ދިގު ދަތުރަކަށް ފަހު ރަންވޭ މައްޗަށް ބޯޓު ތިރިކޮށްލި އިރުވެސް ދާއިން އަށް އިނީ ނިދިފަ އެވެ. އޭނާއަށް ހޭލެވުނީ ވަރަށް ގާތުން "އެކްސްކިއުޒް މީ" އޭ މީހަކު ބުނެލި އަޑަށެވެ. އޭރު ޖެހިގެން އިން ސީޓުގައި އިން ދޮން ބޮޑު އަންހެން މީހާއަށް ނުނިކުމެވިފައި އިނެވެ. 

ދާއިން ބޯޓު ތެރެއަށް ނަޒަރު ހިންގާލި އިރު ބޯޓުގެ ގިނަ ޕެސެންޖަރުން ވަނީ ބޯޓުން ފައިބާ ނިމިފަ އެވެ. ބޯޓު އެއޮތީ ހުޅުލޭ އެއަރޕޯޓްގައި ކަން އޭނާއަށް އެނގުނީ ދެނެވެ. އޭނާއަށް މާ ގަދައަށް ނިދުނީ އެވެ.

" އޯ ސޮރީ! "
ދާއިން ފުންމައިގެން ތެދުވެ އެމީހާ ނުކުންނަން ތަން ދެއްކި އެވެ. 
" ނޯ ވޮރީސް! "
ކެތެރީން ހިނިތުން ވުމަކާއި އެކު ބުނެލި އެވެ. ކެތެރީން އަކީ މެލޭޝިއާ އިން ބޯޓު ނައްޓާލި އިރު އެ ސީޓަށް އައި ޓްރާންސިޓް ޕެސެންޖަރ އެކެވެ. ދާއިން ފަދައިން ކެތެރީން ވެސް ދަތުރު ފެށީ އޮސްޓްރޭލިއާ އިންނެވެ. ދަތުރުމަތީގައި ދާއިންއަށް ކެތެރީން އާ ހިސާބަކަށް ވާހަކަ ދައްކާލެވުނެވެ. ވަރަށް މަޖާ އަންހެނެކެވެ. މިއީ ކެތެރީން މާލެ އައި ފުރަތަމަ ފަހަރެވެ. ދާއިން އަކީ ކެތެރީން މާލެއަށް އެކުރާ ދަތުރުގައި ފުރަތަމަ ލިބުނު ދިވެހި އެކުވެރިޔާ އެވެ. ޔޫއެންގެ ޕްރޮޖެކްޓަކަށް މާލޭގައި ދުވަސް ކޮޅަކު މަޑުކޮށްލަން އައި ކެތެރީން އިނީ ދަތުރު ކުރު ކޮށްލުމަށްޓަކައި ދާއިންއާ އަނގަތަޅާލަން ބޭނުން ވެފަ އެވެ. އެހެނަސް ވެފައިވާ ވަރުބަލި ކަމާއި އެކު ދާއިން އަށް ނިދުނީ އެވެ.

" ޕްލީސް ބީ އިން ޓަޗް! "
ކެބިން އިން ދަބަސް ނަގައިގެން ހިނގައި ގަންނަމުން މެދު އުމުރުގެ ކެތެރީން ދާއިންނަށް ވިންކެއް ދިނެވެ.
" ޔަ.. ޝުއަރ....!"
އަވަސް އަވަހަށް ދާއިން ބުނެލި އެވެ. ދާއިން ހުރީ ހިސާބަކަށް ލަދުވެސް ގެންފަ އެވެ. ދާއިންގެ ކާޑް ކެތެރީން އަށް ދިން ނަމަވެސް ކެތެރީނަށް ދޭންވާ ސަމާލު ކަމެއް ޙަޤީޤަތުގައި ދާއިން އަކަށް ނުދެވުނެވެ. 

ބޯޓުން އެންމެ ފަހުން ފޭބުނު މީހާ ކަމުން ދާއިން ލައްވާލީ ދިގު ކިއޫގެ އެންމެ ފަހަތުގަ އެވެ. އެތަނުގައި އިރުގަނޑެއް ނެގި އެވެ. އާދައިގެ މަތީން އިމިގްރޭޝަން ކައުންޓަރުގައި އިން އަންހެން ކުއްޖާ އެހާ ތަތެވެ. ދުނިޔޭގެ އެހެން ތަންތަނާއި މީހުން ހަލުވި ސްޕީޑްގައި ތަރައްގީ ވަމުން ދިއަ ނަމަވެސް ރާއްޖެ އަދިވެސް ހަމަ ފިރުކެނީ އެވެ. ބައެއް އަމިއްލަ މީހުންނާ ވިޔަފާރި ވެރީން ހިސާބަކަށް ކުރި އަރާފައި ވީ ނަމަވެސް ސަރުކާރު އަދިވެސް އެއޮތީ ކާބަފައިންގެ ޒަމާނުގަ އެވެ. ވާނީ ވެސް އެހެންނެވެ. ގައުމަށް ވަފާތެރި ވެރިއަކުވެސް ނެތް ތަނެކެވެ. އެންމެން ވެރިކަމާއި ހިފަހިފާ ތިބެނީ އެވެ. ކެމްޕޭނުގައި އެ ކުރާ ވައުދުތައް ހަނދާން ވަނީ އަނެއް ދައުރަށް ހަނދު ބެލީމަ އެވެ. ދެން އަނެއްކާވެސް ޖެހެނީ އާ ގޮތަކަށް ބޮޑު ވައުދު ތަކެއް ކޮށްގެން ކުރިއަށް އޮތް ފަސް އަހަރު ހިމާޔަތް ކުރެވޭތޯ ބަލާށެވެ. "މެނިފެސްޓޯ" ގެ ނަމުގައި ޑޮކިއުމެންޓެއް ވިއްކަން މަސައްކަތް ކުރާށެވެ. މި އާދަކާދަ ދެމިގެން ދާހާ ދުވަހަކު މި ނޫން ގޮތެއް މި ޤައުމަކަށް ނުވާނެ އެވެ. މި ކަން ތަކުރާރު ވަމުން ދާއިރުވެސް ޤައުމުގެ ރައްޔިތުން ހޭއަރާކަށް ނޫޅެ އެވެ. ދާއިން ފަދަ ތަހުޒީބު ވެފައިވާ ދުނިޔެއަކަށް ބޮޑުވެފައިވާ ޒުވާނަކަށް މިހާރު މި ޤައުމަގެ ގިނަ ކަންތައްތަކަކީ ބޮލުގައި ރިހުމެކެވެ. ސްލޯ ސްޕީޑެއްގައި ކުރިއަށް ދަމުން ގޮސް ދާއިންނާ ނުޖެހި އުޅެނިކޮށް ފެނުނީ ކައުންޓަރ ގައި އިން ކުއްޖާ " ކައުންޓަރ ކްލޯސް " ބޯޑު އަޅުވާލި ތަނެވެ. އިމިގްރޭޝަން އޮފިޝަލަކު އެންގީ އެ ކިއޫގައި ތިބި އެންމެން އަނެއް ކިއޫ އަށް ބަދަލު ވުމަށެވެ. ކޮމްޕިއުޓަރ މައްސަލައެއް ޖެހިގެން އެކައުންޓަރުން ދެމުން އައި ހިދުމަތް މެދުކެނޑުނީ ޔޯލަ އެވެ. އަނެއްކާ އަނެއް ކިއޫގެ އެންމެ ފަހަތަށެވެ. 

މާ ބޮޑަށް ލަސްވާން ފެށުމުން ދާއިން ކޮއްކޮއާ ގުޅާލި އެވެ. ފޯނެއް ނުނަގަ އެވެ. ކޮއްކޮ އަކީ ރުން ކުރު މީހެކެވެ. ދާއިންއަށް ވުރެވެސް ކެތްތެރިކަން ކުޑަ މީހެކެވެ. މިހާރު ހުންނާނީ ލަސްވެގެން ރުޅި ގަދަވެފަ އެވެ. އެހެން ކަމުން ދާއިން ވެސް އިތުރަށް ގުޅާކަށް ނަހަދަ އެވެ. 

އެއަރޕޯޓު ޓޭމިނަލް އިން ނުކުމެ ބަލާލި އިރު ކޮއްކޮ ފެންނާކަށް ނެތެވެ. ދެކޮޅު ހޯދަނިކޮށް ފޯނަށް އައީ މެސެޖެކެވެ.
" ކޮފީ ޝޮޕްގަ. ކޮޅަށް ހުރެ ހުރެ ދެފަޔަށް ލޭ އަރައިފި....!"
ދާއިން ހިނިތުން ވެލަމުން ޖީންސްގެ ފުރަގަސް ޖީބަށް ފޯނު ޖަހާލައިގެން ދަބަސް ހިފައިގެން ހިނގައިގަތެވެ. 

ކޮފީ ޝޮޕްގެ އެކި ދިމަ ދިމާއަށް އަވަސް ނަޒަރެއް ހިންގާލުމުން ކޮއްކޮ ފެނިއްޖެ އެވެ. މޭޒު ކައިރީގައި އިސް ޖަހާލައިގެން ފޯނާ ކުޅެން އިން މާހިންގެ ކައިރިއަށް ދާއިން ގޮސް ހުއްޓުމުން މާހިން އިސް އުފުލާ ބަލާލި އެވެ. ބޭބެގެ އަލި މޫނު ފެނުމުން މާހިންގެ މޫނުމަތި އުޖާލާ ވެގެން ދިއަ އެވެ. މާހިން ތެދުވަމުން ފަރުވާތެރި ކަމާއި އެކު ބޭބެގެ ހަށިގަނޑަށް ބަލާލި އެވެ. އޭނާއަށް ބޭބެ ހަމަ ލޮލުން އެފެނުނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުގަ އެވެ. ކުރިއަށް ވުރެވެސް މިހާރު ބޭބެ ފެންނަލެއް މާ ސްމާޓެވެ.

" ހީވަނީ އިނގިރޭސި ފިލްމްސްޓަރ އެއް ހެން!"
މާހިން ބޭބެގެ ގައިގައި ބައްދާލި އެވެ.
" ކާކާ ވައްތަރީ؟"
ދާއިންވެސް ކޮއްކޮގެ ސަކަރާތުގައި ބައިވެރިވި އެވެ.
" ޕޯލް ވޯކަރ! "
މާހިން ހިނިތުން ވުމަކާއި އެކު ބުންޏެވެ. މާހިންގެ ދިގު އިސްކޮޅާ އެއްވަރުގެ ރޫފައާ ފުޅާ ބައިމަތީގެ އިތުރުން ރަން ކުލައިގެ ހަންގަނޑާއި މުށި ކުލައަކަށް ދާ ދެލޯ ފެންނަ ކޮންމެ މީހަކުވެސް އޭނާ ކޮންމެވެސް އިގިރޭސި ފިލްމީ ތަރިއަކާ ވައްތަރު ކޮށްލައެވެ. 
" ތީ ވަރަށް ގިނަ މީހުން ބުނާ އެއްޗެއް....! ދެން ތިހެން ނުކިޔާ.... ހީ އިސް ނޯ މޯ....! ސޭޑް ދޯ!"
ދާއިން އައިނު ނަގާ މޭޒުމަތީގައި ބާއްވާލަމުން ގޮނޑީގައި ލެނގިލި އެވެ. ޕޯލް ވޯކަރ ގެ ކުއްލި ނިމިދިއުމާއި ބެހޭ ގޮތުން ވާހަކަ ދައްކައިގެން މޫޑު ސަކަރާތް ކޮށްލާކަށް މިވަގުތު ދާއިން ބޭނުމެއް ނުވެ އެވެ.

" ކީއްވެ ކުއްލި އަކަށް އަހަރެން މާލެ ގެންނަން ބޭނުންވީ....؟ ކޮއްކޮއާ ހެދި ބޮޑު ގެއްލުމެއް! އަބަދުވެސް އަހަރެން ހަމަސް ކުރީން ޓިކެޓް ނަގަން.... އޭރުން 400 ޑޮލަރސް ވަރު ސޭވްވޭ....!"
ދާއިން ވާހަކަ ދެއްކީ ހިނިއައިސް ފައެވެ. އެހެން ނަމަވެސް މާހިން އިނީ ސީރިއަސް ވެފައި ބޭބެ އަށް ބަލާށެވެ.
" ކީއްކުރަން އަގު ހެޔޮ ކުރަންވީ...؟ ބައްޕަ އަތުގަ ލާރި މަދީތަ؟"
ބޭބެގެ މޫނަށް ބަލަން އިނދެ ފޫހި ގޮތަކަށް މާހިން ބުންޏެވެ. ދާއިން ހިނިގަނޑެއް ޖަހާލަމުން އޭނާ މޭޒުމަތީގައި ބާއްވާފައި އޮތް ރޭބަން އައިނު ނަގާ ދައްކާލި އެވެ.

" މީ ކިހާ ވަރަކަށް؟ ދެ ޑޮލަރު... އޮސްޓްރޭލިއަން....!"
ދެން އަތް ދަމާލަމުން އަތުކުރީގައި އޮތް ރޮލެކްސް ގަޑި ދައްކާލި އެވެ. 
" މީ ކިހާ ވަރަކަށް؟ 12 ޑޮލަރު.... ޕްރީ އޯންޑް..! ކީއްވީ މީހަކު ބޭނުން ކޮށްފަ އޮތް އެއްޗަކަސް.... ކާކަށް އިނގެނީ...؟ ހަމަ ސަޅި އެއްނުން؟..... ބައްޕަ ރާއްޖޭގަ ހުރި އެންމެ މުއްސަނދި މީހާއަށް ވިއަސް އަހަރުމެން ބޭކާރު ޚަރަދު ކުރާކަށް ނުވާނެ.... އެއަށް ވުރެ މާ ރަނގަޅުވާނެ ސޭވް ވާ އެއްޗެއް ބޭނުން ޖެހިފަ ހުރި މީހަކަށް ދިނިއްޔާ!"
ބޭބެގެ ވިސްނުން ރަނގަޅެވެ. މާހިން ވެސް ތާއީދު ކުރާ ގޮތަކީ އެއީ އެވެ. އެއީ މަންމަ ދަސްކޮށްދީފައިވާ ރީތި ސިފަ އެކެވެ.

" ބޭކާރު!"
މާހިން އޭނާގެ ދޮން މޫނުގައިވާ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ހަޑި ވައްތަރެއް ޖައްސާލަމުން ބުނެލި އެވެ. އޭނާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައި ކަން ދާއިންނަށް އެނގުނެވެ. ދާއިންގެ އެއްވެސް ސަކަރާތެއްގައި މިއަދު ކޮއްކޮ ބައިވެރިވާ ހިތެއް ނެތްކަން ދާއިން އަށް ވެސް އެނގުނެވެ. 
" އަހަރުމެން އިސްރާފް ނުކުރިއަސް ސޭވެއް ނުވާނެ އެކައްޗެއްވެސް.... މަށަށް ހީވަނީ މިހެން ދަމުން ދަމުން ގޮސް އެންމެ ފަހުން އަދި އަހަރުމެންންގެ މި މުއްސަދިކަން ނިމޭނީ ދަރަނި ވެގެން ހެން!"
ކޮއްކޮގެ ސީރިއަސް ކަން ދާއިންވެސް ސީރިއަސް ކުރުވައިފި އެވެ.

" ވަޓްސް ރޯންގް؟"
ކުރިއަށް ޖެހިލަމުން ދާއިން އަހާލި އެވެ.
" ބައްޕަ އަނެއްކާ މީހަކާ އިންނަނީ....!"
މާހިން ދަތްތަކަށް ބާރު ލަމުން ދުރު ބަލާލި އެވެ. މާހިން އެވަރަށް ރުޅި ގަދަވެފައި އިނީމައި ދާއިން އައީ ހިންޏެވެ.
" ތި އާ ކަމެއް ނޫނެއްނުން...! މިހާރު ފަސް ވަނަ މީހާ...! ކުޑަ ދުވަސް ކޮޅަކުން ވަރިކޮށްލާނެ... ޑޯންޓް ވޮރީ!"

ދާއިން ކިތަންމެ ކަންބޮޑު ވިއަސް ބައްޕަގެ އެ އާދައެއް ނުހުއްޓުވޭނެ ކަން ދާއިން އަށް އެނގެއެވެ. އަތުގައި ފައިސާ މާގިނަވީމައި ވާނީ އެހެންނެވެ. އަދިވެސް މިއުޅޭ އެހެން ވިޔަފާރި ވެރީންނަށް ވުރެ ބައްޕަ ތަންކޮޅެއް ރަނގަޅެވެ. މީހުންނާ އިނަސް މަންމަ ވަރިއެއް ނުކުރެ އެވެ. ބައްޕަ އިންނަ އެއްވެސް އަންހެނަކާ ހެދި ދާއިންމެންގެ އާއިލާއަކަށް އުނދަގުލެއް ވެސް ނުވެ އެވެ. ބައްޕަ ބުނާ ގޮތުގައި އެއްވެސް އަންހެނަކު ބޮލަށް އެރިޔަ ދީގެން ނުވާނެ އެވެ. ކޮނޑާ ހިސާބަށް އެރުމުގެ ކުރީން ފޮޅާލަން ވާނެ އެވެ. އެ ތިޔަރީގެ ދަށުން މިހާރުވެސް ތިން އަންހެނަކު ފެއިލް ވެއްޖެ އެވެ. 

" މިފަހަރަކު ތިހިނެއް ނުވާނެ...! މިފަހަރު އިންނަން އުޅޭ ކުއްޖާގެ އޭޖް އިނގޭތަ؟ މަށަށް ވުރެވެސް ހަގު... ބާވީސް...!"
މާހިންގެ އަޑު އިވިފައި ދާއިންގެ މޫނު މަތިވެސް ރަތްވެގެން ދިއަ އެވެ. އޭނާވެސް މާބޮޑަށް ލަދު ގަތީ އެވެ. 
" ވަޓް!"
ދާއިން އިރުކޮޅަކު ހިމޭނުން އިނެވެ. ބުނާނެ އެއްޗެއް ނޭގިފަ އެވެ. 
" ބޭބެ ބުނެބަލަ އޭނަ ބައްޕަ އާ އިންނަން ޖެހޭ ސަބަބެއް؟ ބައްޕައަށް ސިކްސްޓީ ޓޫ.... ބޮޑު ބަނޑެއްވެސް އެބައިން!"
މާހިން ރުޅި ގަދަވެފައި އިން ވަރުން ބައްޕައާ ދިމާއަށް ވެސް މަލާމާތެއް ކޮށްލެވުނެވެ. އިތުރަށް ދައްކާނެ ވާހަކައެއް ދާއިން އަކަށް ވެސް ނުވިސްނުނެވެ. މީގެ ކުރީން ބައްޕަ އެހެން މީހަކާ ކައިވެނި ކުރަން އުޅޭ ކޮންމެ ފަހަރަކު އޭނާ ދެރަވަނީ މަންމައާ ދޭތެރޭގަ އެވެ. މިފަހަރު އަމިއްލަ ނަފްސާ ދޭތެރޭގައިވެސް ވިސްނާލަން ޖެހިއްޖެ އެވެ. ކިތަންމެ ފައިސާ ގިނަވެފައި ކިތަންމެ ކާމިޔާބަސް ވިސްނާލަން ވާނެ އެވެ. ދަރީންނާ އެއް އުމުރެއްގެ ނުވަތަ ދަރީންނަށް ވުރެ ހަގު ކުއްޖަކާ ކައިވެނި ކުރަން ބައްޕަ އުޅުމަކީ ކިހާ ހުތުރު ކަމެއް ހެއްޔެވެ! 

މާލެ އައި މަގުމަތީގައި މާހިން ދާއިންއަށް ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. މަރީއަކީ ކޮންމެވެސް އެއްޗަކަށް ސްޕޮންސަރ އެއް ހޯދާށޭ ކިޔާފައި ޖައުފަރަށް ގުޅައިގެން ބައްދަލު ކޮށްލަން އެދުނު ކުއްޖެކެވެ. އަސްލުގައި މަރީ ގުޅާނީވެސް އެހެން މަޤްސަދެއްގަ އެވެ. ޖައުފަރަކީ އާންމުކޮށް ނުދަންނަ މީހުންނާ ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. ހަރުކަށި ގޮތެއް ހުންނަ ޖައުފަރާ ވާހަކަ ދައްކަން މީހުން ޖެހިލުންވެސް ވާނެ އެވެ. އެވަރުގެ ގަޓެއް ހުރި މި އަންހެން ކުއްޖާއަކީ އެ އާއިލާއަށް ހުރި ނުރައްކަލަކަށް ނޫނީ ނުވާނެ އެވެ.

" މާލޭ ކުއްޖެއްތަ؟"
ނޭވީ ބްލޫ ބެންޒުގެ ކުރީ ސީޓުގެ ދޮރު ލައްޕާލުމަށް ފަހު ދުއްވަން އިން ކޮއްކޮއާ މާހިން ސުވާލު ކޮށްލި އެވެ. މާހިން ބޮޑު ޗޮކެއް ކަނޑާލި އެވެ. 
" ކޮންމެސް ރަށެއް.... ނޭގެ ކޮން ރަށެއް ކަމެއްވެސް...! "
"ރީތިތަ؟" 
ދާއިންގެ އެސުވާލަށް މާހިން ޖަވާބު ދިނީ ތަކުރާރުކޮށް ތިން ފަހަރު އެހި ފަހުންނެވެ.
" ހުނ... ވަރަށް!"
އެ ކުއްޖާއަށް އެހާ ނަފްރަތު ކުރާ އިރުވެސް އެ ކުއްޖާ އެހާ ރީތި ކަމަށް ކޮއްކޮ ބުނާނީ އެ ކުއްޖާ ވަރަށް ރީތި ވީމައި ކަން ދާއިންއަށް ވެސް އެނގުނެވެ.

ތޮއްޖެހިފައިވާ މާލޭގެ ހަނި މަގުތަކުން ދުއްވާފައި ގޮސް ގޭގެ ގޭޓާ އަރާ ހަމަވުމުން މާހިން ރިމޯޓުން ގޭޓު ހުޅުވާލި އެވެ. " ރޯޒް" އަކީ މީގެ ހަތަރު އަހަރު ކުރީން ނީލަމުގައި ބޭންކުން ވިއްކާލި ހަތަރު ހާސް އަކަފޫޓުގެ ބިމެކެވެ. ޖައުފަރު އެގެ ހަދާފައި އެވަނީ އެންމެ މި ޒަމާނުގެ ފެން ވަރަށެވެ. ހީވަނީ މިހާރު އޭނާ ހުޅުވަން ތައްޔާރު ވަމުންދާ "ހެވަން" ރިސޯޓްގެ ބަޔެއް ހެންނެވެ. 

ގޭގެ ތެރެއަށް ކާރު ވަދެގެން ދިއައިރު ފެންނަމުން ދިއަ މަންޒަރަށް ބަލަން އިން ދާއިންގެ ސިކުނޑިއަށް ލިބުނު ތާޒާ ކަމުގައި ދައްކަމުން ދިއަ ވާހަކަވެސް އިރުކޮޅަކަށް ހަނދާނުން ފޮހެވިގެން ދިއަ އެވެ. "ރޯޒް" އެއްކޮށް ހަދާ ނިމުނު ފަހުން ދާއިން އަށް މާލެ އެ އާދެވުނީ އަދި ކިރިޔާ އެވެ. ކޮއްކޮ ދެއްކި ވީޑިއޯ ތަކުން ފެނުނު މަންޒަރަށް ވުރެ ވެސް މާ ފުރިހަމަ އެވެ. ދެފަރާތުގައި ހެދިފައިވާ ވިނަ ތަކާ މާގަސްތައް އަތުރާލެވިފައިވާ ފުރިހަމަ ކަމުން ރާއްޖޭގެ ތަނެކޭ ބުނެވޭވަރެއް ނޫނެވެ. ހަވީރަށް ފޮޅެންފަށާފައިވާ މާމަލުގެ މީރުވަހުން ގޯތިތެރެ އެއްވަސް ކޮށްލާފައި ވާއިރު ބަހާރު މޫސުމް އަންނަން އުޅޭ ކަހަލަ އެވެ. ގޯތިތެރޭން ގޮސް ފެންޑާއާ ދުރު ނޫން ހިސާބަކަށް ކާރު މަޑުކޮށްލި އިރު އެއް ފަރާތުގައި ތަފާތު އެކި ވައްތަރުގެ ލަކުޑި ބޭނުން ކޮށްގެން ހަދާފައި ހުރި ފުރިހަމަ އުނދޯލި ގެއަށް ބަލަހައްޓައިގެން ދާއިންއަށް އިނދެވުނެވެ. އެތަނުގައި އުނދޯލި ގެއެއް ހެދި ވާހަކައެއް ކޮއްކޮ ނުވެސް ބުނެ އެވެ. އަގު ބޮޑު ކުޝަން ތައް އަތުރާލާފައިވާ ބޮޑު އުނދޯލީގެ ކުރިމަތީގައި ވާ އެންޓިކް ފްރެންޗް ސޯފާތައް ފެނުމުން ހަނދާން ވެގެން ދިއައީ ކާފަ ދުނިޔޭގައި ހުންނެވި އިރެވެ. ޒަމާނީ ބަދަލު ތަކާއެކު ތައްޔާރު ކޮށްފައިވާ މި އުނދޯލި ގެއަކީ ކާފަ ދުނިޔޭގައި މީހުންނާ ބައްދަލު ކުރައްވަން އިންނެވި ފަދަ ޖަގަހަ އެކެވެ. އުދޯލީގެ ކަނާއަތް ފަރާތު އަރިމަތީގައި ވަނީ ލަވާޒާ މެޝިނަކާއި ބޮޑު ބުފޭޓޭބަލް އެކެވެ. އުދޯލީގެ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ތައްޔާރު ކޮށްފައި ވާ ޝީޝާއެއް ހުއްޓެވެ. އެއީ ބައްޕަ ގޭގައި އުޅޭ ކަމުގެ ނިޝާނެކެވެ. 

ގޯތި ތެރޭގެ އެތަން މިތަނަށް ނަޒަރު ހިންގުމުގައި މަޑުޖެހިފައި ހުއްޓާ ފެނުނީ އެތެރޭގައި ހުރި ދޮރުން މަންމަ ނުކުތް ތަނެވެ. ދުވެފައި ގޮސް ދާއިންއަށް މަންމަގެ ގައިގައި ބައްދައި ގަނެވުނެވެ. އެވަގުތު ވެސް މަންމަގެ ހަށިގަޑަށް އައިސް ފައިވާ ބަދަލު ދާއިންއަށް އިޙުސާސް ކުރެވުނެވެ. މަޑުމަޑުން ދުރަށް ޖެހިލާ މަންމަގެ މޫނަށް ބަލާލެވުނެވެ. މަންމަގެ ފަނޑުވުމެއް ނެތް އެ ރީތި މޫނު މަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް އެ ހިނިތުން ވުމުގެ ނިވަލުގައި އަބަދުވެސް ފޮރުވިފައި ވަނީ ހިތް ދަތި ކަމެވެ. އެއީ ދެބެން ނަށް ވެސް އަބަދުވެސް އިނގޭ ޙަޤީޤަތެކެވެ. ދާއިން މަންމައާ އެއްވެސް ސުވާލެއް ނުކުރެ އެވެ. ކިތަންމެ ހިތުގައި ޖެހުނަސް ދުވަހަކު ވެސް މަންމަ ގެ އަނގައިން ބައްޕައަށް ދެރަބަހެއް ބުނާ އަޑެއް އިވިފައެއް ނުވެ އެވެ. ދުވަހަކުވެސް ޝަކުވާއެއްގެ އަޑުވެސް އިވިފައި ނުވެ އެވެ. އެހެން ކަމުން މަންމަގެ ހިތުގެ ހާލަތު އިތުރަށް ދެނެގަންނަން އުޅުމަކީ ބޭކާރު ކަމެކެވެ. 

މަންމަ ބުނި ގޮތުގައި ބައްޕަ ދާއިން އަންނަންދެން ގޭގައި މަޑު ކޮށްގެން އިންދާ ކުއްލި ކަމެއް ޖެހިގެން އެ ދިއައީ އޮފީހަށެވެ. ބައްޕައަށް އިންތިޒާރު ކުރުމަކީ މޮޔަ ކަމެކެވެ. މާލޭގައި ހުންނަ އިރުވެސް ބައްޕަ ދެކިލަން ބޭނުމިއްޔާ ގިނަ ފަހަރަށް ދާން ޖެހެނީ އޮފީހަށެވެ. އެހެން ކަމުން މަންމަ ގެ އަތުން ތައްޔާރު ކޮށްފައިވާ ކެއުމުގައި ކޮއްކޮއާ އެކު ބައިވެރި ވުމަށް ފަހު ދާއިން މިސްރާބު ޖެހީ އޮފީހާ ދިމާއަށެވެ. އޮފީހުގައި ކަން އޮތް ގޮތް އޭނާ އަވަހަށް ބަލާލަން ވެސް ބޭނުމެވެ. 

އޮފީހަށް ދިއަ އިރު ބައްޕަ މީހަކާ ބައްދަލު ކުރަނީ އެވެ. އޭރުވެސް ބައްޕައާ ބައްދަލު ކުރަން ދެ މީހަކު ކިއުގައި ތިއްބެވެ. ދާއިން ބޭރުގައި ހުރި ސޯފާގައި މެނޭޖަރު ފުއާދުއާ ވާހަކަ ދައްކާލަން އިނެވެ. ފުއާދު ކިޔާދިނީ މިހާރު ހަދާ ރިސޯޓުގެ ފުރިހަމަ ވާހަކަ އެވެ. އެއީ ދުނިޔޭގެ ފެންވަރުގެ ރިސޯޓެކެވެ. ފުއާދުގެ އައި ޕެޑުން ރިސޯޓުގެ އެންމެ ފަހުގެ ފޮޓޯތައް ބަލަން އިނދެފައި އިސް އުފުލާލި ވަގުތު ބައްޕަގެ ކޮޓަރީން އެނުކުތް ފަތްމިންޏެއް ފަދަ ރީތި އަންހެން ކުއްޖާ ފެނުމުން ދާއިންގެ އަތުން އައި ޕެޑްވެސް ދޫނުވީ ކިރިޔާ އެވެ. ފުރަތަމަ ނަޒަރުންވެސް އެ ޒުވާނާ ދާއިންގެ ހިތް މިލްކް ކޮށްލައިފި އެވެ. 

ކޮމެންޓް 0