ޝަރީފްބޭ ޔޫހާ އަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދެ އެވެ. އެއައި ގޮތަށް އައިސް އެއް އަތުން ޔޫހާގެ އަތުގެ މުލައްދަޑީގައި ހިފިއިރު އަނެއް އަތުން އޭނާގެ ދަބަސް އުފުލާލި އެވެ.
" އަނގަނުތަޅާ... މީހަކާ އިންނަން ރަން ކިޔާފަ އޮތް ކަން ހަނދާންނެތީތަ...!"
ވާން އުޅޭ ގޮތެއް ޔޫހާއަށް ވިސްނުނު އިރު އޭނާ ވަނީ ޝަރީފްބޭގެ އަތް ދަށުވެފަ އެވެ. ކިތަންމެ ވަރަކަށް ގަދަ ހެދިއަސް ޝަރީފްބޭގެ ބާރުގަދަ އަތް ދަށުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ޔޫހާ ގަދަ ހަދަމުން ބިންމަތީގައި އިށީނުމުން ޝަރީފް އޭނާގެ އަތުގައި އޮތް ދަބަސްގަނޑު ބިންމައްޗަށް ވައްޓާލަމުން ޔޫހާގެ އަތުގައި ދެ އަތުން ހިފާ ދަމާފައި ގެންގޮސް ކާރަށް އަރުވާއިރަށް އޭނާގެ ދެފަރާތުގައި ބޮޑު ދެފިރިހެނުން އިށީނީ ޔޫހާއަށް ގުޑިވެސް ނުލެވޭ ފަދަ ގޮތަކަށެވެ.
ލޫނާ ހޮސްޕިޓަލް ގައި އިންނަތާ ގިނަ އިރު ތަކެއް ވީއިރުވެސް ދޮންތީގެ ޚަބަރެއް ނުވުމުން އޭނާ ކަންބޮޑުވާ ގޮތް ވިއެވެ. އެންމެ ފަހުން އޭނާ ގެއަށް ގޮސް ޚަބަރު ބަލާލަން ނިންމި އެވެ. ގެއަށް ދިޔައިރު ފެނުނު މަންޒަރުން އޭނާގެ ހިތުގައި ބިރުވެރި ކަން އުފެދިގެން ދިއަ އެވެ. އެޕާރޓްމެންޓްގެ ދޮރު ހުރީ ހުޅުވާފަ އެވެ. ސިޓިންގްރޫމް ތެރޭގައި ހުރި ފައިވާން ބަހައްޓާ ޕްލާސްޓިކް ކުޑަ ހަރުގަނޑުވެސް އޮތީ ބިންމައްޗަށް ވެއްޓި ހަލާކު ވެފަ އެވެ. ބޭރުގައި ދޮންތީގެ ދަބަސް ބަންޑުން އޮތް ތަން ފެނުމުން ކޮޓަރި ތެރެއަށް ދުއްވައި ގަނެވެނެވެ.
" ދޮންތީ!"
ބާރަށް ގޮވާލެވުނީ ފާޚާނާގައި އުޅުނަސް އަޑު އިވޭ ވަރަށެވެ. ޖަވާބު ނުދިނުމުން އަވަސް އަވަހަށް ފާޚާނާ ތެރެ ބަލާލެވުނެވެ. ދޮންތީ އެއް ނެތެވެ. ހިތަށް ވަން އެއްޗެއްގެ ސަބަބުން ލޫނާއަށް ރޮއި ގަނެވުނެވެ.
ކޮންމެވެސް ބަޔަކު ގަދަކަމުން ދޮންތީ ކޮންމެވެސް ތާކަށް ގެންދިއައީ އެވެ. ވަގަށް ނެގީ އެވެ. ދޮންތީ ބާއްވާފައި ކޮޓަރި ތަޅުނުލާ ދާން އޭރުވެސް އޭނާ ޖެހިލުންވި އެވެ. "ހިއުމަން ޓްރެފިކިންގް" އަކީ ދުނިޔޭގައި ގިނަ އެއްޗެއްކަން ހަނދާން ވިއެވެ. އެހެން ނަމަވެސް އެހެން ވެދާނެ ކަމަށް ގަބޫލު ނުކުރެވުނީ އެވެ. އަނގަމަތީގައި އަތް އެޅުނު ގޮތަށް ދެލޯ ބޮޑު ކޮށްގެން ވެއްޓިފައި އޮތް ދޮންތީގެ ދަބަހަށް ބަލަހައްޓައިގެން ލޫނާއަށް ހުރެވުނީ ހިތުގައި އުފެދުނު ވަހުމް ތަކެއްގެ ސަބަބުން ނެވެ. ވެއްޓިފައި އޮތް ދަބަހާއި ދޭތެރޭގައި ވިސްނާލެވުނީ އިރުކޮޅެއްގެ ފަހުންނެވެ. އެއީ ދޮންތީގެ ދަބަހެވެ. ބަޔަކު ގަދަ ކަމުން ދޮންތީ ނެރުނު ނަމަ އެދަބަސް ކޮޓަރީން ބޭރަށް ނެރެން އެނގުނީ ކިހިނެއް ހެއްޔެވެ! ލޫނާ ގޮސް ދަބަސް ހުޅުވާ ބަލާލި އެވެ. ދަބަހުގައި ހުރީ ހަމަ އެކަނި ދޮންތީގެ އެއްޗެއްސެވެ. ކޮޓަރީގައި ހިއްކަން އަޅާފައި ހުރި ދޮންތީގެ ތުވާލިވެސް ދަބަސް ތެރޭގައި އޮތެވެ. ދޮންތީގެ އެއްޗެހި އެކަނި އެދަބަހަށް އަޅާފައި އެވަނީ ދޮންތީގެ އަތުންނެވެ. އެހެން ވީއިރު ކޮންމެވެސް ތާކަށް ދާން ޕެކް ކޮށްފައި އެވަނީ ދޮންތީގެ ރުހުމުގަ އެވެ. އެކަމަކު އެވަރަށް ތައްޔާރު ކޮށްފައި ދަބަސް ނުގެންދިޔައީ ކީއްވެ ހެއްޔެވެ! ދަބަސް އެއްލާލާފައި ދޮންތީ އެގެންދިޔައީ ގަދަ ކަމުންނެވެ. ދޮންތީ ގަދަ ހަދާނެ ސަބަބު ލޫނާއަށް ވިސްނުނެވެ. އެއީ ލޫނާއާ ވަކިކޮށްލައިގެން ދޮންތީ އެކަނި ގެންދަން އުޅެފައި ވާތީ އެވެ. އެވަގުތު ލޫނާގެ ހަތްވަނަ ހިއްސު މަސައްކަތް ކޮށްލި އެވެ. ޝަރީފްބޭ! ޝަރީފްބޭ ދޮންތީ އެކަނި ތާކަށް ގެންދަން އުޅޭކަން ދޮންތީ އަށް އެނގުނު ހިސާބުން ދޮންތީ އެވަނީ ގަދަ ހަދާފަ އެވެ. ޝަރީފްބޭ ދޮންތީ ގެންދާނެ ތަނެއް ލޫނާއަށް ވިސްނުނެވެ. ޝަމްސު ކައިރި އަށެވެ. ލޫނާގެ ދެފައި ކޮޅު ތުރުތުރު އަޅައިގެން ވަރުން ހުރި ދިމާއަށް ތިރި ވެވިއްޖެ އެވެ. ކަންބޮޑުވެފައި ހުރި ވަރުން ރޮއި ގަންނަންވެސް ނޭގުނެވެ. ބިރުން މުޅި މީހާގެ ގައިން އާވި އަރަން ފަށައިފި އެވެ. ދޮންތީ ހޯދަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ! ޝަރީފްބޭ ވެސް ހޯދާނީ ކޮންތާކުން ހެއްޔެވެ! އެމީހުން ދޮންތީއަށް ހަދާނީ ކިހިނެއް ހެއްޔެވެ! ދެން ލޫނާއަށް ވާނީ ކިހިނެއް ހެއްޔެވެ! ހަދާނެ ގޮތް ހުސްވެއްޖެ އެވެ. މަދަދަކަށް އެދި އަތް އުފުލާލާނެ ދިމާއެއް ވެސް ނެތެވެ.
ނެޝަނަލް ލައިބްރަރީގެ މޭޒެއްގެ ކައިރީގައި ފޮތެއް ކިޔަން އިނދެފައި މިމީ ފޮތްތިރި ކޮށްލީ ކޮންމެވެސް މީހެއްގެ އިޙުސާސް ވެގެންނެވެ. ކުރިމަތީގައި ހުރި ތަނބުގައި ލެނގިލައިގެން ހުރި އިސް ކޮޅުން ދިގު ޒުވާނާ ފެނުމުން މިމީގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. ދެޖީބަށް އަތް ޖަހާލައިގެން އެއްފައި މައްޗަށް އަނެއްފައި ހުރަސް ކޮށްލައިގެން މިމީއާ ދިމާއަށް ބަލަހައްޓައިގެން މާހިން ހުރި އިރު ހީވަނީ ކުޅަދާނަ ފަންނުވެރިއަކު ހަދާފައިވާ ރީތި ބުދެއް ހެންނެވެ. އެ ރީތި ހިނިތުން ވުމާއި މޫނުމަތީގެ ފުރިހަމަ ކަން ޙަޤީޤަތަކަށް ވުރެ ފުރިހަމަ އެވެ. ފޮތް ތިރި ކޮށްލި ގޮތަށް އެ ފުން ދެލޮލާއި ހަތަރު ކަޅި ހަމަ ވެފައި މިމީއަށް އިނދެވުނީ އެވެ. މާހިން އެތަނުގައި ހުރެދާނެ ކަމަށް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ! މިމީ އެތަނަށް އަންނަ ވާހަކައެއް މާހިން ގާތުގައި މިމީ ނުވެސް ބުނެ އެވެ. މާހިން މަޑުމަޑުން ހިނގާލާފައި އައިސް މިމީގެ ކުރިމަތީގައި އިށީނެވެ.
" ހައި!"
ޖަވާބުގައި މިމީ ހިނިތުން ވެލިއިރު އޭނާގެ ދެލޮލުން ފެނިގެން ދިއައީ ޙައިރާން ކަމެވެ.
" ތި ހިތަށް އަރަނީ އަހަރެން މިތަނަށް އައީ ކީއްކުރަންހޭ ދޯ! ތި ހިތަށް އަރަނީ މިތާ މިމީ އިން ކަމެއް އަހަރެންނަށް އެނގުނީ ކީއްވެހޭ ދޯ!"
މާހިން އޭނާގެ ފިރިހެންވަންތަ ހަށިގަނޑު މިމީއާ ދިމާއަށް ގުދު ކޮށްލި ހިނދު މިމީގެ ހިތް މަޤާމުން ބޭރުވާން އުޅުނު ކަހަލަ އެވެ. ހަށިގަނޑުގެ ތެރޭގައި ނަގަމުން ދިއަ ރާޅުތައް މިމީއަށް ބަހެއް ބުނާނެ ފުރުސަތެއް ނުދިނެވެ. ލުއި ހިނިތުން ވުމަކުން ފުއްދާލަން މަޖުބޫރު ވިއެވެ.
" ޖަވާބަކީ....!"
ސަމާސާ ގޮތަކަށް މާހިން ވާހަކަ ކުރިއަށް ގެންދިއަ އިރު އޭނާގެ ކޮންމެ ބަހެއްގައި ވެސް ވަނީ ޖާދޫ އެވެ.
" އަހަރެން މިމީއަށް ފާރަ ލަނީއޭ. އެއީ ޖަވާބު. އޯކޭތަ؟"
އެހާ ފާޅުގައި މާހިން އެފަދަ އެއްޗެއް ބުނުމުން މިމީ އިނީ ދޭނެ ޖަވާބެއް ނޭނގިފަ އެވެ. އެއީ މާހިން ކުރި ސަމާސާއެއް ހެއްޔެވެ! ނޫނީ އެއީ ހަމަ ހަޤީޤަތް ހެއްޔެވެ!
" ދެން މިހާރު މިމީ ތި ހިތަށް އަރާނީ އަހަރެން ކީއްކުރަންހޭ މިމީއަށް ފާރަލާންވީ! ދޯ!"
މިމީ އެހިނިތުންވުން ތުންފަތް މައްޗަށް ވެރިކުރުވި ގޮތަށް ޙައިރާން ކަމާއި އެކު މާހިންއަށް ބަލަން އިނީ އެވެ. އެ ސުވާލުގެ ޖަވާބުގައި މާހިން ބުނާނެ އެއްޗެއް އަޑުއަހާލަން މިމީގެ ހިތް ކިތަންމެ ނުތަނަވަސް ވިއަސް އޭނާ ބިރުގަތެވެ.
" އޭގެ ޖަވާބު އަޑުއަހާލާ ހިތުން އިންކަން އިނގޭ!"
މާހިން ގޮނޑީގައި ލެނގިލަމުން އެހެން ބުނެލި ފޮނި ގޮތުން މިމީ ލަދުގަތެވެ. އޭނާގެ ހިތުގެ ޝުއޫރުތައް މާހިންއަށް ސިއްރު ކުރަން އުޅުނަސް އެކަން ވާވަރު ނުވަނީ ތާއެވެ!
" އޭގެ ޖަވާބު އަހަރެން ނުބުންޏަސް މިމީއަށް މިހާރު އިނގޭނެ!"
ޝައުޤުވެރިކަމާއި އެކު މިމީގެ މޫނަށް ބަލަން އިނދެ މާހިން ބުންޏެވެ. މިމީ އޭނާގެ އެސްފިޔަތައް ތިރިކޮށްލީ ލަދުވެތި ކަމާއި އެކުގަ އެވެ. ބަހެއް ނުބުނެ އިން ނަމަވެސް އޭނާ މިހާރު ބޭޒާރުވެ ނިމިއްޖެ އެވެ.
" އައި ޑޯންޓް އީވަން ނޯ ޔޫ!"
ބަސްނާހާ ހިތަށް ވިސްނަ ދޭން މަސައްކަތް ކުރާފަދަ ގޮތަކަށް މިމީ ބުނެލީ ސިއްރު ސިއްރުން ނެވެ. މާހިން ހިނިތުން ވެލި އެވެ. އެއްވެސް ގާތް ކަމެއް އުފެދުމުގެ ކުރީން މިމީ މާހިން ރަނގަޅަށް ދެނެގަންނަން ބޭނުން ވާކަން މާހިންއަށް ވިސްނުނެވެ. މާހިންއަށް މިމީގެ އެ ސިފަ ވަރަށް ކަމުދިއަ އެވެ. މާހިންއަކީ ޖައުފަރުގެ ދަރިއެއްކަން އެނގޭ ހިސާބުން އެއްވެސް އިތުރު އެއްޗެއް އިނގެން ބޭނުން ވާ އަންހެން ކުއްޖެއް، އަދި އަންހެން ކުއްޖެއްގެ މަޔަކު، ބަފަޔަކު ވެސް މިހާތަނަށް ދިމާ ވެފައެއް ނުވެ އެވެ. އެންމެން ވެސް ދެކޭ ގޮތުގައި ޖައުފަރުގެ ދަރިއަކަށް ވުމުން ފުދެ އެވެ. މާހިން އަންހެން ކުދީން ދެކެ ފޫހިވާން ފެށި ސަބަބަކީ އެއީ އެވެ. މިމީ އަކީ އޭނާއަށް ފެނުނު ހަމަ އެކަނި ތަފާތު އަންހެން ކުއްޖާ އެވެ. މާހިން ބޭނުންވަނީ ބައްޕަގެ ނަމުގެ ނިވަލުގައި އޭނާ ދިރި އުޅޭކަށް ނޫނެވެ. އޭނާ ބޭނުން ވަނީ އޭނާގެ މަސްގަނޑު ދެކެ ލޯބި ވާނެ ކުއްޖެކެވެ. އެ ކުއްޖަކީ މިމީ އެވެ.
" އަހަރެން ނަކީ... މާހިން! މާހިން ޖައުފަރު!"
މާބޮޑަށް މިމީ ސީރިއަސް ވެއްޖެހެން ހީވުމުން މާހިން މޭގައި އަތް ޖައްސާލަމުން ސަމާސާ ކޮށްލި އެވެ.
" އުމުރު ސައްވީސް! އިސްކޮޅު ފަސްފޫޓު ހަތް އިންޗި، ކުލަ މުށި، ލޮލުގެ ކުލަ ކަޅު، ފާހަގަ ކުރެވޭ ނިޝާނަކީ... މީ!"
ވިސްނާލަމުން މާހިން އޭނާގެ ދަތްދޮޅީގެ މެދުން އަޑިވެފައިވާ ޑިންޕަލް ކޮޅުގައި އިގިލި ޖައްސާލި ގޮތުން މިމީގެ ހިނިގަނޑު ފަޅައިގެން ދިއަ އެވެ.
" މަށާ އެކީ ކޮފީއަކަށް ދާނެ ދުވަހަކާ ގަޑިއެއް ބުނޭ...!"
މާހިން އިތުރު ބައްދަލު ވުމަކަށް ދައުވަތު ދިނެވެ. މިމީ އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާ ވެސް ވާހަކަ ދެއްކީ މާހިން އެވެ.
" މާދަމާ ރޭ ނުވަގަޑި ބައިގަ އެންމެ ފުރަތަމަ ބައްދަލުވި ތަނުން! "
އެހެން ބުނަމުން މާހިން ތެދުވެ މިމީ އާއި ދިމާއަށް އެއްލޯ މަރާލި ގޮތުން މިމީގެ ހިތް ގަނޑު ކޮށްލައިފި އެވެ. އޭނާ ސިޑިން ފައިބައިގެން ގޮސް ނަޒަރުން ގެއްލެންދެން މިމީއަށް އެދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މިމީ އޭނާ ކިއަން އިން ފޮތް ލައްޕާލި އެވެ. ފޮތް ހުޅުވައިގެން އިނުމުގެ ބޭނުމެއް ނެތެވެ. ދެން އޭނާއަށް އަވަހަކަށް އެ ފޮތުގައި ވާ އެއްޗަކަށް ސަމާލު ކަމެއް ނުދެވޭނެ އެވެ. މާހިންއާ ބައްދަލު ކުރުމަކީ އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ބަސްނާހާ ހިތް މިހާ އަވަހަށް އެވަގުތަށް ޓަކައި އިންތިޒާރު ކުރަން ފަށައިފި އެވެ.
ޔޫހާ އަށް ހޭވެރިކަން ވީއިރު އޭނާ އޮތީ ކޮންތާކު ކަމެއް ޚުދު އޭނާއަށް ވެސް ނޭގުނެވެ. އެންމެ ފަހުން ޔޫހާ ހަނދާން ވަނީ ކާރުގައި އިނދެ އޭނާ ތެޅިފޮޅުނު ހަނދާނެވެ. ރޮއި ހަޅޭއްލެވި ހަނދާނެވެ. ޔޫހާ ލޯ ހުޅުވާލުމާއި އެކު ބޮލާ ދިމާ މަތީގައި ދިއްލާފައި ވާ ބޮޑު ޗާންދަލިޔާގެ އަލި ލޮލަށް އެޅިގެން ދިއަ އެވެ. ކުއްލި އަކަށް ލޯމަރާލުމާއި އެކުހެން އަނެއްކާވެސް އޭނާ ލޯހުޅުވާލި އެވެ. އެއާއި އެކު ފުންމައިގެން ތެދުވި އެވެ. ޔޫހާގެ ކުރިމަތީގައި ހުރި ހައިވަކަރު، ވަރުގަދަ ސަރަންފީ ގޮނޑީގައި އިން މީހާ ފެނުމުން ޔޫހާއަށް ރޮއިގަނެވުނެވެ.
" ޕްލީސް...! އަހަރެން ދޫކޮށްލާ...! އަހަރެން ކޮއްކޮ ކައިރިއަށް ދާން ބޭނުން...!"
ޔޫހާ އާދޭސް ކުރަމުން ޝަމްސުގެ ކުރި މައްޗަށް ހުއްޓުނެވެ.
" ކަލޭ ކޮއްކޮ ރަނގަޅު ނެތީ.... ކަލޭ މިތަން ބަރާބަރު ވަނީ...!"
އެހެން ބުނަމުން ޝަމްސު ތެދުވި އެވެ. ހުދު ކުލައިގެ ޓީޝަރޓަކާއި އެކު ހުދާ ކަޅުގެ ގޮޅި ޖެހި މުންޑެއް ލައިގެން ހުރިއިރު އޭނާ ފެންނަނީ ބިރުވެރި ސިފައެއްގަ އެވެ.
" އާދޭ! އިށީންނަނީ!"
ޔޫހާގެ ފުރަގަހަށް އިޝާރާތް ކުރަމުން ޝަމްސު އެހެން ބުނުމުން ޔޫހާ ފަހަތަށް އެނބުރި ބަލާލި އެވެ. އޭރު މޭޒެއްގެ ކައިރީގައި އެއްކަލަ ބޮޑު ދެފިރިހެނުން ތިއްބެވެ. އެމީހުން ތިބީ ބޮލުގައި ތާކިހާވެސް އަޅައިގެންނެވެ. އެމީހުންނާ ދިމާއަށް ބަލާފައި ފަސް އެނބުރި ޝަމްސުއަށް ބަލާލުމުގެ ކުރީން ޝަމްސު އައިސް ޔޫހާގެ އަތުގެ މީދާ މަސް ގަނޑުގައި ބާރަށް ހިފި އެވެ.
" ލަސްކުރަން ބޭނުން ނެތީ!"
އެހެން ބުނުމާއި އެކު އޭނާ ގަދަކަމުން ދަމާފައި ކަހަލަ ގޮތަކަށް ޔޫހާ ގެންގޮސް އެ ދެމީހުންގެ މެދުގައި ބައިންދައިފި އެވެ. ޔޫހާއަށް ގުޑި ލަންވެސް ނުކެރުނެވެ. ކުރިމަތީގައި އިށީން ޝަމްސުއާ ދިމާއަށް ބަލަން ޔޫހާ އިނީ ގޮތް ހުސްވެފައިވާ ކުޑަކުއްޖަކު ފަދައިންނެވެ.
" އަހަރެން ކަލޭ ޝާދީ ކުރަނީ މިހާރު!"
ޔޫހާގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލަ އެވެ.
" ޕްލީސް.... ޕްލީސް...ޕްލީސް....!"
ޔޫހާ އަށް އެނޫން އެއްޗެއް ނުކީގެން އެތައް އިރެއް ވި އެވެ.
" އަހަރެން ލޫނާ ކޮއްކޮޔާ ވާހަކަ ދައްކާލަން ބޭނުން.... ޕްލީސް... އެއްފަހަރު!"
ޔޫހާ ރޮމުން އާދޭސް ކުރި އެވެ.
" ޝޫ!"
ޔޫހާ ގެ އަޑު ގަދަވުމުން ޝަމްސް ރުޅިގަދަވެއްޖެ އެވެ.
" ކަލޭ ހަޅޭއް ލަވަން ބޭނުން ނެތީ އިނގޭ!"
ޝަމްސު ދެލޯ ބޮޑުކޮށްލަމުން އަޑުގަދަ ކޮށްލި ގޮތުން ޔޫހާ ވަގުތުން ހިމޭން ވެއްޖެ އެވެ. އޭނާ ބިރުން ތުރުތުރު އަޅައިގެން ދިއަ އެވެ. ދެން ފެނުނީ ޝަރީފްބޭ އިސް ޖަހައިގެން އައިސް ޝަމްސުއާ ޖެހިގެން ހުރި ގޮނޑީގައި އިށީން ތަނެވެ.
" ޝަރީފްބޭ...!"
ޔޫހާ ގިސްލަމުން މަޑުމަޑުން ޝަރީފްބޭއަށް ދެފަހަރަކު ގޮވާލި އެވެ. ޝަރީފްބޭއަށް އަޑު އިވޭ ހެނެއް ހިއެއް ނުވެ އެވެ. ޝަރީފްބޭ ޔޫހާއާ ދިމާއަށް ބަލައިވެސް ނުލާ އިނީ އެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ޔޫހާގެ ކަނާތް ފަރާތުގައި އިން މީހާ އެއްޗެއް ކިޔަން ފަށައިފި އެވެ. ޔޫހާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފަށައިފި އެވެ. އެމީހުން އެކިޔާ އެއްޗެއް ނޭގުނު ނަމަވެސް އެކުރާ ކަމެއް ޔޫހާއަށް އިނގެ އެވެ. ޔޫހާ ހަމަ އެއިންތާ އިނދެ ރޯމަހެއް ތެޅޭހެން ތެޅިތެޅި އިންދާ އެކުރާ ކަމެއް ކޮށް ނިމިއްޖެ އެވެ. އިސް ޖަހާލި ގޮތަށް އިސްވެސް ނުނަގާ ޝަރީފްބޭ ނުކުމެގެން އެ ދިއައީ އެވެ. އެއްވެސް ރަޙުމެއް އިންސާނިއްޔަތު ކަމެއްވެސް ނެތް މީހެކެވެ! ޝަރީފްބޭގެ ފަހަތުން އެ ދެ ފިރިހެނުން ވެސް ނުކުތެވެ. ޝަމްސުއާ އެކީގައި ޔޫހާ އެކަނި ވާން އުޅޭހެން ހީވުމުން ޔޫހާވެސް އެ ދޮރުން ނުކުންނަން ދުއްވައި ގަތެވެ. އެވަގުތު އެ ދޮރާށި ބޭރުން ތަޅުލެވުނު އަޑު އިވުނެވެ. ޔޫހާ އެނބުރި ބަލާލިއިރު ޝަމްސު ޔޫހާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ތުންފަތް މަތީގައި ހިނިތުން ވުމެއް ވީ ނަމަވެސް މޫނު މަތީގައި ވަނީ އިންތިހާ ރުޅިވެރި ކަމެވެ. ޝަމްސު އޭނާ ލައިގެން ހުރި ޓީސަޓް ބާލާފައި ބިންމައްޗަށް ވައްޓާލި އެވެ. ހަށިގަނޑާއި އެތައް ތަނެއް ބޭރަށް ހުރި އޭނާގެ ބޮޑު ބަނޑާއި ހަށިގަނޑުގެ އެތަން މިތަނުގައި ވެޔޮ ހެދިފައި ހުރި ދިގު އިސްތަށި ތައް ފެނުމުން ޔޫހާ ބިރުން ހޭ ނުނެތުނީ ކިރިޔާ އެވެ. ޝަމްސު ޔޫހާއާއި ދިމާއަށް ހިނގައި ގަތުމުން ޔޫހާ ފަހަތަށް ޖެހެން ފެށީ ރޮމުން އާދޭސް ކުރަމުންނެވެ.
" ކަލޭ ރޮނީ ނެތީ...! އަހަރެން ކަލޭ ކައިރިއަށް ނާންނަނީ!"
އެއަޑު އިވި ފައި ޔޫހާއަށް ހުއްޓުން އެރި އެވެ. އެއިވުނު އެއްޗެއް އަދި އަހާލަން ބޭނުން ވިއެވެ.
" ކަލޭ ކޮއްކޮ ބުނަނީ ދޯ އަހަރެން އައްޗީޑި! އަހަރެން ކަލޭ ބޭނުން ނެތީ!"
ބޯހޫރާލަމުން ޝަމްސު ފޮނި ގޮތަކަށް ބުނެލިއެވެ.
" އަހަރެން ކަލޭ ގައިގަ އަތްލަންވެސް ބޭނުން ނެތީ.... މާ ރީތި އިންޑިއާ ކުދީން އަހަރެން ލިބެނީ....ބައިވަރު!"
މަތިމަހުގެ އެއްފަރާތުން ދިގުވެފައިވާ އިސްތަށި ކޮޅު ދެ އިނގިލިން އަނބުރާލަމުން ޝަމްސް ޔޫހާއާ ކައިރިއަށް ހިނގައިގަތެވެ. ޔޫހާއަށް ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނެވެ. ކޮއްކޮ އަށް އެހެން ބުނެވުނީތީ ނަސީބެކެވެ. އައްޗީޑިއޭ ބުނީމައި ޝަމްސް ކައިރި ނުވާން ނިންމީތީ ކޮޅެއް ނެތްހާ ޝުކުރެވެ. ޝަމްސު އައިސް ކައިރިއަށް ހުއްޓުނު ނަމަވެސް މިހާރު ޔޫހާގެ ހިތުގެ ތެޅުން ވެސް ހިސާބަކަށް މައިތިރި ވެއްޖެ އެވެ. ހެޔޮ އެއްޗެއް ހިތަށް ވަދެގެން އޭނާ ޔޫހާ ދޫކޮށްލާނެ ނަމަ ކިހާ ހެޔޮހެއްޔެވެ!
" އަހަރެން ކަލޭ ބޭނުން ނުކުރަނީ!"
އަނެއްކާވެސް ޔަގީން ކޮށް ދިނުމުގެ ގޮތުން ޝަމްސު ބުންޏެވެ.
" އެކަމަކު އަދި އެހެން މީހާ އަންނަނީ!"
ޝަމްސު އެބުނި އެއްޗެއް ޔޫހާ އަކަށް ނުވިސްނުނެވެ.
" އިނގެނީތަ...؟ އަހަރެން ކަލޭ ވިއްކަނީ....! ވިއްކަނީ، ވިއްކަނީ!"
އެއްބުމަ އަރުވާލަމުން އޭނާ ޔޫހާއަށް ވިސްނާދެވޭތޯ ބެއްޔެވެ!
" ސޭލް! ސޭލް! އިނގިއްޖެ!"
ޔޫހާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިއައިރު ނޭވާވެސް ހުއްޓެން އުޅުނުހެން ހީވި އެވެ.
" އަހަރެން ކަލޭ ބައިވަރު ލާރި ދެނީ ދޯ!...އެ ލާރި އަހަރެން ހޯދަނީ ! މައްސަލަ ނެތީ!"
ޔޫހާގެ މޫނާ ދިމާއަށް ބަލަން ހުރެ ވިހަ ހިނިތުން ވުމަކާއި އެކު އޭނާ ވާހަކަ ދެއްކި އިރު ޔޫހާގެ ހިތް ހީވަނީ ކޮންމެ ހިނދު ކޮޅަކުވެސް މަސައްކަތް ހުއްޓާލަ ފާނެ ހެންނެވެ.
" އަހަރެން ކަލޭ ފިރިމީހާ މިހާރު...! އަހަރެން ބޭނުން ގޮތެއް ހަދަނީ... ކަލޭ ކައިރީ އެހެން މީހާ އަންނަނީ.... ވަން މީހާ ނެތީ.... ބައިވަރު އަންނަނީ.... އެއްދުވަސް ވަން، ޓޫ ، ތްރީ، ޓެން ވެސް އަންނަނީ.... ވަން މޭން ވަން ޓައިމް ވަން ތައުޒަން!"