" ދެން ކަލޭ ހުންނަން ބޭނުން ނެތީ! "
ބަރު އަޑަކުން އެހެން ބުނަމުން ޝަމްސް ޔޫހާގެ ކަރުގައި ހިފީ ޔޫހާގެ މޫނަށް ފައްތާފައިވާ ފޮތި ގަނޑުގެ މަތީންނެވެ. 
" ކަލޭ މަރުވާން ޖެހެނީ! "
ޝަމްސްގެ ބާރުގަދަ އަތުން ޔޫހާގެ ކަރުގެ ދެފަރާތަށް ބާރަށް ފިތާލިއިރު އޭނާގެ އަޑު ގަދަ އެވެ. ކަރަށް ވާންވެގެން ދިޔަ ވަގުތު ޔޫހާ ކޮށިއެރި އެވެ. އޭނާ ނޭވާ ނުލެވިގެން ތެޅި ގަތެވެ. ކުއްލިއަކަށް ޝަމްސްގެ ބޮޑު ޓޯކީއެއް ފަދަ ފޯނުގެ ގަދަ އަޑު މުޅި ތަނަށް ގުގުމައިގެން ދިއުމުން ޝަމްސް ވެސް ސިހުނެވެ. ފޯނު ނަގާ ބަލާލަމުން އޭނާއަށް ޔޫހާގެ ކަރުން އަތް ދޫކޮށްލެވުނީ އެފޯނަށް ސަމާލުކަން ދެވުނު ވަރުން ނެވެ. ފޯނުގައި ހުރެގެން އޭނާ ވާހަކަ ދެއްކީ ވަރަށް އަދަބުވެރި ކަމާއި މައިތިރި ކަމާއި އެކުގަ އެވެ. ފޯނުން ވާހަކަ ދައްކާ ނިމިގެން އޭނާ، އޭނާގެ މީހުންނަށް އެންގީ އިހަށް ޔޫހާ ދޫކޮށްލާފައި އެތަނުގައި މަރުވެފައި އޮތް މީހާގެ ކަންތައް ނިންމާ އެތަން ސާފު ކުރުމަށެވެ. ތެޅެމުން ތެޅެމުން ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހުމުން ޔޫހާ ތަޅުން މައްޗަށް ތިރިވެ އިށީނެވެ. މިދުނިޔެއަށް އިތުރު ނޭވާއެއް ލުމުގެ ފުރުސަތު ލިބުނީތީ ޙަމްދު ކުރަމުން ނެވެ. 

އެންމެން އެތަނުން ގޮސް މުޅި ތަން ހަމަ ހިމޭން ވެއްޖެ ކަން ޔަގީން ވުމުން ޔޫހާ މަސައްކަތް ފެށީ އޭނާގެ ދެއަތް ސަލާމަތް ކުރާށެވެ. ދެއަތް މޮހާލައިގެން ނޫނީ ހަމަ ނޭވާ އެއްވެސް ނުލެވޭނެ އެވެ. މޫނު މައްޗަށް ފައްތާފައިވާ އުރަ ބާރު ކަމުން ނޭވާ ހާސްވަނީ އެވެ. ޔޫހާ ފާރުގައި މަޑުމަޑުން ކޭއްތެމުން ގޮސް ކުޑަ ދޮރުގެ ކައިރިއަށް ހުއްޓުނެވެ. އެ ދޮރު ހުޅުވިއްޖެއްޔާ ފައިދާއެއްވެސް ކޮށްފާނެ އެވެ. އަތް ބަނދެފައި ވަނީ ފުރަގަހަށް ކަމަށް ވާތީ މާމައްޗަށް އަތް އުފުލުމަކީ އުނދަގޫ ކަމަކަށް ވިއެވެ. އެގޮތް މިގޮތަށް މަސައްކަތް ކުރަމުން ގޮސް ކުޑަދޮރުގެ ތަންޑު ނައްޓާ ލެވިއްޖެ އެވެ. ހަމަ އެވަގުތު ބޭރު ދޮރުގެ ތަޅުވެސް އަނބުރާލި އަޑު އިވުނެވެ. ޔޫހާ އަވަސް އަވަހަށް ބިންމައްޗަށް ވެއްޓި ގަތެވެ. ކުރަން އުޅޭ ކަންތައް ފަޅާއަރައި ފިއްޔާ އޭނާގެ ދުވަސް ދިއައީ އެވެ. ބަރު ފިޔަވަޅު ތަކެއްގައި މީހަކު ހިނގާފައި ޔޫހާއާ ގާތަށް އަންނަ އަޑު އިވުނެވެ. ދެން ޓައިލްސް މަތީގައި، ޔޫހާއާ ދުރު ނޫން ހިސާބެއްގައި އެއްޗެއް ބަހައްޓާލި އަޑު އިވުނެވެ. ޔޫހާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިއަ އެވެ. އެ ނުކުޅެދުންތެރި ހާލަތުގައި އޭނާއަށް ކޮންމެ ފަދަ ގޮތެއްވެސް ހެދިދާނެ އެވެ. އެމީހާ އައިސް ޔޫހާގެ ކައިރިއަށް ގުދުވުމަށް ފަހު އެއް އަރިއަށް ވެއްޓިފައި އޮތް ޔޫހާގެ މޫނުމައްޗަށް ފައްތާފައިވާ އުރައިގައި ހިފެހެއްޓުމާއި އެކު ދަމައި ގެންލެއް ބާރު ކަމުން ހީވީ ޔޫހާގެ ދަތްދޮޅިވެސް އުފުރައިގެން ދިއަ ހެންނެވެ. 

އެހެނަސް ޔޫހާގެ މޫނު މަތި ފެނުނު ވަގުތު އެމީހާގެ މޫނަށް ކުރީން ފާޅުވަމުން ދިއަ ރުޅިވެރިކަން ގެއްލިގެން ދިއަ އެވެ. އޭނާ ޔޫހާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ޔޫހާގެ ރީތި މޫނު ފެނުމުން އޭނާގެ ހިތުގައި ހަމްދަރްދީ އުފެދުނީ ކަމަށް ވެސް ވެދާނެ އެވެ. އެއީ ކުރީން ފެނުނު އިންޑިއާގެ ބިރުވެރި ސޫރަތަކާއި ޚިލާފް ދޮން ހިމަތިޅި ދިގު ޒުވާނެކެވެ. އޭނާ އިރުކޮޅަކު ޔޫހާއަށް ބަލަން އިނދެފައި ކައިރީގައި ހުރި މުށި ތަށި ޔޫހާއާ ދިމާއަށް ކޮއްޕާލި އެވެ. އޭގައި ހުރީ ކާއެއްޗެކެވެ. މޮޑެފައި ހުރި އަލުވި ގަނޑަކާއި މުގުބަތް ގަނޑެކެވެ. އޭނާ ޔޫހާގެ އަތް ވެސް މޮހާލި އެވެ. މިފަހަރު ތަންކޮޅެއް އޯގާތެރި ކަމާއި އެކުގަ އެވެ. ދެން އޭނާ ޔޫހާއަށް ދޭހަ ނުވާ ބަހަކުން އެއްޗެހި ތަކެއް ކިޔާލި އެވެ. ޔޫހާ ބަލަހައްޓައިގެން އޮތް ގޮތުން އެކިޔާ އެއްޗެއް ނޭގެނީހެން އެމީހާއަށް ހީވުމުން އޭނާ ދެތިން އެއްޗެއް އިނގިރޭސިން ބުނެވޭތޯ އުޅުނެވެ.

" 3.... ބަސް ކަމް... ޔޫ ގޯ "

އެބުނީ ތިން ގަޑި އިރު ކަމެއް 3 ދުވަސް ކަމެއް ނޭގެ އެވެ. ދެން އެބުނީ ބަހެއްގައި ޔޫހާ ކޮންމެސް ތާކަށް ގެންދާ ވާހަކަ ހެން ހީވި އެވެ. އެމީހާ ތަންކޮޅެއް މަޑުމަޑުން ވާހަކަ ދައްކަން ފެށުމުން އޭނާގެ ކިބައިން އިތުރު އެއްޗެއް އޮޅުން ފިލައި ފާނެހެން ޔޫހާއަށް ހީވި އެވެ. ޔޫހާ ތެދުވެ އިށީންނަމުން އަތުގެ ހަރަކާތާއެކު ސުވާލެއް ކޮށްލި އެވެ.

" ވެއަރ؟"
" ޝޭކަރު ބާއީ! ފޯ މިލިއަން! ސަމްސް ބާއީ ބިގް މަނީ. ބަޅާ މާލް!"
އޭނާ އެކި ބަސްބަހުން ޔޫހާއަށް ވިސްނާދޭން އެއުޅޭ އެއްޗެއް ޔޫހާއަށް ވިސްނުނުހެން ހީވެ އެވެ. އަނެއްކާ އަނެކަކު އޭނާ ވިއްކާލަނީ އެވެ. އޭނާ ވަނީ މިހާރު އަގު ބޮޑު މުދާގަނޑަކަށް ވެފަ އެވެ. އެބުނާ ޝޭކަރު ބާއީ އަކީ ކާކު ހެއްޔެވެ؟ އެމީހާ އެހާ އަގު ބޮޑުކޮށް ޔޫހާ އެގަންނަނީ ކީއްކުރަން ހެއްޔެވެ! 

" ޝޭކަރު ބާއީ؟"
އަތުގެ އިޝާރާތާއި އެކު ޝޭކަރު ބާއީ އަކީ ކާކުތޯ އަހަން ޔޫހާ މަސައްކަތް ކުރި އެވެ. 
" ޝޭކަރު ބާއީ.... ބިގް ހައުސް! ގަރލް ގަރލް ގަރލް! ބިއުޓިފްލް...!"
އޭނާ އެބުނަން އުޅޭ އެއްޗެއް ޔޫހާ އަކަށް ނުވިސްނުނެވެ. ނޭގުނޭ ބުނާ ފަދަ ގޮތަކަށް ޔޫހާ ބޯ ހޫރާލި އެވެ. 

" ގަރލް ބޯއީ މަނީ! މަނީ ބޯއީ ކަމް!"
އަދިވެސް ޔޫހާ އަކަށް ނުވިސްނެ އެވެ.
" ވަން، ޓޫ، ހަންޑްރެޑް ގަރލް... ބޯއީ މަނީ ގަރލް ހައުސް! "
އޭނާ ޔޫހާއަށް ވިސްނާދޭން ވަރަށް މަސައްކަތް ކުރި އެވެ.
" ވިޔަޕާރީ ހައުސް! ދަންދާ!"
ޔޫހާގެ ދެލޯ ބޮޑު ވެގެން ދިއަ އެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ބާރަށެވެ. އެންމެ ފަހުން އޭނާ އެ ވިއްކާލަނީ ހަށި ވިއްކާ ތާކަށެވެ! ޝަމްސް އަށް ރަނގަޅު އަގެއް ލިބޭ ގޮތް ވީމައި އޭނާ މަރާނުލާ ސަލާމަތް ކުރީ އެވެ. 

އެމީހާ ޔޫހާއާ ގާތަށް ކާ ތަށި ޖައްސާލަމުން އަތުގެ އިޝާރާތުން ކާށޭ ބުނެފައި ދާން ހިނގައި ގަތެވެ. އޭނާ ކޮޓަރީން ނުކުތުމަށް ފަހު ދޮރު ލައްޕާ ތަޅުލި އެވެ. ކޮޓަރި ތެރޭގައި ލޭވަސްގަނޑު ހިފާލާފައި ހުރި ނަމަވެސް އެތަން ވަނީ ރަަނގަޅަށް ސާފް ކޮށްފަ އެވެ. އެނދުގެ ގޮދަޑިވެސް ހުރީ ފެނުން ދޮވެ، ފާރު ކައިރީގައި ކޮޅަށް ބަހައްޓާފަ އެވެ. އެބުނާ ގަޑިއެއް ޖެހުމުގެ ކުރީން އެތަނުން ސަލާމަތް ވާނެ ގޮތަކާއި ދޭތެރޭގައި ޔޫހާ ވިސްނާލި އެވެ. އޭނާ ކުޑަދޮރު ހުޅުވާ ބޭރު ބަލާލި އެވެ. ފަސް ބުރީގެ އިމާރާތުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ. ކުއްލިއަކަށް ޔޫހާ ސިއްސުވާލީ މޯބައިލް ފޯނެއްގެ ރިންގްގެ އަޑެވެ. އެނބުރި ބަލާލުމާއި އެކު ސިކުނޑިއަށް ފިނި ވެގެން ދިއަ އެވެ. ފޯނު ރިންގް ވަނީ އެނދު ތަން ދޮށުންނެވެ. އަވަސް އަވަހަށް ގުދުވެ ބަލައިލި އިރު ކުޑަ މޮބައިލް ފޯނެއް އެނދު ދަށުގައި އޮވެ ރިންގް ވަނީ އެވެ. ހީވާ ގޮތުން އެއީ ދެންމެގައި އޭނާ އަތުން މަރުވި މީހާގެ ފޯނެވެ. ޔޫހާއަށް ހާސްފަށުން ޝުކުރު ކުރެވުނެވެ. އޭނާ އަވަސް އަވަހަށް އެނދު ދަށަށް ގުދުވެ ފޯނު ނެގި އެވެ. ފޯނު ނެގިތަނާ ރިންގް ކެނޑިއްޖެ އެވެ.

ފޯނު ހިފައިގެން އޭނާ ތަޅުންގަނޑު މައްޗަށް ޖެހިގެން އިރު ގަދައަށް ތުރުތުރު އަޅަމުން ދިއަ އެވެ. ހިތް އަވަސްވެފައި ވަނީ އާދަޔާ ޚިލާފަށެވެ. ޔޫހާ ވިސްނާލި އެވެ. މާހިންގެ ނަންބަރާ ދާއިންގެ ނަންބަރަކީ ވެސް ވަރަށް ފަސޭހަ ދެ ނަންބަރެވެ. ނަންބަރު ހަނދާން ނެތަސް ދެ ނަންބަރުގައި ވެސް ހުންނާނީ ހުސް ހަތަކާ އަށެކެވެ. އެމީހުންގެ ނަންބަރު ނޫނަސް މާލޭގެ ކޮންމެސް ނަންބަރަކަށް ގުޅާލަން ވީ އެވެ. ކޮންމެ މީހަކަށް އޭނާގެ ޚަބަރު ދެވުނަސް ކޮންމެ ދިވެއްސަކުވެސް އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރާނެ ކަން ކަށަވަރެވެ. ޔޫހާ ބިސްމި ކިޔާލުމަށް ފަހު ކުރިއަށް ނުވައެއް ހައެއް ސުމެއް ލާފައި މާހިން ނުވަތަ ދާއިންގެ ނަންބަރަށް ވެދާނެހެން ހީވާ ފަދަ ނަންބަރަކަށް އޭނާ ގުޅާލި އެވެ. 

ނާމީގެ ފޮނި ވާހަކަ ތައް އަޑު އަހަން ދާއިން އިން ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ މުޅީން އެހެން ޚިޔާލެކެވެ. ފަހަކަށް އައިސް އެއްވެސް ކަމަކަށް އޭނާއަކަށް ސަމާލު ކަމެއް ނުދެވެ އެވެ. ޔޫހާއަށް ފައިސާ ފޮނުވުމަށް ފަހުގައި ވެސް ޔޫހާގެ އެއްވެސް ޚަބަރެއް ނުވުމުން މިހާރު އެފައިސާ ހަވާލު ކުރެވުނީ ރަނގަޅު މީހަކާ ކަމާއި ދޭތެރޭގައި ވެސް ޝައްކު ކުރެވެން ފަށައިފި އެވެ. ހިތުގައި ތަފާތު އެކި ވަހުމްތައް އިތުރުވެ ކަންބޮޑުވުން ދެގުނަ ވެއްޖެ އެވެ. ދާއިންގެ މިޒާޖަށް އައިސް ފައިވާ ބަދަލު ނާމީއަށް ވެސް ފާހަގަ ކުރެވުނެވެ. ނާމީ ދާއިންއަށް އެ ނަސޭހަތްތެރި ވަނީ އޭނާއާ އެކުގައި މާދަމާ ލަންކާއަށް ޖައްސާލާ ކުޑަކޮށް މަޖާ ކޮށްލާ ހަދާލަން ދާށެވެ. އޭނާ ބުނާ ގޮތުގައި ކޮންމެ ވީކްއެންޑް އެއްގައި ރިފްރެޝް ކޮށްލަން އެކަހަލަ ތާކަށް ޖައްސާލުމަކީ މުހިންމު ކަމެކެވެ. ނާމީގެ އެވާހަކަތައް ދާއިން އަށް އަދި މާ ކަމުނުދިއަ އެވެ. ދާއިން ވާހަކަ ކުރުކޮށްލާފައި ދާން ހިނގައި ގަތެވެ. އެވަގުތު ނާމީގެ ފޯނު ރިންގު ވާން ފަށައިފި އެވެ. އެއީ ބޭރު ކޯލެކެވެ. ނާމީ ފޯނު ބަލައި ލުމަށް ފަހު ދުރުގައި ހުރި ސޯފާގެ މައްޗަށް އެއްލި އެވެ. އިންޑިއާގައި ތިބޭ ބަލި މީހުން އެހީ ހޯދަން އޭނާގެ ފޯނަށް ގުޅާތީ ވަރަށް ފޫހި ވެއެވެ. މިފަހަރު މާލެ އައިތަނާ ބައްޕަ އެދިން ފޯނު ނަންބަރު ރީތި ކަމުން އަދި މިހާރު މާ ބޮޑަށް ބޮލަށް އުނދަގޫވެ އެވެ. އެކަމަކު ފައިދާ ވެސް ބޮޑެވެ. މާހިން އަށާއި ދާއިންއަށް ކަމަށް ހީކޮށް އެ ނަންބަރަށް އޮޅިގެން ގުޅާ ގިނަ ބިޓުން ތަކެއްވެސް އޭނާއަށް ވަނީ ކާމިޔާބު ކުރެވިފަ އެވެ. 

ޔޫހާ ތިން ހަތަރު ނަންބަރަށް ގުޅާލުމުންވެސް އެކަކުވެސް ޖަވާބު ދޭ ގޮތެއް ނުވުމުން އޭނާ ގަސްދު ކުރީ މެސެޖެއް ލިޔާ ށެވެ. މެސެޖް ލިއެފައި ގިނަ ބަޔަކަށް ފޮނުވާލައިފިއްޔާ ކޮންމެވެސް އެކަކު ގުޅާފާނެ އެވެ. މެސެޖް ލިއެ ނިމުނު ތަނާ ބޭރުން މީހަކު ހިނގާފައި އަންނަ އަޑު އިވުނެވެ. އަވަސް އަވަހަށް އެއް ނަންބަރަށް މެސެޖް ފޮނުވާ ލުމަށްފަހު ކަރު ވަޅު ތެރެއަށް ފޯނު ވައްޓާލެވުނީ ކިރިޔާ އެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނީ ކުރީންވެސް ވަން މީހާ އެވެ. ހީވާ ގޮތުން އޭނާ އެއައީ ކާތަށި ބަލަ އެވެ. ތަށީގައި ކާއެއްޗެހި ހުރި ގޮތަށް ހުރިތަން ފެނުމުން އޭނާ ޔޫހާއާ ދިމާއަށް އެއްޗެހި ތަކެއް ކިޔަން ފެށި އެވެ. މާ ބޮޑަށް ނުރުހިފައި ހުރި ވައްތަރު ނުޖެހިއަސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައި ކަން ޔޫހާއަށް އެނގުނެވެ. އެމީހާ ކޮޓަރީގައި ގިނަ އިރު ވާން ފެށުމުން ޔޫހާ ބިރު ގަތެވެ. ޔޫހާގެ މެސެޖް ލިބިގެން، ނުވަތަ އެނޫން ގޮތަކަށް ވެސް ފޯނަށް މީހަކު ގުޅައިފިއްޔާ ޔޫހާގެ ދުވަސް ދާނެ އެވެ. ފޯނު އޮތީ ރިންގް އޯފްވެސް ނުކޮށެވެ.

" 10 މިނިޓްސް... ޕްލީސް!"
އަވަހަށް އޭނާ ފޮނުވާލަން ގަސްދު ކޮށްގެން ޔޫހާ ބުނެލި އެވެ. ޔޫހާ އާދޭސް ކުރާ ރާގަކަށް އެހެން ބުނުމުން އެމީހާ އެކަން ޤަބޫލު ކުރީ ހެން ހީވެ އެވެ. އޭނާ ބޯ ޖަހާލަމުން ޔޫހާގެ ކުރިމަތީގައި ހުރި ލަކުޑި ގޮނޑީގައި އިށީނީ އެވެ. 

ދެން ހެދޭނެ އިތުރު ގޮތެއް ނެތެވެ. އަވަސް އަވަހަށް އެތަށި ނަގާ، ޔޫހާ ކާން ފަށައިފި އެވެ. އެއްޗެއް އަނގައަށް ނުލާތާ ގިނައިރު ތަކެއް ވެފައި ވީ ނަމަވެސް އޭގެން ލާ އޯބަތް ރަހައިން އަރު ތެރޭން އެންމެ އެތިކޮޅެއްވެސް ފޮނުވާލެވުނީ ގަދަ ކަމުންނެވެ. އެހެން ނަމަވެސް ބިރުގެންފައި ހުރިވަރުން ތުރު އަޅަމުން ބަތްއެތި އެކީ އަނގައި ތެރެއަށް ކަހާލުމަށް ފަހު އެމީހާ އަތަށް ހުސް ތަށި ދިއްކޮށްލީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ އެވެ. 

ނާމީ ފާޚާނާއިން ނުކުމެން ބޭރަށް ދާން ހިނގައި ގަތީ ފޯނު ޖީބަށް ލައިގެނެވެ. ކާރަށް އަރާ ސްޓާރޓް ކޮށްލުމުގެ ކުރީން އޭނާ ފޯނެއް ކޮށްލަން ބޭނުން ވި އެވެ. ފޯނު ބަލާލިއިރު ނުކިޔާއިން 3 މެސެޖު ފެނުނެވެ. އޮފީހުން ޝާހީންގެ ދެމެސެޖަށް ފަހު ބޭރު ނަންބަރަކުން ފޮނުވާފައި އިން މެސެޖް ކިޔާލީ ކިޔަން ބޭނުން ނުވެ އިނދެ އެވެ. އެހެން ނަމަވެސް މެސެޖުގައި ލިއެފައިވާ އެއްޗެއްގެ ސަބަބުން އޭނާގެ ސަމާލުކަން ހުއްޓިގެން ދިއަ އެވެ. 

" މީ ޔޫހާ. އަހަރެން މިހިރީ އަހަރެންގެ ބޮޑުބޭބެ އިންޑިއާގެ ބަޔަކަށް ވިއްކާލާފަ. އެމީހުން އަހަރެން ފިރިހެނުންނަށް ވިއްކަން އުޅެނީ. ޕްލީސް ހެލްޕް. އާދޭސް!"

ނާމީގެ ހަށިގަނޑަށް އާދަޔާ ޚިލާފް އިޙުސާސެއް ކުރެވިގެން ދިއަ އެވެ. ދިރިއުޅުމާއި ދޭތެރޭގައި މާބޮޑު ފަރުވާލެއް ނުބަހައްޓާ، ކަންކަމާއި ސީރިއަސް ވާން ނުދަންނަ ނާމީގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއައީ މުޅީން އަލަށެވެ. އޭނާ ހިނދު ކޮޅަކަށް ހިމޭން ވެލި އެވެ. ކޮން ޔޫހާއެއް ހެއްޔެވެ! އެއީ ހަޤީގަތަކަށް ވެދާނެ ހެއްޔެވެ! ކޮންމެވެސް ރައްޓެއްސަކު ސަމާސާއެއް ކުރަނީ ހެން ހީވެ އެވެ. ނޫނީ ކޮންމެވެސް ރޭވުން ގަނޑެއްގެ ތެރެއަށް އޭނާ ވައްދަން ބަޔަކު މަސައްކަތް ކުރަނީ އެވެ. އެބުނީ ތެދަކަށް ވާނަމަ ކޮންމެހެން އޭނާ ހޯދައިގެން އޭނާއަށް މެސެޖު ކުރަން ޖެހޭ ސަބަބެއް ނެތެވެ. ކަމާ ބެހޭ ބަޔަކާ ގުޅިނަމަ މާ ރަނގަޅުވީސް އެވެ. ނާމީ އެ ނަންބަރަށް ޑައިލް ކޮށްލި އެވެ. ކޮންމެ ގޮތެއް ވިއަސް އަޅާނުލާ ދޫކޮށްލާކަށް ނާމީ ބޭނުމެއް ނުވި އެވެ. 

ޔޫހާ އަށް ލިބުނު ކުޑަ ފުރުސަތުގައި އަނެއްކާވެސް އެހެން ނަންބަރަކަށް މެސެޖް ކޮށްލަން އުޅުނެވެ. ފޯނަކީ އާދައިގެ ނޯކިއާ ފޯނެކެވެ. މެސެޖް ކުރާކަށް ފަސޭހައެއް ވެސް ނޫނެވެ. އެހާ ބިރުންހުރެ އެ ކުޑަ ފޯނު އަތުގައި ކޮންޓްރޯލް ކުރަން ވެސް އުނދަގުލެވެ. މެސެޖް ލިޔެފައި ފޮނުވަން އުޅެއުޅެ ފޮނުވޭ ގޮތެއް ނުވި އެވެ. ކްރެޑިޓް ހުސްވީ އެވެ. ދެން ހެދޭނެ ގޮތެއް ނެތެވެ. ފޯނަށް ބަލަހައްޓައިގެން ހިތްދަތި ވެފައި ޔޫހާ އިނީ އެވެ. ކޮންމެވެސް މީހަކު ގުޅާނެ ކަމުގެ އުއްމީދުގަ އެވެ. ކުއްލިއަކަށް ފޯނު ރިންގް ވާން ފެށުމުން ވަރަށް ބޮޑަށް ސިހުނެވެ. 

" ހަލޯ! ހަލޯ"
ވަރަށް މަޑުމަޑުން އެހެނަސް އަވަސް އަވަހަށް ޔޫހާ ބުންޏެވެ. 
" ކާކު؟"
ނާމީ އެހި އެވެ. އަދިވެސް އޭނާއަށް ހީވަނީ އެއީ ކޮންމެސް ރޭވުމެއް ހެންނެވެ. ފައިސާ ހޯދަން މިޒަމާނުގެ އަންހެން ކުދީން ކޮންމެ ފަދަ ރޭވުމެއްވެސް ރާވަފާނެ އެވެ.

" ޔޫހާ...ޔޫހާ....! އަޅުގަނޑު ސަލާމަތް ކޮށްދީ....! އަޅުގަނޑު މީނީ އިންޑިއާ ބައެއްގެ އަތް ދަށުވެފަ.... އެމީހުން އެއުޅެނީ އަޅުގަނޑު ވިއްކާލަން!"
އެ އަޑުގައި ވާ ހާސްކަން ނާމީއަށް ފާހަގަ ކުރެވުނު ނަމަވެސް އެ އަންހެން ކުއްޖާ އެ ދައްކަނީ މުޅީން ދޮގު ވާހަކަ ތަކެއްކަން ނާމީއަށް ހީވީ މެސެޖްގައިވާ ވާހަކައާއި މިވާހަކަ އާއި ދިމާ ވާ ގޮތް ނުވުމުންނެވެ. މެސެޖްގައި ބުނެފައި ވަނީ އެކުއްޖާގެ ބޮޑުބޭބެ އެ ކުއްޖާ ވިއްކާލި ވާހަކަ އެވެ. މިހާރު އެދައްކަނީ ވިއްކާލާ ވާހަކަ އެވެ. ހަމައެއް ނުޖެހެ އެވެ.

" ކީއްކުރަން ތި ވާހަކަ ދައްކަން މަށަށް ތި ގުޅަނީ، މަމީ ޕޮލިސްތަ!"
ނާމީ ހިސާބަކަށް ހިތް ހަމަ ނުޖެހިފައި ބުންޏެވެ.
" ކަލޭ ހީކުރީ މަށާ ގުޅައިގެން މޮޅު އާޓެއް ދެއްކީމަ މަ ކަލޭގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްދޭނެ ކަމަށްތަ.... ހެހެ... ދެން މަށަށް ނުގުޅާ.....!"
" ޕްލީސް...ޕްލީސް...ޕްލީސް....! "
ނާމީ ފޯނު ބާއްވަފާނެހެން ހީވުމުން ޔޫހާ ރޮއި ގަތެވެ.
" އިހަށް ފޯނު ނުބާއްވައްޗޭ.... ޕްލީސް....މި ފޯނުގަ ކްރެޑިޓެއްވެސް ނެތް.... ދެން އިތުރު މީހަކަށް ނުވެސް ގުޅޭނެ.... ޕްލީސް... އަހަރެން ސަލާމަތް ކޮށްދީ....!"
އެހާ ހިސާބަށް ބުނި ތަނާ ދޮރުގެ ތަޅުގައި މީހަކު ހިފި އަޑު އިވުނެވެ. ކުއްލި އަކަށް ތެޅިގަނެފައި ޔޫހާ އެނދުގެ ދަށަށް ފޯނު ކޮއްޕާލި އެވެ. 

" ކަލޭ އަތަށް ފޯނު ދިން މީހާ ކައިރީ ބުނެބަލަ ކްރެޑިޓް އަޅާދޭ....!"
އެހެން ބުނުމާއި އެކު ނާމީ ވާހަކަ ހުއްޓާލި އެވެ. އޭނާގެ ކަންފަތުގައި ޖެހުނު އަޑެއްގެ ސަބަބުންނެވެ. އިވިގެން ދިއައީ އެ އަންހެން ކުއްޖާގެ ހަޅޭކުގެ އަޑެވެ. ނާމީ އެއަޑަށް ސަމާލު ވެލި އެވެ. މިހާރު އަޑު އިވެނީ ތަންކޮޅެއް ދުރުންނެވެ. ކޮންމެވެސް އެހެން މީހެއްގެ އަޑުވެސް އެބަ އިވެ އެވެ. 

ޝަމްސް ޔޫހާގެ އިސްތަށި ގަނޑުގައި ހިފާ ކައިރިއަށް ދަމައިގެން ގޮތަށް މޫނު މަތީގައި ދެފަހަރަކު އަޅުވާލައިފި އެވެ.
" ކަލޭ އަހަރެން ފްރެންޑް މަރާލަނީ.... ޕޮލިސް އަހަރެން ހޯދަނީ މިހާރު!"
އެހެން ބުނުމާއި އެކު ޔޫހާ ކޮށްޕާލުމާއި އެކު ތަޅުން މައްޗަށް ވެއްޓުނެވެ. އަނިޔާވި ނަމަވެސް ޔޫހާ ކުރިއަށް ދެމިލާ އެނދާ ތަންކޮޅެއް ގާތްވެލި އެވެ. ޝަމްސް ޔޫހާ ދޫކޮށްލާކަށް ނަހަދަ އެވެ. ޔޫހާގެ ކަންފަތް މަތީގައި އޭނާ ފައިން އަޅާ އޮބާލި އެވެ. ޔޫހާއަށް ހަޅޭއްލަވައި ގަނެވުނު އިރު އަޑު ނުކުތީ ކަރުބުޑުން ނެވެ. 

ނާމީ އަށް ތެޅި ގަނެވުނެވެ. އޭނާ ކާރުން ފައިބައިގެން ހިނގަން ފަށައިފި އެވެ. އަނގައިން ބުނާކަށް ވެސް ނުކެރުނެވެ. ހަދާފަ ނަހަދާނެ ގޮތެއްވެސް ނޭގުނެވެ. އެންމެ ޙައިރާން ވާން ޖެހުނު ކަމަކީ އެ ފިރިހެން މީހާވެސް ކޮންމެވެސް ވަރަކަށް ދިވެހި ބަހުން ވާހަކަ ދައްކާތީ އެވެ.

" އަހަރެން ކަލޭ މަރާލަން އުޅެނީ.... އެކަމު އަހަރެން ބޭބެ ކަލޭ ބޭނުން ވަނީ.... އޭނަ ލާރި ދެނީ ބައިވަރު!"
އެހެން ބުނަމުން ޝަމްސު ގުދުވެ ޔޫހާގެ އިސްތަށި ގަނޑުގައި ހިފާ ލައްކެއް ޖެހި އެވެ. އެވަގުތު ޔޫހާގެ އަނގައިން ހަޅޭކުގެ އަޑު އިވިގެން ދިއަ އެވެ.

" ކަލޭ މާ ބާރަށް ހަޅޭއް ލަވަނީ... ކާކު އަޑު އަހަނީ! އެކަކު ނެތީ! "
އެއަޑު ވަރަށް ގާތުން ނާމީއަށް އިވުނެވެ. ދެން އިވުނީ ޓައިލްސް ގަނޑުގައި އެއްޗަކުން ޖެހި އަޑެވެ. އެއާއި އެކު އިވިގެން ދިއަ ހަޅޭކާއި ކުކުރުމުގެ އަޑުން އެ މަންޒަރު ނާމީއަށް ސިފަވެގެން ދިއަ އެވެ. ޝަމްސު ޔޫހާގެ ބޮލުން އަތް ދޫކޮށްލީ ޔޫހާގެ ނިއްކުރިން ލޭ އޮހޮރި އޭނާގެ ބޮލަށް އެނބުރުން އަރާ ހެޔަށް ގޮތްވުމުން ނެވެ. ޔޫހާގެ ގައިން އަތް ދޫކޮށްލުމަށް ފަހުގައި ވެސް އެތަނުން ދިއުމުގެ ކުރީން ޔޫހާގެ ފޫކޮޅުގައި ޝަމްސް ކޮޅުފައިން ޖެހި އެވެ. 

އެއަޑު އަހަން ހުރި ނާމީ ހުރީ ދާހިއްލާ ފޯވެފަ އެވެ. ހާސްވެގެން ހަދާނެ ގޮތް ބޮޑުވެފައެވެ. ދުވަހަކު ވެސް އެވަރުގެ ކަމަކާ އޭނާއަކަށް ދިމައެއް ނުވެއެވެ.

ޝަމްސް ނުކުމެގެން ދިއަތާ އިރު ކޮޅެއް ވީއިރުވެސް ގުޑި ނުލެވިފައި ޔޫހާ އޮތެވެ. އަތް ދަމާލާ ފޯނުގައި ހިފުނީވެސް ވަރަށް މަސައްކަތުންނެވެ.

" ހަލޯ!"
ޔޫހާގެ އަޑު އިވުމުން ނާމީ ތެޅިގަތެވެ.
" ހަލޯ....ތީ ކޮންތަނެއް؟ އެއީ ކޮން ބައެއް....! އަވަހަށް ބުނޭ...!"
" މީ ބެންގަލޫރު...."
ޔޫހާ ހިތްވަރު ކޮށްލާފައި ކިޔައިދިނެވެ. ދެން އެފުރުސަތު އޭނާއަށް ލިބޭނެ ކަމެއްވެސް ނޭގެ އެވެ.
" އަހަރެންގެ މަންމަ އޮތީ މެމޯ ކްލިނިކްގަ ކޯމާ އެއްގަ! ކޮއްކޮ ލޫނާ ހުންނާނެ އެތާ....! ބޮޑުބޭބެ ހަސަން ޝަރީފް ރ. އަލިފުށި ކޮކާގެ. އަހަރެން މިތަނަށް ގެނައީ އޭނަ!" 

ކޮމެންޓް 0