ރިޔާ ހައިރާންވެ އަންތަރީސް ވިއެވެ. މި މައްސަލައިގައި ވެސް ކުށްވެރިވާން މިއުޅެނީ އޭނައެވެ. މިވަރުން އެއްޗެކޭ ނުބުނެ ހުންނަން ވެއްޖެއްޔާ އޭނަ އެކޭ ގޭގައި ގެންގުޅޭ މީހެކޭ އެއްވަރު ވެދާނެ އެވެ.

"މަންމައަށްވެސް އަމިއްލަ ދަރީގެ ކުށެއް ނުފެންނާނެ. އެއްޗެކޭ ބުނާ މީހާ އެންމެ ވިޔާނުދާވެފައި އޮންނާނީ، ޒެވިޔަން ކުރާ ކަންތައް ހުއްޓުވަން މަންމަ ވާހަކަ ދައްކަބަލަ. ކޮންމެ ރެއަކު ގެއަށް އަންނަނީ ބާރަޖެހީމަ. އޭނައަށް މުހިއްމު ވަނީ އެކުވެރިން. އަހަރެން ހުންނަން ޖެހެނީ ޒެވިޔަންގެ އަޅަކަށް ވެގެން. އެވަރު ތަންކޮޅެއް ބޮޑު. ފައިޓްކުރަން ނުޖެހޭ އެންމެ ރެއެއްވެސް އަންނަ ކަމަކަށް ނުވޭ. އަދި ކިޔާނެ މަންމަމެން ގާތު ނުބުނާށޭ، އެހެންވެ މުޅި ހަތަރު އަހަރަށް އެހެން މީހުންނަށް ސިއްރު ކުރަން މަސައްކަތް ކޮށްފިން. ހާދަ ފޫއްސެއްވެޔޭ. މިހާ ބޮޑަށް ބަލިވެގެން ޑޮކަޓަރަށް ދާންޖެހުނީމަވެސް ސިމްޕަތީއެއްނުވި. މިއަށްވުރެ މާ ރަނގަޅު ވާނެ ޑިވޯސް ވިޔަސް....." ރިޔާ ހުރިހާ އެއްޗެހި ކިޔާލިއިރުވެސް ޒެވިޔަންގެ މޫނުމަތިން އެއްވެސް ޝުޢޫރެއް ނުފެނުނެވެ. މައިމޫން އިންނެވީ ކުރައްވާނެ ކަމެއް އެނގިނުލައްވާފައެވެ. އޭނަ ހީކުރައްވަނީ ޒެވިޔަން އާއި ރިޔާ އާއި ދެކުދިންގެ ދިރިއުޅުން ކުރިއަށް ދަނީ އޮމާންކޮށް ކަމަށެވެ. ފަހަރެއްގައިވެސް މިފަދަ ހަނގުރާމައެއް ކުރެވި، ވަރިފަށަށް އަރައިފާނެ ކަމަކަށް ހިޔެއްނުކުރައްވައެވެ. ހަގީގަތް އެނގިލެއްވުމުން މައިމޫންގެ ހިތަށްވެސް އަސަރުކޮށްފިއެވެ.

ރިޔާ ދަމުން އަތުންޖަހައި، މާޓުކުރިއެއްވެސް ވިއްސާލައިފިއެވެ. އެ ސިކުންތުކޮޅު ޒީބާގެ ފައި ބޭއިޚުތިޔާރުގައި ދަމައިނުލެވުނުނަމަ ފައިމަތީގައި ޖެހުނީހެވެ. މާހައުލަށް ފުން ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ޒީބާ ކިތަންމެ ވަރަކަށް މޫނު ބަނަކޮށްލައިގެން އިނަސް ހިތާހިތުން ދަތްކުނޑި ވިކައިލާފައި ކެތްކުރިއެވެ. ރިޔާގެ ނަފްސާނީ ކުޑަ މައްސަލައެއްވެސް އޮންނަ ކަމަށް އޭނަ ގަބޫލު ކުރެއެވެ. ރިޔާގެ އޮޕަރޭޝަންއަށްފަހު ދުވަސްވުމުން ނޭގިނަމަވެސް މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ޒީބާގެ ރުޅި ފިނިވެ، ރިޔާ އާއި މެދު ހަމްދަރުދީވާން ފެށިއެވެ. ކުށްވެރިޔަކީ ހޯމޯން ތަކެވެ. ޒީބާ އެގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލައިފާ އެތަން ސާފުކުރަން އަންގާފައި، އަނެއްކާ ރާޒުވާ ކުޅިގަނޑަށް ސަމާލުކަން ހުއްޓާލައިފިއެވެ. ޒެވިޔަންވެސް ރިޔާ އެވަރު ދައްކާލާފައި ދިޔުމުންވެސް އަޅައެއްނުލައި މަންމަމެންނާއި އެކީގައި ކުޅެން އިންއިރު ޕްލާސްޓިކް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން، ހިތުގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރިއެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު އެނދުގައިވާހާ އެއްޗެއް ވަނީ ބިންމަތީގައެވެ. ރިޔާ އޮތީ މޫނު ވަތަށް ޖަހައިގެން އެނދުގައެވެ. ޒެވިޔަން ވެސް އައި ބާރުމިނުގައި ރިޔާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލަމުން މަގަތަށް އަނބުރާލައިފިއެވެ. ޒެވިޔަންގެ މޫނުވަނީ ރަތްވެފައެވެ. އޭނަ ދަތްކުނޑިވިކާލައިފައި ހުރި ގޮތުންނާއި ލޯހަނިކޮށްލައިގެން ހުރި ގޮތުން އޭނަ ހުރީ ރުޅިން އަނދައަނދާކަން ރިޔާ ދެނެގެންފިއެވެ.

"ކީކޭ ހިތަށް އަރައިގެންތަ މަންމަމެން ކައިރީގައި އެވާހަކަ ދައްކަންވީ؟ ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟ ހިތަށް އެރި އެވަގުތުވެސް އަނގަމަތީގައި ޖަހާފާނަމޭ. މޮޔަވެގެންތަ ހިތަށް އައިހާ އެއްޗެއް ކިޔަނީ. މަ ނުބުނަންތަ މަންމަމެން ގާތުގައި އެވާހަކަ ނުދައްކާށޭ....." ޒެވިޔަން ހަޅޭއްލަވައިގަތެވެ.

"ޖަހަން ވީނު. ބޭނުން ގޮތެއް ހަދާލައިފައިވެސް ހިތްހަމަޖައްސަބަލަ. މަރާލަން ވީނު..." ރިޔާ ވާހަކަދައްކަމުން ދިޔައީ އަދަބެއް ނެތް ގޮތަކަށެވެ. ރުޅި ފިނިކުރުމުގެ ބަދަލުގައި އިތުރަށް ހޫނުވީއެވެ. އޭނަ ޒެވިޔަންގެ އަތްގެނެސް ކަނދުރާގައި ޖެއްސިއެވެ. ޒެވިޔަން ރިޔާގެ އަތްފޮޅުވާލާފައި ދުރަށް ޖެހިލިއެވެ.

"މަށެއް ނޫޅެމޭ މޮޔަވަގެނެއް، މަންމަ ބުނިހެން ރިޔާއަކަށް އަހަރެން ބުނާގޮތަށް އެއްކަމެއްވެސް ނުކުރެވުނު. ނިކީ ބަލަން މެއިޑަކު ނުގެންނާށޭ ބުނިން. އެކަމަކު ހުރި އެންމެ ދަރިފުޅުވެސް ބަލުވަން ޖެހެނީ އެހެންކުދިން ލައްވާ، މުޅިންވެސް އަހަރެންގެ ބޮލުގައި ރިއްސާކަމެއް ނޫނީ ނުކުރެވޭ ރިޔާއަކަށް. އަދި ކިހާވަރަކަށް ބުނިން މަންމަމެން ވިސްނާނެއޭ، އަހަރެމެންގެ ވާހަކަ މިކޮޓަރިން ބޭރަށް ނުގެންދާށޭ، އެކަމަކު ކެތެއްނުކުރެވުނު. މާ ޑްރެމެޓިކް ވެގެން ގޮސް ކުޑަކަމެއްވާއިރަށް ބޮޑުކޮށްލައިހެން އުޅޭ އަންހެނުންތައް ދެކެ ހާދަ ފޫއްސެއްވެޔޭ، ރީއްޗަށް ބުނެފިން މިރޭ މަންމަ އާއި އެކީގައި ޑެންޓަލްއަށް ދާށޭ އެކަމަކު އެކަންވެއްޖެ ދުނިޔޭގައި ނެތްވަރުގެ ބޮޑުކަމަކަށް. ޔޫ އާ ސޯ ޑިފިކަލްޓް، ހުއްޓާލާނީ އަހަރެން މޮޔަކޮށްލާފައި ކަންނޭގޭ، ދެން އެންމެ ފަހު ފަހަރަށް ބުނަނީ މިގެއިން ނިކީގެ ނެނީ ފޮނުވާލާށޭ. ނޫނީ މަށަށް ގޯހެއްހެދިދާނެ. އޭރުން ރިގްރެޓް ނުކުރާތި..." ޒެވިޔަން ބާރުބާރަށް ހިނގާލާފައި ގޮސް ފާޚާނާއަށް ވަދެ ބާރަކަށް ދޮރުޖެހިއެވެ. 

ޒެވިޔަން ގެ ޖުމްލަތަކުން ރިޔާގެ ހިތަށްހީވީ ޒަލްޒަލާއެއް އައިހެންނެވެ. ނޭގޭ އެތައް އިހުސާސްތަކުން ކުރި އަސަރެއްގެ ބޮޑުކަމުން އަޑުވީއްލާ ރޮއިގަނެވިއްޖެއެވެ. މިވަގުތުވެސް ރިޔާއަށް ކުށްވެރި ކުރެވުނީ ޒެވިޔަން އެވެ. އޭނަ އެފްބީ އާއި ޓްވިޓާ ފަދަ އެއްޗެހީގެ ބޭނުންކޮށް، ދެވިހިފުމުގެ އަސްލަކީ ޒެވިޔަންގެ ލޯބި ނުލިބޭކަމެވެ. ފިރިމީހާ އަޅާނުލަންޏާ، ހިތްހަމަޖެހުން އެހެން ދިމާލުން ހޯދޭނެއެވެ. ޒެވިޔަން އޭނަދެކެ ލޯބިވާނަމަ ހުރިހާ ކަމެއްވެސް ތަފާތުވީހެވެ.

ޒެވިޔަން، އެރޭވެސް އެކުވެރިންނާ އެކީގައި ކޭމްޕްދަތުރަކު ދިޔައީއެވެ. ރިޔާ ނިންމީ އޭނަގެ ގޮތުގައި ހުރުމަށެވެ. އޭނަވެސް އަލީނާ ދޫކޮށެއް ނުލާނެއެވެ. ޒީބާ އާއި ޒެވިޔަން އެހާ ބޭނުންވެގެން އުޅެންޏާ އަލީނާ އެގެއިން ނެރެލަންވީއެވެ. އަލީނާ ގޭގައި ގެންގުޅުނީމަ ފަސޭހަވަނީ އެމީހުންނަކަށް ނޫނެވެ. އޭނަ އަށެވެ. އޭނަވެސް ޒެވިޔަން، ނިކީ ދެކެ ލޯބިވާކަމަށް ގަބޫލުކުރެއެވެ. ގޭގައި ހުރިއްޔާ އަބަދުހެން ނިކީ ގޮވައިގެން ނޫނީ ޒެވިޔަން ނޫޅޭނެއެވެ. ނިކީ ގޮވައިގެން މިފަހަކަށް އައިސް ޒެވިޔަން އުޅެނީ އެއީވެސް ރިޔާއަށް ވަގުތެއް ނުދޭންވެގެން ޒެވިޔަން ޖައްސާ އެކްޓެއް ކަމަށްވެސް ރިޔާ ދެކެންފެށިއެވެ. އެންމެންގެ އަމަލުތަކާއި މެދު ޝައްކާއި، ވަހުމް އުފެދި ރިޔާ ހުންނަން ޖެހެނީ އަބަދު ވިސްނުމެއްގެ ތެރޭގައެވެ.

ޒެވިޔަން އާއި ރިޔާ އެރޭ މައްސަލަޖެހުނު ގޮތަށް ދެކުދިންވެސް ތިބީ ވާހަކަ ނުދައްކަން ހުވާކޮށްގެންހެން ހީވެއެވެ. ޒެވިޔަން ކޮޓަރިއަށް ވަންނައިރަށް ރިޔާ ތުންފިތާލައިގެން ހުރެ ކޮޓަރިން ނިކުމެގެން ހިގައިދާނެއެވެ. އެކަކުވެސް ގޮތްދޫކުރާކަށް ބޭނުމެއްވެސް ނުވިއެވެ. އަނެއްކޮޅުން ޒެވިޔަންއަށް، އަލީނާ ފެނިލާ ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވެ، ފިނިވާން ފަށައެވެ. އަލީނާގެ އެ ތަފާތުކަން އޭނަގެ ހިއްސުތަކަށް މިކުރުވާ އަސަރުތަކެއް ބުނެދޭކަށްވެސް ނޭގެއެވެ. ނަމަވެސް ދުވަސްވާން ފެށުމުން ޒެވިޔަންގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. އަނެއްކާ އޭނައަށް އަލީނާ ދެކެ ލޯބިވެވުނީ ބާވައެވެ.

ސީމާ އަކީ ޑޮކްޓަރ މައިމޫންގެ ކޮއްކޮ ފަޒާލް ގެ އަންހެނުންނެވެ. ސީމާ ފަދަ ސްޓައިލިޝް މޮޑެލް އަކާއި ފަޒާލް ކައިވެނި ކުރަން އާއިލާގެ މީހުން ފުރަތަމަ ކޮޅު ގަބޫލުނުވިޔަސް ދަރިފުޅުގެ އުފަލަށްޓަކައި އެންމެ ފަހުން އެމީހުން ހުއްދަދިނީއެވެ. ނަމަވެސް ފަޒާލް ކައިވެންޏަށްފަހު ދިރި އުޅުނީ އާއިލާ އާއި ވަކިންނެވެ. ސީމާ ކޮލެޖްގައި އުޅުނު އިރު ފަޒާލް އާއި ހެދި މޮޔަވެގެން އުޅުނަސް ފަޒާލްއަކީ ވެސް އޭނަގެ ބޭބެފަދައިން ރީތި ޒުވާނަކަށް ވީތީ ސީމާއަށް އާ ހަޔާތެއްލިބުނެވެ. ސީމާ މަޖަލަކަށް ޒީބާ ގާތު އަދިވެސް މައިމޫންދެކެ ލޯބިވެޔޭ ބުންޏަސް މިހާރު އެހަދާންތައް ވަނީ މާޒީ އާއި އެކުވެގެން ގޮސްފައެވެ. ސީމާއަށް ލިބުނު ތިންކުދިންގެ ތެރެއިން ދެވަނަ ދަރިފުޅު، ފަޒާލްގެ އެއްމާބަނޑު ކޮއްކޮ ނާދީން އަށް އެމީހުން ހަދިޔާ ކުރީ އެވެ. ނާދީން އަކީ ދަރިން ލިބުމުން މަހުރޫމްވެފައިވާ ކުއްޖެއްކަން އެނގުމުން ނާދީން ރުއިވަރުން ފަޒާލް، އެކުޑަ ދަރިފުޅު ނާދީންގެ ދެމަފިރިންނަށް ހަދިޔާކޮށްލީ ހިތުން ރުހުމުންނެވެ. ސީމާ އެފަހުންވެސް ކުއްޖަކު ވިހެއެވެ. އެއީ އަންހެން ކުއްޖެކެވެ. ސީމާގެ ދެބެއިންކަމަށްވާ ދާވިޝް އާއި ޖިލާއަށް ލިބުނީ ބައްޕަގެ ރީތި އަޅި ދެލޮލެވެ. އެކަމުން ސީމާއަށްވެސް ފަޚުރެއް ލިބުނެވެ. ފަޒާލް އަކީ ދީންވެރިކޮށް އުޅުނު މީހަކަށް ވާތީ ސީމާ ގާތުގައިވެސް ބުރުގާ އަޅަން އެދުނެވެ. ސީމާ، ޖިލާ ބުރުގާ އެޅުވިނަމަވެސް އަދި ތިމަންނަ އަޅާނީ ތަންކޮޅެއްފަހުންނޭ ބުނެ އެކަމަށް ފުރަގަސްދިނެވެ. 

ފްރާންސްގައި ހިނގި އެކްސިޑެންޓެއްގައި ފަޒާލް އާއި ނާދީން ނިޔާވީ އެއް ދުވަހެއްގައެވެ. ދުނިޔެއަށް ދެބެއިން އެކީގައި އައިފަދައިން ކަށްވަޅަށް ދިޔައީވެސް އެކީގައެވެ. އެ ބަހުގައި ދަތުރުކުރި އެންމެން އެކިވަރުގެ އަނިޔާތަކާއި އެކީގައި ސަލާމަތްވި ނަމަވެސް އެދެބެއިން ނަށް ލިބުނު ސީރިޔަސް އަނިޔާތަކުގެ ސަބަބުން ފުރާނަ ސަލާމަތް ނުކުރެވުނީއެވެ.

މައިމޫން އާއި އޭނަގެ ކޮއްކޮ ފަޒާލް ކުޑައިރުވެފައިވާ އެއްބަސްވުމެއްގެ ސަބަބުން އާއިޒު އާއި ޖިލާގެ ކައިވެނި ކުރެވުނެވެ. ޖިލާއަށް ހަތަރު ފަރާތުން މަޖުބޫރުވެގެން އޭނަ އާއިޒު އާއި ކައިވެނި ކުރަން އެއްބަސްވި ނަމަވެސް އެދުވަހު ވަރަކަށް ރުޔެވެ. އާއިޒު އޭނަ ދެކެ އިންތިހާއަށް ލޯބިވާކަން އެނގޭއިރުވެސް ޖިލާ އާއިޒުއަށް ޝަރުތު ކުރީ އޭނަގެ ގައިގައި ދުވަހަކުވެސް އަތްނުލުމަށެވެ. މުޅި އަހަރެއް ވޭތުވެގެން ދިޔައިރުވެސް އެ ކުއްޖާ ގޮތުގައި ހިފަހައްޓައިގެން ހުރުމުގެ ސަބަބުން އާއިޒުގެ އުފާވެރިކަމާއި، ސަމާސާ މިޒާޖު މުޅިން ބަދަލުވެގެން ހިގައްޖެއެވެ. ޖިލާގެ ހިތުން ދުވަހަކު ޖާގައެއް ނުލިބޭނެކަން ޔަގީން ކުރެވުނެވެ. ފުރަތަމަކޮޅު އާއިޒު ހީކުރީ ދުވަސްކޮޅަކުން ޖިލާވެސް އާއިޒު ދެކެ ލޯބިވާން ފަށާފާނެކަމަށެވެ. އެކަމަކު ޖިލާވީ އެންމެ ގޮތްދޫނުކުރާ އަންހެން ކުއްޖަކަށެވެ. އެކަމުގެ ސަބަބުން އާއިޒު މަންޒިލެއް މަގުސޫދެއްނެތް މުސާފިރަކަށް ވިއެވެ. މި ދުނިޔޭގައިވެސް އޭނަހާ ބަދު ނަސީބު އިންސާނަކުނެތްކަމަށް އާއިޒު ނިންމިއެވެ. ލޯބިވާކުއްޖާ ވަނީ އެންމެ ކައިރީގައެވެ. އެހެނަސް އެންމެ ދުރުގައެވެ.

ޒީބާގެ އެދުމަށް ސީމާ މާލެ އަންނަން ދަތުރު ހަދަމުންދިޔައިރު ޒީބާ ގެ ސިކުނޑީގައި ރާވާފައިވާ ކަންތަކެއް ސީމާއަކަށް ރޭކާނުލައެވެ. ފުރަތަމަ މާލެ ދާން ވިސްނީ ސީމާ އާއި އާއިޒު އެކަނިއެވެ. ދާވިޝްމެން ކޮލެޖްގައި އުޅޭތީ އެކުދިން ބައިތިއްބާފައިވެސް އާ އަހަރު ފާހަގަކުރަން ދެވިދާނެތާއެވެ. އެހެންނޫނަސް ޖިލާ އެއްގޮތަކަށްވެސް މާލެ ދާކަށް ބޭނުމެއްވެސް ނޫނެވެ. އެކަމަކު އެންމެ ފަހުން ދާވިޝް އާއި ޖިލާވެސް ޚިޔާލު ބަދަލު ކުރި އެވެ. ދާވިޝް ބޭނުންވީ ގަނޑުފެނުން ސަލާމަތްވާނެފަދަ ހޫނުތަނަކަށް ޖައްސާލުމެވެ. ޖިލާ ވިސްނި ގޮތުން އޭނައަށް ރަނގަޅަށް ބަދަލުހިފޭނީ އަދި މާލެ ގޮސްގެންނެވެ. މި އާއިލާގެ މުސްކުޅި އުސޫލުތަކުގެ ސަބަބުން އޭނަގެ ދިރިއުޅުން ހަލާކުވެގެންދާއިރު އޭނަ ވަކި ހިމޭނުން ހުންނާނެ ހެއްޔެވެ؟

ޒެވިޔަން ފެންވަރައި ތައްޔާރުވެލައިގެން ނިކުތުމުން ބަޓްލާ އާދައިގެ މަތިން ދޮރު ހުޅުވާލަދިނެވެ. ޒެވިޔަން ދިޔައީ ބަޓްލާ އާއި ދިމާލަށް ސަމާސާއަކަށް އެއްޗެއް ބުނެލާފައެވެ. އެޒުވާނާ ހާދަ ހިތް ހެވެވެ. އޭނަ މިވަރަށް ހިތުން ބަދު ދުޢާ ކުރާއިރުވެސް އެހެރީ ހިނިތުންވެފައެވެ. ޒެވިޔަންގެ ރަނގަޅުކަން ފެނުމުން ބަޓްލާ އަމިއްލަ ނަފުސާއި މެދު ލަދުވެތިވިއެވެ.

ޒެވިޔަން ފެންޑާއަށް ނިކުތުމާއި އެކު ހައިރާންވިވަރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެކުދި ފަތްތަރުމަތިން އަރައިގެން އައި އާއިޒު އާއި ޒެވިޔަން އެކަކު އަނެކަކު ގައިގައި ހިފައި ގަތީ ނިކަން އުފާވެފައިތިބެ ބާރަކަށެވެ. އާއިޒުމެން އަންނަން އުޅޭކަން އެނގިފައި އޮތަސް އެކަކަށްވެސް ނާންގައި މިގޮތަށް ސަޕްރައިޒެއް ދީފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. އާއިޒު ޒެވިޔަން ޓޭންވެފައި ހުރިވަރުން އެކަމާއި ޖޭވާކަމަށް ބުނެލިއެވެ. ދެ ބެއިންގެ ކުޑަ ސަމާސާއަކަށްފަހު ޒެވިޔަން ގެއަށް ވަންނަން އައި އެހެން މީހުންނަށް ބަލާލައިފިއެވެ. އާއިޒުގެ އަންހެނުން ޖިލާ ހުރީ ކުޑަކޮށް މޫޑީވެފައި ކަހަލަ ގޮތަކަށެވެ. ދަތުރު ވަރުބަލިވެފައި ކަންނޭގެ އެވެ. ފިޔާތޮށިކުލައިގެ ކުދި ޝޯލް އަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވާއިރު، އެތެރެއިންލާފައިވާ ކުލަކުލައިގެ ޓޮޕްކޮޅާއި، ބޭރުންލާފައިވާ ޖެކެޓް އަދި ޖިންސްގެ ސަބަބުން ބުރުގާ އެޅިޔަސް ސްޓައިލިޝްކޮށް އުޅޭކުއްޖެއްކަމަށް ދައްކައެވެ. އަލީނާ އާއި ދެކުދިންގެ ބުރުގާ އެޅުމުގެ ސްޓައިލް އުޑާއި ބިމާހާ ތަފާތުކަން ޒެވިޔަން ފާހަގަކުރިއެވެ. ޖިލާގެ ކޮނޑުގައި ކަތްޗަކަށް އަޅުވާފައިވާ ދަބަހުގައި ވަނީ ހީވާ ގޮތުން އޭނަގެ ލެޕްޓޮޕެވެ.

"ހައި ޖިލް.." ޒެވިޔަން އެކުވެރި ގޮތަކަށް ފަހަރި އާއި ދިމާލަށް ބަލައިލިއެވެ.

ޖިލާ ޒެވިޔަންގެ މޫނަށް ބަލައިލުމާއިއެކު ޝައުގުވެރި ގޮތަކަށް ހިނިތުންވެލިއެވެ. ޒެވިޔަންއަށްވުރެ ކުރިން އޭނަ އަތް ދިއްކޮށްލާފައި ޒެވިޔަން އާއި ސަލާމްވެސް ކުރިއެވެ. "އާވް. އައިމް ސޯ ޓަޔަޑް. ކޮޅަށްހުރެ ނިދިގެން ވެއްޓެނީ.."

"ކެއަރިން ހަޒްބެންޑަކަށް ވެގެން އެލެޕްވެސް ހޯދަބަލަ. ނޫނީ ޖިލް ފެއިންޓްވެދާނެ ދޯ...." ޒެވިޔަން ސަމާސާކޮށްލިއެވެ. އާއިޒުވެސް ގެންނާށޭ ކިޔާފައި ލެޕް އަތުލަން އުޅުމުން ޖިލާ އެއްފަރާތަކަށް ޖެހުނު ގޮތުން ހީވީ އާއިޒު އަތްލަފާނެތީ ބިރުގަތްހެނެވެ. އަދި މޫނަށް އެވަގުތު ވެރިވި ކުލަވަރުން ދެމަފިރިން ތިބީ ކޮންމެވެސް ކަމަކާއި ހަމަނުޖެހިފައިކަން ވަގުތުން ޒެވިޔަން ދެނެގަތެވެ. ނަމަވެސް ޖިލާއަށް ނޭގި އެގޮތަށް ހެދެވުނީތީ ޒެވިޔަންއަށް އޮޅުވާލަން ވެގެން މަސްނޫޢީ ހިނިތުންވުމެއް އާއިޒުއަށް ދީފައި އަވަހަށް ގެއަށް ވަދެއްޖެއެވެ. ޒެވިޔަންއަށް ނޭގުނީ އާއިޒުގެ ހިތާމައެވެ. ފެށުނީއްސުރެ ކައިވެނީގެ އުފަލެއްވެސް އާއިޒުއަށް ލިބިފައިނުވާކަމެވެ. އާއިޒު ފުންނޭވަޔެއްލާފައި ޖިންސްގެ ޖީބަށް އަތްތިލަ ޖަހާލިއެވެ. މިއީ އަދި ފެށުމެވެ. ޖިލާ އޭނަގެ އާއިލީ މީހުންގެ ކުރިމަތީގައިވެސް އޭނަ ލަދުގަންނަވާލަން ކުޑަވެސް ފަހެއް ނުޖެހޭނެކަން ޔަގީނެވެ. 

އިރުކޮޅަކުން ދާވިޝް ވެސް އައިގޮތަށް ޒެވިޔަންގެ ގައިގައި ބައްދާލިއެވެ. އެތިން ޒުވާނުންވެސް އެކުވެރިކޮށް ވާހަކަދައްކަން ތިއްބާ ސީމާ ވަދެގެން އައެވެ. ދާވިޝް ފަދަ ޒުވާން ފިރިހެން ކުއްޖެއްގެ މަންމައެއް ހެނެއްވެސް ސީމާ ހިޔެއްނުވެއެވެ. އޭނަ ހުރީ އެހާ ސްޓައިލިޝްކޮށް ހެދުން އަޅާލައިގެން ގަދަޔަށް މޭކަޕްކޮށްލާފައެވެ. ސީމާ އައިގޮތަށް ޒެވިޔަންގެ ގައިގައި ބައްދާލާފައި ކޯތާފަތުގައި ބޮސްދިނެވެ. ޒެވިޔަން ނުރުހުމާއިއެކު އެއްޗެކޭ ބުނަން އުޅެފައިވެސް ކެތްކުރިއެވެ. ބޮޑުބޭބެގެ އަންހެނުންނަށް ވިޔަސް އެގޮތަށް އަތްލުމަކީ އޭނަ ހާދަ ނުރުހޭ ކަމެކެވެ. މަންމަ ފަދައިން ގަޔަށް އަތްލެވި، ބޮސްދީ، ބައްދާލެވިގެން ވާނެ ކަމަކަށް ޒެވިޔަން ނުދެކެއެވެ. މިފަދަ ހާދިސާތަކުން ޒެވިޔަން ކުޑައިރު ނުބައިކޮށް ސީމާ އާއި މެދު ޝައްކުތަކެއްވެސް ކުރަން ވަނީ ޖައްސާފައެވެ. 

"ކޮބާތަ ރިޔާ އާއި ޒީބާ. ޒެވިޔާ އަވަހަށް ގުޅާފައި މިތަނަށް ގެނެސްބަލަ. ރިޔާއަށް ސަޕްރައިޒެއް ދޭންވާނެ. ޖިލާ ކިހިނެއްތަ އެހެދީ މަންމަމެންގެ ސަޕްރައިޒް ފަނިކޮށްލަންވެގެން އެދިޔައީ ރިޔާގެ ގާތަށް...." ސީމާ މެން ބޮޑުކޮޓަރިއަށް ވަންއިރު ފެނުނީ ޖިލާ ހަމަޖެހިލައިގެން ސޯފާއެއްގައި އޮށޯވެލައިގެން ނިދާލާފައި އޮތްތަނެވެ. ދިގު ދަތުރުކުރުމުން ބަލިވާ ކުއްޖަކީ ކަމަށް ސީމާ ބުނެލިއެވެ. ރިޔާ އާއި ޒީބާއަށްވެސް ސީމާ ބޭނުންވިފަދަ ސަޕްރައިޒެއް ދެވުނެވެ. އެންމެން އުފަލުން އެކަކު އަނެކަކު ގައިގައި ބައްދާލައިފައި އުޅުނު ގޮތުން އެ އާއިލާގެ ތެރޭގައި އޮތް ގާތްކަން ފެނިގެންދިޔައެވެ.

ކާކޮޓަރީގެ ތެރޭގައިވެސް މިރޭ އެހެން ރެއަށްވުރެ މަޖާވެފައި، ހުނުމުގެ އަޑު ދޭތެރެއަކުން އިވެމުންދިޔައެވެ. ސުފުރާމަތީގައި ނެތްކާ އެއްޗެއްވެސް މިރޭ ނެތްފަދައެވެ. ކުޅުދިޔާވާފަދަ މީރުވަސް ބަގީޗާ ތެރޭގައިވާ މާމަލުގެ މީރުވަސް ފަނޑުކޮށްލާފައި ވެއެވެ. ނާހީ އާއި އަލީނާ އާއި ދެކުދިން ގަސްތަކުގެ ތެރޭގައި އެ މަޖަލުގެ އަޑުއަހަން ތިބިއިރު މުއްސަދިންގެ ދިރިއުޅުމުގެ އުފާވެރިކަމާއި މެދު ވާހަކަދެކެވުނެވެ. އެވަރަށް މުއްސަނދިކޮށް އުޅެންޏާ ހެއްދެވިފަރާތް މަތިން އެހާ ހަދާން ނުވާނެ ކަމަށް ނާހީ ބުނެލީ ޔަގީން ކަމާއި އެކުގައެވެ.

"މަ ގޮސް ކުޑަދޮރުން ބޯދިއްކޮށްލަންތަ؟ ބޭނުން އާއިޒު ދެކެލަން. މާފުކުރައްވާށޭ ބުނެފައި ނިކުމެގެން އައީމަ ވީއެއްނު...." ނާހީ ހުރީ އެގެއަށް އަލަށް އައި މެހުމާނުން ދެކޭހިތުންނެވެ.

"ރޭގަނޑުވެސް ދޮރުލައްޕާ ނުލައިތަ އެމީހުން ކާން ތިބެނީ؟ ކުޑަކޮށް ތަފާތު ބަޔަކީ ދޯ. އެކަމަކު އެފަރާތަށް ނުދާތި. ޒީބާ އެންމެންގެ ތެރޭގައި ވެސް ނާހީއަށް ބަވާލާނެ...." އަލީނާ ހަދާންކޮށްލަދިނެވެ.

"އެ ސަންތި ދެކެ ހާދަ ފޫއްސެއްވެޔޭ. އެކަމަކު ރަނގަޅު މެހުމާނުން ކޮޅު އައިމަ ދެން ވަކިން ގަދަޔަށް ކައްކާނެ، މިރޭވެސް މަށަށް މިއޮތީ ކުކުޅު ހަތަރުފައި ލިބިފައިވިއްޔާ. މިގޮތަށް ޝެފަށް ފޮރުވާލައިގެން ސްމަގްލް ކުރީމަ ވާގޮތަކީ އޭނަ ދޭ އެއްފަޔާއި އެކީގައި ތަންކޮޅެއް ގިނައިން ކާންލިބޭ....." ނާހީ ފޮއިލް ރޫޅާލުމަށްފަހު ގޮނޑީގައި ހަމަޖެހިލައިގެން އިށީނުމާއި އެކު ގޮނޑީގެ ފައި ބިނދި އޭނަ ވެއްޓިއްޖެއެވެ. ނާހީއަށް ހަޅޭއްލަވައިގަނެވުނީ ބާރަކަށެވެ. ކާކޮޓަރީގެ ތެރެއިން އެތައް ބަޔަކު ދުވެފައި އައިއިރު ނާހީ ބިންމަތިން ތެދުވަނީއެވެ. އެހިސާބަށް ވެރިވެފައިވާ ބަގީޗާގެ ފަނޑުއަލީގެ ތެރެއިން އެ ފެނުނު މަންޒަރަކުން އެންމެ ރުޅިގަދަވެފައި ހުރީ ޒީބާ އެވެ. ފަލަ، ފަލަކުއްޖަކު ބިންމަތީގައި މޮޑެވިފައި އޮތްތަން ފެނުމުން ސީމާ ބާރު ހިނިގަނޑެއް ޖަހާލައިފިއެވެ. ޒެވިޔަންއަށް ބަލައިލެވުނީ އަލީނާ އާއި ދިމާލަށެވެ. އަލީނާ ބިންމަތިން ނާހީ ނަގަން މަސައްކަތް ކުރިއެވެ.

"ސާބަސް، ސާބަސް، މިދެމީހުން ސިއްރު ސިއްރުން ރޭގަނޑު ވަލުތެރޭގައި ގަންނަ ގަނޑު މިއެގުނީ........" ޒީބާގެ ލޮލުގައި އަޅައިގަތީ ވިނަގަނޑުމަތީގައިވާ ފިހުނު ކުކުޅު ފައިތަކެވެ. އަލީނާ ލަދުން މަރުވާވަރުވިއެވެ. އެކުދިން މިގޭ މެހުމާނުން ނުފެނިގެން އުޅެނިކޮށް މިތިބީ ކުރިމަތީގައެވެ. ރީތިކޮށް ފަޟީހަތްވެފައެވެ. އިސްއުފުލައި އެއްވެސް މީހެއްގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ.

ކޮމެންޓް 0