ލޫނާއަށް ފިޓް ޖެހުނީ ލޫނާގެ ކުރީގެ ހަނދާން ތައް އަންނަމުން ގޮސް އެ ބިރުވެރި ހާދިސާ ހަނދާނަށް އައުމުން ކަމަށް ބުނަމުން ޑޮކްޓަރ އެންމެ ފަހުން ބުނެލި ޖުމުލައިގެ އަޑު އިވުމުން ނާމީ ތުރުތުރު އަޅައިގެން ދިއައެވެ. މި އެޓެކްގެ ސަބަބުން ލޫނާއަށް އެއައި ބަދަލު އިނގޭނީ އޭނާ ހޭއެރީމައި ކަމަށާއި ފަހަރެއްގާ ކުރިއަށް ވުރެވެސް ހާލަތު ދަށަށް ގޮސްފައި ވުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ޑޮކްޓަރ ބުންޏެވެ.
ނާމީ ބޭރުގައި އިންނަތާ ތިން ގަޑިއިރު ފަހުން ޔޫހާ އާއި ދާއިން އަންނަތަން ފެނުނެވެ. މާދުރުން ވެސް ޔޫހާއަށް ނާމީ ފާހަގަ ކުރެވުނެވެ. އެހާ ހެދުނު ނާމީ ހޮސްޕިޓަލަށް އައިސް އިންތަން ފެނުމުން ޔޫހާގެ ހިތަށް އުފާވެރި ކަމެއް ލިބުނެވެ.
ޔޫހާ ދާއިން ގާތުގައި އެއްޗެއް ބުނެލަން ބޭނުން ވިއެވެ.
" އަހަންނަށް ހީވަނީ މިހާރު ނާމީވެސް ކޮއްކޮ އާ ލައިކްވާން ފަށައިފިހެން!"
އެއަޑު އިވިފައި ދާއިން ވެސް އުފާވި އެވެ. ލޫނާގެ ހަޤީޤަތް އެނގިހުރެ ދާއިންއަށް ލޫނާ ދެކެ ލޯބި ވެވިއްޖެ ނަމަ އެއީ ވަރަށް ވަރުގަދަ ލޯތްބަކަށް ވާނެ އެވެ.
" އެއީ ހަމްދަރްދީ އަށް ވެއްޖެއްޔާ ދެރަ!"
ދާއިންގެ ހިތަށް އައި އެއްޗެއް ދުލުން ބޭރު ކޮށްލެވުނެވެ. ޔޫހާ ވެސް ވިސްނާލަން ޖެހުނެވެ.
ނާމީއާއި އަރާ ހަމަވިއިރު ނާމީ އިން ގޮތުން ސުވާލު އުފެދުނެވެ. އެތަނުން އެކަކާވެސް ނާމީ ހަތަރު ކަޅި ހަމަ ނުކުރަން އުޅޭހެން ހީވެ އެވެ. ދާއިން އަށް ވެސް އުނދަގޫވި އެވެ. ދާއިން އާއި އެކުގައި ޔޫހާ ފެނުމުން ވީ ގޮތެއް ކަމަށް ހީކޮށެވެ. އެއީ ކޮންމެވެސް އެހެން ސަބަބެއްކަން ޔޫހާއަށް އެނގުނެވެ.
" ކޮއްކޮ ކިހިނެތް؟"
ހިސާބަކަށް ޝައްކު އުފެދިފައި ޔޫހާ އެހިއެވެ.
" ފިޓް ޖެހުނީ...!"
ދުރު ބަލާލަމުން މަޑުމަޑުން ނާމީ ބުންޏެވެ. އޭނާ އިނީ އިސް އުފުލާލަން ބޭނުންވާ ވަރަށް ވުރެވެސް ކަންބޮޑު ވެފަ އެވެ.
" ވަޓް!"
ދާއިން ވެސް ކަން ބޮޑުވި އެވެ. ޔޫހާ އީ އާރް އާއި ދިމާއަށް ދުއްވައި ގަތެވެ. އޭނާ ބޭނުން ވީ ކޮއްކޮގެ ހާލު ލޮލުން ދެކިލާށެވެ.
ޔޫހާއަށް ލޫނާ ފެނުނު އިރު ލޫނާއަށް އޮތީ ނިދިފަ އެވެ. ނަރސް ބުނި ގޮތުގައި ކޮއްކޮ އެއޮތީ ނިންދަވާފަ އެވެ. ފިޓް ޖެހުނީ ކުރީގެ ބިރުވެރި ހާދިސާ ހިތަށް އައުމުން ކަމަށް ލަފާ ކުރެވޭ ކަމަށް ބުނަމުން ފިޓް ޖެހުނީ ނާމީ އާއި ވާހަކަ ދައްކަން އޮއްވާ ކަމަށް ނަރުސް ކުއްޖާ ބުންޏެވެ. އެހެން ކަމުން އެންމެ ރަނގަޅު މައުލޫމާތެއް އިނގޭނީ ނާމީ އަށެވެ.
ނާމީ އިސް އުފުލާ ބަލާލީ މާހިން ކޮނޑުގައި އަތް ޖައްސާލުމުންނެވެ.
" ކިހިނެތް ވެފަ ތީނީ؟"
ނާމީގެ ހާސްކަން ފެނިފައި މާހިން ވެސް ކަންބޮޑުވި އެވެ. މާހިން ފެނުމުން ނާމީއަށް އުނދަގޫ ވި އެވެ. އޭނާގެ ހުރިހާ ހިތާމައެއްގެ އަސްލަކީ މާހިން ހެން އޭނާއަށް ހީވި އެވެ. ނާމީ ޖަވާބެއް ނުދީ މޫނު އަނބުރާލި ގޮތުން މާހިންއަށް އުނދަގޫވި އެވެ. ކުރީގެ އުފާވެރި ނާމީ މިހާރަކަށް އައިސް ފެންނަނީ ތަފާތު ގޮތަކަށެވެ. ކުރީން ނާމީ އަކީ މައިތިރިވެގެން އިންނަން އިނގޭ މީހެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް ކޮންމެވެސް މޮޅު ވާހަކަ އެއް ދައްކަމުން އޭނާގެ ކޮންމެ ސިކުންތެއް ސަކަރާތާ އުފަލުގައި ހޭދަކުރަން ބޭނުން ވި މީހެކެވެ. އެހެން ނަމަވެސް މިހާރު މީހާ ވަނީ ބަދަލު ވެފަ އެވެ. ލޫނާގެ ހާލާ ދޭތެރޭ ފިކުރު ކުރަނީ ކަންނޭގެ އެވެ.
" އެހާ ބޮޑަށް ކަންބޮޑު ނުވޭ ބަޑީ....! އިރާދަކުރެއްވިއްޔާ މިހާރު ލޫނާ ރަނގަޅު ވަނީ އޭ! "
އާދައިގެ ގޮތަކަށް އެހެން ބުނަމުން ނާމީގެ ގާތުގައި މާހިން އިށީނީ އަނގަތަޅާލުމުގެ ނިޔަތުގަ އެވެ. މާހިން އެހެން އެބުނީ ކޮން ވިސްނުމެއްގައި ކަމެއް ނާމީއަކަށް ނޭގެ އެވެ. ލޫނާގެ ހާލާއި ދޭތެރޭ ނާމީ އެހާ ކަންބޮޑު ވާ ކަމެއް މާހިން އަށް އެނގެނީ ކީއްވެ ހެއްޔެވެ! އެހާ ވަރަށް ލޫނާއާ ދޭތެރޭ ނާމީ ވިސްނާ ސަބަބެއް މާހިންއަށް އިނގޭ ބާއެވެ!
" އަހަރެން މިހިރީ އައިހެއްނުން، ދެން ހުރިހާ ކަމެއް ރަނގަޅު ވެދާނެ! "
މާހިންގެ އަޑު ޖެހުމުން ނާމީއަށް މޫނު އަނބުރާލެވުނީ ނަފްރަތާއި އެކުގަ އެވެ. މާހިންގެ އަޑުން ނާމީއަށް ފާހަގަވީ ފަހުރުވެރި ކަމެވެ. ލޫނާ މާހިން ދެކެ ލޯބި ވާކަން މާހިން އަށް ވެސް އެނގެނީ ތާއެވެ. ނާމީ އެތަނުން ތެދުވެގެން ހިނގައި ގަތެވެ. މިވަގުތު އޭނާ ލޫނާއަށް ޓަކައި އެތަނުގައި މަޑުކުރުމަކީ ބޭކާރު ކަމެއްހެން އޭނާއަށް ހީވި އެވެ.
ޔޫހާ ނުކުތް އިރު ނާމީ އެއް ނެތެވެ. އެތަނުގައި އިނީ މާހިން އެވެ. ޔޫހާ ނުކުތުމާއި އެކު މާހިން އެތެރެއަށް ވަނެވެ. ލޫނާ ދެކިލާހިތުން އޭނާ އުޅޭތާ އިރުގަނޑެއް ވެއްޖެ އެވެ.
ލޫނާއަށް ނިދިފައި އޮތް ނަމަވެސް އެތަނުން ދާކަށް މާހިން ބޭނުމެއް ނުވި އެވެ. އޭނާ ލޫނާގެ މަގަތުން އިށީނދެ އިނީ އެވެ. ދާނެ ވަކި އެހެން ތަނެއްވެސް ނެތެވެ. ބޭބެއާއި ޔޫހާގެ ޖޯޑު ފެނުނީމައި އިތުރަށް ހިތްދަތި ވުން ނޫން ކަމެއް ނުވެ އެވެ.
ލޫނާގެ އެރީތި މޫނަށް ބަލަން އިންއިރު ހަނދާން ވަނީ އެންމެ ފުރަތަމަ ލޫނާ ފެނުނު ދުވަހެވެ. އެއީ ބައްޕަގެ ކޮޓަރީން ނުކުމެގެން ދިއަ ދުވަހެވެ. މާހިންއަށް މަޑުމަޑުން އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ހިސާބެއްގެ ހިތްހަމަ ނުޖެހުމަކާއި އެކުއެވެ. ލޫނާއާއި ބެހޭގޮތުން ބައްޕަ އޮފީސް ފުއާދާއި މާހިން ސުވާލު ކުރީ ލޫނާގެ ރީތިކަމުން އަސަރު ކޮށްގެންނެވެ. އެހެން ނަމަވެސް އެދުވަހު ފުއާދު ދިން ޖަވާބު އަދިވެސް ހަނދާން އެބަހުއްޓެވެ. ފުއާދު ބުނީ އެއީ ބައްޕަ އިންނަން އުޅޭ ކުއްޖާ ކަމަށެވެ. ބައްޕައާއި ދޭތެރޭވެސް ހިތުގައި ހަސަދަވެރި ކަން އުފެދިގެން ދިއަ އެވެ. އެ ހަސަދައިގެ ސަބަބުން ބޭބެވެސް މާލެ އަންނަން މަޖުބޫރު ކުރެވުނެވެ. ކަންބޮޑުވީ ހަމަ އެކަނި ބައްޕަ ޅަ ކުއްޖަކާއި އިންނަން އުޅޭތީއެއް ނޫނެވެ. ފުރަތަމަ ފަހަރުންވެސް މާހިންގެ ހިތުގެ ވިންދު އަވަސް ކޮށްލި ޒުވާނަކު ބައްޕަގެ ހަޔާތުގެ ބައިވެރި އަކަށް ވާން ނޭދޭތީ އެވެ. މާހިންގެ ހިތުގައި ސުވާލު ތައް ގިނަ ވެގެން ދިއަ އެވެ. ބައްޕަ ލޫނާއާއި ގުޅުމެއް އޮތް ނަމަ ލޫނާގެ އާއިލާ އެ ހާލުގައި ޖެހުނު އިރު ބައްޕައަށް ނޭގެން ވީ ކީއްވެ ހެއްޔެވެ! ލޫނާއަށާއި ޔޫހާއަށް ވެސް މާހިންމެންނަކީ ޖައުފަރުގެ ދަރީންކަން އިނގޭއިރު ބައްޕައާއި ބެހޭ އެއްވެސް ވާހަކައެއް އެމީހުން ނުދައްކަނީ ކީއްވެ ހެއްޔެވެ! މި ސުވާލު ތަކުގެ ޖަވާބު ދޭނީ ކާކު ހެއްޔެވެ!
ދުރު ބަލަން އިނދެފައި އެނބުރި ބަލާލިއިރު ލޫނާ އޮތީ މާހިންއަށް ބަލާށެވެ. ލޫނާގެ ލޮލުގެ ތެރެ މާހިންއަށް ފެނުނު ވަގުތު ހިނިތުން ވުމެއް ހަދިޔާ ކޮށްލެވުނެވެ. އެހެން ނަމަވެސް ލޫނާގެ އެއްވެސް އިޝާރާތެއް ނެތެވެ. އޭނާ ހަމަ އެއޮތް ގޮތަށް އޮތީ އެވެ. އޭނާއަށް ނޭގުނީ ކަންނޭގެ އެވެ.
" ކިހިނެތް؟"
މާހިން ލޫނާއާއި ދިމާއަށް ގުދުވެ ލޫނާގެ މޫނުމައްޗަށް ވެއްޓިފައި ވާ އިސްތަށި ކޮޅުތައް ދުރަށް ޖައްސާލަމުން ލޫނާގެ ކޮލުގައި މަޑުމަޑުން ޖަހާލިއިރު އެ ލޮބުވެތި ބީހުމުގެ އަސަރުން ލޫނާގެ ދެލޯ ތެންމާ ލައިފި އެވެ.
" އަހަރެން މިއަދު މިއުޅެނީ އަހަރެންގެ އަތުން ލޫނާ އަށް އެއްޗެއް ކާންދޭ ހިތުން!"
މާހިން އޭނާގެ "ބެކްޕެކް" އިން ކުޑަ ޕާރސަލް ތައްޓެއް ނެގި އެވެ. އޭގައި ވަނީ ކްލަބް ސޭންޑްވިޗެކެވެ. ލޫނާ އޮތީ ބަލަހައްޓައިގެންނެވެ. މާހިންގެ އަތުން ކިތަންމެ ކާހިތް ވިއަސް މިއަދަކު އޭނާއަކަށް އެކަމެއް ނުވާނެ އެވެ.
" ކެވޭނެ...! މަސައްކަތް ކޮށްލާނީ!"
ލޫނާގެ ހިތަށް އަރާ އެއްޗެއް މާހިންއަށް އެނގިއްޖެ އެވެ. މާހިން އެނދުގެ އެއް އަރިމަތީގައި ޕަރސަލް ބެހެއްޓުމަށް ފަހު ލޫނާއާއި ދިމާއަށް ގުދުވެލި އެވެ. ދެން ލޫނާގެ ބޮލާއި އުނަގަނޑުގެ ދަށަށް ދެއަތް ލައްވާލީ ލޫނާގެ ހަށިގަނޑު ތަންކޮޅެއް މައްޗަށް ހިއްލާލުމަށެވެ. ލޫނާ އުފުލާލަން ހިފާލުމާއި އެކު މާހިން އަށް ހުއްޓެވުނެވެ. އޭރު ލޫނާ އޮތީ އޭނާގެ އަތުގެތެރޭގަ އެވެ. ލޫނާގެ މޫނަށް މާހިންއަށް ބަލާލެވުނެވެ. ހައިރާން ކަމާއި އެކުގަ އެވެ. ލޫނާ އޮތީ މާހިންގެ ނޭވާ އެޅޭ ހާ ގާތުގައި މާހިންގެ މޫނަށް ކަޅި ހުއްޓާލައިގެން ނެވެ. ހިނދުކޮޅެއްގެ ހުއްޓުމެއް މާހިންއަށް އައީ ލިބުނު ހައިރާން ކަމަކުން ނެވެ. މާހިންގެ އެބިޔަ ހަށިގަނޑުގައި ލޫނާއަށް ހިފަހައްޓާލެވިފައި ވަނީ ބާރަށެވެ. އެއަތުގެ ހޫނުކަން މާހިންގެ ބުރަކައްޓަށް އެބަ އިހުސާސް ކުރެވެ އެވެ. މާހިންގެ ހަށިގަނޑަށް ވެސް އާދަޔާ ހިލާފް އަސަރެއް ކުރެވުނު ވަގުތެކެވެ. މަޑުމަޑުން އެހެނަސް އަވަހަށް އޭނާ ލޫނާ އެނދުގައި ބާއްވާލި އެވެ. ލޫނާގެ އެ ބީހުން އޭނާއަށް އެއްޗެއް ދޭހަ ކޮށްދީފި އެވެ. މިހުރިހާ އިރު އޭނާއަށް ނުވިސްނުނު އެއްޗެއް ވިސްނިއްޖެ އެވެ. ނާމީ ފެނުމުން އެ ދެލޮލުން އުއްމީދުގެ އަލިކަން ފާޅުވެ ކަރުނައަށް ބަދަލު ވެގެން ދިއައީ ކީއްވެކަން އޭނާއަށް އެނގިއްޖެ އެވެ. ލޫނާ އެހާލުގައި އޮވެވެސް މާހިންއަށް އިޖާބަ ދެމުން ދާ ސަބަބު ވިސްނިއްޖެ އެވެ. މާހިން އަށް ވަރަށް އުނދަގޫވެސް ވެއްޖެ އެވެ.
މާހިން ސޭންޑްވިޗް ނަގާފައި ކާންދޭން މަސައްކަތް ކުރުމުން ލޫނާ ވަރަށް މަސައްކަތުން ކޮންމެވެސް ވަރަކަށް ކައިފި އެވެ. އެއީ ވަރަށް ބޮޑު ބަދަލެކެވެ. އެ ހާދިސާ ދިމާވީއްސުރެ ލޫނާގެ ބައެއް ހަރަކާތްތައް ވަނީ ހުއްޓިފަ އެވެ. އެހެންނަމަވެސް ހިތްވަރުން އެކަން ރަނގަޅު ކުރެވިދާނެކަން ސާބިތު ވެއްޖެ އެވެ.
އެ ހުރިހާ ވަގުތު ތަކެއް ސިއްރުން ބަލަން ހުރި ނާމީގެ ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. އޭނާ މިއަދު އުފަލެއް ނުވެ އެވެ. ހިތުގައި އަނދަމުން ދާ އަލިފާންގަނޑު އެއަށް ވުރެ ބޮޑެވެ. އޭނާގެ ކޮންމެ އުފަލެއް މިދެބޭން ވެގެން ހަލާކު ކޮށް ނިންމައިފި އެވެ.
ޔޫހާ އެތެރެއަށް ވަންނަން އައިއިރު ނާމީ ބޭރަށް ނުކުންނަނީ އެވެ. އެއްޗެއް އަހާލަން އުޅުނު ނަމަވެސް ނާމީ ފުރުސަތެއް ނުދީ ބާރަށް ނުކުމެގެން ދިއައީ އެވެ. ޔޫހާ ބިރުން ހުރެ އެތެރެއަށް ވަންއިރު ފެނުނު މަންޒަރު ހީކުރި ގޮތާއި ހިލާފެވެ. މާހިން ލޫނާއަށް ޖޫސް ފޮދު ދީ ނިމިގެން އަތުގައި ފެންފޮދެއް ހާކާލީ ލޫނާގެ ތުން ދޮއްވާލުމަށެވެ. ލޫނާ އޮތީ އިންތިޒާރުގައި ހެން ހީވެ އެވެ. މާހިންއަށް އުނދަގޫވީ ނަމަވެސް އެކަން ހާމަކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާ ލޫނާގެ އަނގަމަތީގައި ފެންފޮދެއް ހާކާލި އެވެ. އެވަގުތު އެ މަޑުމަޑު ތުންފަތުގެ އަސަރުން މާހިންގެ ހަށިގަނޑުގައި ވެސް ހީބިހި ހިލުވައި ލައިފި އެވެ. ލޫނާއާއި ދިމާއަށް ބަލައިލަން ވެސް މާހިންއަށް ނުކެރުނީ ހަށިގަނޑަށް ކުރި އަސަރު ބޭޒާރު ވެދާނެތީ އެވެ. އަދި އެވަގުތުގައި ލޫނާއަށް ކޮށްފާނެ އެއްވެސް އަސަރެއް އޭނާއަށް އިނގެން ބޭނުން ނުވާތީ އެވެ.
މިހުރިހާ އަސަރުތަކެއް ރީތި ކޮށް ބަލަން ހުރި މީހަކީ ޔޫހާ އެވެ. ޔޫހާގެ ހިތުގައި އުފާވެރި ކަމުގެ ރާގުތައް ކުޅެން ފަށައިފި އެވެ. ކޮއްކޮ އާއި މާހިން އާއި ދޭތެރޭގައި ޖާދޫއެއް ވާކަން އޭނާއަށް ޔަޤީން ވެއްޖެ އެވެ. ކޮއްކޮ އެ ބަލިން ސަލާމަތް ކޮށްދެވޭނެ މީހަކީ ހަމަ އެކަނި މާހިން އެވެ. މާހިންގެ ލޯތްބެވެ. އެކަން އޭނާއަށް މިހާރު ކަށަވަރު ވެއްޖެ އެވެ.
ހޮޓެލްގެ ކޮރިޑޯ ތެރޭގައި ނާމީ ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. ކޮންމެ ފަހަރަކު ބަލި ޤަބޫލު ކޮށް ފަހަތަށް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. މިފަހަރު އޭނާ ކޮންމެވެސް ގޮތެއް ރާވާނެ އެވެ. ނާމީގެ ރުޅިގަނޑު އިތުރު ވަމުން ދިއަ އެވެ. އޭނާ އެމީހުންގެ ހައްޤުގައި ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ! ކުރީގެ އުޅުން ދޫކޮށްލާ އެމީހުން ބޭނުންވާ ފަދަ މީހަކަށް ވާން އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފި އެވެ. އެހެން ނަމަވެސް ހަމަ އެންމެ މީހެއްގެ ހިތުން ވެސް އޭނާއަށް ދޭނެ ކުޑަވެސް ޖާގައެއް ނެތެވެ.
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނާގެ ހިތް މައިތިރި ވެއްޖެ އެވެ. ލޫނާއަށް ވެފައި ވާ ގޮތް މާހިން އަށް އަދި ރަނގަޅަށް ނޭގެނީ އެވެ. ހަޤީޤަތް އެނގިއްޖެ ނަމަ މާހިން ވެސް ލޫނާ ބޭނުމެއް ނުވާނެ އެވެ. ލޫނާގެ އެހުރިހާ ހަޤީޤަތެއް އެނގިހުރެ ލޫނާ ބޭނުން ވާނެ ހަމަ އެކަނި މީހަކަށް ހުންނާނީ ނާމީ އެވެ! އެކަން ނާމީ ސާބިތު ވެސް ކުރާނެ އެވެ.
ކޮރިޑޯގެ އެންމެ ދުރުގައި ހުރި ކޮޓަރީގެ ދޮރަށް ތަޅުދަޑި ޖެހި އަޑަށް ނާމީ ބަލާލި އެވެ. އޭނާ އެހުންނަނީ އެވަގުތުގެ އިންތިޒާރު ގައެވެ. މާހިން އަންނަން ދެންނެވެ.
" މާހީ!"
ނާމީ ބާރަށް ގޮވާލަމުން އަތް ހިއްލާލި އެވެ. މާހިން ނާމީ އާއި ދިމާއަށް ހިނގައި ގަތެވެ. ނާމީއާއި އެކު ކޯފީޝޮޕަށް ގޮސްލަން އޭނާވެސް ބޭނުން ވިއެވެ. ކޮންމެވެސް އެހެން ދިމާއަކަށް ސިކުނޑި ދޫކޮށްލަން އޭނާވެސް ބޭނުން ވެފައި ހުރި ވަގުތެކެވެ.
" މިހާރު ލޫނާ ކިހިނެތް؟"
މާހިން އަރާ ހަމަވުމުން ނާމީ އެހި އެވެ. މިއަދު ލޫނާގެ ވާހަކަ ދައްކަން މާހިންއަށް ދަތިވި އެވެ.
" ކޮފީޝޮޕަށް ގޮސްލަމާ!"
ނާމީގެ ބުރަކަށީގައި އަތް ޖައްސާލަމުން މާހިން ހިނގައި ގަތުމުން ނާމީވެސް އާދައިގެ ގޮތެއް ދައްކަމުން ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާ ދައްކަން ބޭނުން ވާހަކަ އެންމެ ހިނދުކޮޅެއްވެސް ލަސް ކުރާކަށް އޭނާ ނަހަދަ އެވެ.
" އިނގޭދޯ ލޫނާއަށް ރޭގަ ފިޓް ޖެހުނުކަން!"
ނާމީ މާހިންގެ ސަމާލުކަން އަތުލައި ގަތެވެ.
" ނޯ!"
މާހިން ކުޑަ ހައިރާން ކަމަކާއި އެކު ނާމީއަށް ބަލައިލި އެވެ.
" އަނ.... އެއީ މަށަށް ހެދުނު މިސްޓޭކެއް! މިވާހަކަ އެކަކު ކައިރީވެސް ނުބުނައްޗޭ!"
ނާމީގެ ވާހަކަ ދިއަ ގޮތުން މާހިންގެ ޝައުގުވެރިކަން އިތުރުވި އެވެ. އޭނާ ހުއްޓުނެވެ.
" އަހަރެން ހިއެއް ނުކުރަން އެ ހާދިސާގެ ވާހަކަ އިވުނީމަ ލޫނާއަށް އެވަރު ވާނެ ކަމަކަށް.... އަހަރެންނަށް ޝަމްސުގެ ވާހަކަ ފެށުނީ..... އޭނަ އެ ހާދިސާ ހަނދާންވީ! ހަމަ ވަގުތުން ފިޓް ޖެހުނީ!"
" އޯހް! ޔޫ ހޭވް ޓް ބީ ކެއަރފުލް. މިދަޑިވަޅުގަ ނުވާނެ ބިރުގަންނަ ވާހަކަ ތައް ދައްކާކަށް....!"
މާހިން އެހެން ބުނަމުން ހިނގައިގަތެވެ. މާހިންގެ ޝައުޤުވެރިކަން ކުޑަވެއްޖެހެން ހީވުމުން ނާމީ ވަގުތުން ސަމާލުކަން ހޯދި އެވެ.
" އޭރަކު މަށަކަށް ނޭގެއޭ އޭނައަށް ޝަމްސް ހެދި ގޮތެއް. މަށަށް ކިހިނެތް އިނގެނީ ޝަމްސް އޭނަ ރޭޕް ކުރި ކަމެއް!"
ހިނގަ ހިނގާހުރި މާހިންގެ ދެފައި ބިންގަނޑުގައި ހަރުލުމާއި އެކު ފައި ދަށުން ބިންގަނޑު ދެމިގެން ދިއަ ކަހަލަ އެވެ!