" އަހަރެންގެ މަންމަ އޮތީ މެމޯ ކްލިނިކްގަ ކޯމާ އެއްގަ! ކޮއްކޮ ލޫނާ ހުންނާނެ އެތާ....! ބޮޑުބޭބެ ހަސަން ޝަރީފް ރ. އަލިފުށި ކޮކާގެ. އަހަރެން މިތަނަށް ގެނައީ އޭނަ!" 
އަވަސް އަވަހަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޔޫހާ މަސައްކަތް ކުރި އެވެ.
" ތީ ކޮންތަނެއް؟ ތި ތަނުގެ ނަން އިނގޭތަ....؟"
ޔޫހާއާ އެއްވަރަށް ނާމީގެ ހިތްވެސް ވަނީ އަވަސް ވެފަ އެވެ.

ޔޫހާ ތެދުވެ ކުޑަ ދޮރުން ބޭރު ބަލާލި އެވެ. އޭނާ އަކަށް އެތަނުގެ ނަމެއް ނޭގެ އެވެ. އެހެން ނަމަވެސް ދުރުން ފެންނަން ހުރި އިމާރާތް ތަކުގެ ބައެއް ނަން ބޯޑުތައް ރީތި ކޮށް އެބަ ފެނެ އެވެ. 
" މިތާގެ ނަމެއް ނޭގެ. އެކަމު ޖެހިގެން ހުރި އުސް އިމާރާތަކީ ބެންގަލޯ ސްޓޭ 5، މި އިމާރާތް ހުރީ ބެންގަލޯ ސްޓޭ 5 އާ ޕާރކް އިން އާ ދޭތެރޭގަ. މީ ފަސް ވަނަ ބުރި. "

ޔޫހާއަށް އިނގޭ ހުރިހާ އެއްޗެއް ނާމީ އަށް ކިޔައި ދިނެވެ. އެންމެ ހަލުވި ސްޕީޑްގައި ކަމެއް ކުރެވޭނެ ގޮތަކާއި ދޭތެރޭގައި ނާމީ ވިސްނާލި އެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފި ނަމަ އެ އަންހެން ކުއްޖާގެ ދުވަސް ދާނެ އެވެ. އެހެން ނަމަވެސް އޭނާއަށް އެކަން ކުރެވޭނީ ކިހިނެތް ހެއްޔެވެ! މީހަކާ ގުޅާލެވޭނީ ވެސް ފޯނު ބާއްވައިގެން ނެވެ.

" އިހަށް އަހަރެން ފޯނު ބާއްވަންތަ.... އެބަގުޅަން....!"
" ނޫން.....ނޫން....ޕްލީސް...!"
ޔޫހާއަށް ރޮއި ގަނެވުނެވެ. އެމީހާ ފޯނު ބާއްވައިފި ނަމަ ޔޫހާ އަށް ދެން ނުގުޅަފާނެތީ ޔޫހާ ބިރުގަތެވެ. ޔޫހާގެ އަތުގައި އޮތް ފޯނުން ދެން ނުވެސް ގުޅޭނެ އެވެ.
" ޕްރޮމިސް އަހަރެން އަދި ގުޅާނަން!"
ނާމީ ޔަގީން ކަން ދިނެވެ. 
" ފޯނު ބާއްވައިގެން އަހަންނަށް އެހެން ކަމެއް ކުރެވޭނީވެސް ، އަންގަންވާ ފަރާތަކަށް އެންގޭނީވެސް....! އިނގޭ...!"
އޯގާތެރި ކަމާއި އެކު ނާމީ އެބުނި އެއްޗަކަށް އިތުބާރު ކުރުން ނޫން ގޮތެއް ނެތެވެ. ނާމީ ފޯނު ކަނޑާލުމުން ޔޫހާ ވަރަށް ހިތްދަތިވި އެވެ. އުއްމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލުމަށް ފަހު ނިވިގެން ދިއަ ފަދަ އިޙުސާސެއް ކުރެވުނެވެ. ޔޫހާ ގާތުގައި މީހަކު ހުއްޓާ އެ ފޯނަށް މީހަކު ގުޅިޔަސް ދުވަސް ދިއައީ އެވެ. ޔޫހާ ފޯނު ރަނގަޅަށް ބަލާލި އެވެ. ރިންގް އޯފް ކޮށްލަން އޭނާއަށް އިނގޭނެބާ އެވެ. ވަރަށް މަސައްކަތުން ރިންގް އޯފް ވެއްޖެ އެވެ. އެހެން ނަމަވެސް ވައިބްރޭޓް ނުވާ ގޮތް ހަދާކަށް ނޭގުނެވެ.

ނާމީ ފޯނު ބޭއްވުމަށް ފަހު ކާރަށް އަރާ ސްޓާރޓް ކޮށްލި އިރު އޭނާގެ ސިކުނޑި މަސައްކަތް ކުރަމުން ދިއައީ އުނދަގޫ ވާވަރަށެވެ. ނާމީ އެދިޔަ ގޮތަށް ދިއައީ ފުލުސް އޮފީހަށެވެ. މައްސަލަ ޕޮލިހަށް ރިޕޯޓް ކުރުމަކީ އޭނާ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މައްސަލަ ރިޕޯޓް ކުރަން ދިއަ ވަގުތު ފެނުނީ ޕޮލިހުގެ ބަޔަކާއި އެކު ޑީސީޕީ ކާރަށް އަރަނިކޮށް ނެވެ. މައްސަލައިގެ ސީރިއަށް ކަމުން މިވަގުތު އެންމެ ރަނގަޅުވާނީ ޒުހުރީގެ އެހީ ހޯދުނިއްޔާކަން ނާމީއަށް އެނގުނެވެ. ޑީސީޕީގެ ކާރުގެ ފަހަތުން ނާމީގެ ކާރުވެސް ދުއްވަން ފެށި އެވެ. 

ޑީސީޕީގެ ކާރު ގޮސް މަޑުކޮށްލީ ޓްރޭޑަރސް ހޮޓެލް ގެ ދޮރު މައްޗަށެވެ. ހީވާ ގޮތުން ޓްރޭޑަރސް ގައި ކޮންމެވެސް ރަސްމީ ބައްދަލުވުމެއް އޮތީ އެވެ. އެހެން ވިއަސް ވަރިހަމަ އެވެ. ނާމީގެ ކާރު މަގުމެދަށް ހުއްޓާފައި ނާމީ އަވަހަށް ކާރުން ފޭބީ ޒުހުރީ އެތެރެއަށް ވަނުމުގެ ކުރީން އަތުލައި ގަތުމަށް ޓަކަ އެވެ.

" ސަރ!"
ކާރުން ފޭބުމާއި އެކު ނާމީ ބާރަށް ގޮވާލި އެވެ. ކާރުން ފޭބި ޒުހުރީއަށް އެއަޑު ނީވުނު ނަމަވެސް ކައިރީގައި ތިބި ޕޮލިހުންނަށް ނާމީ ފެނުނެވެ.
" ސަރ! ޒުހުރީ! "
ދުވެފައި ގޮސް މަގު ހުރަސް ކޮށްލި ނާމީގެ ގައިގައި ޕޮލިހުންގެ ދެމީހަކު އަތް ޖައްސާލީ ނާމީ ހުއްޓުވުމުގެ ގޮތުންނެވެ. 
" ޒުހުރީ އަންކަލް!"
ނާމީ ޕޮލިސް މީހާގެ އަތް ފޮޅުވާލަމުން ބާރަށް ގޮވާލި އަޑު ޒުހުރީގެ ކަންފަތުގައި ޖެހުނެވެ. އޭނާ ޓްރޭޑަރސްގެ ދޮރުން އެތެރެއަށް ވަނުމުގެ ކުރީން ހުއްޓި ފަހަތް ބަލާލި އެވެ. ނާމީ ފެނުމުން ޒުހުރީ ބަލާލި ގޮތުން ނާމީއަކީ އޭނާގެ ގާތް ކުއްޖެއްކަން އެތަނުގައި ތިބި މީހުންނަށް ކަށަވަރު ވިއެވެ. ނާމީ އަވަސް އަވަހަށް އައިސް ޒުހުރީ ގާތަށް ހުއްޓުނެވެ. ހާސް ކަމާއިއެކު ނާމީ އެދެއްކި ވާހަކައަކީ ޒުހުރީވެސް ހާސްކޮށްލި ވާހަކަ އެކެވެ. އެ ކަމަކީ ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަކަށް ވުމުން އެ މައްސަލަ ރަނގަޅަށް ބަލާ އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ވަގުތުން ކުރުމަށް ޒުހުރީ އެންގި އެވެ. ކަން ހިނގި ގޮތް ތަފްސީލާއި އެކު ފުލުހުންނަށް ކިޔާދީފައި ނުކުމެ ކާރަށް އަރާ ހަމަ ޖެހިލި އިރުވެސް ނާމީގެ ހިތް ހަމަޖެހޭ ގޮތެއް ނުވި އެވެ. ބަޔަކާ ހަވާލު ކޮށްފައި އަޅާނުލާ ހުރެވޭކަށް ނެތެވެ. ނާމީ އޭނާގެ ސެކެޓްރީ ރީމާ އަށް ގުޅާލި އެވެ. ނާމީ ރީމާއަށް އެންގީ ލަންކާއަށް ނަގާފައިވާ ޓިކެޓް ކެންސަލް ކުރުމަށް ފަހު އެންމެ އަވަހަށް ބެންގަލޫރަށް ފުރާ ފްލައިޓަކުން ޓިކެޓް ނަގާށެވެ. އަދި އެވަރަކުން ވެސް ނާމީ ގެ ހިތްހަމަ ޖެހޭ ގޮތެއް ނުވި އެވެ. އެއްވެސް މީހަކާއި ދޭތެރޭގައި އިތުބާރެއް ނެތެވެ. ކަންތައްތައް ބާރު ސްޕީޑްގައި ގެންދަން މަޖުބޭރު ކުރުވަން ވެސް އެބަ ޖެހެ އެވެ. ނިއުސް ރިޕޯޓަރ ޝީޒާ އަށް ނާމީ ގުޅާލުމަށް ފަހު އޭނާއަށް ދިމާވި ހާދިސާ ތަފްސީލް ކޮށް ކިޔައި ދިނެވެ. ދެން އޭނާ ވަރަށް ބިރުން ހުރެ ޔޫހާގެ ފޯނަށް ގުޅާލި އެވެ. ހަމަ ރިންގް ވެލުމާއި އެކު ޔޫހާ ފޯނު ނެގި އެވެ.

" ހަލޯ!"
ޔޫހާގެ ބިރުގެންފައިވާ ނިކަމެތި، ވައި އަޑު ނާމީގެ ކަންފަތުގައި ޖެހުނެވެ.
" އަހަރެން މިހާރު ޕޮލިހަށް އަންގައިފިން.... ވަރަށް އަވަހަށް ތިކޮޅު ޕޮލިހުން މަސައްކަތް ފަށާނެ. އަހަރެންވެސް މިދަނީ ބެންގަލޫރަށް. ކަނބޮޑު ނުވާތި ހިތްވަރު ކޮށްލާ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ!" 
" އެމީހުން އަހަރެން އެހެން ތާކަސް ގެންދާ ވާހަކަ އެބަ ދައްކާ!"
ޔުހާގެ އަޑު އިވިފައި ނާމީ މަޑު ޖެހުނެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ! ނާމީ ދާން ވާއިރަށް އެމީހުން ޔޫހާ އެހެން ތާކަށް ގެންގޮސް ފިއްޔާ ނާމީ ޔޫހާ ހޯދާނީ ކިހިނެތް ހެއްޔެވެ!
" އެމީހުން އުޅެނީ އެހެން މީހަކަށް އަހަރެން އަގު ބޮޑުކޮށް ވިއްކާލަން! "
ޔޫހާ އަނެއްކާވެސް ބުންޏެވެ. މަޑުމަޑުން ތުރުތުރު އަޅަމުން ވާހަކަ ދެއްކި އިރު ޔޫހާގެ އަޑު ސާފް ވަނީވެސް ވަރަށް ވިސްނައިގެން އިން ކަމުންނެވެ.

" އެހެން ވިއްޔާ މިހާރު އަވަހަށް ތި ފޯނު ނިއްވާލާފަ ފޮރުވާ.... ދެން އަހަރެންނަށް ދެވޭހާ އިރު ކޮށްފަ އޮން ކުރޭ... އެހެން ނޫނީ ޗާރޖް ހިނގާދާނެ! އެމީހުން ޔޫހާ ތާކަށް ގެންދަންޏާ ދާ މަގުމަތީގަ ބަލާތި ކޮންތާކަށް ތޯ ދެވެނީ. އަހަރެން ނަށް ތިކޮޅަށް ދެވުނުހާ އަވަހަކަށް ތި ނަންބަރަށް ކްރެޑިޓް އަޅާދޭނަން. އޭރުން އަހަންނަށް ތި ކޮޅުން މެސެޖެއް ކުރާނީ. ނޫނީ ގުޅާނީ!'
ނާމީ ރަނގަޅަށް ރާވާލި އެވެ. ޔޫހާގެ ހިތަށް ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނެވެ. 
" އަހަރެންނަށް ކިޔަނީ ނާމީ.... ދެން ފޯނު ނިވާލާ އަވަހަށް!"
އެހެން ބުނެފައި ނާމީ ފޯނު ކަނޑާލި އެވެ.

ނާމީ ފޯނު ބޭއްވުމުން ޔޫހާ ލޯ މަރާ ލަމުން ދުޢާ ކޮށްލި އެވެ. އޭނާ ސަލާމަތް ކުރަން ބަޔަކު އައުމުގެ ކުރީން އޭނާ އެތަނުން އެހެން ތާކަށް ނުގެން ގޮއްސިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

މާހިން ކޮފީއެއް ހަދާލައިގެން އައިސް ސޯފާގައި ޖައްސާލި ވަގުތު ސަން ނޫހުން ފޯނަށް އަޕްޑޭޓެއް އައެވެ. އާންމުކޮށް އެހެން އަންނަ ކޮންމެ ޚަބަރެއް ކިޔާކަށް ނުވެސް އުޅެވެ އެވެ. އެހެން ނަމަވެސް ސުރުހީތަށް ކިޔާލުމަކީ އާދަ އެކެވެ. ފޯނުގައި ވާ އެއްޗެއް ކިޔާލުމާއި އެކު އެ ޚަބަރު ކިޔާލުމުގެ ޝައުގު ވެރިކަން ބޮޑުވި އެވެ. ނޫހުން އެ ޚަބަރު ކިޔާލެވުނު އިރު އޭނާ ހުރީ ދާހިއްލާ ފޯވެފަ އެވެ. ދުއްވައި ގަނެވުނީ ބޭބެގެ ކޮޓަރިއާއި ދިމާއަށެވެ. ބޭބެ ކޮޓަރިއަކު ނެތެވެ. ފޯނުން ގުޅަމުން ސިޑިން ފައިބައިގެން ތެޅެމުން ފޮޅެމުން ސިޓިންގް ރޫމަށް ނުކުތް އިރު ސޯފާގައި ބޭބެ އިނެވެ. 

" ބޭބޭ! "
މާނޭވާ ލެވިފައި ހުރި މާހިން ފެނުމުން ދާއިންގެ ހިތް ތެޅިލި އެވެ.
" ކީއްވެތަ ފޯނު ނުނަގަނީ....! ބަލާލަބަލަ ސަން ނޫސް! އެއޮތީ ޔޫހާގެ ވާހަކަ! "
އެއަޑު އިވިފައި ދާއިންގެ ކަކުލުންވެސް ހީބިހި ނަގައިގެން ދިއަ އެވެ. އޭނާ އަވަސް އަވަހަށް މޭޒުމަތީގައި ހުރި ލެޕްޓޮޕާ ގާތަށް ޖެހިލިއިރު މުޅި މީހާ ވަނީ ގަނޑުވެފަ އެވެ.
" ޔޫހާ ހުރީ އިންޑިއާ ބައެއްގެ އަތް ދަށުވެފަ. އޭނައަށް ކޮންމެސް މާލޭގެ ނަންބަރަކާ ގުޅުނީ........ ސަންގަ އެއޮތީ އެމީހާ ދިން މައުލޫމާތު!"
ސަންއިން އެ ޚަބަރު ހޯދަމުން ދިޔައިރު މާހިން ވާހަކަ ދައްކަމުން ދިއަ އެވެ. ދާއިން އެ ޚަބަރު ކިޔާ ނިމުނު އިރު ބިންމަތީގައި އޭނާގެ ފައިވެސް ހަރު ނުލަ އެވެ. އޭނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިއަތަން މާހިންއަށް ފެނުނެވެ. 

"ހައި!"
ގޭތެރެއަށް ވަދެގެން އައި ޔާނާގެ އަޑު އިވުމުން ދެމީހުންވެސް ސިހުނެވެ. މިދަނޑިވަޅުގައި ޔާނާ ވައްޓާލީތީ އެމީހުން ކަންބޮޑު ވިއެވެ.
" އޮފީހަށް ދަމުން މިއައީ އަހަރެން މަންމަ ދިން އެއްޗެއް ދާއިން މަންމައާ ހަވާލު ކުރަން.!"
އެހެން ބުނަމުން ޔާނާ ކަރުދާސް ކޮތަޅެއް މާހިންއަށް ދިއްކޮށްލި އެވެ. 
" ލަސްވެގެން މިދަނީ ފަހުން ގުޅާނަން...!"
އެހެން ބުނެފައި ޔާނާ ދާން ހިނގައި ގެން ކަން ނަސީބެވެ. ދާއިން އަނެއްކާވެސް ކޮމްޕިއުޓަރާ ދިމާއަށް ގުދުވެލި އެވެ. ތަކުރާރު ކޮށް އޭގައި ވާ ބައެއް އިބާރާތް ކިޔާލަން އޭނާ ބޭނުން ވިއެވެ.

" ބައި ދަ ވޭ....!"
އަނެއްކާވެސް ޔާނާގެ އަޑު އިވުނެވެ. ދާއިން ޔާނާގެ ވާހަކައަށް ސަމާލު ކަން ނުދިނަސް މާހިން ޔާނާއަށް ބަލައިލި އެވެ.
" އެ އަރޓިކަލް ދޯ ތިކިޔަނީ....! ސަންގަ އިން އާރޓިކަލް! މާލޭ ކުއްޖަކު...އިންޑިއާގަ.... "
ދާއިން ޔާނާއަށް ބަލާލިއިރު ޔާނާ ހުރީ ހިނިއައިސްފަ އެވެ. އެ އާރޓިކަލްގައި ހިނިއަންނަން ޖެހޭ ވަރުގެ އެއްޗެއް އެބައޮތް ހެއްޔެވެ! ދާއިން ވަރަށް ހިތްހަމަ ނުޖެހުނެވެ. 

" އިނގޭތަ ހީރޯ އަކީ ކާކުކަން! ދަ ގްރޭޓް ނާމީ...!"
ދާއިން އަކަށް ނުވިސްނުނެވެ. މާހިން ވެސް ބޭބެއަށް ބަލާލީ ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ.
" ތި މައުލޫމާތު ދިނީ ނާމީއޭ! އެ ކުއްޖާއަށް އޮޅިގެން ގުޅުނީ ނާމީގެ ފޯނަށޯ. ބައްޕަ ބުނީ ޓްރޭޑަރސް ދޮރުމަތިން ނާމީ ބައްޕައާ ދިމާ ކޮށްފަ އެވާހަކަ ކިޔާދިން އިރު އޭނަ ހުރީ ވަރަށް ކަންބޮނޑު ވެފަޔޯ!"
ޔާނާ ގާތުގައި އަހަން ބޭނުން ގިނަ ވާހަކަ ތަކެއް ހުރި ނަމަވެސް ދާއިންއަށް އަނގައިން ބުނެވޭ ގޮތެއް ނުވި އެވެ.
" ކިހިނެކޯ ވަނީ؟ ބައްޕަމެން އެކަމާ އެބައުޅޭތަ؟.... އެކުއްޖާ ހުރި ތަނެއް އިނގޭތަ؟"
ވާހަކަ ދެއްކީ މާހިންއެވެ.
" އެކަމާ އުޅޭނެ ދޯ! މަށަކަށް ވެސް އިތުރު މައުލޫމާތެއް ނޭގެ...! ނާމީ އަށް ގުޅާބަލަ! "
އެހެން ބުނެފައި ޔާނާ ދާން ހިނގައި ގަތީ އެވެ. 

ޔާނާ ހިނގައި ގަންނަ އިރަށް ދާއިން އަވަސް އަވަހަށް ނަމީއަށް ގުޅާލި އެވެ. އެހެން ނަމަވެސް އޭނާގެ ފޯނު ވަނީ ނިއްވާލާފަ އެވެ. އޮފީހަށް ގުޅުމުން އެނގުނީ އޭނާ ބެންގަލޫރަށް ފުރައިފި ކަމެވެ. ދާއިން އަނެއްކާވެސް ސަންގައި ވާ އާރޓިކަލް އަށް ބަލާލި އެވެ. 
" އަހަރެން މިތަނަށް ދާން ބޭނުން! މި ބިލްޑިންގް ހޯދޭނެ އަހަރުންނަށް ވެސް!"
ދާއިން ބޭނުން ވީ އެންމެ އަވަހަށް ފުރާ އެއްޗަކުން ނައްޓާލާށެވެ. ބޭބެ އެކަނި އެތަނަށް ފޮނުވާކަށް މާހިން އަކަށް ނުކެރުނެވެ. އޭނާވެސް ދާއިން އާއި އެކުގައި ދާން ނިންމި އެވެ. މިމީއާ ބައްދަލު ކުރުން ފަހުގެ ދުވަހަކަށް ލަސް ކޮށްލީ އެވެ.

އިރު އޮއްސުނު އިރުވެސް ލޫނާ އަށް ފޯނެއް ކުރެވޭ ގޮތެއް ނުވެ އެވެ. މިއަދު މަންމަގެ ނޭވާގައި މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރ ބުނި ފަހުން މަންމަ އެކަނި ބާއްވާފައި އެންމެ ހިނދު ކޮޅަކަށް ވެސް ދުރަށް ދާކަށް ނުކެރުނެވެ. ހާސްކަން އިތުރުވެފައި ވަނީ އިންތިހާ އަށެވެ. އެކަނި މާއެކަނި އެ ހިތާމައާ ކުރިމަތި ލާން ޖެހުމުން ސިކުޑިއަށް މާ ބޮޑަށް ބުރަ ވެއްޖެ އެވެ. ދައްތަވެސް ނެތިސް މަންމައަށް ގޮތެއް ވެއްޖެއްޔާ ލޫނާ މޮޔަވެދާނެ އެވެ. އެންމެ ހިނދު ކޮޅަކުވެސް ލޫނާއަށް ހިމޭނުން އިނދެވޭ ގޮތެއް ނުވެ އެވެ. އޭނާ އަށް ދެކޮޅަށް ހިނގެނީ އެވެ. ތެޅި ފޮޅެނީ އެވެ. އެހެން އުޅެނިކޮށް ފެނުނީ ޝަރީފްބޭ ވަރަށް ބާރަށް ހިނގާފައި އަންނަ ތަނެވެ. އޭނާއާ އެކުގައި ބޮޑު ދެފިރިހެނުން ވެސް އަންނަ ތަން ފެނުނެވެ. ލޫނާއާއި ދިމާއަށް އެ ތިން މީހުން ހިނގާފައި އައި ގޮތުންވެސް ލޫނާގެ ހިތް ބިރުން ތެޅެން ފަށައިފި އެވެ. ޝަރީފްބޭ އެއައި ގޮތަށް އައިސް ލޫނާގެ އަތުގެ ކުޑަ ހުޅުގައި ބާރަށް ހިފެހެއްޓި އެވެ.

" ރުހުމުގަ ދަންޏާ ދާންވީ.... ނުދާން އުޅެންޏާ ފުނޑާލާފަ ވެސް ގެންދާނަން!"
އެހެން ބުނުމާއި އެކު ލޫނާއަށް ޖަވާބު ދޭނެ ފުރުސަތުވެސް ނުލިބުނެވެ. ކައިރީގައި ހުރި ބޮޑު ވަރުގަދަ މީހާ ލޫނާގެ އުނަގަނޑުގައި ހިފާ އުފުލާލި ގޮތަށް އޭނާގެ ކޮނޑުމައްޗަށް ލޫނާ އެއްލީ އެމީހުން އާންމުކޮށް ކަރުގައި އޮޅަން ގެންގުޅޭ ފޮށާގަނޑު ފަދައިންނެވެ. ލޫނާ ހަޅޭއް ލަވަމުން ގަދަ ހަދަމުން ދިއަ މަންޒަރު ބަލަން އެކި ހިސާބު ތަކުގައި މީހުން ތިބި ނަމަވެސް އެއިން އެކަކުވެސް އެހީއެއް ވާކަށް ނޫޅެ އެވެ. އެމީހާ އެ ގެންދިއަ ގޮތަށް ގެންގޮސް ލޫނާ އެއްލީ ބޭރުގައި އޮތް ކުޑަ ބަހުގެ ފަހަތު ސީޓަށެވެ. ސީޓުގައި ޖެހުމާއިއެކު ލޫނާ ފުންމައިގެން ތެދުވި ވަގުތު ދެފަރާތުން ދެމީހުން އަރާ އިށީނުމާއި އެކު ބާރަށް ބަސް ދުއްވާލައިފި އެވެ. ކުރީ ސީޓުގައި ޑްރައިވަރާ ޖެހިގެން ޝަރީފްބޭ އިންކަން އެނގުނީ އޭނާ ވާހަކަ ދައްކަން ފެށީމަ އެވެ.

" ކަލޭ އަތަށް ލާރިކޮޅެއް ދޭއިރަށް ތާކަށް ވަދެ ޕޮލިހަށް ގުޅީދޯ! ލާހިކެއް ނޫން ޕޮލިސް އަހަރެން އަތުލައި ގަންނާކަށް.... އޭގެ ކުރީގަ މަ ކަލޭ ވެސް ވިއްކާލާނަން!"
ކިތަންމެ ވަރަކަށް ލޫނާގެ ހިތް ބިރުގަތަސް ކުރެވޭނެ ކަމެއް ނެތެވެ. ދެ ލޯ ބޮޑު ކޮށްލި ގޮތަށް ނޭވާ ހިފެހެއްޓިފައި އޭނާއަށް އިނދެވުނީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. ޝަރީފްބޭ ދޮންތީވެސް ވިއްކާލީ އެވެ. ލޫނާ ވިއްކާލާނީ ކާކަށް ބާއެވެ! ޕޮލިހަށް ގުޅި ވާހަކަ އެބުނީ ޕޮލިސް ޝަރީފްބޭ ހޯދަން އުޅޭތީ ބާއެވެ. ދުރުން ސައިރަން އަޅާފައި އަންނަ ވެހިކަލްގެ އަޑަށް ލޫނާއަށް ސަމާލުވެ ލެވުނީ ޝަރީފްބޭ ހަޅޭއްލަވައި ގެން އަޑަށެވެ.

" ސްޕީޑް! "
ސިއްސައިގެން ގޮސްފައި ޑްރައިވަރު ކުއްލިއަކަށް ބާރު ކޮށްލި ސްޕީޑާއި އެކު ކޮންޓުރޯލް ނުވެގެން ދިއަ ބަސް އެދިޔަ ގޮތަށް ހައިވޭއިން ކަހާލައިގެން އެވެއްޓުނީ ތިރީގައި އޮތް ފުން ކޯރުގެ ތެރެއަށެވެ.

ދާއިންއާ މާހިން އަށް އެއަރޕޯޓުން ނުކުމެވުނު އިރު އިރު އޮއްސިއްޖެ އެވެ. އެއަރޕޯޓް ކެބެއް ނަގައިގެން އެމީހުން ނައްޓާލީ ސީދާ އެ ދިމާއަށެވެ. ހޮޓެލް ޕާރކް އިން އަށެވެ. ގާތްގަޑަކަށް ބައި ގަޑިއިރު ދަތުރު ކުރުމަށް ފަހު ދުއްވަމުން ދިއަ މަގު ބަދަލު ކޮށްލަން ޖެހޭކަން އެނގުނީ އެ މަގު ބަންދު ކޮށްފައި ވާތީ އެވެ. ދުރުން ސިފައިންގެ ބަހާއި އެންބިއުލޭންސް ގެ އިތުރުން އެއްވެފައިވާ މީހުން ފެނުމުން އެތަނަށް ފައިބަން މާހިން ބޭނުން ވީ ކީއްވެ ކަމެއް ނޭގެ އެވެ. 

ކޮމެންޓް 0