން އެދިއައީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ! ނާމީއާއި ދޭތެރޭގައި އޭނާގެ ހިތުގައި ހަމްދަރްދީ އުފެދިގެން ދިއައިރު ޔޫހާގެ ކޮއްކޮގެ މަތީން ހަނދާން ނައްތައެއް ނުލެވުނެވެ. ޔޫހާއަށް ވާނެ ގޮތަކާއި މަންމައާއި ބައްޕައަށް ވާނެ ގޮތެއް ވިސްނާލެވުނެވެ. އެންމެނަށް އެއިވުނު އަޑާއި އެކު މުޅި ރާއްޖެއަށް ބޭޒާރު ވާނެ ވަރު ވިސްނާލެވުނެވެ. އެ ހާސްކަން ބޮޑު މަދު ސިކުންތު ކޮޅުގެ ތެރޭގައިވެސް އެ ނުރައްކާތެރި ބަލީގައި ނިމިދިއުމާއި ހިސާބަށް ވިސްނާލެވުނެވެ.
ނާމީ އެކުރާ އާދޭހުގެ އަޑު ދާއިންއަށް އިވޭ ހެނެއް ހިއެއް ނުވެއެވެ. ނާމީ އަވަސް އަވަހަށް އެންމެނަށް ބަލާލިއެވެ. އޭނާއާއި ދިމާއަށް ހުއްޓިފައިވާ ކަޅިތައް ފެނުމުން މިއަދު އޭނާ ލަދެއް ނުގަނެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ވަނީ ކަން ބޮޑުވެފަ އެވެ. އެ ނާޒުކު ހާލަތާ ދޭތެރޭގައި ވިސްނުން މިވަގުތު މާ މުހިއްމެވެ.
" އަންކަލް....!"
ހިލައިގެ ބުދެއްހެން ހުއްޓިފައި ހުރި ޖައުފަރުއާއި ދިމާއަށް އަވަސް އަވަހަށް ނާމީ ޖެހިލިއެވެ.
" އަންކަލް....! ވަގުތެއް ނެތޭ.... އަވަހަށް މާހިން ސަލާމަތް ކުރޭ... އަހަރެންގެ ލޭ މާހިންގެ ގަޔަށް އެޅިއްޖެއްޔާ ދުވަހަކުވެސް އަންކަލް އަމިއްލަ ނަފްސަށް މައާފް ނުކުރާނެ....! "
ދެލޯ ރަތްކޮށްގެން ނާމީއަށް ބަލަން ހުރި ޖައުފަރުގެ ގައިގައި ހިފާ ނާމީ ތަޅުވައި ގަތެވެ. މިވަގުތު ޖައުފަރު ވެސް މާހިންއަށް ވުރެ ބޮޑަށް ވިސްނަމުން ދިއައީ ނާމީ އާއި ދޭތެރޭގައި ހެން ހީވެއެވެ. ނޫނީ ނާމީ އެދައްކާ ވާހަކަ އެކަކުވެސް ޤަބޫލު ނުކުރަނީ ހެއްޔެވެ! އެންމެފަހުން ނާމީ ބާރަށް ހަޅޭއްލަވައިގަތެވެ.
" ޕްލީސް....! ޕްލީސް...! ކޮންމެސް މީހަކުއަޑު އަހާބަލަ....! އަހަރެންގެ ލޭ މާހިންގެ ގަޔަށް އެޅިޔަނޫދީ.... އަހަންނަކީ އެޗްއައީ ވީ ޕޮސިޓިވް މީހެކޭ....! އަހަރެން ނަކީ އެއިޑްސް ބަލި ޖެހިފަ ހުރި މީހެކޭ....!"
ދެކަންފަތުގައި އަތްއަޅަމުން ބާރަށް ހަޅެއްލަވައިގަންނަމުން ނާމީ ގުދުވިއެވެ. އެއަޑުގެ ވަރުގަދަ އަސަރުން ދާއިންއަށް ވެސް ހޭވެރިކަން ވެއްޖެހެން ހީވެއެވެ. އޭނާ އަވަސް އަވަހަށް ބައްޕައަށް ބަލާލިއެވެ. އޭނާއަށް ތެޅިގަނެވުނީ ދެނެވެ. ޖައުފަރަށް ވެސް ވީ އެވަރެވެ. ނާމީ އެބުނާ އެއްޗެއް އެބަ އަޑުއިވެއެވެ. އެއަށް ހަރަކާތެއް ނުކޮށް ހުއްޓާ ވަގުތު ފާއިތު ވެދާނެއެވެ. އެތަނުގައި ތިބި އެކަކުވެސް ގުޑާ ނުލާ އެތަނުގައި ތިއްބާ މާހިންގެ ގަޔަށް އެ ލޭ އެޅިދާނެއެވެ. މާހިންގެ ފުރާނަ ސަލާމަތް ކުރަން އޭނާގެ ގަޔަށް އެއެޅޭ ލެއަކީ މާހިންގެ މަރު ބައްޔަށް ވާކަށް މާހިންވެސް ބޭނުމެއް ނުވާނެ އެވެ. ދާއިންއާއި ޖައުފަރު އަވަސް އަވަހަށް ތިއޭޓަރާއި ދިމާއަށް ދާން ހިނގައިގަތެވެ.
" އެކްސް ކިއުޒް މީ...!"
ނާމީގެ ފަހަތުން މީހަކު ގޮވާލިއަޑަށް އެންމެނަށް މެ އެދިމާއަށް ބަލާލެވުނެވެ. އޭރު ލެބޯޓްރީ ދޮރުމަތީގައި ޓެކްނީޝަން ނާމީއާއި ދިމާއަށް އަންނަނީ އެވެ. ހާސްކަމުން ފުރިފައިވާ އޭނާގެ މޫނު ފެނުމުން ދާއިންއާއި ޖައުފަރަށް ވެސް މަޑުޖެހިލެވުނެވެ.
" އެކްސް ކިއުޒްމީ....!"
ނާމީގެ ކައިރިއަށް ހުއްޓެމުން އަނެއްކާވެސް އޭނާ ބުނެލި އެވެ. ހީވާ ގޮތުން އެއީ ލެބޯޓްރީ ޓެކްނީޝަނެކެވެ.
" ވަޓް ޑިޑް ޔޫ ސޭ...؟"
އެމީހާ އަހާލީ ޙައިރާން ކަމާއި ހާސްކަމާއި އެކުގަ އެވެ. ވާނީ ވެސް އެހެންނެވެ. ހޮސްޕިޓަލުން އެވަރުގެ މިސްޓޭކެއް ހެދުނީތީ އެމީހުންވެސް ކަންބޮޑުވާނެ އެވެ. ކިތަންމެ ނާޒުކު ދަނޑިވަޅަކަށް ވިއަސް ހޮސްޕިޓަލުން ކަންކަން ކުރަން ޖެހޭ ސަލާމަތީ އުސޫލު ތަކެއް އޮންނާނެ އެވެ. ފަރުވާ ކުޑަވެގެން އެފަދަ ކަމެއް އަތްދަށުން ދޫވެއްޖެއްޔާ ދެން ކަންވާނެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ އެމީހުންނަށެވެ.
ނާމީ އެއްޗެއް ނުބުނެ އިރުކޮޅެއް ވިއެވެ. އެމީހުންނަށް ނާމީ ބުނެދޭން ޖެހުން އެއީ ކިހާ ދަށް ފެންވަރުގެ ކަމެއް ހެއްޔެވެ!
" ޑިޑް ޔޫ ސޭ.... ޔޫ އަރ އެޗް އައި ވީ ޕޮސިޓިވް؟..... ޔޫ ހޭވް .... އެއިޑްސް....؟ "
އޭނާ ދެލޯ ބޮޑު ކޮށްގެން ހުރިވަރުން ނާމީ ވެސް ބިރުގަތެވެ. ނާމީ ލަސްލަހުން ބޯ ޖަހާލީ އެމިހުންނަށް ނޭގޭ އެއްޗެއް ނާމީގެ ފަރާތުން ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ.
" ހޫ ޓޯލްޑް ޔޫ ދެޓް؟"
އޭނާ ނާމީއާއި ސުވާލު ކުރި އެވެ. ނާމީ ގާތުގައި އެވާހަކަ ބުނި މީހަކު އޮޅުން ފިލުވަން އޭނާ ބޭނުން ވިއެވެ. ނާމީއަށް އެކަން އެނގުނީ ކޮން ލެބޯޓްރީ އަކުން ޓެސްޓު ކޮށްގެން ތޯ ވެސް އޭނާ އަހާލި އެވެ. ނާމީ ލޫނާ އަށް ބަލާލި އެވެ. މާޔޫސް ކަމާއި އެކުގަ އެވެ. އެތަނުގައި ތިބި އެންމެންވެސް ތިބީ ނާމީގެ ހަރަކާތް ތަކަށް ބަލާށެވެ. ނާމީ ދައްކާ ވާހަކައިގެ އަޑު އަހާށެވެ. އެހެން ނަމަވެސް ދެން އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ނާމީ ދާއިންއަށް އިޝާރާތް ކުރި އެވެ.
" މަޑުނުކުރޭ.... އަވަހަށް ދޭ.... އެމީހުންނަށް އަންގާ....!"
ދާއިންއަށް އިޝާރާތް ކުރަމުން ނާމީ އެބުނި އެއްޗެއް ދުބާއީ ހޮސްޕިޓަލްގެ ލެބޯޓްރީ ޓެކްނީޝަން އަށް ވެސް އެނގުނެވެ.
" ނޯ ވެއިޓް...!"
އޭނާ ދާއިން މަޑުކުރުމަށް ބުނުމަށް ފަހު ނާމީ އާއި ދިމާއަށް އެނބުރުނެވެ. ނާމީގެ ލޭރަތް ކުލައިގެ ދެލޮލަށް ފުން ކޮށް ބަލާލަމުން އޭނާ އަނެއްކާވެސް ނާމީއާއި ސުވާލު ކުރީ އެއީ ނާމީއަށް ކިހިނެއް ލިބުނު މައުލޫމާތެއް ތޯއެވެ! އެހެން އަހަން ޖެހުނީ ސަބަބެއް ނެތި ނޫން ކަމަށް ބުނެ އޭނާގެ ކައިރިއަށް އައިސް ހުއްޓުނު ނަރުސް ކުއްޖާ ދިއްކޮށްލި ރިޕޯޓްގައި ހިފާ އުފުލާލަމުން އޭނާ ބުނީ މީހެއްގެ ގަޔަށް ލޭ އެޅުމުގެ ކުރީން އަބަދުވެސް ޓެސްޓް ތަކެއް ކުރާނެ ކަމަށެވެ.
ދެން އޭނާ ގަނޑުގެ މެދުގައި އިނގިލި ޖައްސާލަމުން އެބުނި ބަހުގެ އަޑު އެތަނުގައި ތިބި އެންމެނަށް އިވުނެވެ.
"ނެގަޓިވް!"
އެއަޑު އިވިފައި އޮއްސިފައި ވާ މޫނު ތަކަށް ވެރިވެގެން ދިއައީ އަޖައިބެއް ފަދަ ރޫހެކެވެ. އިރުކޮޅަކަށް ނާމީ ހިމޭން ވެގެން ދިއައީ އިވުނު އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. ލޫނާގެ ނޭވާ އެތެރޭގައި ހިފަހައްޓާލެވުނެވެ. އެމީހާ އެބުނީ ކީކޭ ހެއްޔެވެ!
ނާމީ ފުންމައިގެން ގޮސް އެމީހާގެ އަތުގައި އޮތް ރިޕޯޓް ޖަހައިގަތެވެ. އޭނާގެ ހަށިގަނޑުގެ ލޭ ހިނގުން އަވަސްވެ ވިންދު ތައް އަވަސްވެގެން ވަރުން އަޅައިގެން ތުރުތުރު ލުމާއި އެކު އޭނާގެ އަތުގައި ގަނޑު ހަރުލީ ވެސް ކިރިޔާއެވެ. އަވަސް އަވަހަށް އެ ރިޕޯޓަށް ނާމީ ނަޒަރު ހިންގާލި އެވެ. އެއީ ހަމަ އޭނާގެ ރިޕޯޓެވެ. އެއީ ނާމީ ލޭ ދިނުމުގެ ކުރީން އެ ހޮސްޕިޓަލުން ކޮށްފައިވާ ދެތިން ޓެސްޓެއްގެ ނަތީޖާ އެވެ. އެ ރިޕޯޓް ބުނާ ގޮތުން ނާމީގެ ލެއަކީ އެއްވެސް މައްސަލައެއްނެތް ސާފް ތޯހިރު ލެއެކެވެ.
ނާމީއަކަށް ޤަބޫލެއް ނުކުރެވުނެވެ. ދުވަސް ގަނޑެއް ވަންދެން ހިތުގައި ކަށަވަރު ކޮށްފައިވާ އެ ބޮޑު ބިރަކީ ހަޤީޤަތެއް ނޫނެވެ! އޭނާ އަކީ އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫނެވެ! އެއޮތީ އެކަން ސާބިތުވާށެވެ.
" އޯ މައި ގޯޑް!... އޯ ގޯޑް! އޯ ގޯޑް!"
އެހެން ބުނަމުން ތިން ހަތަރު ފަހަރަށް ނާމީ ޙަމްދު އެޅިތަން ފެނުނެވެ. އޭނާ އުޅެގެން ގޮތުން އެނެމެންގެ ގައިން ހީބިހި ހިލުވާލި އެވެ.
" ލޫނާ!"
ވީ އުފަލުން ނާމީ ވަނީ ތަންދޮރު ނޭގޭ ވަރު ވެފަ އެވެ. ލޫނާގެ ގައިގައި ބާރަށް ބައްދައިގަތް ގޮތަށް އޭނާއަށް ރޮއިގަނެވުނެވެ. ހީވީ އަލަށް ދުނިޔެއަށް އާދެވުނު ހެންނެވެ. މި މަންޒަރު ބަލަން ތިބި އެންމެނަށް ވެސް ރޮވިއްޖެ އެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ދާއިންއަށްވެސް އޭނާގެ ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އެވަރުގެ ހިތާމައަކުން ސަލާމަތް ވީތީ ކޮޅުނެތް ކޮޅަށް ޝުކުރު ކުރަމުންނެވެ. އެވަގުތު ދާއިންއާއި ޖައުފަރުގެ ހިތަށް ވެސް ހާސްކަން ވެރިވެގެން ދިއަ އެވެ. އެމީހުންނަށް އެންމެ ބޮޑު ކަންތައް އަދި އޮތީ އެވެ.
ނާމީގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށީ އިރުކޮޅެއްގެ ފަހުންނެވެ. އޭނާ އެތަނުގައި ތިބި އެންމެނަށް ބަލާލި އެވެ. އުފާވެރި ކަމާއި އެކުވެސް އެމޫނުތަކުން ފެންނަމުން ދިއައީ ކޮޅެއް ނެތްހާ ހިތާމަ އެވެ. އެވަގުތު އެތަނުގެ އަސްލު ހާލަތު ނާމީއަށް އިޙުސާސް ކުރެވުނެވެ. އެހެން މީހުންގެ ހިތްދަތިކަން އޭނާއަށް އިޙުސާސް ކުރެވޭގޮތް ވީ އަދި ކިރިޔާ އެވެ. މިހާތަނަށް އޭނާގެ ހިތާމަ އެ އެންމެންގެ ހިތާމައަށް ވުރެ ވަރުގަދަ އެވެ. އެހެން މީހަކާއި ދޭތެރޭގައި ވިސްނާލެވޭ ވަރަށް ވުރެ މާ ބޮޑެވެ. މާތް ﷲގެ ހެޔޮ ރަޙުމަތާއި އެކު އޭނާއަށް މުޅީން އާ ހަޔާތެއް ލިބިއްޖެ އެވެ. އެހެން ނަވަމެސް މާހިން އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ދާއިން އާއި ޖައުފަރުގެ އިތުރުން ޒިޔާދާއާއި މިމީގެ ހާލު ފެނުމުން ނާމީގެ ހިތުގައި ޖެހުނެވެ. އޭނާއަށް އެކުރެވުނީ ކީއްހެއްޔެވެ! މާހިންގެ ފުރާނައަށް ޓަކާ މިވަގުތު އެންމެ އަގުބޮޑު އެއްޗަކަށް ވީ ލެއެވެ. އޭނާ ވަނީ އޭނާގެ އަތުން އެވެސް ނައްތާލާފަ އެވެ.
ކުއްލިއަކަށް ނާމީ ކުރިއަށް ޖެހިލާ ނަރުސް ކުއްޖާގެ އަތުގައި ހިފެހެއްޓި އެވެ.
" ސިސްޓަރ ޕްލީސް.....! "
ނާމީގެ އަތް ދައްކަމުން ނަރުސް ކުއްޖާގެ ގައިގައި ހިފާ އާދޭސް ކުރީ އޭނާގެ ހަށިގަނޑުން އަވަހަށް ލޭ ނަގާދިނުމަށް އެދި އެވެ. އިތުރު ހަ ޕައިންޓު ނަގާހާ ވަރުވެސް މިހާރު އޭނާގެ ހަށިގަނޑުގައި އެބަހުއްޓެވެ. އެ ހަށިގަނޑުގެ ހުރިހާ ލެއެއް ހުސްވިއަސް މިއަދު އޭނާއަށް ވަރި ހަމައެވެ. ބޭނުން ވަނީ ހަމަ އެކަނި މާހިންގެ ފުރާނަ ސަލާމަތް ވުމެވެ.
ގާނޫނީ މީހުންނާ ދައްކަން ޖެހޭ އެންމެ ފަހުގެ ވާހަކަ ދެއްކުމަށް ފަހު ޝައުކަތު ގޮނޑީގައި ލެނގިލި ވަގުތު މީޓިންގް ރޫމްގެ ބޭރު ބިއްލޫރި ގަނޑުން އެދިމާއަށް ބަލަހައްޓައިގެން ހުރި ޖިނާނު ފެނުމުން ޝައުކަތު ސިހުނެވެ. އޭނާ މާލެ އެއައީ އަންގާވެސް ނުލަ އެވެ. ފުސް ބިއްލޫރި ގަނޑުގެ އަނެއް ފަރާތުގައި ހުރިއިރުވެސް ޖިނާނުގެ މޫނުމަތީގެ ކުލަވަރު ރީތި ކޮށް ހާމަވާން ހުއްޓެވެ. އެ މޫނުމަތީން ފެންނަމުން ދިއައީ އިންތިހާ ނަފްތަރުގެ އަސަރެވެ. ކުއްލިއަކަށް އޭނާ މާލެ އައީ މަންމަގެ އެންގުމަށެވެ. ހުރިހާ ކަމެއް އަތުން ދޫވެދާނެ ކަމަށް މަންމަ ބުނުމުން އޭނާ އެއައީ އެކަން ހަމައަކަށް އަޅުވާށެވެ. އެހެން ނަމަވެސް މިހާރު މާ ލަސްވެއްޖެހެން ހީވެ އެވެ.
މީޓިންގް ރޫމްގައި ތިބި މީހުން ބޭރަށް ނުކުތުމާއި އެކު އޭނާ އެތެރެއަށް ވަނެވެ.
" އަންނަ ވާހަކަ މަންމަ ނުވެސް ބުނޭ...!"
ހިސާބަކަށް އުނދަގޫވެފައިވާ ފަދަ ގޮތަކަށް ޝައުކަތު ބުންޏޭވެ.
" އަންނަން ބޭނުން ވެގެނެއް ނޫން މިއައީ....! އަންނަން ޖެހިގެން.....! އަހަރެން މިއައީ އަހަންނަށް ހައްގުވާ ބައި ބަލާ....!"
ދެއަތް ޖީބަށް ޖަހަމުން ޝައުކަތުގެ ކުރިމަތީގައި ޖިނާނު ހުއްޓުނީ ވަރަށް ކެރިގެންނެވެ.
" މި ހުރިހާ ދުވަހު އަހަރެން ކޮށްދިން ޑްރަގް ވިޔަފާރިން ލިބުނު ފައިދާއިން ގިނަ ކުރި ހުރިހާ މުދަލެއްގެ ހައްޤުވެރި އަކީ އަހަރެން....!"
އެއްވެސް ޖެހިލުމެއް ނެތި ޖިނާނު ބުންޏެވެ. ދުވަހަކުވެސް ޝައުކަތާ ބާރަށް ވާހަކަ ދައްކަން ކެރިފައި ނުވާ ޖިނާނަށް އެފާޑަށް ޝައުކަތާއި ވާހަކަ ދައްކަން ކެރުނީތީ ޝައުކަތު ޙައިރާންވި އެވެ.
" ޖިނާނު....!"
ޝައުކަތު ވެސް ރުޅި އަތުވެއްޖެ އެވެ.
" ތިވާހަކަ ދެއްކެނީ ކާކާކަން އިނގޭތަ...!"
ޝައުކަތު އިން ގޮނޑިން ތެދުވި އެވެ. އެވަގުތު މޯނާވެސް އެތަނަށް އަތުވެއްޖެ އެވެ.
" ޔޭސް.... ރާއްޖޭގަ ހުރި އެންމެ ބޮޑު ކުށްވެރިޔާއާ.....! "
ޖެހިލުމެއް ނެތި ޖިނާނު ބުންޏެވެ.
" މޯނާ...! ދަރިފުޅު މައިތިރި ކުރޭ...! "
ރުޅިގަދަވެފައިވާ ޝައުކަތު ބާރަށް ބުންޏެވެ.
" މިހުރިހާ ދުވަހު އަހަރެން ލައްވާ ހުރިހާ ނުބައި ކަމެއް ކުރުވި އިރު އަހަރެންގެ މަންމައަށް އަހަރެން މައިތިރި ކުރަން ނޭންގީ ކީއްވެ؟ މިއަދު އެ ހުރިހާ މުދަލެއް އަމިއްލަ ދަރިފުޅުގެ އަންހެނުންގެ ނަމަށް ބަދަލު ކޮށްލާފަ އަހަރެން މައިތިރި ވާން އެންގިއަސް ދެން މައިތިރިއެއް ނުވާނެ....!"
މިއަދު ޖިނާނު އެދައްކާ ވާހަކަ ހުއްޓުވާކަށް މޯނާއެއްވެސް ބޭނުމެއް ނުވެއެވެ. އޭނާވެސް ޝައުކަތު ދެކެ ހުރީ އިންތިހާއަށް ރުޅި އައިސްފަ އެވެ. އުމުރުން އެހާ ބޮޑު ތަފާތެއް ވާއިރުވެސް އޭނާ ޝައުކަތާއި ކައިވެނި ކޮށްގެން އެވީ ޤުރުބާނީގެ އެއްވެސް އަގެއް ނެތެވެ. ކުރީން މޯނާ ގާތުގައި ޝައުކަތު ބުނީ ޝައުކަތުގެ މުދަލުން ބައެއް ނާމީއަށް ދޭ ވާހަކަ އެވެ. ކުއްލިއަކަށް އެނގުނީ ޝައުކަތުގެ ހުރިހާ މިލްކިއްޔާތެއް ނާމީގެ އަންހެނުންނަށް ބަދަލު ކޮށްލަން ނިންމި ކަމެވެ.
ކަންތައް ވެގެން އެދިއައީ ޖިނާނުވެސް ހީކުރި ގޮތާއި މުޅީން ޚިލާފަށެވެ. ނާމީއަށް އެއިޑްސް ޖެހުނުކަން އެނގިގެން ތެޅިގެން ދަޑިވަޅުގައި މަންމަގެ ނަމަށް ހުރިހާ މުދަލެއް ބަދަލުކޮށްލަން ކުރި ޕްލޭން ފެއިލް ވީއެވެ. ނާމީއަށްއެ ބަލި ޖެހުނުކަން ވީ ލޫނާގެ ނަސީބަށެވެ.
" އެއިޑްސް ބައްޔަކީ ކޮންކަހަލަ ބައްޔެއްކަން އިނގޭތަ....!"
ސީދާ ޝައުކަތުގެ ޒަހަމް ތަކަށް ހަމަލާދޭން ޖިނާނު ބެނުންވި އެވެ. ހިތްދަތި ކޮށްލައިގެންވެސް ޑޭޑް މައިތިރި ކޮށްލުން އެއީ އޭނާގެ މަޤްސަދެވެ.
" ފިރިމީހާގެ ގައިގަ ހުރި ކަމެއް އަނބި މީހާގެ ހުންނާނެ....! އެބަލީގަ ދެމީހުން މަރުވެގެން ދާއިރު ދާނީ އެ މުދާ ގަނޑު ހިފައިގެންތަ؟"
" ޖިނާން...!"
ޝައުކަތުގެ އަޑުގައި ކުރީން ހުރި ހަރުކަށި ކަމެއް ނެތެވެ. އޭނާ އެއްފަހަރުން ބަލިކަށި ކޮށްލައިފި އެވެ.
" މިހާރު އެދެމީހުންނަށް ބޭނުން ވާނީ ހަމަ އެކަނި ކުޑަ ދުވަސް ކޮޅެއްގެ ހަރަދު.... ބޭސް ފަރުވާ ކުރާނެ ފައިސާ... އިތުރަށް އެއްޗެއް ބޭނުމިއްޔާ ސޮދަގާތް ކުރާނެ މިންވަރެއް ބެހެއްޓީމަ ފުދޭނެ....!"
ޖިނާނުގެ ރަހުމްކުޑަ ބަސްތަކަށް ޝައުކަތަށް ކެތްވާވަރެއް ނުވިއެވެ. ޝައުކަތުގެ މެއަށް އެރި ތަދާއި އެކު އޭނާއަށް ގޮނޑީގައި އިށީނދެވުނެވެ.
" މަޑުމަޑުން ދިފާއީ ބާރު ދެރަވެ.... ދުނިޔޭގަ ލެއްވިއްޔާ ލެއްވި ބައްޔެއް ޖެހިގެން ނިމިގެން ހިނގާދާނެ.... އެހީވާން ބަންގާޅީ ދެމީހަކު ބަހައްޓާނެ ހަރަދު އިތުރަށް ބޭނުން ވާނީ.....! "
ޖިނާނު އޭނާގެ އަނިޔާވެރި ބަސްތައް ކުރިއަށް ގެންދިއައީ ކޮން މަޤްސަދެއްގައި ކަމެއް ނޭގެ އެވެ.
ޝައުކަތު އޭނާގެ މެއަށް ބާރަށް ފިތާލި އެވެ. ނޭވާ އެތެރޭގައި ތާށިވެ، ކެތްނުވާވަރުގެ ތޫނު ތަދެއް އޭނާއަށް އިޙުސާސް ކުރެވުނު ހިނދު އަނގައިން އަޑެއްވެސް ބޭރު ވިއެވެ. މޯނާވެސް އެ މަންޒަރު ބަލަން ހަމަ ހުރީ އެވެ. ޝައުކަތަކީ ހިތުގެ ބަލި ހުންނަ މީހެއްކަން އެނގިހުރެވެސް މޯނާ ޝައުކަތަށް އެހީވާން ބޭނުމެއް ނުވި އެވެ.
" ކިތަންމެ ފައިސާ އެއް އޮތަސް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ.... ގެއާ ވަކީން ބޭރުގަ ކުޑަ ގެގަޑެއް އަޅާފަ އެކަކު އަނެކަކު ހަލާކުވެގެން ދާތަން ބަލަން ދޫކޮށްލީމަ ނިމުނީ..... އެއީ ކޮށްދެވޭނެ ހަމަ އެކަނި ކަމަކީ....!"
ޝައުކަތުގެ ދެލޯ ބޮޑުވެ ކަޅިއަރާގޮތް ވި ވަގުތު ޖިނާނު އޭނާގެ ދަބަހުން ނެގީ ކަރުދާސް ބޮނޑި އެކެވެ. އަވަސް އަވަހަށް ގަލަމެއް ހޯދަން އުޅެގެން ވަގުތު ޝައުކަތުގެ ޖީބުގައި އިން ގަލަން މޯނާގެ ލޮލުގައި އަޅައިގަތެވެ. ކުއްލިއަކަށް ކުރިއަށް ޖެހިލާ ޝައުކަތުގެ ޖީބުން ގަލަން ދަމައި ގަނެފައި ޖިނާނުގެ އަތަށް ދިން އިރު ޝައުކަތުގެ ހާލު އޭނާއަކަށް ނުފެނެއެވެ.
" ދެންވެސް މީގަ ސޮއި ކޮށްލާ....!"
ކުރިއަށް ޖެހިލާ ޝައުކަތުގެ އަތުގައި ގަދަކަމުން ހިފިއިރު ޝައުކަތުގެ ހަށިގަނޑަށް އަރަމުން ދިއަ ލޮޅުން އެދެމީހުން ކުރެ އެކަކަށް ވެސް ފާހަގަ ނުކުރެވެނީ ބާއެވެ! ޝައުކަތު އިށީދެގެން އިން ގޮނޑީން ބޭރަށް ވެއްޓެން ދިއަ ވަގުތުވެސް ޖިނާނު މަސައްކަތް ކުރީ ޝައުކަތުގެ އިނގިލީގެ ނިޝާން ހޯދުމަށެވެ.
" ޝައުކަތު....!"
ބޭރުން އިވުނު ވަރުގަދަ އަޑާއި އެކު ޖިނާނުއާއި މޯނާ ވެސް ދިއައީ ސިއްސައިގެންނެވެ. ކުޑަ އިރުކޮޅެއްގެ ކުރީން ބޭރަށް ނުކުތް ލީގަލް އެޑްވައިސަރ މިރުފަތު ކަޅި ހުއްޓިފައި ހުރިތަން ފެނުމުން ޖިނާނަށާއި މޯނާއަށް ވެސް ދުރަށް ޖެހިލެވުނެވެ. އެވަގުތު ޝައުކަތުގެ ހަށިގަނޑު ބިންމައްޗަށް ދެމުނުތަން މިރުފަތަށް ފެނުނީ ބިރުވެރި މަންޒަރެއްގެ ސިފައިގަ އެވެ.
ﷲގެ ހެޔޮ ރަޙުމަތާއި އެކު މާހިންގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރ އިއުލާން ކުރި ވަގުތަކީ މިހާތަނަށް މިމީގެ ހަޔާތަށް އައީ އެންމެ އުފާވެރި ވަގުތެވެ. އެ އުފާވެރި ވަގުތަކީ އޭނާގެ ހަށިގަނޑުގެ ތެރެއިން އެހެން އިޙުސާސެއްވެސް ކުރެވުނު ވަގުތެވެ. ދަރިފުޅުގެ ފުރަތަމަ ތޮޅިލުން އޭނާއަށް އިޙުސާސް ކުރެވުނު ވަގުތެވެ. އަމަން މިމީ ގާތް ކޮށްލީ މިމީއަށް ކެތް ކުރަންދަތިވި ޖަޒުބާތު ތަކަށް އެހީތެރި ކަމެއް ފޯރު ކޮށްދިނުމަށް ޓަކައެވެ.
ފުރަތަމަ ފަހަރަށް ޖައުފަރު ހެޔޮހިތުން ކުރި ދުޢާ އިޖާބަ ކުރައްވައިފި އެވެ. އެކަމަށްޓަކައި އޭނާ ﷲއަށް ހާސް ފަށުން ޝުކުރު ކުރި އެވެ. ފައިސާއާއި މުދާވެރި ކަމަށް ވުރެ ދަރީންނާއި އާއިލާގެ މުހިއްމުކަން އޭނާއަށް މިއަދު ކިތަންމެ ރަނގަޅަކަށް ވެސް އިޙުސާސް ކުރެވިއްޖެ އެވެ. ދެން އޮތީ މާހިން ހޭއަރާނެ ވަގުތަކަށް އިންތިޒާރު ކުރުމެވެ.
ޖައުފަރު ތެދުވެގެން ހިނގައިގަތެވެ. އޭނާ ބޭނުންވަނީ ކުޑަ ވަގުތު ކޮޅަކަށް އެކަނި ވެލާށެވެ. ކުރެވުނު ކުށްތަކަށް ތައުބާ ވާށެވެ. ދަރިފުޅުގެ ސިއްހަތައްޓަކައި ﷲގެ ކިބައިން އެދޭށެވެ. މާހިން ހޭއަރަންދެން ދުޢާ ކުރުމުގައި ދެމިހުންނާށެވެ. ހިތްދަތިކަމާއި ކުރިމަތިވާ ހިނދު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ އެކަމުންކަން އޭނާއަށް މިއަދު އިޙުސާސް ކުރެވިއްޖެ އެވެ.
ނާމީގެ ބަލީގެ ހަޤީޤަތް އަދި ބައްޕައަށް އަންގާނުލެވޭކަން ނާމީއަށް އިޙުސާސް ކުރެވުނީ މާހިންގެ އޮޕަރޭޝަން ނިމުނު ފަހުންނެވެ. ހަމަ ނޭވާއެއް ލެވުނީ އަދި ކިރިޔާ އެވެ. އޭނާ ފޯނު އުފުލާލީ ހިތްހަމަ ޖެހުމާއި އެކުގަ އެވެ. ދެފަހަރަކު ބައްޕަގެ ފޯނަށް ގުޅުމުންވެސް ޚަބަރެއް ނުވިއެވެ. މީޓިންގް އެއްގައި ކަމަށް ވެސް ވެދާނެ އެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލާފައި އަނެއްކާވެސް ކެތް ނުވެގެން ނާމީ ގުޅި އެވެ. ބައްޕައަށް އެހަބަރު ލިބިއްޖެއްޔާ އުފާވާނެ ވަރު ނާމީއަށް އިޙުސާސް ކުރެވެ އެވެ.
ބައްޕަގެ ފޯނު ނެގީ މިރުފަތެވެ. އޭނާގެ އަޑު މަޑެވެ.
" ހަލޯ...!"
އެއަޑުގައިވާ އަސަރު ފުރަތަމަވެސް ނާމީއަށް އިޙުސާސް ކުރެވުނެވެ.
" ނާމީ....! "
މިރުފަތު ކުޑަކޮށް މަޑުޖެހިލި އެވެ.
" ކިހިނެއްވީ...!"
ބައްޕަގެ ފޯނު އެހެން މީހަކު ނަގަން ޖެހުނީތީ ނާމީގެ ހިތް ބިރުވެރި ކަމުން ފުރިގެން ދިއަ އެވެ.
" ބައްޕަ ނިޔާވެއްޖެ....!"
ނާމީގެ ފައިދަށުން ބިންގަނޑު ދެމިގެން ދިއަހެން ހީވި އެވެ. އޭނާއަށް ލޫނާގެ ގައިގައި ހިފަހައްޓާލެވުނީ ބޮލަށް އެރި އެނބުރުމުގެ ސަބަބުންނެވެ. ކުއްލިއަކަށް އެލިބުނީ ކޮންކަހަލަ ޚަބަރެއް ހެއްޔެވެ! ޤަބޫލެއް ނުކުރެވުނެވެ.
" ކީކޭ...!....ބައްޕަ .... ނިޔާވީއޭ....!"
މަޑުމަޑުން ރޮއިގަންނަމުން ނާމީއަށް ބުނެވުނު އެއްޗެއްގެ އަޑު އިވުމުން ދާއިންއަށް ވެސް ބަލާލެވުނެވެ.
" ކިހިނެއްވީ....!"
ނާމީއަކަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ދާއިން ކައިރިއަށް ޖެހިލާ ނާމީގެ އަތުން ފޯނު އަތުލި އެވެ. ދެން މިރުފަތާއި ވާހަކަ ދެއްކީ ދާއިން އެވެ. މިރުފަތު ބުނިގޮތުގައި ޝައުކަތަށް ހާރޓް އެޓެކް އެއް ޖެހުނީ އެވެ. ހޮސްޕިޓަލަށް ގެންދިއައިރު އޭނާގެ ފުރާނަ ވަނީ މިދުނިޔެއާއި ވަކިވެފައެވެ. އެވާހަކަ އާއި އެކު މިރުފަތު ދާއިންއަށް އިތުރު ވާހަކަ ތަކެއްވެސް ކިއައި ދިނެވެ. އޭނާއަށް ފެނުނު މަންޒަރުގެ ވާހަކަ އެވެ. އަދި ޖިނާނުއާއި އޭނާގެ މަންމަ އެ ހިންގި ޖަރީމާއާއި ދޭތެރޭގައި ފިޔަވަޅު އަޅަން ބޭނުންވާ ވާހަކަ އެވެ. އެމީހުން އެކަން ކުރަން އުޅުނު ނަމަވެސް މާ ކުރީން ޝައުކަތު ވަނީ އޭނާގެ ހުރިހާ އެއްޗެއް ލޫނާގެ ނަމަށް ބަދަލުކޮށް ނިމިފައި ކަމަށް މިރުފަތު ބުންޏެވެ. އެވާހަކަ ތައް ދާއިން ނާމީއަށް ކިޔައިދޭން އުޅުނެވެ. އެހެން ނަމަވެސް ނާމީ އެއަޑު އަހާކަށް ބޭނުމެއް ނޫނެވެ. އޭނާ އެންމެ ދެރަވީ އެހިތާމައިގައި ބައްޕަ މިދުނިޔެއާއި ވަކިވެގެން ދާން ޖެހުނު ހިތާމައަކީ ހަޤީޤަތެއް ނޫން ކަން ބައްޕައަށް ނޭގުނީމަ އެވެ. ކުޑަ ވަގުތު ކޮޅެއްގެ ކުރީން ނާމީއަށް ބައްޕައާއި ގުޅުނު ނަމަ މިއަދު ބައްޕައަށް ވުރެ އުފާވެރި މީހަކު މި ދުނިޔޭގައިވެސް ނުހުންނާނެ އެވެ. އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތު ކޮޅު ބައްޕައާއި ހިއްސާ ކުރާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.
މާހިން ހޭއެރުމުގެ ކުރީން ފުރައިގެން މާލެ ދިއުމަކީ ނާމީ ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެންމެ ފަހުފަހަރަށް ބައްޕަގެ ގައިގައި ބައްދާލުމުގެ ފުރުސަތު އޭނާ ކިތަންމެ ހާވެސް ބޭނުމެވެ. އެރޭގެ ފްލައިޓުން ލޫނާ ގޮވައިގެން މާލެ ދާން ނާމީ ފުރިއިރު އޭނާގެ ހަޔާތް ވަނީ ހުރިހާ ގޮތަކުން ބަދަލު ވެފަ އެވެ. ދެން އޭނާގެ ހަޔާތުގައި ހުންނާނީ ލޫނާ އެކަންޏެވެ. ބައްޕަގެ ނިމި ދިއުމާއި އެކު ކޮއްކޮ ޖިނާނު އާއި ދޮން މަންމަ މޯނާވެސް އެމީހުންގެ ދިރި އުޅުމުން މުޅީން ފޮހެވިގެން ދާނެ އެވެ.
މާހިން އައިސިޔޫ އަށް ބަދަލު ކުރީއްސުރެ އައިސީޔޫގެ ދޮރު މަތީން ގުޑި ނުލާ މިމީ އިންނާތީ އެކަމާ އެންމެންވެސް ކަންބޮޑުވެ އެވެ. ދެފައި އެލުވައިގެން އިނދެ އިނދެ ދެފައި ދުޅަވެގެން ފަޅައިގެން ދާން ކައިރި ވީއިރުވެސް މިމީއަކަށް ބުރަކަމެއް އިޙުސާސެއް ނުކުރެވެއެވެ. ކިރިޔާ އައިސީޔޫގެ އެތެރެއަށް ވަދެލާނެ ފުރުސަތެއް ލިބޭ އިރަށްވެސް އޭނާ އެތެރެއަށް ދެމިގަނެއެވެ. ދާއިންވެސް ބަލަނީ ވީހާވެސް ގިނައިން މިމީއަށް އެފުރުސަތު ދިނުމަށެވެ. ވޭތުވެ ދިއަ ގިނަ ދުވަސްތައް މިމީ ވަނީ މާހިންއާއި ނުލާ ކެތްކޮށްފައެވެ. އޭގެ ބަދަލުގައި މިމީގެ ހަޔާތް އެންމެ އުފާވެރި ކުރެއްވުން އެއީ އެންމެންގެ ވެސް ދުޢާއެވެ.
މާހިންގެ އަތްތިލަ ތުންފަތުގައި ޖައްސާލައިގެން މާހިންއަށް ބަލަން މިމީ ހުއްޓެވެ. މާހިން ހޭއަރާނެ ކަމުގެ ޔަޤީންކަމެއް ޑޮކްޓަރުން ދީފައި ނެތަސް، އަދި ހޭއަރާނެ ވަގުތެއް ޑޮކްޓަރުންނަށް ބުނަން ނޭގުނަސް މިމީ ކުޑަކޮށްވެސް އުއްމީދު ކަނޑައެއް ނުލަ އެވެ. މިމީގެ ބަނޑުގައި އެވާ ދަރިފުޅަށްޓަކައި ވެސް މާހިން އެނުބުރި އަންނާނެ ކަމަށް އޭނާގެ ހިތް އަބަދުވެސް ޔަޤީން ކޮށްދެމުން ދިއައެވެ. މާހިންގެ އެ ރީތި ސާފު މޫނަށް ބަލަން ހުރެ މިމީ ހިތާހިތުން އެރޯ ރުއިމާއި އެކުރާ އާދޭސް މާހިންއަށް އިވޭނެ ނަމަ ކިހާ ހެޔޮ ހެއްޔެވެ! އޭނާގެ އަނގައިން އަޑެއްބޭރު ނުވިނަމަވެސް އެ އޮހެރޭ ހޫނު ކަރުނައިގެ އަސަރު މާހިންއަށް ކޮށްފިކަން ކަށަވަރެވެ. މިމީއަށް ސިހުމެއް ލިބުނީ މާހިންގެ އިނގިލިތައް ހަރަކާތް ކޮށްލިހެން ހީވެގެންނެވެ. އޭނާގެ ތުންފަތުގައި ޖައްސާލައިގެން ހުރި އެ އިނގިލިތައް އިތުރު ހަރަކާތެއް ކޮށްލައިފި އެވެ. ޔަގީނެވެ. މިމީ މާހިންއަށް ބަލާލި އެވެ. އޭރު މާހިންގެ އެސްފިޔަތައް ތެޅިލިތަން ފެނުނެވެ.
"އަލްޙަމްދުލިއްﷲ! އަލްޙަމްދުލިއްﷲ! "
އެއްފަހަރާ އެތައް ފަހަރަކު ހިތާހިތުން މިމީއަށް ކިޔާލެވުނީ ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
މާހިން އޭނާގެ ބަރު އެސްފިޔަތައް ގަދަކަމުން އުފުލާލި އެވެ. އޭނާއަށް ދުނިޔެ ފެނިގެން ދިއައީ ހީކުރިހާ ސާފްކޮށެއް ނޫނެވެ. ފުސްވެފައިވާ ދެލޮލަށް ފެނިގެން ދިއައީ ހުވަފެނީ މަންޒަރެކެވެ. އޭނާއާއި ދިމާއަށް ގުދުވެގެން އެއޮތީ މިމީ އެވެ. އޭނާ ހޭ ހުރިއިރާއި ހޭނެތިގެން ދިއަ ވަގުތު ގައްޔާއި ހޭ ނެތި ދިއަ ވަގުތު ތަކުގައި އޭނާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިއަ އެ ތަސްވީރެވެ.
ނުސާފުކޮށް ނަމަވެސް އޭނާއަށް ފެންނަމުން ދިއަ މިމީގެ މޫނުގެ އިތުރުން މިމީގެ އިޙުސާސް އޭނާގެ އިނގިލިތަކަށް ވެސް ކުރަމުން އެބަ ދެއެވެ. އެއީ ހަމަ އެ މަޑުމަޑު ދެތުންފަތެވެ. ކޮންމެ ހާލެއްގައި އޮތަސް އޭނާއަށް އެ އިޙުސާސް ދެނެގަނެވޭނެ އެވެ. ގަދަކަމުން ދެލޯ މަރާލުމަށް ފަހު މާހިން އަނެއްކާވެސް ލޯ ހުޅުވާލި އެވެ. މިހާރު ހަމަ ސާފުކޮށް ފެންނަމުން އެދަނީ ދެވެނަ ދެސޫރައެއް ނޫނެވެ. އޭނާ ދިރިހުންނަން ބޭނުންވި ހަމަ އެކަނި ސަބަބެވެ. މިމީއެވެ!
" މާހިން....! މާހިން....! "
އަޑު ކިތަންމެ ނިކަމެތި ނަމަވެސް އެއީ ހަމަ މިމީގެ އަޑެވެ. ހަޤީގަތެއް ކަމަށް ޤަބޫލު ނުކުރެވިފައި އޮއްވާ ފެނުނީ މިމީގެ ފަހަތަށް އައިސް ބޭބެއާއި އެކު ބައްޕަ ހުއްޓުނު ތަނެވެ. ބައްޕަގެ ދެލޮލުން އޮހޮރެމުން ދިއަ ކަރުނަތައް ހުސްކޮށްލީ މިމީގެ ބޮލުގެ އިސްތަށި ގަނޑަށެވެ. ވީ އުފަލެއްގެ ބޮޑުކަމުން ބައްޕައަށް މިމީގެ ގައިގައި ބައްދައި ގަނެވުނެވެ.
ފެންނަމުންދާ މަންޒަރަށް ބަލަން ޙައިރާންވެފައި މާހިންއަށް ވެސް އޮވެވުނީ އެވެ. ދުވަސްތަކަކަށް ފަހު ލޯ ހުޅުވާލެވުނު އިރު އޭނާގެ ދިރިއުޅުން ވެސް ވަނީ މުޅީން ބަދަލު ވެފައެވެ!
( ނިމުނީ )