ޑޮކްޓަރ މައިމޫންގެ ދެމަފިރިންނަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ މޮޅު ޑޮކްޓަރުންނަށްވެފައި، އެހާމެ މުއްސަނދި ދެމަފިރިންނެވެ. ދެމީހުންގެ މިލްކިއްޔާތުގައި އެތައް ބިލިއަން ޑޮލަރެއްހުރި އިރު ދެމަފިރިންގެ ވިޔަފާރި ދުނިޔޭގެ އެތަންމިތާގައި ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. މައިމޫން ނިސްބަތްވަނީ މުއްސަނދި، ޝާހީ ޚާންދާނަކަށެވެ. އެ ޢާއިލާގައި އޮންނަ އުސޫލުތަކުގެ ސަބަބުން މައިމޫންގެ ފިރިހެންދަރިފުޅު ޒެވިޔަންގެ ކައިވެނި ވެސް ކުރެވުނީ މައިމޫންގެ ކޮއްކޮގެ ދަރިއެއްކަމަށްވާ ރިޔާ އާއި އެވެ. ދެބެންގެ ދެދަރިންނާއި ކައިވެނީގެ ގޮތުން ގުޅުވަން ބޭނުންވަނީ ވެސް އެމީހުންގެ ޢާއިލާގެ ތެރެއިން ކައިވެނިކުރުމުގެ މުހިއްމުކަން ދުވަސްވީ ބައެއް މީހުންނަށް އިހުސާސްކުރެވޭލެއް ބޮޑުކަމުންނެވެ. އޭގެ ފައިދާތައް މާބޮޑުވާނެކަމަށް އެބޭކަލުން ދެކެލައްވާތީއެވެ. މައިމޫން އެހާބޮޑަށް ޢާއިލީ އުސޫލުތަކާއި ގަޔާނުވިނަމަވެސް އޭނަގެ އަންހެނުން ޑޮކްޓަރ ޒީބާއަކީ އެފަދަ ކަންތައް ދަމަހައްޓަން މަސައްކަތްކުރާ އެކެކެވެ. ޢާއިލާގެ މުއްސަނދިކަމާއި މޮޅުކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ބޮޑާކަމެއް ލިބިފައިވާ މަދު މީހުންގެ ތެރެއިން ޒީބާއަކީ ކުރީގައި އުޅޭ އެކެކެވެ. ޒީބާގެ ފަލްސަފާގައި އޮންނަނީ މޮޅުމީހުން މޮޅު މީހުންނާއި ގުޅުމެވެ. ދެރަމީހުން ދެރަމީހުންނާއި އެވެ. އުޅެން ފަސޭހަވާނީ އޭރުންނެވެ. އިންސާނުންގެ ތެރޭގައި ހަމަހަމަކަން އޮންނަން ޖެހޭކަމަކަށް ޒީބާ މިވީހާ ތަނަށް ދެކެފައެއް ނެތެވެ. އެހެންވުމުގެ ސަބަބުން ޒީބާގެ އެކުވެރިންގެ ތެރޭގައި ވެސް އުޅެނީ މުޅިންވެސް މަޝްހޫރު، މުއްސަނދި މީހުންނެވެ. ފަގީރުންގެ އިހުސާސްތައް ޒީބާއަށް އެއްވެސް ވަރަކަށް ރޭކާލާފައެއް ނުވެއެވެ. އެމީހުންނަކީ އިހުސާސްތައް ލައްވާފައިވާ ބަޔެއްކަމާއި މެދު ޒީބާ ފިކުރުވެސް ކޮށް ނުލަނީއެވެ.

ޒީބާ އަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ. ދަރިން ނުލިބޭ މީހުންނަށް ފަރުވާދިނުމުގައި ޒީބާވަރެއް ނެތެވެ. މިހާރު ހޮސްޕިޓަލުގައި ހުޅުވާފައިވާ ދަރިމައިނުވާ މީހުންގެ ކްލިނިކްގައި ކާމިޔާބު ކަމާއިއެކު ޒީބާވަނީ އެތައްބަޔަކަށް ފަރުވާދީފައެވެ. ޚާއްސަކޮށް އައިޔޫއައި، އައިވީއެފް ފަދަ ފަރުވާގެ ސަބަބުން، އެފަދަ ކިތަންމެ އަންހެނުންގެ ހުވަފެންތައް ވަނީ ފުރިހަމަވާން ފަށާފައެވެ. ނަމަވެސް އެއީވެސް އެކަނި މުއްސަދިންގެ ހައްގެއް ފަދަ އެވެ. ޒީބާމެންގެ ޚިދުމަތުގެ އަގުބޮޑުވީމަ ކޮންމެ ކޮންމެ މީހަކަށް އެތަނުން ފަރުވާ ހޯދޭނެ ފަދަ ތަނަވަސްކަމެއް ނުހުރެ އެވެ.

ގަނޑުވަރެއްފަދަ "އޯޓަމް ބްލޭޒް" ކިޔާ ގޭގައި މައިމޫންގެ ދެމަފިރިންނާއި އާއިލާ ދިރިއުޅެން ފަށާފައިވާއިރު އެމީހުން މިވީހާ ތަނަށް ދިރިއުޅެމުން އައިސްފައިވަނީ އުފާވެރި، ހުވަފެނީ ދިރިއުޅުމެކެވެ. ޒީބާއަށް އެއްގޮތަކަށް ވެސް އޭނަ ބިނާކޮށްފައިވާ މި ރީތި "ދުނިޔެ" އަށް ތޫފާނެއް އަންނަން އުޅޭކަމުގެ ހިލަމެއް ވެސް ނެތި އުފަލާއި މަޖަލުގެ ދުނިޔެއެއްގައި އުދުހެމުން ދިޔައެވެ. ދޭތެރެއަކުން އެކުވެރިންނަށް ދަޢުވަތުދީގެން ޕާޓީ ބާއްވައި ހަދައެވެ. ރިޒޯޓްތަކަށް ދިޔުން، ބާޒާރުކުރަން ބޭރު ގައުމުތަކަށް ދިޔުން ފަދަ ކަންތައްތަކަށް ލައްކައިން ޚަރަދުކޮށްލައެވެ. ބޮޑު ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން، އެކުވެރިންނާއި އެކީގައި މަޖާކުރުމުގައި ވަގުތުތައް ހޭދަކުރަން ފެށުމުގެ ސަބަބުން ޒީބާއަށް މިފަހަކަށް އައިސް ގެއަށް ވަދެލެވެނީ މަދު ވަގުތެއްގަ އެވެ. އާއިލީ ޒިންމާތަކާއި މެދު ތަންކޮޅެއް ފަރުވާ ކުޑަކޮށްލެވިއްޖެ އެވެ. އެހެންމީހުންގެ އަތްމައްޗަށް ކަންތައް ދޫކޮށްލެވެން ފެށުނެވެ. ޒީބާގެ ހުރި ހަރުކަށިކަމާއި، ބޮޑާކަމާއި އެކުގައި ވެސް އޭނަގެ ރަނގަޅު ސިފައެއް ހުރެ އެވެ. އާއިލާދެކެ އިންތިހާއަށް ލޯބިވުމެވެ. އާއިލާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް އޭނަ ހުންނަނީ ތައްޔާރަށެވެ.

ކަޅުކުލައިގެ ކާރު "އޯޓަމް ބްލޭޒް" ގެ ކައިރިއަށް މަޑުކޮށްލުމާއި އެކު އަލީނާ ދަބަސް ހިފައިގެން ކާރުން ފޭބިއެވެ. ސެކުރިޓީގާޑުން އަލީނާ ވަންނަން ދޮރު ހުޅުވާލަދިނުމުން އަލީނާއަށް ހިނގައިގަންނަން ވެސް ނޭނގިފައި ހުރެވުނެވެ. ހޫނުގަދަވުމުގެ ސަބަބުން ފުރާޅުތަކުން އާވި އަރައަރާހުރި ދުވަސްކޮޅަކަށް ވިނަމަވެސް އަލީނާގެ ނިތްކުރިން ކުދި ދާތިކިތައް ވިދަން ފެށީ ހާސްވިލެއް ބޮޑުކަމުންނެވެ. ހަތަރެސްފައި ގަނޑުފެންކޮޅެއްހާ ފިނިވާން ފެށިއެވެ. ކުރިމަތިން ފެންނަން ހުރި ގަނޑުވަރެއް ފަދަ ގެއިން އޭނައަށް މަރުހަބާ ކިޔާނީ ކޮންފަދަ ކަންތައްގަނޑެއްކަން އެނގެނީއެއް ނޫނެވެ. ބިރުވެސް ގަނެއެވެ. އެހާ އިންތިޒާރު ވެސް ކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް އަލީނާ ހަޔާތުގައި މިހުޅުވާލަނީ މުޅިން އާ ސަފުހާއެކެވެ. މިގެއިން އިތުރު އެއްޗެއް ނުލިބުނުކަމުގައި ވިޔަސް އެންމެ އެއްޗެއް ލިބުމަށް އެދި އޭނަ އުޑާއި ދިމާއަށް ބަލައިލައިފައި ދުޢާކުރިއެވެ. އަލީނާ ގެ "އެންޖެލީނާ ޖޮލީ" ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ ތުންފަތް ހުންނަގޮތަކުން އެކުވެރިން އެހެން ކިޔާފައި ދިމާކޮށް އުޅޭތީ އަލީނާ ދެރަވެ ރޮވޭ ފަހަރު ވެސް އާދެއެވެ. އަލީނާއަށް އެހާ ބޮޑު އަނގަ ރީތިނޫންކަން އެކުދިންގެ ގާތުގައި ހާސްފަހަރު ބުނަން ބޭނުންވި ނަމަވެސް އޭނަ ކެތްކުރި އެވެ. އަލީނާ އަމިއްލަ ސިފަތަކާއި މެދު ހިތްހަމަނުޖެހުނަސް އެކަމާއި ހެއްދެވި ފަރާތާއި ޝަކުވާކުރަނީ އެއްނޫނެވެ. އެކަމަކު އޭނައަށް އެނގެނީ އޭނައަކީ ރީތި މީހެއް ނޫން ކަމެވެ.

އަލީނާ ދެން ވިސްނައިލީ މިގޭގެ ރީތިކަމާއި މެދުގަ އެވެ. ގޭގެ ވަށައިގެންވާ ފާރުގެ ކުރެހުމާއި، ޑިޒައިން ތަކަކީ ޔަގީނުން ވެސް ކުޅަދާނަ ޑިޒައިނަރެއްގެ އަގު ނުކުރެވޭ ފަދަ މަސައްކަތެކެވެ. 

އަލީނާ އެދިގު ލޯންއިން ފިޔަވަޅުތައް ކުރިޔަށް ނަގަމުން ދިޔައިރު ބަގީޗާ ތެރެއަށް ވެސް ބަލައިލެވުނެވެ. އެންމެ ފުރަތަމައިން ވެސް ނަޒަރުގައި އަޅައިގަތީ ސާފު ފެންގަނޑެކެވެ. އެފެންގަނޑުގެ މެދުގައި ހެދިފައިވާ ގަހެއްގައި ބޮޑެތި އޮރެންޖް މާތަކެއް ފޮޅިފައިވާއިރު ގޮފިތައް ލެނބި، ވިހުރިގެން ގޮސް ފެންގަނޑުގެ ސަތަހައިގާ ލުއިކޮށް ކޭއްތިލާ މަންޒަރު ވެސް ފެނެއެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ޒައިތޫނި ފެހިކުލައިގެ ވިނަގަނޑު ބިންގަނޑު ފޮރުވާލުމުގައި ކާމިޔާބުކޮށްލާފައި ވާއިރު ހުރިހާ ދިމާއަކުން ފެންނަނީ މާގަސްތަކެވެ. ހިނގަން ހަދާފައި އޮތް މަގު ހުރަސްކޮށް، ވިނަތަކުގެ މަތިން ހިނގެން ފެށިއިރު ވެސް އަލީނާ އަށް ރޭކާނުލިއިރު ބަލާފައި، ނުބަލަންވީ ތަނެއްވެސް ނޭނގުނެވެ. ދެން އަލީނާގެ ނަޒަރު ހުއްޓުނީ ގޭގެ ފެންޑާއަށެވެ. އުސް، ވަރުގަދަ މާބްލް ތަނބު ތަކުގެ އެހީގައި މުޅިގެ ބިންމަތީގައި ހިފަހައްޓާފައިވާއިރު، އެތަނބުތަކުގައި އޮޅިފައިވާ އައިވީ ވިލާތައް ފެނުމުންވެސް އޭނަ މެސްމެރައިޒްވާ ގޮތްވިއެވެ. އަލީނާ ފެންޑާއަށް އެރެން އޮތް ސިޑިބަރި ކަޑައްތު ކުރިއިރު، ސިޑީގެ ރެއިލިންގައި އަތްކާއްތާލުމުން އޭގެ އޮމާންކަން ވެސް އިހުސާސްކުރެވުނެވެ. 

"އެނބުރި ދާންވީ. މިގޭގައި އުޅެން އެއްގޮތަކަށް ވެސް ނޭނގޭނެ....." ޗެރީވަކަރުން ހަދާފައިވާ ގޭގެ މައިދޮރު ފެނުމުން އަލީނާ ފިނޑިވާ ގޮތްވެފައި ހުރެ، އެނބުރިދާން އުޅެފައި ވެސް ސިކުންތުކޮޅަކުން ޚިޔާލުބަދަލުވެ ކުރިއަށް ފިޔަވަޅުތައް އެޅިއެވެ. ކާމިޔާބު ބޮސްދޭނީ ހިތްވަރުހުރި މީހުންގެ ފައިތިލައިގައެވެ. މާޒީގެ އަނދިރިކަމުން ސަލާމަތް ވެވޭނީ ފަހަތަށް ބަލައިނުލައި ކުރިޔަށް ދިޔުމުންނެވެ. އަލީނާ ގޭގެ މައިދޮރުގެ ބްރާސް ތަޅުގައި ހިފަން އަތްޖައްސައިލި އިރު ތަޅުގެ މެދުގައި ރަންކުލައިންވާ ބުޅަލެއް ޑިޒައިންކޮށްލާފައިވާތަން ފެނުމުން ބޯ ހޫރާލެވިއްޖެ އެވެ. ސޫރަތަކުން ކުރެހުން އަޅާފައިވަނީ މިގޭގައި އުޅެނީ އެހެން ދީނެއްގެ ބަޔެއް ބާވައެވެ. އަލީނާ ފުން ނޭވާއެއް ލުމަށްފަހު ބެލް ޖެހުމާއިއެކުހެން ކަޅާއި ހުދުހެދުމުގައި ހުރި ދެބައި އުމުރުގެ ފިރިހެނަކު ދޮރު ހުޅުވާލުމުން އެއީ އެގޭގެ ބަޓްލާކަން އަލީނާ ދެނެގަތެވެ. އަލީނާ އައީ ކީއްކުރަންކަން އެމީހާއަށް އެނގޭ ފަދަ އިހުސާސެއް އަލީނާ އަށް ކުރެވުނެވެ. އަލީނާ ހުއްޓުން އަރައި، ދެލޯ ބޮޑުވެގެން ދިޔައީ އެއޮތް ފެނުނު ހޯލްވޭ އަކުންނެވެ. ނިމުމެއް ނެތް ފަދަ އެވެ. ޑިޒައިނާ ވަށް ސިޑިބަރިތައް ވެސް އާޝޯޚު ވާހާ ފުރިހަމައެވެ. ބަޓްލާ ފޮނިގޮތަކަށް ހީލީ މިއީ އެގެއަށް ވަންނަ ކޮންމެ މެހުމާނެއްގެ މޫނުންވެސް ފެންނަ ހައިރާން ކަމަކަށްވާތީ، އެކަމާ ފަޚުރުވެރި ވެފައި ހުރެއެވެ. އަލީނާގެ ފައިދަށުގައިވާ ވެލްވެޓް، ރަތްކުލައިގެ ދޫލައިގެ މެދުގައި ހީވަނީ ރަންކުލައިގެ ރޮނގުތަކެއް ދަމާލާފައިވާ ހެންނެވެ. ފާރުތަކުގައިވާ ކުރެހުންތައް ހީވަނީ ދާރުލް އާސާރަކަށް ނިސްބަތްވާ ހެންނެވެ. ޒަމާނީ ގެއެއް ނަމަވެސް އިހުގެ، ޝާހީ ގޮތްގަނޑު ވެސް އެބަހުއްޓެވެ.

ބަޓްލާ އަލީނާ ގޮވައިގެން ގޮސް ހުޅުވާލި ދޮރުގައިވާ އުޑުގެ ނޫކުލައިން ހީވަނީ މުޅި ހިސާބަށް އެކުލަ ފެތުރިފައިވާހެންނެވެ. އެދޮރުގެ ކްރިސްޓަލް ތަޅު އަނބުރާލުމާއި އެކު އިރުގެ ގަދަ އަވި، ސީދާ އަލީނާގެ މޫނަށް އެޅިގެން ދިޔައެވެ. އަލީނާ ލޯ ހުރަސްކޮށްލާފައި މަޑުމަޑުން ދެލޯ ހުޅުވާލި އިރު ފެނުނީ ފިނިފެންމަލުގެ ބަގީޗާއެކެވެ. ގަލުން ފައިތައް ހަދާލާފައިވާ ބިއްލޫރި މޭޒެއްގެ ކައިރީގައި އިށީނދެލައިގެން އިނީ ރީތި އަންހެންކުއްޖެކެވެ. އަލީނާގެ ލޮލުގައި އަޅައިގަތީ ވިހުރެމުންދިޔަ ފަން އިސްތަށިގަނޑެވެ.

"އަލީނާ ތަ؟ އަހަންނަކީ ރިޔާ. ނިކީގެ މަންމަ....." އެ އަންހެންކުއްޖާ ތެދުވެ ސަލާމް ކޮށްލީ ހިނިތުންވުމަކާއި އެކުގައެވެ. އެ ހިނިތުންވުމުގައި ހިތްހެޔޮ ގޮތެއް ހުއްޓެވެ. ރިޔާހުރީ ފަޔަށް ހިފާފައިވާ އައިސްބްލޫ ޖިންސަކާއި ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ. މާގިނަ ގަހަނާތައް ބޭނުންކޮށްފައެއް ނެތެވެ. އެކަމަކު އަތުކުރީގައިވާ ރަން ގަޑިއާއި، އިނގިލީގައި އޮތް ރޫބީ އަގޮޓިން އަތުގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދީފައި ވެއެވެ. ރިޔާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަން އަލީނާއަށް އިޝާރާތް ކޮށްލުމުން، އަލީނާ ވަގުތުން އަމުރަށް ކިޔަމަންވި އެވެ. މިހުރިހާއިރު ވަންދެން ހައިރާންވެފައި ހުރި މޫނުމަތިން މިހާރު ފެންނަނީ ސީރިޔަސް ކަމާއި ހަމަޖެހުމުގެ ކުލަވަރެވެ. އޭނަ އެއްވެސް ޖަޒުބާތެއް އެހެން އިންސާނަކަށް ދައްކަން ބޭނުން ނުވަނީކަން ނޭނގެއެވެ. އަލީނާ މިގެއަށް އައީ ރިޔާމެންގެ ދަރިފުޅު ނިކީ ބަލަހައްޓައި އަދި ގޭގެ މަސައްކަތް ކުރާނެ އަންހެންކުއްޖަކު ބޭނުންވެގެން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. ވީމަ އޭނަ އާއި މިގެއާއި ދެމެދު އޮތީ ވިޔަފާރީގެ ގުޅުމެކެވެ.

ރިޔާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރި ކަމުގެ އިހުސާސެއް އަލީނާއަށް ކުރެވުނީ ރިޔާ، އޭނަ އަޅައިގެން ހުރި ހެދުމަށް ބަލައިލި ގޮތަކުންނެވެ. އެއީ އަލީނާ ނިކަން ރަނގަޅަށް ހިތުދަސްވެފައިވާ ނަޒަރެކެވެ. އެގޮތަށް މީހަކު ބަލައިލާނީ ފޫހިވީމަ އެވެ. އަލީނާ ލައިގެން އިނީ ގަޔަށް ދޫކޮށް އޮތް ކުރުތާ އަކާއި ހަރުވާޅެކެވެ. ކަޅު ޝޯލް އާއި އައިނު އަޅައިގެން ހުރިގޮތަކުން މޫނުގެ ބޮޑުބައިވަނީ ފޮރުވިފަ އެވެ. އެހެންވުމުގެ ސަބަބުން އޭނަ އުއްމީދުކުރިވަރުގެ ހައިސިއްޔަތެއް އަލީނާގެ ގައިން ނުފެނުނީ ކަމަށް ވެދާނެއެވެ. ނޫނީ ހިކި ކަމުން ޖެހިލާ ބާރު ވައިރޯޅިއަކާ އެކީގައި އުދުހިގެން ހިނގައިދާ ފަދަ ލޫޅާފަތި ކުއްޖަކަށް، ކުޑަކުއްޖަކު ރަނގަޅަށް ބެލިދާނެ ކަމާއިމެދު ޝައްކުވީއެވެ. އަލީނާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވި އެވެ. އޭނަ މިވަޒީފާ އިންތިހާއަށް ބޭނުމެވެ. ނުލިބިއްޖެއްޔާ މުޅިން މާޔޫސް ވެދާނެ އެވެ. އަލީނާ ހިތާހިތުން ދުޢާ ކުރިއެވެ. ރިޔާ، ނިކީ ގެ މިޒާޖާއި އުޅުމާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދެއްކި އެވެ. ހަގީގަތުގައި އޭނައަށް ދަރިއަކު ލިބުނީ ތަންކޮޅެއް އަވަހަށެވެ. ރިޔާގެ އުމުރުގެ ޅަކަމުން ނިކީ ރަނގަޅަށް ގެންގުޅެން ނޭނގުނަސް ދާދި މިފަހަކާއި ޖެހެންދެން ނިކީ ބަލަހައްޓައިދޭން ރިޔާގެ މަންމަ ދުނިޔޭގައި ހުއްޓެވެ. އެހެންވުމުގެ ސަބަބުން ބޭބީ ސިޓާއަކު ރިޔާ އަށް މުހިއްމު ނުވިޔަސް ދަރިފުޅާއިގެން އެކަނި އުޅެންވީމަ އެއީ ކިހާ ވަރެއްގެ ބޮޑު ބުރައެއްކަން އިހުސާސް ކުރެވުނީ އެވެ. 

ރިޔާ އިރުކޮޅެއް ފަހުން އައީ ދެއަހަރުގެ އަންހެންކުއްޖަކު ގޮވައިގެންނެވެ. ރިޔާ އަކާއި މާބޮޑު ތަފާތެއް ނެތެވެ. ސްޓްރައިޕް މިޑީއަކާއި، ހެދުމާއިގުޅޭ ސްޓޮކިންއެއް ލައްވާފައިވާއިރު ދެކޭ ކޮންމެ މީހެއްގެ ހިތް ލޯބިން އުތުރި އަރައިގަންނާނެ އެވެ. ފުރަތަމަ ނަޒަރުން ވެސް އަލީނާގެ ހިތް އެކުއްޖާއަށް ދެވިއްޖެ އެވެ. 

"ހީވަނީ ކާޓޫނު ތަކުގައި އުޅޭފަދަ ކުޑަ ޕަރީގަނޑެއްހެން. މޮޑެލާހިތްވަނީ....." އަލީނާގެ އެ ޖުމްލަތައް ވީ ހިތުގައެވެ. ނިކީ ހުރީ އެސްފިޔަ ވެސް ޖަހައިލުމެއް ނެތި އެ ބޮޑުބޮޑު ދެލޮލުން ލަދުގަންނަވާ ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ. ނިކީ އަށް އާ މީހަކާއި ބައްދަލުވެއްޖެއްޔާ، އެގޮތަށް ރަކި ވަންދެން ވެސް ކަޅިޖަހާނުލައި، ބަލަން އިނުމަކީ ތުއްތު އިރުއްސުރެ އާދައެއް ކަމަށް ރިޔާ ބުނެލީ ހުނުމަކާއި އެކުގައެވެ. ހަގީގަތުގައި ވެސް އަލީނާ ރަކިވެ، ކޮންމެވެސް ވަރަކަށް ކޯތާފަތަށް ރަތްކުލަ ފާއްދާލައިފި އެވެ. ކުޑަކުއްޖަކު ބަލައިލައިގެން އަލީނާ އެވަރަށް ރަކިވީމަ ރިޔާއަށް މަޖާވެގެން ހޭން ފަށައިފި އެވެ. ރިޔާހުރީ އެވާހަކަ އޭނަގެ ލޯބިވާ ފިރިމީހާ ގާތުގައި ދައްކާހިތުން ކެތްނުކުރެވިފަ އެވެ. 

ނިކީ އިނގިރޭސި ބަހުން އެއްޗެކޭ ބުނެލުމުން ރިޔާ ޖަވާބު ދިނީ ދިވެހިބަހުންނެވެ.

"އަލީނާ. އަހަރެމެން އެމެރިކާގައި ތިބެފައި އައީ ދާދި ފަހުން އެހެންވީމަ އަދި ނިކީއަކަށް ދިވެއްސެއް ނޭނގޭނެ. އެކަމަކު އަލީނާ ވީހާވެސް ވަރަކުން ދިވެހިބަހަށް ފަރިތަކުރުވަން ދިވެހިބަހުން ވާހަކަދައްކާތި އިނގޭ. ކުޑަކުއްޖެއް ވީމަ ނިކަން ފަސޭހައިން ނަގައިގަނެވޭނެ...." ރިޔާ އެކި ވާހަކަތައް ދައްކަމުން އަލީނާ ގޮވައިގެން ގޭގެ ދެވަނަ ބަޔަށް ވެސް ދިޔައެވެ. ފެންނަ ކޮންމެ ތަނަކަށް އަލީނާއަށް ބެލެމުންދިޔައީ އަޖައިބުވެފައި ހުރެއެވެ. މިއީ ހުވަފެނެއް ނޫންބާވައެވެ. ފިލްމުތަކުން ރީތި މަންޒަރުތައް ފެނި ފަރިތަވެފައިވި ނަމަވެސް ދެލޮލުން މިފަދަ ތަނެއް ފެނުމުން ކުރެވެނީ އެހެންކަހަލަ އިހުސާސްތަކެވެ. ފިލްމުތަކުގެ އަސަރެއް ނެތްކަން އެނގެނީ ހަގީގަތާއި ކުރިމަތިލެވުނީމައެވެ. ރިޔާ މަތީބައިގެ ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި ނިކީގެ ކޮޓަރިއޭ ބުނުމުން އަލީނާގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ބޭބީ ފިޔާތޮށިކުލައިގެ ފަރުނީޗަރުތަކާއި އެކު އެލުވާފައިވާ ޗާންދަލިއާ ތަކަށް ދާންދެން ވަނީ އެކުލައިގަ އެވެ. ބޮޑު މާސިންގާ ކަބަޑުގައި ވާނީ ހެދުންތައްކަން ނޭނގެއެވެ. ނިކީ އާއި އެއް އިސްކޮޅުގެ ޓެޑީތައް އެނދުމަތީ ގަޔާއި ދޫލަމަތީގައި ވިހުރުވިފައި ހުއްޓެވެ.

"ނިކީ ބެލެހެއްޓުމަކީ އެހާ ބޮޑު މަސައްކަތެއް ނޫން. ސްކޫލުން އައުމަށްފަހު ނިކީ މެންދުރު ގަޑީގައި ކޮންމެވެސް ވަރަކަށް ނިދާލާނެ. ނިކީ ގޭގައި ނޫޅޭ ގަޑީގައި ބަދިގެއަށް ވަދެ ކޮޓަރިތައް ސާފުކޮށް އެހެނިހެން ކުދި ކަންތަކުގައި އެހީވާންވާނެ އިނގޭ. އަސްލު ބޭރު މީހުންނަށްވުރެ މާ ހިތްހަމަޖެހޭ ދިވެހިކުދިން މަސައްކަތް ކުރަން ތިބީމަ......" ރިޔާގެ ވާހަކައިން އަލީނާގެ ހިތް ތެޅިލި އެވެ. ވީއިރު އޭނަ މިގެއަށް އައީ ދަރިއަކު ބަލަހައްޓާ މީހަކަށްވުރެ ބޮޑަށް ގެންގުޅޭ މީހެއްގެ ގޮތުގައެވެ. "ހައުސްމެއިޑް" އެ ނަމާއި މެދު އަލީނާ ފިކުރުކޮށްލައިފި އެވެ. ގޭގައި ގެންގުޅޭ މީހެއްގެ ހައިސިއްޔަތުން ނަމަވެސް އޭނަ މިގެއަށް އައި ބޭނުން ހާސިލުކުރެވިއްޖެއްޔާ އޭނަގެ ފަރުވާލެއް ނެތެވެ. ކޮންމެގޮތެއް ވިޔަސް މި ބޮޑު ގޭގެ ހަތަރު ފާރުން އެތެރޭގައި އޭނައަށް ހީވަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ހެންނެވެ. ތަގުދީރު އޭނައާއި އިތުރު ސަމާސާއެއް ނުކޮށްފިއްޔާ ކޮންފަދަ ހެއްޔެވެ؟

އަލީނާ، ރިޔާ ކިޔާހައި އެއްޗަކަށް ލައްބަ ކިޔާލަ ކިޔާލާ އިނީ ކިޔަމަންތެރި ޚާދިމާއެއް ފަދައިންނެވެ. ނިކަމެތި ކުއްޖަކަށް ވިޔަސް އޭނަގެ މަންމަވަނީ އަދަބު ކިޔަވާދީފައެވެ. އަޚުލާގު ރަނގަޅު ކުއްޖަކަށް އޭނަ ވުމުގެ ހުރިހާ ތަޢުރީފެއް ޙައްގުވަނީ އޭނަގެ މަންމައަށެވެ.

"އެކަމަކު އަދި އެންމެ މުހިއްމު ވާހަކަ ނުބުނެވި މިވަނީ. ނިކީ ޕީނަޓަށް އެލާޖިކް. ވީމަ ނިކީއަށް އެއްވެސް އެއްޗެއް ކާންދޭން ވާނީ އަހަރެންގެ ގާތުގައި ބުނެލާފައި އިނގޭ. ޕީނަޓްހުރި އެއްޗެއް އެތެރެހަށްޓަށް ހިނގައްޖެއްޔާ ނިކީ މަރުވެސް ވެދާނެ. އެހެންވީމަ ވަރަށް ވިސްނަންވާނެ. އޯކޭތަ؟ ނިކީ އަކީ އަހަރެމެންގެ ފުރާނަ...." ރިޔާ ނިކީގެ ކޯތާފަތުގައި ބޮސްދިނުމަށް ފަހު ދާން ހިނގައިގަތެވެ. އަލީނާ ވިސްނަން ފެށިއެވެ. މުއްސަނދި މީހުން އެމީހުންގެ ދަރިން ހިލޭމީހުން ލައްވާ ބަލުވަނީ ދަރިންދެކެ ލޯބި ނުވާތީ ބާވައެވެ. ވަގުތެއް ނުދެވެނީ ކީއްވެބާވައެވެ. ހިލޭމީހުންގެ އަތްދަށަށް ލޯބިވާ ދަރިން ދޫކޮށްލާއިރު ޖެހިލުމެއް ނުވަނީ ހެއްޔެވެ؟ އެ ލޯބި މާނަކުރަންވީ ގޮތެއް އަލީނާއަކަށް ނޭނގުނެވެ. ފުރާނަ ރައްކާތެރިކަމާއި އެކު ގެންގުޅެން ދުވަހަކު ނުދަންނަ ބީރައްޓެއްސަކާއި ހަވާލުކޮށްލުމަކީ ލޯބިހެއްޔެވެ؟ އޭނަގެ ދަރިއެއް ހުރެއްޖެއްޔާ ހިޔަނިފަދައިން ގާތުގައި ގެންގުޅޭނެ އެވެ. ގާތް މީހަކަށް ވެސް އިތުބާރެއް ނުކުރާނެއެވެ. އަންހެންކުދިންނަކީ އެހާވެސް ބޮޑު އަމާނާތެކެވެ. ކުއްލިއަކަށް މާޒީގެ ހަނދާނެއް ފްލޭޝްއެއް ފަދައިން ފެނިފައި ގެއްލުނެވެ. 

ނިކީ އާއި އެކުވެރިވާން މާގިނަ ވަގުތެއް އަލީނާ ނުނެގި އެވެ. ނިކީ ގެ ތުއްތު ބަހުރުވައިން ހުއްޓުމެއް ނެތި އަނގަ ތަޅުވާތަން ބަލަހައްޓައިގެން ކިތަންމެ ގިނަ އިރެއް ވަންދެން ވެސް އަލީނާ އަށް އިނދެވިދާނެ އެވެ. އެހާވެސް އެ ތުއްތު ނިކީ ލޯތްބެވެ. އަލީނާއަށް ނިކީއަކީ ދުނިޔޭގައި ވާހާ ރީތި ސިފަތަކެއް އެއްކޮށްލައިގެން ހުރި ކުއްޖެއްކަން އެނގުނެވެ. ބެލިބެލިހެން ރީތިވެ، އަލީނާގެ ހިތުގައި ނިކީގެ ލޯބި ބޮޑުވަމުން ދިޔައެވެ. އަލީނާ ވެސް ކުޑަކުއްޖަކަށް ވެގެން ނިކީއާއި އެކު ކުޅެން ފޫހިކަމެއް ނެތި އިނެވެ. ނިކީ އާއި ބައިވެރިވެގެން އަލީނާއަށް ވެސް ހީގަނެވެއެވެ. އިރު އޮއްސުމުން އޭނަ ނަމާދުކޮށްލައި ހަދައިގެން ނިކީ ގޮވައިގެން ކާކޮޓަރިއަށް ދިޔައެވެ. މިބޮޑު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ އަލީނާ ކުޑަކޮށް ނުތަނަވަސްވާ ގޮތްވިއެވެ. މިގޭގައި އިތުރުބަޔަކު ނޫޅެނީކަންނޭނގެ އެވެ. ނޫނީ އެންމެން ސްވިޒަރލޭންޑު ފަދަ ތަނެއްގައި ޗުއްޓީ ހަދާލަނީކަން ނޭނގެއެވެ. އެތައް މިލިއަން ރުފިޔާގެ ޗުއްޓީއެއް ހޭދަކޮށްލުމަކީ މިމީހުންނަށް މާބޮޑު ކަމަކަށް ވާނެއެކޭ އަލީނާގެ ހިތެއް ނުބުނެއެވެ. ފައިސާ ޖަހާ މެޝިން ތަކެއް ގެންގުޅެނީ ނޫންކަމެއް ވެސް ނޭނގެއެވެ. ރިޔާ ނިކީއަށް ކާންދޭން ފަށަމުން އަލީނާ ގާތުގައި އެދުނީ ބަދިގެއަށް ވަދެ ކައިގެން ކޮޓަރިއަށް ދިޔުމަށެވެ. އަލީނާގެ ކޮޓަރި ހުންނަނީ ނިކީގެ ކޮޓަރިއާއި ޖެހިގެންނެވެ. އެކޮޓަރި އަކީ ނިކީގެ ނެނީ އުޅެން ތައްޔާރުކޮށްފައިވާ ތަނެއްހެން ހީވެއެވެ. އެކޮޓަރި ވެސް އެހާ ހިތްގައިމެވެ. 

އަލީނާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް ކޮޓަރީގެ ކުޑަދޮރުގެ ތަންޑުތައް ރަނގަޅަށް އަޅާފައިހުރިކަން ޔަގީންކުރި އެވެ. ހުރިހާ ދޮރުތަކުގައި ތަންޑުއަޅުވާފައި އެވަރުން ނުވެގެން އޭނަ އަލަމާރި ހުޅުވާފައި ވެސް ބެލިއެވެ. އެނދުގެ ތަންދޮށުގައި ވެސް މީހަކު ފިލައި އޮވެދާނެކަމުގެ ބިރުގައި ކުއިލްޓް އުފުލާލާފައި ބެލުނެވެ. ފާޚާނާތެރެ ވެސް ބަލާފައި އެވަރުން އަލީނާގެ ހިތްހަމަޖެހުނީކަން ނޭނގެއެވެ. އޭނަ ޝޯލްގައި ޖަހާފައިވާ ދަތިތައް ނައްޓަން ފެށިއެވެ.

"އިރާދަކުރެއްވިއްޔާ ރިޔާމެންނަކަށް އަހަރެންގެ މާޒީގެ އެންމެ ސަފުހާއެއް ވެސް ނޭނގޭނެ. އެނގިއްޖެއްޔާ ވަގުތުން މިގެއިން ނެރެލާނެ. އޭރުން ވާނެ ގޮތެއްވެސް ނޭނގޭ....." އަލީނާ އިރުކޮޅެއް ވާންދެން އެނދަށް ވެއްޓިގެން ބާލީސް ތެރޭގައި މޫނު ފޮރުވައިގެން ހިމޭނުން އޮތެވެ. ދާއިމަށް ފެންނަ ހުވަފެންތައް މިރޭ ނުފެނުނިއްޔާ ރަނގަޅު ވާނެއެވެ. ރަނގަޅަށް ނުނިދޭތާ ވީ ދުވަހެއް ވެސް ނޭނގެއެވެ. ނަމަވެސް އިރުކޮޅަކުން ވަޔާއިއެކު ކުޑަދޮރުފަތް ތެޅިލި އަޑަށް އަލީނާ ސިހިފައި ދޮރާއި ދިމާއަށް ބަލައިލި އިރު އެ ޅަހިތް ރޫރޫ އަޅަމުން ދިޔައެވެ. އަލީނާ ތެދުވެ އެނދުމަތީގައި އިށީންތަނާހެން ދޮރުފަތުގެ ތަޅުގައި މީހަކު ހިފައިލިހެން ހީވިއެވެ. ހީވުމެއް ނޫނެވެ. މީހަކު ތަޅުގައި ހިފައި އަނބުރާލަން ފަށައިފިކަން އަލީނާއަށް ޔަގީންވި އެވެ. އަލީނާ ފުންމައިގެން ގޮސް ހަރުގައި އަޅާފައި އޮތް ޝޯލް ނަގައި ބޮލާއި އެކީގައި އެޅިތަނުން ކޮންމެވެސް މީހަކު ދޮރު ހުޅުވައިލާފައި ވަނެވެ. އަލީނާގެ ކަރުތެރެއިން ނިކުތް ހަޅޭކުގެ އަޑުން ކޮޓަރީގައިވި ފުން ހިމޭންކަން މުގުރާލައިފި އެވެ. 

ކޮމެންޓް 0